މީހެއްގެ މަރު އައިސް ޖެހޭނެ ވަގުތެއް ނޭނގޭނެއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަނިކޮށް ވެސް މަރު އަތުވެދާނެއެވެ. ނޫނީ މަސައްކަތެއްގައި މަޝްއޫލުވެ އުޅެނިކޮށް ވެސް މަރު އަތުވެދާނެއެވެ. އެކަން ވާނެ ވަގުތެއް، ވާނެ ތަނެއް ބުނެދޭކަށް ނޭނގެއެވެ.

މިއީވެސް ކުއްލި މަރެކެވެ. އެތައް ބަޔަކަށް ހިތާމަވެރި ޚަބަރެކެވެ. ގިނަ ޒުވާނުންނާއި ގުޅިގެން އުޅޭ ޒުވާނެއްގެ ކުއްލި މަރެކެވެ. މުޅި މީސް މީޑީއާ ހިތާމައިން ތެންމާލިއެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ބ.މާޅޮހުގައި ނިޔާވީ މާލެއަށް އުފަން އާދަމް އަބްދުއްރަހްމާން (ދާނު) އެވެ.

އޭނާއަކީ އެރަށުގައި އަމިއްލަ ޑައިވް ސެންޓަރެއް (މޯލްޑައިވާސް) ހިންގަމުން އަންނަ ރަށުގެ ގިނަބަޔަކާއި ގުޅޭ ޑައިވް އިސްޓްރަކްޓަރެކެވެ. ކޮންމެ ދުވަހަކުހެން އެކި މީހުން ގޮވައިގެން ޑައިވިން ނުވަތަ ސްނޯކްލިންގް އަށް ދާ ދާނުގެ ކުއްލި ވަކިވުން ވެގެން ދިޔައީ ގާތް މިހުންނާއި އާއިލާއާ ރަހުމަތްތެރިންގެ ލޮލުން ކަރުނަ ނުހިކޭ ހާދިސާއަކަށެވެ.

އުމުރުން 33 އަހަރުގެ ދާނު މިއަދު ވެސް ދިޔައީ އާދައިގެ މަތިން ފަތުރުވެރިންތަކެއް ގޮވައިގެން ޑައިވް ކުރުމަށެވެ. ރަށާއި ދުރުގައި އޮންނަ ޑައިވް ޕޮއިންޓަކަށް ޑައިވް ކުރުމަށްފަހު އަނބުރާ ރަށަށް އައުމުގެ ކަންކަން ފަށާފައިވަނީ 3:30 އެހާކަންހާއިރުއެވެ.

ދާނު ބޮޑު ބެރު ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެއް.

ޑައިވް ނިންމާލުމަށްފަހު، ރަށަށް އެނބުރި ދިޔަ މަގުމަތީ އެއަތޮޅު ދަރަވަންދޫ ކައިރިން ކޯމަސް އައިނެއް ދާނު މެންނަށް ވަނީ ފެނިފައެވެ. އެއީ ފަތުރުވެރިން ވެސް ބަލާހިތްވާ މަންޒަރެއް ކަމުން އެތަނަށް ދާނުމެން ވަނީ ސްނޯކްލިންއަށް ފައިބާފައެވެ. އެއީ ހިބަރުގެ ތުންގަނޑު އޭނާގެ މެޔަށް އަމާޒުވި ވަގުތުވެސް މެއެވެ. މިއަދު އެތަނަށް އޭނާ އަށް ނުދެވުނު ނަމައޭ އެތައް ބަޔަކު ހިތައްވެސް އަރާނެއެވެ. އެކަމަކު އެފަދަ މަންޒަރުތަކަކީ އާއްމުކޮށް ފެންނަ މަންޒަރުތަކެއް ނޫނެެވެ. މިހެން މަދު ދުވަސްކޮޅަކު އަންނަ ފަތުރުވެރިންނަށް މިއީ ވަރަށް ހިތްގައިމު އުފާވެރި މަންޒަރަކަށެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ޕްރޮމޯޓްވެެސް ވެގެން ދާނެ މަންޒަރަކަށް ވެގެން ދާނެއެވެ. ސަބަބަކީ އެފަދަ އުފާވެރި ވަގުތުތަކުގެ ފޮޓޯތައް އަބަދުވެސް މީސް މީޑިއާގެ ސަމާލުކަން ދޭތީއެވެ.

އެތަނުގައި ސްނޯކްލިން ކުރި ނަމަވެސް، އެއީ އަބަދުވެސް ކުރަމުން އަންނަ ފަރިތަ ކަމެއް ކަމުން އޭނާ އެފަދަ ހާދިސާއެއް ހިނގައިފާނެ ކަމަށް ނުވެސް ވިސްނާނެއެވެ. އެއީ ކަމެއް ދިމާވާނީ ކޮންއިރަކު ކަމެއް ނޭނގޭނެތީވެސް ތާއެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު "ވަގުތު" އަށް ވިދާޅުވީ، އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެއަތޮޅު އޭދަފުށީގައި ކަމަށާއި ހާދިސާއަށްފަހު ދާނު ގެނެސްފައިވަނީ އެރަށު ހޮސްޕިޓަލަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް 16:10 ނުވަތަ 16:15 އެހާކަންހާއިރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަތަކުން އެނގިގެން ދިޔައީ އެހާދިސާގެ ކަންކަން އޭނާ ޑޮކްޓަރުންނާއި ވާހަކަ ދައްކައި ކައިރިން ބެލިކަމެވެ.

ޝުޖާއު ވިދާޅުވީ، ދާނުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިއިރުން ފެށިގެން ޑޮކްޓަރުން ދިޔައީ ސީޕީއާރު ދެމުން ކަމަށާއި އެކަމުގައި ގާތްގަނޑަކަށް 50 ވަރަކަށް މިނެޓް ހޭދަ ކުރި ކަމަށެވެ.

"އޭނާގެ ހިތަށް ކަމަށްވަނީ ސީދާ ހިބަރުގެ ތުންގަނޑު ހެރިފަ ހުރީ. ޑޮކްޓަރުން ވެސް ބުނީ 50 ވަރަކަށް މިނެޓް ވަންދެން ސީޕީއާރު ދިން ކަމަށް. ވަރަށް މަސައްކަތް ކުރީމޭ. 5 ޖެހީމައޭ ނިޔާވި ކަމަށް ނިންމީ" ޑޮކްޓަރުންނާއި ހަވާލާދީ ޝުޖާއު ވިދާޅުވިއެވެ.

ޑައިވްއެއްގެ ތެރެއިން ދާނު ނަގާފައިވާ ފޮޓޯއެއް

ޝުޖާއު ވިދާޅުވީ، އެއީ އެރަށުގެ ޒުވާނެއް ނޫނަސް އޭނާއަކީ ރަށުގެ އެންމެންނާއި ވެސް ވަރަށް ގުޅިގެން އުޅޭ މީހެއް ކަމަށެވެ. އަދި ޑައިވް ކުރުމާއި ސްނޯކްލިން ފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ގިނަ ބަޔަކު އޭނާ ކައިރިން ޑައިވިން މާސްޓާސް ހެދުމަށް މިހާރު ވެސް އެރަށުގައި އުޅޭ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

"ގެސްޓުން ގޮވައިގެން ހަނިފަރު ބޭރަށާއި ތަންތަނަށް ގިނައިން ގޮސް ހަދާނީ އޭނަ. މިއަދު ވެސް ހަމަ ގެސްޓަކު ގޮވައިގެން އޭނަ އުޅުނީ. ޑައިވިން ނިންމާފައި ރަށަށް އައި މަގުމަތީ ދަރަވަންދޫ އާއި ހިސާބުން ކޯމަސްތަކެއް ފެނިގެން އެ އެއްޗެހި ބަލާލަން މަޑު ކުރީ. އެތަނަށް ސްނޯކްލިން އަށް ފޭބި. އެތަނުން އެކަމެއް ހިނގީ." ޝުޖާއު ވިދާޅުވިއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އޭނާ އަކީ ރަށުގެ ހުރިހާ އެންމެންގެ ކަންކަމާއި ވެސް އުޅޭ އޭނާ އަށް ވެވެން އޮންނަ ކަމެއް ވިއްޔާ އެކަމެއް އެބަޔަކަށް ކޮށްދީގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އަކީ މިހާރު ވެސް 4-5 ވަރަކަށް ރަށުން ބޭރުގެ ކުދިން ރަށަށް ގެނެސްގެން އޯޕަން ވޯޓަރ ޑައިވިން އަދި މާސްޓާސް ޑައިވިން ކޯސްތައް އެކުދިންނަށް ދަސްކޮށްދޭ މީހެއް ކަމަށެވެ.

"ވަރަށް ހެލްތްފުލް ވާނެ. ވެވެން އޮތް ހުރިހާ ކަމެއް އެންމެންނަށް ކޮށްދޭ ގުޅިގެން އުޅޭ މީހެއް އެއީ. އޭނަ ކައިރިން މިހާރު ވެސް ރަށުން ބޭރު ވަރަށް ގިނަ ކުދިން ވަނީ އޯޕަން ވޯޓަރ ޑައިވިން އޭނަ ކައިރިން ނިންމާފަ" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބ. އަތޮޅު މާޅޮހުން ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 16:10 އެހާކަންހާއިރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސެން

    ދާނު އަށް ސުވަރުގޭގެ ދާއިމީ ނިއުމައް ދެއްވާންދޭވް

    91
    3
  2. ފާތުމަތު

    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލައްވާ އާއިލާ އަށް ކެތްތެރިކަން ދެއވާށި! އާމީން

    58
    1
  3. Anonymous

    މަރުވިކަަމަށް ނުނިންމަނީސް ފުލުހުންނަށް މަރުވި ޚަބަރު ދިނީ ކާކުބާ؟