(އދ. ދަނގެތިން) މި ރަށުގެ ވިޔަފާރިވެރިއެއް ކަމުގައިވާ އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތަހުގީގުގައި މި މަދު ވަގުތުކޮޅުގެ ތެރޭގައި ހިނގައިދިޔައީ ރަށުގެ އެކަކު ވެސް ހީކުރި ގޮތެއް ނޫނެވެ. އެ ރަށުގައި ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސް ހުރި ބަންގްލަދޭޝް މީހަކު މި މައްސަލައިގައި ހައްޔަރު ކުރުމަކީ އެތައް ބަޔަކަށް ހައިރާން ކަން ގެނުވި ކަމެކެވެ. ސާލިމް އުޅޭ ގެ ހިމެނޭ ސަރަހައްދަށް ފުލުހުން ދިއުމާއެކު ރަށު ގިނަ ރައްޔިތުންތަކެއް އެ ސަރަަހައްދު ވަށާލިއެވެ.

ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހްމަދު ވެސް އެ ސަރަހައްދުން ދިމާވެ، "ވަގުތު" ގެ ނޫސްވެރިންނަށް އެ ބިދޭސީ މީހާ ސިފަކޮށްދީ ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ، އެ ބިދޭސީ މިހާ މި ރަށުގައި އެ މީހަކު ބަލަހައްޓަން ގެނެސްގެން އުޅޭތާ ތިން އަހަރެއްހާ ދުވަސް ވެދާނެއެވެ. މިއިން ދުވަހަކު ވެސް އޭނާއަކީ ރަށު ތެރޭ މާ ބޮޑަށް ހަރަކާތްތެރިކޮށް އުޅޭ މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ވަރަށް މަޑުން ހުންނާނީ، މީހަކަށް މާ ވަރަކަށް ވާހަކައެއް ވެސް ނުދައްކާނެ، ފައިސާ ވެސް އާދަމްބެ [ބަންގްލަދޭޝް ސަލީމް ބަލަހައްޓަމުން ދިޔަ ދޮށީ އުމުރުގެ މީހާ] ގެ ވިޔަފާރިތަކުގެ ފައިސާ ވެސް ފެނިފައި ހުންނާނީ، ވައްކަން ފަދަ މައްސަލައެއްގެ ރިޕޯޓް ވެސް ލިބިފައެއް ނުވޭ،" އިމްރާން ވިދާޅުވިއެވެ.

ސާލިމް އަކީ އެ ރަށުގައި އުޅޭ އާދަމް ނަމަކަށް ކިޔާ ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސް ހުންނަ ބަންގްލަދޭޝް މީހެކެވެ.

ބިދޭސީ މީހާ ގެ ފެންނަ ސަރަހައްދަށް ދަނގެތި ރައްޔިތުން ޖަމާވެފައި - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

އެ ސަރަހައްދުން ދިމާވި ދަނގެތި ގިނަ މީހުން ވެސް ބުނި ކަމަކީ ސާލިމް އަކީ މާ ގިނައިން މީހުންނާ ވާހަކަ ދައްކައި، ބޭރު ތެރޭގައި ވެސް އެހާ ގިނައިން އުޅޭ މީހެއް ނޫން ކަމެވެ. އޭނާ އާންމު ގޮތެއްގައި ބޭރަށް ނުކުމެ އުޅޭނީ ވެސް އޭނާ ބަލަހައްޓާ އާދަމްބެއާ އެކުގައި ނޫނީ އޭނާ ގެއިން ބޭރަށް ވެސް ނުދާ ކަމަށް ވެއެވެ. ދެން އުޅުނަސް ގިނައިން ފެންނާނީ އެކަނި މީހުނަށް ގުޅައިގެން ވާހަކަ ދައްކަން ތިބޭ ތިބުން ކަމަށް ބުންޏެވެ.

އެ ގެ ހިމެނޭ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކޮށް ބެހެއްޓުމަށް ފަހު، އޭނާ އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ރަށުގެ ގެސްޓް ހައުސްއެއްގެ ކާރަކަށް އަރުވައިގެންނެވެ. ޕޮލިސް ސްޓޭޝަނަށް އޭނާ ވެއްދިއިރު އަތުގައި ބިޑި އަޅުވާފައި ވެސް ހުރިއެވެ. ބިޑި އަޅުވާފައި ހުރީ އަތް ކުރިމައްޗަށްވާ ގޮތަށް ބަހައްޓައިގެންނެވެ.

ހައްޔަރު ކުރި މީހާ ގެންދިޔަ ޕޮލިސް ސްޓޭޝަން ކައިރީގައި ވެހިކަލް، ފުލުހަކު ދޮރު ގާޑު ކޮށްގެން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ސާލިމް ހައްޔަރު ކުރި ސަބަބު

ސާލިމް އުޅޭ ގެ ހުންނަނީ މަހްމޫދުގެ ހަށިގަނޑު ފެނުނު ފަޅުގެއާ ގާތްގަނޑަކަށް 100 އެއްހާ ފޫޓު ދުރުމިނުގައެވެ. އެއީ ގާތްގަނޑަކަށް ދެ މިނެޓެއް ތެރޭ ހިނގާފައި އުޅެވޭހާ ދުރުމިނެކެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ރޭގަނޑު ނުވައެއް ޖަހާކަށް ހާއިރު އެ ރަށު މީހަކު އެ ސަރަހައްދުން ދަނިކޮށް ހަޅޭކުގެ އަޑު އިވުނު ކަމަށް މިއަދު ފުލުހަށް ރިޕޯޓް ކުރީއެވެ.

މަންޒަރު ދުށް މީހާ ގޯތިތެރެއަށް ބޯ ދިއްކޮށް ގޯތިތެރެ ބަލާލިއިރު ބިދޭސީ މީހާ، އެއްޗެއް ބިންމަތީގައި ދަމަމުން ދިޔަ ކަހަލަ މަންޒަރެއް ފެނުނު ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަން އެނގެއެވެ. ނަމަވެސް އޭނާ އާއި "ވަގުތު" އިން ސުވާލު ކުރުމުން އޭނާ ބުނީ އޭނާ އަށް "އެއްވެސް އެއްޗެއް ނުފެންނަ." ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ އޭނާ އިތުރު އެއްވެސް މައުލޫމާތެއް ނުދިނެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގެ ކަމުގައިވާ ބިލެތްގޭގައި ފަޅުކޮށް އޮންނަ ބަޔެއްގައި ހުރި ފެން ވަޅެއްގެ ތެރެއިންނެވެ. ދެކޮޅުން ބަނދެ ސުތުލި ގޯންޏަކަށް ލައި، ފެން ހުރި އެ ވަޅުގެ ތެރެއަށް އޭނާ ވައްޓާލާފައި އޮތީ އެކޮޅުކޮޅުންނެވެ. މަހްމޫދުގެ ހަށިގަނޑު ވަޅުން ނަގައި ބެލިއިރު، ހަށިގަނޑުގެ އެ ތަން މި ތަނުގައި ވަޅި ހަރާފައި ހުއްޓެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ވަޅު: ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

މައްސަލާގައި ތުހުމަތު އަމާޒުވި އެހެން މީހުން

ރަށުގެ ގިނަ ރައްޔިތުން ކުރިން ގަބޫލު ކުރަމުން ދިޔަ ގޮތުގައި، މި ބޮޑު ކުށުގެ ފަހަތުގައި ވަނީ ދާދި ފަހަކުން އެ ރަށުގައި ދިރިއުޅެން ފެށި އއ. ތޮއްޑޫ ބައެކެވެ. ރަށު ރައްޔިތުން ނުކުމެ މި މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރެއިން އެއް ފިރިހެން މީހާގެ ބައްޕައަކީ ދަނގެތި މީހެކެވެ. އެކަމަކު އެ މީހާ މިހާރު ދުނިޔެއަކު ނެތެވެ.

އެ މީހުން ވަނީ ދަނގެތިން ބާލައިގެން މި އަތޮޅު ވެރިރަށް މަހިބަދުއަށް އިއްޔެގެ ވަގުތެއްގައި ގެންގޮސްފައެވެ. އެ އެންމެން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެކަމަކު، މި ތިން މީހުނަށް މި މަރުގެ ތުހުމަތު ރަސްމީކޮށް ފުލުހުން ކޮށްފައެއް ނުވެއެވެ. ފުލުހުން މިހާތަނަށް ވިދާޅުވާ ގޮތުގައި އެ މީހުން ހައްޔަރުގައި ހުރީ އެހެން މައްސަލައެއްގެ ތުހުމަތުގައެވެ. މާ ގިނަ ތަފްސީލެއް ނުދެއެވެ.

މި މީހުން ދަނގެއްޗަށް ދިރިއުޅުން ބަދަލު ކުރީ ވެސް ތޮއްޑޫގައި ހިނގައި ދިޔަ މާރާމާރީތަކާއި ހަމަނުޖެހުންތަކަށް ފަހު، ތޮއްޑޫންް މި މީހުން ބޭލުމުންނެވެ. ތޮއްޑޫގައި ވެސް މާރާމާރީއާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި، ވައްކަން ފަދަ ކުށްތައް ހިންގި ކަމަށް ބުނެއެވެ. ދަނގެއްޗަށް ދިރިއުޅުން ބަދަލު ކުރި ފަހުން މި ރަށުގައި ވެސް އެފަދަ އެތައް ވައްކަމެއް ވެސް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙހހހ

    އަހަރެެމެން މިއަދުވެސް ބުނިން ފުލުހުންނަށް އިތުބާރުކުރައްވާށޭ ، އެމީހުން ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް ނުފެނިދާނޭ ، ނޫސްވެރިންވެސް މީގެކުރިން ލިޔަމުން އައީ އެތައް ގަޑިއެއްވާއިރު ފުލުހުން ކީއްހޭ ކުރަނީ ، މީ ނޫސްވެރިކަންތަ

    60
    21
    • އާމިނަތު މޫސާ

      ތެދެެއް ތިބުނީ

      2
      1
  2. ރޯނުއެދުރު

    ފުލުހުން ގިނަފަހަރު މައްސަލަ ތައް ނިންމާ ކަމައް ބެކެވެނީ. އެކަމް ހައިލެވެލް ލީދާށިޕަށާ ޕީޖީ އޮފީހަށާ ދައުވާ ކުރާހިސާބުން ކޯތު ތަކުން ގިނަފަހަރު މައްސަލަ ތައް އޮއްބާލަނީ، ސިޔާސީ ނުފޫޒު ނުވަތަ ކޮރަޕްށަނުގެ ސަބަބުން

    5
    1
  3. ޙް

    ވަޅިން ފޮރެންސިކު ހެކި ލިބޭނެ

  4. ރަން ރީނދޫ

    މިގޮތައް މަސައްކަތަށް ގެނެވޭ ބިދޭސީން ގެ ތެރޭގައި ބޮޑެތި މުޖުރިމުން އުޅޭ. މި މީހުނަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން.

    7
    1
  5. މިތުރާ

    ތިއާކަ މެއް ނޫން ! އަނިޔާވެރިކަމުގެ ކޮޅެއްނެތް، ކިތައްމީހުން މަރާފަވީ، އިންސާފެއްނެތް މިހާތަނަށްލިބިފަ،މަސްތުވާތަކެއްޗާ މީހުން ކަތިލާ މަސްސަލަ ބަލަންވީމަ މިފެންނަނީ ޔާމީނުގެ މަސްސަލަ ބަން ބަން ލާފަ ކުރިޔަށް ދާތަން! އިންސާފު ގާއިމުކުރޭ، ރަށްތައް އަމާން ކުރޭ، ނޫނީ ކޯޓު ތަކުގެ ބޭނުމެއްނެތް،

    9
    2