ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް ކުރި ހޯދިފައި އޮތީ މައި ދެ ފިކުރަކަށެވެ. އެންމެ ފުރަތަމަ އެމްޑީޕީ އާއި ޑީއާރުޕީއެވެ. ފަހުން ޑީއާރުޕީގެ ތެރެއިން ބަޔަކު ނުކުމެ އުފެއްދި ޕީޕީއެމްއާއި އެމްޑީޕީއެވެ. މި ދެ ސިޔާސީ ވިސްނުމާ ވާދަކުރެވޭނެ އެހެން ވިސްނުމެއް އަދި ނާދެއެވެ. ގިނަ ސިޔާސީ ޕާޓީތަކުގެ ވާދަވެރި ނިޒާމެއް ތައާރަފްވި ފަހުން މިހާތަނަށް ތިން ފަހަރު ވެސް ވެރިކަމާ ހަމައަށް އާދެވުނީ މައި ދެ ސިޔާސީ ޕާޓީއަށެވެ. އެހެންވިޔަސް އެ ކަން ކުރެވެނީ ކުދި އެހެން ޕާޓީތަކުގެ އެހީގައެވެ. ރާއްޖޭގެ ސިޔާސީ ތާރީޚުގެ ހަގީގަތް އޮތީ މި ގޮތަށެވެ.

އެހެން ވިޔަސް ތިންވަނަ ފިކުރެއް ހޯދަން ޖެހޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިތާ 13 އަހަރެއްހާ ދުވަސް ވެގެން ދިޔައިރު، އެންމެ ބޮޑަށް މި އަޑު ގަދަވަނީ ސަރުކާރުގެ ދައުރު މެދު ތެރެއިން އެ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވާ މަންޒަރާ އެކުގައެވެ.

އެމްޑީޕީ އިސްކޮށް އޮތް ސަރުކާރެއް 2008 ގައި އުފިގެން އައީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ކަމު ނުގޮސްގެން ބަދަލެއް ގެންނަން އަޣުލަބިއްޔަތު ރައްޔިތުން ބޭނުންވެގެންނެވެ. އެކަމަކު ފަސް އަހަރު ފަހުން 2013 ގައި އުފެއްދީ ރައީސް މައުމޫން ލީޑް ކުރައްވާ ޕީޕީއެމް އިސްވެ އޮތް ސަރުކާރެކެވެ. އޭގެ ފަސް އަހަރު ފަހުން އަނެއްކާ ވެސް އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް ގެނެވުނު އިރު، ތަފާތެއް ނެތެވެ.

އެމްޑީޕީ ސަޕޯޓަރުންތަކެއް މަގުމަތީގައި އިންތިޚާބުގެ ކާމިޔާބާއެކު އުފާ ފާޅުކުރަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ އަމާޒާއި ވިސްނުން ވެސް ވަރުގަދައީއެވެ. އިންސާފު ނޫން ކަމެއް ރައްޔިތުން ބޭނުމެއް ނޫނެވެ. ގާނޫނު ހިނގުން ނޫން ގޮތެއް ވަރިހަމައެއް ނޫނެވެ. އެންމެންގެ މައްޗަށް ވެސް ގާނޫނު ހިނގައި، ހަމަހަމަ އަދުލުވެރި ވެރިކަމެއް ރައްޔިތުން ބޭނުުންވެއެވެ. ގައުމުގެ ސިޔާދަތާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށްގެން އަމިއްލަ އިގްތިސާދެއް ބިނާ ކުރުމެވެ. އާންމު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދި، ތާހިރު ތަނަވަސް ދިރިއުޅުމެކެވެ. އެކަމަކު ނަތީޖާއެއް އައި ކަމުގައި ރައްޔިތުން ވެސް ނުދެކެއެވެ.

ދެހާސް އަށެއްގައި އުފެދުނު ސަރުކާރުގެ ދައުރު ހަމަ ނުވަނީސް 2012 ގައި އެ ވެރިކަން ނިމުމަކަށް އައެވެ. އަދި 2013 ގައި އުފެއްދި ވެރިކަމުގައި ވެސް ފެނުނީ ތަފާތު މަންޒަރެކެވެ. މައި ޕާޓީ ޕީޕީއެމްގެ އެތެރޭގެ މަސްރަހު ވެސް ހޫނުވެ މައުމޫންއާއި ރައީސް އަބްދުﷲ ޔާމީންގެ މެދުގައި ކޯޅުން ބޮޑުވިއެވެ. 2018 ގައި އުފެއްދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ކޯޅުން ބޮޑުވެ މަސްރަހު ހޫނުވެއްޖެއެވެ. އައި ހެޔޮ ބަދަލެއް ނުފެނެއެވެ. ސިޔާސީ ހަމަޖެހުމެއް އަންނަ ތަނެއް ނުފެނެއެވެ.

ޕީޕީއެމް ޕީއެންސީ އިން ކުރިއަށް ގެންދިޔަ ސައިކަލު ބުރެއް:- ވަގުތު އިމޭޖެސް: އަހްމަދް އަލީ

މިއީ އަނެއްކާ ވެސް ތިންވަނަ ސިޔާސީ ވިސްނުމެއްގެ އަޑު ގަދަވެފައިވާ ދަނޑިވަޅެކެވެ. އެއަށް ތައްޔާރުވާން އާ ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މިއިން ކޮންމެ ޕާޓީއަކުން ވެސް ބުނާ ގޮތުގައި، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަކުން ވާދަކުރާނެއެވެ.

އެކަމަކު ތިންވަނަ ސިޔާސީ ފިކުރެއް އުފެދި، ވެރިކަމާ ހަމައަށް އާދެވިދާނެތޯ އެއީ އަދިވެސް ހަމަ އޮތް ސުވާލެކެވެ. އެ ވަރަށް މަސައްކަތެއް ކުރެވޭ ތަނެއް އަދި ނުފެނެއެވެ.

އާ ޕާޓީތައް ވަރަށް ފޯރީގައި، އަމާޒަކީ ތިންވަނަ ފިކުރަކަށް ވުން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިހާރު ދީފައި ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީއާއި، ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން އިސްވެ އުފައްދަވާ ޕާޓީއަށެވެ. މީގެ އިތުރުން މަސްވެރިންތަކެއް އިސްވެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް އޮތީ ފަށައިފައެވެ. މިއިން ކޮންމެ ޕާޓީއެއްގެ އަމާޒުގައި އޮތީ އަންނަ ރިޔާސީ އިންތިޚާބެވެ.

މީގެ ތެރެއިން ނާޒިމް އިސްވެ އުފައްދަވާ ޕާޓީ ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެކަމަކު މަސައްކަތް އަދި ފެންނަނީ ވަރަށް މަޑުމަޑުން ސިއްރުން ގެންދާ މަންޒަރެވެ. އެ ޕާޓީއަށް މިހާތަނަށް މަޖިލީހުގެ ފަސް މެންބަރަކު ގުޅިވަޑައިގަންނަވައެވެ.

އެއީ ނާޒިމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ. ރައްޔިތުންގެ މަޖިލީހުގައި ޕާޓީތައް ތަމްސީލްވާ ނިސްބަތަށް ބަލާއިރު، އެމްޑީޕީއާއި ޕީޕީއެމް ނެގުމަށް ފަހު އެންމެ ގިނަ މެންބަރުން މިހާރު ވެސް ތިއްބެވީ އަލަށް އުފައްދަވާ މި ޕާޓީގައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އުފައްދާ އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު އޮތް ސިޔާސީ ޕާޓީތަކުގައި އޮންނަ ފަދަ "ކަލްޓް" ނިޒާމެއް އެ ޕާޓީގައި ނޯންނާނެއެވެ. އެ ޕާޓީގެ ލީޑަރަކަށް ހުރެވޭނީ ދެ ދައުރަކަށް ކަމަށް ކަނޑައަޅާނެއެވެ. ދައުރެއްގައި ހިމެނޭނީ ހަތަރެއް ނޫނީ ފަސް އަހަރެވެ.

އެހެންކަމުން އާންމުންގެ މެދުގައި އެ ޕާޓީ ބަލައިގަންނާނެ ކަމުގެ އުއްމީދު ޕާޓީގެ މަސްއޫލުވެރިންގެ މެދުގައި ބޮޑެވެ. އާންމުން ބަލައިގަންނާނެ ގޮތަށް އުމުރު ދުވަހު އެއް ލީޑަރެއްގެ ބާރު އެ ޕާޓީގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި އުމުރަކަށް ލީޑަރު ކަމުގައި ހުންނެވުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް މި ޕާޓީގައި ނޯންނާނެ،" އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް ގުޅިވަޑައިގަންނަވާ ފަސް މެންބަރުން

މިހާރު އޮތް ޕާޓީތަކާ މެދު އާންމުންގެ އެންމެ ބޮޑު ފާޑުކިއުމެއް ވެސް އޮންނަނީ މި ކަމަށެވެ. އެމްޑީޕީ އުފެދުނީއްސުރެން އެ ޕާޓީގެ ލީޑާޝިޕްގައި ގަދަ ބާރު ހިފާލާފައި އޮންނަނީ ކުރީގެ ރައީސް ނަޝީދެވެ. ޕީޕީއެމްގައި ވެސް އަބަދުހެން ބާރު އޮތީ ކުރީގެ ރައީސް ޔާމީންއަށެވެ. އާންމުންގެ ތެރޭގައި މި ދެ ލީޑަރުންގެ ތާއީދު ވެސް ބޮޑީއެވެ.

ކަމާލުއްދީން ވެސް ވިދާޅުވި ގޮތުގައި، އޭނާގެ މައިގަނޑު މަގްސަދަކީ ވެސް އާ ސިޔާސީ ފަލްސަފާއެއް އުފެއްދުމެވެ. ޕާޓީގެ ލީޑަރަކަށް ވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ. ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލާނީ ވެސް އެންމެންނަށް ފުރުސަތު ލިބޭނެ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ވެސް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންނެވެ.

އޭނާ ވިދާޅުވި ކަމަކީ، ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން އެ ޕާޓީއަށް ގެނައުމުގެ ބޭނުމެއް ނެތް ކަމެވެ. އެއީ "އާންމު ރައްޔިތުންގެ" ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ވެސް އިލްމީ ބައެއް ބޭފުޅުން ޕާޓީއާ ގުޅިވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގައި ތިއްބެވި އިލްމީ ބޭފުޅުން އެ ޕާޓީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން ޕާޓީގެ ނަމަކީ ވެސް ގައުމީ އެއްބައިވަންތަ ޕާޓީއެވެ.

އަބްދުﷲ ކަމާލުއްދީން --

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގަބޫލު ކުރައްވާ ގޮތުގައި ދެން އުފެދޭނީ ތިންވަނަ ސިޔާސީ ވިސްނުމެކެވެ. މިހާރު އޮތް މައި ދެ ޕާޓީ ދެކެ ރައްޔިތުން ފޫހިވެއްޖެއެވެ. އެހެންކަމުން ރައްޔިތުން އަންނަ ރިޔާސީ އިންތިޚާބުގައި ދާނީ ތިންވަނަ އިޚްތިޔާރަކަށް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

އުމަރު ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ތިންވަނަ ފިކުރުގެ ލީޑަރަކަށް އޭނާ ވުމަށެވެ. އަދި ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވުމަށް ކަމަށް އުމަރު ވިދާޅުވިއެވެ. މިހާތަނަށް އައި އިރު މަސްރަހު އޮތް ގޮތުން ވެސް އޭނާއަށް ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވައެވެ. އެކަމަކު އާ ޕާޓީތައް އައުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މައި ދެ ޕާޓީ ރޫޅިފައި އޮތް ވަގުތެއްގައި އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑަށް މެދުން އަރާ ކާމިޔާބު ކުރެވޭނެ ކަމަށް، އެކަމަކު އިތުރު ޕާޓީތައް އައުމަކީ ވޯޓުތައް ބެހޭނެ ކަމެއް، އެކަމަކު ވެސް އަޅުގަނޑަށް ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވެނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވަގުތު އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މައި ދެ ޕާޓީގެ ޝައުގެއް އާ ޕާޓީތަކަށް ނެތް

އާ ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަސައްކަތްތަކެއް ކުރެވެން ދިޔައަސް މައި ދެ ޕާޓީއަށް މި ކަމަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ.

ޕީޕީއެމް ޕީއެންސީގެ ވިސްނުން އޮތީ ކޯލިޝަނަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅުމަށެވެ. އޭގެ ބަދަލުގައި 2023 އަށް އެ ދެ ޕާޓީގެ މަގްބޫލްކަން އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ. އާ ޕާޓީތަކަށް ވިޔަސް ލީޑް ކުރަނީ އާ ލީޑަރުންތަކަކަށް ނުވާއިރު، އެއީ މިހާރު ވެސް ފެއިލް ވެފައިވާ ބައެއްގެ ގޮތުގައި ވެސް ދެކެއެވެ.

"ނާޒިމް ޕާޓީ އުފައްވަން ދިޔައީ ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން އަޑީ ރޭވުމެއްގެ ތެރެއިން، ޕާޓީއަށް އިޚްލާސްތެރިކަން ނުދެއްކުނު ބަޔަކަށް ގައުމެއް އިޚްލާސްތެރިވާނެ ކަމަކަށް ނުދެކެން، ލިބޭނެ ކުރިއެރުމެއް އޮތް ކަމަކަށް ވެސް ނުދެކެން، އަޅުގަނޑުމެންގެ ޝައުގެއް ނެތް އެ ޕާޓީއާ ކޯލިޝަން ހަދަން ވެސް،" ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަމާލު ކަން އެހެން ޕާޓީތަކާ ވާދަކުރުމަށް ވުރެ މި ދުވަސްވަރު ފެންނަނީ އެ ޕާޓީގެ އެތެރޭގެ މަސްރަހަށެވެ. ރައީސް ސޯލިހްއާއި ނަޝީދުއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އަރައިގަނެ ވާދަވެރި ޕްރައިމަރީއެއް ވެސް ފެންނާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.

"އެމްޑީޕީ ބައިބައެއް ނުވާނެ، އެމްޑީޕީގައި އޮތީ ލީޑަރުންނަށް ފާޑުވިދާޅުވުމުގެ މިނިވަންކަން ވެސް، ވާދަވެރި ޕްރައިމަރީއެއް ވެސް އޮންނާނެ، ދެ ލީޑަރުންގެ މެދުގައި ވާދަވެރި ޕްރައިމަރީއެއް ބާއްވައިގެން، އޭގެ ނަމޫނާ ވެސް ދައްކާނީ އަޅުގަނޑުމެން، އަޅުގަނޑުމެންނަށް މި ކަންކަން ވާނީ،" މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓަކިބެ

    ނާޒިމް އުފައްދާ ޕާޓީ ޑިމޮކްރެޓިކް ވެގެންގޮސް 2 އަހަރުން ޕާޓީގެ ލީޑަރު ބަދަލުކުރާ ވާހަކަ ދެއްކުމުން ހަމަ ހިނިއަންނަނީ. ޕާޓީ އުފެދި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ފައިސާ ލިބި ޕާޓީގެ އާރާ ބާރާ ނުފޫޒު ސިޔާސީ މައިދާނުގަ ގަދަވާން ފެށުމުން ޕާޓީގެ ލީޑަރުގެ ދަހިވެތިކަމާ އެދުން ބޮޑުވެ ރާއްޖޭގެ އެހެން ޕާޓީތައް ފަދައިން ރޫހާނީ ލީޑަރު ޕާޓީއަށް ތިޕާޓީ ވެގެންދާ ތަން މިހާރުވެސް މަގޭ ދެލޮލަށް އެބަފެނޭ.

    20
    1
  2. ރަންރީދޫ

    ރައީސް ނަސީދު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވަގުތު
    އަތުވެއްޖެއެވެ އެމަނިކުފާނަށް މޑޕ ގެތެ ރޭގައި ދަތިތަކެއް
    ހު ރުމުން ރިޔާސީ އިންތިޚާބަށް ދާން ހު ރަސްތަކެއް އެބަ ހުއްޓެވެ އަލަށް އެމަނިކުފާނު އުފައްދަވާ ޕާޓީ އާއި އެކު
    ފު ރިހަމަ ކާމިޔާބު ލިބި ވަޑައި ގަންނަވާނެއެވެ.

    2
    3
  3. ޢަޒު

    ތިންވަނަ ފިކުރަކީ ކޮންފިކުރެއް މިހާރު އޮތީ އިސްލާމީ ފިކުރަކާ ލާދީނީ ފިކުރެއް ދެން އަންނާނީ ކޮންކަހަލަ ފިކުރެއް ބިރުހުރި ފިކުރެއް ދެން އަންނާނީ

  4. އަހުމަދު

    މިތާ އޮންނަންޖެހޭނީ ގުރުއާނާއި ސުންނަތުގެ ފިކުރު. އޭގެ މައްޗައް އެންމެން އެއްބައިވާންވި

  5. ނިސާންތައް

    3 ވަނަ ފިކުރެއްގެ ބިރު ހީވާތީ ނުންގޮތަކައް މައި 2 ޕާރޓީ އެއްބަހެއް ނުކިޔާނެ.
    މައި ދެޕާރތީ މިވަގުތައް އެއް ބަހެއް ކިޔަން އެއުލެނީ ހަމަ ގަންނަ ބިރެއްގެ ބޮޑުކަމުން ކަން ޔަގީން.

  6. ރައްޔިތު

    ހަގީގަަތަކީ ތިޕާޓީތަކުގެ ސަބަބުން ދީނަށާއި އެއްބަޑު ކަމާއި ރައްޓެހިކަމާއި އިންސާނިއްޔަތު ކަން މިއަދު މިވަނީ ގެއްލިފައި މުޅިގައުމު ގައި ވަނީ ފަސާދަ މިހާރު އަވައްޓެރި ގައުމުތަކާއި މެދުވެސް ފަސާދަ އުފައްދަމުން ދަނީ

  7. ދިވެހިލޭ ހިގާ ދިވެހި ދަރިއެއް

    ފިތުނަ އުފެދޭ ގޮތައް އަމިއްލަ މަންފާ ހާސިލުކުރަން ހަގީގަތް ނުބަލާ އަނެކާގެ އަބުރު ކަތިލާ ގޮތައް މި ރާއްޖޭގާ ހިންގާ ޕާޓީ ސިސްޓަމައް އަޅުގަޑު ތާއީދެއް ނުކުރަން. އެހެންނަމަވެސް ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމާފަ އޮތް ކޮންމެ ކަމަކަށް އިހްތިރާމް ކުރަން. އޭރެއްގަ އޮންނަ ސަރުކާރަކުން އަމިއްލަ ހިޔާލައް ކަންކަން ނިންމާ ރައްޔިތުންގެ މަޝްވަރާ ނުހޯދާ ކަންކަން ކުރަން އުޅުނީމަ ރައްޔިތުން ސަރުކާރުތަކައް އިތުބާރު ގެއްލެނީވެސް. ވެރިކަމައް އައުމައްފަހު ކޮންމެ ވެރިޔަކުވެސް ހީކުރަނީ 5 އަހަރު ވަންދެން ވެރިމީހާ އެކަނި ހިތް ރުހޭ ގޮތައް ހުރިހާކަމެއް ކުރަން ރައްޔިތުން ހުއްދަދިނީހެން. ގިނަ ރައްޔިތުން ސަރުކާރުތައް ދެކެ ރުޅި އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ބޯހިޔާވެހި ކަމުގެ މައްސަލަ. ވެރިކަމުގެ 5 އަހަރު ތެރޭގަ ފަށާ ބޯހިޔާވެހި ކަމުގެ މަޝްރޫއުތައް އެ 5 އަހަރު ނިމުމުގެކުރިން ނިންމާފަ ހައްގުވެރިންނަށް ހަވާލު ނުކުރެވެންޔާ ފެށުމުގެ ބޭނުމެއް ނެތް. ސަބަބަކީ ވެރިކަން ބަދަލުވީމަ ކުރީ ވެރިކަމުގަ ފަށާފަ ހުރި މަޝްރޫއުތައް ދެން ވެރިކަމައް އައިސްތިބޭ މީހުން ހިތްހަމަޖެހޭގޮތައް ބަދަލު ކުރަން ހަދައިގެން ލިބޭ ގެއްލުން އާދައިގެ ނިކަމެތި ރައްޔިތުން އުފުލަން ޖެހުން. އަޅުގަޑަށް ހީވަނީ ޕާޓީއަކަށް ނިސްބަތް ނުވާ މީހަކު ވެރިކަމަށް އައިސްފިއްޔާ މި ކަންތައްތައް ހައްލުކުރަން ފަސޭހަވާނެހެން. އޭރުން ޕާޓީ ބޭފުޅުން ރުއްސަން އުލޭކައްނުޖެހޭނެ ކަންނޭގެ. ރުއްސަންޖެހޭނީ ތަފާތުކުރުމެއްނެތި ދިވެހި ހުރިހާ ރައްޔިތުން. މި ގައުމުގަ އިދިކޮޅު ބައެއް ނޫނީ ޕާޓީއެއް އޮތީމަ ވަނީ ހަމަ ގެއްލުން. މާތް ﷲ މިގައުމައް އެފަދަ ދުވަހެއް ދައްކަވާ ހުރިހާ ސިޔާސީ ބޭފުޅުންވެސް އެއްބައިވަންތަކަމާ އެއްކޮއް މަސައްކަތް ކުރާނެ ދުވަހެއް ދައްކަވާށި. ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަކަން އިސްކުރާ އެއް، އެއްބަހަކުން ވާހަކަދައްކާ، މާތްވެގެންވާ އިސްލާމްދީންމަތީ ދެމިތިބި އަދި އިންޝާﷲ ދެމިތިބޭނެ ބައެއް.