މީގެ އަހަރެއް ކުރިން، އެމްޓީސީސީ އަށް ގަބޫލު ކުރެވިފައި އޮތީ އެ ކުންފުންޏަށް އެއް ފަހަރާ ހިންގޭނީ 25 މަޝްރޫއު ކަމެވެ. އެ ކުންފުނިން އަމާޒަކަށް ހަދާފައި އޮތީ އެއް ބިލިއަން ރުފިޔާގެ މަސައްކަތް ކުރުމަށެވެ. އެކަމަކު، އެމްޓީސީސީގެ ސީއީއޯ ކަމާ މިދިޔަ އަހަރު ހަވާލުވެވަޑައިގެންނެވި، އާދަމް އާޒިމް އެ ވިސްނުން ބަދަލު ކުރެއްވިއެވެ. އާޒިމް ގަބޫލު ކުރެއްވީ، އެމްޓީސީސީ އަށް 50 މަޝްރޫއާއި 10 ބިލިއަން ރުފިޔާގެ މަސައްކަތް ކުރެވޭނެ ކަމެވެ.

އެ އަމާޒަށް ވާސިލްވުމަށް އެމްޓީސީސީ އަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފެންނަން ފެންނަން ފަށައިފިއެވެ.

މިއަދު އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ފަހަރާ ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަދަދު 63 އަށް އަރައެވެ. ރަށް ރަށުގެ މަގު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ތަރައްގީކުރުން ފަދަ އެތައް މަޝްރޫއަކާ އެކު އެމްޓީސީސީ އޮތީ ރާއްޖެ އަށް "ފެތުރިގެންފަ"އެވެ. އެމްޓީސީސީއަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. މަޝްރޫއުތައް އަވަހަށް ފުރިހަމަކޮށްލަން "އަޒުމަކަށް" ހަދައިފިއެވެ. ރިކޯޑު އަދަދަކަށް ފައިދާ ހޯދައިފިއެވެ.

"އަޅުގަނޑު ބުނިން ކީއްވެގެންތޯއޭ އެމްޓީސީސީ އަށް 10 ބިލިއަން ރުފިޔާގެ މަސައްކަތް އަހަރަކު ނުކުރެވެންވީ؟ އަދި އެއް ފަހަރާ 50 ޕްރޮޖެކްޓް ނުހިންގެންވީ ކީއްވެހޭ؟ އެމްޓީސީސީއަކީ ގާބިލް މުވައްޒަފުން ތިބި ތަނެކޭ." އެމްޓީސީސީގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލު ކުރައްވައި ވިދާޅުވިއެވެ.

އެމްޓީސީސީ އާ އުސްމިންތަކެއްގައި!

އެ މަގަށް ވާސިލްވުމަށް އެމްޓީސީސީ އަށް ގެނައީ އާޒިމް ވިދާޅުވި ގޮތުގައި ކުޑަ ބަދަލެކެވެ. މުވައްޒަފުންގެ އަދަދާއި ވަސީލަތްތައް އިތުރުކޮށް، މުވައްޒަފުން ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމުގެ މުހިންމު ކަން ފާހަގަކުރިއެވެ. އަދި އެއްވެސް ކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކެން މުވައްޒަފުންނަށް ވަރަށް ބޮޑަށް ވިސްނައި ދިނެވެ. އެއް އަހަރުގެ ތެރޭގައި ބޮޑު ކާމިޔާބެއް ކުންފުންޏަށް ލިބުނީ އާޒިމް ވިދާޅުވި ގޮތުގައި މި ސަބަބުތަކާ ހުރެއެވެ.

އާޒިމް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމްޓީސީސީގައި މަސައްކަތް ކުރަމުން އައީ 1،500 މުވައްޒަފުންނެވެ. މިހާރު 3،000 އަށް ވުރެ ގިނަ މުވައްޒަފުން އެމްޓީސީސީގައި ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ވެސް މަސައްކަތްތައް ހަލުވި އެއް ސަބަބެވެ.

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލާފައި. ---

މީގެ އެއް އަހަރު ކުރިން، ބަސް ދުއްވުމުގެ ކަންކަމާ އެމްޓީސީސީން ހަވާލުވެފައި އޮތީ ހުޅުމާލެ އަށް އެކަންޏެވެ. އެކަމަކު، މިހާރު މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން 50 އަހަރުގެ އެއްބަސްވުމެއް ވަނީ ހަދައިފައެވެ. މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގައި ބަސް ދުއްވުމުގެ މަސައްކަތާ އެމްޓީސީސީ މިހާރު ވަނީ ހަވާލުވެފައެވެ. ރާއްޖޭގައި ހައި ސްޕީޑް ފެރީ ނެޓްވޯކެއް ހިންގުމާ ވެސް ހަވާލުވެފައި އޮތީ އެމްޓީސީސީއެވެ. އެ ކުންފުނީގެ ޑޮކްޔާޑް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރެވެމުން އެބަދެއެވެ. މިހެން ގޮސް، ކިޔާނެ އެތައް ކަމެއް އެބަހުއްޓެވެ.

"ކުރިއާ އަޅާ ބަލާ އިރުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން މިދަނީ،" މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ. ނަތީޖާއަކަށް ވެގެންދަނީ، އެމްޓީސީސީ އަށް ރިކޯޑު އަދަދަކަށް ފައިދާވަމުން ދިއުމެވެ.

ހުޅުމީދޫ ބަހާއުއްދީން މަގު. --- ފޮޓޯ: އެމްޓީސީސީ

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީ އަށް ގެނައި ބަދަލުތަކާ އެކު، މިދިޔަ އަހަރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާ ހޯދާފައިވާނެއެވެ. އަދި މި އަހަރު މިދަނީ 250 ނުވަތަ 300 މިލިއަން ރުފިޔާގެ ފައިދާއަކާ ދިމާއަކަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މި ހުރިހާ ބަދަލެއް އައިސް މަސައްކަތްތައް ފުޅާވެ ހަލުވެގެން މިދިޔައީ މުވައްޒަފުން ގަބޫލު ކުރީ އެމްޓީސީސީ އަށް ކުރިން މަސައްކަތް ކުރި ވަރަށް ވުރެ ބާރަށް މަސައްކަތް ކުރެވޭނެ ކަމާއި އެކަމަށް ބޭނުން ވަނީ މެނޭޖްމަންޓާއި ބޯޑުގެ އެހީތެރިކަމެއް ކަން. އެހެންވެ މުވައްޒަފުން އިތުރުކޮށް ވަސީލަތްތައް އިތުރު ކުރިން. ބޭނުންވާ ޓްރެއިނިންތައް ދެވުނު. މުވައްޒަފުން މަސައްކަތް ކުރާ ގޮތް ބަދަލު ކުރިން،" އާޒިމް ވިދާޅުވިއެވެ.

"އެއްވެސް ދުވަހަކީ އެ ދުވަހެއްގައި ކުރާ މަސައްކަތް ނުނިންމާ ދާ ދުވަހަކަށް ނުހަދާނެ. އެހެންވެ މަސައްކަތްތައް ހަލުވިވެ ބާރަށް ދިޔައީ."

MTCC
އާޒިމް، މަޝްރޫއެއް ހިނގާ ގޮތް ބައްލަވާލައްވަނީ.

އޭގެ ފަހުގައި، އާޒިމް މިސާލު ނެންގެވީ ލ. އަތޮޅުގެ ރަށަކަށް އުފަން މީހަކު، އޭނާގެ ގާތުގައި ބުނި ވާހަކައަކުންނެވެ. އެމީހާ ބުނި ގޮތުގައި، އޭނާ އުފަން ރަށުގެ ބަނދަރު ނިމުނީ ނުވަ އަހަރުންނެވެ. މީގެ ކުރިން ތިން ހަތަރު އަހަރުން ބަނދަރުތައް ވެސް ނިންމާފައި އެބަހުއްޓެވެ. އެކަމަކު، މިހާރު އެއީ މާޒީއެވެ.

އާޒިމް މުވައްޒަފުންނަށް ވިސްނައިދީފައި އޮތީ ކޮންމެ ކަމަކީ ވެސް ބޮޑު ކަމެއްގެ ގޮތުގައެވެ. ކުޑަކަމެއްގެ ގޮތުގައި އެކަން ބާއްވާފައި އޮތް ނަމަ، އެކަމުގެ މަސައްކަތް ދޭއް ނޫނީ ތިން ގުނަ ބޮޑުވެގެން އެކަން ހައްލު ނުވެ، ބޮއްސުންލާ ހިސާބަށް ދާނެ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

ހއ. ހޯރަފުށީ ގައި އެމްޓީސީސީ އިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސަކަތް ފެށުމުގެ ރަސްމިއްޔާތުގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.؛- ވަގުތު އިމޭޖަސް

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ބޭނުމަކީ ރައްޔިތުންނާއި ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ކޮށްދެވެން ހުރި ކަމެއް ކޮށްދިނުމެވެ. އެމްޓީސީސީގެ ވިސްނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވިސްނުންފުޅު ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި ރައީސް ވިދާޅުވެފައި އެބައޮތް ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން މަސައްކަތް ކުރާށޭ. އަދި ކައުންސިލުން އެދޭ ކަންތައްތައް އެމްޓީސީސީގެ ބަޖެޓުން ކޮށްދެވޭ ކަމަށްވާ ނަމަ އެކަމެއް ކޮށްދިނުމަށް. ރަށަކުން ފައިބާ އިރުގައި ޕްރޮޖެކްޓާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް، އެމްޓީސީސީއާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ކޮށްދީފައި، ހިތްހަމަޖެހޭ ވަރަށް ކޮށްދީފައި ފައިބައްޗޭ ރައީސް ވިދާޅުވެފައި އޮތީ،" މީގެކުރިން އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި އާޒިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން 180 އަށް ވުރެ ގިނަ ކަންކަން އެކި ރަށްރަށުގައި ހިންގިއެވެ. އޭގެ ތެރޭގައި ރަށު ތެރޭގެ މަގުތަކަށް ވެލި އަޅައި ދިނުމާއި ރުއްގަސްތައް ހުރެގެން ގޯތިތަކުގެ ލޮޓްތައް ސާފު ނުކުރެވުން ފަދަ ކަންކަން ވެސް އެމްޓީސީސީން ފުރިހަމަކޮށްދީފައިވާނެއެވެ. ކުރުކޮށް ބުނާ ނަމަ، "މަޝްރޫއުތައް ނިންމަމުން، ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް" ހައްލުކޮށްދީފައި ނޫނީ އެމްޓީސީސީން އެ ރަށަކުން ނުފައިބައެވެ.

އާޒިމް އާއި އޭނާގެ ޓީމުން މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވަނީ. --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ތަފާސް ހިސާބުތައް:

 • މި ތިން އަހަރުގެ ތެރޭގައި 64 މަޝްރޫއު ނިންމި.
 • 64 މަޝްރޫއަކީ 2018 ގެ ފަހުން އެވޯޑުކޮށް ނިންމާފައި ހުރި މަޝްރޫއުތައް.
 • ކުރީ ސަރުކާރުގައި ކުރިއަށްދިޔަ މަޝްރޫއުތަކާއެކު ޖުމްލަ 90 މަޝްރޫއެއް ނިމިއްޖެ.
 • 63 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް އެބަދޭ.

އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ގިނަ އިން ހިމެނެނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގުތައް ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމެވެ. ހަމައެކަނި ބަނދަރު ހެދުމުގެ 34 މަޝްރޫއެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، (ކ-2) ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު. --- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީން ހިންގަމުން އަންނަ މަޝްރޫއުތައް:

 • އެއާޕޯޓު އެޅުމުގެ ދެ މަޝްރޫއެއް
 • އިމާރާތް އެޅުމުގެ ތިން މަޝްރޫއެއް
 • ފުޓްބޯޅަ ދަނޑު ހެދުމުގެ އެއް މަޝްރޫއު
 • ބަނދަރުގެ ހެދުމުގެ 34 މަޝްރޫއު
 • ބިން ހިއްކުމުގެ އަށް މަޝްރޫއެއް
 • މަގުތައް ހެދުމުން ހަތް މަޝްރޫއެއް
 • ފެނާއި ނަރުދަމާ އެޅުމުގެ އެއް މަޝްރޫއު
 • ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަތް މަޝްރޫއު

އާޒިމް ވިދާޅުވީ އެމްޓީސީސީން ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދަނީ ހަމަހަމަކަމާއެކީގައެވެ. އޭގައި ކުޑަ ނުވަތަ ބޮޑު މަޝްރޫއަކަށްވީމަ، ވަކި ގޮތެއް ހެދުމަކީ އެމްޓީސީސީގެ ސިޔާސަތެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ހުރިހާ ޕްރޮޖެކްޓުތަކަށް ވެސް އީކުއަލް އިމްޕުޓް ދީގެން ކުރިއަށް ގެންދަނީ އަސްލު. އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ހުރިހާ ޕްރޮޖެކްޓެއް ވެސް ހިނގަމުން ދިއުމާއި އެއްވެސް ޕްރޮޖެކްޓެއް ލަސް ނުވެ ކުރިއަށް ދިއުން. މިގޮތަށް މިހެން މިކަން ނުކޮށްފި ނަމަ، ވާ ގޮތަކީ ވަކި ޕްރޮޖެކްޓަކަށް ފޯކަސް ކޮށްފިނަމަ އެހެން ތަންތަން ހުއްޓި ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް ކުރަމުންދާނެ. ރަށުގެ ރައްޔިތުންގެ ވެސް ހިތްހަމަނުޖެހުންތައް އަންނާނެ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ވެސް ހުރިހާ މަޝްރޫއުތަކަށް ވެސް އިސްކަން ދީގެން މަސައްކަތް ކުރިއަށް ގެންދިއުން ކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ރަސްމިއްޔާތެއްގައި. --- ވަގުތު އިމޭޖަސް

އެމްޓީސީސީ ވަރުގަދަ ކުންފުންޏަކާ ދިމާލަށް!

އާޒިމް ގަބޫލު ކުރައްވާ ގޮތުގައި އެމްޓީސީސީއަކީ ކުރިމަގު އޮތް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވޭނެ ކުންފުންޏެކެވެ. އެމްޓީސީސީ ވަރުގަދަ ވެއްޖެ ނަމަ، "ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް މި ހިއްކާ ހިއްކުންތައް" ކުރިއަށް ގެންދަން ނުޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެއް ފަހަރާ 100 ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭހާ ގާބިލްކަން އެމްޓީސީސީގައި މިހާރު ވެސް އެބަހުރި ކަމަށެވެ.

އެމްޓީސީސީގެ ވަސީލަތްތައް އިތުރުކޮށް، މުވައްޒަފުންނަކީ ގާބިލް ބަޔަކަށް ހެދުމަށް އެ ކުންފުނިން ކުރާ މަސައްކަތް ހުއްޓައެއް ނުލައެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު މަސައްކަތް ކުރަނީ ބޮޑެތި އިންފްރާސްޓްރަކްޗަ މަޝްރޫއުތައް ހިންގޭ ވަރަށް މުވައްޒަފުން ތަމްރީން ކުރުމަށެވެ. އެގޮތުން އިންޖިނިއަރިން ދާއިރާ އިން ފުންނާބު އުސް މުވައްޒަފުންތަކެއް ތަމްރީން ކުރަން ސްކޮލަޝިޕްތަކެއް އިއުލާން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް ތިން އަހަރު ދުވަސް ވަންދެން ކުރިއަށް ގެންދާނެ ކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ހުޅުދެލި ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. --- ފޮޓޯ: އެމްޓީސީސީ

"އެމްޓީސީސީ ތެރެއިން ނުލިބިއްޖެ ނަމަ ބޭރުން ނަގައިގެން އެމީހުން ތަމްރީން ކޮށްގެން ގެނެވޭނެ ގޮތެއް ވެސް ވިސްނަން. އޭރުން މިހާރުގެ ވޯކްފޯސް އަށް ވުރެ ވަރުގަދަ ވޯކްފޯސްއެއް، ގާބިލް އިންޖިނިއަރުންތަކެއް އުފެއްދޭނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ފުރަތަމަ ކަމަކަށް ގައުމު ތަރައްގީ ކުރާ ނަމަ، ބޭނުން ވަނީ ވަރުގަދަ މުވައްޒަފުންތަކެއް އުފައްދާށެވެ. އެމްޓީސީސީން މަސައްކަތް މި ކުރަނީ ސަރުކާރާ އެކީގައި އެއް އަމާޒަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިންމައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ބޮޑު ކުންފުންޏަކަށް ހެދުމެވެ. އޭގެ ސަބަބުން ރާއްޖެ އިން ބޭރުގެ ކުންފުނިތަކުން މަސައްކަތް ކުރާ އަގުގެ %50 އަގު ހެޔޮކޮށް އެމްޓީސީސީ އަށް މަސައްކަތް ކުރެވޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި މިއަދު ވަނީ މުޅިން ބަދަލުވެފައެވެ. އެ ކުންފުނީގެ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ވަރުބަލި ކަމެއް ނެތި ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރާ ތަނެވެ. ހީވާގި މުވައްޒަފުންތަކެކެވެ. ނަތީޖާއަކަށް ވެގެން ދަނީ މަގު ހެދުން ކަމަށް ވިޔަސް، ބިން ހިއްކުން ވިޔަސް އަދި ގޮނޑުދޮށް ހިމާޔަތް ކުރުން ވިޔަސް ލަސްވެގެން ނުވަތަ ފުރިހަމަ ނުވެގެން ރައްޔިތުން ޝަކުވާ ކުރާނެ ޖާގައެއް ނެތް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަޖިމް

  ޢ.ދ. މަންދޫ ބަދަރު ކޮބައިތޯ؟ ބަދަރުހަދަން ފޮނުވި ސޮރު ފިލާފި! ކަ މެއްވާކަ މަކައް ނުވެ! ޥަގުތު ނިއުސް 26 އިންވެސްޓިގެޓު ކުރަން ވީނު، ޖެހުނު އެއްޗެއް ލިޔު މުގެ ކުރިން!!!

  18
 2. ޏަވިޔަނި

  ފުވައްމުލައް މަގު ނިންމަން ބުނި ޕީރިއަޑް ހަމަވެގެން އެތައް ދުވަހެއް. ދެން އަންނަ ކުއާޓަރު ކިޔަ ކިޔާ ތިބެނީ. ރަށު އެންމެން ކިޔަނީ ފިނިހަކަ ސްޕީޑް. ލަސްވެގެން ނ.ރައީސްވެސް އެތައް ބައްދަލުވުމެއް ބާއްވާފި. މަސައްކަތް ގާބިލު ނޫން އެތައް ބަޔަކު ވަޒީފާ ދިނުމުގެ ބޭނުމުގައި ނަގާފައި. އަދިވެސް ސްޓޯން ވޯޓަރ ސިސްޓަމްގެ ހޮޅި އެޅުން އޮތީ. ހުރަހަށް ވަޅުލާ ހޮޅިވެސް ނުވެސް ފަށާ.

  17
 3. މަބޭ

  އެމްޓީސީސީ ފަސްބެލުމެއްނެތި ކުރިޔައްތިޔަދަނީ މަހާޖައްރާފާ އެނޫންވެސް ބިންހިއްކުމާ މަގުހެދުމައްބޭނުންވާސާމާނު އިރެއްގަ ހޯދިފަހުރީނަ އެހެންނޫންނަމަ ދާނީ ފަހަތައް

  26
 4. ކިޔުންތެރިޔާ

  ވަގުތު ނޫހުގެ ރާގު ހާދަ ބަަލުވެއްޖެޔޭ! ސަރުކާރަށް ސަނާކިޔުން ނޫންކަމެއް މިހާރަކު ނުކުރޭ. އެއްޗެއް ލިބެނީތަ މިހާރު؟

  33
  2
 5. ރައީސްޔާމީން

  މިމީހުން ލަދެއްވެސް ނުގަނެދޯ ވާހަކަދައްކާކައް ބަލަކަލޭމެންގެ އަނގައިންނޭ ކުރީސަރުކާރުން މަހާޖައްރާފު ގެނަސްގެން އެއީ ބޮޑުގެއްލުމެކޭ ކިޔާފަ ހަޅޭއްލެވީ މިއަދު ތިއޮތީ މަހާޖައްރާފު ރަންގަނޑަކައްވެފަ ޝުކުރިޔާ ކުރީސަރުކާރު ޝުކުރިޔާ

  23
 6. ލާމު

  ވަގުތު ވިއްކައިފި

  24
  1
 7. ޢަލީ

  މާ ކުރީގަޭ ބުނާ އިރު މުވައްޒަފުން ހަނާ ވަނީ.. ރޮޖެކްތްސް ގަ އުޅޭ މުވައްޒަފުނަށް ރަގަޅަށް ކެއުން ދެނީ އެއް ނޫން... ތިލަފުށީގެ މުވައް ޒަފުންނަށް ކާން ދެނީ ހުސް ދާލް ކަރީ.. މި ކުރީގަ އުޅޭ ކުންފުނި

  26
 8. ޑައެލޯގް

  ތިތަން ކޮޅަށްޖެހީ ރ. ޔާމީނެވެ. ތިތަނަށް ގަނެފައެއޮތީ މިސަރަހަޢްދުގައި އޮތް އެންމެބޮޑު ކޮންނަބޯޓު އެކަނިވެސް ފުދެއެވެ.

 9. ކައުންސެލަރު

  ޔާމީނު ކަލޯ އެމްޓީސީސީ ރޮކެޓް ސްޕީޑުގަ އަރައިގެންދަނީ ކީއްވެކަމެއް ނޭނގޭދޯ؟ އެއެއްޗެއް ބަނދެގެން ކަލޯމެން ދެފައި ކައިރިނުވި މަހާޖައްރާފު ގެނައިފަހުން އެމްޓީސީސީ އަރައިގެން އެދަނީ. ހަމަ އެގޮތަށް ބުރިޖް އަޅަން އުޅޭތީ ކީ ބޭކާރު ކަމެކޭ. ބޭކާރު ޚަރަދެކޭ. އެކަމަކު އެއްކަލަހެން އެބުރިޖް ފެނި ކަލޯމެންނަށް މިފަހަރު ބުރިޖް ނާޅައެއް ދެފައި ދުރުވި ކަމަކަށްނުވި. އެކަމަކު އެއެޅޭ ދުވަހެއްވެސް ނައި. ވަނީ ހަމަ އިބިލީހު ކައިވެންޏަށް. އަދި ކޮބާ ތިޔައެއްޗެއް ނުވެސް އެޅޭނެ. ކަންކަން އެނގޭ ދުރުވިސްނޭ މީހުން ވެރިކަމަށް އެރީމަޔާ ތަންދޮރުނޭނގޭ މީހުންގެ ތަފާތު މިފެންނަނީ. ކީކޭ ކަޑައޭ؟ ދެން ކަޑަވިޔަސް ކަން އޮތްގޮތްމީ

 10. ގަމާރު

  އެއީ ޔާމީން ކިބައިގަހުރި ގަޓްގެ އަސްލަކީ. ޢެއީ

 11. ބޮލި މުލައް

  ކުރިއަރާވަރު އަދި ކުޑަ. ބިޑުކުރަނީ އަމިއްލައަށް މަހާޖައްރާފުގަ ބޭރުކަނޑުން ވެލިގެނެސްގެން ރަށްރަށް ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖަހަން ވެލިނަގަނީ ހައިމާކުން އެރަށެއްގެ ގޮނޑުދޮށުން