(އދ. ދަނގެތި) ރަށުގެ ގޮނޑުދޮށާ ކައިރިން ރާޅު ބީއްސާލައި ހިސާބުގައި ހުރި މޮނަލާޒް ގޭގެ ދޮރު ހުޅުވާލައި ގެއަށް ވަތް އިރު، ކުރިމަތިން ފެނުނީ ބޮޑު ސިޓިން ރޫމެކެވެ. ސިޓިން ރޫމްގެ ވަށައިގެން ސޯފާ އާއި ގޮނޑިތައް ޖަހާފައި ހުއްޓެވެ. ގޭގެ ގޯތިތެރޭގައި އޮތީ ތަފާތު އެކި ވައްތަރުގެ ރީތި ގަސް އިންދައި ދޮންވެލިން ޒީނަތްތެރިކޮށްފައެވެ. އެއީ ރަށުގައި ހުރި އެންމެ ރީތި އެއް ގެއެވެ.

ހިނގާލާފައި ސިޓިން ރޫމަށް ދެވޭހާ ފުރިހަމަ އަށް އެ ގޯތިތެރެ އޮތީ ޒީނަތްތެރިކޮށްފައެވެ. ގޭގެ މައި ދޮރުން ވަދެ ބެލި އިރު، ހާމައަށް ސިޓިން ރޫމް ފެންނަން ހުރި އިރު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، މި ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ހުވަފަތް އަނބިމީހާ މޫމިނާ އުމަރު 53، އެވެ. މޫމިނާއެކު، މަހްމޫދުގެ މަންމަ އައިމިނަތު މޫސާ އާއި އާއިލާގެ ބައެއް މެމްބަރުން ސިޓިން ރޫމުގައި މަޑުކޮށްލައިގެން ތިބީ މޮޅިވެރިކަމާއެކުގައެވެ. މަހްމޫދު ނެތުމުގެ ފަޅުކަން އެމީހުންގެ މޫނު މަތިން ފެނެއެވެ.

މޫމިނާއަކީ ބަލި މީހެކެވެ. ސިއްހީ ގިނަ މައްސަލަތަކެއް ހުންނަ މީހެކެވެ. މޫމިނާ އަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ދެމަފިރިން އަންނަ ބުރާސްފަތި ދުވަހު ޓެސްޓުތަކެއް ހަދާލަން ރާއްޖެއިން ބޭރަށް ދާން ވިސްނާފައި އޮތެވެ. އެކަމަކު، ކަން ދިމާވީ މޫމިނާ ހީކުރި ގޮތާ ހިލާފަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ދަނގެތި ރައްޔިތުން ހޯދަމުން ދަނިކޮށް ފެނުނީ މަހްމޫދުގެ ފުރާނަ ނެތް މަސްގަނޑެވެ.

މަހުމޫދު އަބޫބަކުރު
މަހުމޫދު އަބޫބަކުރު

މިފަދަ ކަމެއް އެ އާއިލާގެ އެއްވެސް މެމްބަރަކަށް ކުރިމަތިވެދާނެ ކަމަށް މީގެކުރިން ހީ ނުކުރާނެއެވެ. އެކަމަކު، "ފައިސާގެ ދަހިވެތިކަމުގައި" އަނިޔާވެރި މީހެއްގެ ނުވަތަ ބައެއްގެ "ޝިކާރައަކަށް" މިވީ މަހްމޫދެވެ. ގަބޫލު ކުރަން ދަތިވިޔަސް، މި ހަގީގަތާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މަހްމޫދު ނެތުމުގެ ހިތްދަތިކަން އެންމެ ބޮޑަށް ކުރާނެ އެކަކަށް މިއަދު ވާނީ ޔަގީނުން ވެސް އަނބިމީހާ މޫމިނާއެވެ. މަހްމޫދުގެ ހަނދާންތައް އެންމެ ބޮޑަށް އާ ކުރާނީ ވެސް މޫމިނާއެވެ. މީހެއްގެ ނުވަތަ ބައެއްގެ "އަތްދަށުވެ" މަހްމޫދު މި ފަނާކުރުވަނިވި ދުނިޔެއާ ވަކިވެގެން ދިއުމަކީ މޫމީނާގެ ހިތަށް ކެތްވާނެ ކަމެއް ނޫނެވެ. އެކަމަކު، މި ދަނޑިވަޅުގައި މޫމިނާ އިސް ކުރީ ކެތްތެރިކަމެވެ. މޫމިނާ ހުރީ ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ބަޔަކު ދައްކާ ވާހަކައެއް ނޫނީ އިވޭ އަޑެއް އެހުމުގެ ނޫނީ ގަބޫލު ކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

މަހްމޫދުގެ މަންމައަށް ބަޔަކު ހިތްވަރު ދެނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މޫމިނާގެ އިތުބާރު އެބައޮތެވެ.

"ވަގުތު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މަހްމޫދުގެ އަނބިމީހާ މޫމިނާ ބުނި ގޮތުގައި މުޅި ގައުމު މިއޮތީ މަހްމޫދުގެ ގާތިލުން ހޯދަން ބޭނުންވެފައެވެ. އެ ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗާ ހަމައަށް ގެނައުމަށް ފުލުހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މި މައްސަލައަށް ދައުލަތުގެ އެންމެ އިސްވެރިން ފަށައިގެން އިސްކަންދޭ ކަމަށް އޭނާ ބުންޏެވެ.

"މިވަރުގެ ކަމެއް (ތަހުގީގު) އެއް ފަހަރަކުން ނުނިންމޭނެ، ވަރަށް ގިނަ ކޮޅު، ވަރަށް ގިނަ ދިމާލު ހުންނާނެ ބަލަން ޖެހޭ،" މޫމިނާ ވާހަކަ ފެށިއެވެ.

މޫމިނާ ބުނި ގޮތުގައި އެންމެ މީހެއްގެ ރޭވުމަކުން މިވަރުގެ ބޮޑު ކަމެއް ނުވެދާނެ ކަމަށެވެ. މިކަން ކުރި ނޫނީ ބަޔަކު ބޭނުން ކުރި ހަތިޔާރާއި އެ ނޫން ވެސް ހުރިހާ އެއްޗެއް ހޯދަން ވާނެ ކަން މޫމިނާ ފާހަގަކުރިއެވެ. އަދި މިފަދަ ކަމެއް އިތުރު ތަނެއްގައި ނުކުރާނެ ގޮތަކަށް ކަންތައް ރާވަން ޖެހޭ ކަމަށް ފަަސް ދަރިން ބެލެހެއްޓުމުގެ ޒިންމާއާ މިހާރު ހަވާލުވެފައިވާ މޫމިނާ ބުންޏެވެ. މަހުމޫދުގެ ތިބެނީ ފަސް ދަރިންނެވެ. އޭގެ ތެރެއިން ހަތަރު ދަރިން އުޅެނީ ދަނގެތީގައެވެ. އޭނާގެ އަންހެން ދަރިއަކު އެހެން ރަށެއްގެ މީހަކާ އިނދެގެން ރަށުން ބޭރުގައި ވެސް އުޅެއެވެ.

ފުލުހުންގެ ޓީމެއް ހަށިގަނޑު ފެނުނު ފަޅުގެ ސަރަހައްދުގައި - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ވެސް ދަނގެތީގައި އުޅެން ޖެހޭ، އަދި ރާއްޖޭގައި ވެސް އުޅެން ޖެހޭ،" މޫމިނާ ކިޔައި ދިނެވެ.

މޫމިނާ ބުނީ ފުލުހުން ބޮޑެތި ކުރިއެރުންތަކެއް ތަހުގީގުގައި ހޯދި އިރު، މަހްމޫދު އެތަނަކަށް ގެންދާނެ ގޮތަކާއި އެތަނުގައި ކަން ކުރި ގޮތް ވެސް އެނގެން ބޭނުންވާ ކަމަށެވެ. އަދި އާއިލާ އިން ބޭނުންވަނީ މަހްމޫދުގެ ގާތިލުން ހޯދައި ވީއެންމެ އަވަހަށް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް ހައްގުވާ އަދަބު ދިނުން ކަމަށާއި އާއިލާ އަށް ހިތްހަމަޖެހުން ލިބޭނީ އިންސާފު ގާއިމުކުރެވިގެން ކަމަށް އޭނާ ބުންޏެވެ.

"ބޭނުންވާ ވަރަށް ހެކިތައް ހޯދަން ޖެހޭނެ ހަގީގަތުގައި. މިވަރުގެ ކަމެއް އެންމެ މަގަކުން ނުހިނގާނެ. ކިތަންމެ ގޯޅިއެއް ހުންނާނެ، ކިތަންމެ ދިމާލަކުން ކަންތައްތައް ކުރީމަ އޭނާ އަށް ހަމަލާ އައިސްފައި އެ ވަނީ،" މޫމިނާ ބުންޏެވެ.

މަހްމޫދް މަރާލި މައްސަލައިގައި ހައްޔަރު ކުރި ސާލިމް ހުދުކުލައިގެ ގަމީހެއް ލައިގެން (މ)- ވަގުތު އިމޭޖްސް

"މަހްމޫދަކީ ކުށެއް ނެތް މީހެއް، ޝަހީދެއް"

މޮނަލާޒް ގޭގައި އިންޓަވިއު ކުރިއަށް ދަނިކޮށް، ވަކި ހިސާބަކުން އެ ރަށުގައި ދިރިއުޅޭ ބަޔަކު އެ ގެއަށް ޒިޔާރަތްކޮށް ފުރަތަމަ ވެސް ބައްދަލު ކުރީ މޫމިނާ އާއި މަހްމޫދުގެ މަންމައާއެވެ. މަޑުމައިތިރިކަމާ އެކުގައި މަހްމޫދުގެ މަންމަ ގޮނޑިއެއްގައި އިށީނދެލައިގެން އިން އިރު، އެމީހުން މަހްމޫދުގެ މަންމަ ގައިގައި ފިރުމާލައި ހިތްވަރު ދެމުން ދިޔައެވެ. އަދި ފަހުން މޫމިނާއާ ވެސް ވަރަށް ގިނަ އިރު ވާހަކަ ދެއްކިއެވެ.

ކޮންމެ މީހަކާ ބައްދަލުވިޔަސް މޫމިނާ މިއަދު ދައްކަނީ މަހްމޫދުގެ އޯގާވަންތަކަމާއި ކުލުނުގެ ވާހަކައެވެ. މަހްމޫދުގެ ފަރާތުން އަޅާލުމާއި ލޯބި ނުލިބޭ އެންމެ ވަގުތުކޮޅެއް ވެސް ނުދާ ކަމެވެ. ފިރިއަކަށްވީތީ އަދާކުރަން ޖެހޭ ހުރިހާ ޒިންމާއެއް ބަރާބަރަށް އަދާ ކުރާ ކަމެވެ.

މަހްމޫދުގެ މަންމަ- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

މަޑުމައިތިރި، ހިތްހެޔޮ މިޒާޖެއްގެ ވެރި މޫމިނާ ބުނި ގޮތުގައި މަހްމޫދަކީ އެއްވެސް ކުށެއް ނެތް، ދަނގެތި ރައްޔިތުން ބަލައިގެންފައިވާ މީހެކެވެ. މަހްމޫދަކީ "ސާދާ، ސީދާ" މީހެއް ކަމަށާއި އެއީ އޭނާ އަށާއި ދަރިންނަށް ވަރަށް ހެޔޮ މީހެއް ކަމަށް ވެސް މޫމިނާ ބުންޏެވެ.

އަނިޔާވެރި ޒަހަމްތަކަކުން މަރާލައި ފަޅު ގެއެއްގެ ފެންވަޅެއް ތެރެއަށް ވައްޓާލާފައި އޮއްވައި ފެނުނު މަހްމޫދު ދަންނަ ރަށުގެ ހުރިހާ އެންމެން އިއްތިފާގުވި ގޮތުގައި މަހްމޫދަކީ އަހުލާގު ރަނގަޅު، މީހުންނަށް ހިތްހެޔޮ މީހެކެވެ. ރަށުގައި ކާޑުގެ ވިޔަފާރި ކުރުމުގައި މަހްމޫދު އަމަލީ ގޮތުން ބައިވެރިވެއެވެ. ބަގީގައި ބަސްތާ އެއްޗެހި ހިފައިގެން ގޭގެއަށް ދާނީ މުޅިން ވެސް މަހްމޫދެވެ.

އެއްވެސް މީހަކަށް މަހްމޫދު ދަރާފައި ނޯންނާނެ ކަން އާއިލާ އިން ބުނަނީ ޔަގީން ކަމާއެކުގައެވެ. މަސައްކަތެއް ކުރުވާފައި ދޭން ޖެހޭ އުޖޫރައެއް ނުދީ ލަހެއް ނުކުރެއެވެ. ވޮލެޓުގައި އެހާ ވަރަށް ފައިސާ ގެންގުޅެނީ ވެސް ވިޔަފާރީގެ ބޭނުންތަކަށެވެ. ބަރާބަރަށް ޖަމާއަތަށް ނަމާދަށް ދާނެއެވެ. ހާއްސަކޮށް ފަތިސް ނަމާދަށް މިސްކިތަށް ދާތަން ކިތަންމެ ބަޔަކަށް ފެނިފައި އެބަހުއްޓެވެ.

މަހްމޫދް މަރާލި މައްސަލައިގައި ހައްޔަރު ކުރި ސާލިމް ފުލުހުންނާއެކު، ސާލިމް ހުދުކުލައިގެ ގަމީހެއް ލައިގެން - ވަގުތު އިމޭޖްސް

"އެއީ ދިރިއުޅުމުގެ ހަތަރުބައިކުޅަ ތިން ބައި"

މަހުމޫދަކީ މި ރަށުގެ ޒުވާނުންގެ ކުލަބުގެ އިސް މެންބަރެކެވެ. ރަށުގައި ހިންގާ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތަކުގައި ވެސް އޭނާގެ ބައިވެރިވުން އޮވެއެވެ. ގުޅުން އޮންނަނީ ވަކި އުމުރެއްގެ މީހުންނާ އެކަންޏެއް ނޫނެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނާއެވެ.

މަހްމޫދަކީ އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ބިނާކުރި މީހެކެވެ. އޭނާގެ މޮނަލާޒް ގެއަށް ބަލާލި އިރު ވެސް އެއީ މަހްމޫދުގެ މަސައްކަތެވެ. މައިގަނޑު ގޮތެއްގައި ކުރަނީ ގޭހާއި ހަނޑޫ، ހަކުރު، ފުށް ގޭގެއަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. މޮނަލާޒް ނަމުގައި ގެއާ ޖެހިގެން ވަރަށް ރީތި ކެފޭއެއް ވެސް އޭނާ ހިންގައެވެ. މަހްމޫދަކީ ރަށުގައި ހުރި މުއްސަނދި މަދު މީހުންގެ ތެރެއިން އެކަކެވެ.

މަހްމޫދުގެ އަނބިމީހާ "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

މޫމިނާ ބުނި ގޮތުގައި މަހްމޫދަކީ ވަރަށް އޯގާތެރި ފިރިއެކެވެ. އޭނާގެ ދިރިއުޅުމުގެ ހަތަރު ބައިކުޅަ ތިން ބަޔަކީ މަހްމޫދެވެ.

"އަޅުގަނޑަށް މި ހިތްވަރު ލިބުނު އެއް ސަބަބަކީ ފިރިމީހާ ޝަހީދަކަށްވީމަ،" މޫމިނާ ބުންޏެވެ.

"އަޅުގަނޑުގެ ދުއާއަކީ ވެސް ފިރިމީހާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުން. އެއީ ދޯ ހޯދަން ބޭނުންވާ އެއްޗަކީ. ފިރިމީހާ ދިޔަ އިރު ގެންދެވުނު އެއްޗެއް ނެތް. ހުރިހާ އެއްޗެއް އެ ދިޔައީ މިތަނުގައި ބަހައްޓާފައި މިތަނަށް ދުކޮށްލާފައި"

މޫމިނާގެ އެންމެ ހަނދާނަށް އަންނަ އެއް ކަމަކީ ދެމީހުންނަށް ދެވުނު ހައްޖު ދަތުރެވެ. އެ ދަތުރު ނޫނަސް ކިތަންމެ ކަމެއް މޫމިނާގެ ދުލުން ބޭރުވެފައެވެ. ކޮންމެ ތަނަކު ހުއްޓަސް، ފިރިމީހާގެ ހަނދާންތައް ހަރުލާފައި ހުންނަނީ އިއްޔެވީ ކަމެއް ފަދަ އިން ކަމަށް ވެސް އޭނާ ބުންޏެވެ.

"މީގެކުރިން ނުފެނި 15 މިނެޓުން 15 ވިޔަސް ފިރިމީހާ ގުޅާލާފައި އަހާނެ ކޮބާ ކޮންތާކުހޭ؟، އެހާ ވެސް އޯގާވަންތަ މީހެއް އެއީ، މި އަންނަނީއޭ ބުނާތާ 10 މިނެޓު ވެގެންދާ އިރު އަނެއްކާ ވެސް ގުޅާލާފައި ބުނާނެ ކޮބާ އަންނާކަށް ނުވޭހޭ އެހާ ވެސް ބަލާނެ،" މޫމިނާ ބުންޏެވެ.

މޫމިނާގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ފުއްޕާމެ އާއި ކިޑްނީގެ މައްސަލަ ހިމެނެއެވެ. އޭނާގެ ފުއްޕާމޭގެ ދެބައިކުޅަ އެއްބައި ވަނީ ނަގައިފައެވެ. އަދި މަސައްކަތް ކުރަނީ ނޭވާލާ ނިޒާމުގެ ދެބައިކުޅައެއްބަޔެވެ.

"އަޅުގަނޑު ފިރިއަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުއްޓާ ފިރިމީހާ ވަކިވެ އެ ދިޔައީ،" މޫމިނާ އަސަރާއެކު ކިޔައި ދިނެވެ.

މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް އައިިއިރު، ފުލުހުން ވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ. އާއިލާގެ ފަރާތުން އެނގުނު ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ފުލުހުން ވަދެފައިވާ ގޭގެ ދޮރު ކައިރީގައި ފުލުހުންތަކެއް މަޑުކޮށްގެން - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)
ސާލިމް އުޅޭ ގެ ކައިރީގައި ފުލުހުންތަކެއް މަޑުކޮށްގެން - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)

މަހްމޫދުގެ ދަނބިދަރި އަހުމަދު އިމާދު "ވަގުތަށް" ބުނީ ފުލުހުންގެ ތަހުގީގުގެ މިސްރާބު ހުރީ ވަކި ދިމާއަކަށް ހަމައެކަނި އަމާޒުކޮށްގެން ނޫން ކަމުގެ ޔަގީން ކަން ވެސް ފުލުހުން ދިން ކަމުގައެވެ. އަދި ކުރިން ރަށު ތެރެއިން ފާހަގަ ކުރި ޝައްކުތައް ވެސް މުޅިން ނުދާ ކަމުގައެވެ.

އިމާދު އިޝާރާތް ކުރި ކަމަކީ، ރަށުގެ ރައްޔިތުން، މި މައްސަލާގައި ފުރަތަމަ ތުހުމަތު އަމާޒުކުރި އެ ރަށުގައި ދާދި ފަހަކުން ދިރިއުޅެން ފެށި އއ. ތޮއްޑޫ ތިން މީހުންނަށެވެ. އެ މީހުން މިހާރު މި އަތޮޅު ވެރިރަށް މަހިބަދޫގައި ހައްޔަރުކޮށް ބަހައްޓާފައި ވަނީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ދަނގެތީގައި އުޅޭ އެންމެންގެ ދިރިއުޅުމާ ގުޅިފައިވާ މަހުމޫދުގެ ކުއްލި ވަކިވުމަކީ މުޅި މި ރަށަށް ލިބޭ ފަޅުކަމެކެވެ. މިއީ ދަނގެތީގެ ދިގު ތާރީހުގައި ވެސް މިހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލި ފުރަތަމަ ފަހަރެވެ. މިއީ ދަނގެތި ރައްޔިތުން ދުވަހަކު ވެސް ހިތުން ފިލައިގެން ދާނެ މަރެއް ނޫނެވެ. ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މަހުމޫދު މަރާލާފައިވަނީ އޭނާގެ އަތުން ފައިސާ ހޯދުމަށް ނުވަތަ ވައްކަމަކަށް ފަހުއެވެ.

މަހްމޫދުގެ އާއިލާއެކޭ އެއްފަދަ އިން އެހެން އެންމެން ވެސް ބޭނުން ވަނީ މި މައްސަލަ އަށް އިންސާފެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މޫމިނާ ދައްތައަށް ކެތްތެރިކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން މިންވަރު ކުރައްވާށި. އާމީން
    އިރާދަކުރެއްވިއްޔާ ސުވަރުގޭގައިވެސް ލޯބިވާ މީހާއާއި އެކުގައި ވުން ދުޢާއަކީ

    243
    5
  2. ޢާދަނުބެ

    މި ގައުމުގަ އިންސާފު ލިބުމަކީ ނުވާނެ ކަމެތް ތި މަންޒަރު ފެނުނީމަ ހިއްފަޅައިގެންދޭ އެކަމް ނިކަމެތި ރައީތުން ކީއްކުރާނީ މީހަކު މަރާލާމަ އެމީހަކު ހޯދުނިއްޔާ ގެންގޮސް ޖަލައްލާފަ 6 މަސްކޮށްފަ އެނެތްކާ ނެރެ ދޫކޮށްލަނީ ގިސާސް ނުހިފާ ތިކަހަލަ ކަންކަން ރަނގަޅެއް ނުވާނެ ރައީތުން މިތިބީ ގިސާސް ހިފަން ކިތަށްމެ ވަރަކަށްވެސް ބޭނުންވެފަ އެކަމަކު އެވަރު ވެރިޔަކު މިގައުމަށް އަންނާނެ ހެނެތް ހިއެތް ނުވޭ

    36
    2
  3. ކޮވިޑް

    މާތް ﷲ މޫމިނާ ދައްތައަށް ކެތްތެރިކަން މިންވަރު ކޮށް ދެއްވާށި އާމީން. އަދި މޫމިނާ ދައްތަގެ ބަލި ތަކަށް އަވަސް ޝިފާ އެއް މިންވަރު ކޮށް ދެއްވުން އެދި މާތް ﷲ ގެ ހުޒުރަތުގައި ދުޢާކުރަން. ﷲ ހުގެ ހެޔޮރަޙުމަތުން ދައްތަ އާއި ދައްތަކެ ލޯބިވާ ފިރިމީހާ އެކު ސުވަރުގޭގައި ލެއްވުން އެދި ދުޢާކުރަން . އާމީން. ތި އާއިލާގެ ހިތާމައިގާ ބައިވެރި ވަން،

    51
    2
  4. ޙެޔޮއެދޭ

    ފިރިމީހާ ދިޔަ އިރު ގެންދެވުނު އެއްޗެއް ނެތް. ހުރިހާ އެއްޗެއް އެ ދިޔައީ މިތަނުގައި ބަހައްޓާފައި މިތަނަށް ދުކޮށްލާފައި" ވަރަށް އިބްރަތްތެރި ވާހަކަ ކޮޅެކެވެ.

    35
    2
  5. މިތުރާ

    2ރުފިޔާ ރާ އްޖޭގަ ގެންގުޅޭ މީހަކީ ،މިނިކާވަގުންގެ ތެރޭގަ އި ،އުޅޭ މީހަކު ހެން، ބިރުވެރިކަމެ އގަ އުޅެން ޖެހިފަވާމީހެ އް، ނިދާ އިރުވެސް 1ލޯހުޅުވަ އިގެން އޮންނަން ޖެހެނީ! އާބާދީ މަދުމީސްކޮޅެ އް އުޅޭ ތަނެ އް ރާ އްޖެ އަކީ، 99%މީހުންނަކީ ފަގީރުން! 80%މީހުން ނަކީ ވަޒީފާ ނެތްމީހުން! 98%މީހުންނަކީ ބިދޭސިން! 100% ކަރަޕްޝަން،،ޒުވާންޖީލު ހަލާކުވަނީ،ބާރުގަދަ ޑުރަގު ވަބާގަޖެހި، ،އިންސާފު ހަމަހަމަ ކުރޭ! ކޮބާހިޔުމަން ރަ އިޓުސް؟

  6. އަހުމަދު

    ކޮން ތަހުޤީގެއް ލަދު ގަނެބަލަ ކަލޭމެން. ﷲ ގެ އަމުރުފުޅު ޑަސްބިނަށް ޖަހާފަ ކަލޭމެން ތިޔަތިބެނީ... އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލު ނުކުރާހަ ހިނދަކު ދުވަހަކު ތިކަމެއް ނުހުއްޓޭނެ....ކަލޭމެންނަށް އެކަން ކުރަން ނުކެރެންޔާ ކުރަން ކެރޭ ބަޔަކާ ހަވާލުކޮއްފަ ގޭގައި ތިބެބަލަ. ތިޔަކަން ކުރި ބަޔެއްގެ ހަށިގަނޑާއި ކަނދުރާ ވަކި ކުރުން އެއީ ﷲ ގެ އަމުރުފުޅު. އެއީ ޢާއިލާ އެކަމަށް ރުހިއްޖެނަނަމަ.....