ރަށުގެ ގޮނޑުދޮށާ ދިމާލު މާ ދުރު ނޫން ހިސާބެއްގައި ހުރި މަންތާ ގެސްޓްހައުސް އަށް ވަދެގެން އައިއިރު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ގޯތިތެރޭގެ ފުރިހަމަ ކަމުންނެވެ. ދޮރު ހުޅުވާލާފައި ވަތް އިރު އަރިމަތިން ފެންނަނީ ރިސެޕްޝަނެވެ. ކުރިމަތީގައި ހުރީ ޗުއްޓީ ހޭދަކުރުމަށް އެތަނަށް އަންނަ މީހުންނަށް ހާއްސަ ކޮޓަރިތަކެވެ. އެއީ އަށް ކޮޓަރިއެވެ. ގެސްޓްހައުސްގެ ރެސްޓޯރަންޓު ބައި ވެސް ބޮޑުވެފައި ނިކަން ޗާލެވެ.
ކުރުކޮށް ބުނާ ނަމަ، މަންތާ ގެސްޓްހައުސް މުޅިން ބިނާވެފައި އޮތީ ދިވެހިވަންތަ ގޮތަކަށެވެ. ހުދު ދޮންވެލިން ޒީނަތްތެރިކޮށްފައިވާ ގެސްޓްހައުސް ހަދާފައި ވަނީ ބޮޑަށް ލަކުޑި ބޭނުންކޮށްގެންނެވެ. އުނދޯލި އާއި ޖޯލިން އެތަން އިތުރަށް ފުރިހަމަކޮށްދެއެވެ.
މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުޅުވި ގެސްޓްހައުސްގެ ކޮންސެޕްޓް ރޭވިފައި އޮތީ އދ. ދަނގެއްޗަށް ޗުއްޓީ ހޭދަކޮށްލަން އަންނަ މީހުންނަށް ވީހާވެސް ބޮޑަށް "ޕްރައިވަސީ" ލިބޭނެ ގޮތަކަށެވެ. އެއީ ތިން، ހަތަރު ބުރިއަށް މައްޗަށް ނަގައި ގިނަ ކޮޓަރިތަކެއް ހިމެނޭ ތަނެއް ނޫނެވެ. އެ ގެސްޓްހައުސް ބައްޓަންކޮށްފައި ވަނީ ދިވެހި ސަގާފީ އެއްޗެއްހި ދައްކާލެވޭ ގޮތަށެވެ.
"އަޅުގަނޑުމެން މިތަނުގައި ބޮޑަށް ބޭނުންކޮށްފައި މި ހުރީ ލަކުޑި. އަޅުގަނޑުމެންގެ ރެސްޓޯރަންޓުގައި މި ބޭނުންކޮށްފައި މިވަނީ ރުކުގެ ވަކަރު. އަޅުގަނޑުމެން ކަނޑާފައި ހުންނަ ރުކުން ސައިޒްކޮށްގެން އެ އެއްޗެހި ބޭނުންކޮށްގެން ކޮށްފައި ހުރި ޑިޒައިނެއް މިއީ، މިއީ ރާއްޖޭގެ އެހެން ގެސްޓްހައުސްތަކާ އަޅާ ބަލާއިރު ތަފާތު ގެސްޓްހައުސްއެއް" މަންތާ ގެސްޓްހައުސްގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު ނާއިފް ބުންޏެވެ.
އެއީ ތެދެކެވެ؛
ގެސްޓްހައުސް އަށް ވަދެގެންދާ އިރު، ރާއްޖޭގެ ރިސޯޓެއްގައި ތަސްވީރު އިހްސާސްކޮށްލެވެއެވެ. ރިސެޕްޝަނާއި ކޮޓަރިތަކާއި ތަންތަން ހުންނަނީ ވަކިންނެވެ. ކޮންމެ ކޮޓަރިއެއްގެ ކުރިމަތީގައި "ޕްރައިވެޓް ސަރަހައްދެއް" އޮވެއެވެ. ގެސްޓްހައުސް ވަނީ އެކިކަހަލަ ގަސްތަކުން ޒީނަތްތެރިކޮށްފައެވެ. އެއީ "ފެހިކަން ގަދަ، ލަކުޑި ގިނަ" ގެސްޓްހައުސްއެކެވެ. ބައެއްގެ އަތްތެރި މަސައްކަތުގެ ލާމަސީލު މިސާލެކެވެ.
"ބަގީޗާއަކާ އެކީގައި ވަރަށް ހިތަށް ހިތްހަމަޖެހޭ ކަހަލަ ކޮންސެޕްޓެއް ބޭނުންކޮށްފައި ވަނީ، އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޗުއްޓީއަށް މި އަންނަނީ ޕްރައިވަސީ ފަދަ ކަންކަން ހާސިލް ކުރަން ބޭނުންވާތީ. އެ ފުރުސަތު މިތަނުގައި އެބައޮތް" ނާއިފް ކިޔައި ދިނެވެ.
މަންތާ ގެސްޓްހައުސްގައި ހުންނަނީ ޖުމްލަ އަށް ރޫމެވެ. އޭގެ ތެރޭގައި ސިންގަލް ޑަބަލް އަދި ފެމިލީ ރޫމް ހުންނާނެއެވެ.
ގެސްޓްހައުސްގެ އެންމެ ހާއްސަ އެއް ކަމަކީ އެތަނުގެ އަގުތަކެވެ. ފަތުރުވެރިންނަށް 60 ޑޮލަރާއި 120 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކޮޓަރި ލިބެން ހުންނަ އިރު، ރޭޓުތައް ހަދަނީ ސީޒަންތަކާ ދިމާކޮށެވެ. ދިވެހިންވެއްޖެ ނަމަ، އަގުތައް އުޅެނީ 800ރ. އާއި 1،000ރ. އާ ދެމެދުގައެވެ. އެކަމަކު، މިގޮތަށް އަގުތައް ކަނޑައަޅާފައި ހުއްޓަސް މަޝްވަރާކޮށްގެން އަގެއް ކަނޑައެޅުމުގެ އިހްތިޔާރު އަބަދުވެސް އޮންނާނެއެވެ.
ގެސްޓްހައުސް އިން ކުރިއަށް އޮތް ތަނުގައި ފަށަން ނިންމާފައިވާ އެއް ހިދުމަތަކީ ސްޕާގެ ހިދުމަތެވެ. އަދި ސަގާފަތް ދައްކުވައިދޭ ބައެއް ކަންކަން ވެސް ކުރިއަށް އޮތް ތަނުގައި ދައްކާލުމަކީ މި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ވިސްނުމެކެވެ. އެ ތަނުން މިހާރު ވެސް ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭނެއެވެ.
"ދިވެހި ސަގާފަތާ ގުޅުން ހުރި ބައެއް ކަންކަން ދައްކުވައިދިނުމަކީ ވިސްނުމެއް. މިސާލަކަށް ފަން ވިނުމާއި ބޮނބި ތެޅުން. ގެސްޓުން މިފަދަ ރަށަކަށް އައީމަ ނުފެންނަ ކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެން ދައްކުވައިދޭނަން ކުރިއަށް އޮތް ތަނުގައި" ނާއިފް ބުންޏެވެ.
މި ގެސްޓްހައުސް އިހްތިޔާރު ކުރަން ޖެހޭ އެއް ސަބަބަކަށް ވާނީ ގޮނޑުދޮށާ ކައިރީގައި ހުރުމުންނެވެ. އެގޮތުން މި ގެސްޓްހައުސް ހުންނަނީ ބިކްނީ ބީޗަށް ހިނގާފައި ފަސް މިނެޓުން ދެވޭހާ ވެސް ކައިރީގައެވެ. މިވަގުތު ދަނގެތީގައި ހުރި ގެސްޓްހައުސްތަކުގެ ތެރެއިން ދިވެހިންނާއި ފަތުރުވެރިން ވެސް އެންމެ ހިތްހަމަޖެހޭ ގެސްޓްހައުސްއަކަށް މި ގެސްޓްހައުސް ވާނެއެވެ.
"ޗުއްޓީއަކަށް ދާއިރު އެ ބޭނުންވާ ހުރިހާ ކަމެއް ފުދޭ ގޮތަކަށް މަންތާ ގެސްޓްހައުސް ބިނާވެފައި ވަނީ،" ނާއިފް ކިޔައި ދިނެވެ.
އދ. އަތޮޅަކީ މިވަގުތު ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވަމުން އަންނަ އެއް އަތޮޅެވެ. ހާއްސަކޮށް ދަނގެއްޗަކީ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ރަށެކެވެ. މި ރަށުގައި ހުރި ގެސްޓްހައުސްތަކުގެ ތެރެއިން މަންތާ އަކީ އަޖުމަ ބަލާ ނުލައި ދޫކޮށްލާ ވަރުގެ ގެސްޓްހައުސްއެއް ނޫނެވެ. އެ ގެސްޓްހައުސް އިން ނުކުންނަ މީހަކު، ހަމަ ޔަގީނުން ވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ.
މަންތާ ގެސްޓައުސްގައި ޗުއްޓީ ހޭދަކުރުމަށް ގުޅާނެ ނަންބަރަކީ: (7482651)
މަންތާ ގެސްޓްހައުސްގެ ފޭސްބުކް ޕޭޖު
މަންތާ ގެސްޓްހައުސްގެ އިންސްޓަގްރަމް ޕޭޖް
މަންތާ ގެސްޓްހައުސްގެ ޓުވިޓާ އެކައުންޓް
ކީއްވެބާ ދިވެހި ނަމެއްނުކީ؟
ހާދަ ގޮތް ބޮޑޭ
ދިވެހިން ކިޔާނެ ނަމެއް ނޭންގުނީމަނުކީ