މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް އާއްމުވެފައި އޮތް ބޮޑު މައްސަލައެކެވެ. އެފަދަ އެތައް މައްސަލައެއްގެ ޚަބަރު ކޮންމެ ދުވަހަކު ވެސް އިވެމުން ދެއެވެ. އެފަަދަ އެތައް ފޯނު ކޯލެއްގެ ރެކޯޑިން ކޮންމެ ދުވަހަކު މީސް މީޑިއާ އިން ފެނެއެވެ. އަޑުއިވެއެވެ. ޔަގީނުން ވެސް މިފަދަ އެތައް މައްސަލައެއް ކޮންމެ ދުވަހަކު ފުލުހުންނަށް ރިޕޯޓް ވެސް ކުރެވެމުން ދާނެއެވެ. ނަމަވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ނުހުއްޓުވެއެވެ.

މިފަދަ މައްސަލަތައް ނުހުއްޓޭ އެއް ސަބަބަކީ ވިސްނައި ނުލައި އަޅުގަނޑުމެންނަށް ވެސް ކުރެވޭ ބައެއް ކަންތައްތަކެވެ. އެގޮތައް ކަންތައް ކުރެވެން މެދުވެރިވާ ސަބަބުތައް ވެސް އެބަހުއްޓެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަން ގުޅާ މީހުންގެ ބަސްމަގު ހުންނަ ގޮތުން އެއީ ގާތް ރަހުމަތްތެރިއެއްކަން ނުވަތަ އިތުބާރު ކުރެވޭ ވިޔަފާރިއެއްކަމަށް ހީކުރެވެއެވެ.

ދާދިފަހުން އަޅުގަނޑަށް ދިމާވި ކަމެކެވެ. އޮފީހުގެ މަސައްކަތް ނިންމާލުމަށް ފަހު ހަވީރު ގެއަށް ގޮސް ޖައްސާލިތަނުން ނުދަންނަ ނަމްބަރަކުން ފޯން ކޯލެއް އައެވެ. ފޯނު ނެގުމާއިއެކު ބުންޏެވެ. "ކިހިނެއް ހެއްޔެވެ؟ ކީއްކުރަނީ ހެއްޔެވެ؟" ގުޅައިގެން އުޅެނީ ކާކުކަން ނޭނގޭތީ އަޑާއި މެދު ވިސްނާލަމުން ހާލު ރަނގަޅު ކަމަށާއި އެކަމަކު ތިއީ ކާކުކަން ނޭނގޭ ކަމަށް ބުނީމެވެ.

އެހެން ބުނުމާއިއެކު އެކޮޅުން ވާހަކަ ދެއްކި މީހާ ބުނީ ތިމަންނަ އަކީ ކާކުކަން ނޭނގުނީމަ ވަރަށް ދެރަވެއްޖެ ކަމަށެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން އަޅުގަނޑު އެންމެ ރައްޓެހި ވާނީ ކާކާތޯ ދެން އޭނާ ސުވާލު ކުރިއެވެ. އަޅުގަނޑު ރަހުމަތްތެރިއެއްގެ ނަން ބުނީމެވެ. ބުނުމާއިއެކު އޭނާ ދެން ބުނީ މިއީ އަޅުގަނޑު އެބުނި ރަހުމަތްތެރިޔާ ކަމަށެވެ.

ރަހުމަތްތެރިޔާގެ އަޑަށް ބަދަލު އައިސްފައި ހުރުމުން އެވާހަކަ އަޅުގަނޑު ބުނީމެވެ. ދެން އެކޮޅުން ވާހަކަ ދެއްކި މީހާ ބުނީ މާސްކް އަޅައިގެން ހުރުމުން އަޑު ބަދަލުވެފައި ހުރީ ކަމަށެވެ. ފޯނުގައި ފައިސާ ނެތުމުން އެހެން މީހެއްގެ ފޯނުން ގުޅީކަމަށެވެ. އެހައި ހިސާބުން ދެން އަޅުގަނޑު ވެސް އެކަން މާބޮޑު މައްސަލައަކަށް ނުހަދަމެވެ.

އަޅުގަނޑުގެ "ރަހުމަތްތެރިޔާ" ދެން ދިނީ މާހިތާމަވެރި ޚަބަރެކެވެ. އޭނާގެ މަންމަގެ ސިކުނޑީގެ ނާރަކަށް މައްސަލައެއް ދިމާވެ އެމަޖެންސީގައި މާލެ ގެނެސްފައިވާ ޚަބަރެވެ. ކުއްލިއަކަށް ކުރަން ޖެހޭ ޚަރަދެއް ކުރުމަށް ފައިސާ ކޮޅެއް ބޭނުންވާތީ އެފަދަ އެހީއަކަށް އެދުނެވެ. އަޅުގަނޑު ބުނީމެވެ. މަހުގެ ފަހުކޮޅު ކަމަށް ވުމުން މާބޮޑު އެހީއެއް ދެވޭކަށް ނެތެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ އެހީއެއް ވެދޭނަމަވެ. ބޭނުން ވަނީ ކިހައިވަރެއް ހެއްޔެވެ؟

"ރަހުމަތްތެރިޔާ" ބުނީ މާބޮޑު އެއްޗެއް ބޭނުން ނުވާކަމަށާއި 2000 ރުފިޔާ އޯކޭ ކަމަށެވެ. އަޅުގަނޑު އެވަރު ދެވިދާނެ ކަމަށާއި އެކައުންޓް ނަމްބަރު ފޮނުވުމަށް އެދެމުން ފޯނު ބާއްވައިފީމެވެ. ފޯނު ބޭއްވުމާއިއެކު އެކައުންޓް ނަމްބަރު ފޮނުވައިފިއެވެ.

އެކަމަކު އެއެކައުންޓަށް ފައިސާ ޖަމާކުރަން އަޅުގަނޑުގެ ހަވަނަ ހިއްސު ދެކޮޅު ހަދައިފިއެވެ. އެހައި ހިސާބުން އަޅުގަނޑުގެ "އަަސްލު ރަހުމަތްތެރިޔާ" އަށް ގުޅާލާ ހިތްވެއްޖެއެވެ. "އަސްލު ރަހުމަތްތެރިޔާ" އަށް ގުޅާލުމުން އޭނާ ބުނީ އެހެން ނަމްބަރަކުން ވެސް އޭނާ އަޅުގަނޑަށް ނުގުޅާ ކަމަށާއި މަންމަ ބަލިވެގެން ނޫޅޭ ކަމަށެވެ. އޭނާ ހުރީ ރިސޯޓްގައި ކަމަށާއި ފައިސާގެ އެހީއަކަށް މީހަކު ކައިރީ އެދިފައި ނޯންނާނެ ކަމަށް ވެސް ބުންޏެވެ.

2000 ރުފިޔާ އަތުން ގެއްލުމާއި ދާދި ގާތައް ގޮސްފައި އެފައިސާ ނުގެއްލި ސަލާމަތް ވުމުން ލިބުނު ހިތްހަމަޖެހުމާއި، މިފަދަ ކަންކަމާއި ކުރިމަތިވެ އެތައް ފައިސާއެއް އަތުން ގެއްލިގެން ގޮސްފައިވާ މީހުންނަށް ލިބިފައިވާ ހިތާމަ އިހްސާސް ކުރެވުމުން ވަރަށް ދެރަވިއެވެ.

ފޭސްބުކް ބަލާލުމުން އަޅުގަނޑަށް ގުޅި ނަމްބަރުން އެހެން މީހަކަށް ވެސް ގުޅައި ހަމަ އަޅުގަނޑު ކައިރީ ދެއްކި ވާހަކަ ދައްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރި ޕޯސްޓެއް ފެނުނެވެ.

ގާތް ރަހުމަތްތެރިއަކަށް ވެގެން އޮޅުވާލައިގެން އެހީއަކަށް އެދުނީ ވަރަށް އާދޭހާއިއެކުއެވެ. ނަމަވެސް އެއާދޭހުގެ އަޑުގައި ވަނީ މަކަރާއި ހީލަތެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާތައް ފޭރިގަތުމުގެ އަނިޔާވެރި އަމަލެކެވެ.

ފޯން ނަމްބަރުގެ ވެރިފަރާތާއި އެކައުންޓްތަކުގެ ވެރިފަރާތާއި އަދި އެކައުންޓުން ފައިސާ ނަގާ މީހާ ވެސް ދާދި ފަސޭހައިން ހޯދޭ މިޒަމާނުގައި މިފަދަ އެތައް ކުށެއް ތަކުރާރުކޮށް ހިނގަމުން ދިއުމަކީ ބޮޑު މައްސަލައެކެވެ. ގާނޫނުގެ އަތް ކުށްވެރިންނާއި ހަމައަށް ފޯރުން ލަސްވެގެން ދިއުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް ލިބޭ ގެއްލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ތިމީހަކު މަށަށްވެސް ގުޅި. ހަމަތިގޮތަށް ވާހަކަ ދައްކާފަބުނީ ވައިފް ވިހަން ހޮސްޕިޓަލްގަ އޮތްވާހަކަ، އަދި މިވަގުތު އަތުގަ ލާރި ނެތުމުން 1000 ރުފިޔާ ދޭށޯ 2 ގަޑިއިރުފަހުން ދޭނަމޯ.

    • އަލިބެއްޔާ

      ދެން އަހަރެން އިތުރަށް 1000ރ ލާފަ 2000ރ ފޮނުވާފިން.. އޭގެ ފަހުން އަހަންނަށް މި އެނގުނީ ރަޙުމަތްތެރިއާ މީހަކާ ނީންނަކަން.. ކަލޭމެން ބުނާނެ އަހަރެން ޤަމާރޭ.. ތަންކޮޅެއް ބޮޑުވަރުދޯ މި.. ހެހެހެހެހެ..

  2. ރައްޔިތުމީހާ

    ތަނެއްގައި އަދުލުވެރި، ޝަރިއަތެއް، އިންސާފެއް ނެތިއްޖެ ތަނެއް ހަމަޖެހުމެއް ނޯންނާނެ
    އާއްމު ރައްޔިތުމީހާ ލޯބޯ ފިއްސައިގެން ހޯދާ ރުފިޔާ ކޮޅު ފޭރިގަތީމަ ފޭރިގަތް މީހާއަށް ހުރިހާ މަންފާއެއް...އެމީހަކު ހޯދޭނެގޮތެއް ނޯންނާނެ....ކުއްވެރިއެއް ނުވާނެ... ކުއްވެރި ވެއްޖެނަމަ އަދަބެއް ނުލިބޭނެ

    5
    2
  3. ވާގޮނުސްކޮ

    ާތިޔަ ކަހަލަ ޖަރީމާ ތައް ހިންގަނީ ސީދާގޮތުން ނޫނަސް ބެންކުތަކުގެ މުއައްޒަފުންގެ ހިއްސާއޮވެގެން ކަމުގަބެލެވޭ.

    9
    1
  4. އަހްމަދު

    އަޅުގަނޑަށްވެސް ތީގެ އެތައް ތަޖުރިބާއެއް ކުރެވިއްޖެ ފުރަތަމަ ގުޅީ ސަފާރީއަކުން ކެއުންތައްޔާރުކުރަން ދެންގުޅީ ސަފާރީއަކުން މުދާ ސަޕްލައިކޮށް ދިނުމަށް އެދި ދެންގުޅީ ޑޮކްޓަރަކަށްވެގެން ދެންގުޅީ މަގޭ ނަމްބަރަކީ އެގުޅިމީހާގެ ކުރިން ބޭނުންކުރިބނަމްބަރެކޭ ކިޔާފަ

  5. އަލީ ބޮޚާރީ

    އައްޑޫގަ މިހާރު ތިކަން ވަނީ އާނމު ކަމަކަށް ވެފަ. ކައްޓެއު ބޮޑުމީހަކީ

  6. ސީނު

    އަނިޔާ ލިބޭ މީހުންނަށް ވުރެ ތި ކުއްވެރިންގެ ހައްގު މިގައުމުގައި މާބޮޑު...

    • އަފްޣާނީ

      ޠާލިބާނުންގެ ވެރިކަމެއްގައި އެއްފަހަރު ވައްކަން ކުރެވޭނީ.. ދެވަނަ ފަހަރު އެ ވައްކަން ކުރި މީހާގެ އަތް މަދުވާނެ.. ދެން ތިބި ވަގުންނަށް ފިލާވަޅަކަށް ވާނެ.. ހެހެހެހެ