އަވައްޓެރި ސްރީލަންކާގެ ކެންޑީ އަކީ ލަންކާ އަށް ޗުއްޓީ ހޭދަކުރަން އަންނަ ވަރަށް ގިނަ މީހުންގެ މަންޒިލެކެވެ. އެހެންކަމުން "ވަގުތު" ހުރިހާ މުވައްޒަފުން ފެށި ޗުއްޓީ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ވީވެސް ކެންޑީއެވެ.

ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ބަހެއްގައި ނައްޓާލައިގެން އަޅުގަނޑުމެންގެ 25 ބައިވެރިންނަށް ކެންޑީ އަށް ދެވުނީ ދެތިން ގަޑިއިރުންނެވެ. ހޮޓަލާއި ހަމައަށް ދެވުނީ މެންދަމު 2 ޖެހިއިރު އިރުއެވެ.

ކެންޑީ ބަލާލުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ އިއްޔެ ހެނދުނު އެވެ. މުޅި ދުވަހު ފައިމަގުންނާއި ބަހުގައި ދުއްވައިގެން މުޅި ކެންޑީ ބަލައެއް ނުލެވުނެވެ. މިއީ އަޅުގަނޑު ކެންޑީ އަށް ދަތުރުކުރި ފަސް ވަނަ ފަހަރުކަމުގައި ވީނަމަވެސް ކެންޑީ އަށް މީގެ ކުރިން ކުރި ދަތުރުތަކާއި މިދަތުރު ތަފާތެވެ.

ކެންޑީ ނުވަަތަ ސިންހަޅަ ބަހުން "މަހަނުވަރަ" އަކީ ލަންކާގެ މެދުތެރޭގައި އޮންނަ އެގައުމުގެ ވަރަށް ތާރީޚީ ސިޓީއެކެވެ. ލަންކާގެ ސެންޓްރަލް ޕްރޮވިންސްގެ މިހާރުގެ ވެސް ވެރިރަށް ކަމަށްވާ ކެންޑީ އަކީ ލަންކާގެ ވެރިކަން ދިގު ޒަމާންތަކެއް ވަންދެން ކުރި ސަހަރެކެވެ. ވަަރަށް ގިނަ ތާރީޚީ ބިނާތައް އެކުލެވިފައިވާ ފަރުބަދަ މަތީ ސިޓީއެއް ކަމަށްވާ ކެންޑީގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ސައިފަތް އުފެއްދުމުގެ މަސައްކަތުގެ މައްޗަށެވެ.

ވަގުތުގެ ޓީމް ސްރީ ލަންކާގެ ރޯޔަލް ބޮޓަނިކަލް ގާޑަންގައި

 

ތާރީޚީ ލިޔުންތައް ބުނާ ގޮތުން ކެންޑީ ފުރަތަމަ އުފެއްދީ 1357 ވަނަ އަހަރުން 1374 ވަނަ އަހަރަށް ވެރިކަން ކުރެއްވި ވިކްރަމްބަހޫ-3 ގެ ރަސްކަމުގައެވެ. އޭރު ކެންޑީ އަށް ކިޔަނީ "ސެންކަޑަަލަޕޫރާ" ކަމަށް ވެއެވެ.

ކެންޑީގައި ފުރަތަމަ ރަސްކަން ކުރެއްވީ ސެނާ ސަމައްތަ ވިކްރަމަބަހޫ އެވެ. އެއީ 1473 ވަނަ އަހަރުން 1511 ވަނަ އަހަރަށެވެ. އޭނާ ވަނީ ކެންޑީގައި ވަކި ރަސްކަމެއް ހިންގަވާފައެވެ.

ކެންޑީ އަކީ ކަނޑުގެ ލޮނުގަނޑަށްވުރެ 1600 ފޫޓް މަތީގައި އޮންނަ ސިޓިއެކެވެ. ޖުމްލަ 24 އަވަށެއްގެ މައްޗަށް އެކުލެވިފައިވާ މިސިޓީގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2007 ވަނަ އަހަރުއެވެ. އޭރު ކެންޑީގެ އާބާދީ އަކީ އެއްމިލިއަނެވެ.

އަޅުގަނޑުމެންގެ ދަތުރުގައި ޒިޔާރަތް ކުރި ކެންޑީގެ މުހިންމު ތަންތަނުގެ ތެރެއިން އެއް ތަނަކީ ކެންޑީ ރޯޔަލް ޕެލަސް އެވެ. އެންމެ ފަހުން ކެންޑީގެ ވެރިކަން ކުރި ކަނޑުވަރު ކަމަށްވާ ރޯޔަލް ޕެލަސް އަކީ މިހާރު ކެންޑީގެ ޕަބްލިކް ލައިބްރަރީ ހިންގަމުން އަންނަ އިމާރާތެވެ. އެތަނުގައި ކެންޑީގެ ރަސްކަން ކުރިއަށް ދިޔަ ދުވަސްވަރުގެ މައުލޫމާތާއި އިނގިރޭސީން ލަންކާގެ ވެރިކަން ކުރި ދުވަސްވަރުގެ ތާރީޚީ މައުލޫމާތުތައް ފެންނަން އެބަހުއްޓެވެ.

ސްރީލަންކާގެ ކެންޑީ - ވަގުތު އިމޭޖެސް : އިބްރާހިމް ޝާބިލް

ދެން އަޅުގަނޑުމެންގެ މަންޒިލަކަށްވީ ކެންޑީއަށް ޒިޔާރަތް ކުރާ ވަރަށް ގިނަ މީހުންގެ މަންޒިލެއް ކަމަށްވާ ބޮޓަނިކަލް ކާޑަން އެވެ. ކެންޑީގެ މައި ސިޓީގެ ހުޅަނގުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ މިބަގީއްޗާ އަށް އަހަރަކު ދެމިލިއަން މީހުން ޒިޔާރަތް ކުރެއެވެ.

147 އޭކަރުގެ ބޮޑު ސަރަހައްދެއްގައި ތަފާތު ގިނަ އެތައް ސަތޭކަ ގަހެއް ހައްދާފައިވާ މިބަގީއްޗާ އަކީ ޔުނެސްކޯގެ ވޯލްޓް ހެރިްޓޭޖް ލިސްޓްގައި ހިމަނާފައިވާ ވަރަށް ތާރީޚީ ބަގީއްޗާ އެކެވެ. މިތަނުގައި ތަފާތު އެކި ވައްތަރުގެ 4000 އަށް ވުރެ ގިނަ ގަސް އެބަހުއްޓެވެ.

މިބަގީއްޗާ އަކީ 1371 ވަނަ އަހަރު ގާއިމު ކުރި ބަގީއްޗާއެކެވެ. އޭގެ ފަހުން ލަންކާގެ އެކިއެކި ރަސްކަލުންގެ ވެރިކަންތަކުގައި އިތުރަށް ތަރައްޤީކޮށް ރަސްކަމުގެ ރަސްމީ ބަގީއްޗާ އަކަށް މިބަގީއްޗާ ހަމަޖެއްސިއެވެ. ކެންޑީގެ ތަންތަން ބަލާލަން ޒިޔާރާތް ކުރާ މީހަކު މިބަގީއްޗާ އަށް ޒިޔާރަތް ކުރުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ކެންޑީގައި އޮންނަ ކޮމަންވެލްތު ވޯ ސިމެޓްރީ ނުވަތަ ސިފައިންގެ ގަބުރުސްތާނަކީ ވެސް ވަރަށް މުހިންމު ބިނާއެކެވެ. ލަންކާގައި އޮންނަ ހަ ކޮމަންވެލްތު ވޯ ސިމެޓްރީގެ ތެރެއިން ކެންޑީގައި އޮންނަ ގަބުރުސްތާނަކީ އެންމެ ރީތި ގަބުރުސްތާނެވެ.

ސްރީ ލަންކާގެ ކެންޑީ- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ކެންޑީ ކޯރަކީ ވެސް ކެންޑީގެ ރީތި މަންޒަރުތައް ބަލާލަންދާ މީހުންގެ މުހިންމު މަންޒިލެކެވެ. 1807 ވަނަ އަހަރު ބިނާ ކުރި އާޓިފިޝަލް މިކޯރަކީ ވަރަށް ރީތި ތަނެކެވެ. 2.1 މޭލު ސަރަހައްދެއްގައި އޮތް މީކޯރުގެ މެދުގައި އޮންނަ ކުޑަ ރަށަކީ މިކޯރުގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ރަށެކެވެ.

ކެންޑީގައި އެއްދުވަސް ހޭދަކުރުމަށް ފަހު އަޅުގަނޑުމެން މިހާރު މިތިބީ ނުވަރައްލިޔާގައެވެ. ރީތި ފުރިހަމަ އެތައް މަންޒަރުތަކެއް ހިމެނޭ ސަރަހައްދެކެވެ. މިއީ ކިތަންމެ ގިނަ ފަހަރަށް އާދެވުނު ނަމަވެސް ފޫހިކަމެއް ނެތި ބަލާލެވޭނެ ކިތަންމެ މަންޒަރެއް ފެންނަ ގުދުރަތީ އެތައް މަންޒަރެއް ހިމެނޭ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދް

    ރިޕޯޓް ލިޔާއިރުވެސް ... އެތާގެ ފިހާރަ އަދި ކެއުން އެންމެ އަގުހެޔޮކޮށް ލިބޭތަންތާގެ ވާހަކަ ހިމެނިނަމަ ވަރަށް ސަޅި ވާނެ...

  2. މުސްލިމް އަޚާ

    ކާޑަން

  3. ވައްރައް ރަންގައްޅު

    ބަގީއްޗާ ތައްކުގެ ވާއްހަކަ ލިއްޔުނީންމަ ވަރަށް ރަނގައްޅު!

  4. Anonymous

    ކެންޑީއަށްވުރެ ނޫރެލިއާ ރީތިވެފާ ގުދުރަތީ ރީތިކަން ވަރަށް ހިތްގައިމު، ތިކުދިން އެތަނަށް ދޭބަލަ