ރ. އަތޮޅުގައި ހަދަމުންދާ ބޮޑުފުށި ރިސޯޓަށް މުދާ ގެންދިއުމަށް ދަތުރު ކުރަމުން ދިޔަ ދޯނީގައި ހުރި އެއް ފަޅުވެރިއަކީ ކ. ކާށިދޫ އަށް އުފަން އިބްރާހިމް ލީވާނެވެ. މޫސުން ގޯސްވެފައި ވަނިކޮށް އިއްޔެ ރޭ ދަންވަރު ދަތުރު ކުރަމުން ދިޔަ ދޯނިން ލީވާން ވެއްޓުނު ވާހަކައަކީ އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ. އެކަމަކު، ލީވާން އަށް ދިމާވީ އޭނާ ދުވަހަކު ވެސް ހަނދާނުން ފިލައިގެންދާނެ ކަމެއް ނޫނެވެ.

ލީވާނަކީ 22، އޭނާގެ އާއިލާ މީހަކު ދުއްވާ ސަޕްލައި ދޯންޏެއްގެ ފަޅުވެރިއެކެވެ.

ހާދިސާ ހިނގި ގޮތް ކިޔައި ދެމުން ލީވާން ބުނީ، އޭނާ ދޯނީގެ ފަހަތުކޮޅަށް ދިޔައީ އާދައިގެ މަތިން ފާހަނާ ކޮށްލުމަށް ކަމަށެވެ. އަދި އެތަނުގައި ފެން އަޅާފައި ހުރި ކަޅު ހަމެއްގައި ހިފައިގެން ފާހަނާކޮށް ސާފުވާން އުޅެނިކޮށް ނެގި ރާޅަކާ އެކީ ވެއްޓުނީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލީވާން ބުނީ، ދޯނީގައި ހުރި ޖެނެރޭޓަރާއި އިންޖީނުގޭގެ ސަބަބުން އޭނާ ސަލާމަތް ކުރުމަށް ލެވި ހަޅޭކުގެ އަޑު އެއްވެސް މީހަކަށް ނީވުނު ކަމަށެވެ.

"އެގަޑީ ހަޅޭއް ވެސް ލެވިން. އެކަމަކު ދޯނި ހުންނަ ގޮތުން ފަހަތުގެ ދެފަރާތަށް ވެސް ކޮންޓެއިނަރެއް ބައިންދައި ޖަނެރޭޓަރެއް އިންނާނީ. އިންޖީނުގެ އަޑާއި ޖަނެރޭޓަރު ހުރުމާ އެކީ އެހާ ބޮޑަކަށް އަޑެއް ނީވޭނެ" ލީވާން ބުންޏެވެ.

ލީވާން ބުނީ، އޭނާ ފާހަނާ ކުރުމަށް ދޯނީގެ ފަހަތަށް ދިޔަ އިރު އެއްވެސް މީހަކަށް އެކަން ނޭނގޭނެ ކަމަށެވެ.

"ވެއްޓުނު ވަގުތު ހަޅޭއް ލަވައިގަތީ. އަޑިއަށް ގޮސް މައްޗަށް އެރިއިރު ދޯނި ވަރަށް ދުރަށް ގޮސްފި" ލީވާން ބުންޏެވެ.

2 ގަޑިއިރު ގަދަ ކަނޑުގައި!

ލީވާނަކީ ފަތަން މޮޅު ކަނޑުމައްޗަށް ވެސް ގަދަ ޒުވާނެކެވެ. ކަނޑަށް ވެއްޓުނު ވަގުތު ކިތަންމެ ބިރުގަތަސް ދޯނި އަނބުރާ ނާންނާނެކަން އެނގުމާ އެކީ އޭނާ އަވަސްވެގަތީ ހިކި ފަސްތަނެއް ހޯދުމަށެވެ. އެގޮތަށް ބަލަމުން ދަނިކޮށް އޭނާ އަށް އުފަން ރަށް، ކާށިދޫ ފެނުނެވެ. ވަގުތުން އޭނާ އަވަސް ވެގަތީ ރަށާ ދިމާލަށް ދެވޭތޯއެވެ.

އޭނާ ބުނި ގޮތުގައި ރަށާއި އޭނާ ވެއްޓުނު ސަރަހައްދާއި ގާތްގަނޑަކަށް ހަތަރެއް ނުވަތަ ފަސް މޭލު ހުންނާނެއެވެ. އެހެން ކަމުން ރަށަށް އެރުމާ ދެމެދު ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ވެއްޓުނު ގަޑީ ކުޑަކޮށް ބިރުގަތް. ދެން ހިތަށް އައި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން އެހެން ދޫކޮށްލައިގެން ރާޅާ އެއްކޮޅަށް އޮތީ. ކަންދިމާކުރި ގޮތުން އޮއިވަރު ވެސް ރާޅު ވެސް ހުރީ ރަށާ އެއްކޮޅަށް ވީމަ އުއްމީދެއް ހުރި. ހިތްވަރު ކުރީ ދެން" ލީވާން ބުންޏެވެ.

ލީވާން ބުނީ، ބުރަ މަސައްކަތާއި ހިތްވަރާއެކީ ރަށަށް އަރަން އުޅުމުގެ ތެރޭގައި މުރަކައިގަ ޖެހި ފައިގެ ހަތަރު ތަނެއް ހަލާކުވި ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގެއަށް ދިޔައީ މަންމަ ދުއާ ކުރަން އިންދާ!

ލީވާންގެ މަންމަ އާގިސާ އަބްދުﷲ ބުނީ އޭނާ ކަނޑަށް ވެއްޓި ގެއްލުނު ހަބަރު އެންމެ ފުރަތަމަ އޭނާއަށް އެންގީ ލީވާނުގެ ބައްޕަ ކަމަށެވެ. އޭރު ގަޑިން 11:45 ވަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ. ލީވާންގެ ބައްޕަ ގުޅާފައި ވަގުތުން ވަގުތުން ފުލުހުންގެ އޮފީހަށް ދިއުމަށް އެންގި ކަމަށް ވެސް އާގިސާ ބުންޏެވެ.

ނަމަވެސް ދިއުމުގެ ކުރިން އެފޯނު ކޯލު ލީވާންއާ އެއްބަނޑު އެއްބަފާ ބޭބެ އަތަށް ދީފައި އެވަގުތު މެންދުރު ނަމާދަށް ބަންގި ގޮވީމަ ފާހަނާއަށް ވަދެ އާގިސާ ވުޟޫ ކުރީއެވެ.

އާގިސާ ބުނީ، އޭނާ ވުޟޫ ކުރަން ވަންއިރު، ލީވާނުގެ ބޭބެ ފޯނެއްގައި ހުރި ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ދިއުމުގެ ކުރިން ނަމާދު ކުރަން އެރި ކަމަށް ވެސް އާގިސާ ބުންޏެވެ.

"ނަމާދުކޮށް ދަރިފުޅު ހެޔޮ ހާލުގައި ފެންނާނެ ކަމަށް ދުއާ ކުރީ. އެއީތާ ދެން ކުރެވޭނެ ކަމަކީ." އާގިސާ ބުންޏެވެ.

އާގިސާ ބުނީ، ނަމާދުކޮށް ނިމުނުތާ ކުޑައިރުކޮޅެއް ތެރޭ ލީވާނު ފެނުނު ވާހަކަ އޭނާގެ ބޭބެ ބުނި ކަމަށެވެ. އަދި އެ ހަބަރު ލިބުމާއެކީ ހިތަށް ފިނި ކަމެއް ވެސް ލިބިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ލީވާން ވަނީ ރަށުގެ ފަސްގަނޑުގައި ޖެހުމާ އެކީ ލޮނުބޮވިފައިވާތީ ކުޑަ އިރުކޮޅަށް ދޮންވެލި ގަނޑުގައި ޖައްސާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސިފާން

    ތިޔަ ކުއްޖާގެ ހިތްވަރާ ބުންވަރައް އެވޯޑްދޭންވެސް ރަނގަޅު.
    މެރިން ޕޮލިހުން އެކުއްޖާ އައް ޖޮބް އޮފާ ކުރުން ވަރައް މުހިންމު.

    145
    2
  2. އިމާމަ

    ما شاء الله މަންމަގެ ހެޔޮދުޢާ ތި ފެންނަނީ.
    ހިއްވަރު ގަދަސޮރެއް.

    151
    1
  3. ވަހުދަތު

    ޑްރާމާ ނުޖައްސަބައެ ބްރޯ އެން ފެމިލީ، ބްރޯ ތިއީ ހަކުރު ބެކްގްރައުންޑް ބްރޯއެއްނު. އިއްޔެ ބްލެޓް ގަނެގެން މާލެއިން އަންނަމުން ގަސްތުގަ ފުއްމާލާފަ ފުއްޓަރުން އަރާ ސްޓޯ ކުރީ.

    5
    28
  4. ގުނބަޅަ

    މަށަށް ވެސް ފެނޭ މެރިން ޕޮލިހުން އެކުއްޖާއަށް ޖޮބް އޮފާކުރަން.

    60
    2
  5. ޔަގީން

    ނޫސްވެރިޔާ ތިޔަކަމުގައި ފުލުހުންގެ ބަހެއް ހޯދަބަލަ، އޭނަ ހަމަ ފުންމާލީ!

    19
    31
  6. މޫސަ

    އެ ސޮރު އެ ދައްކާ ވާހަކައަކީ ބުއްދި ޤަބޫލު ކުރާ ވާހަކައެއްނޫން. އެ ސޮރަކީ ކިހިނެއް އުޅޭ ކާކުކަން އެންމެ ރަނގަޅަށް އެނގޭނީވެސް ކާށިދޫ މީހުންނަށް. އެ ސޮރު ވެއްޓުނުކަން ދޯނި މީހުނަށް ވެސް ނޭންގެ. އެކަމަކު ޚަބަރު ދިނީވެސް ދޯނިން ކަމަށްވަނީ. ވެއްޓު ހިސާބު ގެ މައުލޫމާތު ވެސް ދިނީ ދޯނިން ކަމަށްވަނީ. އާދައިގެ ޓޫޓީ އިންޖީނެއްގަވެސް ދުވަނީ ގާތަގަޑަކަށް ގަޑިއަކު 6 މޭލު. އެ ސޮރު ފަތާފަވެސް ގަޑިއަކު 5 މޭލު .

    12
    10
  7. އައްޒަ

    ކޮންމެ ކަމެއްގާ އެދެންޖެހެނީ މާތްﷲ އަށް // ހަމްދުހުރި ،،

    22
  8. ސަހުލާ

    ތިފެންްވަރުގެ ދިވެހިން ތިބެންޖެހޭނީ ކޯސްޓް ގާޑުގައި ރަނގަޅު މަގާމެއްގައި.
    ތިޒުވާނާ އަށް ގައުމަށް ހިދުމަތްކުރަން ފުރުސަތެއްދީ ބަލަ

    3
    1
  9. Anonymous

    ގަދަ ކުއްޖެއް! ބުންވަރާ ފުރިހަމަ ސިއްހަތު އަދި ފެތުމުގެ ކުޅަދާންކަން، މިހުރިހާ ކަމެއް އެކުވުމުން ކާމިޔާބު ކަމާ އެކީ މާކަނޑު ހުރަސްކުރެވޭނީ! ހަކުރުބޯ ނަމަބުންވަރެއް ނުހުންނާނެ! ހަކުރު ވިއްކަންޏާ ވިއްކަނީ

    2
    1