އިއްޔެ މެންދުރު 2:30 ހާއިރު، އުމުރުން 11 މަހުގެ ކުޑަ ފިރިހެން ކުއްޖާ އާއި އެ ކުއްޖާގެ ކޮއްކޮ ނިންދެވުމަށް ފަހު، މަންމަ އޮށޯތީ ނިދާށެވެ. އެކަމަކު މަންމަ އެނދުގައި އޮށޯވެ މާ ގިނަ އިރަކު ނޯވެވުނެވެ. މަންމަ އަށް ހޭލެވުނީ 11 މަހުގެ ކުއްޖާ ފެން ގަނޑަކަށް ވެއްޓި ހާޅޭއްލަވާ އަޑަށެވެ.

އދ. އޮމަދޫގައި ކުޑަކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މަންމަ އަށް ނިދި ޖެހުނު ވަގުތުގައެވެ. މެންދުރު ފަހު 3:30 ހާއިރު ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެ ގަޑިއަކީ އާންމުކޮށް ކުޑަ ކުއްޖާ ނިދާ ގަޑިއެވެ. ކުޑަ އިރުކޮޅަކަށް ޖެހުނު ނިދިން މަންމަ ހޭލައްވާލީ ކުއްޖާ ފެން ގަނޑަށް ވެއްޓިގެން އުޅޭ އަޑަށެވެ.

ކުއްޖާ ވެއްޓުނު ފެންގަނޑަކީ އެގޭގެ ގޯތި ތެރޭގައި މީގެ ތިން އަހަރުން ކުރިން ހަދާފައިވާ، ދިގު މިނުގައި ހަތް ފޫޓް ހުންނަ ފެންގަނޑެކެވެ. އެ ފެންގަނޑަށް ވެއްޓުނުކަން އެނގުނީ އެގޭގައި އުޅޭ އޭނާގެ ބޭބެއެކެވެ. ކޮޓަރި ތެރޭގައި އެ ކުއްޖާ ނެތްކަން އެނގިގެން ހޯދިއިރު ފެނުނީ ފެންގަނޑު ތެރެއިންނެވެ.

އާއިލާގެ މެމްބަރަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި ކުއްޖާ ފެންގަނޑަށް ވެއްޓުމުން ފެންގަނޑުން ނަގައި އަވަސްވެގަތީ ސިއްހީ މަރުކަޒަށް ގުޅައި އެކަން އެންގުމަށް ފަހު އޭނާ ގޮވައިގެން އެ ދިމާލަށް ދިޔުމަށެވެ. އެ ގެ ހުންނަނީ މަރުކަޒު ކައިރީގައިކަމުން މާގިނަ އިރުތަކެއް ނުވަނީސް ސިއްހީ ހިދުމަތްތެރިއަކުވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ވަގުތަށް" ވިދާޅުވީ މަގުމަތިން އެ ކުއްޖާއާ ހަވާލުވެ ނޭވާލައްވަން ސިއްހީ އެހީތެރިޔާ އޭރު މަސައްކަތް ކުރި ކަމަށެވެ.

އެ ކުއްޖާ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން ވަރަށް މަސައްކަތްކުރި ކަމަށް އޭނާގެ ބޭބެ ކިޔައިދިނެވެ. "45 މިނިޓެއްވަންދެން މަސައްކަތްކުރި" އޭނާ ކިޔަދިނެވެ. އެކަމަކު ކުރި މަސައްކަތް ނާކާމިޔާބުގެ މެންދުރު 3:30 ހާއިރު ކުއްޖާ ނިޔާވިއެވެ.

އެ ފެންގަނޑަކީ އެގޭގެ އެއްވެސް ކުއްޖަކު ކައިރިވާ ފެންގަނޑަކަށް ނުވާތީވެ އާއިލާއިން އެކަމަށް މާބޮޑަށް ވިސްނާފައެއް ނެތެވެ.

"ފެންގަނޑު ކައިރިއަށްވެސް ކުއްޖަކު ނުދާނެ" އޭނާ ކިޔަދި ދިނެވެ.

ކުޑަ ކުއްޖާ އަށް ކޮޓަރިން ބޭރަށް ނިކުމެވުނީ އެއްވެސް މީހެއްގެ އެހީއާއެކުތޯ ސުވާލު ކުރުމުން އޭނާ ބުނީ ބޭރަށް ނިކުމެވުނީ ކޮޓަރީގެ ދޮރު ރަނގަޅަށް ނުލެއްޕި ހުރީމަ ކަމަށެވެ.

ދިމާވި ހިތާމަވެރި ހާދިސާއާއެކު މަސްފެންގަނޑު އިތުރަށް ބޭނުން ނުކުރެވޭ ގޮތަށް އާއިލާއިންވަނީ ހުސްކޮށްފައެވެ.

ކުއްޖާގެ މަރާއެކު މުޅި އާއިލާއަށްވެސް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ހާއްސަކޮށް ކުއްޖާގެ މަންމައަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

"ގޭ ތެރެ އޮންނަނީ ފަޅުކޮށް" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާއިންވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ތިގެ އެކަނޏެއް ނޫން. ރާއްޖެތެރޭ ހުރިހާ ގެއެއް ހުންނާނީ ފަޅައް. އެންމެން މާލޭގަ

  2. ޔާ ﷲ

    😭💔

  3. ސީނު

    މީ މައިންގެ ހާލު. ނިދާލަންދެން ފާޚާނާކޮށްލަންދެން، ކާލަންދެން ދަރިން ބަލާލަދޭނެ މީހަކުނުވާނެ.. މަސްކަތްކޮށްކޮށް ވަރުބަލިވެގެން ނިދެނީ އެފަދަގޮތަކަށް.....