(އދ. ދަނގެތިން) ދަނގެތީގައި ކުރިއަރަމުން އައި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގެ ކަމުގައިވާ ބިލެތްގޭގެ ފަޅަށް އޮތް ބައިގައި އޮތް ފެން ވަޅެއް ތެރެއިންނެވެ. ދެކޮޅުން ބަނދެ ސުތުލި ގޯންޏަކަށް ލައި، ފެން ހުރި އެ ވަޅުގެ ތެރެއަށް އޭނާ ވައްޓާލާފައި އޮތީ އެކޮޅުކޮޅުންނެވެ. މަހްމޫދުގެ ހަށިގަނޑު ވަޅުން ނަގައި ބެލިއިރު، ހަށިގަނޑުގެ އެ ތަން މި ތަނުގައި ވަޅި ހަރާފައި ހުއްޓެވެ.

ރަށުގެ އާބާދީގައި ހާހެއް ވެސް ހަމަ ނުވާ ދަނގެތީގައި ހިނގި ބިރުވެރި މި ހާދިސާއާ މެދު ކުރެވެނީ އެތައް ސުވާލުތަކެކެވެ. މި ސުވާލުތަކަށް ޔަގީން ޖަވާބެއް ނެތެވެ. މުޅިން ވެސް އޮތީ ހީކުރެވޭ ގޮތްތަކާއި ލަފާ ކުރެވޭ ގޮތްތަކެކެވެ. "ގޮތް ނޭނގޭ" މި މަރުގެ ތަހުގީގަށް ފުލުސް އޮފިސަރުންނާއި ފޮރެންސިކް ޓީމެއް ވެސް ރަށު ތެރޭގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހޯދުނު ކަމެއް، ހޯދުނު އެއްޗެއް ނެތް!

ރަށުގައި ޑިއުޓީގައި ޖުމްލަ ގޮތެއްގައި ހަތަރު ފުލުހުން އުޅޭ އިރު،، އެއް ވަގުތެއްގައި އާންމު ގޮތެއްގައި ރަށު ތެރޭގައި ފޯރިމަރަން އުޅެނީ ތިނެއް ނޫނީ ދެ ފުލުހުން ކަމަށް ވެއެވެ. މަރުގެ ހާދިސާ އަށް ފަހު ފުލުހުންނާއި ފޮރެންސިކް ޓީމުގެ ހަރަކާތްތައް އަދި ފެންނަނީ ހަށިގަނޑު ފެނުނު ސަރަހައްދުގައި އެކަންޏެވެ.

ފުލުހުން ބަންދުކޮށްގެން އުޅެނީ މައިގަނޑު ގޮތެއްގައި ދެ ސަރަހައްދެކެވެ. އެއީ ހަށިގަނޑު ފެނުނު ފަޅު ގޯއްޗާއި މަހްމޫދު މަރާލި ކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރާ އއ. ތޮއްޑޫ މީހުން ދިރިއުޅޭ ގެއެވެ.

ނަމަވެސް ކުށުގެ ވެއްޓަކީ ކޮބައި ކަމެއް އެނގޭކަށް އަދި ނެތެވެ. ވިއްސާރަ ރެއެއް ކަމުން، އާބާދީ މަދު އެ ރަށުގައި ގިނަ ބަޔަކު ތިބީ ވެސް ގޭގައެވެ. ރަށު ތެރެއިން ހަޅޭކާއި އަޑެއްގެ އަޑު ވެސް އިވުނު މީހަކު ނެތެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ވަޅު: ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

މަހްމޫދު ދިރިއުޅޭ ގެ ކައިރިން ދަނބިދަރި އަހުމަދު އިމާދު "ވަގުތު" ގެ ނޫސްވެރިންނާ ބައްދަލުކޮށް ބުނި ގޮތުގައި، މަހްމޫދު އަތުގައި އަބަދުވެސް ވޮލެޓާއި ފޯނު އޮންނައިރު އުޅޭނީ އަތުކުރި ގަޑިއެއް އަޅައިގެންނެވެ.

އެހެންވިޔަސް މަހްމޫދުގެ ހަށިގަނޑު ފެނުނުއިރު ފޯނާއި ވޮލެޓް ނެތްއިރު އަތުގައި އޮންނަ ގަޑި ވެސް ނެތް ކަމަށް އިމާދު ބުންޏެވެ. މަހްމޫދުގެ ވޮލެޓްގައި ވެސް އާންމު ގޮތެއްގައި 10،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުންނަ ކަމަށް ވެސް އިމާދު ބުންޏެވެ.

އާއިލާއިން މިހާތަނަށް މައުލޫމާތު ސާފު ކުރިއިރު ވެސް މިހާތަނަށް މިއިން އެއްވެސް އެއްޗެއް ހޯދިފައެއް ނުވެއެވެ.

"ފޯނު ވެސް، ގަޑި ވެސް، ވޮލެޓް ވެސް، މިއިން އެއްވެސް އެއްޗެއް ނުފެނޭ، މި އެއްޗެހި ނެތީމައާ އެކު ވެސް، އަޅުގަނޑުމެން މި ބަލަނީ ފައިސާގެ ކަމެކޭ އެ އުޅެނީ،" އިމާދު ބުންޏެވެ.

މަހްމޫދުގެ ދަނބިދަރި އިމާދު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

ކުރާ ކަމެއް ނުފެނޭ، އާއިލާގެ ޝަކުވާ

މަހްމޫދުގެ އާއިލާ ވެސް ބޭނުން ވާނީ އިންސާފެވެ. ގޮތް ނޭނގޭ މަރުގެ ހަގީގަތް އެނގުމެވެ. އެ ކަން ކުރަން ފުލުހުން ތަހުގީގެއް ރަނގަޅަށް ހިންގުމެވެ. އެކަމަކު އާއިލާއަށް ގަބޫލު ކުރެވޭ ގޮތުގައި މަރު ތަހުގީގު އެކަށޭނަ ގޮތަކަށް ނުހިންގައެވެ.

"އަދިވެސް އިންވެސްޓިގޭޝަން ހިނގާލެއް ހިތްހަމައެއް ނުޖެހޭ، އެ މީހުން ބަންދުކޮށްގެން ވެސް އެ އުޅެނީ އެ ވަޅު ހުރި ސަރަހައްދު އެކަނި، އަޅުގަނޑަށް ވަރަށް ޔަގީން އެއީއެއް ނޫން ކަން އެ ސަރަހައްދަކީ، އެ ސަރަހައްދެއް ހޯދަން ކުރާ ކަމެއް ވެސް ނުފެނޭ،" އިމާދު ބުންޏެވެ.

"ވަގުތު" ގެ ނޫސްވެރިން ބެލި ބެލުމުގައި ވެސް މި މައްސަލަ ތަހުގީގު ކުރަން މާ ބޮޑު ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އެހެން ބައެއް ސަރަހައްދުތައް ފުލުހުން ބަލަމުންދާ ތަނެއް އެހާ ބޮޑަކަށް ނުފެނެއެވެ. އަދި އެހެން ދިމާއެއް ޝައްކު ކުރެވިގެން ވެސް ބަންދެއް ނުކުރެއެވެ.

ރަށުގައި މިހާ ބޮޑު ކަމެއް ހިނގި އިރު، ރަށަށް އެރުމާއި ފޭބުން ވެސް ކަމާބެހޭ ފަރާތްތަކުން މަނައެއް ނުކުރެއެވެ. އަދި ރަށަށް އަރައި ފޭބުން މޮނިޓަ ކުރަން ވެސް ބަޔަކު ނެތެވެ.

މީގެ އިތުރުން ގޮތް ނޭނގޭ އެތައް ކަމެއް ހިނގާފައި އޮތް އިރު، އެ ކަންކަން ބަލަން އައިސް އުޅޭ ޓީމު ވެސް ކުޑަ ކަމަށް ބެލެވެއެވެ. މީސްކޮޅު މަދު ރަށެއްގައި ވިޔަސް، ހިނގާފައި ވަނީ ގޮތް ނޭނގޭ މަރެކެވެ. މި މަރުގެ ހަގީގަތާއި ގާތިލުން ހޯދަން ފުލުހުންގެ ތަހުގީގު ވަރުގަދަ ކުރަން ޖެހެއެވެ.

ފުލުހުންގެ ފޮރެންސިކް ޓީމެއް ހަށިގަނޑު ފެނުނު ފަޅުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

ތުހުމަތު ކުރެވޭ މީހުން ބަންދުގައި، އެކަމަކު އެހެން މައްސަލައެއްގައި

ރަށުގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި، މި ބޮޑު ކުށުގެ ފަހަތުގައި ވެސް ވަނީ ދާދި ފަހަކުން އެ ރަށުގައި ދިރިއުޅެން ފެށި އއ. ތޮއްޑޫ ބައެކެވެ. ރަށު ރައްޔިތުން ނުކުމެ މި މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރެއިން އެއް ފިރިހެން މީހާގެ ބައްޕައަކީ ދަނގެތި މީހެކެވެ. އެކަމަކު އެ މީހާ މިހާރު ދުނިޔެއަކު ނެތެވެ.

މަހުމޫދު އަބޫބަކުރު
މަހުމޫދު އަބޫބަކުރު

ފުލުހުން ވިދާޅުވީ މަހުމޫދުގެ މަރާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ދަނގެތިން ގެންދިޔަ ތިން މީހުން ތިބީ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނި ނަމަވެސް އެމައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މީހުން ދަނގެއްޗަށް ދިރިއުޅުން ބަދަލު ކުރީ ވެސް ތޮއްޑޫގައި ހިނގައި ދިޔަ މާރާމާރީތަކާއި ހަމަނުޖެހުންތަކަށް ފަހު، ތޮއްޑޫންް މި މީހުން ބޭލުމުންނެވެ. ތޮއްޑޫގައި ވެސް މާރާމާރީއާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި، ވައްކަން ފަދަ ކުށްތައް ހިންގި ކަމަށް ބުނެއެވެ. ދަނގެއްޗަށް ދިރިއުޅުން ބަދަލު ކުރި ފަހުން މި ރަށުގައި ވެސް އެފަދަ އެތައް ވައްކަމެއް ވެސް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލިބެ

    ރާއްޖޭގެ ޕޮލިހުންނަކީ ބޮޑު ސުމެއް

    17
    18
  2. ޙހހހ

    ފުލުހުން އުޅޭ ހުރިހާގޮތެއް ތަހްޤީޤް ގައި ކުރާ ހުރިހާކަމެއް އެންމެނަށް ނޭނގިދާނެ ، ރައްޔިތުން ކެތްތެރިވާންވާނެ

    39
    7
  3. ޙެކް

    ފުލުހުން އެމައްސަލަ އިންވެސްޓިގޭޓް ކުރާނީ ޕްރޮފެސަނަލްކޮއް ކަމާއިމެދު ސައްކެތް ނެތް. މި ހިތާމަވެރި ދަނޑިވަޅުގައި މަހުމޫދުބޭގެ އާއިލާއައް ކެތްތެރިކަން ދެއްވާށި. އާމީން!

    28
    5
  4. ޔާގުންޑާ

    ކަލޭމެންނަށް މާބޮޑަށް އެނގެނި

    23
    7
  5. ކަހުރަބު

    ޕޮލިހުން ސުމެއް އެހެންނުވާނީ ބޮޑަކަށް ހުރީ އިސްލާމުންގެ ޢަދުއްވެއް

    1
    2
  6. ކާފަ

    ކެރަފާ ނަސީދު އަށް ދިން ހަމަލާގެ ތަހުޤީޤު ދިޔައީ އަލި ދަތުރުކުރާ ބާރުމިނުގަ. ޢާއްމު ރައްޔިތުމީހާ ވީމަ ދިރާގު އިންޓަނެޓް ސުޕީޑުގަ

    6
    1
  7. އަބްދުއްލަޠީފު

    ގެއްލިގެން އުޅޭފޯނު ނިއްވާފަ ނޫނީ ނުބާއްވާނެ ކަންޔަގީން. ދެންވެސް ވަގުތުބޭކާރު ނުކޮށް ފޯނު ނިއްވާލިއިރު ފޯނު އޮތް ލޮކޭޝަން ބަލައިގެން ކުށުގެ ވެށި ހޯދިދާނެކަމަށް ލަފާކުރެވޭ. ހާދަ ތަތްކޮށް ގެންދާ ކަމެކޭ.

  8. ސަމާ މާލެ

    އަމާ ބުނީތީ ފަރައް ދާ އުސޫލުން، ތަހުގީގު ކުރާ ބައެއް، ފުލުހުން ތިއީ.

    7
    15
  9. އިބިލީ

    ހަގީގަތުގައި ގިނަފަހަރު ފުލުހުން ތަހުގީގުތައް ފުރިހަމަޔައް ގެންދާކަމައް އަޅުގަންދު ދެކެނީ. ދެން ފުލުހުންގެ ވެރިން ނުވަތަ ޕރޮސެކިއުޓާ ޖެނެރަލް ގެ އޮފީހާ ޖުޑިށަރީއާ ހިސާބައް ދިޔުމުން މި މައްސަލަތައް ގިނަފަހަރު އޮއްބާލަނީ، ކޮރަޕްށަން ނުވަތަ ސިޔާސީ ނުފޫޒުން

  10. Anonymous

    ހަމަހުރެފައި މީހަކު ހައްޔަރެއް ނުކުރެވޭނެނު ރައްޔިތުން ކެތްތެރިވެ ބަލަ. ފުލުހުން ކަންކުރާގޮތް ޢާއްމުންނާއި ހިސާބަށް ގެންނާނެ.
    އާދައިގެ ކުޑަކުޑަ ކަމެއް ނޫނޭމީ.
    ކެތްތެރިވެގެން މަޑުން ތިބެންވީ.
    ހެޔޮދުޢާ ކޮށްދެންވީ

  11. ސާބަހޭ

    ދެން އަންނަ ދައުރަކުން ކޮމިޝަނެއް ހަދާފަ ބޮޑު މުސާރަ ދީފަ ވަޅުތަކުން ފެނުނު މީހުންގެ ކޮމިޝަނޭ ކިޔާފަ ތަހުގީގު ކުރަން މިކަންވެސް ބާއްވަނީބާ

  12. ޚުރުދީ

    ތޮއްޑޫއިން ގޮސް ތިބި ރަށު ނޫން ބައެއް ވީމަ އެމީހުން ބޮލު އަޅުވާގެން މިއަދާއި ހަމައަށް ހަބަރު އޮތީ! މިއަދު އުޅެނީ ބަންގްލަދޭޝް މީހެއްގެ ވާހަކަ ހަމަ ތިރަށުގެ ބައެއް! ހަގީގަތަކީ ބައެއް ބޭކަލުންނަށް ހީވާހަކަލަ އަނގައިން ހުރިހާކަމެއް ވެޔޭ! މަށަށް ހީވަނީ…އޭނަ ބުންޏޭ މީނަ ބުންޏޭ ކިޔައިގެން ތިހިފަހައްޓަނީ! މީހަކު ފޮޑިއެއް ޖަހާއިރަށް އޭގެވސް ބަލަމުން ދާ ޒަމާނެއް ނޫން މީކީ! ތަހުޒީބުވެބަލަ!

  13. ޢަލީ

    ދިވެހިންގެ މިހުންނަ ވިސްނުމެއްދޯ! ނޫސްވެރިން ވެސް ހިމެނޭ ގޮތަށް.. ފޯނުގެ ސެލް ލޮކޭޝަނަކީ ތިމާގެ ފޯނު އޮތީ ތިމާ ހުރި ތަނެއް އެނގޭ ގޮަތަށް ހޯދޭ އެއްޗެއް ނޫން ރާއްޖޭގައި.. ހަމަ އެކަނި ދައްކާނީ ސެލް ލޮކޭޝަން. މިސާލަކަށް އެންމެ ކައިރީގައި ހުންނަ ޓަވަރު ދައްކާނީ.. ނާތަހުޒީބު ދިވެހިން.. އަނގައިން ހުރިހާ ކަމެއް ނިންމަނީ.. ބޯ ހަލާކު

  14. ޚެކެކެ

    ނޫޅޭނެ ހޯދާކަށް ފޯނުގެ ކަންކަމެއް ރައްޔިތުން އެއޮތީ ހާމަކޮށްފަ މާޒީގަ ކަންހިގިގޮތް. ގާފުރޮޅާނީ