ރާއްޖެއަކީ ކިތަންމެ ކުޑަ އާބާދީއެއް އޮތް ގައުމަކަށްވީ ނަމަވެސް ރާއްޖޭގެ މުޖުތަމައުގައި ކުށް ކުރުމާއި ކުށަށް އަރައިގަތުން މަދެއް ނޫނެވެ. ރާއްޖޭގައި ނުރައްކާތެރި އެތަކެއް ކުށްތަކެއް ވަނީ އިތުރުވެފައެވެ. އަދި އެ ކުށްތައް ކުރާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ އާއްމުންނަށް ލިބިގެންދާ އިތުރު ބިރުވެރިކަމެކެވެ. މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ސަބަބުން އެކަނިވެސް ރާއްޖޭގައި ކުށް ކުރުން އިތުރުވެފައިވާ މިންވަރާއި ކުރަމުން އަންނަ ކުށްތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިންވަރު އިހުސާސް ކުރެވެއެވެ.

ބައެއް ކުށްތަކަކީ ދީނާއި ގުޅުވައިގެން ކުރާ ކުށްތަކެއް ކަމަށްވީ ނަމަވެސް އަދިވެސް ގިނައީ މަސްތުވާތަކެތީގެ ކުށްތަކެވެ. ގިނައީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން އުފެދޭ ކުށްތަކެވެ. ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ބައެއް މަރުތަކަކީ ސީދާ މަސްތުވާތަކެއްޗާއި ގުޅުންހުރި މަރުތަކެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަށް މަކަރު ހެދުމާއި ލިބޭ ފައިސާކޮޅަށް މަކަރު ހެދުން ފަދަ އަމަލުތަކާއި ގުޅިގެން ބަދަލު ހިފަން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދެއް ނޫނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2،171 އަށް ވަނީ އިތުރުވެފައެވެ. ދެވަނަ ކުއާޓަރުގައި ހުށަހެޅިފައި ވަނީ 1،331 މައްސަލައެވެ. މިއިން ކޮންމެ ކުށެއްގެ ފަހަތުގައި އެއް ކުށެއް ތަކުރާރުވެއެވެ. އެއީ މަސްތުވާތަކެއްޗެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަ ކުރައްވާ ގޮތުގައި ރާއްޖޭގައި އުފެދިފައިވާ ގިނަ ކުށްތަކުގެ އަސްލަކީ ވެސް މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ ކުށް ކުރުން މަދު ކުރެވޭކަށެއް އޭނާ ގަބޫލު ކުރައްވާ ގޮތުގައެއް ނެތެވެ.

"އެއީ ވައްކަން ކުރުން ކަމަށްވިއަސް މާރާމާރީއެއް ކަމަށްވީ ނަމަވެސް އަދި އެހެން ކުށެއް ކަމަށްވީ ނަމަވެސް މި ކުށްތަކަށް އަރައިގަތުމުގެ ފުރަތަމަ މަރުހަލާ އަކީ މަސްތުވާތަކެތި،" ސޯޝަލް މީޑިއާގެ ޕްލެޓުފޯމް ކްލަބްހައުސްގެ ފޯރަމެއްގައި ވިދާޅުވިއެވެ.

ފުލުހުންގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ކުށް ކުރުން އަންނަނީ އަހަރެއް އަހަރަކަށް އިތުރުވަމުންނެވެ. ފުލުހުން ތަފާސް ހިސާބުތަކުގެ އެކި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އެ މުއައްސަސާ އަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އަހަރެއް ނިމިގެން ދާއިރު މަސްތުވާތަކެއްޗާއި ގުޅިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އުޅެނީ ހާހުން ދެހާހުން މަތީގައެވެ.

"މިއީ ރާއްޖޭގެ ނިސްބަތުން ބަލާ ނަމަ ހަގީގަތުގައި ވަރަށް ގިނަ ފިގާއެއް. މިއީ ހަމައެކަނި ނަންބަރެއް ނޫން. މި ނަންބަރުތަކާއެކު ދެން އިތުރުވާ އެހެން ކުށްތައް ވެސް ގިނަވެގެން އެބަ އާދޭ،" ނަން ހާމަ ކުރަން ބޭނުން ނުވާ ފުލުހުންގެ އޮފިސަރަކު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ކުރީ ސަފުން ވައްކަމުގެ މައްސަލަތައް ޖާގަ ހޯދާއިރު އޮފިސަރު ވިދާޅުވީ އެ ވައްކަމުގެ ގިނަ މައްސަލަތައް ވެސް ގުޅިފައި ހުންނަނީ މަސްތުވާތަކެއްޗާއި ކަމަށެވެ. ވައްކަން ކުރާ ގިނަ މީހުން އެކަން ކުރަނީ މަސްތުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މީހުންނަށް މަސްތުވާނެ ފައިސާ ނުލިބެނީ އާއިލާ އިން ނުވަތަ އެނޫން ވެސް ގޮތަކުން އެމީހުންނަށް ބޭނުންވާ މިންވަރަށް ފައިސާ ނުލިބެންޏާ ދެން އިިތުރުވާނީ ވައްކަން. ފަސްޓު ގޭތެރެއިން، އާފްޓަރ ދެޓު ކޮންމެވެސް އެހެން ތަނަކުން. އެހެން މި ދަނީ. ތިޔަ ބޭފުޅުންނަށް ފެންނާނެ އެކި ސަރަހައްދުތަކުން މާލޭގައި ވެސް ހުޅުމާލޭގައިވެސް ތަފާތު އެކި އެއްޗެހި ގޯނި ގޯންޏަށް އަޅައިގެން ވިއްކުމުގައި އުޅޭ ހަމަ ޒުވާނުން. އެމީހުން އެކަން އެކުރަނީ އެމީހުންގެ ބަހުން ބުނާ ނަމަ ޕީސް ކޮޅެއް ހޯދަންވެގެން،" އޮފިސަރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި ފަދައިން ރާއްޖޭގައި ހިނގާ ބޮޑެތި ހުރިހާ ކުށެއްގެ ފަހަތުގައި މަސްތުވާތަކެތީގެ ރިކޯޑު ނެތް ނުވަތަ އެ ބޭނުން ނުކުރާ މީހަކު ނުހުރެ ނުދެއެވެ. މިއިން ކޮންމެ ކުށެއްގެ މައްސަލާގައި ފުލުހުން ހައްޔަރު ކުރާ ގިނަ މީހުންނަކީ އެފަދަ އެތައް ރިކޯޑުތަކެއް އޮންނަ މީހުންނެވެ.

"މަސްތުވާތަކެތީގެ ވަބާ މި ދިވެހި ގައުމުން ފިލުވާލައިގެން މެނުވީ ދެން މި މުޖުތަމައުގެ ތެރެއިން އާއްމުވެގެން އަންނަ ކުށްތައް ހުއްޓުވުމަކީ ނާދިރު ކަމެއް. މިކަން ކުރުމަށްޓަކައި ރަނގަޅު ގާނޫނުތައް ވެސް ބޭނުންވޭ. ހަމައެއާއެކު މި މަސްތުވާތަކެތި އެތެރެވަމުން އަންނަ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް މަސައްކަތް ކުރަން އެބަޖެހޭ،" އުމަރު ވިދާޅުވިއެވެ.

ބާރުގަދަ މަސްތުވާތަކެތި ރާއްޖެއަށް ތައާރަފްވިތާ ގާތްގަނޑަކަށް 50 އަހަރު ވާން ދާއިރު އަދިވެސް މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރަން އެންމެ އެކަށީގެންވާ ސިޔާސަތެއް ދެނެގަނެވިފައި ވެސް ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދޭ ނިޒާމް އޮތީ "ފަރުވާއަށް ބޭނުންވެފައެވެ." ކުށްކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމުގެ ޒިންމާ އޮތް ޝަރުއީ ދާއިރާގެ މަސައްކަތް އަދިވެސް އޮތީ ފިނިހަކަ ދުވެލީގައެވެ. ހެއްކާއި ބެހޭ ގާނޫނެއް ނެތެވެ. ގާނޫނީ ނިޒާމް އޮތީ ކުށްވެރިން ބޭނުން ކޮންމެ ކަމަކަށް މަގުފަހިވާ ގޮތަށެވެ. ކޮންމެ ކުށަކުން ވެސް ނިކަން ފަސޭހައިން ބޯދަމައި ގަނެވޭނެ ގޮތަށެވެ.

މިއަދު ރާއްޖޭގައި ކުށް ކުރުމުގެ ސަގާފަތް ބަދަލުވެއްޖެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ގޮތްވެސް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މުޖުތަމައުގެ ތެރެއަށް އާ ކުށްތައް ވެސް ތައާރަފުވެއްޖެއެވެ. އޭގެތެރެއިން އެންމެ ގަދަ އަށް މިހާރު ކުރަމުން އަންނަ އެއް ކުށަކީ ރަހީނު ކުރުމެވެ. މި ކުށްތައް ވެސް މިހާތަނަށް ގިނައިން ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ގުޅިގެންނެވެ. މިއަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި މާރާމާރީއާ ތޫނު އެއްޗެހި ބޭނުން ކޮށްގެން މީހުން މަރާލުމުގެ އަމަލުތައް ހިންގާފައިވާއިރު މީގެތެރެއިން ބައެއް މަރުތަކަކީ ސީދާ މަސްތުވާތަކެއްޗާއި ގުޅުންހުރި މަރުތަކެވެ. އެހެންކަމުން ރާއްޖޭގެ ކުށުގެ ވެށީގެ "ސިންގާ" އަކީ މަސްތުވާތަކެއްޗެވެ. މި ވަބާއިން ސަލާމަތް ވެވިގެން ނޫނީ އެހެން ކުށްތައް ކުރުން ހުއްޓުވުމަކީ ދަތި ކަމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގަނޖ

    މަސްތުވާތަކެތި އެއީ ކޮންމެ ނުބައި ކަމެއްގެ ފެށުން ރާއްޖޭގެ ގިނައީ އޭވިއްކާ ރައްތައް ކޮންމެ ރަށެއްގައި ވިއްކާ މީހުން ވަނީއިތުރު ރައްރަށުގައި ތިބޭކައުން ސިލުން އެމީހުން ހިމާޔަތް ކުރަނީ ސިފައިން ނައް ގުޅިޔަސް ބުނަނީ ތިއީ މިހާރު އާންމު ކަމެކޭ މިކަންތައް އާންމު ކަމަކައް ހެދީ ތިވެރީންގެއިހުމާލުން

    11
    1
  2. ހަސަނު

    މިސަރުކަރުއައިފަހުން ޑްރަގްގެ ކަންތައްމާބޮޑު. މިކަންޤަބޫލުކުރަން ބައެއްމީހުނަށް އުނދަގޫވެދާނެ.

    12
    1
    • ހޯހޯ

      ރައީސް ޔާ މިން ސަރުކާރުގަ މާލޭގެ ބައެއް ގޭތަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަދި އެނޫން ދިވެހިންވެސް ދަންނަ ނަ މުން ނަ މަ "ހަކުރު" ގަނެގެން އަދި އެތާގަ އެބޮވޭގޮތަށް ހިންގަ މުން އައި ތަންތަން. ފުލުހުން އެތައް ފަހަރެއްގެ މަތިން އެތަންތަނަށް ވަދެފަވޭ. މިސަރުކާރުގެ ވެރިކަ މުގަ އޭގެތެރެއިން ގެޔަކަށް މީޑިޔާ ގޮވައިގެންވެސް ވަދެފަވޭ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބަހުރުވައިން ނަ މަ "ކާޓެލް" ތަކަށް ފުލުހުންގެ ޑްރަގް އެންފޯސް މެންޓް ޑިޕާޓް މެންޓް (ޑީ.އީ.ޑީ) ވަދެ މުޅިތަނުގަ ހުންނަ ފަރުނީޗަރަށް ދާންދެން ސުންނާފަތިކޮށް އެވަގުތު އެތާގަ ތިބި އެން މެން އަތުގަ ހުންނަ ލާރިކޮޅު އަތުލާ އަދި އެތަނުން ފެންނަ ހަކުރު ޕެކެޓް ހުޅުވާފަ ބިން މައްޗަށް އޮއްސާލާފަ އެން މެން އެތަނުން ނެރެފަ ފޮނުވާލަނީ. މިގޮތަށް އެތައްފަހަރަކު ކަންތަށްކޮށްފަ އެބަހުރި. ސަބަބަކީ ކޯޓަށް ގެންދާތަނުން 4ގ ހަކުރު ހަ މަނުވާނަ މަ އެ މީހަކީ ބޯ މީހެއް ކަ މަށް އެއްބަސް ވު މުން ބަންދަށް 10 ނުވަތަ 15 ދުވަސް ޖަހާފަ ޕޮލިސް ކަސްޓޯޑިއަލް ގަ ބަންދުގަ ހުންނަ މުއްދަތުގަ ބޯ މީހަކަށް އެއްބަސްވެ ފަރުވާ ބޭނުންކަ މަށް ބުނެ ބަޔާން ދިނު މުން ބަންދުގެ މުއްދަތުހަ މަވުމުން އެ މީހަކު ބަންދުން ދޫވެ އެއްކަލަ މައްސަލަ ޕީޖީ އޮފީހުން ޑްރަގް ކޯޓަށް ގޮސް އެތަނުން އެ މީހަކަށް ފަރުވާޔަށް ހުކުން ކުރަނީ. ނަ މަވެސް އެންޑީއޭގަ އެފަދަ ޤާބިލުކަ މެއް ނެތު މުން އެއްކަލަ މީހާ ހަ މަ އެއްކާޓެލް އިން އަނެއް ކާޓެލް އަށް ބޯން އެނބުރެނީ. މިހެންވެ ފުލުހުން ކުރާ މަސައްކތުގެ ބޭނުން ކެނޑޭތީ އެ މީހުންވެސް ކޮފީ ބަޖެޓް ހަ މަކޮށްލަނީ ކާޓެލްގެ ބައެއްދުވަހުގެ ސޭލްސް އިން. ބަޔަކު މީހުން ގަބޫލު ނުކުރިޔަސް ބޯ މީހެއްގެ އިތުރުން ކާޓެލް އެއްގެ ސޭޓެއްގެ ދުލުން ކިޔައިދީފަވާ ވާހަކައެއް މީ.. އޭނަ ބުނާ ގޮތުން ޑީއީޑީ އިން މިހާރު މީހުން ހައްޔަރު ނުކުރޭ، ސާ މާނުކޮޅު ބިން މައްޗަށް އޮއްސާލާފަ ސޭޓު ވަކިކޮށް ސޭޓުގެ އަތުގަ ހުންނަ ލާރިކޮޅު ހިފައިގެން ދަނީ، އާން މުކޮށް އެތަންތަނަށް ވަންނަ މީހުން އަތުގަ އޮންން ސަތޭކަ ނޫނީ ދުއިސައްތަ ރުފިޔާ، ހަ މަ ވަދެފަ އެ ލާރިކޮޅު ސޭޓަށް ދީފަ އެތިކޮޅު ބޯން ތިބޭވަގުތުގަ އެ މީހުން ވަދެ ބެލިޔަކަސް ކަސްޓަަ މަރުން އަތަކު ގެންދާނެ ލާރިޔެއް ނުހުރޭ. މީ އަދުގެ ގައު މުގެ ހާލަތު.

      1
      1
  3. ލޮލް

    އަޅެ، މަހީކޮށްގެން މިހުންނަނީ ކޮންމެ ކުށެއްގެ ފަހަތުގައިވަނީ ދީނީ ޢިލްމުވެރިން ކަމަށް. އެހެންނެއް ނޫންދޯ މިވީ. އެލެކުސްމެން މިކިޔާ އެއްޗެއް ދިމަލެއްނުވެއެއްނު.

    12
    1
  4. ހިކުމަތް

    އުމަރު ނަސީރަކީ ވަރަށް ފޮތްކިޔާ މީހެއްގެ ގޮތުގައި އަބަދުވެސް މީހުންނަށް ދައްކައިގެން އުޅޭ މީހެއް، އެހެންނަމަވެސް ހަޤީޤަތަކީ އޭނާ ކިޔާ ހުރިހާ ފޮތެއްގައިވެސް ކިޔާފައިވަނީ ހަމަ އެކަނި ބަނޑޭރިގަނޑު. ކިޔުނު އެއްޗަކުން އޭނާއަށް ހިކުމަތެއް ލިބިފައި ނެތްކަން މި އާރޓިކަލް ކިޔާލީމަވެސް ފަހުމްވާނެ.

    2
    8
    • ބޯބުޅި

      އުމަރު އެންމެ ގިނައިން ކިޔާފައި ހުރީ ރައީސް ނަސީދު ލިޔެފައި ހުރި ފޮތްތައް. މަށަށް ހީވަނީ ރައީސް ނަސީދަށް ފޮތްލިޔަން ނޭނގެނީހެން.

      5
      2
  5. ކޮބަސްދާދާ

    ޙިކުމަތު ކަލޯތީ ލާދީނީން ގެ ސަޕޯޓަރަކާ ވައްތަރީ............

    4
    2
  6. ޖާބެ

    ދައުލަތުގެ ޙަޒާނާއިން ވައްކަންކުރުން ، ރައްޔިތުންގެ ޓެކްސްފައިސާއިން ވަޒީފާގެ ޒިންމާ އަދާނުކޮށް މުސާރަނައގެން ހުރުން ، މިޢީ ކޮްނކަހަލަ މަސްތެއްބާ ...

  7. އަލީ

    މަސްތުވާތަކެތީގެ މައްސަލަ ކިތަންމެ ބޮޑުވިޔަސް ކިތަންމެ ގިނަ ވައްކަމެއް މަސްތުވާ ތަކެތި ހޯދަން ކުރިނަމަވެސް އެކަމާ ތިހުރިހާކަމެއް ހައްލު ކުރާނެކަމުގެ ވައުދާއި އަހުދު ވެގެން އައި ރައްޔިތުންގެ މަޖިލީހުގަ ތިބި ދޯސާމެން ހާސްވެގެން އުޅޭތަނެއް އެބަފެނޭތަ. އެވެރިން ރައްޔިތަކަށް މަންފާއެއް ކުރާކަހަލަ ބިލެއް ވެއްދިތަ އެއްފަހަރުވެސް.

  8. ޕީޖޭ

    ހުރިހާ ކުށެއްގެ އަސްލަކީ ރާ ނުވަތަ މަސްތުވާތަކެތިކަމަށް ދީނީ އިލްމުން އެނގިގެންދޭ.. ރާއްޖޭގެ ހިނގާ ކުށްތައް މަދު ކުރަން ބޭނުންނަމަ މަސްތުވާތަކެތީގެ ގާނޫނުގައި ހުރި ލޫޕް ހޯލްސް ބައްދާ.. މިސާލަކަށް މަސްތުވާތަކެތި ބޯ މީހެއްނަމަ އެކަމަށް އޭނަ އިޢުތިރާފުވުމުން ދާނީ ފަރުވާއަށް.. ފަރުވާ ލިބެންދެން ކިތައްމެ ވަރަކަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހިކަމުގައިވީނަމަވެސް، ދަޢުވާއެއް ނުކުރާނެ.. ސަބަބަކީ ފަރުވާގެ ފުރުސަތު ލިބިފައި ހުރިމީހަކަށްވާތީ.. އެފަދަ މީހަކު ފަރުވާގެ ފުރުސަތު ލިބި ފަރުވާ ހޯދުމަށް ދިޔުމަށް 02 އަހަރު މުއްދަތު ނަގާ.. އެހެންކަމުން އެޕީރިއަޑްގައި އޭނަގެ މަސްތުވާތަކެތީގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވިކަމުގައި ވިއަސް އަނބުރާ ފުލުސް އޮފީހަށް ފޮނުވާ ދަޢުވާ ކުރެވެން ނެތްކަމަށް ބުނެ..
    ދެން އޮތީ އުފުލާ މީހުން: މިމީހުން ފުލުސް މީހުންނަށް ރަނގަޅަށް ކިޔައިދޭކަމަށްވަނީ .. ނަމަވެސް ކޯޓަށް މައްސަލަ ދިޔުމުން އެބަބުނޭ ތިމަންމައީ ބޯ މީހެކޭ އެހިސާބުން އުފުލާ މީހާ ވެސް މިދަނީ ފަރުވާއަށް.. އެކަމަކު އަސްލު އެއީ ބޯމީހެއް ނޫން.. މުޢާމަލާތުގެ ހުކުމުން އުފުލާ މީހާ ސަލާމަތް މިވަނީ ބޯމީހެއްކަމަށް ކޯޓުގައި ބުނެ ދޮގު ހަދައިގެން..
    ވިއްކާ މީހާ ނުވަތަ ރާއްޖެއަށް އެތެރެކުރާ މީހާ ގިނަ ފަހަރަށް ސަލާމަތް ކުރަނީ ސަރުކާރުތަކުގެ ވެރިންގެ ނުފޫޒުން ކޯޓުތަކުން ނުވަތަ ކަމާއި ގުޅޭ އެހެން އިދާރާއަކުން.. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، ރަނގަޅު ކުރަން ބޭނުންނަމަ ޕޯޓްތައް ރަނގަޅަށް ބެލެހެއްޓެން ޖެހޭ.. އެކްސްރޭ މެޝިން އަދި ޑޯގްތައް ޕޯޓު ތަކުގައި ހަރަކާތްތެރިކޮށް ބެލެހެއްޓެން ޖެހޭ..
    މިފަދަ ކަންކަމަށް އިހުމާލުވެއްޖެނަމަ، މާދަމާ ތިބާގެ އާއިލާ މީހަކަށް ރައްޓެއްސަކަށް މިކަމުގެ ސަބަބުން ހިތި ތަޖުރިބާ ކުރަން ޖެހޭނޭ.. ތިމާ ދުނިޔޭގައި ހެޔޮ / ހަރާމް ކަމެއްކޮށްފިނަމަ އެކަމުގެ ހިތި / ފޮނި، ތަޖުރިބާ ކުރަން ޖެހޭނޭކަން ހަނދާނުގައި ބަހައްޓާ..
    ކުށް މަދުކުރެވޭނީ ހުރިހާ މުއައްސަސާތައް ގުޅިގެން އަދި މުޅި މުޖުތަމަޢުގެ އެންމެންގެ މަަސައްކަތުން.. ދީނަށް ނަސްރު ދީގެން.. ފުރަތަމަ ވިސްނަންވީ ކުށެއް ކުރާ މީހާ ފަލީހަތް ނުކޮށް ނަސޭޙަތްތެރިވެ އެމީހަކު ރަނގަޅު ކުރެވޭތޯ ..އަދަބު އަންނަން ޖެހޭނީ އޭގެ ފަހުން..