(ކ. ކާށިދޫ) މިދިޔަ އޮކްޓޫބަރު މަހުގެ 18 ވީ ހޯމަ ދުވަހު، އާ ދުވަހަކަށް އަލިވިލުނީ އުންމީދީ އުފާވެރި ދުވަހަކަށެވެ. އެހެން ނަމަވެސް އެދުވަހު ހިނގައިދިޔަ ކަންކަމަކީ ދިވެހީންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިނުދާނެހައި ހިތްދަތި ހަނދާންތަކެކެވެ. އެތައް ބަޔަކަށް ސިހުން ގެނުވައި، އެތައް އާއިލާއެއް ރޮއްވައިލި ހާދިސާތަކެއް އެދުވަހު ދިވެހީންނާ ކުރިމަތިވެގެން ދިޔައެވެ. މިގޮތުން ކާށިދޫ ކަނޑަށް ޒުވާނަކު ގެއްލިގެން އުޅޭ ވާހަކަ ވެސް އެދުވަހު ވެގެންދިޔައީ އެ ހިތްދަތިކަމުގެ ތެރެއަށް އިތުރުވި، އިތުރު މާޔޫސް ކަމަކަށެވެ. ދެންވާނީ ކިހިނެއްކަމެއް ހިތަށް ގެންނަން ވެސް ނޭނގި، އުދާސްކަމެއްގެ ތެރޭގައި އެތައް ބަޔަކު ތިބެން ޖެހުނެވެ.

ކ. ކާށިދޫއަށް އުފަން އުމުރުން 22 އަހަރުގެ އިބްރާހީމް ލީވާނަކީ އޭނާގެ މަންމައާއި އެއްބަނޑު ބޭބެއަކު ދުއްވާ ސަޕްލައި ދޯންޏެއް ކަމަށްވާ "އެސްޓްރީޑް" ގެ ފަޅުވެރިއެކެވެ. ކުރިންވެސް އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، ކުޑަ "ބްރޭކެއް" ނެގުމަށްފަހު މިއީ އޭނާ އަލުން ދަތުރަށް ފެށި ފަހަރެވެ. މި ދަތުރުގައި މޫސުން ގޯސްވެފައި ވަނިކޮށް ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑުގެ ބިޔަ ރާޅުތަކާ ކުރިމަތިލާންޖެހި، އޭނާ ކަނޑުވެގެން ހިނގި ހާދިސާ ލީވާނު މިއަދުވެސް ކިޔައިދެނީ ބިރުވެރި އިޙްސާސްތަކާ އެކުއެވެ. ބ. އަތޮޅުގައި ހަދަމުން އަންނަ ބޮޑުފުށި ރިސޯޓަށް މުދާ ގެންދިއުމަށް ކުރި އެ ދަތުރުގެ ވާހަކައަކީ ލީވާނުގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެންނުދާނޭ ހިތި ހަނދާނެކެވެ.

ލީވާނު ދަތުރުކުރި "އެސްޓްރިޑް" ދޯނި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެ ބިރުވެރި ހާދިސާ ހިނގައިދިޔަގޮތް "ވަގުތު" ގެ ތަޙުޤީޤީ ޓީމް، "ވަގުތު 26" އާއި ޙިއްސާކުރަމުން ލީވާނު ބުނީ، އެދުވަހު ދަތުރުމަތީގައި އޭނާ ދޯނީގެ ފަހަތުކޮޅަށް ދިޔައީ އާދައިގެމަތީން ފާޚާނާ ކޮށްލުމަށް ކަމަށެވެ. ދޯނީގައި ފާޚާނާއެއް ހަދާފައި ހުރި ނަމަވެސް، ބާލިދީއަށް ކަނޑުން ފެންނަގަންޖެހޭތީ "ބުރަޔަކަށް" އޭނާ އަބަދުވެސް ކުޑަކަމުދާން ޖެހުމުން ދަނީ ދޯނީގެ ފަހަތުކޮޅަށެވެ. އެދުވަހަކީ ކަނޑުގަދަ، މޫސުން ގޯސް ދުވަހަކަށް ވީނަމަވެސް ކުޑަކަމުދާން ދޯނީގެ ފަހަތަށް އޭނާ ދިޔައީ، ފާޚާނާކޮށް ނިންމުމަށްފަހު ބާލިދީއަށް ކަނޑުން ފެން އަޅައިގެން ގެންދަން ބުރަޔަކަށްވާތީއެވެ. ދޯނި ފަޅުގައި އޮންނައިރު ވެސް ކުޑަކަމުދާން ޖެހިއްޖެނަމަ އޭނާ ޢާންމުކޮށް ކަންކުރާ ގޮތަކީ އެއީއެވެ. ލީވާނު ބުނާގޮތުން އޭނާ ކަނޑުވީ ކުޑަކަމު ދިޔުމަށްފަހު ދޯނީގެ ފަހަތުކޮޅުގައި ހުރި ކަޅުހަމެއްގައި ހިފަހައްޓައިގެން ހުރެ ސާފުވާން އުޅެނިކޮށް، ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގައި ކަމަށެވެ.

ލީވާނު އޭނާ "ގެއްލުނު" ހާދިސާ "ވަގުތު" އާއި ޙިއްސާކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެބިރުވެރި ވަގުތުގެ ހަނދާންތައް ހިތަށް ގެންނަމުން ލީވާނު ބުނީ، ކަނޑަށް ވެއްޓުމުން އެހީއަށްއެދި ދޯނީގައި ތިބި މީހުންނަށް ވެސް ގޮވިކަމަށާއި، އެހެން ނަމަވެސް ޖަނެރޭޓަރާއި، އިންޖީނުގެ އަޑު ގަދަވުމުގެ ސަބަބުން، އޭނާ ލެވި ހަޅޭކުގެ އަޑު އެއްވެސް ބަޔަކަށް ނީވުނީ ކަމަށެވެ. އަދި އެގޮތުގައި އޮއްވައި ދޯނި ދިޔަގޮތަށް ގޮސް ލޮލަށް ނުފެންނަ ހިސާބަށް ދަތުރުކޮށް ގެއްލެން ހިނދުކޮޅެއް ވެސް ނުނަގާކަމަށް އޭނާ ބުންޏެވެ.

"އެގަޑީގަ ވަރަށް ބާރަށް ހަޅޭއްވެސް ލެވިން. އެކަމަކު ދޯނި ހުންނަ ގޮތުން ފަހަތުގެ ދެފަރާތަށް ވެސް ކޮންޓެއިނަރެއް ބައިންދައި ޖަނެރޭޓަރެއް އިންނާނީ. އިންޖީނުގެ އަޑާއި ޖަނެރޭޓަރު ހުރުމާއެކީ އެހާ ބޮޑަކަށް އަޑެއް ނީވޭނެ،" ލީވާނު ބުންޏެވެ.

ލީވާނު ދަތުރުކުރި "އެސްޓްރިޑް" ދޯނި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ދޯނީގެ ފަހަތުކޮޅަށް ކުޑަކަމު ދިޔުމަށް އޭނާ ދިޔަކަން އެއްވެސް މީހަކަށް ނޭނގޭތީ، އޭނާ ކަނޑުވެއްޖެކަން ނުވަތަ ގެއްލިއްޖެކަން ވެސް ދޯނީގައި ތިބި ބަޔަކަށް އެނގެން އެތައް އިރެއް ނަގާފާނެކަން ހިތަށް އެރުމާއެކު، ލީވާނު ދެން މަސައްކަތް ފެށީ ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހައި ހިތްވަރެއް ކުރުމަށެވެ. އެހެންކަމުން އިތުރަށް މަޑުކުރުމެއްނެތި ވަގުތުން ރަށާ ދިމާލަށް ފަތާފައި ދިޔުމަށް މިސްރާބުޖެހީ ކަމަށް އޭނާ ބުންޏެވެ.

"ވެއްޓުނު ވަގުތު ހަޅޭއް ލަވައިގަތީ. ދެން އަޑިއަށް ގޮސް މައްޗަށް އެރިއިރު ދޯނި ވަރަށް ދުރަށް ގޮސްފި. ދެން އަވަހަށް ބެލީ ފަތައިގަނެވޭތޯ ރަށާ ދިމާލަށް،" ލީވާނު ކިޔައިދިނެވެ.

ލީވާނު ދަތުރުކުރި "އެސްޓްރިޑް" ދޯނި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ލީވާނު ބުނިގޮތުގައި އޭނާ ވެއްޓުނު ހިސާބާ ކާށިދޫއާއި ދެމެދު ގާތްގަނޑަކަށް ހަތަރު ވަރަކަށް މޭލު (6.4 ވަރަކަށް ކިލޯމީޓަރު) ހުންނާނެއެވެ. ދޯނީގައި ކުރިންވެސް މަސައްކަތްކޮށްފައިވުމުން، ދުރުމިން ބަލާފައި ވަކިކުރަން ކޮންމެވެސް ވަރަކަށް ދަންނާތީ، އޭރު އެ ދުރުމިން ހުންނާނެކަމަށް ޤަބޫލުކުރެވޭ ކަމުގައި އޭނާ ބުންޏެވެ. އެހެން ނަމަވެސް ރަށަށް ނޭރިދާނެކަމުގެ ނާއުންމީދެއް އޭރުވެސް ހިތުތެރޭގައި ނުއުފެދޭކަމަށް އޭނާ ބުނެއެވެ. ލީވާނު ބުނީ ދޯނިން ވެއްޓުނު ވަގުތުން ފެށިގެން އޭނާ ހިތްވަރުކުރީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އަޒުމުގައި ކަމަށެވެ.

"މާ ކަނޑުގައި ދެގަޑިއިރު"

ލީވާނަކީ ފަތަން މޮޅު، ކަނޑުމައްޗަށް ވެސް ގަދަ ޒުވާނެކެވެ. މޫދު ޙަރަކާތްތަކަށް ވެސް ހުނަރުވެރި، ރާޅާ އަޅަންވެސް އެހާ ފަރިތަ މީހެކެވެ. ކަނޑަށް ވެއްޓުނު ވަގުތު ކިތަންމެ ބިރުގަތަސް ދޯނި އަނބުރާ ނާންނާނެކަން އެނގޭތީ، އެހީއެއް ލިބޭނެ ވަގުތަކަށް އިންތިޒާރުކުރުމެއް ނެތި، ހިކި ފަސްތަނެއް ހޯދަން އަވަސްވެގަތީ ވެސް އެހެންވެގެން ކަމަށް ލީވާނު ބުނެއެވެ. ކުރިން ލިބިފައިހުރި ތަޖުރިބާތަކުގެ ބޭނުން އެންމެ ބޮޑަށް ހިފަންޖެހުނު އެ ވަގުތުކޮޅު ލީވާނު ސިފަކޮށްދިނީ "ނޭވާ ހިފަހައްޓާލަން ޖެހުނު" ވަގުތުކޮޅެއްގެ ގޮތުގައެވެ.

ލީވާނު ކިޔައިދިންގޮތުން އޭނާ ކަނޑުވިއިރު ކާށިދޫ ކިރިޔާ ފެންނަނީއެވެ. އެހެންކަމުން އެހިސާބަށް ދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ ކަންކުރާންވީ ގޮތްވެސް އޭނާ ޕްލޭން ކުރީ ކަނޑުމަތީގައި އޮވެގެންނެވެ. ފަތާފައި ރަށާއި ދިމާލަށް ދަމުން، ވަކި ހިސާބަކަށް ގޮސް މަޑުކޮށްލައިގެން އޮވެފައި އަނެއްކާ ވެސް ފަތައިގަންނަނީ ކަމަށް އޭނާ ބުންޏެވެ. އަދި ކުޑަކޮށް ބަނޑުހައި ކަމެއް ހުރުމުންނާއި ކަރުހިއްކާތީ ބައެއް ފަހަރު ގަސްތުގައި ލޮނު ބުއި ވާހަކަ ވެސް އޭނާ ކިޔައި ދިނީ އަސަރާއެކުއެވެ. "ލޮނު ބޯ ކޮންމެ ފަހަރަކު ކަރުހިއްކުމާއި ހައިހޫނުކަންވެސް ފިލައިދާތީ" ރަށާއި ދިމާއަށް ފަތައިގަންނަން ލިބެނީ އާ ހިތްވަރެއް ކަމަށް ލީވާނު ބުންޏެވެ.

ކ. ކާށިދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ވެއްޓުނު ގަޑީ ކުޑަކޮށް ބިރުގަތް. ދެން ހިތަށް އައި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން ރާޅާ އެއްކޮޅަށްދާން އޮތީ. ކަންދިމާކުރި ގޮތުން އޮއިވަރު ވެސް ރާޅު ވެސް ހުރީ ރަށާ އެއްކޮޅަށް ވީމަ އުއްމީދެއް ހުރި. ހިތްވަރު ކުރީ ދެން. ކުޑަކޮށް ބަނޑުހައިވުމުންނާ ކަރުހިއްކާތީ ގަސްތުގައި ވެސް ފެން ބުއިން،" ލީވާނު ބުންޏެވެ.

ލީވާނު ބުނާގޮތުން ކާށިދޫގެ ހަތަރު މޭލު ބޭރުން ފަތާފައި ފަރާ ހަމައަށް ލައްވާލީ ކަނޑުމަތީގައި ދެގަޑިއެއްހާއިރުވީ ފަހުންނެވެ. އެއަށްފަހު ފަރުމަތިން ވަރަށް އުނދަގުލުން ފިރުކެމުންކަހަލަ ގޮތަކަށް އައިސް ހިކިފަސް ހިސާބަށް އެރުނުއިރު، ގާތަކުގައި ޖެހި ފައިގެ ހަތަރުވަރަކަށް ދިމާއިން މަށައިގެން ގޮސްފައި ހުރިކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރަކަށް ލީވާނަށް އިތުރު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރަށަށް އެރުމަށްފަހު ވެސް ކުރީ ހިތްވަރު

ލީވާނު ކިޔައިދޭގޮތުގައި ފަރު ހުރަސްކޮށް ހިކިފަސްތަނެއްގައި ފައިޖެހުމުން އޭނާގެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބުނެވެ. ނަމަވެސް ކަނޑުމަތީގައި އެހައި ގިނައިރުވެ، ވަރަށް ގިނައިން ލޮނުބޮވިފައި ހުރުމުން، އެއްގަމަށް އެރިތަނާހެން ހޮޑުލެވުނު ކަމަށް އޭނާ ބުންޏެވެ. އަދި ވެފައި ހުރި ވަރުބަލިކަން ފިލުވައިލުމަށް ގޮނޑުދޮށުގައި "ރެސްޓު" ކޮށްލަން ޖައްސާލައިގެން އޮތީކަމަށް ވެސް ބުންޏެވެ.

ވަރުބަލިކަން ފިލުވައިލުމަށް 15 މިނެޓެއްހާއިރު ވަންދެން ގޮނޑުދޮށުގައި އޮތުމަށްފަހު ލީވާނު ހިނގައިގަތީ، "ތޮށިފެޅިމަގުން" ލާފައި ރަށުތެރެއަށް ދިޔުމަށެވެ. އޭނާ އެއްގަމަށް އެރީ ކާށިދޫގެ ހުޅަނގު ދެކުނުން ރަށުގެ ދަނޑުބިންތައް އޮންނަ ސަރަޙައްދަށް ކަމަށްވާތީ، އެތަނުން މީހުން އުޅޭ ހިސާބާ ދެމެދު ވެސް ގާތްގަނޑަކަށް 1.35 ކިލޯމީޓަރު ހުރެއެވެ. ލީވާނު ބުނާގޮތުން ހިނގާފައި މި ރާސްތާ ކަޑައްތުކޮށް މީހުން ދިރިއުޅޭ ހިސާބަށް ދާން ނެގީ އެންމެ ފަސް މިނެޓެވެ.

ލީވާނު އޭނާ "ގެއްލުނު" ހާދިސާ "ވަގުތު" އާއި ޙިއްސާކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ރަށަށް އަރައިގެން އައިސް އޭނާ އެންމެ ފުރަތަމަ ދިޔައީ މިރަށު ހައިލައިޓް، އުމުރުން 42 އަހަރުގެ ސާމިލް އަހުމަދު ދިރިއުޅޭ ގެއަށެވެ. ވަލުތެރެއިން ހިނގާފައި އަންނައިރު އެންމެ ފުރަތަމަ ޖެހޭ އެއް ގެޔަކީ ވެސް ސާމިލްމެން ގެއެވެ. އިއްތިފާޤުން ސާމިލަކީ ލީވާނުގެ ގާތް ރަހުމަތްތެރިއެއް ވެސް މެއެވެ. އެގެއަށް ގޮސް ގިނައިރު މަޑުކުރުމެއްނެތި ސާމިލާއެކު ސައިކަލުގައި ދެން ދިޔައީ ފުލުހުންގެ އިދާރާއަށް ކަމަށް ލީވާނު ބުންޏެވެ.

ސާމިލްގެ ތުހުމަތުތައްވެސް ލީވާނަށް!

މިރަށު ގިނަ މީހުން ސާމިލް ދަންނަނީ "ލެއްބެ" ގެ ނަމުންނެވެ. ސާމިލަކީ ލީވާނު ދަތުރުކުރި ދޯނީގެ ކެޕްޓަން، ޚާލިދު އަބްދުﷲގެ ދަރިއެކެވެ. ސާމިލް ވެސް ބުނާގޮތުން ލީވާނަކީ އޭނާގެ ގާތް ރަހުމަތްތެރިއެކެވެ. ކަނޑުވުމަށްފަހު ރަށަށް އަރައިގެން އެންމެ ފުރަތަމަ ލީވާނު އޭނާއާ ބައްދަލުކުރީ ވެސް މި ސަބަބަށް ޓަކައި ކަމަށް ބެލެވެއެވެ.

އެދުވަހު ކަންހިނގައި ދިޔަގޮތް، "ވަގުތު 26" އާއި ޙިއްސާކުރަމުން ސާމިލް ބުނެފައިވަނީ، ލީވާނު އެގެޔަށް ދިޔައީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އެއާއެކު އޭނާ ގަދަވެ ސަލާމަތުން ހުރިކަން ބައްޕައަށް ގުޅާފައި އަވަހަށް އެންގީކަމަށް ސާމިލް ބުންޏެވެ. ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯނި އޭރު އޮތީ އެ އަތޮޅާ ހައެއްކަ މޭލު ބޭރުގައިކަމަށް ސާމިލް ބުންޏެވެ.

ސާމިލް ނޫސްވެރިންނަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ލީވާނު ފެނުނުއިރު ވެސް އޭނާގެ މޫނުމަތިން ފެންނާން ހުރީ ވަރުބަލިކަންކަމަށާއި، އެހެންނަމަވެސް ފަސް މިނެޓަށް ވެސް މަޑުކުރުމެއްނެތި، އޭނާ ގޮވައިގެން ސައިކަލްގައި ދިޔައީ ފުލުހުންގެ އިދާރާއަށްކަމަށް ސާމިލް ބުންޏެވެ.

ލީވާނުގެ ހާދިސާގައި، ކަން ހިނގައިދިޔަ ގޮތް ޙިއްސާކުރަމުން ސާމިލް ވެސް އުފެއްދީ ސުވާލެވެ. މިގޮތުން ދެގަޑިއިރު ކާށިދޫ ކަނޑުގައި ފަތާފައި ރަށާ ހިސާބަށް އައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ލީވާނު ރަށަށް އެރިކަމަށް ބުނާ ސަރަޙައްދުން އެގެއާ ހަމައަށް ހިނގާފައި އައުމަށް ވިއްސަކަށް މިނެޓު ހޭދަވާނެކަމަށް ސާމިލް ޤަބޫލުކުރެއެވެ. އެހެންކަމުން ލީވާނު ދައްކާ ވާހަކަ އެއީ ދޮގެއްކަމާއި، އޭނާ ދޯނިން ގަސްތުގައި ފުންމާލީކަމަށް ޝައްކެއް ނެތި ބުނަން ސާމިލަށް ކެރެއެވެ.

ސާމިލް ނޫސްވެރިންނަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"އޭނާ ފުންމާލާފަ އެ އިނީ. މަސްތުވާ އެއްޗެއް ބޭނުން ކުރޭ. ގެޔަށް އައިގޮތަށް ވެސް އައިސް ބުނީ ބަލީގަ ހުރެގެން ތިމަންނާއަކަށް ދަތުރެއް ނުކުރެވޭނެއޭ. ދެން ބުނި އެއްޗެއް (މަސްތުވާއެއްޗެއް) ނުލައި ދަތުރު ނުކުރެވޭނެ ނޫންހޭ. އެހެންކަމަށް ވާނަމަ އެ ބޭނުމުގައި އޭނާ ފުންމާލީތާ،" ސާމިލް ބުންޏެވެ.

ސާމިލަކީ ވެސް މަސްތުވާތަކެއްޗާއި، ޖިނާއީ ބައެއް އެހެނިހެން މައްސަލަތަކާ ގުޅުންހުރި މީހެކެވެ. މިރަށު ޢާންމު ގިނަ ބައެއްގެ ތުހުމަތުތައް ވެސް ހުރީ މިހެންނެވެ. އަދި ހަމައެހެންމެ ހާދިސާގައި ކަނޑުވި ލީވާނުގެ މަންމަ ވެސް ބުނާގޮތުން، ސާމިލަކީ ކުރިން މިރަށުގައި މަސްތުވާތަކެތީގެ ބޮޑެކެވެ. އެހެންކަމުން ބައެއް މީހުންގެ ނަޒަރުގައި ލީވާނު "ގެއްލުނު" ހާދިސާއާއި ސާމިލާ ވެސް ގުޅުމެއް އެބައޮތެވެ. އަދި އެއީ އޭނާ ވެސް ހިމެނޭހެން ބަޔަކު ރާވައިގެން ރަށަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރުވި ކަމެއްކަމަށް އެފަރާތްތަކުން ދެކެއެވެ.

"ފުލުހަށްދިޔަ މަގުމަތީގައިވެސް ހުރީ ވަރަށް ހަމަޖެހިލައިގެން"

މިރަށުގެ ގިނަ ބަޔަކަށް ލީވާނު ކަނޑުވި ހާދިސާ، އޭނާ ކިޔައިދޭ ގޮތަށް ޤަބޫލެއް ނުކުރެވެއެވެ. މިކަމުގައި ގާތްގަނޑަކަށް އެންމެން ވެސް ބުނަމުން އަންނަނީ ލީވާނު ހެދީ ދޮގުކަމަށާއި، އޭނާ ގަސްތުގައި ރަށް ކައިރިޔަށް ފުންމާލީކަމަށެވެ.

ކާށިދޫ ފުލުހުންގެ އިދާރާ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ލީވާނު ގޮވައިގެން ސައިކަލުގައި ސާމިލް ފުލުހުންގެ އިދާރާއަށް ދަނިކޮށް އެމީހުންނާ ދިމާވި މިރަށު ޢާންމު މީހަކު ބުނީ، ލީވާނު ފެނުނުއިރު އޭނާގެ މޫނުމަތިން އެއްވެސް ވަރުބަލިކަމެއް ފެންނާން ނެތްކަމަށެވެ. އަދި އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންކަމަށާއި، ދެގަޑިއިރު ފަތާފައި އަދި އޭގެ ފަހުން ހިނގާފައި ރަށުތެރެއަށް އަރައިގެން އައި މީހަކަށް ސައިކަލުގައި އެހައި ހަމަޖެހިލައިގެން ހުރެވުމަކީ ބުއްދި ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

"ލީއްކޮ ފެންނަ ފެނުމަށް އެދުވަހު ހުރީ ވަރަށް ހަމަ ޖެހިލައިގެން. ވަރުބަލި ކަމެއް ވެސް ފެންނާކަށް ނެތް. އެއީ ހަމަ ސީދާ ކަނޑައެޅިގެން މިއުޅޭ މަސްތުވާތަކެތީގެ ކަމެއްގަ ކޮށްފައިވާ ކަމެއް،"

 

ލީވާނު ގޮވައިގެން ސައިކަލުގައި ސާމިލް ފުލުހުންގެ އިދާރާއަށް ދަނިކޮށް އެމީހުންނާ ދިމާވި މިރަށު ޢާންމު މީހަކު ބުނީ، ލީވާނު ފެނުނުއިރު އޭނާގެ މޫނުމަތިން އެއްވެސް ވަރުބަލިކަމެއް ފެންނާން ނެތްކަމަށެވެ. އަދި އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންކަމަށާއި، ދެގަޑިއިރު ފަތާފައި އަދި އޭގެ ފަހުން ހިނގާފައި ރަށުތެރެއަށް އަރައިގެން އައި މީހަކަށް އެހައި ހަމަޖެހިލައިގެން ހުރެވުމަކީ ބުއްދި ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

"ލީއްކޮ ފެންނަ ފެނުމަށް އެދުވަހު ހުރީ ވަރަށް ހަމަ ޖެހިލައިގެން. ވަރުބަލި ކަމެއް ވެސް ފެންނާކަށް ނެތް. އެއީ ހަމަ ސީދާ ކަނޑައެޅިގެން މިއުޅޭ މަސްތުވާތަކެތީގެ ކަމެއްގަ ކޮށްފައިވާ ކަމެއް،"

ލީވާނު މަންމަގެ ނަޒަރުގައި ދަރިފުޅު އެފަދަ ކަމެއް ނުކުރާނެ!

ލީވާނު ކަނޑުވި ހާދިސާއަށްފަހު އެންމެން ދެއްކި ވާހަކަތަކާ އެންމެ ތަފާތީ އޭނާގެ މަންމަ، މިރަށު ސައުތު ކޯނަރު، އުމުރުން 42 އަހަރުގެ އާގިސަތު އަބްދުﷲ ދެއްކި ވާހަކަތަކެވެ. އާގިސަތަށް އޭނާގެ ލޯބިވާ ދަރިފުޅު ގެއްލުނުކަން އެނގުނީ ވެސް ހައިރާންކުރުވަނިވި ގޮތަކަށެވެ.

އޭނާ ކިޔައިދިންގޮތުން އެދުވަހު ގާތްގަނޑަކަށް 11:15 ހާއިރު ލީވާނުގެ ބައްޕަގެ ފޯންކޯލެއް އައިކަމަށާއި، ކަމެއް ގޯސްވެގެން އުޅޭކަމަށް ބުނެ ވަރަށް އަވަހަށް ފުލުހަށް ދިޔުމަށް އެންގިކަމަށް އާގިސަތު ބުންޏެވެ. ހަމައެއާއެކު ދަރިފުޅު ލީވާނަށް ކަމެއް ވެއްޖެކަން ވަގުތުން ޔަޤީންކުރެވުނުކަމަށް އާގިސަތު ވަނީ ބުނެފައެވެ. އާގިސަތު ކިޔައިދިން ގޮތުން ހާދިސާގެ މަޢުލޫމާތު އެންމެ ފުރަތަމަ އޭނާއަށް ލިބުނު މިންވަރަކީ ވެސް އެއީއެވެ.

"ލީވާނު ބައްޕަ ގުޅާފަ ބުނީ ވަރަށް އަވަހަށް ޕޮލިހަށް ދޭބަލާށޭ. އެހެން ބުނުމުން އެއީ ކިހިނެއްވެގެންތޯ ސުވާލު ކުރުމުން ބުނީ އެތަނަށް ދިޔައީމަ އެނގޭނެއޭ ކިހިނެއް ވެގެންކަން. އެހާހިސާބުން ފޯނުވެސް ކެނޑިއްޖެ. ދެން ވަގުތުން ހިތަށް އެރީ މަގޭ ދަރިއަކަށް ކަމެއް ވެއްޖެއޭ. ވަރަށް ބޮޑަށް ޔަޤީންކަން އޮތް. އެގަޑީ ބަންގި ގޮވީމަ ސްޓޭޝަނަށް ވެސް ނުގޮސް ވުޟޫކޮށްގެން މެންދުރު ނަމާދަށް އެރީ،"

އާގިސަތު ބުނީ، ނަމާދުކޮށް ނިމުނުތަނާހެން ލީވާނުގެ ބޭބެ، ވަލީދު ގުޅާފައި ދެރަނުވާން އެދުނުކަމަށާއި، ލީވާނު ގެއްލިގެން ހޯދަމުން އަންނަކަމުގެ ޚަބަރު ދިން ކަމަށެވެ. އެހައި ހިސާބުން ވެސް އުންމީދު ކަނޑާލުމުގެ ބަދަލުގައި، އެހުރިގޮތަށް ހުރެ ލީވާނު ފެނޭތޯ ދުއާކުރީ ކަމަށް އާގިސަތު ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން 12:20 އެހާކަންހާއިރު، ސާމިލްގެ އަންހެނުން، އިނާޒާގެ ފޯނުކޯލެއް އައި ކަމަށާއި، "މިހިރީ މަކައިރީ ލީއްކޮއޭ ބުނި" ކަމަށް އާގިސަތު ބުންޏެވެ. އެވަގުތު ލިބުނު ހިތްހަމަޖެހުން ކިޔައިދޭން ވެސް ނޭނގޭކަމަށް އާގިސަތު ބުންޏެވެ. އެހެންވެގެން ވަގުތުން ހުރިގޮތަށްހުރެ ތިރިވީ ސަޖިދައަށް ކަމަށް އޭނާ ބުންޏެވެ.

"މާތް ކަލާނގެ އެމީހަކު ސަލާމަތް ކުރަން ހުރި އަޅަކު ސަލާމަތްވާނެ. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ،"

ލީވާނަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް ކަމަށް އާގިސަތު ބުނެއެވެ. އެގޮތުން އޯލެވެލް ފަސް މާއްދާއިން ފާސްވެގެން ރަނގަޅު ނަތީޖާއަކުން ގްރޭޑް 10 ނިންމައި، އިންޖީނުގެއިން ހެދި ކޯހަކުން ވެސް ލީވާނަށް މަތީފާސް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. އާގިސަތު ދެކޭގޮތުން ލީވާނުގެ އުޅުން ގޯސްވީ އޭނާއާ ޖެހުނު ބައެއް ރަހުމަތްތެރީންގެ ސަބަބުންނެވެ. ކަނޑުމަތީގެ ހާދިސާ ހިނގުމުގެ ކުރީން ވެސް ލީވާނަކީ ރަނގަޅަށް އުޅުނު ކުއްޖެއް ނޫން ކަމަށާއި، އެގޮތުގައި އޭނާ އުޅޭތާ ދެ އަހަރުވަރު ވެދާނެ ކަމަށް އާގިސަތު ވަނީ ބުނެފައެވެ.

އެ ވާހަކަ ތަފްސީލް ކޮށްދެމުން އާގިސަތު ބުނެފައި ވަނީ، ގޯސްމަގުން ލީވާނު ހިނގާ ވާހަކަ މާނަކުރަނީ، ވަޒީފާއަކަށް ނުގޮސް ރަށުގައި އެހެން ހުންނަ ހުރުމަށް ކަމަށެވެ. އެހެން ނަމަވެސް ލީވާނުގެ މަސްތުގެ ދިރިއުޅުން މާކުރިން ވެސް ދަންނަކަން އާގިސަތު ކިޔައިދީފައި ވެއެވެ. އަދި އޭނާ އެތަކެތި ނުލިބިގެން "ސިކު" ވުމުން އެކަން "ފިލުވައިދޭ" ކަމަށް އާގިސަތު އިއުތިރާފްވިއެވެ.

"މަސްތުވާތަކެތީގެ ތެރޭ ވެސް އުޅޭ. އޭނަ ބުނީމަ އެ ބުނާ ސިކެއް ފިލުވަ ދެން."

ވަލީދު ދަންނަ ލީވާނުގެ ވާހަކަ.. "އޭނާ ހުރީ އަވަދިވެފައި!"

މިރަށު ސައުތު ކޯނަރު، އުމުރުން 50 އަހަރުގެ ވަލީދު އަބްދުﷲއަކީ ލީވާނުގެ މަންމައާއި އެއްބަނޑު، ލީވާނުގެ ބޮޑުބޭބެއެވެ. ލީވާނު ގެއްލިގެން އެކަން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ވެސް ވަލީދުކަމަށް އޭނާ ބުންޏެވެ. ވަލީދު ބުނެފައިވަނީ ދޯނީގެ ކެޕްޓަން، ޚާލިދަކީ އޭނާގެ ބޭބެއެއްކަމަށާއި، އެ ހާދިސާ ހިނގުމުގެ ކުރީން ހެނދުނު 10:00 ހާއިރު ބޭބެ އޭނާއަށް ގުޅިކަމަށެވެ. އޭރު ދޯނީގައި އެއްވެސް ކަމެއް ގޯސްނޫންކަން އެނގޭކަމަށާއި، އޭގެފަހުން ބޭބެ ނިދަން އެރީ ގާފަރާއި، ކާށިދޫއާ ދެމެދަށް ދެވުމުންކަމަށް ވަލީދު ވަނީ ބުނެފައެވެ. އޭރު ދޯނީގެ މިސްރާބު ހުރީ ބ. އަތޮޅުގެ ކުޑަ ރަށާއި ދިމާއަށްކަމަށާއި، ކޯޒް ޖަހާފައި އޭރު ހުންނާނީ ކާށިދޫއާ ފަސްމޭލު ބޭރުންކަމަށް ވަލީދު ބުންޏެވެ.

ވަލީދު ބުނެފައި ވަނީ ދޯނިން ލީވާނު ގެއްލިއްޖެކަމުގެ ޚަބަރު ބޭބެ އޭނާއަށް ދިނީ 11:40 ހާއިރު ގުޅާފައި ކަމަށެވެ. ދޯނިތެރެ ހޯދައިހޯދައި ލީވާނު ނުފެނިގެން އުޅޭ ވާހަކަ ހާސްކަމާއެކު ޚާލިދު ކިޔައިދިނުމުން، ދޯނި ދަތުރުކުރުމަށް ޖަހާފައިވާ ކޯޒްގައި އަނބުރާލާފައި ދަތުރުކުރުމަށް ވަލީދު ވަނީ އޭނާގެ ބޭބެއަށް އަންގާފައެވެ. އެއަށްފަހު ފުލުހުންނަށް ހާދިސާ ރިޕޯޓްކޮށް، މިރަށުގައި އޮންނަ ސީއެމްބިއުލާންސުގައި އިތުރު ބަޔަކާއެކު ވަލީދު ވެސް ނިކުތީ ލީވާނު ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ.

"ތިން މޭލަށް ލޯންޗްގައި ދެވުނުއިރު ވެސް ގަންބަމުން ލޯންޗުގެ ކޮޅު އަޑިޔަށް ޖަހަމުން ދިޔައީ. އެހާ ވައިގަދަ. 30 ވަރަކަށް މިނެޓުވި ލޯންޗުގައި ތިން މޭލަށް ދާންވެސް. އެއީ ކަނޑުގަދަ ދުވަހެއް. ލޯންޗުން އެހާ ގަދައިގައި ކުރަން އުނދަގޫވި ދަތުރެއް ފަތާފައި ކުރެވޭނެ ކަމަކަށް އަޅުގަނޑުގެ ބުއްދި ޤަބޫލެއް ނުކުރޭ. ފަތާފައި އެބުނާ ހިސާބަކުން ރަށަކަށް ނޭރޭނެ. އަދި ފައިވާނެއް ވެސް ނޯންނާނެ އެ ހުރިހާކަމެއް ހިނގާއިރު. ހަތަރު ފަސް މޭލު ބޭރުން އޭނައަކަށް ފަތާފައެއް ނޭރޭނެ،" ވަލީދު ތަކުރާރުކުރަމުން ކިޔައިދިނެވެ.

ލީވާނުގެ ވާހަކަތަކާ މެދު ވަލީދު ދެން ސުވާލު އުފެއްދީ، ހާދިސާ ހިނގައިގެން އުޅުނު ވަގުތު ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަމާލްގެ ފަރާތުން ލިބިގެންދިޔަ މަޢުލޫމާތުތަކަށް ވެސް ބުރަވެއެވެ. މިގޮތުން ލީވާނު ގެއްލުނު ޚަބަރު ލިބުމުން ޖަމާލަށް ވެސް ގުޅައިގެން ވާހަކަ ދެއްކިކަމަށާއި، ޖަމާލު ކައިރިން އެހުމުން، އޭނާ ހުންގާނާ ހަވާލުވިއިރު ދޯނި އޮތީ ރަށާއި ސަތޭކަވަރަކަށް ފޫޓު ދުރުގައިކަމަށް ޤަބޫލުކުރެވުނު ކަމަށް ވަލީދު ބުންޏެވެ. އެހެންކަމުން ލީވާނު ފުންމާލީ ރަށާއި ދޯނި ވަރަށް ބޮޑަށް ކައިރިވި ވަގުތެއްގައި، ކޮންމެވެސް ބޭނުމެއް އޮތުމުން ކަމަށް ވަލީދަށް ޤަބޫލުކުރެވެއެވެ.

"ޖަމާލަށް ގުޅާލުމުން ބުނީ ރަށުގެ ނެރު ރީއްޗަށް ފެންނަން އެބައިނޭ. އޭގެ މާނައަކީ ގާތްގަނޑަކަށް ސަތޭކަ ވަރަކަށް ފޫޓޭ ރަށާ ދޯންޏާ ދެމެދު ހުންނާނީ،" ވަލީދު ބުންޏެވެ.

ވަލީދުގެ ބޭބެ އަދި ދޯނީގެ ކެޕްޓަންއާއި ދެކެވުނު ވާހަކަތައް ޙިއްސާކުރަމުން އޭނާ ބުނެފައި ވަނީ، ހުޅުމާލެއިން ދޯނި ނައްޓާލިފަހުން ރަށަށް ޖައްސާފައި ދިއުމަށް ލީވާނު ވަނީ ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް ހަތްގަޑިއިރު ތެރޭ ރިސޯޓަކަށް ގެންދަންޖެހޭ މުދާތަކެއް ދޯނީގައި ހުރުމުން، ކާށިދޫއަށް ލަފާފައި ދެވެން ނެތްކަން ލީވާނުގެ ގާތުގައި ޚާލިދު ވަނީ ބުނެފައެވެ.

ލީވާނު ދޯނިން ފުންމާލީކަމަށް ތަކުރާރުކޮށް ބުނަމުން ވަލީދު ބުނެފައި ވަނީ، އޭނާއަކީ މަސްތުގެ ވަބާގައި ޖެހި "އަވަދިވެފައި" ހުރި ކުއްޖެއްކަމަށާއި، އެފަދަ ކަންކަން ކުރާ މީހުން އެކަމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. އަދި ކިރިޔާވެސް އުންމީދެއް އޮތިއްޔާ ކަނޑު ފަތާފައި ވެސް އެއްގަމަށް އަރައި، އެކަމެއް ޙާސިލްކުރާނެ ކަމަށް ވަލީދު ބުންޏެވެ. ލީވާނަކީ އެފަދަ މީހެއްކަމަށާއި، އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން އެއީ އެންމެނަށް ވެސް އެނގޭކަމެއްގެ ގޮތުގައި ވަލީދު ވަނީ ސިފަކޮށްފައެވެ. ވަލީދު ޤަބޫލުކުރާގޮތުން ލީވާނު މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރިވަރުން އެތަކެތި ހޯދަން ގަސްތުގައި މޫދަށް ފުންމާލީ އެ ބޭނުމުގައެވެ.

"ސީދާ ހަކުރު ކަމެއްގަ ފުންމާލީ. ބޯން ބޭނުންވާ މީހަކު ކިރިޔާ ވެސް އުއްމީދެއް އޮތިއްޔާ ކަނޑު ފަތާފަ ވެސް އަރާފާނެ. އަހަރެންނަށް ހީވަނީ ހަކުރު ބޯން ބޭނުންވެފަ ހުރީމާ ކިރިޔާ ވެސް ރަށަށް އެރެން އޮތިއްޔާ އަރާނެ. ކުރިން ވެސް އޭނާ މަސްތުވާތަކެތި ބޭނުން ކުރާކަން އެންމެންނަށް އެނގޭނެ،"

ކައްޕިގެ ދުލުން އެދުވަސް..

މިރަށު ސައުތުކޯނަރު އުމުރުން 54 އަހަރުގެ ޚާލިދު އަބްދުﷲ ކަނޑުދަތުރުކުރާތާ 15 ވަރަކަށް އަހަރުވެއްޖެއެވެ. އަމިއްލަ ސަޕްލައި ދޯންޏެއްގައި ޢާމްދަނީ ހޯދުމަށް އޭނާ ކުރާ މަސައްކަތަކީ މާލެއިން ރިސޯޓްތަކަށް މުދާ ސަޕްލައިކޮށް ދިނުމެވެ. މިގޮތުން ޚާލިދަށް ރަށުގައި ހުރެވޭ ދުވަސްތަކަށްވުރެ ގިނައީ ކަނޑުމަތީގައި އުޅެންޖެހޭ ދުވަސްތަކެވެ.

ކަނޑުމަތީގައި އެތައް ތަޖުރިބާއެއް ކޮށްފައިވާ ޚާލިދު، ލީވާނު ގެއްލުނު ހާދިސާއާ ގުޅިގެން ތަފްސީލުކޮށް ކިޔައިދިން ވާހަކަތަކުން އެ ހާދިސާ ހަޤީޤަތުގައި ހިނގައިދިޔަ ގޮތް ސާފުވެއެވެ. ކާށިދޫ ކަނޑަށް ވެއްޓި ދެގަޑިއިރު ފަތާފައި ރަށަށް އެރީ ކަމަށް ލީވާނު ބުނާ ވާހަކަ ޚާލިދު އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެއެވެ. އަދި އެއީ ކިތަންމެ މޮޅު މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަކަށް ޚާލިދުގެ ހިތެއް ޤަބޫލެއް ނުކުރެއެވެ.

ޚާލިދު ބުނެފައިވާ ގޮތުން ހުޅުމާލެއިން ދޯނި ނައްޓާލީ، ކާށިދޫގައި މަޑުކޮށްފައި ބ. އަތޮޅު ކުޑަރަށަށް ފުރާގޮތަށް ނިންމައިގެން ކަމަށެވެ.އޭނާ ބުނީ އެއީ "ގަދަ ދުވަހެއް" ކަމަށާއި ފުރައިގެން ގޮސް ގާފަރު ކަންމަތިން ކާށިދޫއަށް މަޑުނުކޮށް ސީދާ ކުޑަރަށަށް ދިއުމަށް ނިންމާ ދޯނީގެ "ކޯސް ޖެހި" ކަމަށެވެ. އެއީ ދޯނީގެ ޖަނެރޭޓަރަކަށް މައްސަލަ ދިމާވެފައި ހުރުމުންނާއި، އޭގެ ސަބަބުން އަވަހަށް ނުގެންދެވިއްޖެނަމަ ހަލާކުވާތަކެތި ދޯނީގައި ހުރުމުން އަވަހަށް އެތަކެތި ފޯރުކޮށްދޭން ޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

ލީވާނު ދަތުރުކުރި "އެސްޓްރިޑް" ދޯނި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ގާފަރު ކަންމަތިން ކުޑަރަށަށް ކޯސް ޖަހާފައި ހުންނައިރު ކާށިދޫއާ އެންމެ ކައިރިވާނީ 3 މޭލު ބައި ނޫނީ ހަތަރު މޭލު،" ޚާލިދު ބުންޏެވެ.

ޚާލިދު ބުނީ ރަށަށް ނުގޮސް ބ. އަތޮޅަށްދާކަން ލީވާނަށް އެނގުމުން އޭނާ އެތައް ފަހަރެއްގެ މަތީން ރަށަށް ޖައްސާފައި ދާން އެދުނު ކަމަށެވެ. އެހެން ނަމަވެސް ކަން އޮތްގޮތް ކިޔައިދީ ރަށަށް ދެވެން ނެތްކަން ލީވާނަށް އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ކާށިދޫއަށް ދޯނި ލަފަން އެއްބަސް ނުވުމުން، ފަހުން ލީވާނު ދެއްކި ވާހަކަތަކަކީ އޭނާ ގަސްތުގައި ފުންމާލީ ކަމަށް ޚާލިދަށް ވެސް އެންމެ ބޮޑަށް ޤަބޫލުކުރެވެން ފެށި އެއް ސަބަބެވެ. މިގޮތުން "ތިމަންނާ ފައިބަން ދޯނި ރަށްބޭރަށް ކައިރިކޮށްލަންވީ ނުންހޭވެސް" އެހި ކަމަށާއި، އެކަމަށް އެއްބަސް ނުވުމުން އެދުވަހުގެ އޮއިވަރާއި ވައި ހުރިގޮތް ވެސް ހޯދި ކަމަށެވެ. އަދި ދޯނި ކާށިދޫ ކައިރިން ދަތުރުކޮށްފައި ދަނިކޮށް އެއްޗެއް ވައްޓާލައިފިނަމަ ރަށަށް ލައްގާނެތޯ ވެސް ލީވާނު، ޚާލިދު ކައިރިން އަހައި އޮޅުންފިލުވާފައިވެއެވެ.

"ކާށިދޫގެ ހުޅަނގުފަރާތުން އިންނާނެ ނެރެއް. ނެރުގެ އޮއެމައްޗަށް އަރާފަ އެއްޗެއް ވައްޓާލައިފިނަމަ ރަށަށް ދޯއޭ ލައްގާނީވެސް އެހި. އެހެން އެހިޔަސް އަޅުގަނޑަކަށް ނޭނގޭ އޭނާގެ ހިތުގަ ރާވާފަ އޮތް އެއްޗެއް. އެހެންވީމާ މި ހުރިހާ މަޢުލޫމާތެއް އަޅުގަނޑުގެ ގާތުން ހޯދާފަ އޭނާ އޮތީ ހެނދުނު،"

ޚާލިދު ބުނިގޮތުން ލީވާނު ރޭވުންތެރިކަމާއެކު ކާށިދޫ ކައިރިއަށް ދޯނި ގެންދިއުމަށްފަހު ފުންމާލީ އޭނާއަށް ނިދުނު ވަގުތުކޮޅު ކަމަށެވެ. އަދި އެދަނޑިވަޅުގައި އޭނާގެ އަތަށް ހުންގާނު ވެސް ލިބުމާއިއެކު އޭނާ ބޭނުންވި "ޕޮއިންޓަށް" ދޯނި ލައްކޮށްފައި ފުންމާލަން ފަސޭހަވީކަމަށް ޚާލިދު ބުންޏެވެ.

"އެދުވަހު 10:00 ޖެހިއިރު ކަނޑު މަޑުވެއްޖެ. ދެން އެރޭ ހަތަރުދަމު އަޅުގަނޑު ވެސް ނުނިދާހުރީމާ، އަޅުގަނޑު ވެސް މިދިޔައީ ކުޑަކޮށް ޖައްސާލަންވެގެން. އޭގެ އިރުކޮޅެއް ފަހުން ދޯނީގައި ހުރި ބިދޭސީ މީހާ އަޅުގަނޑުގެ ގާތުގައި އައިސް ބުނީ ލީވާނު އެބަ ބުނެއޭ ސިނގިރޭޓު ފޮއްޓެއް ދޭން. ދެން އަޅުގަނޑު ބުނިން އޭނާއަށް ދޭށޭ ސިނގިރޭޓު ފޮއްޓެއް ނަގާފައި. ބުނީމާ ލީވާނުއަތަށް ހުންގާނު ދީފައި ބިދޭސީ މީހާ މި ދިޔައީ ތިރިޔަށް ސިނގިރޭޓު ފޮއްޓެއް ބަލާ. ގޮއްސަ އޭނަ ފާހަނާކޮށް ހަދާލައިގެން އޭނާއަށް މި އާދެވުނީ 30 މިނެޓުވަރު ފަހުން،" ޚާލިދު ބުންޏެވެ.

ޚާލިދު ބުނިގޮތުގައި އޭނާ ނިދާލަން ޖައްސާލި ވަގުތު ލީވާނު ވަނީ ހުންގާނަށް އަރައި، ދޯނި ދަތުރުކުރުމަށް ޖަހާފައިވާ ކޯހުގެ ބޭރުން ކާށިދޫއާ ދޯނި ކައިރިކޮށް ރަށުގެ ބޭރުފަރަށް "ގާތްގަނޑަކަށް ދޯނި އަރާނާރާވަރު ކޮށްފައި،" ކަމަށެވެ. ރަށާއި އެހައި ކައިރިޔަށް ދޯނި ޖެއްސިއިރު ވެސް އޭގެ ސްޕީޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ސްޕީޑު ބަދަލުވިނަމަ ހޭލެވުނީސް ކަމަށް ޚާލިދު ބުންޏެވެ. ޚާލިދަށް ހޭލެވުނުއިރު، ދޯނީގެ މިސްރާބު ބަދަލުކޮށްލި ހިސާބުން އޭގެ ދަތުރު ނުފެންނާނެހެން ޖީޕީއެސް ވެސް ހުރީ ކަނޑާލާފައެވެ.

އެސްޓްރިޑް ދޯނި ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ކޯސް

ދޯނީގައި މަސައްކަތްކުރާ ބިދޭސީ މީހާ ތިރިޔަށް ގޮސްފައި އައިސް، އޭނާ ހިފައިގެން އައި ސިނގިރޭޓު ފޮށި ލީވާނުގެ އަތަށް ދެމުން އަލުން ހުންގާނަށް އެރިއެވެ. އަދި ކޯހުގެ ބޭރުން ކާށިދޫއާއި ދޯނި ކައިރިކުރީ ކީއްވެތޯ އޭނާ ލީވާނުގެ ގާތުން އެހުމުން ބުނީ، "ކައިރިވީކަން ނޭނގޭ" ކަމަށެވެ. މިހެން ބުނެފައި ލީވާނު ތިރިޔަށް ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލުނީއެވެ.

ނިދަން ޖައްސާލިތާ ގަޑިއެއްހާއިރު ފަހުން ޚާލިދަށް ހޭލެވުނީ ވިއްސާރަގަނޑެއްގައި ޖެހިގެންނެވެ. ތެދުވެ ވަގުތުން ބިދޭސީމީހާގެ އަތުން ހުންގާނު އަތުލާ، ހުންގާނުގައި ފަހުން ހުރީ ޚާލިދެވެ. އޭގެއިރުކޮޅެއް ފަހުން ބިދޭސީމީހާ ތިރިޔަށްގޮސްފައި އައިސް، ލީވާނު ދޯނީގައި ނެތްކަން އެންގިކަމަށް ޚާލިދު ބުންޏެވެ. ކާށިދޫ ފުލުހުންނަށް ހާދިސާގެ ރިޕޯޓްކުރީ ދޯނިތެރެ ހޯދައިހޯދައި ލީވާނުގެ ހިލަމެއްވާން ނެތުމުންކަމަށް ޚާލިދު ބުންޏެވެ.

"ދެން ޕޮލިހުން އަޅުގަނޑަށް ގުޅާފައި އެހީ މިހާރު ކިހާހިސާބެއްގައިހޭ ތި ހުރީ. ދެން އަޅުގަނޑު ބުނިން ޕޮޒިޝަނާ ހުރިހާ އެއްޗެއް. ބުނީމަ ބުނީ ތި އިން ޕޮޒިޝަނުން އަނބުރާފަ ބަލާށޭ އައިކޮޅަށް. އަޅުގަނޑުމެން އެ އައިކޮޅަށް ދުއްވާފަ އައިސް ކާށިދޫއަށް ދެމޭލަށް ވެފައިންދާ ގުޅާފަ ބުނީ ލީވާނު އެބަހުއްޓޭ ރަށުގަ. ދެން ކީކޭތޯ އަޅުގަނޑު ބުނާނީ،"

ދޯނިން ލީވާނު "ގެއްލުނުއިރު" އޭގައި ހުރި ރީނދޫ ހަމަކާއި، ފިންސަކާއި، މާސްކެއްގެ އިތުރުން ޓްރެކްޝޫޓަކާއި، ގަމީހެއް މަދުވިކަމަށް ޚާލިދު ބުންޏެވެ. ޚާލިދު ޤަބޫލުކުރާ ގޮތުން ލީވާނު ފުންމާލީ ރަށާއި ގާތްވުމުން އެތަކެތި ހިފައިގެންނެވެ. އެއަށްފަހު އެއްގަމަށް އަރައި އޭނާ ލައިގެންހުރި ތަކެތި ބަދަލުކުރީކަމަށް ވެސް ޚާލިދު ބުންޏެވެ.

ޚާލިދުގެ ނަޒަރުގައި ލީވާނަކީ ކުށްވެރިއެކެވެ. "އޭނާ ހުންނަން ޖެހޭނީ ބަންދުކޮށްފައި" ކަމަށް ޚާލިދު ބުނެއެވެ. އެއީ މަސްތުވާތަކެއްޗަށް އެހައި ބޮޑަށް ދެވިހިފާފައި ހުރި މީހަކު ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެތީ ކަމަށް އޭނާ ބުންޏެވެ. ލީވާނު "ގެއްލުނު" ހާދިސާއަކީ ވެސް ސީދާ މަސްތުވާތަކެއްޗަށް ގޮސް ހުސްވެފައި ހުރިކަން ސާބިތުވެގެންދިޔަ ހާދިސާއެއްކަމަށް ޚާލިދު ވަނީ ބުނެފައެވެ.

ސުވާލު އުފެދޭ އެތައް ކަމެއް!

ކަނޑުވި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ލީވާނު ބުނަމުން އައީ އޭނާ "ވެއްޓުނީ" ރަށާއި ފަސް ވަރަކަށް މޭލު ބޭރަށް ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ ހަތަރު ވަރަކަށް މޭލު ކަމަށެވެ. މިކަމާގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާތީ ދެން މި ދުރުމުން ބަދަލުވީ ދެމޭލަށެވެ. އެއީވެސް 3.2 ކިލޯމީޓަރެވެ. ކަނޑުމަތީގެ ތަޖުރިބާއާއެކު ދޯންޏެއްގެ ފަޅުވެރިއެއްގެ ގޮތުގައި ގިނަ ދުވަހު އުޅުނު ލީވާނުގެ ވާހަކަތަކާ މެދު ގިނަބަޔަކު ސުވާލު އުފައްދާ ސަބަބަކީ ވެސް އެކި ފަހަރު އެކި ގޮތްގޮތަށް މަޢުލޫމާތު ދިނުމެވެ.

ލީވާނު އެއްގަމަށް އެރިކަމަށް ބުނާ ސަރަޙައްދުން އަރައިގެން އެންމެ ފުރަތަމަ އޭނާއާ ބަޔަކާ ބައްދަލުވިކަމަށް ބުނާ ގެއާ ދެމެދު 1.35 ކިލޯމީޓަރު ހުރެއެވެ. "ވަގުތު" ގެ ނޫސްވެރިން ވަނީ މި ދުރުމިނަށް ހިނގާފައި ދިޔުމަށް ނަގާނީ ކިހާއިރެއްތޯ ބަލާފައެވެ. މިގޮތުން ބެލި ބެލުމުން، އާދައިގެ މިނެއްގައި ހިނގާފައި ދާނަމަ މިއީ 19 މިނެޓުގެ ރާސްތާއެއްކަން އެނގިފައި ވެއެވެ. އެހެންކަމުން އޭނާ ކަނޑުމަތީގައި ދެގަޑިއިރު ހޭދަކުރުމަށްފަހު ހިނގާފައި ފަސްމިނެޓު ތެރޭގައި މި ރާސްތާ ކަޑައްތުކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން ޔަޤީންކުރެވެއެވެ.

މޫދުން އަރައިގެން ލީވާނު އެންމެ ފުރަތަމަ ހިނގާފައި ދިޔަ މަގު - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ލީވާނު ރަށަށް އަރައިގެން އައިފަހުން އެންމެ ފުރަތަމަ ބައްދަލުވީ މިރަށު ސައުތު ކޯނަރު، އުމުރުން 32 އަހަރުގެ ފާތިމަތު އިނާޒާ (ލީވާނު ގޮވައިގެން ފުލުހަށް ގެންދިޔަ ސާމިލްގެ އަންހެނުން) ބުނެފައިވަނީ، އޭނާ ފެނުނުއިރު މޫނު މަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެންނާން ހުއްޓަސް ލީވާނު ހުރީ ހަމަޖެހިލައިގެން ކަމަށެވެ. އެހެންކަމުން ދެ ގަޑިއިރު ފަތާފައި އެއްގަމަށް އަރާފައި އެގޮތަށް މީހަކަށް ހުރެވިދާނެ ގޮތެއް ބުނެދޭން ނޭނގޭކަމަށް އިނާޒާ ވެސް ވަނީ ބުނެފައެވެ.

"އެންމެ ފުރަތަމަ އައިސް މަގޭ ކައިރީ ބުނީ، ސާމިލް ކޮބައިހޭ. ކިޔާފައި ޖޯލީގައި ޖައްސާލީ. ދެން ސާމިލް އައީމާ ބުނީ ބިޑިއެއް ނެތްހެއްޔޭ. އެއާއެކީ ސާމިލް ބުނީ ބިޑި ބޯނީ ފަހުންނޭ ހިނގާށޭ އަވަހަށް ފުލުހަށް ދާން. ކިޔާފައި އޭނާ ގޮވައިގެން ދިޔައީ. އެއްވެސް ގޮތަކަށް އެހާ ގިނަ އިރު ފަތާފައި އައި މީހެއް ކަމަކަށް ނުބެލެވޭ،" އިނާޒާ ކިޔައިދިނެވެ.

ސާމިލް އާއި އިނާޒާ ދިރިއުޅޭ ގޭގެ ބޭރުގައި ހުރި ޖޯލި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ކާށިދޫއާ ހަތަރު މޭލު ބޭރުން ކަނޑަށް ވެއްޓުނު ނަމަ..

ފަތަން ދަންނަ، ތަޖުރިބާ ހުރި މީހަކަށް ދެގަޑިއެއްހާއިރު ފެތުމަކީ ކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް ގަދަ ކަނޑެއްގައި މޫސުންގޯސްވެ ރީނދޫ ސަމާލު ނެރެފައި ވަނިކޮށް، ފަތާފައި ލީވާނު ހަތަރު މޭލަށް ކުރި ކަމަށް ބުނާ ދަތުރަކީ ތަފާތު ހުނަރެއްކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. އެހެންކަމުން އެއީ އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ މީހެއްކަމަށް ސިފަކޮށް ގިނަބައެއްގެ ތައުރީފުގެ ބަސްތައް ވެސް އޭނާއަށް ބަންޑުންކޮށްލިއެވެ.

ކަންމިހެން އޮތް ނަމަވެސް ކާށިދޫ ކަނޑު ދަންނަ، ނުވަތަ އެ ކަނޑުގެ ބިރުވެރިކަން ތަޖުރިބާކޮށްފައިވާ މީހުން ދެކޭގޮތް މިކަމުގައި ތަފާތެވެ. ލީވާނު ކަނޑުވި ހާދިސާއާ ގުޅިގެން ގިނަބަޔަކު ސުވާލު އުފައްދަމުން އައީ ވެސް އެހެންވެގެންނެވެ. އެފަދަ މީހުން ދެކޭގޮތުގައި ކާށިދޫގެ ހަތަރު މޭލު ބޭރުން ގަދަ ދުވަހެއް ނޫނަސް ފަތާފައި ރަށަށް އެރުމަކީ ނާދިރު ކަމެކެވެ. އަދި އަމުދުން ގަސްތުގައި ލޮނު ބޮއެގެން، ހެޔޮ ޙާލުގައި ރަށަށް އަރައި، ހިނގާފައި ދިގު ރާސްތާއެއް ކަޑައްތުކޮށް އެހީ ހޯދުމަކީ، ބުއްދީގެ ހަމަތަކުން ބަލާއިރު ވުމަށްވުރެ ނުވުންގާތް ކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.

ކާށިދޫ ބޭރުން ނަގާފައިވާ ފޮޓޯއެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ކަނޑުމަތީގެ ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ، އަދި ކާށިދޫ ކަނޑާ ބެހޭ މަޢުލޫމާތު އެނގޭ މިރަށު ހެޕީލައިފް، އުމުރުން 50 އަހަރުގެ މުޙައްމަދު ނައީމް ވެސް، ލީވާނު ކަނޑުވި ހާދިސާއާ ގުޅޭގޮތުން ދެކޭގޮތަކީ މިއީއެވެ. އޭނާ ޤަބޫލުކުރާގޮތުން އެ ހާދިސާއަކީ ބަޔަކު ރާވައިގެން ކުޅެފައިއޮތް ކުޅިވަރެކެވެ. އަދި ލީވާނު ކާށިދޫގެ ހަތަރު މޭލު ބޭރުން ފަތާފައި ރަށަށް އެރި ވާހަކައަކީ ކަނޑައެޅިގެން އޮޅުވާލި އޮޅުވާލުމެއްކަމަށް ދޭހަވާ އެތައް ވާހަކައެއް، ލިބިފައިވާ ތަޖުރިބާގެ އަލީގައި އޭނާ ޙިއްސާކުރިއެވެ.

ހާދިސާ ހިނގި ދުވަހު ކަންވެގެން ދިޔަގޮތް "ވަގުތު 26" އާ ޙިއްސާކުރަމުން ނައީމް ބުނީ، އެންމެ ފުރަތަމަ އޭނާ އަޑުއެހީ ކާށިދޫ ކަނޑަށް މިރަށު ޒުވާނަކު ގެއްލިގެން އުޅޭ ޚަބަރުކަމަށެވެ. އޭގެ ފަހުން ދެން މާގިނައިރެއް ނުވެ އޭނާ ފަތާފައި ރަށަށް އަރައިފިކަމާއި، ހުރީ ގަދަވެ ސަލާމަތުންކަން އަޑުއިވުމުން ވަރަށް ބޮޑަށް ހައިރާންވިކަމަށް ނައީމް ބުންޏެވެ. އެއީ ކާށިދޫ ކަނޑުގެ ހަޤީޤަތް އޭނާ ދަންނާތީއާއި، އާދައިގެ މީހަކަށް ގަދަ ދުވަހެއްގައި ހިނދުކޮޅަކަށް ވެސް މި ކަނޑުގައި "ފަތާފައި ކުރިޔަށް ކެނޑުމަކީ" ކުރެވިދާނެކަމެއްކަމަށް އޭނާގެ ޟަމީރު ޤަބޫލުނުކުރާތީއެވެ.

މުޙައްމަދު ނަޢީމު "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ހަތަރު ފަސް މޭލު ބޭރުން ކިހިނެއްތޯ ފަތާފައި އަރާނީ. އަދި އޭގެ އިތުރަށް ރަށް ކައިރީގައި އިންނާނެ ފުޅޮއެއް. އެއީ މާކަނޑުގައި ހުންނަ އޮއެވަރަށްވުރެ ދެގުނަ ބާރުގަދަ އޮއެ ހުންނަ ތަނެއް. 8 މޭލު 9 މޭލު ކަނޑާ އޮޑި ފަހަރު އެބަ ވައްޓާލާ ހަތަރު މޭލަށް ފަސް މޭލަށް، މިބުނާ ފުޅޮއިން. އެ ސްޕީޑު އެބަ ވައްޓާލާ ބޮޑެތި އޮޑިފަހަރުން. ދެން ކިހިނެތޯ އިންސާނަކު އޭގަ ފަތާނީ. ހަތަރު މޭލޭ ބުނީމަ ގަބޫލެއް ނުކުރެވޭ،" ނައީމް ބުންޏެވެ.

ނަޢީމް ބުނާގޮތުން، ލީވާނު ކަނޑުވި ހާދިސާ ހިނގި ދުވަހުގެ މޫސުން ހުރިގޮތަށް ބަލާއިރު މިރަށު ބޭރުތޮށްޓާ ހިސާބުން ފުންމާލައިގެން ގަޑިއިރެއްވުމުގެ ކުރީން ރަށަށް ލައްވާލާނެކަމަށް ބެލެވޭ ކަމަށެވެ. އެއީ ކުރީ ޒަމާނުގައި ވެސް އެގޮތަށް މިރަށަށް އޮޑިފަހަރުން އަންނަ މީހުން ފަތާފައި މިގޮތުގެމަތީން އަރާފައިވާތީއެވެ. ނަމަވެސް އެއްވެސް އިރެއްގައި ތޮށީގެ ބޭރުން އަދި އަމުދުން ކާށިދޫ މާކަނޑުން ފަތާފައި ތޮށްޓާ ހަމައަށް އައިސް ފަޅުތެރެއިން ރަށަށް ބަޔަކު އެރި ވާހަކައެއް އޭނާ ނާހާކަމަށް ނައީމް ބުންޏެވެ.

މުޙައްމަދު ނަޢީމު "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ނައީމް ވެސް ދެކޭގޮތުން ލީވާނު ފުންމާލީ އޭނާ ދަތުރުކުރަމުން ދިޔަ ދޯނި މިރަށުގެ ތޮށްޓާ ކައިރި ކުރުމުން ގަސްތުގައެވެ. އެހެން ނަމަވެސް މޫސުން އެހާ ގޯސްވެފައި އެދުވަހުގެ އޮއިވަރު ހުރިގޮތުން އޭނާއަށް "ކިރިޔާ ރަށް އަތުވާނީ" ކަމަށް ނައީމް ބުންޏެވެ.

"އަސްލު ކިރިޔާ ރަށް އަތުވެފަ އެއިނީ. އެއީ އޭނާގެ ނަސީބު، ކައިރިން ފައިބައިގެން ވެސް ރަށް އަތުވުމަކީ. އެތަނުގައި ފަތަން ޖެހޭނީ ރާޅާ ދެކޮޅަށް. ދުރުން ފަތާފައެއް ނޫން އައިއްސަ އެއިނީ އެހެންވީމަ،"

ހަމައެހެންމެ ކަނޑުމަތީގައި ގަޑިއެއްހާއިރުތެރޭ ބަނޑުހައިވެގެން ލޮނުބޯން ޖެހޭފަދަ ހާލަތެއް މެދުވެރިވެދާނެކަމާ މެދުވެސް ނައީމް ސުވާލު އުފައްދައެވެ. އަދި ލޮނު ބޮއެގެން ކަރުހިއްކުން ފިލުމަކީ ވެސް އާ ވާހަކައެއްކަމަށާއި، އެއީ ލޮނު ބުއިމަކީ އޭގެ ސަބަބުން ކަރުހިއްކުން ދެގުނަކޮށްލާ ކަމެއްކަމަށް ނައީމް ބުންޏެވެ. ކަނޑުވެފައި އޮންނަ މީހަކު ގަސްތުގައި ލޮނު ނުބޯނެކަން ފާހަގަކުރަމުން ނައީމް އިތުރަށް ބުނީ، ލޮނު ބޮވެނީ މީހާގެ ހަށިގަނޑުގައި ހުންނަ ހަކަތަ ހުސްވެގެންކަމަށާއި، ލީވާނު ކަރުހިއްކައިގެންނާ، ހައިހޫނުކަން ފިލުވުމަށް ގަސްތުގައި ލޮނުބުއިކަމަށް ބުނާވާހަކައަކީ ދޮގެއް ކަމަށެވެ.

ލީވާނު މަސްތުގެ ނެޓްވޯކަކާ ގުޅިފައި، ރަށަށް އެރީ އެތަކެތި ހިފައިގެން؟

ރަށުގައި ލީވާނަކީ އާނަމެއް ނޫނެވެ. ޢާންމު ނަމުން ނަމަ ގިނަބަޔަކު "ލީއްކޮ" ދަންނަނީ މަސްތުވާތަކެތި ބޭނުންކުރާ، އަދި އެވަބާގައި ޖެހިފައިވާ ގްރޫޕްތަކާ ގުޅިގެން އުޅޭ މީހެއްގެ ގޮތުގައެވެ. މިރަށުން "ވަގުތު 26" އާ ވާހަކަ ދެއްކި ޢާންމު ފަރާތްތަކުންނާއި، ޢާއިލާގެ ބައެއް މީހުން ވެސް "ލީއްކޮ" ސިފަކޮށްދޭ ގޮތަކީ މިއީއެވެ. އެހެންކަމުން ލީވާނު ކަނޑުވި ހާދިސާ ގުޅިފައިވަނީ ވެސް، ރޭވުންތެރިކަމާއެކު އެފަދަ ކަމަކާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ލީވާނު ގެއްލިފައި ސަލާމަތުން ހުއްޓައި ފެނުމުން މިވާހަކަތަކުގެ އަޑު މިރަށުތެރޭގައި ގަދަވި ސަބަބަކީ ވެސް އެއީއެވެ.

މީގެ ކުރިން ކުރި ދަތުރެއްގައި ވެސް ލީވާނު މަސްތުވާތަކެތި ހޯދުމަށް މޫދަށް ފުންމާލާފައިވެއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށް، ދާދިފަހުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގޮވައިގެން "އެސްޓްރީޑް" ދޯނިން ކުރި އެ ދަތުރުގައި، ރ. އަތޮޅު ދުވާފަރަށް ނޭރި އެރަށު ފަޅުތެރޭގައި ދޯނި އަޅާފައި އޮއްވައި، މަސްތުވާތަކެތި ހޯދުމުގެ ބޭނުމުގައި ލީވާނު މޫދަށް ފުންމާލައިގެން ފަތާފައި އެރަށަށް އެރިއެވެ.

ހުއްދަނެތި، ޤަވާއިދާ ޚިލާފަށް އޭނާ އެރަށުތެރޭގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ވެއެވެ. ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޯންޏަށް ގެނެސްފައި ހުއްޓާ އެރޭ ދަންވަރު އަނެއްކާ ވެސް ފަތާފައި ރަށުތެރެއަށް އަރައިގެން އުޅެނިކޮށް ދެވަނަ ފަހަރަށް ފުލުހުން އޭނާ އަތުލައިގަތެވެ.

ލީވާނު ކަނޑުވި ހާދިސާއަކީ މަސްތުވާތަކެތި ރަށަށް ގެނައުމަށް ރާވައިގެން ކުރިކަމެއްކަމަށް ރަށުތެރޭގައި ދެކެވުނު ވާހަކަތައް ޚުދު އޭނާ ވެސް ވަނީ އަހާފައެވެ. ނަމަވެސް ޢާންމުންގެ ކުރިމަތީގައި އޭނާ އެ އެންމެން ސިފަކުރަނީ "ފިތުނަވެރިން" ގެ ގޮތުގައެވެ.

ލީވާނު "ވަގުތު" ގެ ނޫސްވެރިންނަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ވަގުތު 26" ގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ލީވާނު ބުނީ އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރަމުން އައި މީހެއް ކަމަށެވެ. އަދި މީގެކުރިން އެއްތަނުން އަނެއްތަނަށް މަސްތުވާތަކެތި "ކެރީ" ވެސް ކޮށްފައިވާނެ ކަމަށް އޭނާ ޢިއުތިރާފް ވެއެވެ. ހަމައެހެންމެ މަސްތުވާތަކެތި އުފުލުމަށް، ދަންނަ މީހުންގެ ފަރާތުން ވަރަށް ގިނައިން "އޮފާތައް" އަންނަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް ލީވާނު ބުނާގޮތުން އެއީ މާޒީއެވެ. އެފަދަ މީހުންނާއެކު އޭނާ އުޅުނީ މާކުރިންކަމަށާއި، މިހާރު އެ އުޅުން ބަދަލުކޮށް ނުރަނގަޅު ރަހުމަތްތެރީންނާ ގުޅުމެއް ނޯންނަތާ ދެ ވަރަކަށް އަހަރު ވެއްޖެކަމަށް ލީވާނު ބުންޏެވެ.

ރެކޯޑްތަކަށް ބަލާއިރު ލީވާނަކީ ޖިނާޢީ ގިނަ މައްސަލަތަކުގައި ވެސް މީގެ ކުރިން ޝާމިލްވެފައިވާ މީހެކެވެ. މިގޮތުން އޭނާ ހަ ފަހަރެއްގެ މަތީން ހައްޔަރުކޮށްފައިވާކަން "ވަގުތު 26" އަށް އެނގިފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ފޭރުމާއި، ވައްކަމުގެ މައްސަލަތަކުގައެވެ.

އެނގިފައިވާގޮތުން ލީވާނު ވަނީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ހުޅުމާލެއިން ވެސް ހައްޔަރުކޮށްފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ހަތިޔާރު ބޭނުންކޮށްގެން މޯބައިލް ފޯނެއް ފޭރުނު މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު އޭނާ ދޫކޮށްލީ އޮގަސްޓު 29 ވަނަ ދުވަހުއެވެ.

ލީވާނު ބުނާގޮތުން އޭނާއަށް ފުލުހުންގެ "އުނދަގޫ" ވަރަށް ގިނައިން ކުރިމަތިވެއެވެ. މިގޮތުން މަގުމަތީގައި ރަހުމަތްތެރީންތަކާއެކު ތިއްބަސް ވަރަށް ގިނަފަހަރަށް އައިސް ފާސްކޮށްހަދާ ކަމަށް އޭނާ ނުރުހުންވުމާއެކު ކިޔައިދިނެވެ.

ފުލުހުންނަށް ތަހުޤީޤެއް ނުހިންގިފައި

ލީވާނު ކަނޑުވި ހާދިސާއާ ގުޅިގެން ފުލުހުންނަށް އޭނާ ކިޔައިދޭ ވާހަކަތައް ދެކޮޅުނުޖެހުނެއް ކަމަކު، އޭނާ ދޯނިން ފުންމާލީކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ހެއްކެއް މިހާތަނަށް ފުލުހުންނަކަށް ނުލިބެއެވެ.

އެނގިފައިވާގޮތުން މިހާދިސާގައި ޝައްކު ކުރެވޭ ކަންކަން ހުރެމެ، އަދި ފުލުހުންނަށް އެކި ފަރާތްތަކުން، ޚާއްސަކޮށް ހާދިސާއާ ގުޅުންހުރި ފަރާތްތަކުން ދީފައިވާ ގިނަ މަޢުލޫމާތުތަކާއެކު ވެސް ފުލުހުން ތަހުޤީޤެއް ކުރިޔަކަށް ނުގެންދެއެވެ.

ފުލުހުންނަށް ލީވާނު ގެއްލިގެން އުޅޭކަމުގެ ޚަބަރު ލިބުނީ ހާދިސާ ހިނގިކަމަށް ބުނާ ގަޑީގެ އެތައް އިރެއް ފަހުން 11:22 ހާއިރުއެވެ. ފުލުހުން އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ޢާންމުކޮށްފައި ވަނީ 12:13 ހާއިރުއެވެ. ލީވާނު މިރަށު ފުލުހުންގެ އިދާރާއަށް ހާޒިރުވީ 12:22 އެހާކަންހާއިރުއެވެ.

އެހެންކަމުން ލީވާނު ގެއްލުނުކަން ފުލުހުން އިއުލާނުކުރިއިރު ވެސް އޭނާ ހުރީ ރަށުގައެވެ.

ލީވާނު ގެއްލުނު ހާދިސާ ހިނގި ދޯންޏަކީ މީގެ ކުރިން އެކި ފަހަރުމަތިން މަސްތުވާތަކެތި އަތުލައިގަތް ދޯންޏެކެވެ.

ލީވާނު ދަތުރުކުރި "އެސްޓްރިޑް" ދޯނި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ރޭވުންތެރިކަމާއި އޮޅުވާލުމުގެ ތެރެއިން، ހުރިހާ ހަޤީޤަތެއް!

ލީވާނު ކަނޑުވި ހާދިސާއާ ގުޅިގެން "ވަގުތު 26" އިން ކުރިޔަށް ގެންދިޔަ ތަހުޤީޤަށް، މީގެ ކުރިން ނޭނގޭ ގިނަ މަޢުލޫމާތުތަކެއް ހޯދިފައިވެއެވެ. މިގޮތުން ލީވާނު ކަނޑަށް ވެއްޓުނީ ކަމަށް އޭނާ ބުނާ ވާހަކައަކީ ހަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް ބާރުލިބޭ ހެކިތައް ވެސް ވަނީ ލިބިފައެވެ. މިގޮތުން ލީވާނުގެ އަމިއްލަ އިޢުތިރާފާއި، ޢާއިލީ އެކިއެކި ފަރާތްތަކާއި، ހާދިސާގެ މަޢުލޫމާތު އެނގޭ ގިނަ ބައެއްގެ ފަރާތުން މި ހާދިސާ ހިނގައިދިޔަގޮތް ވަނީ ހާމަވެފައެވެ.

ކަނޑުވިކަމަށް ބުނާ ހާދިސާ ހިނގި ގޮތް ކިޔައިދެމުން ލީވާނު ވަނީ، އެ ހާދިސާގެ ކުރީން އޭނާ ދޯނީގެ ހުންގާނަށް އެރިކަމަށް ވެސް އެއްބަސް ވެފައެވެ. އޭރު ދޯނީގެ ކައްޕި އޮތީ ނިދާފައިކަމާއި، ދޯނި އޭރު ދަތުރުކުރަމުން އައީ ގާފަރާއި ކާށިދޫއާ ދޭތެރެއިންކަން އޭނާގެ ވާހަކަތަކުން އެނގެއެވެ. ކާށިދޫއަށް ޖައްސާފައި ދިޔުމަށް ލީވާނު އެދިފައި ވަނިކޮށް، ގާފަރާ ހިސާބުން ދޯނީގެ ކޯސް ބ.އަތޮޅަށް ދިޔުމަށް ބަދަލުކުރި ފަހުން ލީވާނު ހުންގާނަށް އެރުމުން އޭނާއަށް ކޯސްގެ ބޭރުން ކާށިދޫއާ ގާތަށް ދޯނި ޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

ކާށިދޫ ފަރު ކައިރިން ނަގާފައިވާ ފޮޓޯއެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެހެންކަމުން ގާފަރާއި ކާށިދޫއާ ދެމެދުން ދޯނި ދަތުރުކުރި ވަގުތު ހުންގާނުގައި ހުރީ ލީވާނުކަމާއި، އޭނާ ކާށިދޫއާ ދޯނި ގާތް ކުރީ މޫދަށް ފުންމާލައިގެން ރަށަށް އެރުމުގެ ބޭނުމުގައިކަން އެނގެއެވެ. ބެލެވޭގޮތުން ލީވާނު ފުންމާލާފައި ވަނީ ކާށިދޫގެ 0.3 މޭލު ބޭރުންނެވެ. އެއީ މިރަށު ފަރުން ކިރިޔާ ބޭރެވެ.

ދޯނިން ލީވާނު "ގެއްލުނުފަހުން" އެއްގަމަށް އެރުމަށް ބޭނުންކުރެވިދާނެ ތަކެތި ދޯނިން މަދުވުމަކީ ވެސް އޭނާ މޫދަށް ފުންމާލީކަން ސާބިތުވާ ހެތްކެކެވެ. ހަމައެހެންމެ އެއްގަމަށް ލީވާނު އެރިއިރު އޭނާ ލައިގެންހުރި ފައިވާން ހުރިކަމީ ކަނޑުމަތީގައި ގިނައިރު އޭނާ ފަތާފައި ނުވާކަމުގެ ހެތްކެކެވެ.

ލީވާނު އެއްގަމަށް އެރި ސަރަޙައްދު - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ހާދިސާ ހިނގި ވަގުތު ދޯނީގައި ހުރި ބިދޭސީ މީހާ، ޖަމާލު ވެސް ވަނީ، ލީވާނު ގެއްލުނުއިރު ދޯނި އޮތީ ކާށިދޫ ނެރު ރީއްޗަށް ފެންނަހައި ގާތުގައިކަމަށް ބުނެފައެވެ. އެހެންކަމުން އޭރު ދޯނި ދަތުރުކޮށްފައި ދިޔައީ ފަތާފައި މިރަށަށް އެރިދާނެހައި ގާތުންނެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަން އެނގުމުގެ ކުރީން، މިރަށުގެ ހުޅަނގުދެކުނު ފަރާތުން، ރަށާ ވަރަށް ގާތުން ދޯނި ދުށް ބައެއް ވެސް އެބަތިއްބެވެ. އޭގެތެރެއިން އެކަކީ މިރަށު އަރާކުރި، އުމުރުން 31 އަހަރުގެ އަބްދުލް އަޒީޒެވެ. އަޒީޒް ބުނެފައިވަނީ އޭނާއާ އިތުރު ރަހުމަތްތެރިޔަކާއެކު އެ ސަރަޙައްދުގައި ތިއްބައި، "އެސްޓްރީޑް" ދޯނި މިރަށުގެ ފަރާ އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކޮށްފައި ދަނިކޮށް ފެނުނު ކަމަށެވެ. އަދި އެކުގައި ހުރި ރަހުމަތްތެރިޔާއަށް އެމަންޒަރު ދައްކައި، ދޯނި ފަރަށް އަރަނީތޯ ސުވާލުކޮށްހެދިކަމަށް ވެސް އަޒީޒް ބުންޏެވެ.

އަޒީޒް ނޫސްވެރިންނަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އަޒީޒް ބުނެފައި ވަނީ އޭނާއަށް ދޯނި ފެނުނުއިރު، އެ ދޯނި ދިޔައީ އާދައިގެ ދުވެއްޔެއްގައި ފަރުގެ ބޭރުން ދަތުރުކޮށްފައިކަމަށާއި، އޭގެފަހުން މާގިނައިރެއް ނުވެ ލީވާނު ގެއްލުނުކަމުގެ ޚަބަރު ލިބުނު ކަމަށެވެ. ނަމަވެސް ދޯނި ފެނުނު ވަގުތު މޫދުން މީހަކު ނުދެކޭ ކަމަށް އަޒީޒް ބުންޏެވެ.

އަޒީޒްގެ ވާހަކައަށް ބަލާއިރު ލީވާނު ދޯނިން ފުންމާލާފައި ވަނީ މިރަށު ހުޅަނގުދެކުނު ފަރާތުން ދޯނި ރަށާ އެންމެ ގާތްވި ވަގުތުގައެވެ. ނަމަވެސް އެދުވަހުގެ މޫސުން ހުރިގޮތުން އޭނާއަށް ސީދާ އެ ސަރަޙައްދުން ރަށަށް ނޭރި، ތޮށިފެޅިމަގާ ދިމާލު ބޭރުން "ކިރިޔާ ރަށް އަތުވީ" އެވެ.

ކާށިދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މި ހާދިސާ ހިނގި ދުވަހުގެ މޫސުން ހުރިގޮތަށް ބަލާއިރު ވައިގެ ބާރުމިން ހުރީ 15 މޭލާއި 25 މޭލާ ދެމެދުގައެވެ. އެހެންކަމަށް ވާނަމަ ރާޅުގެ އުސްމިން ހުންނާނީ 5.5 ފޫޓާއި 8.5 ފޫޓާއި ދެމެދުގައެވެ. އަދި އެދުވަހު ވައި ހުރީ ހުޅަނގާއި ހުޅަނގުދެކުނުން ކަމަށް ވާއިރު، އޮއިވަރު ހުރީ ރަށުގެ އިރުދެކުނަށްވާ ގޮތަށެވެ. އެހެންކަމުން މިރަށުގެ ހުޅަނގުދެކުނުން ރަށާ ކައިރިޔަށް ފުންމާލާ މީހަކަށް ވެސް އިރުދެކުނަށް ހުރި އޮއިވަރުގައި ޖެހުމުން ދާނީ ރަށުގެ ދެކުނުކޮޅުން، ތޮށިފެޅިމަގާ ދިމާއަށެވެ. މިއީ ލީވާނު ރަށަށް އެރިކަމަށް އޭނާވެސް ބުނާ ހިސާބެވެ.

ލީވާނު ކަނޑަށް ފުންމާލި ހާދިސާގެ ޓައިމްލައިން

ލީވާނުގެ އިއުތިރާފު

ކަނޑުވިގޮތާ މެދު ލީވާނު ދައްކަމުންދިޔަ ވާހަކައަކީ އެއްވެސް ހަޤީޤަތެއް ނެތް، ބޮޑު އޮޅުވާލުމެއް ކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ފަޅައި އެރި ހިސާބަކީ މިއީއެވެ. ލީވާނުގެ ހަޤީޤަތް ހޯދުމަށް "ވަގުތު 26" ޓީމުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މި ރަށުގައި އޭނާގެ ހަރަކާތްތައް ހުރިގޮތް ގާތުން ބަލާފައެވެ. މި ގޮތުން އޭނާ ކަނޑުވި ހާދިސާއަކީ ހަދަހަދައިގެން ދެއްކި ވާހަކައެއްކަމާއި، އެއީ މަސްތުވާތަކެއްޗާ ގުޅިފައި އޮތް ބޮޑު "ކުޅިގަނޑެއް" ކަން އަމިއްލައަށް އިޢުތިރާފްވާ އޯޑިއޯ ވެސް މި ޓީމަށް ވަނީ ލިބިފައެވެ.

މި ވާހަކަތައް ލީވާނު ކިޔައިދީފައި ވަނީ، ހަފްތާއެއްހައި ދުވަސްވަންދެން ލީވާނާ ގުޅުންބަދަހިކޮށް އޭނާގެ އިތުބާރު ހޯދި "ވަގުތު 26" ގެ ނޫސްވެރިޔަކަށެވެ. އޭރު އެއީ ނޫސްވެރިއެއްކަން ނޭނގި ލީވާނު ވަނީ އޭނާ އެންމެންނަށް އޮޅުވާލާފައި އޮތް މިންވަރު އެންމެ ފުނަށް ކިޔައިދީފައެވެ.

ލީވާނު އޭނާއަށް ދިމާވި ހާދިސާ މީޑިއާއާ ޙިއްސާކުރި ގޮތާއި، ފަހުން އިތުބާރުކޮށްފައި ވާހަކަ ދެއްކި "ވަގުތު 26" ގެ ނޫސްވެރިޔާއަށް ކިޔައިދިންގޮތާ ހާސްބައި ތަފާތެވެ. އަދި އެ ކަމަކީ ސީދާ ރަށަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި ކަމެއް ކަމަށް އޭނާ ވަނީ ސާފުކޮށް ކިޔައިދީފައެވެ.

ލީވާނު "ވަގުތު" ގެ ނޫސްވެރިންނަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ލީވާނު ބުނެފައިވާ ގޮތުން އޭނާ ވަނީ، ކަނޑުވިކަމަށް ބުނާ ދުވަހު ކާށިދޫއަށް މަސްތުވާ ދެ ބާވަތެއް އެތެރެކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ހަކުރާއި ތެޔޮ" ކަމަށް އޭނާ ބުނެއެވެ. ލީވާނު ބުނާ ގޮތުން އޭނާ ވަނީ މި ދެ ބާވަތުން ކިލޯއެއްގެ މަސްތުވާތަކެތި އެ ދުވަހު ރަށަށް އަރުވާފައެވެ. ފުލުހުންގެ ރެކޯޑްތަކަށް ބަލާއިރު މިހާތަނަށް މިރަށަށް އަރުވަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތީގައި ވެސް ހުންނާނީ 50 ވަރަކަށް ގްރާމެވެ. އެހެންކަމުން ލީވާނު މިރަށަށް ކިލޯއެއްގެ މަސްތުވާތަކެތި ގެނެސްފައިވާނަމަ، އެއީ މި ރަށުގައި މަސްތުވާތަކެތީގެ ބޮޑު ވިއުގައެއް އޮތްކަމުގެ ހެއްކެކެވެ.

ލީވާނު ކިޔައިދިންގޮތުން އޭނާ ދޯނިން ފުންމާލީ މަޖުބޫރުވެގެންނެވެ. އެއީ "އުޅެއުޅެ ރަށަށް ޖައްސަން ކައްޕި އެއްބަސްނުވުމުން" އެ ނޫން ގޮތެއް ނެތިގެން ކަމަށް އޭނާ ބުންޏެވެ. ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އޭނާގެ ހަވާލުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރަށަށް އެރުވުން ކަމަށް އޭނާ ބުންޏެވެ.

"ކައްޕި ކައިރީ ބުނިން އަންނައުނުކޮޅު ނަގައިގެން ނައްޓާލާ ގޮތަށް ރަށަށް ޖައްސާފައިދާން. އޭނާ އެއްބަހެއް ނުވި. ދެން އަހަރެން ބުނިން އެހެންވިއްޔާ ބަނދަރަށް ދޯނި ގާތްކުރާއިރު އަންނައުނު ހިފައިގެން މީހަކު އައިސްވެސް ދާނެއޭ ކައިރިކޮށްލަންވީ ނުންހޭ. އެހެން ބުނީމަވެސް ކައްޕި ބުނީ ރަށަށް ޖެއްސޭހާ ވަގުތެއް ނެތޭ. އެހާ ހިސާބުން އަހަރެން ނިންމީ ފޭބުނުގޮތަކަށް ފައިބަން،"

ލީވާނު ބުނިގޮތުން އޭނާ ފުރަތަމަ މޫދަށް ފުންމާލި ވަގުތު ވަރަށް ގަދަޔަށް ލޮނު ބޮވުނެވެ. އޭރު އޮއިބާރުވުމުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ހުރިކަމަށާއި، ނަމަވެސް ފިންސާއި މާސްކު އޮތުމުން ފަތާފައި ރަށާ ދިމާއަށް ދިއުމަށް ފަސޭހަވިކަމަށް އޭނާ ބުންޏެވެ. އަދި ފަތާފައި ދަމުން ކަރުހިއްކައިގެން ލޮނުބުއި ވާހަކައަކީ "އަސްލު ވާހަކައެއް" ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހާ ގަދަ ދުވަހެއްގައި އެއްގަމާ ކައިރި ހިސާބަކަށް ފުންމާލައި ގަޑިއެއްހާއިރު ފަތައިގެން "ރަށް އަތުވީ ކިރިޔާ" ކަމަށް ލީވާނު ބުންޏެވެ.

‎އެ ދުވަހުގެ އޮއިވަރު ހުރި ގޮތް ދައްކައިދޭ ކުރެހުމެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ދޯނި ރަށާއި ވަރަށް ކައިރިން ދަނިކޮށް ފުންމާލީ. ދޯނީގައި ތިބި މީހުންނަކަށް ނޭނގޭނެ ފުންމާލި ކަމެއް. އެކަމަކު ކައްޕިއަށް އަހަރެން ނެތްކަން އެނގުނު ހިސާބުން ވެސް ޝައްކުވާނެ އަހަރެން ހަމަ ފުންމާލީކަން. އެއީ ފިންސަކާއި މާސްކެއް މަދުވީމަ. އެ އެއްޗެހި މަދުވީމަ ކައްޕި ބޮލުގަ ޖަހާނެތާ،"

ލީވާނު ކާށިދޫއަށް އެރުމަށް ދޯނިން ފުންމާލީ މިރަށުގެ ފަރާ ވަރަށް ކައިރި ހިސާބަކުން ދޯނި ދަތުރުކުރި ވަގުތެއްގައެވެ. އެއަށްފަހު ކުޑަތަންކޮޅަކަށް ފަތާލާފައި މަޑުމަޑުން އެއްގަމާ ދިމާއަށް އަންނަމުން ގޮސް ރަށަށް އެރީއެވެ. އޭރު ރަށަށް އޭނާ ގެނައި މަސްތުވާތަކެއެއްޗާއި، ލައިގެން ހުރި އަންނައުނުގެ އިތުރުން ރީތި އަންނައުނާއި، އަރައިގެން ހުރި ފައިވާނަށް ދާންދެން އޭނާގެ އަތުގައި އޮތެވެ. ރަށަށް އެރުމަށް ފަހު، އަންނައުނު ބަދަލުކޮށް އެތަކެތި އޭނާ އަޅުވާފައި ހުރީ ގޮނޑުދޮށުގައި ހުރި ގަސްގަނޑެއްގައެވެ. މި އަންނައުނު ވެސް "ވަގުތު 26" ޓީމުން ވަނީ ހޯދާފައެވެ.

ދޯނިން ފުންމާލިއިރު ލީވާނު ލައިގެންހުރި އަންނައުނު ވަލުތެރޭގައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ރަށަށް އާދެވުމުން އަންނައުނު ބަދަލުކޮށް ފައިވާނަށް އަރައިގެން އޭނާ ހިނގާފައި ނައްޓާލީ އެކުވެރި ސާމިލްމެން ގެޔާ ދިމާއަށެވެ. އޭރުވެސް އޭނާ ގެއްލިގެން އުޅޭކަމުގެ ޚަބަރު ފެތުރިފައި އޮތްކަމެއް ލީވާނަކަށް ރޭކާނުލައެވެ.

މަސްތުވާތަކެއްޗާއެކު ރަށަށް އެރުމަށްފަހު ހިނގާފައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ސާމިލް ދިރިއުޅޭ ގެއާ ހަމައަށް ދެވުމުން ލީވާނު ދެން އަވަސްވެގަތީ އޭނާ ގެނައި މަސްތުވާތަކެތި "ޕޮޓުކުރަން" (ރައްކާކުރަން) ށެވެ. ލީވާނު ކިޔައިދިން ގޮތުން އެ ތަކެތި އޭނާ ރައްކާކުރީ ސާމިލް ދިރިއުޅޭ ގޯތިތެރޭގައެވެ.

ސާލިމް ދިރިއުޅޭ ގެ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެހެން ނަމަވެސް އޭރު ސާމިލަކަށް ވެސް އެކަމެއް ނޭނގޭނެކަމަށް ލީވާނު ބުންޏެވެ. މިތަކެތި ރައްކާކުރުމަށްފަހު ސާމިލް ހޯދަން ގެޔަށް ވަން ވަގުތު ދިމާވީ އޭނާގެ އަނބިމީހާ އިނާޒާއާއެވެ. ލީވާނު ގެއްލިގެން ހޯދަމުން އަންނަކަން އޭނާއަށް އެނގުނީ ވެސް އިނާޒާގެ ވާހަތަކުން އެވަގުތެވެ.

ލީވާނު ބުނެފައިވަނީ ސާމިލް ދިރިއުޅޭ ގޯތިތެރޭގައި ރައްކާކުރި މަސްތުވާތަކެއްޗަކީ މިރަށުގައި އުޅޭ، އަޙްމަދު ނަމަކަށްކިޔާ މީހެއް (ޢާންމު ނަމުންނަމަ "ލޮރޭ") ގެ ތަކެތި ކަމަށެވެ. އަޙުމަދަކީ އޭނާއަށް "ވަރަށް ބެލި މީހެއް" ކަމަށާއި، އޭނާ ބުނެގެން އެވަރުކަމެއް ކޮށްދިނީ ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮތް އިތުބާރާއި ގާތް ރަޙުމަތްތެރިކަމުގެ ސަބަބުން ކަމަށް ލީވާނު ބުންޏެވެ. މަސްތުވާ އެއްޗެހި ރަށަށް ގެނައުމަށް އެދި އަހުމަދު ގުޅީ ހުޅުމާލެއިން ދޯންޏަށް މުދާ ބަރުކުރަމުން އަންނަނިކޮށް ކަމަށާއި، ތަކެތި "އެކޮޅުން މީހަކު އައިސް ހަވާލުކުރީ" ކަމަށް ލީވާނު ބުންޏެވެ. ނަމަވެސް މާލެއިން އެތަކެތި އޭނާއާ ޙަވާލުކުރީ ސީދާ ކާކު ކަމެއްކަމެއް ލީވާނަކަށް ވެސް ނޭނގެއެވެ.

ލީވާނު ބުނިގޮތުން ކަނޑަށް ފުންމާލުމުގެ ޚިޔާލު އެންމެ ފުރަތަމަ ދިން މީހަކީ ވެސް އަޙުމަދެވެ. މިގޮތުން "އަންނާނީ ރަށް ކައިރިން ނުންހޭ، ކައިރިވީމާ ފުންމާލާށޭ،" ބުނީ ވެސް އަހުމަދުކަމަށް ލީވާނު ބުންޏެވެ. ނަމަވެސް ކުރިން ދޯނި އޮތީ ކާށިދޫއަށް ލަފާގޮތަށް ކަމުން ލީވާނު ނިންމައިގެން ހުރީ ރަށަށް ދޯނި ބަނދަރުކުރުމުން، އެ މަސްތުވާތަކެތި ހިފައިގެން ގޮސް ސީދާ އަޙްމަދާ ޙަވާލު ކުރުމަށެވެ.

"ފަހުން އަޙްމަދަށް ގުޅާފައި ބުނިން އެއްޗެހި ޕޮޓުކޮށްފަ ހުރިތަން. ދެން އޭނާ ގޮސް އެތަކެތި އެތަނުން ނަގައިގެން ގޮސް އެހެންތާކު ޕޮޓުކުރީ. ހުންނާނީ ހަކުރާ ތެލާ ދެބައިން 50/50. މިހާރު އެ އެއްޗެހި އެބައުޅޭ މިކޮޅުގަ،"

ލީވާނު ބުނެފައިވަނީ މަސްތުވާތަކެތި ރަށަށް ގެނެސްދިނުމުން ފައިސާދޭނެކަމަށް ވެސް އަޙްމަދު ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދޭނީ ގެނައި މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ލީވާނު ޤަބޫލުކުރެއެވެ.

ލީވާނުގެ ފަރާތުން ލިބުނު މަޢުލޫމާތުތަކާ ގުޅިގެން "ވަގުތު 26" އިން އަޙްމަދާ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ ލީވާނަކީ އޭނާ ދަންނަ މީހެއްވެސް ނޫންކަމަށާއި، އެކަމާ ގުޅޭގޮތުން އިތުރަށް ބުނާނެ އެއްޗެއް ނޭނގޭކަމަށެވެ.

ފުރާނަ އަތްމައްޗަށް ލައިގެން ކާށިދޫއަށް އެތެރެކުރި މަސްތުވާތަކެތީގެ ވާހަކަ ދައްކަމުން ލީވާނު ބުނެފައި ވަނީ، އެތަކެތި ވިއްކަން ޢަމަލީގޮތުން އޭނާ ވެސް ޙަރަކާތްތެރިވަމުން އަންނަކަމަށެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ނޭނގޭނެކަމަށާއި، ކުޑަމިނުން "މަންމަގެ ބޮލަށްވެސް ހުންނާނީ ޗިޕު ޖަހާފައި" ކަމަށް ލީވާނު ބުންޏެވެ.

މުޅި ޖުމްލަކޮށް ޙާދިސާއާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތައް ޤަބޫލުކުރި މީހުންނަށް މަލާމާތް ރައްދުކުރަމުން ލީވާނު ބުނެފައިވަނީ ކަނޑަށް ވެއްޓޭ މީހެއްގެ ފައިވާނެއް ވެސް ނޯންނާނެކަމަށާއި، ގައިގައި ހުރި ހެދުމެއް ވެސް އެހާއިރު ފަތާފައި އަންނައިރު ނޯންނާނެކަން އޭނާއަށް އެނގޭކަމަށެވެ. ކަންއެހެން އޮތަކަސް އޭނާ ޖެހި މަޅީގައި އެންމެން ޖެހުމުން އެކަމާ އިންތިހާއަށް ފަޚުރުވެރިވެހުރިކަން ލީވާނު ދޭހަކޮށްދިނެވެ.

ދޮގު ޚަބަރު ދިން ކަމުގެ އިއުތިރާފުން ވެސް އަދަބެއް

"ވަގުތު 26" ގެ ޓީމުން އެއްކުރި މަޢުލޫމާތުތަކުންނާއި، ލީވާނުގެ އޯޑިއޯއިން ސާފުވާ އެއް ކަމަކީ އެދުވަހު އޭނާ ގެއްލިގެން އުޅެން ފެށި ފަހުން ފަތާފައި ކާށިދޫއަށް އެރުމަށް ފަހު، ފުލުހުންނާއި ތަޙުޤީޤީ އިދާރާތަކަށް އޭނާ ދީފައިވާ މަޢުލޫމާތަކީ ޙަޤީޤަތް ނޫންކަމެވެ. އެއީ ޤާނޫނުލް އުޤޫބާތުގައި ހިމެނޭ ދޮގު ބަޔާން ދިނުމުގެ ކުށަށް ފެތޭނެ ކުށެއް ކަމުގައި "ވަގުތު 26" އިން މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ޤާނޫނީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ޤާނޫނީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، ލީވާނު އިޢުތިރާފް ވެފައިވާ އެކުށަކީ ޤާނޫނުލް އުޤޫބާތުގެ 523 ވަނަ މާއްދާގައި ހިމެނޭ "އާންމު ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ދޮގު ޚަބަރު ދިނުން" ކުށަށް ފެތޭ ޢަމަލެކެވެ. އެއީ ކަނޑުވި ކަމަށް އެފަދަ ރަސްމީ އިދާރާއަކަށް ރިޕޯޓްކުރުމާއި، ފަހުން ފެނުނު ފަހުން ވެސް ތަޙުޤީޤީ އިދާރާތަކަށް އެ ގޮތަށް އޭނާ ބަޔާން ދިނުމެވެ.

މި ޤާނޫނީ މާއްދާގައި ވެސް އެ ކުށް ތަފްސީލް ކުރަން ދެ އަކުރެއްގައި ދެ ޙާލަތު ބަޔާން ކޮށްފައިވެއެވެ. ފުރަތަމަ އަކުރުގައި ވަނީ "ތަނެއްގައި އަލިފާން ރޯވެއްޖެ ކަމުގެ ނުވަތަ އެ ނޫން ވެސް ކުއްލި ޙާލަތެއް ދިމާވެއްޖެކަމުގެ ދޮގު ޚަބަރު އެނގި ހުރެ ދިނުން" މިހެނެވެ. ދެވަނަ އަކުރުގައި ވަނީ "މީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ލިބޭ ކުއްލި ނުރައްކަލުން އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޙަވާލު ކުރެވިފައިވާ އިދާރާއަކަށް، އެނގިހުރެ އެ ދޮގު ޚަބަރު ދިނުން" މިހެނެވެ.

ޤާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން އެއީ ޤާނޫނުލް އުޤޫބާތުގެ ޖުނަހުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަހުގެ ދެވަނަ ދަރަޖައިގެ ކުށްތަކަށް ޤާނޫނުލް އުޤޫބާތުގައި ކަނޑައަޅާފައި އޮންނަ ޖަލުގައި ބަންދުކުރުމުގެ އަދަބަކީ އެންމެ ކުރު މުއްދަތަކަށް ދެ މަސް އަދި އެންމެ ދިގު މުއްދަތަކަށް ހަ މަހެވެ. މި ކުށުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ވެސް ފުލުހުން ތަޙުޤީޤު ކޮށްފިނަމަ ބޮޑު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

85 ކޮމެންޓް

  1. ނައިކީ

    މާ ދިގީ ބައިބަޔަަށް ގެނެސް ދިންނަމަ.. ނޫނީ ކޮންމެ އާ ވާހަކައެއް ވަކި ރިޕޯޓެއް ގޮތަށް ގެނައިނަމަ..

    35
    102
    • 🤗

      މިއަދު ފަހުރު ވެރިވޭ ކާށިދޫ ގެ ކުދިންވެސް ނޫސްވެރިން ގޮތުގަ ވަގުތުގަ އުޅޭތީ

      72
      5
    • 😑

      ކާށިދޫ ކަނޑުގަ 2 ގަޑިއިރުފެތޭނެ މީހަކުވެސް ނުހުއްނާނެ ކައްނޭނގެ
      އެއީ ރާއްޖޭ ގެ 2 ވަނައައް އެންމެ ގަދަ ކަނޑު
      ވައި މަޑު އިރުވެސް އެ ކަނޑު ވަރަށް މަޑުނުވާނެ އަނެއްކާ އެހާމެ ފުންކަނޑެއް
      ކާށިދޫ މީހުންވެސް ގަދަ އިރު ދަތުރު ކޮއްލަންވެސް ނުކުރޭ ވާހަކަ ބުނާނެ

      44
      1
    • އަސްލުވެސް

      ހޫމް ދެގަޑިއިރު ވެއްޖެ މިޔެއްކިޔާތާ. އެންމެ ފަހުން ކަރުހިއްކައިގަނެގެން ރެސްޓޯރެންޓަކަށް އޯޑަރު ދީގެން މިއޮތީ ހެދިކާ ކޮޅަކަށް.

      16
      3
      • ނަން

        ވީޑިއޯ ބަލާލި ނަމަ އެއީ 40 މިނެޓް

  2. ނައިކް

    ޤަބޫލުކުރިޔަސް ނުކުރިޔަސް ކަންނެލި ދޯނިތަކަކީ ރެޑިކަލް އިސްލާމް އަދި މަސްތުވާތަކެތީގެ އައްޑާތަކެއް.. ކުރިން ޕާޓޭންނަށަ އުޅުނު ގޭންގު މީހުންން އިސްލާޙްވީކަމަށް ދެއްކެން ދީނީ ތާކިހަލެއް އަޅައިގެން ނިކުމެ އުޅެނީ މަސްތުވާތަކެތީގެ ވިޔަފާރީގަ

    98
    20
  3. ސޮއްބެ

    ދޮގު ހަދާ ބޮޑު ހަކުރުބޯ ޕާރޓޭގަނޑު... ހޫންންން... އައްޗީޑީ

    116
    2
  4. ބޮޑުބެ

    ސާބަހޭ ވަގުތު. ތިފަދަ ނޫސްވެރިކަމަށް ފަޚުރުވެރިވަން. އެކަމަކު ފުލުހުންނަކަށް ފަޚުރުވެރި ވެވޭކަށް ނެތް.

    228
    13
  5. ޣަލާޓް

    މަންމަ: "މަސްތުވާތަކެތީގެ ތެރޭ ވެސް އުޅޭ. އޭނަ ބުނީމަ އެ ބުނާ ސިކެއް ފިލުވަ ދެން"
    ތިހިރީ ހަތަރެސްކަމް ހަމަވެފަނު.. މިއީ މައިންބަފައިން ތިބި ހާލަތު. މި މަންމަ ޕޮލިހަށް ނުގޮސް ނަމާދަށް އެރީމަ އެންމެން ތައުރީފް ކުރި.
    ކީކޭ ދެން ބުނާނީ.. ކާށިދޫ އަކީ އެއްވެސް ރައްކާތެރި ތަނެއްނޫންތާ..ކަންކަން ހައްލު ކުރަން ހުރި މެންބަރު މީހާވެސް ރަށްރަށަށް އަރާ ހައިޖާނު ހިންގަނީ.
    ރަށުގަ މަސިންގާ ވިއުގައެއް.

    197
    5
    • ގަޑިތަކޯ

      ބައްޕަ މަންމަޔަށް ގުޅީ 11:15 މާގިނަ ވާހަކައެއް ނުދެއްކި ޕޮލިހަށް ދާށޭ އެކަނި ބުނެވޭ ވަރުވީ ފޯނު ކެނޑިއްޖެ. ދެން އަވަހަށް ފުލުސް އޮފީހަށްވެސް ނުގޮސް މެންދުރު ނަމާދާށް އެރީޔޯ. ކިހާ އިރަކުތަ ކާށިދުއަށް މެންދުރު ނަމާދު ވަގުތުވަނީ؟

      26
    • އަޖައިބު އަންތަރީސް

      މަންމަ ސިކުފިލުވަދޭ ގޮތެއްވެސް ތަހުގީގު ކޮށްލިނަމަ ވަގުތު މީހުން.

      27
      1
  6. ހުސޭނުބޭ

    ވަރަށް މޮޅު ތަޙްޤީޤީ ރިޕޯޓެއް

    184
    4
    • ޕަރީދައްތަ

      މި ރާއްޖެއަކު ތިމީހުންނަށް ގާނޫނީ ގޮތުން ދެވޭނެ އަދަބެއް ނެތް. ގާނޫނުތައް ހަދާފަ ހުރީ ތިކަހަލަ ކުދިންނަށް ފަހިވާ ގޮތަށް. މާދަމާ ވަގުތު ނޫހުގެ މުވައްޒަފުން މަޖިލީހުގެ ސަލާމަތާބެހޭ ކޮމެޓީ އަށް ނުގެންދާނެ ކަމެއްވެސް ނޭނގޭ ނޫންހޭ.

      75
      1
  7. ރޮކް123

    ކޮބާ އޯޑިޔޯ؟؟ މީތި މާދިގީ..

    27
    53
    • ރާއްޖެ

      ބޮޑެތި ބޭފުޅުން ލަދު ގަންނަން އެބަ ޖެހޭ..ރައްޔިތުންގެ ހައްގުގައި ރައއޔިތުނއގެ ލާރީގައި ބޮޑު މުސާރަ ކަިގެން މުޅި ރާޖެ ފަނާވެގެން ދާއިރުވެސް ބަލަން ތި ތިބެނީ....ރައްޔިތުން އެއްވެސް އިރެއްގެ ބޮޑުންނަށް އިތުބާރު ނުކުރަނީ ކަމެއް ވީމަ...ކޮންމެ ބަޔަކު ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަން ލިބުނީމަ ަަިއްލަ ފައިދާ އަށް އުޅެނީ..ލަދު ކޮބާ...m

      48
      1
    • ...

      ވަގުތުއެފް ބީ ގަ

      15
      1
  8. މަގޮލާ

    ބޮއްކި ތެރެއަށް ކިލޯއެއް ލަޑާލައިގެން އައި؟ ކަލޯގެޔާ

    59
    1
  9. ♥️♥️

    ރާއްޖޭގެ އަލްޖަޒީރާ 👏👏👏

    88
    5
  10. ♥️♥️

    މިފެންވަރުގެ ފުރިހަމަ ނޫސްވެރިކަން އެހެން އެއްވެސް ނޫހަކުން ނުފެނެ. ސާބަހޭ ވަގުތު

    183
    6
  11. ޑެޑް

    މިވަރުގެ ދޮގުތަކެއް ހެދިއިރު ފުލުހުން މިކަން ނުބަލާ ތިބީ ކޯޗެއް މަދުވެގެން؟

    132
    4
  12. ފުރްޤާން

    ފުރިހަމަ ލިޔުމެއް.
    ވަގުތުޓީމް ތިކުރާ ބުރަ މަސަތްކަތައް ހަމަ ސާބަސް، ތައުރީފް ޙައްގު!

    162
    2
  13. އަލީ

    ދިވެހި ނޫސްވެރިކަމުގައި މިފެންވަރުގެ ގިނަ ރިޕޯޓް ކިޔުންތެރިން ބޭނުން! ސާބަހޭ ވަގުތުނޫސް ♥️

    162
    7
  14. މޫސް

    ވަރަށް ފުރިހަމަ ސާބަސް ވަގުތު ޓީމަށް

    119
    2
  15. ސާބަސް

    ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމަށް ވަގުތު ނޫސްވެރިން ތިކުރާ މައްސަކަތް ބަލައިގަންނަން

    120
    2
  16. ކިޔާ މީހާ

    ދިގު އެހެނަސް ފޫހިކަމެއްނެތް ކިޔާލަން ޝައުގުވެރި މުޖުތަމައުއަށް ގިނަގުނަ އިބުރަތެއްލިބިދޭ ރީތި ލިޔުމެއް !

    137
    3
  17. ގުދުގުދާބެއްޔާ

    ޕޮލިހުން ކަލޭމެން ލަދު ނުގަނޭތަ؟

    102
    8
    • ޖަލީލު

      ފުލުހުންގެ ތަހުގީގުން ހޯދާ ޕީޖީ ކުރިއަސް ބޭރުކޮށްލާނެ އުންސުރު ހަމަ ނުވޭ ކިޔާފަ. އެސޮރުމެން މި ރާއްޖޭގައި އުޅެންވީ. މަސްތުވާތަކެތި މަދުކުރަން ސަރުކާރުން ނޫޅޭ އަސްލުގަ.

      73
      2
  18. ބޮސްކޮ

    މިގައުމުގެ ފުލުހުން ލަދުގަންނަން ޖެހޭނި. މިމައްސަލަ ތަހުގީގުނުކޮށް ތިބެން ތިޖެހުނީވެސް ފެންވަރު ނެތީމަ.
    މިފެންވަރުގެ ތަހުގީގެއް ކޮށްލާނެ ފެންވަރުވެސް ނެތް ފުލުހުންގެ. ޖީސީ އިން ކިރިޔަ ކިރިޔާ ފާސްވެފަ ތިބި ލަޓޯ ފަޓޯ މީހުން ތިތަންތާ ތިތިބެނި.
    މިމީހުން ލައިގެން ކޮން މަސްތުވާ ތަކެއްޗެއް ހުއްޓުވޭނި. މީ އަދި ބިރުވެސް ގަންނަ ބައެއް ކުށްވެރިން ދެކެ. އެހެންވީމަވެސް އަނގަނަގައިގެން ހުންނަން ދޯ ޖެހޭނި.

    67
    13
  19. ޑސސ

    ސިމާގެ މަރު ގަ ތުހުމަތުވާ ފަޒީލްގެ ކަނަްކަން ހޯދާލަބަލަ ވާނެ ކަލޯމެންނައް

    89
    3
  20. ތަކުރު

    ވަޤްތު ވަރެއް ހަމަނެތޭ ބުނަނީ މިހެންވެ،
    ވަރައް ފުރިހަމަ،
    މިރިޕޯޓްގެ މައްޗައްބަލާ ފުލުހުން އަލުން މިކަން ބަލަން ޖެހޭކަމައް ދެކެން،

    81
    1
  21. ޙިޔަލަ

    ވަރަށް ސަޅި

    57
    2
  22. ނަޑާލް

    ބޮޑު މާސިންގާ އޮޑިއެއްގެ ހުންގާނު ބޮންދެއް އަތަށް ދީފަ ކައްޕި ނިދަން އޮތް މައްސަލައެންނު އެންމެ ފުރަތަމަވެސް ބަލަންވީ..

    19
    49
  23. ހުސައިން

    ދިގު ލިޔުމެއް،އެކަމު ވާނުވާ އެއް ނޭންގޭ ފޫހި ރިޕޯޓެއް...

    8
    92
    • އަހުމަދު

      ވާނުވާ ނޭނގޭ މީހަކަށް އެނގޭނެ އެއްޗެއް ނޯންނާނެ. މަށަށްދެރައީ ނޫސް އެއްޗެހި ކިޔަންއުޅޭތީ ކަލޭ.

  24. ރާއްޖެ

    ފުލުހުންނަށް މިވަރު ނުވޭ...ނުވަނީކީ ނޫން.. އިސްކޮށް ބޮޑެއްޗަށް ތިބޭ މީހުން އެކަންކަން ކުރަން ބޭނުން ނުވަނީ...ސާބަސް ވަގުތު ޓީމަށް..

    48
    1
  25. އައްޑޫ މީހާ

    އައްޑޫގައި ފުލުހަކު ކަނޑަށް ގެއްލުނު މައްސަލަވެސް ވަގުތުން ތަހުގީގެއް ހިންގަން ފެނޭ

    46
    3
  26. 👏👏👏

    ވަގުތު މީހުންނަށް އައްސަރިބަހައް ސާބަސް
    ހާދަ މޮޅޭ
    މަވެސް ދެކުނިން ރަށުގެ ނޫސްވެރިކުދިން ރަށުން އޭރު ނޭނގެ ތިވަރަށް މައުލޫމާތު އެއްކޮއްލަނީ ކަމެއް
    ވަރަށް ފުރިހަމަ، އެ ދުވަހު ހަބަރު ޖެހީމަވެސް މަ ޖެހިން ކޮމެންޓް ގަ އޭނަ އަމިއްލަ އައްކަމައް އެ ފުންމާލީ އެއީ އޭނަ އެ އޭގެ ހެޑެއް ކަން ރަށުމީހުނައް އެނގޭނެ
    އެންމެ ހިނި އައީ އޭރު ކޮމެންޓް ކުރި މީހުން އޭނައައް ޕޮލިހުންނާ ސިފައިންގޭން ޖާގަ ދޭން ބުނީމަ

    62
    2
    • ޕަރީ

      މަވެސް އެދުވަހު ކޮމެންޓު ކުރިން ގަސްތުގައި ފުންމާލީކަމަށް. ޕޮލިހުންނަށް ވެސްއެނގޭ ގަސްތުގައި ފުންމާލީކަން. ޑުރަގު ހިފައިގެންކަން އައީވެސް.

      33
  27. ސާބހޭ

    ވަގުތު ޓީމު ކުދިން ހާދަ މޯޅޭ ކަމެއް ވެގެނޭ ވަގުތު ޓީމް ރޭންކިންގެވެސް އެއްވަނަ ލިބެނީ
    ވަގުތު ކުދިން ތިހެން ގިނަ ކަންކަން ހޯދާ މުޅި ރާއްޖެ އައް ހުރިހާ ކަމެއް ފަޅާ އަރުވާލަ

    47
    3
  28. Anonymous

    ވަގުތުގެ ޕްރީ ޝޯ ޓީމަށް މަރުހަބާ އެވެ. އެވަރުގެ ޑީލަރުން ފަޟީހަތް ކޮށްލުމަކީ ވަގުތު ސެކޫ ޓީމަށް ކެރި ކުޅަދާނަވެގެން ވާނެ ކަމެއް ނޫނެވެ. ލީއްކޮގެ މަންމަގެ އީމާންތެރިކަން ވެސް މިޑްރާމާގައި އެވަނީ ބޮއްސުންލާފަ އެވެ.

    36
    3
  29. ޖާދު

    ޥަރަށް ފުރިހަމަ. މިކަހަލަގެ ނޫސްވެރިކަން ސަޅީ

    43
    2
  30. ސަހު

    ކާށިދޫ ފުލުހުން އެ އެއްވެސް ބައެއްނޫން

    31
    1
  31. ޔަހްޔާ

    ޕޮލިހުންނަށް ނުކޮށްދެވޭކަންތައް ވަގުތު މީހުން ތިކޮށް ދިނީ އައްސަރިބަހާއި ސާބަސް ÷ަބްލިކަށް ވަރަށް ރަގަޅަށް އެޖިއްޖެ

    46
    1
  32. ޅީވާން

    ޥަގުތުން ސްޕައިންގެ ރޯލް މިކުޅެނީ

    20
    4
  33. ޙަަަހަ

    މުސާރަދީފަ އިނާޔާތްދީފަ ތިބޭ ފުލުހުންނަށް ތިވަރުކޮށްލަން ނުކެރޭވިއްޔާ ، ސާބަސް ވަގުތުޓީމަށް ، އެކަމަކު ތިކަން އާންމުނުކޮށް ފުލުހަށް ހުށަހެޅިނަމަ

    35
    9
  34. ޙު

    ސާބަސް ވަގުތު.ވަރަށް ބަރާބަރު

    29
    2
  35. ޢަލިބޭބެ

    މަސައްކަތް ރަގަޅު. ޙަބަރު ޕްރެސެންޓް ކުރުން ވަރަށް ދަށް. ޥަރަށް ދަށް. މިހެން ބުނަން ދެރަވެ އެކަމަކު ވަރަށް ދަށް.

    8
    14
    • އަހުމަދު

      މާބޮޑަށް އެނގެނީ ކަލެއަށް. ދޭބަލަ އެއަށްވުުރެ މޮޅަށް ކުރަން ، އަނގަ ނުތަޅާ

  36. އަސާވީސް

    މިކަހަލަ އާޓިކަލް ގެނެސްދޭން ވަގުތު ރަނގަޅު ސިޔާސީ ފިތުނަ އުފައްދަން އެއްގޮތަކަށް ވެސް ކަމަކު ނުދޭ

    14
    9
  37. އަހަރެން

    އަދިވެސް ބުނާނެ އިންޑިޔާއާ ގުޅުން ކަޑާލަން އުޅެނީ މަސްތު ވާތަކެތި ނުވިއްކޭނެތީއޭ. އަޅާވެސް ނުލާ އެތެރެ ކުރިކަން އިގުނު އިރުވެސް

    16
    2
  38. ބިންގޯ

    ރިޕޯޓް ވަރަށް ރަގަޅު. އެކަމަކު "ބަތަލަކަށް" މިގޮތައް ލިޔެފަ އޮތީމަކަމަކު ނުދޭ. އޭނަ "ބަތަލަކަށް" ވަނީ އޭނަ ކޮންކަމެއް ކޮއްގެންބާ؟

    15
    4
  39. Anonymous

    ސާބަސް

    11
    1
  40. ކެހިލިބުނު މީހާ

    ޑުރަގު ބޯއިން އާންމު ގޮތެއްގަ ވ.މޮޅެތި ސްޓޯރީ ޖައްސާނެ..ބޮޑެތި ދޮގު ހަދާއިރު މޫނަށް ކުލަވަރެއްވެސް އަރުވާނުލާނެ..އަހަރެން މިހުރީ އޭގެ މީހެއްގެ ދޮގުވެރިކަން ތަޖުރިބާކޮށްފަ..އެވެސް ލޮލުން ދެކި އަތުން ހިފާފަ..

    26
    1
  41. ޟމމ

    ވަރަށް ރަނގަޅު ރިޕޯޓެއް

    16
    2
  42. ސްނޭޕް

    ލަނޑަޔާ ވާނީ ލަނޑަޔާއެވެ.
    ތިޔަ ބުނާ ވަގުތުގެ ނޫސްވެރިޔަކީވެސް ލީވާނު ކަހަލަ މީހެއްކަން އެނގި ސާފު ވެއްޖެ.

    12
    27
    • ލަމަޓާ

      ދިސް ލޮަޖިކް 🤣

      1
      1
  43. އޒނ

    މިއީ މިއަހަރުގެ ވެސް ހީރޯ. ފަހުރުވެރިވަން ބްރޯ.

    5
    13
  44. ރައީސް ޔާމީން

    މަގޭ ލާރީގަ ކަލޭމެން ބޭކާރު މަސައްކަތް ނުކުރެބަލަ.
    ތިކުރި ބޭކާރު މަސައްކަތަށް ފައްފަށުން ޝުކުރިއްޔާ.. ތިތިބީ ހަމަ ރަނގަޅަށް ހައްދުފަހަނަ އަޅާފަ...

    2
    19
  45. ފެފެން

    ވަގުތު ނޫސްވެރިން ތި ގޮތުގައި ތަހުގީގު ގެ ބައި ވަރަށް އިންސާފުވެރިކޮށް އަބދުވެސް ތިހެން ކުރިއަށް ގެންގޮސްދޭނެ ކަމަށް އުއްމީދު ކުރަން

    20
    1
  46. މިއީ ވަކި ރަނގަޅުގޮތެއް ނޫން

    ނޫހެއްގެ ޙައިޞިއްޔަތުން ޤައުމުގައި ހިނގާ ކަންކަން ހޯދައި ތަޙުޤީޤް ކުރުން ރަނގަޅެވެ. ނަމަވެސް ޢާއްމު ކުރަންވާނީ އެކަމުން ހެޔޮ ބަދަލެއް އަންނާނެ ކަންކަމެވެ. ގެނެސްދީފައި މިއޮތީ އެންމެ 18 އަހަރުގެ ޒުވާނެއް ހިންގި ޖަރީމާ އެއްގެ ވާހަކަ އެވެ. ފޮޓޯތަކާއި އެކު މިގޮތަށް ހާމަ ކުރުމުން ގައިމުވެސް ނަތީޖާ ރަނގަޅެއް ނުވާނެ އެވެ. މިއީ ފުލުހަށް ހުށަހަޅަންޖެހޭ ކަންކަމެވެ. މިހެން މިބުނީ، ޒުވާނާ އެއްބަސް ވިޔަސް ވަޤުތު ނޫހުން ޝަރީޢަތް ހިންގައި ޙުކުމެއް ނުއިއްވޭނެތީ އެވެ. ވަޤުތު ނޫހުން މީހުން ފޮނުވައިގެން އެޒުވާނާގެ އިތުބާރު ހޯދައި، މުޅި ދުނިޔެއަށް ތިގޮތަށް ފަޟީޙަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ. މުޖުތަމަޢު އިޞްލާޙް ކުރުމުގައި ނޫސްވެރިންގެ ދައުރު ވަރަށް މުހިންމެވެ. މިހާތަނަށް އެޒުވާނާ ލޭބަލް ވެފައި އޮތީ ހަމައެކަނި އޭނަގެ ރަށުގައެވެ. ނަމަވެސް މި ރިޕޯރޓާއި އެކު މުޅި ދުނިޔޭގައި ލޭބަލް ކުރެވުނީ އެވެ. އެހެންކަމުން މުޖުތަމަޢު ފަސާދަ ކުރުމުގައި ވެސް ނޫސްވެރިންގެ ދައުރު ވަރަށް ބޮޑެވެ.

    31
    41
    • ވާދޫ

      ވަގުތު ނޫސް މީ ރާއްޖޭގެ އެއްވަނަ

      12
      9
    • 🙄

      މި ހީވަނީީ ސްކޫލުން ދީފައޮތް ފިލާވަޅަކަށް ލިޔެފަ އޮތް މަޒުމޫނެއް ހެން.

      1
      4
    • ރަނގަޅުގޮތައް އުޅެބަލަ

      ފުލުހުން ކުރަންޖެހޭ ކަންކަން ފުލުހުން ނުކުރުމަކީ މި ނޫސް ކުށްވެރި ކުރަން ޖެހޭ ކަމެއް ނޫން...
      މީނާ މާލެ އައިސްގެން މާލޭގަ ހައިޖާނު ހިންގާފަ ބޯޓު އަޅާފަ އޮތް އެހެން ރަށެއް މޮނިޓަރިންގަ އޮއްވަ އަރާފަ އެތަނުންވެސް ޑީލް ހެދިވާހަކަ އެއޮތި. ވީމަ ރަށު މީހުންނަށް އެކަންޏެއް ނޫން ދޯ މީނަގެ ނުރައްކާ އޮތީ. ބޯޓު މާދަން ޖައްސަފާނެ އެހެން ރަށަކަށްވެސް. ވީއިރު އެހެން މީހުންނަށް އެނގެންން ޖެހޭނެ މީ ކޮންކަހަލަ އިންސިއެއްކަން.
      އޭނަގެ މަންމަގެ ވާހަކަތަ ހުރި ގޮތް ބަލާބަލަ. ޢިސްލާހު ކުރާނެ މީހަކު ވެސް ނެތް.

    • އަހުމަދު

      ބްރޯ މިނޫންގޮތަކަށް މިހާރު މިރާއްޖެއަކު ނެތް ކަމެއްހައްލުވާކަށް. ތިބުނާ ޕޮލިހުން އަދިވެސް އެތިބީ. ކޮބާ ވީކަމެއް! ކުރާކަމެއް! ކުޑަމިނުން އެކަމާގުޅޭ ޕްރެސް ގަނޑެއްވެސް ނެއް ދީފައެއް.

    • ޖަންގަލި

      މިކަހަލަ މީހުންގެ އިތުބާރު ހޯދަދޭން ކަލޭ ހުރޭ.

  47. ރީތި މޫސަ

    ވަގުތު ނޫހުގެ ކުދިންނަށް އައްސަރި ބަހުން ސާބަސް ރިޕޯރޓް ވަރައްފުރިހަމަ ހަމަ ހަބޭސް

    23
    2
  48. ނިވް މާރސް

    ވަރަށް ފުރިހަމަ ލިޔުމެއް. ދިގު، އެހެނަސް ފޫހިކަމެއްނެތި (އެއް ޝޮޓުން) ކިޔާލެވުނު. "ވަގުތު" ގެ ތަޙުޤީޤީ ޓީމް، "ވަގުތު 26" ހަމަ ވަރަށް ގަދަ! 👏👏

    33
    2
  49. ހޮޮނު

    އެ ލީވާނު އެ ކިޔަވާގެން ހުރި މީހެއް ނޫން. އާގިސާ އެ ވަރައް ދޮގު ހަދާ މީހެއް.

    21
  50. Anonymous

    ސޯ ބޯރިންގް

    8
    23
  51. ކޮވިޑް ހަސަނު

    އައްސަރިބަހާ ސާބަސް ވަގުތުގެ ހިތްވަރުގަދަ ނޫސްވެރިންނަށް

    15
    1
  52. އަހްމަދު

    މީ ވަރަށް ފުރިހަމަ ރިޕޯޓެއް

    14
    1
  53. ވެނީލާ

    މިއީ ވަރަށް މޮޅު މަސައްކަތެއް ކޮންމެޔަކަސް. ތައުރީފު ހައްޤު. ކިހިނެއް ހިނގާދިޔަ ކަމެއްތޯ ބަލަން ފުލުހުން ކުރާނެ ތަހުގީގެއް އޮތްކަމަކަށް ނުފެނޭ.

    22
    3
  54. ށަ

    މަ މޮޔަ ވެގެ

    3
    1
  55. ރަދީފްއޮފިޝިއަލް

    ވަގުތު ތިޔާއީ ހަމަ ބެސްޓް.އިންވެސްޓިގޭޓިވް ޖާނަލިޒަމް އަދި ވެސް ރާއްޖޭގަ ވަރަށް ބީރައްޓެހި.ވަގުތު6ބޭސް

    9
    2
  56. މިނިވަން ނޫސްވެރިކަން

    މިކަހަަލަ ނޫސްވެރިކަން ރާއްޖޭގެ ހުރިހާ ނޫހަކުންވެސް ކުރާނީ ޖެހޭ ގުޅިގެން! ވަގުތުއަށް ޝުކުރު ހައްގު! ރާއްޖޭގެ އޭއެފްޕީ ނިއުސް! ސުވާލަކީ ފިލުވަން މި މައްސަލަ ބަލާތި ހެއްޔޭ؟ ޝިމާ، އަފްރާޝިމް އަދި ރިޟްވާން ފަދަ މަރުތަކުގެ ހަގީގަތް ހޯދައިދީ! މަރު ކޮމިޝަނެއް އޮންނަނީ ނަމެއްގަ! ލަވް ބީބީސީ ވޯލްޑް

    10
    1
  57. ދެކޮޅަށް ބަހުސްކުރާ ދަރިވަރު

    އަސަރު މި ނޫސްވެރިޔާވެސް ގޯސް! ނުޖެހެ އިތުބާރު ނަގާލާކަށް! ފަހަރެއްގަ ހަމަ ފާފަވެސް ވެދާނެ! އެކަމް އެ ލީވާންވެސް އެވާނާ ގޮތްކުޑަ ކިނބުލެއް! ގުޑް ޖާނަލިސަމް

    8
    3
  58. ވިސްނާ ވިސްނާ ބޯގޯސް ކައިލީ އައިފޯން

    އެމީހުންނަށް ނޭނގި ރެކޯޑް ކުރީ! މިސާލަކަށް މައްސަލަ ޖައްސައިފިއްޔާ ވަގުތު ވަަންނަނީ ގަޑި ދަށައްތަ؟

    11
    8
  59. ހެހެ

    ކޮބާ ކޯސްޓުގާޑުންނާ މެެރިން ސަރވސް އިން މީނަ އަސް ޖޮބް އޯފަރ ކުރަން ބުނި މީހުން… އެއިރުވެސް ކޮމެންޓު ކުރިން އަމިއްލަޔައް ފުންމާލިއްޔޭ…

    19
  60. Anonymous

    އަސްލު ވަގުތު މި ވަރަކުން މި ލީވާން ގެ ތަހުގީގެއް ކުރުމުގެ މާނަ އެއްނެތް! އޭނާ ގަސްތުގަ ފުންމިއްޔާ ފުންމި ، އަހަރެމެންނަށް ކޮންކަމެއް! އޭނަ އެހެރީ ގަދަ ކަނޑެއް ގަ ފަތާގެން ސަލާމަތް ވެފަ! ބޮޑު ތަހުގީގެއް ކޮށް މީހަކު ފަލީހަތް ކުރުމުގެ މާބޮޑު ބޭނުމެއް ނެތް! އޭ މަޝްހޫރު މީހެއްވެސް ނުން! އަދި ޅަ ކުއްޖެއް! ލީވް ހިމް އެލޯން

    11
    32
    • އެނޮނިމަސް މީ

      ތި ލީވާންއަކީ ބޮޑުވެފަ މަސްތުވާތެކެތި ވިއްކާ މީހާގަނޑެއް... ޒުވާނުންގެ ހައްގުގަ މި ލީވާނަށް ރަގަޅު އަދަބް ދޭންވީ.... ޒުވާން ޖީލް ހަލާކު ކުރުމުގަ ލީވާން ކަހަލަ މީހުން އުޅެނީ.... ޖަލަށް ލައި..

      13
      2
    • އަހުމަދު

      ތިކަހަލަ ތާކުންތާކުނުޖެހޭ ދެބޯގެރިން ގިނަވީމަ ޤައުމުގެ ކަންތައްތައް ގޯހުން ގޯހަށް މިދަނީ. ފެންވަރު ނެތިއްޔާ އަނގަލައްޕައިގެގޭގަ މައިތިރިވެގެން އޮވެބަލަ. އެއްކަންފަތުން އަޑުއަހައިގެން އެއްލޮލުން ބަލައިގެން އިސްލާމުންގެ ގޮތުގަ ނުތިބެވޭނެ.

  61. އިންސާފް

    ސާބަހޭ ވަގުތުނޫސް ♥️

  62. ާައިންސާފް

    ސާބަހޭ ވަގުތުނޫސް ♥️

  63. ސޫރަޖް

    އޭނަގެ ދުލުން ކިތަންމެ ވަރަކަށް ހެދިދޮގަށް އިއުތިރާފްވިއަސް އެއްކަމެއްވެސް ނުވާނެ. ނުވެސް ބަލާނެ. މިހާރުވެސް ތަންކޮޅެއް ދީންވެރިކަމެއް ބަޔަކު ކޮށްބަލަ ހަތުކަށްޓޭ ބަފާ ގޮހޮރޭކިޔާ އެރަށަކަށް ފުލުހުން ހަތިޔާރާއެކު އަރާ ހޭބަލިވާނެ. މީހަމަ ޣަރަގުކުރައްވަން ވެފައޮތް ތަނެއް. ހުވާމިބުނީ

  64. ގަނޑިޔާ!!!

    4 މޭލު 2 ގަޑިއިރުން ފެތިއްޔާ ތިސޮރު އޮލިމްޕިކްސްއަށް ފޮނުވަން ފެނޭ.... އެއީ 1 މިނެޓުން 13.4 މީޓަރު ކަނޑާތީ... ބޭބެ ބުނާނެ އިތުރު ވާހަކައެއް ނެތް, ތިސޮރު މުބާރާތްތަކަށް ބައިވެރިކުރަން ސުޕޮންސަރުން ހޯދާ އަވަހަށް!!! މަވާ ސަލާން ތި ފޮނި ބައިސާއަށް