އިންޑިއާގެ ކެރެލާގައި ކަލިކަޓް ޔުނިވަސިޓީގެ ތިރިސުރް ކެމްޕަސްގައި އައިސީސީއާރް ސްކޮލާޝިޕްގެ ދަށުން މާސްޓާސް ކިޔަވަމުން އަންނަ އަހުމަދު އަލީ (އަސްލު ނަމެއް ނޫން) އިއްޔެ ތަޖުރިބާ ކުރަން ޖެހުނީ އާދައިގެ ކަމެއް ނޫނެވެ. ބޮޑެތި ރާޅުތަކެއްގެ ތެރެއަށް އޮޔާ ދިޔަ ދެ "ފުރާނައެއް" އޭނާ ސަލާމަތް ކުރީ ލިބިފައިވާ ހުނަރާއި ތަމްރީން ބޭނުން ހިފައި ޖެހިލުން ކުޑަ ކަމާއެކީގައެވެ. އޭނާގެ މި ކެރުމަށް އެތައް ބަޔަކު މިއަދު ކުރަނީ ތައުރީފެވެ.
ދިވެހި ފުލުހެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަހުމަދު އަލީ ސަލާމަތްކޮށްފައި ވަނީ އިއްޔެ ކެރެލާގެ ވަޑަނައްޕަލީ ގޮނޑުދޮށަށް މޫދަށް އެރިލަން ގޮސް އުޅެނިކޮށް އޮޔާ ދިޔަ ދެ ޒުވާނުންނެވެ.
"އަހަރެންނަކީ ފުލުހެއް، ސިފައިންނާއި ފުލުހުންގެ ލައިފް ވަރަށް ބޮޑަށް ޑެޑިކޭޓް ވެފައި. އެހެން އޮއްވައި މިކަމެއް ދިމާވީ. އެ މީހުން ނުލާ ދާން ބޭނުން ނުވީ. އަހަރެންގެ ފުރާނަ ދިޔަޔަސް އަހަރެން ހިތަށް އެރީ އެ މީހުން ގޮވައިގެންނޭ ދާނީ،" އަހުމަދު އަލީ ކިޔައި ދިނެވެ.
އަހުމަދު އަލީ ދެ ޒުވާނުން ސަލާމަތް ކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެކުގައި ކިޔަވަމުންދާ ރައްޓެހިންނާއެކު މޫދަށް ގޮސްގެން އުޅެނިކޮށެވެ. އިއްޔެއަކީ އިންޑިއާ މީހުންނަށް ބަންދު ދުވަހެެވެ. އެހެންކަމުން މެންދުރުގެ ވަގުތެއްގައި މުހައްމަދު އަަލީ އާއި އޭނާގެ ރައްޓެހިން ބޭނުންވީ މޫދަށް ދާށެވެ.
"އިއްޔެ އާދިއްތަ، ދެން ބަންދު ދުވަހެއް ވީމަ މިތާ އުޅޭ ކުދިންތަކާއެކު ބީޗަށް ޖައްސާލީ. އެއީ އަފްޣާނިސްތާން ހަތަރު ކުދިންނާއި، މަލަވީ ކުއްޖަކާއި، މިއީ ލޭންޑްލޮކް ގައުމުތަކުގެ ކުދިން، އެހެންވީމަ އެމީހުންނަށް މޫދެއް ނުފެންނާނެ،". އެ ފުލުސް މީހާ ކިޔައި ދިނެވެ.
އޭނާއަކީ އާއްމުކޮށް މޫދަށް ގޮސް އުޅޭ މީހެކެވެ. ޕޮލިސް ޓްރެއިނިން ހަދާފައި ހުރުމާއެކުވެސް އޭނާއަށް ފަތަން އެނގެއެވެ. އެއީ ރާއްޖޭގައި ހުންނަހެން ފަރު އޮންނަ ހިސާބެއް ނޫނެވެ. އޮންނަނީ ސީދާ ކަނޑެވެ. އެހެންވެ ފުދޭ ވަރަަކަށް ރާޅު ބޮޑެވެ.
އަހުމަދު އަލީ ދިޔައީ ތަންކޮޅެއް ބޭރަށެވެ. އޭނާގެ ފަހަތުން އިތުރު ދެ މީހަކު އާދެއެވެ. އެއީ ކޮން ބައެއްކަން ސީދާ އޭނާއަށް ނޭނގެއެވެ.
"ބޭރަށް ގޮސް ކުޑަކޮށް ވަރުބަލިވީމަ އަނބުރާލައިފައި އަންނަން ފެށީ، އެ މީހުންނާ އަރާ ހަމަވުމުން އެނގުނީ އެ މީހުންނަށް ނުދެވިގެން ކަން އުޅުނީ އެއްގަމަށް، ދެން (އަހަރެން) އެ މީހުން ކޮއްޕަނީ ކުރިއަށް ފަހަރަކު މީހެއް އެއްގަމާ ވީކޮޅަށް، އެއްގަމުގައި އުޅޭ މީހަކަށްވެސް ނޭނގެ ވެގެން އުޅޭ ގޮތެއް، ހީކުރާނީ މޫދުގައި އުޅެނީ ކަމަށް". އެމީހާ ކިޔައި ދިނެވެ.
އޮޔާ ދިޔަ މީހުން ކޮއްޕަމުން ދަނިކޮށް އެކަކު ހެޔަށް ގޮތްވިއެވެ. އެހެންވުމުން ކޮއްޕައިގެން އޭނާ ނުގެންދެވޭނެ ކަން އެނގުނެވެ.
"ކޮންމެވެސް އެއް ކުއްޖަކު އެއްޗެކޭ ބުނި، އެ މީހުންގެ ގައުމުގެ ބަހުން ބުނީ، އެކަމަކު ކީ އެއްޗެއް ނޭނގެ، އެ ގަޑީގައި ދޭހަވީ އޭނާއަށް ދެން ނުދެވޭނެއޭ ބުނިހެން، އިނގިރޭސި ބަހުން ބުނިން ކޮނޑުގައި ހިފަހައްޓާށޭ، އޭނާ ހުރީ ކޮނޑުގައި ހިފަހައްޓައިގެން. އަނެއް ކުއްޖާ ކޮއްޕަމުން ފަތަމުން ދިޔައީ ވަރަށް ވަރުބަލިވާނެ ދޯ. ދެން އަނެއް ކުއްޖާ ކޮއްޕަން އުޅުމުން އެނގިއްޖެ އަނެެއް ކުއްޖާގެ އެއްވެސް މޯޝަންއެއް ނެތްކަން، ކޮނޑުގައި އޮތް ކުއްޖާ ނޫން އަނެއް ކުއްޖާ، އޭނާ ހޭނެތިފައި ކަހަލަ ގޮތަކަށް އޮތީ" އެ ޒުވާނާ ކިޔައި ދިނެވެ.
ނަމަވެސް ހިތްވަރު އެލުވާ ނުލައި އަހުމަދު އަލީ ދިޔައީ ކުރިއަށެވެ. އެ ވަގުތު އޭނާ މަރުވެދާނެއޭ ވެސް ހިތަށް އެރިއެވެ.
"އަހަރެން ހިތަށް އެރި މި މީހުން ސަލާމަތް ކުރަން އުޅެފިއްޔާ މަރޭ ދޯވާނީ، އެއްގަމާއި ދިމާލަށް ބެލިއިރުގައި އެ ހިސާބު އޮތީ ވަަރަށް ދުރުގައި، އެ މީހުން ދޫކޮށްލާފައި ދާން ވެސް ހިތަށް އެރި، އެކަމަކު އެ މީހުންނަށް ބަލާފައި ހަމަ ކުރިއަށް ދިޔައީ، ކޮނޑުމަތީ އޮތް ކުއްޖާގެ މޫނު މަތިން ހާސްކަން ފެނުނީ". އެ މީހާ ކިޔައި ދިނެވެ.
ދެ ޒުވާނުން މަރާ ކުރިމަތިލާން ޖެހިފަިއ ވަނިކޮށް ފުލުސް މީހާ އިތުރު މީހުންގެ އެހީތެރިކަމަށްވެސް އެދުނެވެ. ނަމަވެސް އެއިން މީހެއްގެ ހިލަމެއް ނުވިއެވެ. އޭނާއަށް އެ މީހުން ސަަލާމަތްކޮށްގެން އެއްގަމާ ހަަމައަށް ގެނެެވުނީ ފަސް ވަަރަކަށް މިނެޓުންނެވެ.
އެ ފުލުސް މީހާ ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެތަނުގައި ތިބި މީހުން ވަނީ އެމީހާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ތައުރީފް ވެސް ކޮށްފައެވެ.
ކޮންމެއަކަސް ދިވެހި ފުލުހެއްގެ ފަރާތުން މިފަހަރު މި ފެނުނީ ނަމޫނާ މިސާލެކެވެ.
އޮޔާގޮސް ކަނޑުމަތީގަ ތިބި ބަޔަކު 5 މިނިޓުން ގެނެވުމަކީ މޮޅު ކަމެއް
ދެން ހުރޭ ޗޮހޯވެފަ ކޮމެންޓުކޮށްލަ ކޮށްލާ..
ލަފާ ކުރެވޭ ގަޑި އެއް ކަންނޭނގެ ޖަހާފަ އެ އޮތީ . ސީދާ އެކަމަށް ހޭދަ ވި ވަގުތު ނޯޓް ކޮށްފައެއް ނުހުންނާނެ ދޯ
އާޓިކަލް ގަ އެބަ އޮތްތަ ކަނޑުމަތީ ގަޔޭ އޮތީ
އިންޑިޔާ ނޫސްތަކުގައި ދިވެހި ޓެރަރިސްޓަކު އިންޑިޔާގެ ދެމީހުން ކަނޑުފައްތަން އުޅެފިޔޭ ނުލިޔުނިއްޔާ ރަނގަޅު.
ﷲ ތިބާއަށް ހެޔޮޖަޒާ ދެއްވަވައި، ދެދުނިޔެ ބާއްޖަވެރި ކުރައްވާށި! އާމީން
މަމިޔަހުރީ އަޖައިބުވެ އަނތަރީސްވެފަ 5 މިނެޓުން ސަލާމަތް ކުރީމަ... 😯😯
ޢަޖައިބު ވާނެ އެތާގެ މޫދު އޮންނަ ގޮތް ނޭނގޭ މީހަކު. ވެދާނެ ހޭދަވި ވަގުތު އަންދާޒާ ކޮށްލަން އޭނައަށް ނޭގުނީ ކަމަށް ވެސް. ޢެކަމަކުވެސް އޭނާ އެކުރީ ކިހާ ރަގަނޅުކަމެއް.
ކީއްވެބާ އަސްލު ނަން ނުލިޔެވުނީ
ކޮންމެހެން އަސްލު ނަން އެނގެން ޖެހޭތަ؟ މީހަކު ހެޔޮކަމެއް ކުރީމަ އޭނާގެ ފަތިފުތް އެނގުން ނޫން މުހިއްމީ. ޝުކުރުވެރިވެގެން ތިބެންވީ.