ހާއިފް އަހުމަދު (ޗައިނާ) 31، އޭނާގެ ޒުވާން، ދުވަސްތައް ހޭދަކުރީ މޫދާ ދޯޅު ހަށިހެޔޮ ޒުވާނެއްގެ ގޮތުގައެވެ. މ.މުއްޔަށް އުފަން އެ ޒުވާނާ އަކީ ނަން މަޝްހޫރު އެތުލީޓެކެވެ. އޭނާ އަކީ އެ ޒުވާނެއްގެ ފަރާތުން އެހެން މީހުންނަށް އުންމީދާއި އާރޯކަން ގެނުވި ނަމޫނާއެކެވެ. ރާޅާ އެޅުމާއި، ފީނުމުން ފެށިގެން މަސްވެރިކަމާއި ހަމައަށް ބެލިއަސް ހާއިފް އަކީ މޫދާއި ނުހަނު ރައްޓެހި މީހެކެވެ. މޫދުގެ ރާޅުތަކު ތެރޭގައި ހޮޅިލަމުން، މޫދުގެ ހިތްގައިމުކަމުގެ ތެރެއަށް ބޮޑުވެގެން އައި ހާއިފްގެ މުޅި ހަޔާތް ބަދަލުކޮށްލީ މީގެ ނުވަ ވަރަކަށް އަހަރު ކުރިން ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ.

އެކުވެރިންނާއެކު ފީނަން ގޮސް، މޫދު އަޑީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު މައްޗަށް އެރުމާ ހަމައަށް ވެސް ހާއިފް އަށް އެ ދުވަހަކީ އޭނާގެ "މޫދު" ސޮފްހާ އިން އާއްމު ދުވަހެކެވެ. އެކުވެރިންނާއެކު ހޭދަކުރަމުން އައި ދުވަސް ބަނަކޮށްލީ ފީނާ ނިމުނުފަހުން ކުއްލިއަކަށް އޭނާގެ އުނަގަނޑަށް އެރި ވޭނީ ތަދަކާ އެކުގައެވެ. އެ ހާދިސާވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައި ހާއިފްގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖަހާލި ހާދިސާއަކަށެވެ. އެ ހާދިސާއަށް ފަހު، މޭކަށިގަނޑުން ތިރި އެއްކޮށް ހުންނަނީ ވާގި ދޫވެފައެވެ. އުޅެން ޖެހިފައި ވަނީ ދެ ފުރޮޅުލީ ގޮނޑިއެއްގައެވެ.

"ކުރީގައި އުޅުނީ ސަފާރީގައި މަސައްކަތް ކުރަން. ދޭތެރެއަކުން ޑައިވިން އަށް ވެސް ފައިބަން. ދޭތެރެއަކުން ދަން ރައްޓެހިންނާއެކު ރާޅާ އަޅާލަން. ދެން ލޯންޗެއްގައި ފަހުން އުޅެފައި ފޭބީ. ފައި މަސައްކަތް ނުކުރަން ފެށީ އަށް ވަރަކަށް އަހަރު ކުރިން ހިނގި ހާދިސާއަކަށް ފަހު. އެކުވެރިންނާއެކު ދިޔައީ. ގޮސް އުޅެނިކޮށް އުނަގަނޑަށް ކުއްލި ތަދެއް އެރީ. ބަނޑޮހަށް ގެންގޮސް ބަލާފައި އެމީހުން ބުނި ޑީކޯގެ އެއްވެސް އަލާމަތެއް ނެތޭ. މޭކަށިގަނޑުން ތިރި ވާގިދޫވެފައި ހުންނަނީ." ހާއިފް ކިޔައި ދިނެވެ.

ހާއިފް މަސް ބޭނުމުގައި އާއި ބުރު ޖެހުމުގައި

ތަފާތު އެކި ފަހަރުމަތިން ސިއްހީ އެކި މަރުހަލާތަކުގައި ހާއިފްގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަމެއް އޮތްތޯ އޭނާ އައީ އޮޅުން ފިލުވަމުންނެވެ. އޭނާގެ ހާލަތު ރަނގަޅުވެ އަލުން އަމިއްލަ ފައިމައްޗަށް ތެދުވުމާ މެދު ބައެއް ޑޮކްޓަރުން ދިނީ ނާއުންމީދީ ޖަވާބެކެވެ. ނަމަވެސް އެ ޖަވާބުތަކުން ހާއިފްގެ އަޒުމަކަށް ގުޑުމެއް ނާދެއެވެ. އޭނާ ހުރީ ފައްސި ޚިޔާލުތަކާއެކު ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައެވެ.

" އިންޑިއާ އިން ދިން އުންމީދެއް. ފިޒިއޯތެރަޕީ ހަދައިގެން ރަނގަޅުވެދާނެއޭ. އިންޑިއާއިން އަރްޔުވެދިކް ތަނަކަށް ދިޔައީމަ ބުނީ ރާއްޖޭގައި މޫދު އޮންނާތީ މޫދަށް ގޮސް ފަތާ ހަދަންވީ ނޫންހޭ. އެހިސާބުން މޫދަށް އެރި މޫދު ކަސްރަތު ކުރަން ނިންމީ. އެފަހުން ހައެއްކަ އަހަރު ވެދާނެ." ހާއިފް ބުންޏެވެ.

އުނަގަނޑުން ތިރީގައި ވާގި ނެތުމުން އެންމެ ފުރަތަމަ ހާއިފް އަށް ވިސްނުނީ އޭނާ އަށް ދެން ރާޅާ އަޅަން ނުދެވޭނެ ކަމެވެ. ރާޅާ އަޅާ މަންޒަރު ބަލަން ގޮސް ހުންނަ އިރު ހާއިފްގެ ހިތަށް އަބަދުވެސް އަރާ ވާހަކަ އަކީ " ރަނގަޅަށް ހުރި ނަމައޭ" ހިތާއި ހިތާ ކުރާ ސުވާލެވެ. ހާލަތު ނިޔާކުރި ގޮތުން ފުރޮޅުލީ ގޮނޑިއެއްގައި އުޅެން ޖެހުނު ހާއިފްގެ އުންމީދަކަށްވީ އޭނާ އަށް ރާޅާ އެޅުމުގައި މެދުވެރިޔަކަށް ވާނެ މިތުރެއް ލިބުމެވެ.

ހާއިފްގެ ވާހަކަ އަށް އައިހަމް އަދުނާންގެ ވާހަކަ ގުޅޭ ހިސާބަކީ މިއީއެވެ. އެއް ރަށަކަށް އުފަންވި ނަމަވެސް ހާއިފް އާއި އައިހަމްގެ ލޭގެ ގުޅުމެއް ނެތެވެ. އަދި އާއިލީ ހަސަބާއި ނަސަބުގެ ގޮތުން ވެސް އެ ދެ މީހުންގެ ގުޅުމެއް ނެތެވެ. އެކަމަކު އެ ދެ މީހުންގެ ގުޅުން އެ އަށް ވުރެ ގާތްވެފައި ވަރުގަދައެވެ. އެ ގުޅުން މާ ސާދާވެފައި ހިތްގައިމެވެ.

ރާޅާއަޅަން ދާން ކެތްމަދުވެފައި ހުރި ހާއިފްގެ "މައިބަދަ" އަކަށްވީ އައިހަމް ހެޔޮހިތުން ދިއްކޮށްލި އެކުވެރިކަމުގެ އަތެވެ. އައިހަމް ބުނާގޮތުން ހާއިފް ގޮވައިގެން ރާޅާ އަޅަން ދާން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އިސާހިތަކު ރާޅު ރީތި ކޮންމެ ދުވަހަކު ތާވަލުގެ އެންމެ ކުރީގައި އޮންނަ ކަމަކީ ހާއިފް އާއެކު ރާޅާ އެޅުންކަމަށް ވެއްޖެއެވެ. ކޮންމެ ދުވަހަކު އެކުވެރިޔާ ގޮވައިގެން ރާޅާ އަޅަން ދިއުމަކީ މިހާރު އޭނާ އަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ހާއިފް އާއި އައިހަމް އެކުގައި.

މިގޮތަށް ރާޅާ އަޅަން ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިހަކަށް ދުވަހު މީސްމީޑީއާގައި ވަނީ އާއްމުވެފައެވެ. އުމުރުން 19 އަހަރުގެ އައިހަމް އޭނާގެ އަތްދަނޑިމަތީގައި އެކުވެރިޔާ ފުރޮޅުލީ ގޮނޑިއާ ހަމައަށް ގެންދާ މަންޒަރު ވެގެންދިޔައީ ގިނަ ބަޔަކަށް ޖަޒުބާތީ މަންޒަރަކަށެވެ. އައިހަމް އާއި ހާއިފްގެ އެކުވެރިކަމަށް ސާބަސްދިން އިރު އާއްމުންނަށް ހާއިފްގެ ނުގުނޑާ ހިތްވަރު ވެސް އެހާމެ ކަމުދިޔައެވެ. ރާޅުތަކު ތެރޭގައި ބޮޑީބޯޑްގެ އެހީގައި ހާއިފް ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އިން ހިތަށް ގެނުވަނީ ހިތްހަމަޖެހުމެވެ. ލޯބިކުރާ ކަމެއްގެ ތެރޭގައި ވަގުތު ހޭދަކޮށްލެވުމުގެ ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފެނެއެވެ.

ހާއިފް އާއި އައިހަމް އައި ދެ މީހުންގެ ވާހަކަތަކުން އެނގެނީ ލޭގެ ގުޅުމެއް ނެތަސް ދެ މީހުންނެކޭ އާއިލާ މީހުންނެކޭ އެއްފަދަ ކަމެވެ. އެ ދެ މީހުންގެ އެކުވެރިކަމަކީ ނަމޫނާއެކެވެ.

"އައިހަމް އެއީ މި ރަށުގައި ތިމާގެ މީހެއް ވެސް ނޫން. ރައްޓިއްސެއް. އެވަރުގެ ގާތް މީހެއް ނެތް މިކަމުގެ ތެރޭގައި." ހާއިފް ބުންޏެވެ.

" އެއީ ރަހުމަތްތެރި އެއް. މިހާރު ވަރަށް ކައިރި. ރާޅު ރީތިއްޔާ، އޭނަ އަށް ދުއްވޭ ކަހަލަ ރާޅު ހުރިއްޔާ ދަން. އެއްގަޑި އިރު ނޫނީ ތިރީސް މިނިޓް ކުރިން ގުޅާފަ ބުނަން ތައްޔާރުވާށޭ. ކުޑަ ވަގުތުކޮޅެއް ނަގާނެތާ ތައްޔާރުވާން."

ހާއިފް ރާޅާ އަޅަނީ.

މިއަދު ދެ އެކުވެރިންކަމުގައި ވީނަމަވެސް ހާއިފް އާއި އައިހަމްގެ އެއަށް ވުރެ މާނަފުން ގުޅުމެއް އެބައޮތެވެ. އަދި އެކުގައި ރާޅާ އަޅަން ދާތާ އަހަރެއްހާ ދުވަސްވީ ނަމަވެސް ދެ މީހުންގެ އެއަށް ވުރެ ދިގު މާޒީ އެއް އެބައޮތެވެ. ރާޅާ އަޅަން ދަސްކޮށް އެކަމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިރު އައިހަމް އަށް އެހީތެރިވި މީހަކީ ހާއިފް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ރާޅާ އަޅަން ދާން ބޯޑެއް އެއްޗެއް ނެތް ދުވަހު ހާއިފް ދިއްކޮށްލި އެހީތެރިކަމުގެ އަތާއި، އޭނާގެ ފޮނި ބަސްތައް އައިހަމްގެ ޅަ ސިކުނޑީގައި އަދިވެސް ތާޒާކަމާއެކު ހަރުލާފައިހުރެއެވެ.

" ބޯޑާ އެއްޗެހިވެސް ހޯދަ ދޭނެ އޭނަ. ދެން ބުނާނެ ރާޅު ތެރޭ އޮންނަ އިރު އެހެން ހަދާށޭ މިހެން ހަދާށޭ." އޭނާ ބުންޏެވެ.

އެހެންވީމަ އައިހަމް އަށް ހާއިފް އަކީ ކޮންމެވެސް ސިފައެއްގައި މުދައްރިބެކޭ ވެސް ބުނެވިދާނެއެވެ. ހާއިފް ކިޔާދިން ގޮތުން އޭނާ ވަނީ ކުރިން އޭނާ ރާޅާ އަޅަން ދިޔަ އިރު އައިހަމް ފަދަ ފުރާވަރުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

" އޭރު އައިހަމް މެން އަންނަ އިރު ކުޑަ އިރުއްސުރެ ދާ މީހެއްވީމަ އަލަށް ރާޅާ އަޅާ މީހުންނަށް ވަރަށް އުނދަގޫވާނެ ބޯޑާއި އެއްޗެހި ހޯދަން. އަލަށް ފަށާ ކުދިން ވީމަ ނުވެސް ކެރޭނެ ދޯ ގެސްޓުން ކައިރީ ބުނަންވެސް ބޯޑު ހޯދަން." ހާއިފް ބުންޏެވެ.

ރާޅާ އެޅުމަށް އޮތް ލޯތްބާއި އެމީހުންގެ އެކުވެރިކަމުގެ ގުޅުމަކީ މިއަދު ލާމަސީލު މިސާލެކެވެ. އެންމެ ބޭނުންވި ވަގުތު އަދާކޮށްދިނީ އަމިއްލަ އެދުމެއް ނެތް ފުރިހަމަ އެހީތެރިކަމެވެ. މިއަދު އެ މީހުން އެދެނީ އެފަދަ ސީދާ ސާދާ ތެދުވެރި އެކުވެރި ކަމަކަށެވެ. ހާލަތާއެކު ބަދަލު ނުވާނެ، އެކުގައި ހުންނާނެ ރަހުމަތްތެރި އަކު ލިބުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއާރިފް

    ށުކުރިއްޔާ އައިހަމް، ތީ ދިވެހި ދަރިންނަކީ

    43
    • އަޙްމަދު ނަޝީދު

      މާޝާﷲ. އައިހަމްގެ ތި ލޯބީގެ އަމަލި އެހީތެރިކަމުގެ އަގުކިރިތިﷲ އައިހަމް އަސްދެއްވާނެ ކަމަކީ ޝައްކެއް އޮތްކަމެއްނޫން. ބޭބެގެ ނަޞޭޙަތަކީ މިޒަމާނުގެ ފުރާވަރުގެ ހުރިހަކުދިންވެސް އެކުވެރިކަމާއެކު ތިފެށޭ ގާތްގުޅުގެ ތެރެއިން ކިރިތިﷲ ޙާރާމް ކުރައްވާފައިވާ މަސްތުވާތަކެތި ބޭނުންކުރަންފެށެނީ. މީހަކު އެކަމާ ބެހޭ ގޮތުން ބުނާނެ ކޮންމެސް ވަހަކައެއް. އަޞްލަކީ ހަމަ ވިޔާނުދާކަން. އައިހަމްމެން ދެކުދިން އެމަގުން ނުދާތި. އެކުވެރިކަމާ ލޯތްބާ އަޅާލުމާއެކީ މަސައްކަތް ކުރާނަމަ އިންޝާﷲ ހާއިފް އަށް ހިނގޭނެ ދުވަހެއްދައްކަވާނެ. ﷲއީ ހުރިހަ ކަމަކަށް ކުޅާދުންވަންތަ ކަލެއްކަން ޤަބޫލުކުރޭ. ދެކުދިން އެކުގައި މޫދަށްތިދާ ގޮތަށް އައިހަމްވެސް ހާއިފް ގޮވައިގެން މިސްކިތަށްގޮސް ނަމާދުކޮށް ޤުރުއާން ކިޔަވާނަމަ ތިޔަށްވުރެ ރަނގަޅު ދެ ރަޙްމަތްތެރިން ނުފެންނާނެ. އެގޮތުގެ މަތިން ދެކުދިންގެ ޢަމަލުތަށްބަހައްޓާ ﷲ އަށް ދަންނަވާހަދަމުން ސަބަބުތަކުގައި ހިފައިގެން ކުރާމަސައްކަތް ﷲ ކާމިޔަބު ކުރައްވާނެ ކަން އަބަދުވެސް ހަޤީންކޮށްގެން އެގޮތުގަ މަސައްކަތްކުރޭ

  2. މަމެން

    އުންމީދަކީ ހާއިފް އަށް ހިނގޭނެ ދުވަހެއް ދެއްކެވުން، އައިހަމް އައް ހެޔޮ ޖަޒާ ދެއްވާށި.
    މ. މުލީ އިންވެގެން އޮންނަ ބޯހުރާ އަކީ ދުނިޔޭގެ މައްސޫރު ރާޅާއަޅާ މީހުން ޒިޔާރަތްކުރާ ތަނެއް،
    އެކަމަކު އެތަނަކީ އެއްގަމު ފަރާތުން ފައިބަން އުނދަގޫ ހުސްގާ އޮންނަ ރަށެއް،
    އުންމީދަކީ މ. މުލީ ކައުންސިލުން އެފަދަ ކުދިންނަށް އެތަނައް ފޭބޭނެ ފަށޭހަ ގޮތެއް ހަމަޖައްސައި ދިނުން.

    11
  3. ހެޔޮހިތަކުން ހެޔޮދުޢާ....

    މާ ޝާ ﷲ! ﷲގެ ރަޙްމަތްފުޅުން ހާއިފަށް ދުޅަހެޔޮ ޞިއްޚަތަކާއި، ހިނގާބިނގާވެ އުޅުން މިންވަރު ކުރައްވައި، އެކުވެރިޔާ އައިހަމް އަށް ރައްކާތެރި ކަމާއި، ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން. (ރަނގަޅު އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ.) ހަމަ މިއާއެކު ހިތަށް އަރަނީ، އާދައިގެ ކޮންމެ ރައްޔިތަކަށް ވެސް ޞިއްޚީ ބޮޑު ކަމަކަށް ފަރުވާ ހޯދަންޏާ އަބަދުވެސް ފެންނަނީ "އިންޑިއާ" އިން ފަރުވާ ހޯދި ނުވަތަ ހޯދަމުންދާ ވާހަކައެވެ. އެހެންކަމުން އިންޑިއާ އަކީ ދިވެހިންނަށް ވަރަށް މުހިންމު ޤައުމެއްކަން ހާމަވެއެވެ. ކަން މިހެން އޮތްއިރު، ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައި އެޤައުމަށް އެއްޗެހި ގޮވުން އެއީ ބޭސްފަރުވާ ބޭނުންވެފައި ތިބި އާދައިގެ ރައްޔިތުންނަށް ދެވޭ ގެއްލުމަކަށް ވެދާނެ އެވެ. މިބުނީ އެޤައުމުން ދިވެހިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ ވާހަކައެވެ.

    11
    3
  4. ކޭ

    ގާތްތިމާގެ މީހުންނަށް ވުރެ ދުރުރައްޓެހިންވެސް މާރަނގަޅުވާނެ.

    16
    • ސޭޓު

      އާންމު ގޮތެއްގަ މިހާރު ވަނީ އެހެން. ގާތް ތިމާގެ މީހާ ކައިރި އެހީތެރި ކަމަކަށް އެދުމަށްވުރެން ދުރުމީހުން ކައިރި އެހީތެރިކަމަށް އެދުން މާރަގަޅު އަދި ކޮަށްވެސް ދޭނެ. ގާތްމީހާ ކޮންވެސް ބަހަނާއެއްދައްކާ ނުކޮއްދީ ވާނެހާ އެއްޗެއްކިޔާ ނުކޮށްދޭނެ. މީހަމަ ހަގީގަތް ނޫންތާ!

  5. ކެމްޕަޗީ

    ޗައިނާ ތީ ޕަބްޖީގަވެސް އެއްވަނަ.