(ހއ. މޮޅަދޫ) ރާއްޖޭގެ އެންމެ އުތުރުގައި އޮންނަަ ހއ.އަތޮޅަކީ ރާއްޖޭގެ މައި ދޮރާއްޓެވެ. އަވަށްޓެރި ގައުމުތަކާއި ރާއްޖެ އާ ދޭތެރޭ އޮންނަ އިން ވަކިކޮށްދެނީ މި ހިސާބުން ކަމުގައިވާއިރު ޝައްކެއް ވެސް ގޮތުގައި މި އަތޮޅަކީ ރާއްޖޭގެ މުޅި ތާރީހުން ވެސް އެންމެ މުހިއްމު ކަންތައްތަކެއް އެއް އަތޮޅަކުން ފެންނަން އޮތް އަތޮޅުކަމާ މެދު ބަޔަކު ދެބަހެއް ނުވާނެއެވެ.

އެންމެ އިހު ޒަމާނުން ސުުރެން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ރައްޔިތުންނާއި ހއ.އަތޮޅު ރައްޔިތުން ގާތް ގުޅުމެއް ބާއްވަމުން އައިއިރު ޕޯޗުގީޒުންނާއި ފަރަންޖީންގެ އިތުރުން މިސްރު މީހުން ވެސް ރާއްޖެ އެތެރެވެފައި ވަނީ މި އަތޮޅަށް ވަނުމަށް ފަހުގައެވެ.

ހއ. މޮޅަދޫ ގަބުރުސްތާނު ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިގޮތުން މީގެ 130 ވަރަކަށް އަހަރު ކުރިން މިސްރުގެ ނަވެއް ރާއްޖެ ކައިރިން ދަތުރު ކުރަމުން ދަނިކޮށް އޭގެ އިސް މާލިމީ އެއް ނަވުގައި ނިޔާވުމާއި އެކު އެމީހުން ބޭނުންވީ ވީހާވެސް ކައިރި ރަށެއްގައި އެމީހާ ވަޅުލުމަށެވެ. މިގޮތުން އިހަވަންދޫ ފަޅު ތެރެއަށް ވަދެ ރަށުގެ އިސްވެރިންގެ އަރިހުން އެމީހާ ވަޅުލާން ހުއްދަ އަށް އެދުމުން އިހަވަންދޫގެ ބޮޑުން އެކަމަށް އެއްބަހެއް ނުވެއެވެ.

ކަނޑަށް މަރުވާ ބީރައްޓެހިން ވަޅުލާން އިހަވަންދޫ ބޮޑުން އެއްބަސް ނުވި ނަމަވެސް، ކައިރީ އޮތް މޮޅަދޫގެ ބޮޑުން އެފަދަ މީހުންނަށް މަރުހަބާ ކިޔައި އުޅުނެވެ.

ހއ. މޮޅަދޫ ގަބުރުސްތާނުގައި ހުރި ފެންވަޅެއް ކައިރީ މުހައްމަދުބޭ މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގަ މި ދިމާވާ ގޮތަކީ މިސްރުން ދަތުރުކުރަމުން އައި ނަވެއް، އެ ނަވުގައި ސައްޔިދު ތޯހާ (ޒިޔާރަތުގައިވާ ބޭފުޅާގެ ނަން) އަވަހާރަވުމާއި ގުޅިގެން އެންމެ ކައިރީ އޮތީ ދިވެހިރާއްޖެކަމުން ހއ.ހުވަހަންދޫ ކަނޑުއޮޅިން ރާއްޖެ ވަދެ، އިހަވަންދޫގައި ބަނދަރުކޮށް ރަށުގެ އިސްވެރިންނަށް އެމީހުން އެރަށުގައި ބަނދަރުކުރަން ޖެހުނު ސަބަބު ކިޔައިދިން. އެކަމަކު އެރަށުގެ އިސްވެރިން ބުނެފަ ވަނީ އެގޮތަށް ކަނޑަށް މަރުވާ ބީރައްޓެހިން އެރަށުގައި ވަޅުލައި ނުހަދާ ކަމަށް. ދެން މޮޅަދޫ ދައްކާފަ ބުނަނީ އެކަމަށް ހާއްސަ މީހުން މޮޅަދޫގައި ތިބޭނެކަމާ މޮޅަދޫ އަށް ދިއުމަށް“ ހއ. އަތޮޅުގެ ތާރީހު ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާފައިވާ މޮޅަދޫ މުހައްމަދުބޭ ކިޔައިދެނެވެ.

މުހައްމަދުބޭ ކިޔައިދިން ގޮތުގައި މި ވާހަކަ މިގޮތަށް މުސްކުޅިވެރިން ކިޔައިދިން އިރު މިނޫން ގޮތަކަށް މިވާހަކަ އަޑު ނީވޭ ކަމަށްވެސް ބުނެފައިވެއެވެ.

އިހަވަންދޫ އިން ކައިރީ އޮތް މޮޅަދޫ އަށް ދާން ބުނުމާއެކު މިސްރުގެ ނައު ވަނީ ލަސްނުކޮށް މޮޅަދޫ އަށް ބަނދަރުކޮށް ޒަމާނުންސުރެ އެރަށުގެ ވެރިކަން ކުރަމުން އަންނަ ފެންނާގޭ އާއިލާގެ އަރިހުން ސައްޔިދު ތޯހާ އެރަށުގައި ފަސްދާނުލައި ދިނުމަށް އެދިފައެވެ.

ހއ. މޮޅަދޫގައި ހުންނަ ސައްޔިދު ތޯހާ ޒިޔާރަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއާއެކު ފެންނާގެ ދޮންދީދީ ކިޔާ ކަނބަލަކު ވަނީ މޮޅަދޫ އަށް އެ ގަބުރު އަރުވައި، އެރަށުގައި އެ ގަބުރު ފަސްދާނުލައި ދީފައެވެ. މިހާރު ސައްޔިދު ތޯހާގެ ޒިޔާރަތް ހުރި މޮޅަދޫ ބައު ހުކުރު މިސްކިތު ގޯތި ތެރޭގައި މި ދެންނެވި ދޮންދީދީގެ މަހާނަ ވެސް ފެންނަން އެބަހުއްޓެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒު އުފެދިގެން އައުމާއިއެކު އެބޭފުޅުން ވަނީ މޮޅަދޫ އަށް ޒިޔާރަތް ކޮށް ސައްޔިދު ތޯހާގެ މަހާނަ އަކީ ކިތައް އަހަރު ވެފައިވާ މަހާނަ އެއްކަން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ހއ. މޮޅަދޫ ގަބުރުސްތާނު އަދި ޒިޔާރަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެބޭފުޅުން މިރަށަށް އައިސް އެ ޒިޔާރަތް އެރުވި މީހާ، އެއީ މިދެންނެވި ފެންނާގޭ ދޮންދީދީގެ މަހާނަ ގަލުގައި އިން ތާރީހާ ގުޅުވައިގެން ބެލިއިރު މި ޒިޔާރަތް އެޅި ފަހުން 100 އަހަރަށް ވުރެން ގިނަދުވަސް ވެފައިވާކަމަށް އެދުވަސްވަރު. އެއީ 1985 ހިސާބުގަ" މުހައްމަދުބޭ އިތުރަށް ކިޔައިދިނެވެ.

ސައްޔިދު ތޯހާގެ ޒިޔާރަތް މޮޅަދޫގައި ހުރިއިރު އެބޭފުޅާ އާއި އެއްބަނޑު އެއްބަފާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ސައްޔިދު އަލީ ތޯހާ ކިޔާ ބޭފުޅެއް ހއ. މަތީރަށުގައި ބޮޑު ޒިޔާރަތެއްގައި ފަސްދާނުލެވިފައި ވެއެވެ. މަތީރަށުގައި ހުރި ޒިޔާރަތަށް ނަރުދު ބުނުމަށްޓަކައި އޭރު ރާއްޖޭގައި ވެރިކަން ކުރެއްވި ރަސްކަލުންގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އިންވެސް މި ޒިޔާރަތަށް ނަދުރު ބުނުމަށްޓަކައި އައިސްފައިވާކަމީ ތާރީހީ ފަތްފުއްތަކުން ހެކިދޭ ކަމެކެވެ. މަތީރަށް ޒިޔާރަތް މިހާރު އަޅައި ނުލައި ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައި ވީ ނަމަވެސް އަދިވެސް އެތަނުގައި ނަދުރު ބުނުމަށް ކިރަން ގެންގުޅުނު އެއްޗެއް ފެންނަން އެބަހުއްޓެވެ.

މަތީރަށް ޒިޔާރަތުގައި ނަދުރު ބުނަން ބޭނުންކުރި ކައްޓާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހަމަ މިފަދައިން، މޮޅަދޫގައި ހުރި ޒިޔާރަތަށްވެސް އެރަށު ރައްޔިތުން ނަދުރުބުނެ އުޅުނުއެވެ. މިގޮތުން އޭރު އެ ޒިޔާރަތް ބަލަހައްޓަން ވަކި ހާއްސަ މީހަކު އައްޔަން ކޮށްފައި ހުރިއިރު ރަށުގެ އޮޑިތަކުން ބާނާ މަހުން ވަކި ވަރަކާއި، އެކި މީހުން ބުނާ ނަދުރުތަކުން ލިބޭ ތަކެތި މި މީހާ ރަށުގެ ރައްޔިތުންނަށް ބަހާލައެވެ. އެ ދުވަސްވަރު ތޯހާ ޒިޔާރަތް ކައިރިއަށް އެންމެ ގިނަ ބަޔަކު ނަދުރު ބުނެ އުޅެނީ ކާށިން ކަމުގައިވުމުން، އެ ސަރަހައްދުގައި ކާށި ފުނި ޖެހިފައި ހުރިކަމަށް ރަށުގެ އިސް ރަށްވެހިން ބުނެއެވެ. ފަހުން ރަށުގެ އިސް ވެރިން ވަނީ މި ކާށިތައް އެ ސަރަހައްދުގައި އިންދާފައެވެ. މިހާރު މި ކާށިތަކުން ހެދިފައިވާ ބޮޑު ރުއްގަނޑެއް އޮންނައިރު އެތަނަށް ދެވިފައިވާ ނަމަކީ "ސައްޔިތު ތޯހާ ރުއްގަނޑު" އެވެ.

ސަރުކާރުތަކުން އެއްވެސް އިރެއްގައި މި ޒިޔާރަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާއިރު، ތޯހާ ދެބެއިންގެ ޒިޔާރަތްވެސް މިހާރު ދަނީ ވީރާނާ ވަމުންނެވެ. ރާއްޖޭގެ ތާރީހުގައި ހުރި މިފަދަ ތަންތަނަކީ ކޮންމެހެންވެސް ހިމާޔަތް ކުރެވެން ޖެހޭ ތަންތަނެވެ. އެހެނީ ގައުމެއްގެ ހަގީގީ މުއްސަނދިކަން ފެންނާނީ މިފަދަ އާސާރުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންތަރު ބިން ޝައްދާދު

    އިހުޒަމާނުގައި ރަށްރަށަށް ލައްގާ އިންސާނުންގެ ގުނަވަނުގެ ބައިބައިވެސް އިހްތިރާމާއެކު ވަޅުލައި މަހާނަހަދައި އަދި އެއަށްފަހު އެމަހާނަ މައްޗަށް ޒިޔާރަތްއަރުވައިފައި އެބަހުއްޓެވެ،އަދި ފަހުން އަންނަބަޔަކު ޒިޔާރަތަށް ނަދުރުބުނެ ޒިޔާރަތްވަށައިގެން ދިދަ ދަމައި ފެންވަޅުބަހައްޓައިގެން ހުންއަންނަމީހުން އެވަޅުން ފެންވަރުވައެވެ.ރަށުގައި ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެއްކަލަ މަހާނަދޮށަށް ރަށުގެ ހަރުބޭކަލުން ދުރުވެ ސަލަވާތްފާތިހާ ކިޔަވާ ރަށުތެރެއަށް ދުންއަޅައި ރަށް އަމާންކުރެތެވެ.އެއަށްފަހު ކައިރި ރަށްރަށުގެ މީހުންވެސް ކުޑަކުދިން “ ކަންޖާކިރަން “ ޒިޔާރަތްދޮށަށް އަންނަންފަށައެވެ.އަދި މިއުސޫލުން މިކަން ހިނގަމުން ދެއެވެ.