އިނގިރޭސީންގެ ހިމާޔަތުން މިންޖުވެ ސިޔާސީ މިނިވަންކަން ލިބިފައިވާ ދައުލަތެއްގެ ގޮތުގައި ބައިނަލް އަގްވާމީ މުޖުތަމައު އިން ރާއްޖެ ބަލައިގަތީ މީގެ 56 އަހަރު ކުރިންނެވެ. "ހިމާޔަތް" އެއްބަސްވުން ބާތިލް ކުރަން ޖެހުނީ އޭގެ ބަދަލުގައި "އަޅުވެތިކަން" އޮވެގެންނެވެ. މިއަދު ރާއްޖޭގެ ތަރައްގީގެ ކަންކަން ވެސް ބަރޯސާމިވަނީ "ހިމާޔަތް" ދޭނެ ގައުމުތަކުން "އެހީ" ނަމުގައި ދޫކުރާ "ދަރަނި" މެދުވެރިކޮށެވެ.

“އެކުވެރި" އިނގިރޭސިން ދިން "ހިމާޔަތް" ދިވެހިންނަށް ވެގެން ދިޔައީ "ހިތި އަޅުވެތިކަން" އޮތް ކަމަކަށެވެ. މިއަދު "އެކުވެރި" ގައުމުތަކުން ދޫކުރާ "އެހީ" ވެސް ވެފައި މި ވަނީ "ހިތި ދަރަނީގެ މަޅި" އެއް ފަދަ އެއްޗަކަށެވެ. އިގްތިސާދީ ގޮތުން ވަކި ގައުމުތަކަކަށް ބަރޯސާ ވާން ޖެހިދާނެ ކަމުގެ ހިރާސް އެބަ އޮތެވެ. "ބޭރު ދަރަނީގެ އަޅުވެތިކަން" މިއީ ބަވަނަ ދުނިޔޭގައި ގައުމުތައް އަޅުވެތިކުރާ މައި އުކުޅެވެ.

ބޭރު ދަރަނީގެ ނިސްބަތް ބޮޑު

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ ޖުމުލަ ދަރަނި ހުރީ 86.5 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 50 އިންސައްތައަށް ވުރެ މަތިން 44 ބިލިއަން ރުފިޔާގައެވެ. އެތެރޭގެ ދަރަންޏަކީ 42 ބިލިއަން ރުފިޔާއެވެ.

ބޭރު ދަރަނީގެ ޖުމުލަ އަދަދު ވަރަށް މަތިވާނެ ކަމަށް މޯލްޑިވްސް ފިނޭންޝަލް ރިވިއުއިން ތައްޔާރު ކުރި ރިޕޯޓުން ދައްކައެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި ޗަައިނާއާއި އިންޑިއާއަށް އެކަނި 52 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބަ އޮތެވެ. އެއީ އިންޑިއާއަށް 28 ބިލިއަން ރުފިޔާ އަދި ޗައިނާއަށް 24 ބިލިއަން ރުފިޔާއެވެ.

ޗައިނާއާއި އިންޑިއާގެ ދަރަނީގެ ނިސްބަތް ބޮޑު އިރު މިއީ މި ސަރުކާރާއި މިދިޔަ ދެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތަފާތާ އެކު އައިސްފައިވާ އަދަދުތަކެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއެވެ. ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގީ ޗައިނާއިން ދޫކުރި ލޯނުގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުގައެވެ.

ޗައިނާއަށް ދަރަނި މަޅީގެ ތުހުމަތު

ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެން ޗައިނާއަށް ރައްދު ބަސް އަމާޒު ކުރައްވާ ސިޔާސީ ލީޑަރުން ހިމެނެއެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނެއެވެ. ނަޝީދު ސިފަކުރައްވަނީ އެއީ "ދަރަނި މަޅި" އެއް ގޮތުގައެވެ.

ލިޔެކިއުންތަކުން ޗައިނާގެ ދަރަނީގެ ގޮތުގައި ފެންނަނީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށް ވިޔަސް ނަޝީދު ވިދާޅުވަނީ އެ އަދަދު ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ އެއީ ޗައިނާގެ ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ އަދަދު ވެސް ހިމެނޭ ގޮތަށް ފާހަގަކުރައްވާ އަދަދެކެވެ.

އެހެން ވިޔަސް ޗައިނާގެ ސަފީރު ވިދާޅުވަނީ ދަރަނީގެ މަޅީގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާ ވާހަކަތަކަކީ، ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ ޖުމުލަ އަދަދު ވެސް އޮޅުވާލައިގެން މިނަށް ވުރެ ބޮޑު އަދަދުތަކެއް ހިމަނާފައި ވިދާޅުވާ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ލޯކަލް ޕާޓީ ގޭމް ތެރެއަށް ޗައިނާ ވައްދަނީ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އިންޑިއާއަށް އަސްކަރީ ނުފޫޒުގެ ތުހުމަތު

އިންޑިއާގެ ލޯނުތަކާއި އިންޑިއާއަށް ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އިދިކޮޅު ފަރާތްތަކުން ފާހަގަކުރަނީ އެއީ ރާއްޖެއަށް އިންޑިއާގެ އަސްކަރީ ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މި ގޮތުން މާލެ އަތޮޅު އުތުރުތިލަފަޅުގައި ގާއިމް ކުރާ ކޯސްޓްގާޑް ޑޮކްޔާޑް އާއި، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ނަގާ ބިމާއި، އައްޑޫ ޕޮލިސް އެކަޑަމީއާއި އައްޑޫ ކޮންސިއުލޭޓްއަކީ އެ މިސްރާބަށް ދާން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއެވެ.

އިންޑިއާގެ ސަރުކާރާއި ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ފާޑުވިދާޅުވެއެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީން ހައްޔަރު ކޮށްފައިވަނީ ވެސް މޯދީގެ އޯޑަރަށް ކަމަށް ވަގުތީ ލީޑަރު އަބްދުލްރަހީމް ވިދާޅުވެފައިވެއެވެ.

އެހެންވިޔަސް މިއީ އިންޑިއާއިން ދޮގު ކުރާ ވާހަކަތަކެކެވެ. އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފަން އުޅޭ ކަމަށް ބުނެ ދައްކަނީ އަސާސެއް އަދި އޮށްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ވާހަކައަކީ ވެސް ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. ސިޔާސީ އިސް ލީޑަރުން އެފަދަ ވާހަކަ ދެއްކެވުމަކީ ވެސް ޒިންމާދާރު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

މިނިވަން ޚާރިޖީ ސިޔާސަތެއް ގެންނަންވީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވަނީ އިންޑިއާއާއި މެދު ނަފުރަތު އުފައްދައިގެން ނުވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވެސް އިންޑިއާއަށް އަމާޒުކޮށް ނަފުރަތު އުފެދޭ މެސެޖްތައް ދެއްވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާއާއި މެދު ވެސް ނަފުރަތު އުފައްދައިގެން ނުވާނެ ކަމަށާއި އެމްޑީޕީން ވަރަށް ބޮޑަށް އެ ކަން ކުރަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ. ދެ ޕާޓީގެ ބޭފުޅުން އެއިން ގައުމެއްގެ ފަޅިއަށް އަރައި ބަހުސް ކުރާނަމަ، "އިންޑިއާ ޗައިނާ ވާދައިގެ ތެރޭގައި ރާއްޖެ ފިތިގެންދާނެ" ކަމަށް އުމަރު ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި ޗައިނާއާއި އިންޑިއާއާ ދެކޯލަށް ހަރަކާތްތައް ހިންގައި އެ ދެ ގައުމަށް ބަދު ބަސް ރައްދު ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ހުރި ނުރައްކަލެކެވެ.

އައްޑޫ މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު ޝަރީފް ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމަކާއެކު ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިވާން އޮތީ އެފަދަ ޚާރީޖީ ސިޔާސަތެއް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރުގެ ދަރަނި މަދު ކުރެވެން އޮތް ގޮތެއް ހޯދުން މުހިއްމެވެ. އަދި ހަމަހަމަ މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމްކޮށް، ވަކި ގައުމަކަށް ދިވެހި އިގްތިސާދު ބަރޯސާވާން ނުޖެހޭނެ ގޮތަކަށް ޚާރިޖީ ގުޅުންތައް ބައްޓަން ކުރަން ޖެހެއެވެ. ނޫނީ ފެންނާނީ "ދަރަނީގެ އަޅުވެތިކަމެއް" ގައި މިނިވަން ދައުލަތް އޮތް ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސސ

    މިއަދު ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންނަކީވެސް ދަރަނިވެރިން ކޮންމެސް ލޯނެއް ބޮލުގައި އަޅައިގެން އުޅޭމީހުން، ކުއްޔަށް ދިރިއުޅޭ ކުލީ މީހުން ، އަދި ޤައުމުގެ ދަރަނި އެހާބޮޑު ވާނެނުންތޯ ؟

    14
  2. ތަންޑާ

    ބޭރުގެ ދަރަނި ބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ނުފުއްދޭވަރުގެ ބޮޑެތި ވައުދުތަކެއް ވެގެން. ވައުދުތައް ފުއްދަން ކުރާކަމަކީ ރައްޔިތުންގެ ބޮލުގަ ބޮޑު ދަރަންޏެއް އަޅުވާ ލޯނު ނަގަނީ. ލޯނުނަގާފަ އެއިން އެއްބައި ކައިފަ ދެންހުރި ބައިން ކުރާކަމެއް ކުރަނީ. އެކަމަކު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް އެބަވަދޭ ލޯނުނުގަގާ ހަމަޖެއްސޭ ވަރަށް ފައިސާ.

    12
  3. ލލ

    ބޭރުގެ ދަރަނި މިހާ ބޮޑުވީ ސިޔާސީ ޕާޓީތަކުން ސިޔާސީ ބޭނުމަށް ނެގި ބޮޑެތި ލޯނުތަގެ ސަބަބުން !

    13
  4. ކަލޯ

    މިދެތިން ދުވަހު ވަގުތު މީހުން މުޅިންވެސް މިކަހަލަ ރިޕޯޓް ތި ޖަހަނީ. ތިތޯ މިނިވަން ނޫސްވެރި ކަމަކީ؟

    3
    2