ގައުމަކަށް ލިބޭ މިނިވަންކަމަކީ އެގައުމަކަށް ލިބޭނެ އެންމެ އަގުބޮޑު ނިއުމަތެވެ. ދުނިޔޭގެ ތާރީހަށް ބަލާއިރު އިންސާނުން އެންމެ ބޮޑު ގުރުބާނީއެއް ވެފައިވަނީ މިނިވަންކަމަށްޓަކައެވެ. އިންސާނުންގެ މެދުގައި ބޮޑެތި ހަނގުރާމަތައް ކޮށް އެތައް މިލިޔަން ބައެއްގެ ލޭ އޮހޮރިގެން ގޮސްފައިވަނީވެސް މިނިވަންކަމުގެ ހައްގުގައެވެ.

"މިނިވަންކަން ލިބިގެން ވުމަކީ ހަމައެކަނި ހިލިހިލާތަތަކުން ސަލާމަތްވެގެން ވުމެއް ނޫން. އެހެނެއްކަމަކު (މިނިވަންކަމަކީ) އެހެން މީހުންގެ މިނިވަންކަމަށް އިހުތިރާމުކުރާ އަދި އެކަން އަގުކުރާ ބީދައަކުން ދިރިއުޅުމެވެ." ނެލްސަން މަންޑޭލާ ވިދާޅުވެފައިވެއެވެ.

އިސްލާމް ދީނުގެ ހިދާޔަތް، މިނިވަންކަން ދެމިއޮތުގެ ސިއްރު!

ދިވެހިންނަށް ލިބިވާ އެއްމެ އަގުބޮޑު ނިއުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިއުމަތެވެ. މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުނީއްސުރެ މިއަދާހަމައަށް ދިވެހިން މިތިބީ އިސްލާމްދީންމަތީގައެވެ. މިއީ ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ ގޮތުގައި މިއަދާ ހަމައަށް ވާސިލުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ މިއަދު ހާލަތަކީ ކޮބާ ހެއްޔެވެ؟ އަފްޣާނިސްތާނާއި، އިރާޤު، ސީރިއާ ފަދަ ގައުމުތަކުގެ މިއަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ އެ ޤައުމުތަކުގެ އެއްބައިވަންތަކަމެއް ނެތެވެ. ތަޅާފޮޅުމާއި މާރާމާރީ ވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ. މިކަންކަން ހިނގަނީ އެގައުމުތަކުގައި އޮންނަންޖެހޭ ދީނީ އެއްބައިވަތަންކަން ނެތުމުންނެވެ.

ތާރީހުގެ ޞަފްޙާތަކަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ ދިވެހިރާއްޖެއިން އިސްލާމްދީނުގެ މަތިވެރި ދަންމަރު ނިއްވާލުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ މަންޒަރެވެ. މިފަދަ ކޮންމެ ފަހަރަކުވެސް، ދިވެހިން ސަލާމަތްވެފައިވަނީ ދިވެހިންގެ ތެރެއިންބަޔަކު ދީނާއި ގައުމުގެ ހައްގުގައި ނިކުމެ ކުރި ބުރަ މަސައްކަތުންނެވެ.

ނަމަވެސް މިއަދު ދިވެހި ގައުމުގެ ހާލަތު އަންނަނީ ބަދަލުވަމުންނެވެ. ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އަންނަނީ ހީނަރުވަމުންނެވެ. ޒުވާނުން ދީނަށް ދޭ އަހައްމިޔަތުކަން އަންނަނީ ކުޑަވަމުންނެވެ. އެހެންކަމުން މިއަދު މިވަނީ ދިވެހިންގެ ދީން ހިމާޔަތްކުރަން ޖެހިފައިއެވެ. މި އަގުބޮޑު ނިއުމަތް މި މިގައުމުން ނެތިކޮށްލުމަށް ފުރުސަތު ދީގެންނުވާނެއެވެ.

ކާބަފައިން ކޮށްފައިވާ މަސައްކަތުގެ ހައްގުގައިވެސް، އިސްލާމްދީނުގެ ނޫރު މިގައުމުގައި އަބަދަށް ބޭއްވުމުގެ ހައްގުގައިވެސް، ފިނިހިޔަލަކުން ގަދަ ހޫނަކަށް ދާން ބޭނުންނުވާ ފަދައިން މިނިވަންކަމުން އަޅުވެތިކަމަށް ދާން ބޭނުން ވާނީ ކާކު ހެއްޔެވެ؟

މިނިވަންކަމުގެ ތަޅުދަނޑި، ތާރީހުގެ ތެރެއިން ގައުމިއްޔަތުގެ ޖޯޝާއި ކުލުނު!

ތާރީހަކީ ގައުމުގެ ތަރައްގީގެ އެއް ބަހާއެވެ. "ފާއިތުވި އުއްމަތްތަކުން އިބުރަތް ލިބިގަތުމަށް" ބޭނުންކުރެވޭ ހަތިޔާރަކީ ތާރީހުން ރައްޔިތުން އެއްބައިވަންތަ ކުރުވުމެވެ. ރައްޔިތުންގެ މެދުގައި އަހްވަންތަކަން ގާއިމު ކުރުމަށް ދުނިޔޭގެ މަގްބޫލު ލީޑަރުން ބޭނުންކުރާ އަދި ކުރަމުންދާ ހަތިޔާރަކީވެސް އެ ޤައުމުތަކުގެ ތާރީހެވެ.

ޕާކިސްތާން، ޕާކިސްތާނަކަށް ހެދުމަށްޓަކައި އައްލާމާ އިގްބާލާއި މުހައްމަދު އަލީ ޖިނާހު ފަދަ ބޭބޭފުޅުން ބޭނުންކުރެއްވީ އެ ގައުމުގެ ތާރީހެވެ. އިންޑިޔާގެ މިނިވަންކަން އަނބުރާ ހޯދުމަށްޓަކައި އެ ގައުމުގެ މިނިވަންކަމުގެ ބައްޕަ މަހާތުމާގާންދީ ބޭނުންކުރެއްވީ ތާރީހީ އުކުޅުތަކެވެ. ކިއުބާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް އަހްވަންތަކަން އުފެއްދުމަށްޓަކައި ފެޑެލް ކާސްޓްރޯ ބޭނުންކުރެއްވީ ތާރީހީ ވާހަކަތަކާއި ތާރީހީ ހާދިސާތަކެވެ.

މިއަދު ދިވެހި ގައުމުގައި ނެތެމުންދާ އެއްބައިވަންތަކަމާއި އަހްވަންތަކަން ގާއިމުކުރުމަށްޓަކައި އުފެދެން ތިބި ލީޑަރުންނަށް ބޭނުން ކުރެވޭނެ ހަތިޔާރަކީ ދިވެހި އުއްމަތުގެ ތާރީހެވެ. މިފަދަ ހަތިޔާރަކީ ފައިސާއަކުން ނުވަތަ އަގުބޮޑު ޖަވާހިރަކުން ވިޔަސް ގަނެވޭނެ ތަރިކައެއް ނޫނެވެ. މާޒީގައި ދިވެހި ގައުމުގައި ހިގާފައިވާ ކަންތައްތަކަކީ މި ގައުމުގެ ތާރީހެވެ.

ހޮޅިންގެ އަތްދަށަށް ރާއްޖެ ދިއުމާއި ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމާއި، އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތުމާއި، 3 ނޮވެމްބަރުގެ ހާދިސާއާއި ސުނާމީގެ ކާރިސާއަކީ ދިވެހި ތާރީހުގައި ހިންގާފައިވާ މުހިންމު ކަންކަމެވެ. މީގެ އިތުރުން ދާގަބާ، ހަވިއްތަތަކާ، ވޭރާއި ގަބުރުސްތާނުތަކާއި އާސާރީ ބިނާތަކަކީ، މިއަދާ ހަމައަށްވެސް އެވާހަކަތައް ދެކެވެމުން އަންނަ ކަންކަމެވެ.

މިކަންކަމުންނާއި ތަކެތިން މިއަދުވެސް އަންނަނީ އިބުރާތް ހާސިލުކުރްމުންނެވެ. ދިވެހިންގެ މިފަދަ ޤައުމީތަރިކަތައް ހިމާޔަތްކަން މަތީ އަބަދަށް ދަމަހައްޓާއި އަންނަން އޮތް ޖީލުތަކާހަމައަށް ވާސިލުކޮށްދިނުމަށް މިނިވަންކަން ނުހަނު މުހިއްމު ރޯލެއް އަދާކުރާނެއެވެ.

މިނިވަންކަން ގެއްލިއްޖެ ނަމަ އިސްލާމްދީނާއި، ދިވެހިބަހާއި، ސަގާފަތާއި އާދަކާދަ ނެތިގޮސް އަމިއްލަވަންތަކަން ނެތި ހިނގައިދާނެއެވެ. ހަމައެއާއެކު ދިވެހި އުއްމަތުގެ އަގުހުރި ތާރީހް ގެއްލި ދިވެހިވަންތަކަން މި ބިމުން ބީވެގެންދާނެއެވެ. މިކަންކަން މިގައުމުން ބީވެގެން ދިޔަ ނުދިނުމަށް ބޭނުން ނަމަ މިނިވަންކަމުގެ ހައްގުގައި ދެދުވެ، އަމިއްލަވަންތަކަން ދިފާއުކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އަފްޣާނިސްތާނާއި، އިރާޤު، ސީރިއާ ފަދަ ގައުމުތަކުގެ މިއަދުގެ ހާލަތަކީ ދީނީވެގެން ދިޔަދިޔައިނުން ޖެހުނު މު ސީބަތެއް

    6
    8
    • އާދަނު

      ދިވެހި ރާއްޖެ ބޭރުގެ ބާރެއްގެ ދަށަށް ދިޔަ ކޮންމެ ފަހަރަކުވެސް ނިކުން ބަޔަކު ނިކުތީ ދީނުގެ ދިފާއުގައި. އިރާގު ހަލާކު ކުރީ އެމެރިކާ މީހުން.

      8
      3
    • އާތި

      ކަލޯ ކަލޭ ބޭނުމީޔާ ހަމަ އިސްލާމްދީ ދޫކޮށްލުމުގެ އިޚްތިޔާރު ކަލެއައް އެބޮތް ސުވާލަކީ އާޚިރުގަ އޭރައް ވާނީ ކިހިނެއްތޯ

      4
      2
    • މަބުނީ

      ކަމުގެ ހަޤީޤަތެއް ނޭނގުނަސް ކޮންމެވެސް އެއްޗެއް ކިޔަންވާނެ..އެއްވެސް ހާލެއްގަ ދީނަށް އަމަލުކޮށްގެން މީހަކު ނުވަތަ ބަޔަކު ހަލާކުވެގެން ނުދާނެ..މީގެ އެންމެ ބޮޑު ހެއްކަކީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިން އުއްމަތަށް ކުރެއްވި މިވަސިއްޔަތްފުޅު..އެއީ ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތުގަ ހިފަހަށްޓައިފި ބަޔަކު ދުވަހަކުވެސް މަގުފުރެދިގެން ނުދާނެ ކަމުގަޔާއި އެދޭތީގަ ވަރުގަދައަށް ހިފެހެއްޓުމަށް ކުރެއްވި ވަސިއްޔަތްޕުޅު.ތިބުނާ އަފްޤާން އިރާޤު އަދި ސޫރިޔާ ހަލާކުކޮށްލީ އެމެރިކާއިން..ކޮންމެވެސް ކަހަލަ ސާބިތު ނުހިފޭ ބަހަނާތަކެއް ދައްކާފަ..މީގެ ކުރިން މި ޤައުމުތަކަކީ އުމްރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ކުރިއަރާފަވާ ޤައުމުތަކެއް..މިހާރު އޮތް ހާލަތަށް ބަދަލުކުރީ އެމެރިކާއިން އޭގެ ޒިންމާ ނަގަންޖެހޭނީ އެމީހުން.

      3
      3
  2. ނޒ

    ވަރަށް މޮޅު ރިޕޯޓެއް...ވަރަށް ފުރިމަ...

    4
    3
  3. ްއަލިބެ

    އިސްލާމް ދީނަކީ އަންނިމެން ނުލާހިކު ރުޅި އަންނަ ދީނެއް.

    5
    3
  4. ރާބުރި

    ދުނިޔޭގައި މިނިވަން ގައުމެއް އޮތިއްޔާ އެއީ މުސްލިމު ގައުމެއްތަ؟

    3
    1
    • ބޯބެ

      ނޫނޭ. މިގައުމުގެ މީހުން ގައުމު މިނިވަން ކުރަން ނިކުތީ ދީނުގެ ދިފާއުގައި. ދައްކާނެ ވާހަކަ ހުސްވީ ދޯ؟

  5. އަފޭ

    މިތާގައި ނުބައި ނަރކަވެރިން އުޅޭކަން އިގޭ ކޮމެންޓްތައް ބެލީމާ އެމީހުން ނައް ބުނެލަން އޮތީ ކަލޭ މެންގެ މައިން ބަފައިން ތިބީ ކަލޭމެންނައް އިސްލާމްދީން ދަސްކޮއް ނުދީއޭ މަރުވުމައްފަހުގައި މާތްﷲގެ ހަޝްރަތުގައި ކަލޭ ދޭނީ ކޮންޖަވާބެއްހޭ އެދުވަހަކު ދީނާ ހިލާފު ކޮމެންޓް ތައް ލިޔެވޭނެ ތޯ ލަދެއްނުގަނޭތަ

    1
    1