(ހއ. މޮޅަދޫ) ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ހއ.މޮޅަދޫގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ޗާލުކަމާއި ޖަޒީރާ ވަންތަކަމެވެ. ފެހި ރުއް ގަސްތަކުން އަތުރާލާފާއިވާ ފެހި ސާލުތަކާއި، ނޫކުލައިގެ ބަގީޗާއެއް ފަދަ ސާފު މޫދާއި، ރީތި ދޮންވެލިގަނޑުން ރަށުގެ ގުދުރަތީ ޒީނަތްތެރިކަމަށް އިތުރުކޮށްދެނީ އާރޯކަމާއި ފުރިހަމަކަމެވެ. ރަށުގެ ފަސްގަނޑަށް މިންވަޅު ނެގިފައިވާ ސަގާފަތާއި ބޯދާ ވާހަކަތައް އަދި ތާރީހީ ހަޒާނާއިން މޮޅަދޫގެ ރަށްވަންތަކަން އެތައް ގުނައެއް އިތުރުކޮށްދެއެވެ. އެ ހުރިހާ ކަމަކަށް ވުރެ އެ ރަށުގެ ރަށްވެހިންގެ ގެވެހި ކަމާއި މުރާލިކަން، އަދި ހިތްހެޔޮކަން ފުރިހަމައެވެ. މޮޅަދޫ އަށް ދާ ކޮންމެ މީހަކު އެ ކަންކަމަށް ހެކިދޭނެއެވެ.

މާލެ އާ 318 ކިލޯމީޓަރު ދުރުގައި އޮންނަ މި ރަށާ މެދު ޝައުގުވެރި އެތައް ވާހަކަތަކެއް އެބަހުއްޓެވެ. މި ރަށުގައި ހުރި ނަން މަޝްހޫރު ސައްޔިދު ތޯހާ ޒިޔާރަތުގެ ވާހަކަ އާއި، މާ ފެންމީރު ބޯފެން ވަޅެއްގެ ވާހަކަ އާއި އެރަށުގައި "ބަރާސީލު" ގެ ނަމުން ނަން ދެވިފައިވާ ސަރަހައްދެއްގެ ވާހަކަ އެއީ ނިކަން ފަރިތަކޮށް މޮޅަދޫގެ ތާރީހީ ސޮފްހާތަކުން ފެންނަ ވާހަކައެކެވެ. ނަމަވެސް މޮޅަދޫ އާ މެދު ނުދައްކާ، އެހެނަސް އެ ރަށުގެ ރައްޔިތުންގެ ޖަޒުބާތުތަކާއި ލާމެހިފައިވާ ވާހަކައެއް އެބައޮތެވެ.

އެއީ މި ރަށުގެ ނަމުގެ ވާހަކައެވެ. ރާއްޖޭގެ ރަށްތަކަށް ނަން ކިޔާފައި ހުރި ގޮތަކީ ވަރަށް ޝައުގުވެރި ގޮތްތަކެކެވެ. ބައެއް ރަށްތަކަށް ނަން ދީފައި އޮންނަނީ އެ ރަށުގައި ފުރަތަމަ ވަޒަންވެރީންގެ ވާހަކަތަކަށް ބިނާކޮށްގެންނެވެ. ބައެއް ރަށްތަކަށް ނަން ދީފައި ވަނީ އެ ރަށުގެ މަސައްކަތްތެރިކަމާއި، ވަޒަންވެރީންގެ ހުނަރުވެރިކަމާއި ސިފަވަންތަކަމަށް ބަލައިގެންނެވެ. ގިނަ ރަށްރަށުގެ ނަން ބަދަލުވަމުން ބަވަނަ ވަމުން އައި ތާރީހީ ރޮނގު ސާފުކޮށް ފެންނާން އެބަހުއްޓެވެ. ނަމަވެސް މޮޅަދޫގެ ނަން މިއަދު މި ފެންނަ ހިސާބަށް އައުމަށް ކަޑައްތު ކުރި ރާސްތާ އެހާ ސާފެއް ނޫނެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދޫ އަށް ކުރިން މުޅަދޫ ކިޔާ އުޅުނުކަން ތާރީހީ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. މި ރަށުގެ ބައެއް އިސް ރަށްވެހިންނާއި އިހަވަންދިއްޕޮޅުގެ ދުވަސްވީ މީހުން މި ރަށަށް "މޮޅުދޫ"ވެސް އިރެއްގައި ކިޔާ އުޅުނު ކަމަށް ބުނެ އުޅެއެވެ. ނަމަވެސް "މޮޅުދޫ"ގެ ނަމުން އެއްވެސް ލިޔުންތެރިޔަކު ވެސް އަދި ތާރީހީ ފޮތެއްގައި ވެސް މި ރަށަށް އެއްވެސް ބޭފުޅަކު ނިސްބަތްކޮށް ލިޔުއްވާފައެއް ނެތެވެ. މިހާރު މި ފެންނަ ގޮތަށް މޮޅަދޫ އަށް މި ރަށުގެ ނަން ބަދަލުކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައިކަން އެއީ ސުވާލު ނު އުފެދޭ މިންވަރަށް ޔަގީން ކުރެވެން އޮތް ކަމެކެވެ.

ކޮންމެއަކަސް މި ލިޔުމުގައި މޮޅަދޫގެ ނަމާ މެދު ތުންތުން މަތިން ދެކެވޭ ވާހަކަތަކާއި ނެގެން ހުރި ބައެއް ވާހަކަތަކަށް ނަޒަރު ހިންގާލާނަމެވެ. އެންމެ ފުރަތަމަ މި ހިސާބުގެ ރަށްތަކަށް ނަން ދީ އުޅުނު ގޮތަށް ބަލާލަމާ ހިނގާށެވެ. ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ކުރީގެ ނޫސްވެރިޔާ، އަދި މަޝްހޫރު ލިޔުންތެރިޔާ، މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވި ގޮތުގައި ހއ.ގެ ގިނަ ރަށްތަކަށް ނަން ދީފައި ވަނީ ޑްރެވީޑިއަމް ނުވަތަ ތަމަޅަ ނަންނަމެވެ. ނަމަވެސް މުޅަދޫ ކިޔުނު ގޮތް އެއްވެސް ލިޔުމެއްގައި ސާފުކޮށް އެނގެން ނެތްކަން އޭނާ ފާހަގަކުރައްވައެވެ.

ޑްރޭވީޑިއަމް ޑިކްޝްނަރީ އަށް ބަލާ ނަމަ މޮލަ މި ބަހުގެ މާހަނަ އަކީ މެދު ނުވަތަ މެދު ހަށި މިއެވެ. ނަމަވެސް މޮޅަ އެ ބަސް އައިސްފައި ވަނީ އެ ބަސް އަސްލަކަށް ބަލައިގެންކަން އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. މޮޅަދޫގެ ނަން އައި ގޮތާއި މެދު ރަށުގެ ރައްޔިތުންގެ މެދުގައި ދެކެވޭ ވާހަކައެއް އެބައޮތެވެ. އެއީ މި ރަށަށް މޮޅަދޫ ކިޔުނީ ރަށުގައި މޮޅު މީހުން ތިބުމުން ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެގޮތުން ރަށުގައި ކަންވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ ކަންކަމަށް ކުޅަދާނަ މީހުން ތިބުމުން ރަށަށް މޮޅުދޫ ކިޔުނީ ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ. އަދި ރައީސް މައުމޫން މި ރަށުގެ ނަން ބަދަލުކުރެއްވުމުގައި "މޮޅަދޫގައި ބަސްމޮޅުންތެރި، ދޫފަރިތަ ބޭފުޅުން ތިއްބެވި" ކަމަށް ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތަކަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ނަޒަރިއްޔާތާއި މެދު ސުވާލުކުރުމުން ސަލީމް ވިދާޅުވީ އެފަދަ ވާހަކަތަކަކަށް ބާރު ލިބޭނެ ތާރީހީ ލިޔުމެއް ވެސް އަދި ފޯކްލޯ އެއްވެސް ނެތް ކަމަށެވެ. ނަމަވެސް މޮޅަދޫ އަކީ މަތީ މަގާމުތައް ފުރުއްވި ބޭފުޅުން ތިއްބެވި ރަށެއްކަން ސަލީމް ވެސް ފާހަގަކުރައްވައެވެ.

"އެތަނުގައި ހުންނާނެ ހަތީބު ކަލޭފާނުގެ މަހާނަ. އިސް މަގާމުތައް ފުރުއްވި ބޭފުޅުން ތިއްބެވި. ނަމަވެސް އެކަމާއި ނަމާއި ގުޅުމެއް އޮތްކަން އެނގޭކަށް ނެތް. ދެން އެ ރަށް ކައިރީގަ އޮންނާނެ ވަނގާރަ ކިޔާ ރަށެއް. ވަނގާރައިގައި ގެންގުޅުނު ތަކެތި ނައިބު މަނިކު ކިޔާ ބޭފުޅެއްގެ ގޭގައި ގެންގުޅުނު. ފަހަރެއްގައި ވަނގާރުގައި އުޅުނު މީހުން ދިޔަ އެއް ރަށަށް ވެދާނެ. މާރަށެއް އެ ރަށަކީ. އެއިން އެއްވެސް ކަމަކާ ގުޅުން ހުރިކަން އެނގޭނެ ގޮތެއް ނެތް ނަމާ." އޭނާ ވިދާޅުވިއެވެ.

މޮޅަދޫ އަށް މުޅަދޫ އޭ ކިޔުނީ ދެރަކޮށްލުމުގެ ގޮތުން ކަމަށް މި ރަށުގެ އުމުރުން ދުވަސްވީ ބައެއް މީހުންނާއި މި އަތޮޅުގެ ދުވަސްވީ މީހުން ބުނެ އުޅެއެވެ. އަދި ބައެއް މީހުން ބުނާ ގޮތުންނަމަ އެ ރަށަށް މުޅަދޫ ކިޔުނީ އެ ރަށް އެހެން ރަށްރަށް ވުރެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ގޮތުން ދަށްވުމުންނެވެ. ރާއްޖޭގެ ނަންތައް ކިޔާފައިވާ ގޮތުގެ މައުލޫމާތު އެނގިލައްވާ ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގައި ކުރިން ޚިދުމަތްކުރެއްވި، ދޮނަފަނު މުހައްމަދު ޔޫސުފް "ވަގުތު" އަށް ވިދާޅުވީ އެ ރަށަށް އެއްވެސް އިރެއްގައި މޮޅުދޫ ކިޔާފައި ނުވާ ކަމަށެވެ. އަދި ރައީސް މައުމޫން އެ ރަށަށް ނަން ދެއްވީ މޮޅަދޫގެ ނަމުން ކަމަށާއި އޭގެ ކުރީގައި އެ ރަށަށް ކިޔަނީ މުޅަދޫ ކަމަށް އޭނާ ވިދާޅުވިއެވެ.

" އެ ރަށަށް އިހުގައި ކިޔަނީ މުޅަދޫ. އެހެން ރަށްރަށަށް ވުރެ އެ ރަށް ފެންވަރު. އެ ރަށްރަށުގެ ފެންވަރާއި މަސްވެރިކަމާއި އެހެން ރަށްރަށަށް ވުރެ ދަށްވީމަ. މުޅަދޫ ދެންނެވީ. އަދިވެސް އޮންނާނެ އެކަހަލަ ރަށެއް ބިލެތްފަހި މުޅަދޫ އޮއްވާ، މޮޅަދޫ އަށް. އެއްވެސް އިރެއްގައި މޮޅުދޫ އެއް ނުކިޔާ. އެ ރަށު މީހުން ކިޔާ މުޅުދޫ." އޭނާ ވިދާޅުވިއެވެ.

ދެން އޮތީ މި ރަށުގެ ރައްޔިތުން މި ރަށުގެ ނަމާއި މެދު ދައްކާ ވާހަކައިގެ ވާހަކައެވެ. އެވާހަކަ އެންމެ ތަފްސީލުކޮށް ކިޔާދެއްވީ މި ރަށުގެ ތާރިހު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު މޫސާ (މުހައްމަދުބެ) 51،އެވެ. މުހައްމަދުބެ ވިދާޅުވާ ގޮތުން މި ރަށުގެ ނަން "މުޅަދޫ" އިން "މުޅުދޫ" އަށް 1982 ވަނަ އަހަރު އުތީމުގައި ބޭއްވި މަރުކަޒެއްގައި ބަދަލުކުރެވުނު ކަމަށް ވެއެވެ. އޭރު އުތީމުގައި ކުރިއަށް ދިޔަ މައުރަޒެއްގައި ހުރި ނަން ބޯޑެއްގައި "މުޅަދޫ" މިހެން ލިޔުއްވާފައިވާ ނަން "މުޅުަދޫ"ގެ ނަމަށް ރައީސް މައުމޫން ބަދަލުކުރެއްވި ކަމަށް މި އަތޮޅުގެ ބައެއް ގަދަރުވެރިންނާއި ހަވާލާދެއްވާ މުހައްމަދުބެ ވިދާޅުވިއެވެ.

"ބޮޑު ގައުމީގެ ނަމުގައި ހެދި ސްޓޯރުގައި ނަން ބޯޑު އިނީ މޮޅުދޫ. ނަން ބަދަލުކުރެއްވީ ރައީސް މައުމޫންގެ ގަލަމުން މުޅުދޫ އަށް." މުހައްމަދުބެ ވިދާޅުވިއެވެ.

އަދި އެ ބަދަލުކުރެއްވި ކުރެއްވުމުގައި "މޮޅުދޫ"ގެ ރައްޔިތުންނަށް ރައީސް މައުމޫންގެ ތައުރީފާއި ސަނާގެ ބަސް ލިބުނު ކަމަށް ބުނެ އުޅެއެވެ. ރަށުގެ ބައެއް ލިޔުންތަކުގައި ވެސް އޭރު މުޅުދޫގެ ނަމުން ރަށަށް މުހާތަބު ކުރި ކަމަށާއި އޭރުގެ ކަމާއި ބެހޭ އިދާރާތަށް މުޅުދޫ އަށް ބަދަލުކުރަން ރައީސް އޮފީހުން އެންގެވިކަމަށް ވެސް މުހައްމަދުބެ ވިދާޅުވެއެވެ. އަދި މިހާރު ފެންނަ ގޮތަށް މޮޅަދޫގެ ނަމުގައި އިދާރީ ގޮތުން އެ ރަށަށް ނަން ކިޔަން ފެށީ 2003 ވަނަ އަހަރު ރަށު އޮފީހުގެ ނަން ބޯޑުތައް ލިބުނު އިރު އެގޮތަށް ނަންއޮތް ހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއީ މި ރަށަށް މުޅުދޫ ކިޔުނު ކަމަށް ބުނާ ބުނުމުގައި ބުރަ ވެވޭ ވާހަކަތަކެވެ. ނަމަވެސް ތާރީހު ދިރާސާކުރައްވާ ބޭފުޅުން އިއްތިފާގުވެލައްވަނީ މޮޅަދޫ އަށް އިހު ގަދީމީ ނަމެއްގެ ގޮތުގައި ކިޔުނީ މުޅަދޫ ކަމާއި އެ ނަން މޮޅަދޫގެ ނަމަށް ބަދަލުކުރެއްވީ ރައީސް މައުމޫން ކަމަށެވެ. އެގޮތަށް އަމަލުކުރެއްވީ ފަސޭހަ ނަންތަކެއް ރަށްރަށް ކިޔުމުގެ މަގްސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ކޮންމެ އަކަސް މޮޅަދޫ އަށް މުޅަދޫ ކިޔުނީ ރަށުގެ ފެންވަރު ދަށްވުމުން ކަމަށް ބުނާ ބުނުމާއި، ރަށަށް މޮޅުދޫ ކިޔުނު ކަމަށް ރަށުން ބޭރު ބަޔަކު އެއްބަސް ނުވާ ސަބަބަކީ ވަތަނީ ދެބަސްވުމެއް ކަމަށް ގަބޫލުކުރާ މީހުން މި ރަށުގައި މަދެއް ނޫނެވެ. އަދި މޮޅަދޫގެ ނަމަކީ މިއަދުވެސް އެ ރަށުގެ ރައްޔިތުންގެ ޖަޒުބާތުތަކާއި ގުޅިފައިވާ ނަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތާރީޚާއި، އާދަކާދަޔާއި، ދިވެހިންގެ މަސައްކަތްތެރިކަމާއި، ދޫދޫމަތީން އެކި ރަށްރަށުގައި ކިޔަމުން އަންނަ ވާހަކަތަކާއި، ،ހިނގާފައިވާ ބޮޑެތި ހާދިސާތަކާއި، ރަށްރަށުގެ މުހިންމު ޝަޚްސިއްޔަތުގެ ހަޔާތުގެ ވާހަކަތަކަކީ ލިޔުންތެރިކަމުގެ މުހިންމު ބައިތައް.
    ދިވެހިރާއްޖެއަކީ ވެސް އެތައް ސަތޭކަ ޖަޒީރާ ރަށްތަކެއް އޮތް ޤައުމެއް..އެންމެ ރަށެއް ނޫން. އެހެން ކަމުން ދެން ލިޔާލިޔުމެއްގާ ތަފާތު ރަށަކާ ބެހޭ ވާހަކައެއް ޙިއްސާކޮއްލެއްވުން އެދެން.

  2. ހހ

    ވަގުތު ނޫހްގެ އެކި އާޓިކަލް ތަކުގެ މައުލޫމާތު ވ ތަފާތު.