ހަޤީޤީ ލޯބި ހާސިލް ކުރަން އެތައް ބަޔަކު ވެފައިވާ ބޮޑެތި އެތައް ޤުރުބާނީތަކެއްގެ ވާހަކަ އަޅުގަނޑުމެން އަހަމެވެ. ލޯބިވެރިންނަށާއި މުޅި ދުނިޔެ އަށް މިސާލަކަށް ވާނެ ފަދަ އެތައް ވާހަކައެއް އެބަހުއްޓެވެ. ނަމަވެސް މިފަހަރު މިއޮތީ މިސާލެއްގެ ގޮތުގައި ބަލަން ޖެހޭ ވަރަށް ވުރެ ހިތާމަވެރި ލޯބީގެ ވާހަކައެކެވެ.

ސްރީލަންކާ އަށް އަޅުގަނޑުމެން ކުރި ޗުއްޓީ ދަތުރުގައި އަޅުގަނޑުމެން ފެބްރުއަރީ 22 ވަނަ ދުވަހު ތިބީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް ސްރީލަންކާގެ ސަހަރު ކަމަށްވާ ނުވަރައެލިޔާ (ނޫރައްލިޔާ) ގައެވެ. ގިނަ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް މިސަހަރަކީ ވަރަށް ފިނި ސަރަހައްދެކެވެ. ފަރުބަދަ މަތީގައި އޮންނަ މިސަހަރުގެ އެންމެ ހާއްސަ އެއް ސިފައަކީ ވެސް ސަރަހައްދުގެ ފިނިކަމެވެ. ފަރުބަދަތައް މަތީގައި މީހުން ދިރިއުޅޭ އިރު މަގުތަކުން އަރައިފައިބައި ހެދުމުގައި އުފުލަން ޖެހޭ ތަކުލީފްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލް އެތައް ބިނާ އަކާއި އަދި ތާޒާ، މޮޅު ސައިފަތުގެ ސަބަބުން ނޫރައްލިޔާގެ ވާހަކަދެކެވެއެވެ. ބަލައި ފޫހިނުވާނެ ގުދުރަތީ ކިތަންމެ މަންޒަރެއް ނޫރަލިއްޔާގެ ވަށައިގެން ފެންނަން އޮވެއެވެ. މިއީ އަޅުގަނޑު ނޫރައްލިޔާ އަށް ކުރި ހަތަރުވަނަ ދަތުރެވެ. ނަމަވެސް އަދިވެސް ސަރަހަރުގެ ވަށައިގެން މިއޮތް ރީތި މަންޒަރު ބަލައިގެން ފޫހިކަމެއް ނުލިބެއެވެ. ލިބެނީ އުފަލާއި ހިތްހަމަޖެހުމެވެ.

ނޫރައްލިޔާ އަށް ދަތުރުކުރާ ފަތުރުވެރިންގެ އެއް މަންޒިލަކަށް ވާނީ "ލަވާސް ލީޕް ވޯޓާފޯލް" އެވެ. ނަމުން ވެސް އެނގޭނެ ފަދައިން މިއީ ލޯބީގެ ކަމަކާއި ގުޅިފައިވާ ފެން އާރެކެވެ. ލަންކާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ "ޕިދުރުތަލަގަލަ" ނުވަތަ ޕެޑްރޯ ފަރުބަދަ މަތީގައިވާ މިފެންއާރައި ގުޅިފައިވާ ލޯބީގެ ވާހަކައެއް ލަންކާ މީހުން ކިޔައިދެއެވެ.

ލަވާސް ލީޕް ވޯޓާފޯލަށް "ވަގުތު" ބައެއް މުވައްޒަފުން އަރަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެވާހަކައިގައި ބުނާ ގޮތުން ލަންކާގައި ވަރަށް ކުރީޒަމާނެއްގައި ރަސްކަން ކުރެއްވި ރަސްކަލެެއްގެ ދަރިކަލަކާއި ރަސްގެފާންގެ ލަޝްކަރުގެ އަންހެން ސިފައިނަކާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދުނެވެ. ވަލީއަހްދުގެ ހިތްޕުޅުގައި ސިފައިންގެ ބޭކަނބަލަށް ހާއްސަ މަގާމެއް ދެވުނެވެ. ދެބޭފުޅުން ސިއްރުން ލޯބީގެ ގުޅުން ކުރިއަށް ގެންދެވީ އެކަން ރަސްގެފާނަށް އެނގިވަޑައިގެންފި ނަމަ އެގުޅުމަށް ގަބޫލުފުޅުވެ ވަޑައިނުގަންނަވާނެ ކަން ކަށަވަރު ވާތީއެވެ.

ނަމަވެސް ދެބޭފުޅުންގެ ލޯބީގެ ގުޅުން މާގިނަ ދުވަހަކު ސިއްރުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ވަލީއަހްދުގެ ލޯބިވެރިޔާ އަކީ "ސިފައިންގެ އާދައިގެ މީހެއް" ކަން ރަސްގެފާނަށް އެނގިވަޑައިގެންފިއެވެ. އަމުދުން އެދުވަސްވަރުގެ ކަންތައްތައް ހުރިގޮތުން ރަސްމަތިފުށުގެ ބޭކަލަކު އާދައިގެ ދެރަ ނިކަމެތި އާއިލާއެއްގެ އަންހެން ކުއްޖަކާއި ކައިވެނިކުރުން އެއީ ރަސްގެފާނުގެ ހިތްޕުޅު އެއްވެސް ވަރަކަށް ރުހޭ ކަމަކަށް ނުވިއެވެ.

ލަވާސް ލީޕް ވޯޓަރފޯލް - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ޒުވާން ދެލޯބިވެރިންނަށް ވިސްނައިދެއްވައިގެން އެގުޅުން ނިމުމަކަށް ގެންނަވަން ވެސް ރަސްގެފާނު ބޭނުންފުޅެއް ނުވިއެވެ. ރަސްގެފާން މިމައްސަލައިގައި ނެރުއްވީ ހަރުކަށި އަމުރެކެވެ. އެއީ އެލޯބީގެ ގުޅުން އިތުރަށް ކުރިއަށް ގެންގޮސްފިނަމަ އަންހެން ކުއްޖާ މަރާލުމުގެ އަމުރެވެ.

ރަސްގެފާންގެ އަމުރުފުޅުވީ ޒުވާން ވަލީއަހްދަށް އެއްވެސް ވަރަކަށް ގަބޫލުފުޅު ނުކުރެއްވުނު އަމުރުފުޅަކަށެވެ. އެމަނިކުފާނުގެ ޒުވާން ލޯބިވެރިޔާ ބައްޕާފުޅުގެ އަތްޕުޅުން އަވަހާރަވާކަށް ޒުވާން ވަލީއަހްދު ބޭނުންފުޅެއް ނުވިއެވެ. އަދި އެގުޅުން ނިންމާލާ ލޯބިވެރިޔާ ދޫކޮށްލަން ވެސް ޒުވާން ވަލީއަހްދު ބޭނުންފުޅެއް ނުވިއެވެ.

އެހެންކަމުން ވަލީއަހްދާއި އެމަނިކުފާނުގެ ލޯބިވެރިޔާ އެންމެ ފަހު ފަރަހަށް ބައްދަލު ކުރީ މިހާރު "ލަވާސް ލީޕް ވޯޓާފޯލް" އޭ މިކިޔާ ފެންއާރުގެ އެންމެ މަތިންނެވެ. ދެބޭފުޅުން ބޭނުންފުޅުވި ގޮތައް ލޯބީގެ ހަޔާތްޕުޅު ކުރިއަށް ނުގެންދެވުނު ނަމަވެސް އެއީ އެކަކަށްޓަކައި އަނެކަކު ފުރާނަ ދުއްވާލި ދެލޯބިވެރިންގެ ގޮތުގައި ތާރީޚްގައި ފަވާލެވޭނެ ގޮތައް އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަތްޕުޅުގައި ހިތްޕަވައިގެން ފެންއާރުގެ އެންމެ މަތިން ފުންމާލާ އަމިއްލަ އަށް މަރުވިއެވެ.

ވަގުތު ބައެއް މުވައްޒަފުން ލަވާސް ޕީކްގައި - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިއީ ލަންކާގެ ތާރީޚްގައި މިވާހަކަ ކިޔައި އުޅޭ ގޮތެވެ. ނަމަވެސް މިއީ ކޮން ދުވަސްވަރެއްގައި ހިނގި ހާދިސާއެއް ކަން އެނގޭނެ އެއްވެސް ހެއްކެއް ލަންކާގެ ތާރީޚުން ފެންނާކަށް ނެތެވެ. މިހާދިސާ ހިނގި ދުވަސްވަރު ލަންކާގެ ރަސްކަމުގައި ހުންނެވީ ކޮން ބޭފުޅެއް ކަމެއް ވެސް އަދި އަވަހާރަވި ވަލީއަހްދާއި އޭނާގެ ލޯބިވެރިޔާގެ ނަމެއް ވެސް ލަންކާގެ ތާރީޚްގައި ލިޔެވިފައެއް ނެތެވެ.

ނަމަވެސް އިސްވެ ދެންނެވި ވާހަކަ އެގޮތައް ކިޔަމުން އަންނަތާ މިހާރު އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ލަވާސް ލީޕް ވޯޓާ ފޯލަށް އެހެން ނަމެއް ކިޔާފައިވާކަން ވެސް އެނގޭކަށް ނެތެވެ. އެހެންކަމުން "ލަވާސް ލީޕް ވޯޓާފޯލް" ގައި ހިނގި ކަމަށް އެބުނާ ހާދިސާ އެގޮތައް ހިނގާފައިވާކަން ލަންކާގައި މީގެ ކުރިން އުޅުނު މީހުންނާއި މިހާރު އުޅެމުންދާ މީހުން ވެސް ގަބޫލު ކުރެއެވެ.

"ލަވާސް ވޯޓާފޯލަށް" އަޅުގަނޑުމެން ވެސް އެރީމެވެ. 2.4 ކިލޯ މީޓަރަށް ފައި މަގުގައި ހިނގާފައި އެރުން ވީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އަލަށް ކުރި ތަފާތު ތަޖުރިބާ އަކަށެވެ. ފެން އާރާއި ހަމައަށް ފައިމަގުގައި ނޭރިގެން ބައެއް ބައިވެރިން މަސައްކަތް ހުއްޓައިވެސް ލިޔެވެ. ނަމަވެސް ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ފެންއާރު ކައިރީގައި ފޮޓޯ ނަގާލުމުގެ އުފަލާއި ހިތްހަމަޖެހުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހާސިލް ކުރީމެވެ.


"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 ސަރަހައްދަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢައިޝާ

  އަޅޭ ތިތަނަށް އަރަން ތިޔަށްވުރެން ފަސޭހަ މަގެއް އޮންނާނެ.

  2
  1
  • މެން

   ނޯއްނާނެ. މަ ދިޔައިން