ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު އެއް ނަސީބަކީ އަނބިމީހާ އާއި ދަރިންނެވެ. މިނަސީބު އެންމެންނަކަށް ނުލިބެއެވެ. ފިރިހެނެއްގެ ދިރިއުޅުން ފުރިހަމަ ވާނީ ވެސް އަންބެތް ހުރެގެންނެވެ. އެ ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދޭ ބަޔަކީ ދަރިންނެވެ.

ޖިނާހު އަކީ ވެސް ކައިވެންޏަށް ދެ ކުދިން ލިބި އުފާވެރި ދިރިއުޅުމެއްގައި ދިރިއުޅެމުން އައި މީހެކެވެ. ނަމަވެސް މިއަދު މިވަނީ އެ އުފާވެރިކަން މާޔޫސް ކަމަށް ބަދަލުވެފައެވެ. އެއީ ޖިނާހުގެ އެ އާއިލާގެ މައިތަނބު ދުނިޔެއާ އަލްވަދާއު ކިޔައި ދެމަފިރިންގެ ބަގީޗާގައި ފޮޅުނު މަލެއް މާކަނޑެއްގެ ތެރެއަށް ގެއްލުމުންނެވެ.

މީހެއްގެ މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. ނާހިދާގެ މަރާ އެކީ ވ. ފުލިދޫގެ އިތުރުން މުޅި ރާއްޖެއަށް ވަނީ މާޔޫސްކަން ގެނުވާފައެވެ.

ހާދިސާ ހިނގީ ކިހިނެތް؟

އާ ދުވަހެއްގެ އިރުއެރުމާއި އެކީ ޖިނާހުގެ ހިތަށް އައީ އުފާވެރިކަމެވެ. އެއީ ގިނަ ދުވަސްތަކެއް ފަހުން ލޮލުގެ ނޫރު ފަދަ ދެ ކުދިންނާއި އަނބިމީހާ ގޮވައިގެން ރަށަށް ދެވޭތީއެވެ. ދެ ދަރިންނާއި އަނބިމީހާ ކައިރިއަށް ގިނަ ދުވަސްތަކަށް ފަހު ދެވުމުން ޖިނާހު ހުރީ ވަރަށް ވެސް އުފަލުންނެވެ.

ރަށަށް ދިއުމަށް ޖިނާހު އާއި އޭނާގެ އަނބިމީހާގެ އިތުރުން ދެކުދިން ޑްރީމް ސްޕީޑް-2 ލޯންޗަށް އިއްޔެ އެރީ ފޮނި ހުވަފެންތަކަކާއި އެކީއެވެ. އާއިލީ މީހުންނާއި ބައްދަލުކޮށްލަން ފުރުސަތު ލިބޭނެތީ ކޮންމެ މީހަކު ވެސް އުފާވާނެއެވެ.

ހަވީރު 16:00 އެހާކަންހާއިރު ލޯންޗު ފުރިއިރު، ޖިނާހު އިނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޖައިޝް ކައިރީގައި ބައިންދައިގެންނެވެ. ނާހިދާ އިނީ ކުޑަ ދަރިފުޅު ޖުއެލް ކައިރީގައި ބައިންދައިގެންނެވެ. މި އާއިލާއާއި އެކީ ޖުމްލަ 12 މީހުން އެ ލޯންޗުގައި ތިއްބެވެ. ލޯންޗު ފުރިއިރު ވެސް މޫސުން ގޯހެވެ. ނަމަވެސް ލައިފް ޖެކެޓް މަތިން ހަނދާނެއް ނެތެވެ.

ކަނޑުވި ލޯންޗު.

ލޯންޗު މާލެއިން ފުރައިގެން ދިޔައީ ކަނޑުން ނަގާ ބިޔަ ރާޅުތައް ކަފަމުން ވަޔާއި ދެކޮޅަށް ކަމުން އެހާ ބާރު ދުވެއްޔެއްގައި ނުދެއެވެ. ލޯންޗު ދަތުރުކުރީ މާލެއިން ފުރައިގެން ކ.އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުގެ ބޭރުން އަތޮޅުގެ އިރުމަތީންނެވެ. އޭރު ވައި ހުރީ ސީދާ ހުޅަނގަށްވުރެ ބޮޑަށް ހުޅަނގު ދެކުނުންނެވެ.

ސަން ސިޔާމް އޮޅުވެލި ރިސޯޓު ފަސްދީ، މޭލެއްހައި ބޭރުން ދަތުރުކުރަނިކޮށް ކުއްލިއަކަށް ޖެހި ބޮޑު ރާޅާއެކު ލޯންޗު އަރި އަޅާލައި، ލޯންޗުގެ ތެރެއަށް ލޮނުގަނޑު ވަނެވެ.

ޖިނާހުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ފަޒަލް ތައުފީގު ބުނީ، އެވަގުތު ލޯންޗުގައި ތިބި މީހުންގެ ކަކުލާއި ހަމައަށް ލޮނުގަނޑު އެރި ކަމަށެވެ. އަދި އެއީ ލޯންޗުގެ އިންޖީނު ވެސް ހުއްޓުނު ވަގުތު ކަމަށް އޭނާ ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދު

"ވަގުތުން ކައްޕި ބެލީ އިންޖީނު ސްޓާޓް ކުރެވޭތޯ. ދެން އިންޖީނު ސްޓާޓް ކުރެވުނީމަ ކުއްލިއަކަށް ކުރިއަށް ލޯންޗު ޖަހާލީ. އެގަޑީ ނާހިދާ އިށީނދެގެން އިން ފަޅީގައި ހުރި ސަތަރި ނެއްޓިގެން ނާހިދާއާއި ހަތަރު އަހަރުގެ ޖުވެލް މޫދަށް ވެއްޓުނީ." ނާހިދާ ވެއްޓުނު ގޮތް ކިޔައިދެމުން ފަޒަލް ބުންޏެވެ.

އެމީހުން ވެއްޓުމުން ލޯންޗު އަނބުރާލާފައި އެމީހުން ފެނޭތޯ ބެލަމުން ދަނިކޮށް ނާހިދާ ފެނުމުން ކުއްލިއަކަށް ޖިނާހު ކަނޑަށް އެއްވެސް ބިރަކާއި ނުލައި ފުންމާލި ކަމަށް ފަޒަލް ބުންޏެވެ.

"ދެރާޅު ދޭތެރެއިން ނާހިދާ ފެނިގެން ޖިނާހު ފުންމާލީ. އޭގެ އިރުކޮޅެއް ފަހުން ނާހިދާ ފެނިގެން ޖިނާހު އޭނާ ނެގީ. ޖުވެލް ވެސް ފެނުނު ކަމަށް ޖިނާހު ބުނީ. އެކަމަކު އަތު ޖެހޭ ގޮތް ނުވީ. ފަހުން ޖުވެލް ހޯދަން އުޅެއުޅެ ނުފެނިގެން އެންމެ ފަހުން ގުރައިދޫއާ ދިމާލަށް އައީ" ފަޒަލް ބުންޏެވެ.

ފަޒަލް ބުނީ، ނާހިދާ ސަލާމަތް ކުރުމަށް ޖިނާހު ފުންމާލައި އޭނާ ސަލާމަތް ކުރިއިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނުގައި ތިބި މީހުން ބުނި ކަމަށެވެ. އެހެން ކަމުން ޖިނާހު އަށް ނާހިދާ ފެނުނީ ނިޔާވި ފަހުން ކަމަށް ބެލެވޭ ކަމަށް ވެސް ފަޒަލް ބުންޏެވެ.

ނާހިދާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލުން ވަނީ "ވަގުތަށް" ކަށަވަރުކޮށްދެއްވާފައެވެ.

ސަހަރާގައި ތިބި އާއިލާ މީހުންގެ ލޯތައް ކަރުނައިން ތެންމާލި

ނާހިދާގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު ގުރައިދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށްފަހު މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ކަށު ނަމާދު ކޮށްފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހުއެވެ. ގިނަ ބަޔަކު ނާހިދާގެ ޖަނާޒާގައި ބައިވެރިވުމަށް އާސަހަރާ އަށް ދިޔައެވެ.

ގަޑިން 12 ޖެހީއްސުރެ ގިނަ ބަޔަކު ދިޔައީ އާސަހަރާއަށް ވަންނަމުންނެވެ. އެއީ ނާހިދާގެ މޫނު ދެކިލުމަށެވެ. އާއިލީ މީހުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު މި ޖަނާޒާގައި ބައިވެރިވެއެވެ.

ނާހިދާގެ މަހާނަ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަންޒަރު ބަލަން ތިބި އާއިލާ މީހުންގެ ލޯތައް ކަރުނަ އިން ތެންމާލިއެވެ. އަރު ތެރޭގައި އަޑު ބެދިފައިވީ ނަމަވެސް އެމީހުންގެ ހިތު ތެރޭގައި އޮތީ ހިތްދަތިކަމެވެ. އެއީ އެމީހުންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެއެވެ. އެ މަންޒަރުން ދައްކުވައި ދިނީ މިލާ މޯޅިވެފައިވާ މޫނުތަކުގެ މައްޗަށް ވެރިވެފައިވާ ކުލަވަރުތަކުންނެވެ. މި މަންޒަރު ބަލަން ދުރުގައި ހުންނަ މީހެއްގެ ހިތަށް ވެސް ކުޅަދާނަ ނުވާނެއެވެ.

ނާހިދާގެ ހަށިގަނޑު ކައިރީގައި އޭނާގެ ފިރިމީހާ ޖިނާހު ހުރި މަންޒަރު ފެނުނެވެ. އަނބިމީހާގެ ފުރާނަ ނެތް މަސްގަނޑަށް ބަލަން ހުރި ޖިނާހު ވަރަށް ވެސް ހިތްވަރު ގަދައެވެ. ޖިނާހުގެ ހަޔާތުގައި ނަގާ ބިޔަ ރާޅުތަކުގެ ތެރޭގައި އޭނާގެ ރަހުމަތްތެރިންނާއި އާއިލާ މީހުން ތިބީ ހިތްވަރު ދިނުމަށެވެ.

ނާހިދާގެ ކަށު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކަށު ނަމާދަށް ފަހު ނާހިދާގެ ހަށިގަނޑު ވަޅުލުމަށް ސަންދޯކުގައި ހިފައިގެން ތިބީ ޖިނާހުގެ އާއިލާ މީހުންނާއި ނާހިދާގެ އާއިލީ މީހުންނެވެ. މައްޔިތާ ވަޅުލި ވަގުތު އެމީހުންގެ ދަރިފުޅު ޖައިޝް ޖިނާހު ވެސް ޖިނާހުގެ އަތުގައި ހިފައިގެން އެތަނުގައި ހުއްޓެވެ. ޖިނާހުގެ ލޮލުން ކަރުނަ ނުފޭބި ނަމަވެސް، ހިތަށް ލިބިފައިވާ ނުތަނަވެސް ކަން މޫނުމަތިން ފެންނަން ހުއްޓެވެ.

ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރިއަށް

ޖިނާހުގެ އަންހެނުން ނާހިދާ މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލާފައިވާއިރު، ޖިނާހުގެ ދޮށީ ދަރިފުޅު ޖުއެލް ކަނޑަށް ވެއްޓުނު ގޮތަށް އަދިވެސް ނުފެނެއެވެ.

ސިފައިންނާއި އާއްމުންގެ އެކި ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި އެ ހާދިސާ ހިނގި ސަރަހައްދު ބަލައި ހޯދަމުންނެވެ. އަދި އާއްމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ.

ނާހިދާ މިފަނާ ކުރަނިވި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ޖިނާހު ހުރީ އަދިވެސް ޖުއެލް ސަލާމަތުން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އަދި މުޅި އާއިލާގެ އެންމެން ވެސް ތިބީ އެއުއްމީދުގައެވެ.

ޖުއެލް ގެއްލުނު ފުލިދޫކަނޑު!

ކަނޑު ދަތުރު ކުރާ ފަރާތްތަކަށް ރާއްޖޭގައި އޮންނަ ނުރައްކާތެރި އެތަށް ކަނޑެއް ވަނީ ފެނިފައެވެ. އެހެން ނަމަވެސް ފުލިދޫކަނޑަކީ އެފަދަ ފަރާތްތަކުން ނުދެކޭފަދަ އަޖައިބެއް ފެނިފައިވާ ކަނޑެކެވެ.

ފުލިދޫކަނޑަށް އެނަން ދެވިފައިވަނީ ކަނޑުގެ އެއްކޮޅުގައި އޮންނަ ރަށުގެ ސަބަބުންނެވެ. ފުޅާމިނަކީ ގާތްގަނޑަކަށް ހަތް މޭލެވެ. ރާއްޖެ ތެރޭގެ އެހެން ހުރިހާ ކަނޑަކަށްވުރެ ފުލިދޫ ކަނޑުގެ ކުލަ މާކަޅެވެ. މާ އަނދިރިއެވެ. އެކަމަކު ބޯޓުތަކަށް އެއިން ލޮނު ފޮދެއް ނަގައިފިނަމަ، ހީވަނީ އެންމެ ރީތި ސާފު ފެންހެނެވެ.

އެހެން ކަނޑު ފަދައިން އެކަނޑުގައި ރީތިކޮށް އެއްފަރާތަކަށް އޮއެއް ނުހިނގައެވެ. އަލިފާންމަތީގައި ހުރި ފެންއެއްޗެއް ކެކޭފަދައިން އަބަދު ވެސް އެކަނޑު އޮންނާނި ކެކިކެކިއެވެ.

އެކަނޑު ބަލައިލި ނަމަވެސް މީހަކު ބިރުގަންނާނެއެވެ. އެކަނޑުން ދާއިރު ހީވަނީ އެނބުރޭ އޮއިވަރެއްގެ ތެރޭގައި ދާހެންނެވެ. އެކަނޑަށް މިހެންވުމުގެ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެކަނޑަކީ މީހުން ބިރުގަންނަ ކަނޑެއް ކަމެވެ. އަދި އެކަނޑުގައި ވިއްސާރައިގެ ކޮޅިތައް ވެސް ގިނަވެފައިވާ ބާރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީމު

    ފުލިދޫ ކަނޑަކީ އާދަޔާ ހިލާފް ގަދަ ކަނޑެއް 🙁

    8
    1
  2. އޮބާމާ

    އާއިލާއައް ކެއްތެރިކަން ދެއްވާށި.

    15