މީހެއްގެ މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. އާ ދުވަހެއްގެ އިރުއެރުމާއި އެކީ ޖިނާހުގެ ހިތަށް އައީ އުފާވެރިކަމެވެ. އެއީ ގިނަ ދުވަސްތަކެއް ފަހުން ލޮލުގެ ނޫރު ފަދަ ދެ ކުދިންނާއި އަނބިމީހާ ގޮވައިގެން ރަށަށް ދެވޭތީއެވެ.
ދެ ދަރިންނާއި އަނބިމީހާ ކައިރިއަށް ގިނަ ދުވަސްތަކަށް ފަހު ދެވުމުން ޖިނާހު ހުރީ ވަރަށް ވެސް އުފަލުންނެވެ. އެއީ ކޮންމެ މީހަކު ނަމަވެސް އެ އުފާވެރިކަން އެމީހަކަށް ލިބިދޭނެއެވެ. ޖިނާހު އަކީ ވ. ފުލިދޫ އިންޖީނު ގޭގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ލިބޭ ކޮންމެ ޗުއްޓީއެއްގައި ޖިނާހުމެންގެ ކުޑަކުޑަ އާއިލާ ރަށަށް ދެއެވެ. މިއަދަކީ ވެސް އެބީދައިން އާއިލާ ގޮވައިގެން ޖިނާހު ރަށަށް ދިއުމަށް ފުރި ދަތުރެކެވެ.
ރަށަށް ދެވޭތީ އެކުޑަކުޑަ އާއިލާ އަށް ވަނީ އުފާވެރިކަން ގެނުވާފައެވެ. އެހެން ނަމަވެސް މި އުފާވެރިކަން މާޔޫސް ކަމަށް ބަދަލުވެގެން ދިޔައީ ނެގި ބިޔަ ރާޅެއްގެ ސަބަބުންނެވެ.
ޖިނާހު އާއި އޭނާގެ އާއިލާ ރަށަށް ދިއުމަށް ފުރާފައިވަނީ މިއަދުގެ ހަވީރު 16:00 ޖަހާކަންހާއިރު ޑްރީމް ސްޕީޑް-2 ލޯންޗުންނެވެ. ޖިނާހު އިނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޖައިޝް ކައިރީގައި ބަހައްޓައިގެންނެވެ. ނާހިދާ އިނީ ކުޑަ ދަރިފުޅު ޖުއެލް ކައިރީގައި ބަހައްޓައިގެންނެވެ. މި އާއިލާއާއި އެކީ ޖުމްލަ 12 މީހުން އެ ލޯންޗުގައި ތިއްބެވެ. ލޯންޗު ފުރިއިރު ވެސް މޫސުން ގޯހެވެ. އެހެން ނަމަވެސް ލައިފް ޖެކެޓް މަތިން ހަނދާނެއް ނެތެވެ.
ލޯންޗު މާލެއިން ފުރައިގެން ދިޔައީ ކަނޑުން ނަގާ ބިޔަ ރާޅުތައް ކަފަމުން ވަޔާއި ދެކޮޅަށް ކަމުން އެހާ ބާރު ދުވެއްޔެއްގައި ނުދެއެވެ. ލޯންޗު ދަތުރުކުރީ މާލެއިން ފުރައިގެން ކ.އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުގެ ބޭރުން އަތޮޅުގެ އިރުމަތީންނެވެ. އޭރު ވައި ހުރީ ސީދާ ހުޅަނގަށްވުރެ ބޮޑަށް ހުޅަނގު ދެކުނުންނެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓު ފަސްދީ، މޭލެއްހައި ބޭރުން ދަތުރުކުރަނިކޮށް ކުއްލިއަކަށް ޖެހި ބޮޑު ރާޅާއެކު ލޯންޗު އަރި އަޅާލައި، ލޯންޗުގެ ތެރެއަށް ލޮނުގަނޑު ވަނެވެ.
ޖިނާހުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ފަޒަލް ތައުފީގު ބުނީ، އެވަގުތު ލޯންޗުގައި ތިބި މީހުންގެ ކަކުލާއި ހަމައަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ. އަދި އެއީ ލޯންޗުގެ އިންޖީނު ވެސް ހުއްޓުނު ވަގުތު ކަމަށް އޭނާ ބުންޏެވެ.
"ވަގުތުން ކައްޕި ބެލީ އިންޖީނު ސްޓާޓް ކުރެވޭތޯ. ދެން އިންޖީނު ސްޓާޓް ކުރެވުނީމަ ކުއްލިއަކަށް ކުރިއަށް ލޯންޗު ޖަހާލީ. އެގަޑީ ނާހިދާ އިށީނދެގެން އިން ފަޅީގައި ހުރި ސަތަރި ނެއްޓިގެން ނާހިދާއާއި ހަތަރު އަހަރުގެ ޖުވެލް މޫދަށް ވެއްޓުނީ." ނާހިދާ ވެއްޓުނު ގޮތް ކިޔައިދެމުން ފަޒަލް ބުންޏެވެ.
އެމީހުން ވެއްޓުމުން ލޯންޗު އަނބުރާފައި އެމީހުން ފެނޭތޯ ބެލަމުން ދަނިކޮށް ނާހިދާ ފެނުމުން ކުއްލިއަކަށް ޖިނާހު ކަނޑަށް އެއްވެސް ބިރަކާއި ނުލައި ފުންމާލި ކަމަށް ފަޒަލް ބުންޏެވެ.
REPORT| Nahidha Ge Kulli Vakivun: Aailaa Ah Kurimathivi Mifadha 3 Vana Haadhisaa!https://t.co/4KSyjaMGmi
— Vaguthu Online (@VaguthuOnline) October 16, 2021
"ދެރާޅު ދޭތެރެއިން ނާހިދާ ފެނިގެން ޖިނާހު ފުންމާލީ. އޭގެ އިރުކޮޅެއް ފަހުން ނާހިދާ ފެނިގެން ޖިނާހު އޭނާ ނެގީ. ޖުވެލް ވެސް ފެނުނު ކަމަށް ޖިނާހު ބުނީ. އެކަމަކު އަތު ޖެހޭ ގޮތް ނުވީ. ފަހުން ޖުވެލް ހޯދަން އުޅެއުޅެ ނުފެނިގެން އެންމެ ފަހުން ގުރައިދޫއާއި ދިމާލަށް އައީ" ފަޒަލް ބުންޏެވެ.
ފަޒަލް ބުނީ، ނާހިދާ ސަލާމަތް ކުރުމަށް ޖިނާހު ފުންމާލައި އޭނާ ސަލާމަތް ކުރިއިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނުގައި ތިބި މީހުން ބުނި ކަމަށެވެ. އެހެން ކަމުން ޖިނާހު އަށް ނާހިދާ ފެނުނީ ނިޔާވި ފަހުން ކަމަށް ބެލެވޭ ކަމަށް ވެސް ފަޒަލް ބުންޏެވެ.
ނާހިދާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލުން ވަނީ "ވަގުތަށް" ކަށަވަރުކޮށްދެއްވާފައެވެ.
ނާހިދާގެ ހަށިގަނޑު މިވަގުތު ގުރައިދޫ ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތްއިރު، ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމީހުންގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.
ނާހިދާގެ މަރާއި އެކު އޭނާގެ އާއިލާ އަށް މި ވަގުތު ލިބޭނެ މޮޅިވެރިކަން އިތުރު މީހަކަށް ތަސައްވުރު ނުކުރެވޭނެކަން ޔަގީނެވެ. އަދި އެ މޮޅިވެރިކަން ލިޔުމުން ބަޔާންވެސް ކޮށެއް ނުދެވޭނެއެވެ. ހިތާމައަކީ މިއީ ނާހިދާގެ އާއިލާ އަށް ދިމާވި މިފަދަ ފުރަތަމަ ހާދިސާ ނޫންކަމެވެ. މީގެ އަހަރުތަކެއް ކުރިން ނާހިދާގެ ބޮޑުބޭބެ ވަނީ މޫދަށް ގެއްލިފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން، ރޯދަ މަހު ވަދުއަޅަން ކެނޯއެއްގައި ގޮސް އުޅެނިކޮށެވެ. އޭނާ މޫދަށް އެރެން ގެންގުޅުނު ކެނޯ ފެނުނު ނަމަވެސް އެ މީހާ އަދިވެސް ފެނިފައި ނުވެއެވެ.
މީގެ އިތުރުން ނާހިދާގެ ކޮއްކޮ ނަސީހުވެސް ނިޔާވީ މޫދަށް ގެނބިގެންނެވެ. ނަސީހު މަރުވީ ވ.ފުލިދޫގައި އާއިލާ ބަޔަކާއި އެކު ރަށުގެ ތުނޑިއަށް އެރި އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. އޭނަ ގެނބުނީ އޮޔާ ގޮސްގެން ކަމަށާއި އޭނާ މޫދަށް އެރި އުޅުނީ ތިލަ ސަރަހައްދަކަށް ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފައެވެ. އޭނާރަށު މީހުންނަށް ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައެވެ.
ނިޔާވި ފަރާތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށި. ދިރިތިބީން މިކަމުން ފިލާވަޅެއް ލިބިގަތުމަށް އެދެމެވެ.
ކަޑޫދަތުރުކުރުމުގެ ގާނޫނުގަ ދަތުރުކުރާއިރު ލަިފުޖެކެޓު އެޅުން މަޖުބޫރުކުވަން ގާނޫނެއްފާސްކުރަން ވަރައްމުހިންމު މިހާރުވެސް ފެރީލޯންޗުތަކުގަ ދަތުރުފަށާއިރު ކުޑަމިނުން ލައިފުޖެކެޓު ހުރިކަންވެސް ބުނެނުލާ ޓިކެޓުވިއްކައިގެންލާރިނެގޭތޯބަލަނީ ސަލާމަތީބާރުތަކުންވެސް ވަރައްސަމާލުވާން އެބަޖެހޭ ހޮނީހިރުދުވަހަކީ ގަދަދުވަހެއްކަން އެގި ބާރުކޮޅިގަޑުތައްޖެހެމުންދަނިކޮއް ލޯންޗުފުރިއިރު ލައިފުޖެކެޓުއަޅައިގެންތިބިކަން ވެސް ނަެގެ ހަބަރުތަކުންވެސް ސާފެއްނުވެ..
އެ އާއިލާއަށް މާތްﷲ ކެއްތެރިކަން ދެއްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވާދޭއެވެ.
މިފަދަ ވިއްސާރަ މޫސުމެއްގައި ލޯންޗް ދަތުރުތައް ކުރައްވާނަމަ ލައިފްޖެކެޓް އެޅުމަކީ މަޖުބޫރުކަމަކަށް ހަދަންޖެހޭ!
މަޖުބޫރޭ ލައިފް ޖެކެޓު އެޅުން.ކަނޑު ގަދަޔަސް ނޫނަސް. އެކަމަކު ނާޅަންޏާ ކީއްކުރާނި
މިމަހުގެ ޢާއިލާއަށް ކެތްތެރިކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން މިންވަރު ކުރައްވާށި އާމީން
ކޮނކަމެހ ބެލެނެެ ތިއޮށް 2 ވަނަ ފޭސް ގަ ވެސް އެހިނގާ ކަންތަކަށް ސަރުކާރުންނާ މުއައްސަސާތަކުނ ކިހާވަރަކައްތޯ ބަލަނީ ދިވެހިންތަކެއް އެތާވެސް ތިބެ އެއޮއްހަނާވަނީ
ވަރަށް ދެރަ. އިތުރަށް އެއްޗެއް ލިޔާނެ ހިތްވަރެއް ނެތް
ގިނަދިވެހީން ލައިފްޖެކެޓް ދިނަސްނާޅާ ؛ ރަށްކާވެ ތިބިއްޔާ ދަތުރެވެ ، ،،. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !