މިދިޔަ ހަފުތާ ނިންމާލީ ރަހުމުކުޑަ މަރަކުން ރާއްޖެ ސިއްސުވާލައިފައެވެ. އދ. ދަނގެތީގައި ވިޔަފާރިވެރިޔަކު މަރާލި ހަބަރާއެކުއެވެ. އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ފެނުނީ ގޯނިއަކަށް ލާފައި ވަޅެއްގެ ތެރެއަށް ލާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. ފުލުހުންގެ ބޮޑު ފައުޖެއް ދަނގެއްޗަށް ގޮސް މައްސަލަ ތަހުގީގުކުރަން ފަށާފައިވެއެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ދުވަހުގެ ދެ ދުވަސް ފަހުން ހޮނިހިރު ދުވަހުގެ ރޭ ކުރިމަތިވެގެން ދިޔައީ ގުދުރަަތީ ހާދިސާއެއްގެ ތެރެއިން މީހަކު ނިޔާވެގެން ދިޔަ ޚަބަރަށެވެ. މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވަނިކޮށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް އަރިއަޅައިލައިގެން އަންހެނަކު ނިޔާވެ، އޭނާގެ ހަތަރު އަހަރުގެ ކުޑަ ދަރިފުޅު ގެއްލިގެން ދިޔަ ޚަބަރެވެ.

މަހްމޫދުގެ މަހާނަ - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

ރާއްޖޭގެ މޫސުން އާދަޔާ ހިލާފަށް ގޯސްވެ، ބާރަށް ވައިޖެހި ކަނޑުތައް ގަދަވެފައިވަނިކޮށް މާލެއިން ވ އަތޮޅަށް ދަތުރުކުރި ލޯންޗެއް ރާޅެއްގައި ޖެހި ނިޔާވީ މަރިޔަމް ނާހިދާ (33 އ.) އެވެ. ނާހިދާ ނިޔާވީ އޭނާގެ ދަރިފުޅު ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. ކަނޑަށް ގެއްލުނު އުމުރުން ހަތަރު އަހަރުގެ ކުއްޖާ ހޯދަން ސިފައިން މަސައްކަތްކުރަމުންދާއިރު އަދި މިހާތަނަށް ނުފެނެއެވެ.

ހަމަ އެ ދުވަހު، ގއ އަތޮޅުގައި އޮންނަ ރަފެލްސް ރިސޯޓުގައި މަސައްކަތްކުރާ 34 އަހަރުގެ ބިދޭސީއަކު ވެސް ވަނީ ކުއްލި ގޮތަށް ނިޔާވެފައެވެ. އެމީހާ ނިޔާވީ ނޭވާލާން އުދަގޫވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. އޭނާއަށް ކޮވިޑް ބަލި ޖެހިފައިވާ ކަމަށްވެއެވެ. އެހެންވިޔަސް މިއަދު ރަސްމީ އިދާރާތަކުން ވަނީ ކޮވިޑްގެ މަރެއް ނޫން ކަމަށް ކަނޑައަޅައިފައެވެ.

ނާހިދާގެ މަހާނަ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މަރުތަކުގެ ތެރެއަށް އިތުރުވެގެން ދިޔައީ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވި ހަބަރުންނެވެ. ހިތަދޫގައި، ބާރު ސްޕީޑެއްގައި ދުއްވާފައިވާ ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގެން ހިނގި އެކްސިޑެންޓްގައި ނިޔާވީ 25 އަހަރުގެ ޒުވާނެކެވެ. ފުލުހުން ބުނެފައިވާ ގޮތުން އެ ޒުވާނާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

އެ ހާދިސާއަށް 24 ގަޑިއިރުވެސް ނުވަނީސް މިއަދު ހެނދުނުގެ ވަގުތެއްގައި ކަނޑުވެ، އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އެ މީހާ ނިޔާވީ މާލެ އިއްޒުއްދީން ފާލަން ކައިރިން ބޭރުން ތޮށިމަތީގައި މަސް ބާނަން ހުއްޓާ ވަޔާއެކު މޫދަށް ވެއްޓިއެވެ. އުމުރުން 59 އަހަރުގެ އެމީހާ ނިޔާވީ ކޮން ކަހަލަ އަނިޔާތަކެއް ލިބިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއަށް ވެސް މާ އިރުތަކެއް ނުވެ އިތުރު މަރެއް ހިނގައިގެން އުޅޭ ކަން ފުލުހުން ރިޕޯޓް ކުރިއެވެ. އެ މަރަކީ، އިއްޔެ އަނަންތަރާ ދިގު ރިސޯޓުން ފެނުނު ފަތުރުވެރިއެއްގެ މަރެވެ. ފުލުހުން ބުނެފައިވާ ގޮތުން ނިޔާވީ 35 އަހަރުގެ ކޮރެޔާ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުން އެ ރިސޯޓުން ފެނުނުއިރު، އެ މަރުވި ގޮތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މޫސުން ގޯސް ކަނޑުގަަދަ ދުވަހެއް - ވަގުތު އިމޭޖްސް

މިދިޔަ ހަތަރު ދުވަހު ހިނގި މަރުތައް

  • ދަނގެތީގައި ވިޔަފާރިވެރިއަކު މަރާލުން
  • ލޯންޗެއް ރާޅެއްގައި ޖެހި، ކަނޑުވެ އަންހެނަކު ނިޔާވުން
  • ރަފެލްސް މޯލްޑިވްސް ރިސޯޓުގައި ކުއްލި ގޮތަށްކަށް ބިދޭސީއަކު މަރުވުން
  • އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުން
  • މާލޭ ތޮށިމަތީގައި މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވުން
  • އަންނަތަރަ ރިސޯޓުގެ ބީޗްގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނުން.

މި ދުވަސްވަރަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑަތައް ގަދަވެ، މޫސުން ގޯސްވެފައިވާ ދަނޑިވަޅަކަށްވާއިރު މިއަދުވެސް ކަނޑުމަތީގެ އިތުރު ދެ ހާދިސާއެއް ވަނީ ހިނގާފައެވެ.

އެއް ހާދިސާއެއްގައި މާލޭގައި އެކަނި ބޯވާ ނަގަންވެގެން ގޮސް އުސްފަސްގަނޑު އުޅުނު މީހާކު އޮޔާ ދިޔުން އަދި ދެވަނަ ހާދިސާއަކަށް މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ގެއްލުނެވެ. ބޯވާ ނަގަން އުޅުނު މީހާ ވާދޫ ކަނޑުން ހޯދައި އޭނާ ވަނީ ސަލާމަތްކޮށްފައެވެ. ބޯޓުން ވެއްޓުނު މީހާ ވަނީ ފަތާފައި ގޮސް ކާށިދޫއަށް އަރާފައެވެ.

ކުރިއަށް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާ ކުރެއެވެ. މި ދުވަސްވަރު ދަތުރު ކުރުމުގައި ވެސް ސަމާލުވާން ޖެހެއެވެ. ކޮންމެއަކަސް މިދިޔަ ހަތަރު ދުވަސް މި ދިޔައީ ހިތާމަވެރި މަރުގެ ޚަބަރުތަކަކުންނެވެ.