(ހދ. ކުޅުދުއްފުށި) ދިހަހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ކުޅުދުއްފުއްޓަކީ ވެސް "ފުޓުބޯޅަ ފޯރި" ބޮޑު ރަށެކެވެ. މި ރަށު "ވައިކިން ކްލެޕް" ފޯރި މުޅި ރާއްޖެއަށް މަގުބޫލުވެ ގަލޮޅު ދަނޑާ ހަމައަށް ކުޅުދުއްފުށި ސަޕޯޓަރުން ގެންދަން ޖެހުމަކީ އެ ފޯރި އޮތް މިންވަރު ދައްކުވައިދިން ކުޑަ މިސާލެކެވެ. ރަށުގެ އަވަށު ވާދަވެރިކަމުގައި ވެސް މި ފޯރި ކުޑައެއް ނޫނެވެ.

"ކޮރެލް"، "ހިރަފުސް"، "ޒިގްޒެގް" މިހެން އެތައް ނަމެއްގައި އަވަށު މީހުން ކްލަބް ހަދައިގެން ވާދައިގެ މުބާރާތްތައް ވެސް ހިންގާއިރު، "ޒިގްޒެގް" ސަަރަހައްދުގެ ޒުވާނުންނާއި ކުދިވެރިން ކުޅެމުން ދިޔަ ދަނޑުގައި ނުކުޅެވި އަށް އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. މީގެ އަހަރުތަކެއް ކުރިން، މި ދަނޑު ބަންދު ކުރީ ފެން ހިންދާ ނިޒާމު އެ ތަނުގައި އަޅަން ކަމަށް ބުނެއެވެ.

ރައީސް ސޯލިހް މިއަދު ހދ. ކުޅުދުއްފުށީ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެ މަސައްކަތް ކުރިއަށް ނުގޮސް، އަނެއްކާ ވެސް މި ސަރަހައްދުގެ ޒުވާނުންނާއި ކުދިވެރިންނަށް "ޒިގްޒެގް" ދަނޑު އަލުން ލިބޭ ގޮތް މެދުވެރިވީއެވެ. އެއީ ކުރިއަށް ވުރެ ވެސް ފުރިހަމަ ދަނޑެއް ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމަވައިގެންނެވެ. ޓާފް އަޅާފައިވާ އެ ދަނޑުގެ މަސައްކަތް ފުރިހަމަވެ، އެތައް އަހަރު ފަހުން އެ ދަނޑުގައި ކުޅެން ފެށީ މިއަދެވެ.

ކުޅުދުއްފުށީގެ "ޒިގްޒެގް" އާއި މުޅި ރަށަށް ވެސް މި ދުވަސް އެތައް ގޮތަކުން ޚާއްސަވީއެވެ. މި ދަނޑު ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދަނޑަށް އަރުއްވައި މެދު ރޮނގުގައި އިން ބޯޅައިގައި ފައިން ޖައްސަވައިގެންނެވެ. އަދި އަށް އަހަރު ފަހުން އެ ދަނޑުގައި ފުރަތަމަ ކުޅުނު މެޗަކީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު، ޓީމު ކުޅުދުއްފުށި ކުޅުންތެރިން ބައްދަލުކުރި މެޗެކެވެ.

ރައީސް ސޯލިހް މިއަދު ހދ. ކުޅުދުއްފުށީ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ދަނޑު މި ގޮތަށް ތަރައްގީ ކުރުމަށް ފަހު، ރަށުގެ ރަސްމީ ފުޓުބޯޅަ ދަނޑުގެ ގޮތުގައި ހަމަޖެހުމަށް ވަނީ ނިންމައިފައެވެ.

ސަޕޯޓަރުންގެ ފޯރި ދައްކަން ސިޑިބަރިއެއް ބޭނުންވެފައި

ޓީމު ކުޅުދުއްފުށި ކޯޗު މުހައްމަދު ދާއޫދު (ޑޭވިޑް) ބުނީ، ޒިގްޒެގް ދަނޑު މިހާ ބޮޑަށް ތަރައްގީ ކުރުމުން ވަރަށް ބޮޑު "ހިތްހަމަޖެހުމެއް" ލިބިފައިވާ ކަމަށެވެ. މީގެ ސަބަބުން ރަށުގެ ކްލަބްތަކުގެ މެދުގައި އޮތް ފޯރި އަލުން އިއާދަވެ، މުބާރާތްތައް މެދުވެރިކޮށް ކުޅުދުއްުފުށިން ވެސް މޮޅު ކުޅުންތެރިން އުފެދުމަކީ އެންމެ ބޮޑު އުއްމީދު ކަމަށް އޭނާ ބުންޏެވެ.

ޓީމު ކުޅުދުއްފުށި ކޯޗު މުހައްމަދު ދާއޫދު (ޑޭވިޑް) ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް

"އަޅުގަނޑުމެން ރަށުގެ ދަނޑުތަކަކީ ޓާފް ނޭޅުނަސް، ވިނަ ހައްދައިގެން ވަރަށް ރީތިކޮށް ބަލަހައްޓާ ދަނޑުތަކެއް، އިތުރު ހިތްވަރެއް، އިތުރު ވާދަވެރިކަމެއް ރަށުގެ ކްބަލްތަކުގެ ފުޓުބޯޅައަށް އަންނާނެ ކަމެއް،" ޑޭވިޑް ބުންޏެވެ.

މިއަދުގެ މެޗުގައި، ޑޭވިޑްއަށް ވެސް ފަޅުކަމެއް ގެނެސްދިނީ ސަޕޯޓަރުންގެ ފޯރި ދަނޑުން ބޭރުން އިވުމެވެ. ދަނޑު ބޭރުގައި ހުރި ގެއެއްގެ ފުރާޅުން "ޓީމު ކުޅުދުއްފުށީގެ 12 ވަނަ ކުޅުންތެރިޔާގެ ބޮޑު ޖާޒީ" ފެނުމެވެ. "ވައިޕިން ކްލެޕް" ގެ އަޑުތައް ވެސް ދަނޑު ބޭރުން އިވުމެވެ. ސިޑިބަރިއެއްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަން ސަރުކާރުން ދީފައިވާ ޔަގީން ކަމަކީ މި ވަގުތަށް ވެސް ކުޅުދުއްުފުއްޓަށް ލިބިދޭ ހިތްހަމަޖެހުމެއް ގޮތުގައި އޭނާ ސިފަކުރެއެވެ.

"ކުޅުދުއްފުށި ސިޓީގެ ރައްޔިތުން، ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން، އަޅުގަނޑުމެން އުއްމީދަކީ ސިޑިބަރިއާ މި ހުރިހާ ކަމެއް ވެސް އަވަހަށް ހަމަޖެހުން،" ޑޭވިޑް ބުންޏެވެ.

ޓީމު ކުޅުދުއްފުށީގެ ކުޅުންތެރިޔާ ހަސަން މުހައްމަދު ބުނި ގޮތުގައި، ފެން ހިންދުމުގެ ޕައިލެޓް ޕްރޮގްރާމެއް އެ ތަނުގައި ފެށި ދުވަހުން ފެށިގެން އެ ސަރަހައްދުގައި އުޅޭ ޒުވާނުން އެދިގެން އައި ކަމަކީ ކުޅުދުއްފުށީގައި ޓާފް ދަނޑެއް ލިބުމެވެ. އެ ދަނޑަކީ "ޒިގްޒެގް" ދަނޑަށް ވެސް ވުމެވެ. އަހަރުތަކެއް ފަހުން، އެ ހުވަފެނުގައި ކުލަ ޖެހުމުން އެ އުފާ ކުޅުންތެރިންގެ މޫނުން ވެސް ފެނުނެވެ.

ޓީމު ކުޅުދުއްފުށީގެ ކުޅުންތެރިޔާ ހަސަން މުހައްމަދު. --- ވަގުތު އިމޭޖަސް

ހަސަން މުހައްމަދު ވެސް އެދެނީ ދަނޑު އިތުރަށް ފުރިހަމަވުމެވެ. ސަރުކާރުން ޕްލޭންކޮށް ހާމަކޮށްފައިވާ ގޮތަށް، ސިޑިބަރިއެއް ވެސް އެޅުމަށެވެ. އޭރުން އެ ރަށުގެ ޒޯން ފުޓުބޯޅަ ދަނޑުގައި ކުރިން ވެސް ކުޅުދުއްފުށި ސަޕޯޓަރުން ދެއްކި ފޯރި "ޒިގްޒެގް" ގެ ޓާފް ދަނޑުން ވެސް ދައްކުވައިލެވިގެން ދާނެއެވެ.

"ސިޑިބަރިއެއް ވެސް ޕްލޭން ކޮށްފަ އޮތީ، އަޅުގަނޑުމެން އުއްމީދު ކުރަނީ އެ ކަން ވެސް ވާނެ ކަމަށް، ކުޅުދުއްފުށީގެ މި ދަނޑުގައި ގައުމީ ފެންވަރުގެ މެޗުތައް ވެސް ކުޅެ، ކުޅުދުއްފުށީގެ ފުޓުބޯޅަ ފޯރި ފުރިހަމައަށް ދެއްކުވޭނެ ގޮތެއް އޮތުން،" ހަސަން މުހައްމަދު ބުންޏެވެ.

މެޗު ނިމިގެން ވެސް ފެނިގެން ދިޔައީ ކުޅުދުއްފުށީގައި އޮތް ފުޓުބޯޅަ ފޯރިއެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޓީމު ކުޅުދުއްފުށީގެ ކުޅުންތެރިން އެކު ތިބެގެން "ވައިޕިން ކްލެޕް" ގެ ފޯރި ދިން މަންޒަރެވެ. ދަނޑު އެތެރޭގެ އެކި ހިސާބުތަކުގައި އާއި، މެޗު ބަލަން ވެގެން، ދަނޑު ބޭރު މަގުތައް މަތީ ތިބީ އެތައް ސަތޭކަ ކުޅުދުއްފުށި ރައްޔިތުން ދިޔައީ އޭގައި ބައިވެރިވަމުންނެވެ. މިއީ "ޒިގްޒެގް" ދަނޑު ހުޅުވިގެން އެ ރަށު ރައްޔިތުންނަށް ޚާއްސަ ދުވަހެކެވެ. ދަނޑުން ދިމާވި ގިނަ ޒުވާނުން ވެސް އެދެނީ އަވަހަށް ސިޑިބަރީގެ މަސައްކަތް ނިމި، އެ ރަށުގެ ފުޓުބޯޅަ ފޯރިއަށް މިއަށް ވުރެ ކުލަދަގަކޮށް ފެނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިދާ

    ތީ ހުސް ޗަމްޗާގިރިން އުޅެ ރަށެެއް ކަމައް ގިނަބަޔަކުބުނޭ އަޑިނުބައި މީހުން ވަރައގިނަކަމައް ބޭރުފުށުން ވަރައް ރަނގޅުވާނެ

    1
    4