މީހެއްގެ މަރު އައިސް ޖެހޭނެ ވަގުތެއް ނޭނގޭނެއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަނިކޮށް ވެސް މަރު އަތުވެދާނެއެވެ. ނޫނީ މަސައްކަތެއްގައި މަޝްއޫލުވެ އުޅެނިކޮށް ވެސް މަރު އަތުވެދާނެއެވެ. އެކަން ވާނެ ވަގުތެއް، ވާނެ ތަނެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ.

މިއީ ވެސް ކުއްލި މަރެކެވެ. މިއީ އެތައް ބަޔަކަށް ހިތާމަވެރި ހަބަރެކެވެ. ރަހުމަތްތެރިންނާ ގުޅިގެން އުޅޭ އެކުވެރި ހިތްހެޔޮ ޒުވާނެއްގެ މަރެވެ. މިއީ އިންޑިއާގައި ޓްރެއިނިން ހަދަމުން ދަނިކޮށް ނިޔާވި އއ. ހިމަންދޫ އަށް އުފަން އުމުރުން 22 އަހަރުގެ މުހައްމަދު ސުލްތާން އިބްރާހިމްގެ ކުއްލި ވަކި ވުމުގެ ވާހަކައެވެ.

ލާންސް ކޯޕްރަލް ރޭންކުގެ ސުލްތާނަކީ މާލޭގައި ހުންނަ އަހުމަދިއްޔާ ސްކޫލު ނިންމި ގޮތަށް އެމްއެންޑީއެފްއާއި ގުޅިވަޑައިގެންފައިވާ އެއިދާރާގެ މަތީ މަގާމަކާއި ހަމައަށް ދިއުމުގެ ފޮނި އުއްމީދުތަކެއް ކޮށްފައިވާ ޒުވާނެކެވެ. ނަމަވެސް އެ ހުވަފެންތައް ހަގީގަތަކަށް ނުވެ މިއަދު ސުލްތާން ވަނީ އާއިލާއާއި ގާތްތިމާގެ ރަހުމަތްތެރިންނާއި ވަކިވެ، މި ދުނިޔެއިން އަލްވަދާއު ކިޔާފައެވެ. އެމްއެންޑީއެފްގެ އިތުރުން އޭނާ އަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްގެ އިންސްޓްރަކްޓަރެއްގެ މަގާމުގައި ހުރި ޒުވާނެކެވެ.

އިންޑިއާގައި ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވި މުހައްމަދު ސުލްތާން

ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެޒުވާނާ ނިޔާވެފައިވަނީ އިންޑިއާގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހުގެ ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ކަމަށެވެ. އަދި ޒުވާނާ ނިޔާވެފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ސުލްތާން ނިޔާވެފައިވަނީ ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށެވެ. އަދި އިމަޖެންސީގައި މެންދުރު 13:58 ގައި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ސުލްތާނުގެ ގާތް އެކުވެރިއަކު "ވަގުތު" އަށް ބުނީ، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އެޒުވާނާ ނިޔާވެފައިވަނީ އުސްތަނަކުން ވެއްޓިގެންނެވެ. ނަމަވެސް އެކަން އަދި ކަމާއި ބެހޭ އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އޭނާ ބުނީ، ސުލްތާނަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ރަހުމަތްތެރިންގެ އިތުރުން ނުދަންނަ މީހުންނަށް ވެސް ވެވެން އޮތް އެހީތެރިކަމެއް ވެދޭ މީހެއް ކަމަށެވެ.

"އަބަދު ވެސް ހީފަ ހުންނާނީ. ގަޑިން ގަޑިއަށް ނަމާދު ކުރުމަށް އަބަދު ވެސް ފަރުވާތެރިކަން ބަހައްޓާނެ. ބުނާ ހުރިހާ ކަމެއް ކޮށްދޭނެ. އެއީ ނުދަންނަ މީހަކު ވިއަސް. އަދި އެންމެންނާ ވެސް ވާހަކަ ދައްކާނީ ރީއްޗަށް" ހަތަރު އަހަރު ވަންދެން ސުލްތާންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރި ކުއްޖާ "ވަގުތު" އަށް ބުންޏެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑިމީގެ ތަމްރީނުގެ ތެރެއިން ސުލްތާން ނަގާފައިވާ ފޮޓޯއެއް

އޭނާ ބުނީ، ސުލްތާނުގެ އެންމެ ބޮޑު އެއް ހުވަފެނަކީ އެމްއެންޑީއެފްގެ މަތީ މަގާމެއްގެ މީހަކަށް ވުން ކަމަށެވެ. އެގޮތުން އަބަދު ވެސް ސްޕެޝަލް ފޯސް (އެސްއެފް)ގެ އޮފިސަރަކަށް ވާން ބޭނުންވާ ކަމަށް ސުލްތާން ބުނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އިންޑިއާއަށް ދިޔަ ޓްރެއިނިން ވެސް އެއީ ދޮޅު އަހަރު ވަންދެން އޭނާ ކުރި ހުވަފެނެއް. އެއަށް ވެސް ދިޔައީ ވަރަށް އުފަލުން. ނޮވެމްބަރު މަހު ޗުއްޓީއަކަށް ދެ މަހަށް އަންނަ ވާހަކަ ބުނި މިދިޔަ ހަފްތާގެ ތެރޭގައި" އެ ޒުވާނާ ބުންޏެވެ.

ސުލްތާން އާ އެކީ އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ މީހަކު ބުނީ، ސުލްތާންއަކީ އޭނާއާއި އެކީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު ކޭމްޕެއްގައި ބައިވެރިވެފައިވާ ވަރަށް މަޑުމައިތިރި ބަސް އަހާ ޒުވާނެއް ކަމަށެވެ. އެ ޒުވާނާގެ ވާހަކައިން ވެސް ސުލްތާނަކީ ނަމާދަށް އަހުލުވެރިކަން ބަހައްޓާ ޒުވާނެއް ކަން ވަނީ ފާހަގަވެފައެވެ.

"ރައްޓެހިން ބުނާ ކަމެއް ކޮށްދޭނެ ވެވެން އޮތިއްޔާ. މީހުންނަށް ވަރަށް ހެޔޮވާނެ. މީހުންނާ ވާހަކަ ދައްކާނީ ވެސް ވަރަށް ރީއްޗަށް" ސުލްތާން އާއި އެކީ އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އައި މީހަކު ބުންޏެވެ.

ސުލްތާނަކީ އޭނާގެ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ކުއްޖާއެވެ.

އިންޑިއާގައި ސުލްތާން ނިޔާވުމާއި ގުޅިގެން މިވަގުތު އެމްއެންޑީއެފުން އަންނަނީ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހެޔޮއެދޭ

  ހިއްފަޅާގެން ހިނގައްޖެ ﷲ ސުބްޙާނަހޫ ވަތައާލާ މުހައްމަދު ސުލްތާން ގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި ސުލްތޯން އަށް ހެޔޮރަހްމަތްލައްވާ ޖައްނަތުގައި ލައްވާންދޭވެ

  42
  1
 2. ފަރާ

  ވަރަށް ހިތާމަވެރި ޚަބަރެއް. މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ.

  27
 3. އަޚް

  އަލް މަރްހޫމްގެ ސުލްތާން އަކީ އެ ދެމީހުން ބުނިހެން ވަރަށް އަހްލާޤް ރަގަޅު ބޭފުޅެއް... ނުދަންނަ މީހާއާއިވެސް ގުޅުން ރަގަޅު....
  އޭނާއަށް ހެޔޮރަހްމަތް ލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާދޭވެ. އާމީން