(ހއ. މޮޅަދޫ) ވެރި ރަށް މާލެއާ 318 ކިލޯމީޓަރު ދުރުގައި އޮންނަ މޮޅަދޫއަކީ ރީތި ދޮންވެލި ގޮނޑުދޮށެއް ލިބިފައިވާ ފެހިކަން ގަދަ ގަސް ގިނަ ރަށެކެވެ. ރަށުގެ މަލަމަތިން ފެންނަން ހުންނަ ފެހިކަމާއި ހިތްގައިމު ކަމުން ރަށަށް ޒިޔާރަތް ނުކޮށް ފަސްނުޖެހޭނެއެވެ. މިހާރު ރަށުގެ އާބާދީ ކުޑަނަމަވެސް މޮޅަދީ އަކީ ގަދީމީ ތާރީހެއް އޮތް އާބާދީ ބޮޑު ރަށެއްކަން ފާހަގަ ކުރެވެއެވެ. މިރަށަކީ އަތޮޅުގައިވެސް އޮތް ހަތަރުވަނައަށް އެންމެ ބޮޑު ރަށެވެ.

އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫގެ ހުޅަނގު އުތުރުން 19 ކިލޯމީޓަރު ބޭރުގައި އޮންނަ މިރަށަކީ މީގެ އަހަރުތަކެއް ކުރިން ވަރަށް ބޮޑު އާބާދީއެއް އޮތް ރަށެއްކަން ރަށުގެ ދުވަސްވީ ފަރާތްތަކުން ބުނެއެވެ. އާބާދީބޮޑު ބިމުގެ ޖާގަ ބޮޑު ރަށަކަށް ވެފައި ތަފާތު އެކި ވައްތަރުގެ ކާތަކެތި ލިބޭ ގަސްތައް މިރަށުގައި ހުރުމުން ރަށަށް ބޭރުން ގިނަ މީހުން ޒިޔާރަތް ކުރެއެވެ. ކުޅިވަރާއި އީދުފަދަ ދުވަސްތައް ފާހަގަ ކުރުމުގައި މިއީ އަތޮޅުގެ އެއްވަނައެވެ.

އީދު ދުވަސްތަކާއި ސަގާފީ ދުވަސްތަކުގައި ރަށް ފުރާލާފައި އޮންނަ ކަމަށް ވެއެވެ. މޮޅަދޫ އާއި އެންމެ ކައިރީގައިވާ ހއ. އިހަވަންދޫ އަދި ހއ. ހޯރަފުށިން އެތައް ބަޔަކު މިރަށަށް މަޖާ ނެގުމަށްދާ އިރު އަތޮޅުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް މިރަށަށް އެކި އީދު ފާހަގަ ކުރުމަށް ދާކަން ފާހަގަ ކުރެވެއެވެ. ބެރުޖެހުމާއި، ތާރަޖެހުމަކީ އެރަށުގައި ވަރަށް އާންމު ކުޅިވަރުތަކެވެ.

މޮޅަދޫ ދުވަސްވީ މީހެއް ކަމަށްވާ އައިމިނަތު ހަސަން ބުނާ ގޮތުގައި އިހުގައި އެރަށުގައި ބެރުޖެހުން އެއީ ވަރަށް އާންމު ކަމެކެވެ. އަދި އަތޮޅުގައިވެސް ބެރު ޖަހަން އެންމެ މަޝްހޫރު މީހުން ތިބީ އެރަށުގައެވެ. ގޭގޭގައި ކުދިން ހިތާނަކޮށްގެން އުޅޭ އިރު ގިނަ ބަޔަކު އެއްވެ ބެރުޖަހާ ހަދައެވެ. އަދި އީދާއި ރަށަށް ހާއްސަ ބަޔަކު ޒިޔާރަތް ކުރުމުންވެސް ބެރު ޖަހައި ހަދައެވެ.

ބެރު ޖަހައި ކުޅިވަރު ކުޅޭއިރު ރަށުގެ ކުދިބޮޑު ހުރިހާ ފަރާތަކުން ބައިވެރިވެއެވެ. ރަށަށް ޒިޔާރަތް ކުރާ ފަރާތްތައް ގިނަވެ އެއީ ސަގާފީ ކަމަކަށް ވުމުން އެފަދަ ފަރާތްތަކަށް އޮންނަ މެހެމާންދާރީ މިހާރުވެސް ފަނޑުވުމެއް ނެތި ރަށުން ފެނެއެވެ. އަދި އެއީ ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަން ހާމަވެ ކައިރި ރަތްތަކުގެ މީހަން މޮޅަދޫ އަށް އަންނަހިތްވާ ސަބަބަކަށް ވަނީ ވެފައެވެ.

އިހުގައި ބޮޑު އާބާދީއެއް އޮތް މޮޅަދޫގެ އާބާދީ މަދުވާން ފެށީ ދެ ހާދިސާއެއްގެ ފަހުން ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އެމީހުން ހަނދާން ހުންނަން ފެށީއްސުރެ ރަށުގެ އާބާދީ ބޮޑެވެ. ހާއްސަ ދުވަސްތަކުގައި މުޅި ރަށުގެ އެކި ހިސާބުތަކުން މީހުން އެއްވެ ކުޅިވަރާއި ބެރު ޖެހުމުގައި އުޅޭއިރު އާބާދީގެ ބޮޑުކަން އެނގޭކަމަށް އެމީހުން ބުނެއެވެ. އާބާދީ މަދުވާން ދިމާވި އެއްކަމަކީ ބޮޑު ތަދުގެ އަހަރުތަކުގެ މީހުން މަރުވުމެވެ. އެދުވަސްވަރުގެ ހާލަތު ހުރި ގޮތުން މަސައްކަތް ނުކުރެވޭ ވަރުގެ މީހެއް ނަމަ ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސް މަރުވެއެވެ.

ރަށުގެ ބޮޑުކަމުންނާއި މީހުން ގިނަކަމުން އެންމެންނަށް ޒިޔާރަތް ކުރުމާއި އެންމެންނަށް ބޭނުންވާ ވަރަށް ކާތަކެތި ނުލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެދުވަސްވަރުގެ ހާލަތު ހުންނަ ގޮތުން އާންމުކޮށް ކައިބޮއި އުޅެނީވެސް ރަށުން ލިބޭ ކާތަކެއްޗާއި މަހަށް ގޮސް ބާނާ މަހެވެ. ނަމަވެސް މަސްވެރިކަން ކުރާ މީހުން މަސް ލިބުން މަދުވިއެވެ. އަދި ރޯގަހުގެ ފަތަށް ދާންދެން ކާން މަޖުބޫރުވިއެވެ.

މޮޅަދޫ އަށް މޮޅަދޫ ކިޔުނީ ރަށުގައި މޮޅު މީހުން ގިނަ ކަމުން ކަމަށް އެރަށު ރައްޔިތުން ބުނާއިރު އެއީ ތެދަކަށްވެސް ވެދާނެއެވެ. ރަށުގެ އާބާދީގެ ބޮޑުބައި މިހާރުވެސް އުޅެނީ އެކި ބޭނުންތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާއި ރާއްޖެއިން ބޭރުގައެވެ. ރަށުން ނުލިބޭ ތައުލީމް މާލެ ނުވަތަ އެހެން ރަށަކުން ލިބޭނަމަ އެރަށަކަށް މީހުން ދަނީކަމަށް ދުވަސްވީ މީހުން ބުނެއެވެ. އަދި އެހެން އުޅެފައި ރަށަށް އެނބުރި ނާދެވި އެތަނެއްގައި ވަޒަންވެރިވާން ފެށުމުން މޮޅަދޫގެ އާބާދީ މަދުވާން ފެށީކަމަށް އެފަރާތްތަކުން ބުނެއެވެ.

ބޮޑު އާބާދީއެއް އޮތް މޮޅަދޫގައި އެކި ކަންކަމަށް ހުނަރުވެރި ފަރާތްތައްވެސް އުޅެފައި ވެއެވެ. އެގޮތުން ބޭސްވެރިކަމަށް މޮޅު ފަރާތްތަކާއި އަތްތެރި މަސައްކަތަށް މޮޅު ފަރާތްތަކާއި ވަޑާމާއި ލަކުޑީގެ މަސައްކަތާއި މޮޅު ލިޔުންތެރިންވެސް މޮޅަދުއަށް ނިސްބަތްވާކަމަށް ވެއެވެ. ބޭހަށް ޖެހުނު ދުވަސްވަރުގައި ކައިރި ރަށްރަށުން ބޭސްވެރިކަމުގެ ބޭނުމުގައިވެސް މޮޅަދުއަށް ޒިޔާރަތް ކުރާކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ޒަމާން ބަދަލުވެ ޒަމާނީ ބޭސްތަކަށް މީހުން ދެވިހިފާފައިވާ އިރު މިހާރު މޮޅަދޫގައި ބޭސްވެރިކަމަށް އޮންނަ ޑިމާންޑު އެއްކޮށް ގެއްލިފައިވާކަމަށް އެރަށު ރައްޔިތުން ބުނެއެވެ. އަދި މިހާރު އެއީ އާބާދީ މަދު ދުވަސްވީ މީހުން ގިނަ ރަށެއްކަން ފާހަގަ ކުރެވެއެވެ.