ޑޮކްޓަރުން ލަފާދީފައިވާ ޓެސްޓުތަކެއް ހަދަންވެގެން، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކުއްޖާ މާލެ ގެނައީ އެމެޖެންސީގައެވެ. އުފަންވިއިރު ވެސް ބައެއް ގުނަވަންތައް ފުރިހަމައަށް ނުއުފެދި ހުރުމުން އެ ތުއްތު ކުއްޖާއަށް، މީގެ ކުރިންވެސް ސިއްހީ މައްސަލަތައް ދިމާވެއެވެ.

"އަބަދުވެސް ކިނބިހި އަޅާނެ" ކޮވިޑް-19 ގެ ބަލީގައި މިއަދު ނިޔާވި ދެ މަހުގެ ތުއްތު ކުއްޖާގެ މަންމަ "ވަގުތު"އަށް އެ ކުއްޖާގެ ހާލަތު ކިޔައިދޭން ފެށިއެވެ.

އެ ކުއްޖާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ މާލެ ގެނައި ފަހުންނެވެ. ނ. މަނަދޫއަށް އުފަން އެ ކުއްޖާގެ މަންމައާއި އޭނާގެ ފިރިމީހާ ވެސް ކޮވިޑް ފައްސިވެފައިވެއެވެ.

މާލެ ގެނެސް އެންމެ ފުރަތަމަ ފަރުވާ ދިނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެއަށް ފަހު ކުއްޖާގެ މަންމައާ ބައްޕައާއެކު އެންމެން ވެސް އެކަހެރި ކުރީ ފަރުކޮޅުފުށީގައެވެ.

"ކުއްޖާ ރަނގަޅު ވަން ދެން ދަރުމަވަންތައިން ފަރުވާ ދިން، ޑޮކްޓަރު ވެސް ނަރުހުން ވެސް އެންމެން ވެސް ވަރަށް ރަނގަޅު،" އެކަހެރި ވުމުގެ މުއްދަތު ހަމަވާން އޮތީ ހުކުރު ދުވަހުއެވެ. ކުއްޖާގެ މަންމަ ބުނި ގޮތުގައި ކުއްޖާގެ ހާލު ދެރަވީ ކުއްލިއަކަށެވެ.

ދެ މަހުގެ ކުއްޖާ ވަޅުލާފައިވަނީ އަސުރު ނަމާދަށް ފަހު - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"ރޭގައިވެސް ހޭލަ އުޅުނު. މިއަދު ހެނދުނު ވެސް ހޭލާ އުޅުނު. މަންމަ އުޅުނިން ގޮވައިގެން ވެސް،" ކުއްޖާގެ ހާލު ދެރަވެގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެނައި މެންދުރުއެވެ. ނިޔާވީ މެންދުރު 12 ޖެހިހާއިރުއެވެ.

"ފީޑްކުރަން ހުއްޓާ އެނގުނީ ދަރިފުޅަށް ގޮތެއް ވެއްޖެކަން. ވަގުތުން އެ ތަނުގެ ޑޮކްޓަރުންނާއި ނަރުހުންނާ ގުޅައިގެން އަޅުގަނޑަށް ވުރެ ކުރިން ދަރިފުޅު ހުޅުމާލެ ގެނައީ، އެއްވެސް ލަހެއް ނުކުރޭ،" ސަހަރާގައި ހުރެ ގިސްލަމުން ވާހަކަ ދެއްކި ކުއްޖާގެ މަންމަ ބުންޏެވެ.

ތުއްތު ކުއްޖާގެ ޖަނަޒާގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ދެ ދަރިންގެ ތެރެއިން އެންމެ ކުޑަ ދަރިފުޅު ނިޔާވީ އެއްވެސް ގޮތަކަށް ކޮވިޑާ ހެދިގެން ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެ ދަރިފުޅު އުފަންވިއިރު ވެސް އެ ކުއްޖާއަށް ސިއްޚީ އެކި މައްސަލަ ދިމާވެފައި ހުރި ކަން ކުއްޖާގެ މަންމަ ކިޔައިދިނެވެ.

"ވަކި ކޮވިޑާ ހެދި ވީ ކަމެއް ނޫން، ފީޑް ކުރާ އިރު ވެސް ޓިއުބުން ފީޑް ކުރަން ޖެހޭތީ ސިއްހީ މައްސަލަތައް އަބަދުވެސް ދިމާވޭ، މަރު އައިސް ޖެހިނީމާ މަރުވީ،" ކުއްޖާގެ މަންމަ ބުންޏެވެ.

ތުއްތު ކުއްޖާ ނިޔާވީ މެންދުރު 12 ޖެހިހާއިރު - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު (ތަހޭ) ވެސް ވިދާޅުވީ އެ ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

"އެއީ ޕްރައިމަރީ ކޯޒް އަކީ ކޮވިޑް ނުވީމަ އެހެން ނިންމީ" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 246 މީހަކު ވަނީ ނިޔާވެފައެވެ. ބައްޔަށް ފައްސިވި މީހުންގެ އަދަދު އުޅެނީ 89،126 ގައެވެ.

ދެ މަހުގެ ތުއްތު ކުއްޖަކު ކޮވިޑް ބަލި ޖެހިފައި ހުއްޓައި ނިޔާވިއިރު އެ ހާލަތު މެދުވެރިވެފައި އޮއްވައި ނިޔާވި އެންމެ ތުއްތު ކުއްޖަކީ މިއެވެ.

މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އެ ތުއްތު ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު ރަޝީދު

    ތީހުސްދޮގު އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާގެ އޯޑިއޯ މިއޮތީ އަހަރެން އަތުގަ

    1
    3
  2. Anonymous

    ދެން ކީއްވެޔޯ ބޭރަށް ނުފޮނުވީ

    1
    1