ކުޑަކުދިން ސްކޫލަށް ދިއުމަށް ދެތިން ގަޑިއިރު ހިނގާ ވާހަކަ އާއި ހައެއްކަ ގަޑިއިރުގެ ދަތުރު ކުރާ ވާހަކަ އަޅުގަނޑުމެން މީގެ ކުރިން އަޑުއަހަނީ، ފެންނަނީ ޑޮކިއުމެންޓްރީތަކުންނެވެ. ދިވެހި މަންމަ އަކު އެމައިމީހާގެ ބުރަކަށިމަތީގައި ދަރިފުޅު އުފުލައިގެން، ދަރިފުޅު ސްކޫލަށް ގެންދަން ދަތި އުނދަގޫ ދަތުރެއް ކުރާ ވާހަކައަކީ ރާއްޖޭގައި ހިނގާފާނެ ކަމެއް ކަމަށް ވެސް ފުރަތަމަ ގަބޫލު ކުރަން ދަތިވިއެވެ. ނަމަވެސް އެކަން ވެސް ވެއްޖެއެވެ. ހުޅުމާލޭ ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ މަންމަ އަކު އޭނާގެ ދަރިފުޅު ބުރަކަށިމަތީގައި އަދި ބައެއް ފަހަރު އުރުގައި ޖަހައިގެން ކޮންމެ ދުވަހަކު ދެގަޑިއިރަށްވުރެ ގިނައިރު ހިނގަމުން ދާކަން މިހާރު މީޑިއާގެ ސަމާލުކަމަށް ވެސް އޮތީ އައިސްފައެވެ.

ބުދަ ދުވަހު މީސް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެންނަ މަންމަ އާއި އޭނާގެ ދަރިފުޅުގެ ވީޑިއޯ އާއްމުވުމުން އާއްމުންގެ ޖަމިއްޔާ އިން އެއާއިލާއާއި ވާހަކަދެއްކިއެވެ. އަދި ހުކުރު ދުވަހު އަޅުގަނޑު ވެސް ހިމެނޭ ގޮތައް އާއްމުންގެ ޖަމިއްޔާ އިން އެއާއިލާ އާއި ބައްދަލު ކުރާ ގޮތައް ވެސް ހަމަޖެހުނެވެ. ނަމަވެސް އޭގެ ކުރިން ބުރާސްފަތި ދުވަހު މެންދުރު އަޅުގަނޑު ކައިރިން އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އެދުނީ އެއާއިލާ އިން ހިނގާފައި ކުރަމުން އެދާ ތަޖުރިބާ އަމިއްލައަށް ތަޖުރިބާ ކޮށްލުމަށެވެ.

ބުރާސްފަތި ދުވަހު ދެދަރިން ގޮވައިގެން އެކުދިންގެ މަންމަ ސްކޫލުން ގެއަށް ދާދަތުރުގައި އަޅުގަނޑާއި މިދުއަމް ބައިވެރިވީމެވެ. ހުޅުމާލޭ އަށް ދަތުރުކުރާ އެމްޓީސީސީގެ ބަހުގައި ކާނިވާ ސަރަހައްދުން އެއާއިލާ އާއި އަޅުގަނޑުމެން ދަތުރު ފެށީ އާއްމު އުސޫލުންނެވެ. ބަހުގައި އާއްމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް "ނޯމަލް" ދަތުރަކަށް އެދަތުރު ވެދާނެއެވެ. ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ދަތުރު ކުރުން އެއީ އެހެން މީހުން އެކުއްޖާ އާއިމެދު ދެކެފާނެ ގޮތަކާއި ދޭތެރޭ ވެސް ފިކުރު ހިންގައިގެން ނޫނީ ކުރެވޭނެ ދަތުރަކަށް ނުވާނެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން އާއްމު ދަތުރުފަތުރުގެ ނިޒާމް ބޭނުން ކުރާ އެއްވެސް ބެލެނިވެރިއަކަށް އެފަދަ ދަތުރެއް އާއްމު ދަތުރަކަށް ނުވާނެއެވެ. އެއީ މުޖުތަމައުގެ އެހެން މީހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ.

ބައި ގަޑިއިރުގެ ދަތުރަކަށް ފަހު ބަސް މަޑުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި އެންމެ ކައިރިއަށް ހުރި ބަސް ސްޓޮޕަޝެވެ. އެހައި ހިސާބުން ބަސް ދަތުރު ނިމުނީއެވެ. ކުއްޖާ ބުރަކަށީގައި އުފުލި މަންމަ އާއި އެކުއްޖާގެ އިތުރުން އެއާއިލާގެ 11 އަހަރުގެ ކުއްޖާ ވެސް ބަހުން ފައިބައިގެން ހިނގައިގަތީ ދެވަނަ ފިޔަވަހީގެ ބުރިޖާއި ދިމާއަށެވެ. މަންމަ ހިނގައިގަތީ ހަގު ކުއްޖާ އުރުގައި ޖަހައިގެންނެވެ. އަޅުގަނޑާއި މިދުއަމް ވެސް އެއާއިލާގެ ފަހަތުން ހިނގައިގަތީމެވެ. ގަޑިން މެންދުރު ފަހު 15:00 އެވެ. ހިނގަން ފެށުމާއިއެކު ގަދަ ހޫނުގެ އިހްސާސް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރަން ޖެހުނެވެ.

ކައިރި ސަރަހައްދަކުން ގަހެއް ފެންނަން ވެސް ނެތް އެސަރަހައްދުން ހިނގާފައި ދާއިރު އަވިން ހިޔާ ވާނެ ވަގުތުކޮޅެއް ނާދެއެވެ. ބުރިޖާއި މަގުގެ ހޫނުކަން އިތުރުވެފައި ވަނީ ގަދަ ހޫނުގެ ސަބަބުން ދޮންވެފައި އޮތް ތާރުގަނޑުގެ ސަބަބުންނެވެ. ނަމަވެސް ކުއްޖާ އުރުގައި ޖަހައިގެން މަންމަ ހިނގަމުން ދިޔައިރު އަދި އަތުގައި އަށެއްކަ ކިލޯގެ ދަބަހެއް ވެސް އޮތެވެ. އެއީ ދަރިފުޅުގެ ފޮތް ދަބަހެވެ.

ކުއްޖާގެ މަންމަ 15 ވަރަކަށް މިނެޓް ހިނގި ފަހުން މިދުއަމްގެ ބުރަކަށި މައްޗަށް ކުއްޖާ ލައިގެން ހިނގަން ފެށިއެވެ. ޓެނިހަށް އަރައި ވަރަށް ބޮޑަށް އަޅުގަނޑުމެން ތައްޔާރުވެގެން ތިބި ނަމަވެސް މިދަތުރުގައި ކުރިއަށް ދިއުން އެއީ ވަރަށް ދަތިކަމަކަށް ވިއެވެ. އަޅުގަނޑު ވެސް ކުއްޖާ ބުރަކަށިމަތީގައި އުފުލީމެވެ. އާއްމުކޮށް ކަސްރަތުކޮށް އުޅޭ ހަރަކާތްތެރި ފިރިހެނަކަށް ވެސް ކުޑަކުއްޖަކު އުރައިގެން ހިނގާފައި ގަދަ ހޫނުގައި މިފަދަ ދަތުރެއް ކުރުން އެއީ ފަސޭހަ ކަމެއް ނޫންކަން ހައެއްކަ މިނެޓް ތެރޭގައި އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނެވެ.

ކުއްޖާ އުރައިގެން ހައެއްކަ މިނެޓް ވީއިރު ދެން އިތުރަށް ކުރިއަށް ދިއުން އަޅުގަނޑުމެންނަށް ދަތިވެއްޖެއެވެ. ދާހިއްލާ ފޯވެ، ދެފައި ވަރުބަލިވެ، އިތުރަށް ކުރިއަށް ދާން އަދި ވަކިން ބޮޑު ހިތްވަރެއް ލާން ޖެހުނެވެ. ކަށިން ހިތްވަރު ނެރެގެން އަޅުގަނޑުމެންނަށް ދަތުރު ނިންމާލެވުނީ 45 މިނެޓް ހިނގި ފަހުންނެވެ. ދަތުރު ނިންމާލެވުނުއިރު ދެން އިތުރަށް ހިނގާފައި އެނބުރި ފުރަތަމަ ފިޔަވައްސަށް އަންނާނެ ހިތްވަރެއް އަޅުގަނޑުމެން ދެމީހުންގެ ނެތެވެ. އަޅުގަނޑުމެން އެނބުރި މާލެ އައީ ޓެކްސީއެއްގައެވެ.

މިދުއަމް ވިދާޅުވިހެން މިއީ ވަރުހުރެގެން ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ހިތްވަރު ހުރެގެން ކުރެވޭނެ ކަމެކެވެ. މަންމަގެ ހުރީ ހިތްވަރެވެ. ކޮންމެ ދުވަހަކު ދަރިފުޅު އުރައިގެން 45 މިނެޓްގެ ދެދަތުރު މަންމަ އެކުރަނީ އެހިތްވަރު ހުރުމުންނެވެ.

އެންމެ ދުވަހަކު ހިނގާފައި ގަދަ ހޫނުގައި ހިޔާ ފްލެޓާއި ހަމައަށް ދިއުމަށް ފަހު އަޅުގަނޑަށް އަމިއްލަ ނަފްސާއި ކުރެވުނު ސުވާލަކީ ސަރުކާރުން ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ނުފަށަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު އެންމެ ދުވަހަކުން ވެސް ހިޔާ ފްލެޓާއި ހަމައަށް ބަސް ދަތުރުތައް ފެށި ދާނެއެވެ.

ހަގީގަތަކީ ހިޔާ ފްލެޓްތަކަށް ބަސް ދަތުރުތައް ފެށުން ސަރުކާރުން ލަސް ކުރުމުން އެތައް ބަޔަކު ވަނީ ފައި މަގުމަގައި ދަތުރުކުރަން މަޖުބޫރު ވެފައެވެ. ފައި މަގުގައި ދަތުރުކުރާ ހުރިހާ އެންމެންގެ މައުލޫމާތު މީސް މީޑިއާއަށް ތިލަ ވެގެންނެއް ނާންނާނެއެވެ. މާލީ ހާލަތު ހުރި ގޮތުން ފައި މަގުގައި ދަތުރު ކުރަން މަޖުބޫރުވެފައިވާ އެތައް ބަޔަކު ހިޔާ ފްލެޓްތަކުގައި މިހާރު ވެސް ދިރިއުޅެމުން ގެންދާކަން ސަރުކާރަށް ނޭނގި އޮންނާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވެއެވެ. މިއީ ގަސްދުގައި ކަންކަން ލަސްކޮށް، ޖެއްސުންކޮށް، ރައްޔިތުންނަށް ދަތިތަކާއި ތަކުލީފްތައް ކުރިމަތި ކުރުވަން ނުކޮށް ދޫކޮށްލާފައި އޮތް ކަމާއި މެދު އިތުރު ޝައްކެއް އުފައްދާނެ ޖާގައެއް ނެތެވެ. އަސްލު އަނިޔާއަކީ މިއީއެވެ.

މަންމަ އަކު އޭނާގެ ބުރަކަށިމަތީގައި ކުއްޖަކު އުފުލާ މަންޒަރު އާއްމުވެ މީޑިއާތަކުގައި އެވާހަކަ ދެކެވެން ފެށުމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބަސް ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީ އިން އެވަނީ ބުނެފައެވެ. މަންމަގެ ވީޑިޯ އާއްމުނުވިނަމަ އަދިވެސް އެތައް ބަޔަކު އެމީހުންގެ ދަރިން ސްކޫލަށް ލާން، އަދި ދަރިން އަނބުރާ ހިޔާ ފްލެޓަށް ގެންދަން ޖެހޭނީ ފައި މަގުގައެވެ.

އެނެންކަމުން އެމަންމަ ދެއްކި ހިތްވަރާއިއެކު ހިޔާ ފްލެޓްތަކުގެ ހުރިހާ އާއިލާއަކަށް މިއަދު ބަސް ދަތުރުތައް ހަމަޖެހިގެން ދިޔައީއެވެ. މަންމަގެ ހިތްވަރަށް ސާބަހެވެ. އަދި ހިޔާ ފްލެޓްތަކުގެ ފްލެޓްވެރިންގެ ފަރާތުން މަންމަ އަށް ޝުކުރިއްޔާއެވެ. ބަސް ދަތުރުތައް ފެށުނީތީ އެންމެންނަށް މަރުހަބާއެވެ.

ސަރުކާރުން ދަސްކުރަންވީ ފިލާވަޅަކީ ހުރިހާ މައްސަލައެއް މީސް މީޑިއާކަށް ނާންނާނެއެވެ. ޓްވިޓާ ނުވަތަ ފޭސްބުކްގައި ކަމެއް ވައިރަލް ވުމުގެ ކުރިން މައްސަލަތައް ހައްލު ކުރަން ސަރުކާރުން ދަސްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫނާ

    ވަރަށް ލޯބި މަންމައެއް. ވަރަށް ހިތްވަރުގަދަ

    24
    1
  2. ޙާމަ

    މިސަރުކާރަކުން ނޫޅޭ ރައްޔިތުން އަށް ފަސޭހަކޮއްދޭކައް...ފޭސް 2 ގައި މީހުން ދިރިއުޅެންފަށާއިރުވެސް އިގޭނެދޯ އެތާގަވެސް ސްކޫލައްދާކުދިން އާ އޮފީސްތަކައްދާމީހުން އުޅޭނެކަން...ނޫސްވެރިންގެ ހިއްވަރެއް އޮތީ ކަންތައްތައް ރަގަޅުކުރުމައް ވާހަކަދެއްވުން.. ފޮޓޯތައްނަގާފަ ސަރުކާރިގެ ވެރިން އަށް ދެއްކުން...އެވެރިން ފިނިކުރި ކާރުގަ އުޅޭއިރު އިހްސާސްވެސް ނުވާނެ ރައްޔިތުމީހާ ހިއްލާނެ ދަލެއް..ވާނެ ވަރުބަލިއެއް....

    20
    1
  3. ސަމާ.

    އެނިކަމެތި މައްމައަށް ޖެއްސުން ކުރި ވޭމަންޑޫ ޖެންޑާ މިނިސްޓަރީގެ ސްޓާފަށްވެސް ދައުވަތު ދިންނަމަ !!!

    21
    1
  4. އައިން

    ހާދަ ހިތްވަރުގަދަ މަންމަ އެކޭ... ❤
    ޝުކުރިއްޔާ ކޮތަރުކޮށި އަދި ވަގުތު ޓީމަށް ...

    24
    1
  5. ނޫސްވެރިންނަށް ވެސް ޝުކުރިއްޔާ!

    ޢާންމުންގެ ދަތިތައް ފިލުވަން ލޮބުވެތި ނޫސްވެރިން ކުރާ މަސައްކަތްތަކަށް ހިތުގެ އަޑިން ޝުކުރިއްޔާ އެވެ! ކޮވިޑްގެ ބަލިމަޑުކަމުގައި އިޤްޠިޞާދު އިނދަ ޖެހިފައިވާ މިދަނޑިވަޅުގައި، ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވާ ނުހަނު ދަތި އަދި އުނދަގޫ މަސައްކަތްތަކަށް ވެސް، އިޚްލާޞްތެރި ކަމާއިއެކު، ޝުކުރިއްޔާ އެވެ! މި ޚަބަރު ފެނުމުން ހިތަށްއަރަނީ، މިއީ އެކަނިވެރި މައެއް ބާއޭ! މިކުދިންގެ ބައްޕަ ކޮބައިބާއޭ؟ ކުރާ މަސައްކަތް ނުވަތަ އަދާކުރާ ވަޒީފާގެ ގޮތުން ރަށުގައި ނޫޅެވެނީބާއޭ؟ މިލިޔުމުގައި، ބައްޕައަށް އެހީނުވެވޭ ސަބަބު ހިމަނާލި ނަމައޭ! އަދި ވީޑިއޯނެގީ ހުއްދައާ އެކުގައި ކަމުގައި ވިޔަސް، ވީޑިއޯގައި ކުޑަ ދެކުދިންނާއި، މަންމަގެ މޫނު ސާފުކޮށް ފެންނާނެ ގޮތަށް ހުރުން އެއީ އެންމެ ރަނގަޅު ގޮތްބާއޭ؟ އެވެ.

  6. މައު

    ވ.ވަރަށް ލޯބި މަންމައެއް، ވަރަށް ހިތްވަރުގަދަ އެއީ ހަގީގީ މަންމައިންގެ ލާމަސީލް ނަމޫނާއެއް.