ދަރިޔަކު ލިބުމަކީ މި ދުނިޔެމަތިން މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަން ޔަގީނެވެ. ދަރިންނަކީ މި ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ކުޑަ ކުއްޖަކު އާއިލާ އަށް އިތުރު ވުމަކީ މުޅި އާއިލާ އަށް ލިބޭ އުފަލެކެވެ. މުޅި އާއިލާ އަށް ލިބޭ އާރޯކަމެކެވެ. އެ ތުއްތު ކުއްޖާ އަށް މަރުޚަބާ ކިޔަން މުޅި އާއިލާގެ މެމްބަރުން ތައްޔާރުވަމުން ދާއިރު ކޮންމެ މެމްބަރެއްގެ ދުއާއަކަށް ވާނީ ﷲ ގެ ރަހުމަތުން ދުޅަހެޔޮ ދަރިއަކު މިންވަރުކޮށްދެއްވުމެވެ.

އުމުރުން 45 އަހަރުގެ އައިމިނަތު ގާސިމްގެ އާއިލާ އަށް އިތުރު މެމްބަރަކު ގުޅޭ ޚަބަރު ވެގެންދިޔައީ އެންމެންގެ ހިތްތައް އުފަލުން ފުރި ބަންޑުންވި ޚަބަރަކަށެވެ. ދަރިފުޅަށް ބަލިވެ އިނދެ އަށް މަސް ދުވަސް ހޭދަ ކުރީ އެހެން މާބަނޑު މީހުންނާ އެއް ފަަދައިން ޑޮކްޓަރު އެޕޮއިންޓްމެންޓްތަކާއި އެހެންވެސް ކަންކަން ފުރިހަމަކުރުމުގައެވެ. ނަމަވެސް ބަނޑަށް އަށް މަހުގައި އަމިނަތުގެ ޑައިބެޓިކް މައްސަލަ އެއް ހުރެގެން އެޑްމިޓް ކުރި ހިސާބުން އެ ދެ މީހުންނަށް ލިބުނު ޚަބަރާއެކު މުޅި އާއިލާ އަށް ގެނުވީ ހާސްކަމެވެ. ތުއްތު ދަރިފުޅު މި ދުނިޔެ އަށް އައުމުގެ ކުރިން އެ ދަރިފުޅުގެ ހިތުގެ މައްސަަލަ އެއް ހުރިކަން ފަހުމުވުން ވެގެން ދިޔައީ އެ ދެމަފިރިންނަށް ލިބުނު ހިތްދަތި ޚަބަރަކަށެވެ.

ދަރިފުޅުގެ ވިންދު އަވަސްވުމުން ޑޮކްޓަރުން ބެލީ ވީހާވެސް އަވަހަށް ސިޒޭރިއަން ހެދޭތޯއެވެ. އައިޝަތުގެ ދަރިފުޅު އައިޝަތު ނީމް އަހުމަދު ވިހެއުމަށް ފަހު އެންއައިސީޔޫގައި ގާތްގަނޑަށް ދެ ހަފްތާ ވަންދެން ބާއްވަން ޖެހުނެވެ.

"އަށް މަހުގައި އެނގުނީ. އަޅުގަނޑު ނޭވާ އަށް އުނދަގޫވާތީ ޑޮކްޓަރު ބުނީމަ. ޑޮކްޓަރ ހަރޓް ބީޓް ބެލި ގަޑީ ހައިކޮށް ހުރީ. އަޅުގަނޑަކީ ޑައިބެޓިކް ޕޭޝަންޓެއް. ބެބީ ވިންދު އަވަސްވެގެން ސިޒޭރޭރިއަން އަކަށް ދިޔައީ އަށް މަހުގައި ދެން ބޭބީ ނެގި އަވަހަށް ނޭވާލާތީ އެންއައިސީޔޫ އަށް ލީ. ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން ބޭއްވި. މިހާރު ބޭބީ އަށް ހަ މަސް" ނީމްގެ މަންމަ ކިޔާދިނެވެ.

ނީމްގެ ހިތުގެ ވަރަށް ނުރައްކާ ހިސާބެއްގައި ލޯވަޅެއް އިނުމާއި، ހިތަށް ލޭ ދައުރުކޮށް ލޭ ސާފުކޮށްދޭ އެއް ވޭލް ގުދުރަތީ ގޮތުން ރަނގަޅަށް ނުއުފެދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު ތެރޭ ލޭ ސާފުކޮށް ރަނގަޅަށް ދައުރުކޮށް ނުދޭކަން ގަބޫލުކުރުން ވެގެން ދިިޔައީ ނީމްގެ މައިންބަަފައިންނާއި އާއިލާ އަށް ދަތި ކަމަކަށެވެ. މި ބައްޔަށް ކިޔަނީ PULMONARY ATRESIA WITIT VSD WITH MAPCASއެވެ. ޑޮކްޓަރުން ދިން މައުލޫމާތުގެ އަލީގައި ސާފުވީ ކަމަކީ އެ ބަލީގެ ސަބަބުން ދަރިފުޅުގެ ނޭވާލާ ނިޒާމްގައި އުނދަގޫތަކެއް ހުރުމެވެ.

އެއަށް ފަހު އިންޑިއާ އަށް ގޮސް ދެ ހަފްތާވަރު ދަރިފުޅު ނުފެނި ތިބެން ޖެެހުނުކަން އޭނާގެ މަންމަ ފާހަގަކުރެއެވެ. ދެ ލޯ ފަދަ ލޯބިވާ ދަރިފުޅު ލޮލުން ދެކިލުުމުގެ ފުރުސަތު ނުލިބި ހޭދަކުރަން ޖެހުނު ދެ ހަފްތާ އަކީ ހިތްދަތި ދުވަސްތަކެއްކަން އޭނާގެ މަންމަ ފާހަގަކުރެއެވެ. އަދި މަންމަ އާއި ދުރުގައި ދަރިފުޅު އޮތް އިރު، އޮކްސިޖަން ދަށްވުން ފަދަ ކަންކަން ދިމާވުމުން ދަރިފުޅުގެ ހާލާއި މެދު ވިސްނާ ސަހަރޯވެރިވިކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

"އިންޑިއާ އިން ބޭބީ އާއި ބައްދަލު ނުވެ ދެ ހަފްތާ ވަންދެން ބޭއްވި. ބޭބީ ނުވެސް ފެނޭ. ދޫކޮށްލާފައި ބުނީ ބޭބީގެ ހިތުގެ ނާރުތައް ހުރީ ވަރަށް ހިމަކޮށްނޭ. ފުއްޕާމެ އަށް ލޭ ސާފުކޮށްދޭ ނާރު ނެތީ. އެ ހިސާބުގައި ލޯވަޅު އިނީ. ބުނީ ހަ މަސް ފަހުން އަނެއްކާ ދައްކާފައި އޮޕަރޭޝަނެއް ހަދަން. އިންޑިއާ އަށް ދެއްކީ މިދިޔަ އަހަރު ޑިސެމްބަރު މަހު" އޭނާ ބުންޏެވެ.

އެނބުރި މާލެ އައުމަށް ފަހު ހަ މަސްދުވަސް ހޭދަކުރަން ޖެހުނީ ވަރަށް ސަމާލުވެގެންނެވެ. ގަދައަށް ރުއިމާއި، ހުނުން ފަދަ ކުޑަކުދިންގެ ތަބީއަތުގައި ހުންނަ ގިނަ ކަންކަން ނީމް އަށް ނުކުރެވެއެވެ. އެފަދަ ކަންކަމުން ނީމްގެ ނޭވާލުމަށް ވަރަށް ބޮޑަށް އަސަރު ކުރާކަން ނީމްގެ މަންމަ ފާހަގަކުރެއެވެ.

" މިކޮޅަށް އައިފަހުން ކޮންމެ ހަފްތާއަކު އެއް ފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭ. މަހަކު އެއްފަހަރު ޑރ.އެލީނާ އަށް ދައްކަމުން ދަނީ. ގޭގައި އޮކްސިމީޓަރާ އެއްޗެހި ގެންގުޅެން. ރޮންޏާ ވެސް ވަރުބަލިވޭ. ހެންޏާ ވެސް ވަރުބަލިވޭ. މިހާރު ދައްކަން ދާން ޖެހިފަ އޮތީ. އާސަންދަ ލިބުނީ މަންމަ އާއި ދަރިފުޅަށް. އަޅުގަނޑުގެ ހުންނަނީ 14 އަހަރުގެ އަންހެން ކުއްޖެއް. ދެން އަޅުގަނޑު ބައްޕަ އަށް އާސަންދަ އެއް ނުލިބޭ. ކުރިން ފަހަރު ލިބުނު." އޭނާ ބުންޏެވެ.

ނީމްގެ ހިތް ފުރިހަމަ އަށް މަސައްކަތް ކުރުމަށް އުނިކަމެއް ހުރެ ހިތުގައި މައްސަލަތަކެއް ހުރިކަން ޑޮކްޓަރުން ހިތާމައާއެކު ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، އައިޖީއެމްއެޗް ހޮސްޕިޓަލް ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ވީއެންމެ އަވަހަކަށް އެމަޖަންސީކޮށް ދަރިފުޅުގެ ހިތުގެ ޓެސްޓްތައް ހެދުމާއި އިތުރަށް ދޭންޖެހޭ ފަރުވާތައް ބޭރަށް ގޮސް ހޯދުމަށެވެ. އަދި މިގޮތަށް މިބަލި ހުރުމުގެ ސަބަބުން ހިތުގެ ސާޖަރީއަކަށް ދާންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

ބޭސްފަރުވާގެ އިތުރަށް ކުރަންޖެހޭ ބޮޑު ޚަރަދުތަކެއް ހުރި އިރު ކެއުމާއި ބޭސްފަރުވާ އާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތައް އަދި ކަރަންޓީންގައި ދުވަސްތަކެއް ހޭދަ ކުރަން ޖެހެއެވެ. އެކަމަކު އެ އާއިލާގެ މާލީހާލަތު ހުރިގޮތުން އެ ޚަރަދު ހަމަޖެއްސެން ނެތުމުން، އާންމުންގެ ދީލަތި އެހީ އަކަށް ނީމްގެ މުޅި އާއިލާއިން ދަނީ އެދެމުންނެވެ.

 

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރު ތަކަށް ފައިސާ ފޮނުއްވޭނެ:

  • އައިމިނަތު ގާސިމް ( މަންމަ) : 7701150996101
  • އަހުމަދު އަލީ (ބައްޕަ) : 7704264736101

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސަރުކާރުން އެބަޖެހޭ ސިއްޙީ މިދަފަ ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކަށް އެހީވުން. ޢަނެއްބައި ރައްޔިތުން ޙަވާލުވާންވީ. މިހާރުގެ އާންމޔ އުޞޫލަކީ ބަލިިހާއާއި އެއް އެހިތެރިޔަކަށް ސަރުކާރުން އެހީ ދިނުން. ހުރުމާއި ކެއުމާއި ޓްރާސްޕޯޓަށދާ ޚަރަދު ހޯދުމަށް ރައްޔިތުން ކައިރީ ސަލާންޖަހަށް ޖެހުން.

    14
  2. ވިސްނަވާ

    ކިތަންމެ ކުޑަ މިންވަރެއްނަމަވެސް އެހީތެރިވެވުނު މިންވަރަކުން އެހީތެރިވަމާތޯ.މާތް ﷲގެ ހެޔޮރަޙްމަތް އެ ކުޑަދަރިފުޅާއި އާއިލާއަށް މިންވަރު ކޮށްދެއްވާ ރައްކާތެރިކަން ދެއްވާށި އެވެ. އާމީން.

    17
  3. ސައީދު

    ބައްޕަގެ ގުޅޭނެ ނުމަބަރެއް އޮތް ނަމަ އަދހި ފުރުހަމަވަާނެ ސިލިޕ ވަިބަރ ކޮށްލަންވެސް