ދަރިޔަކު ލިބުމަކީ މި ދުނިޔެމަތިން މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަން ޔަގީނެވެ. ދަރިންނަކީ މި ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ކުޑަ ކުއްޖަކު އާއިލާ އަށް އިތުރު ވުމަކީ މުޅި އާއިލާ އަށް ލިބޭ އުފަލެކެވެ. މުޅި އާއިލާ އަށް ލިބޭ އާރޯކަމެކެވެ. ދަރިން ހެޔޮ ހާލުގައި ލެެއްވުމަށް އެދި ދުއާކޮށް، ދަރިފުޅު އުފަންވުމުގެ ކުރިން އެކަމަށް މައިންބަފައިން ވަރަށް ތައްޔާރީތައް ވެއެވެ.
ނ. އަތޮޅު މަނަދޫ އަށް ނިސްބަތްވާ ފަތިމަތު ރިޝްފާ އާއި ސ. ފޭދޫ އަލީ ޖަވާދު ވެސް އެ ދެ މަފިިރިންގެ ފުރަތަމަ ދަރިފުޅު ލިބުނު އިރު ތިބީ ފޮނި އުންމީދުގައެވެ. ތާރާ ބިންތު އަލީ ޖަވާދު ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލީ މިދިޔަ އަހަރުގެ މޭއި މަހުގެ 10 ވަނަ ދުވަހު ސްރީލަންކާގައެވެ.
ރިޝްފާ، ތާރާ އަށް ބަލިވެ އިން އިރުވެސް ޑޮކްޓަރުން ބުނަމުން ދިޔައީ ދަރިފުޅުގެެ ހާލު ރަނގަޅު ކަމަށެވެ. ބަނޑުބޮޑު އިރު ޖެހުނު ހަމައެކަނި މައްސަލައަކީ އިންފެކްޝަން މައްސަލައެއް ކަަމަށާއި އެއީ އެކަމުން ވެސް ތާރާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ތާރާގެ މަންމަ ރިޝްފާ "ވަގުތު" އަށް މީގެ ކުރިން ބުންޏެވެ.
އެހެން ނަމަވެސް، އަށް މަހުގައި ތާރާ އުފަން ވިއިރު، އާއިލާއަށް މޮޅިވެރިކަން ލިބިގެން ދިޔައީ، ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެފައި އޮއްވާ އެކަން އެގޮތަށް ނުވުމުންނެވެ. ތާރާ ވިހެއިއިރު، ތާރާގެ ކަނާތް ފަރާތުގެ ތިން ނާރަކަށް ވަނީ މައްސަލައެއް ޖެހިފައެވެ.
"ވިހެއީއްސުރެ ބޭބީއަކީ ބަލި ކުއްޖެއް. އުފަންވީންސުރެންވެސް ނާރުގެ މައްސަލަ ހުންނާނެ ކުއްޖާގެ ކަނާއަތް ވޯކް ނުކުރާނެ އޭރަކު." ރިޝްފާ ބުންޏެވެ.
ނަމަވެސް ހަމަސް ދުވަހު އެތައް ތެރަޕީީ ސެޝަނެއް އަދި އެހެން ފަރުވާތައް ކޮށްގެން ތާރާގެ ކަނާތް އަތް ކޮންމެެވެސް މިންވަރަކަށް ރަނގަޅުވިއެވެ. އެހައި ހިސާބުން އާއިލާއިންވެސް ދިރިިއުޅުން މަނަދޫއަށް ބަދަލުކުރި ކަމަށާއި، އޭރު ތާރާއަށް ހަ މަސް ފުރިއްޖެ ކަމަށް ރިޝްފާ ބުންޏެވެ.
އޭގެ ފަހުން އަނެއްކާ ވެސް ތާރާގެ ހާލު ގޯސްވި ކަމަށް ތާރާގެ ބައްޕަ އަލީ ޖަވާދު ކިޔައިދިނެވެ. އޭރު ޑޮކްޓަރުން ބެލި ބެލުމުން ތާރާއަށް ޓީބީ ޖެހިފައިވާ ކަމަށް ލަފާ ކުރުމުން އާއިލާއިން ވަނީ ތާރާ ގޮވައިގެން އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައެވެ. އިންޑިއާއިން ބެލި ބެލުމުން ތާރާއަށް ޖެހިފައިވަނީ ޓީބީ ނޫން ކަން އާއިލާއަށް އެނގުން އެއީ އާއިލާއަށް ލިބުނު އުފާވެރިކަމެކެވެ.
އެ އުފާވެރިކަމުގައި އެދެމަފިރިން ތިބި ނަމަވެސް، ތާރާގެ ޓެސްޓްތަކުން އަނެއްކާ ވެސް އެކުޑަ އާއިލާއަށް ވަނީ މޮޅިވެރިކަން ލިބިފައެވެ. އެއީ ދެމަސް ފަހުން ލިބުނު ޓެސްޓް ތަކުގެ ނަތީޖާތަކުން ތާރާގެ "ޖެނެޓިކް" މައްސަލައެއް ހުރިކަން އެނގުމެވެ. އެކަން އެނގިފައިވަނީ މީގެ ދެހަފްތާ ދުވަސް ކުރިންނެވެ.
"އެއަށް މިކިޔަނީ ވިއެޑްމޭން ސްޓެއިނާ ސިންޑްރޯމް. މާނައަކީ ވާރުތާވާ ބައްޔެކޭ. ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް. ވެދާނެ އެއީ ބައްޕަގެ ފަރާތުގެ ކާފައިންގެ ކާފައިންގެ ފަރާތުން އައި އެއްޗަކަށް ވެސް." ޖަވާދު ބުންޏެވެ.
ޖަވާދު ބުނީ، އެ ބަލީގެ ސަބަބުން ތާރާ ބޮޑެއް ނުވާނެ ކަމަށާއި ބަރުދަނެއް ވެސް އިތުރު ނުވާނެ ކަމަށެވެ. "މީގެ ސަބަބުން ކުއްޖާގެ ސިކުނޑި އަދި ކިޑްނީ އަދި ލިވާގެ މައްސަލަތައް ދިމާވާނެ ކަމަށް އަދި މިހާރު ވެސް ނުވާކަމެއް ނޭނގޭ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ" ޖަވާދު ބުންޏެވެ.
ތާރާގެ އެފަދަ ބައްޔެއް ހުރުމާއި ގުޅިގެން މިވަގުތު ވެސް ތުއްތު ތާރާއަށް ލިބިފައި ހުރި ގެއްލުން ބުނާކަށް ނޭނގޭ ކަމަށާއި އާއިލާއިން ބޭނުންވަނީ ވީއެންމެ އަވަހަށް އިންޑިއާއަށް ފުރަން ކަމަށް ޖަވާދު ބުންނެވެ. އަދި ފުރުމަށް އާސަންދަ ހަމަޖެހި މި މަހުގެ 8 ވަނަ ދުވަހު މާލެ ގޮސް 12 ވަނަ ދުވަހު އިންޑިއާއަށް ފުރަން އާއިލާއިން އަންނަނީ ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް އަދި އެންސްޕާއިން އެއްވެސް އެހީއެއް ނުޖެހޭ ކަމަށް ޖަވާދު ބުންޏެވެ.
ތާރާގެ ކުޑަކުޑަ އާއިލާއިން އާއްމުންގެ އެހީއަށް އެދިފައިވަނީ ތާރާގެ ސިއްހި ފަރުވާއަށް ބޭރަށް ދާއިރު، އެތަނުގައި ހޭދަވާނެ ދުވަހެއް ނޭނގޭތީއާއި މާލީ ގޮތުން އާއިލާއަށް ދަތިތަކެއް ދިމާވެފައިވާތީއެވެ.
ތާރާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތާރާގެ މަންމަގެ ބީއެމްއެލް ދިވެހި ފައިސާ އެކައުންޓް (7720510121101- ފާތިމަތު ރިޝްފާ) ނުވަތަ ޑޮލަރު އެކައުންޓު (7720510121001) އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ތާރާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. ތާރާ އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 7454354 ނަންބަރު ފޯނަށް ގުޅުމަށް އާއިލާއިން އެދެއެވެ.
________________________________
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ. "
ރާއްޖޭގެ އުޅެނީ މަ ދުމީސްކޮޅެއް، އާސަން ދައިން ނުލިބޭގިނަ ބޭސްތަކެއް،، އާ ދައިގެ މީހުން ޖެހެނީ ސަލާން ޖަހަން ބޭސްފަރުވާ އަށް ،މީހުން ސަލާން ނުޖަހާ ބޭސްފަރުވާކުރެވަެނެ ގޮތް ސަރުކާރުން އެބަހޯ ދަ ދޭން ޖެހޭ🤔
ދުނިޔެ ތަރައްގީވެ ތަހުޒީބުވަމުން ގޮސް މިހާރު މިއޮތީ ޖަންގަލީގެ ގާނޫނު. މޮޅުމީހާއަށް މޮޅުގޮތް. ދެރަމީހާއަށް ދެރަގޮތް
ޝަފާކަﷲ
ބަނގުރޫޓުވެފަވާ ސަރުކާރުން ތިކަމަށް އާސަންދަ ހަމަޖަށްސައިފިއްޔާ ޝުކުރުވެރިވަން .
ރިޝްފާ އާއި ޖަވާދުގެ ދަރިފުޅަށް އަވަސް ޝިފާ މިންވަރު ކުރައްވާށި. އާމީން
އެއީ ވ. ލޯބި ކުއްޖެއް މާޝާﷲ ލޮލަށް ފެނި އުރާލެވުމުގެ ނަޞީބު ލިބުނު. ރިޝްފާމެން ދެމަފިރިންނާއި ޢާއިލާ އެދަރިފުޅަށް ޓަކައި ވ. ބޮޑެތި ޤުރްބާނީ ތަކެއްވަމުންދަނީ. ވ. ހިތްވަރުގަދަ. ކެތްތެރިކަން އިންތިހާ. މާތްﷲ އެދަރިފުޅަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން
އޭ މީނަ ކުރިންވެސް ރުފިޔާ ތަކެއް ހޯދާފަ މާލެއިން މުދާގަނުނީ