ސިޔާސީ މިނިވަން ކަން އޮތް ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 56 އަހަރު ފުރުނީއެވެ. އެކަމަކު މިނިވަން މި ދައުލަތުގެ ވަކިވަކި ފަރުދުން ދިރިއުޅެމުން ދަނީ "ކުލީގެ އަޅުވެތިކަމެއް" ގައެވެ. "ސަލާން ޖަހާ ސަގާފަތެއް" އަށަގަނެ ފަރުދުންގެ މާލީ ހާލަތު ދަށްވެ ފަރުދީ ހައްގުތައް ގެއްލިފައެވެ. ފަރުދުންތައް ވަކި ބިމަކަށް ޖަމާވާން ޖެހިފައި އޮތް "މަޖުބޫރު ހިޖުރަ" ކުރުމެއްގައެވެ. ތޮއްޖެހި، "ޖަލު ގޮޅި" ވަރުގެ ގެދޮރުތަކެއްގައި ތާށިވެފައެވެ. "ކުށުގެ ހާއްޔެއް" އުފެދި އެއިން އަރައިނުގަނެވިއެވެ.

މި ހާލަތު ދެމިގެންދާ ދިއުމުގެ ސަބަބުން ދިވެހިން ދިރިއުޅެނީ "ހާސްކަމެއް" ގައެވެ. ބޭނުންވާ ތައުލީމާއި ތަމްރީން ލިބެން އަންނަނީ މާލެއިން ކަމުގައިވާތީ، މާލެ ދާން ގިނަ ޒުވާނުނަށް މަޖުބޫރެވެ. އެކަމަކު ކޮންމެ ޒުވާނަކަށް ނޫނީ ކޮންމެ އާއިލާއަކަށް އެއީ ފަސޭހައިން ކުރެވެން އޮތް ހިޖުރައަކަށް ނުވެއެވެ. މި ހާސްކަމުގެ ތެރެއިން މާލެއަށް ހިޖުރަ ކުރެވުނަސް ސަލާމަތެއް ނެތެވެ. ދެން ކުރިމަތިލާން ޖެހެނީ ބޮޑެތި ޚަރަދުތަކެވެ. އެންމެ ބޮޑީ ކުލީގެ ހަރަދެވެ. ގިނަ ބަޔަކު ކުޑަ ޖާގައިގެ ތަނެއްގައި އުޅޭތީ، ހަމަޖެހިލައިގެން ދިރިއުޅުމަށް ސަމާލު ކަމެއް ވެސް ނުދެއެވެ. ކުޑަކުޑަ ގޮޅިން ނިކުންނަ އިޖުތިމާއީ އެތައް މައްސަލައަކީ އެއްމައްސަލަ އަނެއް މައްސަލަ އާއި ލާމެހިފައިވާ، އަދި މައްސަލަތަކުގެ އަދަދު ގުނައި އަދަދު ވެސް ކުރެވެން ނެތް މައްސަލަތަކެވެ.

ވެރިރަށް މާލެ ތޮއްޖެހިއްޖެއެވެ. ޒަމާންތަކެއް ވަންދެން މައި ދައުލަތުގައި އޮތް އިހުމާލުތަކުގެ ސަބަބުންނެވެ. މާލެއަށް ހުރިހާ ކަމެއް މަރުކަޒު ކުރުމުންނެވެ. ރާއްޖޭގެ އެހެން ސަރަހައްދެއްގައި އަސާސީ ޚިދުމަތްތައް ވެސް އެކަށޭނަ ގޮތެއްގައި ގާއިމްވެފައި ނެތުމުންނެވެ. ޒިންމާދާރު ރޭވުމެއް ވެސް މައި ދައުލަތުގައި ނެތީއެވެ. މި ހާލަތުން ރައްޔިތުން މިންޖުކޮށްދިނުން މިހާރު މި އޮތީ ދިގު މުއްދަތަކުން ނޫނީ ނުކުރެވޭ ވަރު ކަމަކަށް ވެފައެވެ. އެކަމަކު ހާލަތު ދެންމި ވަރަކަށް ރައްޔިތުންގެ ފަރުދީ ހައްގުތަކަށް އަންނަނީ އެތައް އަސަރެއް ކުރަމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިން މާލެ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މާލެއަށް ހިޖުރަ ކުރުން އިތުރު ވެދާނެ ކަމުގެ އަންދާޒާއެއް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޚިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން މިހާރު ދިރިއުޅެނީ މާލޭގައެވެ. އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރަކުހެން މާލެއަށް ހިޖުރަ ކުރާ އާބާދީގެ ރޭޓް ދަނީ އިތުރުވަމުންނެވެ. މަތީ ތައުލީމު ހާސިލް ކުރަން ޖެހޭ ހިސާބުން ނޫނީ ވަޒީފާއެއް އަދާ ކުރަން ޖެހޭ ހިސާބުން ޒުވާނުން މާލެއަށް ހިޖުރަ ކުރާ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

މާލެއަށް މީހުން ހިޖުރަ ކުރަމުންދާ ނިސްބަތް ހުރީ ވަރަށް މަތީގައެވެ. އެ ނިސްބަތުން ކުރިއަށްދާނަމަ 2040 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ޖުމުލަ އާބާދީއަށް ވުރެ މާލޭގެ ޖުމުލަ އާބާދީ އިތުރު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ ނުރައްކާތެރި ސިގްނަލެކެވެ. ފިޔަވަޅުތަކެއް ނާޅައި ހާލަތު ދެމިގެންދާން ދޫކޮށްލައިފިނަމަ މާލެ އިތުރަށް ތޮއްޖެހޭނެއެވެ.

"މި ވަގުތު މާލޭގެ އާބާދީ އިތުރުވަމުންދާ ގޮތާއި އަދި އަތޮޅުތަކުން މާލެއަށް ހިޖުރަކުރާ މީހުންގެ ރޭޓަށް ބަލާއިރު، 2040 އާ ހަމަޔަށް ދާން ވާއިރަށް މާލޭގެ އާބާދީ އަތޮޅުތަކުގެ ޖުމްލަ އާބާދީއަށް ވުރެ ކުރިއަރައިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
-- ފޮޓޯ: މަޖިލީސް

މާލެ ވަށައިގެން ހާސްކަމާއި އިޖްތިމާއީ މައްސަލަތައް

ގެދޮރެކޭ ބުނުމުން އާންމު ގޮތެއްގައި ސިފަ ވަނީ އާއިލާގެ އެންމެން ތިބެވޭނެ ސިޓިން ރޫމަކާއި ނިދާނެ ކޮޓަރިއާއި، ފާޚާނާއާއި، ކައްކާނެ ބަދިގެއަކާއި، ކާނެ ޖާގައެއް އޮންނާނެ ތަނެކެވެ. އެކަމަކު ތޮއްޖެހިފައިވާ ވެރިރަށް މާލޭގައި އެއަށް ވުރެ މާ ހާލުގައި ބަޔަކު އެބަ ދިރިއުޅެއެވެ. ގެދޮރެއް ކަމަށް ބުނެ އެންމެ ކޮޓަރިއެއްގައި "ތޮއްޖެހިގެން" އެބަ ދިރިއުޅެއެވެ. މިއީ މާލޭގެ ގިނަ ބަޔަކު ދިރިއުޅޭ ހާލަތެވެ. ޑިއުޓީ ބަހައިގެން ނިދަން ޖެހޭ ކިތައްމެ ގެއެއް މިމާލޭގައި އެބަހުއްޓެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީއަށް މާލެވާއިރު، މީގެ ސަބަބުން މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ.

މުއިއްޒު އަބަދުވެސް ފާހަގަކުރައްވާ އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވިއިރު މާލެ ސަރަހައްދުގައި ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއުގެ ތެރޭގައި، މާލޭގައި ކުދިކުދި ތަންތަނުގައި ތޮއްޖެހިފައިވާ ގިނަ ބަޔަކާއި ބައްދަލުވިއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާފައި، އެއް ފަހަރާ ގިނަ ހައުސިން ޔުނިޓްތަކެއް އެޅީ ވެސް އެއް ފަހަރާ ގިނަ ބަޔަކު އެކަށޭނަ ބޯހިޔާވަހިކަމަކަށް ގެންދަން، އަޅުގަނޑުމެންނަށް ފެނުނު ވަރަށް ހާލުގައި ގިނަ ރައްޔިތުންތަކެއް އުޅުނު މަންޒަރު،" މުއިއްޒު ވިދާޅުވިއެވެ.

ޒަމާންތަކެއް ވަންދެން މާލޭގައި އެކަނި ޚިދުމަތްތައް އޮތުމުގެ ސަބަބުން ރައްޔިތުން ހަމަޖެހިލައިގެން ތިބެވޭނެ ތަނެއް ވެސް މާލެއަކު ނެތެވެ. ޕާކްތަކާއި މައިޒާންތައް އެޅުމަށް އިތުރު ވިސްނުންތަކެއް ގެންނަން ޖެހުނު ކަން މުއިއްޒު ވެސް ފާހަގަކުރައްވައެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މާލޭގައި ދިރިއުޅޭ ގިނަ ޒުވާނުން ވެސް މިއަދު ތިބީ އާމްދަނީއެއް ލިބޭނެ މާ ބޮޑު ގޮތެއް ނުފެނިފައެވެ. ސަބަބަކީ މާލޭގައި އޮތް ބިން ރަނގަޅު ގޮތުގައި ބޭނުން ނުކުރެވި، ޒުވާނުންނަށް ފުރުސަތުތަކެއް ފަހިކޮށްދެވިފައި ނެތުމުންނެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ކުޑަކުދިން މަޖާކޮށް އުޅެވޭނެ މާހައުލެއް މަގުމަތީގައި ނެތް ކަމަށެވެ. ޒުވާނުން ވެސް ތައުލީމާއި މަސައްކަތަށް ސަމާލުކަން ދެވޭނެ މާހައުލެއް ނެތް ކަމަށެވެ. އިސް ރަށްވެހިން ވެސް ހަމަޖެހިގެން މަޑުކޮށްލެވޭނެ މާހައުލެއް ވެސް ނެތެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ މެންބަރު ކަން ވެސް ކުރައްވާފައިވާ އަފްޝަން ވިދާޅުވީ، ޚަރަދުތައް ބެލުމަށް މާ ބޮޑު ސަމާލު ކަމެއް ދޭން ޖެހުމުގެ ސަބަބުން މާލޭގެ އެތެރޭގައި "ކުށުގެ ހާއްޔެއް" އުފެދި އެތައް ޒުވާނުންނެއް މަގުން ކައްސަލައިގެންދާ ކަން ފާހަގަވާ ކަމަށެވެ.

"މި ތޮއްޖެހުމުން ދިމާވާ އެންމެ ބޮޑު ކޮންބޮޑުވުމަކީ ވެސް މިއީ، ވަރަށް ޒުވާން ކުދިން ނުބެލެހެއްޓި ބީވެގެންދޭ، މަސްތުވާކަތީގެ ވަބާގައި ޖެހިގެންދޭ، ހަރުކަށި ފިކުރުގެ ކަންކަމުގެ ތެރެއަށް ގެނބިގެންދޭ،" އަފްޝަން ފާހަގަކުރެއްވިއެވެ.

އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދެމަފިރިއަކު އުޅެން ޖެހޭނީ ކުއްޔަށެވެ. ގެދޮރެއް ލިބޭނެ ގޮތެއް ވެސް ނުވެގެންނެވެ. މާލޭގައި ދިރިއުޅޭ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ނޫން ގޮތަކަށް ކުލި ދެއްކޭނެ ގޮތެއް ނޯވެއެވެ. އުފަންވާ ދަރިންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވި މަގުން ކައްސަލައިގެންދާ ކަމުގެ އަޑުތައް އަބަދުވެސް އޮވެއެވެ.

އެލްޖީއޭގެ ސީއީއޯއަފްޝަން ލަތީފް --

ދައުލަތް ލާމަރުކަޒު ކުރުމުގެ ވިސްނުން

މާލެ ސަރަހައްދު ތޮއްޖެހެމުންދާއިރު، މަޖުބޫރު ހިޖުރަ ކުރުމުގެ ހާސްކަން ނިމުމަކަށް ގެންނަން ހުށަހެޅިފައިވާ އެންމެ ބޮޑު ވިސްނުމަކީ ލާމަރުކަޒު ކުރުމުގެ ވިސްނުމެވެ. އެކަމަކު އެއީ ވެސް ވަގުތު ނަގާނެ ކަމެއް ކަމަށް ކަމާ ބެހޭ މާހިރުން ވެސް ފާހަގަކުރެއެވެ.

ލާމަރުކަޒީ ނިޒާމުގެ ދިރާސާގައި ފެށުނީއްސުރެން އުޅުއްވާ އަފްޝަން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ގެއިން ނުވަތަ ކޮންމެ ތަނަކުން ވެސް ނުވަތަ ރަށުން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމުން އެއީ ކުރެވިދާނެ ކަމެއް ކަމުގައި ފެނުނު ކަމަށެވެ.

އެކަމަކު ވެސް އިތުރު ބައެއް ކަންކަން ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ މަޝްވަރާ ކުރުމުން ފާހަގަކުރެވުނު ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. މި ގޮތުން ރަށުގައި މަޖާ ކުރުމާއި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވާނެ ގޮތެއް ނެތުމާއި ގިނަ އެކުވެރިން ވެސް ނެތުން ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

އެހެންވިޔަސް ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީގެން ދައުލަތުގެ މުއައްސަސާތައް ވެސް ލާމަރުކަޒު ކުރެވޭނެ ކަމަށް އަފްޝަން ގަބޫލު ކުރައްވައެވެ. އެ ކަން ކުރުމަށް ވެސް އެކި ސަރަހައްދުތަކުގައި މުއައްސަސާތަކުގެ ގޮފިތަކެއް ގާއިމް ކުރުން މުހިއްމެވެ.

އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވިސްނުން ވެސް ގާތްގަނޑަކަށް އޮތް ގޮތެވެ. ގޮފިތައް އުފެއްދުމުގެ ވިސްނުން އޮތް ނަމަވެސް ރަށުގައި ތިބެގެން ދައުލަތުގެ މުއައްސަސާގެ ވަޒީފާ އަދާ ކުރުމުގެ ވިސްނުން އަދި އޮތީ މަޝްވަރާގެ މަރުހަލާތަކުގައެވެ.

އޮންލައިންކޮށް ކިޔަވައިދިނުމުގެ އިންތިޒާމުތައް ދައުލަތުގެ މައި ދެ ޔުނިވާސިޓީ ކަމުގައިވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ވެސް ހަމަޖެހޭނަމަ، އެއީ ވެސް އެންމެ ބޮޑު އެއް ސަބަބު ނިމުމަކަށް ގެނެވޭނެ ކަމެއް ކަމުގައި އަފްޝަން ފާހަގަކުރައްވައެވެ.

"މާލެ އައިސް އެބަ އުޅޭ އާއިލާއާ ވަކިން ވެސް، ކުއްޔަށް ދޫކުރާ ތަންތަނުގައި، އެ ކުލި ސަލާމަތްވާނެ ރަށުގައި ހުންނަ ނަމަ، އެހެން ބައެއް ކުދިންނަށް ދިމާވާ ކަމެއް އެއީ. މިހެން އެކަނި މާލޭގައި އުޅެން އާއިލާއިން ނޭދޭތީ ރަށުގައި ތިބެން ޖެހުން، އެ މީހުންނަށް ވެސް އޮތް ހައްލެއް މިއީ،" އަފްޝަން ވިދާޅުވިއެވެ.

ވަގުތު ގްރެފިކްސް: މުހައްމަދު އަފްޒަލް

މާލެ ސިޓީގެ މޭޔަރު މުއިއްޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި މާލޭގެ އާބާދީއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެންމެ ބޮޑު ވިސްނުމަކީ ސަރަހައްދީ ތަރައްގީގެ ވިސްނުމެވެ. ރާއްޖޭގެ ބައެއް އެހެެން ސަރަހައްދުތައް ތަރައްގީ ކުރުމުން މާލެއަށް ލުޔުއް ލިބޭނެއެވެ.

"މާލޭގައި މި ގޮތަށް އެންމެން ތޮއްޖެހިގެން އުޅޭ ސަބަބަކީ މުޅި ރާއްޖެއަށް މި ތަރައްގީ ބެހިފައި ނެތުމުން. ސަރަަހައްދީ ތަރައްގީގެ ސިޔާސަތުތަކުން ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވިއްޖެނަމަ މާލޭގެ އާބާދީއަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ." މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުގެ ހައިސިއްޔަތުންނާ ވެސް އެކު، މުއިއްޒު ފާހަގަކުރެއްވި އިތުރު ކަމަކީ މާލޭގެ ރަށްވެހިންނަށް ގެދޮރުގެ ސިޔާސަތެއް ވެސް ކަނޑައެޅެން ޖެހޭ ކަމަށެވެ. މޭޔަރުގެ ވިސްނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިން އަދިވެސް ބޮޑު ކުރުމެވެ.

މޭޔަރުގެ އެއް ވިސްނުމަކީ ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގެދޮރު ދިނުމަށް ޓަކައި 200 ހެކްޓަރާ ހަމައަށް ބިން ހިއްކުމެވެ. އަދި އެ ބިން މާލެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނުނެވެ. އެއީ މާލޭގެ ތޮއްޖެހުމަށް ލުޔެއްދީ، އެކަށޭނަ ބޯހިޔާވަހިކަމެއް ލިބިދިނުމެވެ.

އަފްޝަންއާއި މުއިއްޒު ވެސް ގަބޫލު ކުރެއްވި ގޮތުގައި، މާލެ ސަރަހައްދަށް އޮތް މި މަޖުބޫރު ހިޖުރަ ކުރަން ޖެހުމުގެ ސަގާފަތުގެ ސަބަބުން މާލޭގެ އަމަންއަމާންކަމަށް އަސަރުކޮށް މާލޭގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެބަދެއެވެ. މިނިވަން ގައުމުގެ މިނިވަންކަން މި މާލެއާ އޮތީ ގުޅިލައިމެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކެކުރި

  އޭ މާފިތުނައުފައްދަން ފާޑު ފާޑު ރިޕޯޓް ނުނެރޭ. ދުނިޔޭގެ ހުރިހާ “މިނިވަން”ޤައުމެއްގަވެސް ކުލީގަ އުޅެންޖެހޭ އަދި ސަލާންޖަހަންޖެހޭ “ސަގާފަތް” ވެސް ހަމަ އޮވޭ.

  10
  11
 2. އިބްރާހީމު

  ޝުކުރިއްޔާ ރައީސް ޔާމީން؟

  2
  1
 3. މަގޭ ހިޔާލު

  ތެދުތެދަށްބުނާނަމަ މާލެދާންޖެހެނީ ވަރަށް ބޮޑަށް މަޖުބޫރުވެގެން އަރެން ނިސްބަތްވާ ރަށުގަވެސް ކިޔެވެނީ ގުރޭޑް 10 އާހަމަޔަށް އެއަށްވުރެ މަށްޗަށް ކިޔަވަދޭވެކަށްނެތް ކުދިން ހަމަނުވާތީ ދެންމިޖެހެނީ ހިޖުރަކުރަން މާލެ ނޫން އެހެން ރަށެއްގަ މަދުމީހަކަށް ނޫނީ ނޫޅެވޭނެ އާމްދަނީ ލިބޭނެ ގޮތް ނެތުމުން އެހެންކަމުން ވީހާލަކާވާން މާލެއަށް އަރަށް މަޖުބޫރުމިވަނީ ހުންނަ އެންމެ ދެކުށްޖަކަށް ކިޔަވަދިނުމަކީ މަޖުބޫރުކަމެއް ދެން މާލެއައިސް ކިޔަވާ ޑިގްރީތަށް ނަގައިގެން ދަރިން ރަށަށްގޮސް އަދާކުރާނެ ވަޒީފާއެއްނޯވޭ އެހިސާބުން މާލޭގަ ދާއިމަށް ވަޒަންވެރިވާން މިޖެހެނީ އަސްލު މިކަމަށް އޮތް ހައްލަކީ މާލެއާ އެންމެގާތުން ލިބެން އޮތް ބޮޑުފަޅެއް ވީއެންމެ ބޮޑެއްކޮށް ހިއްކާ މުޅި ރާއްޖެއަށް ހުޅުވާލައިގެން މީހުން ވަޒަންވެރިކުރުވުން މާލެ ނޫން ރަށެއް ތަރައްގީކޮށްގެން ހުރިހާރަށަކުން ހިޖުރަކޮށްފަ ތިބިމީހުން ގެންދިއުން އުނދަގޫވާނެ އެހެންކަމުން އެތަށް ރަށެއް ހުސްވުމުން ދައުލަތުން މިހާރުކުރަންޖެހޭ އެތަށް ބިލިއަންރުފިޔާއެއްގެ ހޭދަ ނުކޮށްވާން އޮންނާނެ ވަރަށް ސާފުކޮށް އެބައެނގޭ ދައުލަތުގެ އާމްދަނީގެ 70% އަކީ ރިކަރަންޓު ހަރަދުކަށް އެތަށް ސަތޭކަ ސިއްހީމަރުކަޒާ އިންޖީނުގެއާ ސްކޫލާ މިސްކިތާ ކައުންސިލްތަކާ ކޯޓުތަކާ ޕޮލިސް ސްޓެޝަންތަޢް މިއިން އެއްވެސް ތަނަކުން އެކަށޭނަ ހިދުމަތެއް ރައްޔަތުމީހާއަކަށް ނުލިބޭ މިކަންކަމަށް އެތަށް ބިލިއަނެއް ދައުލަތުން ހަރަދުކުރާއޮރުވެސް ރައްޔަތުމީހާ އުޅެންޖެހެހީ ވަރަށް ހާލުގަ

 4. ވަރަށް ސަލާމް

  ރަނގަޅު އިގްތިސޯދަކީ އޭގެ ތަބީއަތުގަވެސް ދެމީހުނާ ފަޅިއެއް އުޅޭތަންތަނުގަ ހިންގޭ އެއްޗެއްނޫން އެހެންކަމުން އާބާދީ އެއްފަސްކުރަންއެބަޖެހޭ ތައުލީމާ ސިއްހީކަންކަމަށްވުރެވެސް ބޮޑީ އާމްދަނީ ލިބޭނެގޮތެއް އޭގެ ފަހަތަށް ދެންހުރިކަންކަން އަންނާނީ ރައްޔަތުން ފެލާގެން އެތަށް ޓެކްސްއެއްނަގައިގެން ބަނދަރުހަދާ ފާހާނާހޮޅި އެޅިޔަކަށް ނެތް ރަށުގަ ތިބެވޭކަށް ރައްވެހި ފަތިހޭކިޔާފަ މެނިފެސްޓޯ ހެދިދާނެ 5 އަހަރު ނިމޭއިރު ބޮޑެތި އެއްވެސް މައްސަލައަކަށް ރަނގަޅު ހައްލެއް ނާދޭ ހަމަ އުމުރުންދާ 5 އަހަރަށް ވެފައޮންނަނީ ދައުލަތަށް ލިބޭ އާމްދަނީން ބޮލަކަށްޖެހޭ ނިސްބަތަށް ބަލާނަމަ ގިނަ ރައްޔަތުން އުޅެންޖެހެނީ އެއާ ނުބައްދަލު ނިކަމެތިކަންމަތީ މިކަމަކީ ސީދާ ސިޔާސަތުތަކުގެ ދޯހަޅިކަން ކޮންމެ 5 އަހަރަކުން ވެރިކަމަށް އަންނަން ތިހަދާ ސިޔާސަތުތަކުން ވާކަމެއް ހަރާން

 5. ސާމާނުބެ

  ރާއްޖޭގަ ހުރި ބޮޑެތި މައްސަލަތަށް ހައްލުވާނެ ގޮތަށް ކަމުގެ ތަޖުރިބާ ލިބިފަތިބި ފަންނީ މާހިރުންނަށް ބިޑަށް ހުޅުވާލައިގެން ދެން އަންނަ ރިޔާސީ އިންތިހާބެއްގެ މެނިފެސްޓޯ ހަދަން މަޖުބޫރުވާ ގާނޫނެއް ހެދުމަށް މަޖިލީހަށް އިލްތިމާސްކުރަން ހަޔާތުން އެތަށް 5 އަހަރެއް ދާއިރުވެސް އެމެންނޭރިޔޭ މަހެއް ނުބޭނުނޭ ކިޔަކިޔާތިބެން މިޖެހެނީ

 6. މުއްލާ

  ރަނގަޅު ލިޔުމެއް