އެއީ ހެންވޭރުކޮޅު މަގަކާ ގުޅިފައިވާ ވަރަށް ހަނި ގޯޅިގަނޑެކެވެ. ފަހަރަކު، މީހަކަށް ނޫނީ ނުވަދެވޭ ހާސްކަން ބޮޑު ގޯޅިއެކެވެ. އެކަމަކު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ޝަމްނާޒް އަލީ ސަލީމް ވަރަށް ފަރިތައެވެ. އެ ހަނި ދޭތެރެއިން ތިން ބޭފުޅުން "ދެމިގަތީ" ވަރަށް ހުޝިޔާރުވެގެން ހުންނަވައެވެ. އޭރު، އެބޭފުޅުން ވަޑައިގަންނަވަން އޮތް މަންޒިލް އޮތީ ވަރަށް ކައިރީގައެވެ.

ގޭތެރެއަށް ވަންނަން ދިޔަ އިރު، ގޭގެ ދޮރުމަތީގައި ދެ ފޫޓު އުސްކޮށް ހުރި ފިލާގަނޑެއް ޖަހާފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ކުޑަކުދިން ބޭރަށް ދިޔަ ނުދިނުމަށް އާންމުކޮށް ދޮރު ކައިރީގައި ހުންނަ ފިލާގަނޑެކެވެ. އެ ފިލާގަނޑު މަތިން އަރައިގެން ދިޔަ އިރު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެކި ބާވަތުގެ އެއްޗެހި އަޅައި ފުރިފައި އޮތް ސިޓިން ރޫމަކާއި ބަދިގެއެކެވެ. އެ ތަންކޮޅު ހުރި ގޮތުން އިތުރަށްވީ ހާހެވެ. އެ ތަނުގައި މަޑުނުކޮށް ސިޓިން ރޫމާ ދިމާލުގައި ހުރި ދޮރަކުން ކޮޓަރި ތެރެއަށް ވަތް އިރު، ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ފުރާޅަށް ވާރޭ ވެހޭ އަޑު ވަރަށް ބާރަށް ދިޔައީ އިވެމުންނެވެ. ފުރާޅު "ފޫގޮސްދާނެ" ކަމުގެ ބިރު ވެސް އޮތެވެ.

އެއަށް ވުރެ ބޮޑަށް އެ ވަގުތު ކަންބޮޑުވީ ގޭތެރޭގެ ހާލަތު އޮތް ގޮތުންނެވެ. ގޭގެ ހުރިހާ ކަމެއް ކުރަން ޖެހިފައި އޮތީ "ފޮއްޓެއް" ވަރުގެ ތަންކޮޅެއްގެ ތެރޭގައި ތިބެއެވެ.

"މިއީ ކުކުޅު ކޮއްޓެކޭ ބުންޏަސް ދޮގަކަށް ނުވާނެ، މި ހާލަތުގައި ނޫޅެވޭނެ އެއްވެސް ބަޔަކަށް،" އެ ގެ ސިފަ ކުރެއްވުމަށް ފަހު، މުއިއްޒު ވާހަކަ ކުރިއަށް ގެންދެވިއެވެ.

އެވްރެޖްކޮށް ފަސް މީހުން އުޅޭ އާއިލާއަކަށް ބަލާ ނަމަ، އެއީ އުޅެން ހެޔޮވާ ވަރުގެ ތަންކޮޅެއް ނޫނެވެ. ދެ ފަރާތުގައި ބަންކް ބެޑްތަކެއް ޖަހާފައި ހުރި އިރު، ހެލިފެލިވެ އުޅުމަށް ތަންކޮޅެއް ނެތޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އެއްޗެހި ދޮވެފައި ހިއްކަން އަޅާފައި ހުރީ ކޮޓަރީގެ އެކި ދިމާލުގައެވެ. ގޭގައި އުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުން ކައި ބޮއެ، ނިދަން ވެސް އޮތީ ހަމަ މި ތަނެވެ. މި ހަތަރު ފާރުގެ އެތެރެއިން ވެސް އިވެނީ މުޅިން ޝަކުވާއެވެ. ގޭގައި ދިރިއުޅޭ މީހުން އިންތިޒާރުގައި ތިބީ އެމީހުންނަށް މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެ ދުވަހަކަށެވެ. ނިކަމެތި ދިރިއުޅުމެއް އުޅޭ ކޮންމެ މީހެއްގެ ޝަކުވާއަކީ އެއީއެވެ.

މުއިއްޒު، ގެއަކަށް ވަޑައިގެން، އާންމުންގެ މީހަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސޯޝަލް ހައުސިން މަޝްރޫއުތަކަކީ ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަކަށްވާ އިރު، އެފަދަ މަޝްރޫއުތަކެއް ސިޓީ ކައުންސިލް ނޫނީ ކައުންސިލްތަކަށް އަދި ނުހިންގެއެވެ. އެކަމަކު، ސަރުކާރުން މަޝްރޫއެއް ހަވާލުކޮށްފި ނަމަ، އެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ކައުންސިލަށް ފަހިވެއެވެ. މާލެ ސިޓީ ކައުންސިލުން އެކަން ކުރުމުގެ ޝައުގުވެރިކަން އިންތިހާ އަށް އެބައޮތެވެ. އެކަމަކު، ސިޓީ ކައުންސިލަށް މިވަގުތު ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ ހައުސިން މަޝްރޫއުތައް ހިންގުމަށް އެދި ސަރުކާރަށް "ދެންނެވުން" އެކަންޏެވެ. މާލެ ސަރަހައްދުގައި އެކަން ކުރެވޭނެ ގޮތްތައް ސަރުކާރާ މިހާރު ވަނީ ހިއްސާ ވެސް ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލް މެމްބަރުންގެ މައިގަނޑު އެއް ވިސްނުމަކަށް ވެފައި އޮތީ ވެސް މާލޭގައި ދިރިއުޅޭ އާބާދީގެ 252،768 މީހުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ގޯއްޗާއި ފްލެޓު ދިނުމެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި 46،251 ގޭބިސީއެއް ހުރިއިރު، 76،556 މީހުންނަކީ މާލޭގެ ރަށްވެހިންނެވެ. އަދި އެހެނިހެން މީހުންގެ ގޮތުގައި 176،212 އެބަތިބިއެވެ.

މާލޭގެ ގެދޮރުގެ ހާލަތު:

  • ގެދޮރުގެ ހާލަތު ފުދޭ: 29،178 ގޭބިސީ (600 އަކަފޫޓަށް ވުރެ ބޮޑު ބިން ހުރި)
  • ގެދޮރުގެ ހާލަތު ނުފުދޭ: 17،073 ގޭބިސީ (600 އަކަފޫޓަށް ވުރެ ކުދި ބިން ހުރި)
  • އެއީ 5،122 ގޭބިސީއެއްގައި ދިރިއުޅޭ މާލޭގެ ރަށްވެހިން
  • އެއީ 11،951 ގޭބިސީއެއްގައި ދިރިއުޅޭ އެހެނިހެން މީހުން

މި ހުރިހާ އަދަދުތަކާއެކުގައި ވެސް މާލެ ސިޓީގެ ކައުންސިލަރުން މަސައްކަތް ކުރައްވަނީ އެއް ރޫހެއްގައެވެ. ސިޔާސީ ހިޔާލު ތަފާތުވުންތައް ނައްތާލައި އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. މާލެ ސިޓީ ކައުންސިލްގެ ތެރޭގައި މަސައްކަތް ކުރުމުގެ "ބުންވަރު" އެބަހުއްޓެވެ. މި ހަ މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ މަޝްވަރާ ބައްދަލުވުންތައް މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ، ވަރަށް އެކުވެރި މާހައުލެއްގައި އެންމެންނަށް ވެސް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ.

މާލޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ކަމަކަށް ހެން، އެޑްރެސް ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ.

ދަންވަރު ވެސް މަސައްކަތުގައި، 24 ގަޑިއިރު ހިދުމަތުގައި!

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނެއެވެ. މާލެ ސިޓީގައި މޭޔަރާއެކު 19 ކައުންސިލަރުން ތިއްބަވާ އިރު، ކޮންމެ ބޭފުޅަކަށް ވެސް ވަނީ މަސައްކަތްތައް ބަހާލައިފައެވެ. އެ ކައުންސިލަރުންގެ މަސައްކަތްތައް ވަނީ ގްރޫޕް ކުރެވިފައެވެ. ދުވަހުން، ދުވަހަށް ހިނގާ ކަންކަން ބަލަހައްޓަން ވެސް ކޮމިޓީތައް ހުރެއެވެ. މިއާއެކު، ވަރަށް ގިނަ ކައުންސިލަރުން އެކި ކަންކަމަށް ވަނީ މަސްއޫލު ކުރެވިފައެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --- ފޮޓޯ: ސިޓީ ކައުންސިލް

އެ ހުރިހާ ކައުންސިލަރުންގެ މަސައްކަތްތަކާ މެދުގައި ވެސް މުއިއްޒު ހިތްހަމަޖެހިވަޑައިގަންނަވައެވެ.

"ހަމަ ވަރަށް ބިޒީކޮށް އުޅުއްވަނީ. ރޭގަނޑު، ދަންވަރު ވިޔަސް މަސައްކަތުގައި އެބަ އުޅުއްވާ. އެހެންވީމަ ވަރަށް ހީވާގިކޮށް މުޅި ޓީމު މަސައްކަތް ކުރަނީ. އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެބޭފުޅުންނަށް ދަތިވާ ކަންކަން ހައްލުކޮށް ދިނުމުގައި އެބޭފުޅުންނަށް ކަންކަމުގައި ޑައިރެކްޝަން ދިނުމުގައި، ކަންކަމުގައި ފަހިކޮށްދިނުމުގައި އަދި އަޅުގަނޑު ބޭނުންވާ ގޮތް އެބޭފުޅުންނަށް ދަންނަވައި އެގޮތަށް ކަންތައް ގެންދިއުމަށް ބާރު އެޅުމާއި މި ހުރިހާ ކަމެއްގެ ތެރޭގައި ޓީމެއްގެ ގޮތުގައި އަޅުގަނޑުމެން ޓީމް ސްޕްރިޓްގައި މަސައްކަތް މި ކުރަނީ،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް:

  • މަދިރި ކޮންޓްރޯލް ކުރުމަށް 7،370 ތަނެއް ބަލައި ފާސް ކުރި.
  • މަދިރި ފެނުނު 762 ތަނަކަށް ބޭސް އަޅައި 792 ބްލޮކް ފޮގް ކުރި.
  • އިޖުތިމާއީ މަސައްކަތްތަކަށް 733 ހުއްދަ ދޫކުރި.
  • އުމްރާނީ މަސައްކަތްތަކަށް 535 ހުއްދަ ދޫކުރި.
  • އެކި މަގުތަކުން 3،852 ކާނު ސާފު ކުރި.
  • 17 މަގެއްގައި މުޅިން އަލަށް 202 ލައިޓް ހަރުކުރި.
  • 65 މަގު މަރާމާތުކޮށް، 69 ރޭމްޕު ހެދި.
  • ސައިކަލް ޕާކް ކުރަން 3،244 ޒޯން، 208 ކާރު ޒޯން ކުރަހައިދިން.

މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން މަސައްކަތް ކުރާ ގަޑީގެ ގޮތުގައި ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައި އޮތް ކަމުގައި ވިޔަސް، މާލެ ސިޓީ ކައުންސިލް ހިނގަމުން ދަނީ އެގޮތަށް ނޫން ކަމަށެވެ. އަދި ސިޓީ ކައުންސިލަކީ 24 ގަޑިއިރު ވަންދެން ހިދުމަތްދޭ ތަނެއް ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލަރުންނާއި މުވައްޒަފުންގެ ވެސް އޮތީ އެންމެ ބޭނުމެކެވެ.

އެއީ ރައްޔިތުންނަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރެއްވުމެވެ.

"ދަންވަރު 12 ޖަހާއިރު ވެސް ކުރައްވަން ޖެހޭ ކަމެއްގައި ވިއްޔާ އުޅުއްވާ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންވެފައި މިވަނީ ރައުންޑް އޯ ކޮލޮކްގައިއޭ ދެންނެވޭނީ،" މިދިޔަ ހަފްތާގައި މާލޭގެ މޭޔަރު މުއިއްޒު ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވިއެވެ.

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން.

"ހުރިހާ ކައުންސިލަރުން ވެސް އަޅުގަނޑަށް ވާނީ ހަމަހަމަ"

ކައުންސިލަރުން ސިޔާސީ ގޮތުން ކިތަންމެ ތަފާތުވި ކަމުގައި ވިޔަސް، މުއިއްޒު އެކަން މައްސަލައަކަށް ނުހައްދަވައެވެ. ކައުންސިލްގައި މުއިއްޒު މަސައްކަތް ކުރައްވަނީ ހުރިހާ ކައުންސިލަރުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިވަޑައިގަންނަވައެވެ. ހުރިހާ ކައުންސިލަރުންނަކީ ވެސް ވަރަށް ސީރިއަސް ޒިންމާތަކަކާ ހަވާލުވެވަޑައިގެން ތިއްބެވި ކައުންސިލަރުންނަށް ވާތީ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދެއްވަން ޖެހޭ ކަން މުއިއްޒު ގަބޫލު ކުރައްވައެވެ.

"އެ އިހްލާސްތެރިކަމާއި ތެދުވެރިކަން އިސް މި ކުރަނީ އަޅުގަނޑު." އެމްޑީޕީގެ ހަ ކައުންސިލަރުންނާއެކު މަސައްކަތް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

އެ އަޒުމުގައި ފުރަތަމަ ދުވަހު މަސައްކަތް ކުރުމުގެ ނަތީޖާއަކީ ކައުންސިލް ތެރޭގައި ބައިބައިވުމާއި ދެކޮޅުވެރިކަން ނެތުން ކަމަށް މޭޔަރު ވިދާޅުވިއެވެ. ކައުންސިލްގައި މުޅިން ވެސް އޮތީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ވިސްނުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލްގައި ފާސް ކުރާ ކަންކަމުގައި މިސާލަކަށް އެމްޑީޕީ ކައުންސިލަރަކު ހުށަހަޅާފާނެ ޓޭބަލް ކުރެވިފައި އޮތް މައްސަލައެއްގައި މުޅިން ދިމާ އިދިކޮޅު ހިޔާލެއް ވެސް. ކައުންސިލް ތެރޭގައި ޕީޕީއެމް އަށް ނިސްބަތްވާ މެޖޯރިޓީއެއް އޮތަސް އަޅުގަނޑުމެންގެ މަސައްކަތް ބައްޓަން ކުރާ ގޮތަކީ ދެ ހިޔާލެއް ކިހިނެއްތޯ އޮންބޯޑްކޮށްގެން އެންމެ ދޭތެރެ މެދު ނޫނީ އެންމެންނަށް އެއްބަސްވެވޭ ހައްލަކަށް އެ މައްސަލައެއްގައި އަންނާނީ. އެގޮތަށް ބަލައިގެން ގިނަ ކައުންސިލް ބައްދަލުވުންތަކުގައި ނިންމުންތައް ނިންމާފައި ހުންނާނީ. ވަރަށް މަދު ކަމެއްގައި ދިމާ އިދިކޮޅަށް ވޯޓުދޭން ނުފެންނަ ކަމަށް ނިންމައިގެން ގޮސްފައި ހުންނާނީ. ގިނައިން ހުންނާނީ ހިޔާލު އެއްގޮތްކޮށްގެން ގޮސްފައި،" ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު، ދިވެއްސަކާ ފޯނުން ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

މާލެ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް:

  • މަސް މާރުކޭޓަށް ބައެއް ބަދަލުތައް ވަނީ ގެންނަން ފަށާފައި.
  • ގަވައިދާ ހިލާފުވެގެން 463 ކަނޑު އުޅަނދުގައި ސްޓިކާ ޖެހި.
  • މާލޭގެ ބައެއް ތަންތަން ސާފުކޮށްފައިވޭ.
  • މާލޭގައި ބާވެފައި ހުރި ވެހިކަލްތައް ފުލުހުންނާ ގުޅިގެން ނަގަން ފެށި.
  • މާލެ ސިޓީ ކައުންސިލުން މިސްކިތްތައް ސާފުކޮށް، ކޮންމެ ދުވަހަކު ބަލަހައްޓާ.
  • މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވަނީ ފަށާފައި.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ސިޓީ ކައުންސިލްގައި ތިއްބަވާ ބައެއް ކައުންސިލަރުން ސިޔާސީ ގޮތުންނާއި ސިޔާސަތާ ގުޅޭގޮތުން ދެބަސްވި ކަމުގައި ވިޔަސް ކުރަން އުޅޭ ކަމަކާ ގޮތަކުން ދެބަސްވުމެއް ނެތް ކަމަށެވެ. ހިޔާލު ތަފާތުވުންތައް ހުރި ކަމުގައި ވިޔަސް، މަސައްކަތް ކުރުމުގެ ފަންވަރާއި ހިތްވަރު ސިޓީ ކައުންސިލް ތެރޭގައި ދެއްކެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސައިފް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ މުހައްމަދު ސައިފް ފާތިހް: ވަގުތު އިމޭޖެސް:އަހްމަދް އަލީ

"އަޅުގަނޑުމެންނަކީ ދެ ފިކުރަކުން އައިސް ތިބި ބައެއް. ނަމަވެސް އެންމެން ވެސް ކުރަން މިއުޅެނީ އެއް ކަމެއް. އެއީ ރައްޔިތުންނަށް ރަށްވެހިކަމުގެ ހިދުމަތް ދިނުން. އެހެންވީމަ އެ މަސައްކަތުގައި އަޅުގަނޑުމެންނަށް އެއްބަސްވެވޭ އެއްބަސްވުމަކާ ހަމައަށް އައިސްގެން ނުކުމެ އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރެވޭތޯ ބަލަނީ." ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، މަސައްކަތްތައް "ޑެޑްލޮކް" އަކަށް ގޮސްފައި ނުވާ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ ކައުންސިލާ ހަވާލުވި އިރު، ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރި ކަމަށެވެ. އެކަންކުރަން ބަލާ އިރު، ބަޖެޓުގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން ގޮންޖެހުންތަކާ ދިމާވި ކަމަށް ވެސް އައިފާން ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރ އަހުމަދު އައިފާން: ވަގުތު އިމޭޖެސް:- އަހްމަދް އަލީ

"އަޅުގަނޑުމެންގެ ސެކްޝަންތަކުގައި އެބަތިބި އެއް މުވައްޒަފަކު، ހަ މަސައްކަތް، ނުވަތަ އެއަށް ވުރެ ގިނަ މަސައްކަތް ވެސް ކުރާ މުވައްޒަފުން،" އައިފާން ވިދާޅުވިއެވެ.

ކައުންސިލަރުންގެ ގޮތުގައި ދެ ފިކުރުގެ ބޭފުޅުން ތިއްބެވި އިރު، ކައުންސިލުން މަސައްކަތް ކުރަނީ އެ ދެ ހިޔާލު ވެސް އެއްގޮތްކޮށްގެން ކަންކަން ނިންމުމަށް ކަމަށް އައިފާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް އަވަހަށް ދިނުމެވެ.

މުއިއްޒުގެ ވާހަކަ އިން ބައެއް މުހިންމު ނުކުތާތައް:

  • ވެހިކަލް ގިނަ މާލެ ސިޓީގައި ޕާކް ކުރާނެ އިތުރު ޖާގަތަކެއް އުފެއްދުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ރޭމްޕުތަކެއް ހެދުން.
  • މަގުތައް ވަރަށް ފުޅާކޮށްގެން މަގު ހަދަން ފެށުން.
  • މާލެ ސިޓީ ސިޓީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފެށުން.
  • ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން.

އަންނަ އަހަރު ރާވާފައި ހުރި ބައެއް ކަންކަން:

  • މާލެ ފެހި ކުރުމަށް އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުން.
  • މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމުން.
  • ޕްލާސްޓިކް މަދު ކުރުމުގެ މަސައްކަތް އިނިޝިއަލް ސްޓޭޖްގައި ފެށިފައި.
  • ފަޅުތެރެ އެއްކޮށް ބަލަހައްޓައި ސާފު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ.
  • ޑިޖިޓަލް މާލެއަކަށް ހެދުމުގެ މަސައްކަތް ފަށަން ނިންމުން.
  • މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެއް އިމާރާތަކަށް ބަދަލު ކުރަން ފެށުން.
  • މިސްކިތްތަކާއި ޕާކްތައް މަރާމާތު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން.

މާލޭގެ ހާސްކަން ކުޑަކޮށްލަން އެތައް ޕްލޭނެއް!

މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގައި ފުރަތަމަ ފަހަރަށް ކުރަން ރާވާފައިވާ ކަންކަމާއެކު ލޭން ޔޫސް ޕްލޭނެއް ވެސް އެކުލަވާލައިފައެވެ. މި ޕްލޭންގައި އެންމެ ބޮޑު ބަދަލަކަށް އަންނާނީ މާލޭގެ ޕޯޓު ސަރަހައްދެވެ. އެ ސަރަހައްދު ބަދަލުކޮށްލާނީ އެންޓަޓައިންމެންްޓް ހަބަކަށެވެ. އެއާއެކު ޔޮޓް މެރީނާއަކާ އެކު ކްރޫޒް ޓާމިނަލެއް އޮންނާނެއެވެ. އެތަނާ ޖެހިގެން މާލޭގެ ހުޅަނގަށް އާބަން ޑެވެލޮޕްމެންޓް ޕްލޭނެއްގެ ދަށުން 1،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 25 ބުރީގެ 5 ޓަވަރު އެޅުމަށް ވަނީ ނިންމައިފައެވެ.

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން.

އަދި 1،500 އެއްހާ މީހުންގެ ޖާގައިގެ މިސްކިތަކާއި ހޭންޑް ބޯލް، ޓެނިސް އަދި ފުޓްސަލް ފަދަ ކުޅިވަރު ކޯޓުތައް ވެސް އެ ސަރަހައްދުގައި އެޅުމަށް ރާވާފައިވެއެވެ. ޕްލޭނުގައިވާ ގޮތުން ނަމަ އެ ރެސިޑެންޝަލް ސަރަހައްދުން ފެށިގެން މާލޭގެ މަސް މާރުކޭޓް ސަރަހައްދާއި ހިސާބަށް ބޮޑުތަކުރުފާނު މަގުން ޖާގަ ދޭން ހަމަޖެހިފައިވަނީ 15 ބުރީގެ އޮފީސް އިމާރާތްތަކާއި ހައި އެންޑް އެޕާޓްމެންޓްގެ އިތުރުން ބުޓީކް ފިހާރަތަކަށެވެ.

މަސް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް އިމާރާތަކަށް ބަދަލު ކުރާއިރު ކޮންމެ އަވަށެއްގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެއެވެ.އެއީ އަންހެނުންގެ އުފެއްދުންތައް ވިއްކުމާއި ޖަމިއްޔާތަކުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމެވެ. މި ތަންތަން ދަރިވަރުންނަށް ވެސް ބޭނުން ކުރެވޭނެއެވެ.

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން.

މީގެއިތުރުން މަލްޓިޕްލެކްސް ސިނަމާ، ބޯލިންގް އެލީ، އައިސް ސްކޭޓިން ރިންކެއްގެ އިތުރުން އޯޕަން އެއާ ސްޓޭޖަކާއި، ބިލިއާޑް އަދި ކެރަމް ފަދަ ކުޅިވަރުތަކަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޅިވަރުތައް ކުޅެވޭނެ ތަންތަން ހަދާނެއެވެ. ދަރުބާރުގޭގެ އިރުން އޮތް ސަރަހައްދު ހާއްސަކުރަނީ ސްޓްރީޓް ފުޑް މާކެޓަކަށެވެ. އުސްފަސްގަނޑުގައި ޖިމަކާ އެކު ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. ސިނަމާލެ ފްލެޓް ސަރަހައްދު ވެސް ތަރައްގީކުރުމަށް ލޭންޑްޔޫސް ޕްލޭނުގައި ހިމަނާފައިވާއިރު އެ ސަރަހައްދުގައި 360 އާއިލާއަށް ބޯހިޔާވަހިކަން ލިބޭނެފަދަ ގޮތެއް ރާވާފައިވެއެވެ.

ބޮޑުތަކުރުފާނު މަގުން ފަތާ ޓްރެކް ސަރަހައްދު ކައިރީގައި މާލެ ސިޓީ ހޯލް އަދި މުނިސިޕަލް ހިދުމަތްތަކާއި ފިހާރަތައް ހިމެނޭ ގޮތަށް ވެސް ބޮޑު ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުވާ ޓްރެކް އެކުވެނި ކުރިމައްޗަށް އުތުރަށް އޮންނަ ބްލޮކުގައި ވެސް 160 އާއިލާއަށް ދިރިއުޅެވޭނެ ގޮތަށް ރެސިޑެންޝަލް އިމާރާތަކާއި ޕާކިން ސަރަހައްދުތަކެއް ގާއިމުކުރަން ވަނީ ޕްލޭންގައި ހިމަނައިފައެވެ.މާފަންނުގެ ޓާފް ސްޓޭޑިއަމްތަކާއި ޖެހިގެން 675 އާއިލާއަށް ރެސިޑެންޝަލް އިމާރާތެއް އަޅަން ޕްލޭންގައިވެއެވެ.

މާލެ "ޑިޖިޓަލް" ކުރުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް!

އަންނަ އަހަރު މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަމަކީ މާލެ ސިޓީ، ޑިޖިޓަލް މާލެއަކަށް ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން މަގުތަކާއި އާންމު މައިދާންތަކާއި ޕާކްތައް ފަދަ އާންމުން ބޭނުން ކުރާ ހުރިހާ ސަރަހައްދަކީ ވަކި ލިމިޓަކާ ހަމައަށް ފްރީ ވައިފައި ލިބޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އޭގެ ވަރަށް ގިނަ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އޭގެ އިތުރަށް ސީސީޓީވީ ކަވަރޭޖް ނެޓްވޯކެއް ގާއިމު ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. މިހާރު އިއުލާންކޮށްފައި އެ އޮތީ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

މުއިއްޒު ވިދާޅުވީ ފުރަތަމަ ފޭސްގެ ދަށުން ހުރިހާ މިސްކިތްތަކެއްގެ އެތެރެ އާއި ބޭރާއި ވަށައިގެންވާ ސަރަހައްދު ކެމެރާ އިން ކަވަރު ކުރާނެ ކަމަށެވެ. ދެވަނަ ފޭސްގެ ދަށުން ބާކީ ހުރި ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިޖިޓަލް ބޯޑުތައް ހަރުކޮށް ޑިޖިޓަލައިޒް ކުރެވި، މާލެއަކީ މޮޑާން، ފެހި، ހިތްފަސޭހަ ސިޓީއަކަށް ހެދުމަކީ ބޮޑު ކަމަކަށް ހިނގާނެ މި އަންނަ އަހަރު،" މާލެ ސިޓީއާ މެދުގައި ގެންގުޅުއްވާ ތަސައްވަރު ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.

ގޯތި، ފްލެޓު، ގޯތި، މި ނޫން އަޑެއް ނީވޭ!

މާލޭގެ މޭޔަރު މުއިއްޒު އާއި ކައުންސިލަރުން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ އިރު، ރައްޔިތުންގެ މައިގަނޑު ޝަކުވާއަކީ ގޯތި ނޫނީ ފްލެޓެއް ނުލިބޭ ކަމުގެ ޝަކުވާއެވެ. މާލޭގައި ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި އުޅެން ފަސޭހަ ނޫން ވާހަކައެވެ. މި ނޫން ގޮތެއް ބޭނުންވާ ވާހަކައެވެ.

އެކަމަކު، ކުރިން ވެސް ފާހަގަ ކުރި ގޮތަށް މާލެ ސިޓީ ކައުންސިލަށް މިކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް އަދި ނެތެވެ.

މުއިއްޒު ވިދާޅުވީ ގޯތިގެދޮރު ނުލިބުން ފަދަ ބޮޑެތި މައްސަލަތަކަކީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. އެކަންކަމުގައި ސިޓީ ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ތަކުލީފެއްވާ ގޮތަށް ބައްޓަންކޮށްފައި ހުރި ސިޔާސަތުތައް ކަމަށްވާ ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލި އަގު ބޮޑުވުމާއި ތަން ނުނިންމައި ދޭން ނިންމި މައްސަލަ އާއި ނިންމަންދޭ މުއްދަތު ކުރުވުމުގެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނެވި ކަމަށް ވިދާޅުވިއެވެ. އެކަމަކު މިހާތަނަށް އައިއިރު އެއްވެސް އިޖާބައެއް ނުދެއްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ގުޅީފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހި ރައްޔިތުންނަށް އަތްފޯރާ ހިސާބުގައި ގޯތިގެދޮރު ލިބޭނެ ގޮތް ހަދައި ދިނުމަށް ވެސް ރަސްމީކޮށް އެދުނު ނަމަވެސް އެކަމަށް އިޖާބަ ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ބޮޑެތި ކަންކަމުގައި ކުރިއެރުންތަކެއް ނުލިބެނީ ސަރުކާރުން ނިންމަން ޖެހޭ ކަންކަން އޭގަ ހުރީމަ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު، މީހަކާ ސަލާމް ކުރައްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

މިކަމުގައި މުއިއްޒު ގޮތްދޫ ނުކުރައްވަވައެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރު ތެރެއިން ވާނެ ކަމަށް އޭނާ އަދިވެސް އުންމީދު ކުރައްވައެވެ.

މުއިއްޒުގެ ވިސްނުމަކީ ކ. ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް އެޅުމުގެ ބަދަލުގައި އެތަނުން ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމެވެ. އެކަމަކު، ސަރުކާރުގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. ސަރުކާރުގެ ވިސްނުމަކީ ގުޅީފަޅު ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މުއިއްޒު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ކ. ގުޅީފަޅަށް ބަދަލުކޮށްފައި ވެސް، އެ ތަނުން މާލޭގެ މީހުންނަށް ގޯއްޗާއި ފްލެޓު ދެވޭނެ ބިން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި މަދުވެގެން 30،000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ކަމުގެ ޔަގީން ވެސް ސަރުކާރަށް ދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގެދޮރަކީ އެންމެ ބޮޑު މައްސަލަ މާލޭގައި. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް އަންނާނީ ގުޅީފަޅު އެއްކޮށް ހިއްކާފައި އެތަނަކީ ހައުސިން އަށް ހާއްސަ ކުރެވޭ ތަނަކަށް ހަދައިގެން ޕޯޓެއް އަޅާ ނަމަ ޕޯޓު އަޅާފައި ވިޔަސް އެ މަސައްކަތް ކުރެވޭ ގޮތަށް އެ ތަން އޮތީ ޖާގައިގެ ގޮތުން. އެހެންވީމަ އެއީ ސަރުކާރަށް ހުރަހެއް އޮތް ކަމެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ޕްރެކްޓިކަލީ އެކަން ކުރެވޭނެ ގޮތެއް." ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައި ދިނުމަށް ވަކާލާތު ކުރުން ހުއްޓާނުލައްވާނެ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

"މުއްސަނދިންނަށް ބިން ދީފައި ވެސް ނިކަމެތިންނަށް ގޯތި ދެވޭނެ"

މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިމެއް ހިއްކާފައި މިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. އެ ތަނުން ފައިސާ ހޯދަން އަގުބޮޑުކޮށް ބިން ވިއްކަން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެއީ ނިސްބަތުން ބޮޑު އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަން ކަނޑައަޅުއްވާފައި ދެން އެ ޕްލޭންގައި ހުންނާނެ ބީޗް ފްރަންޓުގައި ވިއްކާ ޖާގަތަކެއް. އެ ޖާގަތައް ބޮޑު އަގުގައި ވިއްކިޔަސް، ބޮޑު ޖާގައަކީ މާލެ ރައްޔިތުންނަށް ސޯޝަލް ހައުސިން އަށްދޭ ބިންތަކަކަށް ނޫނީ ގޯތި ގެދޮރު ދިނުމަށް ކަނޑައަޅާ ތަންތަނަށް ވާން ޖެހޭ. އެއީ އެތަނުގެ މަގްސަދަކީ. އެކަންނުކޮށް ހުރިހާ ބިމެއް އަގުބޮޑުކޮށް ވިއްކާލީމަ މުއްސަނދިންނަށް އެކަނި ނޫންތޯ ލިބެނީ؟ އާންމު ރައްޔިތުން ތިބެން ޖެހެނީ މަގުމަތިވެފައި" މުއިއްޒު ވިދާޅުވިއެވެ.

އެހެންވީމަ އެކަމަށް މަސައްކަތް ކުރާނަން، އަދި ގުޅީފަޅުގެ ޕްލޭން ބަދަލު ކުރުމަށް މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް މި ފެންނަނީ، މީގެކުރިން ފެނުނު ކައުންސިލްތަކާ ހިލާފަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މަންޒަރެވެ. އޮތީ ހަމަ އެންމެ ބޭނުމެކެވެ.އެއީ ރައްޔިތުންގެ ހުރި ޝަކުވާތަކަށް ނިމުމެއް ގެނައުމެވެ. މާލެ ސިޓީ ކައުންސިލް މެމްބަރުން ޓީމެއްގެ ގޮތުގައި ސަފުތައް އޮތީ "ރުކުރުވާލާފައި"އެވެ. ރައްޔިތުން އިންތިޒާރުކޮށްގެން ތިބީ ނަތީޖާއަށެވެ. ސިޓީ ކައުންސިލާ މެދުގައި ރައްޔިތުންގެ އިތުބާރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ސަޅި މުއިއްޒުއާއި ޓީމަށް ސާބަސް

    33
    5
  2. ހުޅުވާލާ

    މާލޭ ދަފްތަރު ބަންދުކުރުން އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރާއްޖެތެރޭ ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލުން ދިން އަނިޔާއެކޭ އެއީ ވަރަށް ބޭއިންސާފުން މާލެ ސިޓީ ކައުންސިލުން ކުރި ކަމެކޭ މާލެ ސިޓީ ކައުންސިލަށް ޕީޕީއެމް މެމްބަރުން އަދި މުއިއްޒު ވެސް ހޮވީ އެއީ މާލޭ ދަފްތަރު އެތައް ހާސް ބަޔަކު ވޯޓް ދީގެންނޭ އެކަމަކު މާލެ ސިޓީ ކައުންސިލާއި ހަވާލުވިތާ 24 ގަޑިއިރު ތެރޭގައި މާލެ ސިޓީ ކައުންސިލުން މާލޭ ދަފްތަރު ބަންދު ކުރުން އެއީ ވޯޓް ދިން ރައްޔިތުންގެ ކަންފަތް މައްޗަށް އަތް ދޮވުލޭ މިހާރުން މިހާރަށް މާލޭ ދަފްތަރު ހުޅުވާލާށޭ އަދި ދަފްތަރު ގައި ފަސޭހައިން ޖެހޭނެ ގޮތް ވެސް ހަދާށޭ އެއިރުން ހިޔާ ފްލެޓްސް ތަކަށް ބަދަލުވާ 35 ހާސް މީހުން ދަފްތަރުގައި ޖެހުމުން އޭގެ ފައިދާ ވާނީ ސިޔާސީ ގޮތުން ވެސް ޕީޕީއެމް އަށް ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ކުރިން އޮތް ގޮތަށް މާލޭ ދަފްތަރު ހުޅުވާލާށޭ...

    6
    14
  3. ކައުންސެލަރު

    ޔާމީނު ކަލެއަށް ހީވޭތަ މޑޕ ގެ މެޖޯރިޓީ އަދި މޭޔަރަކު ހުރިނަމަ ތިކަން ތިހެން ދާނެހެން؟
    ކުރީގެ މޭޔަރު ކަމަކީ ހަމަ ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ޔާމީނޭ އެހެން އެއްޗެކޭ ކިޔާފައި ކަރުން ނާރުނަގާފައި....
    މޮޅެތިހާ ވާހަކަ ދައްކާ މެނިފެސްޓޯ ހަދަނީ ރައްޔިތުން ވާވައްދަން. ވާކަމެއް ހަރާން.
    އެކަމަކު މިފެންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މިސާލު. ރައްޔިތުން ދެކެ ހަގީގީ ލޯބިވާ މީހުންނާ ކަޑަޖަހާ ހުވަފެން ދައްކާ މީހުންގެ ތަފާތު. ގެޓް؟

    10
    3
    • Anonymous

      ޖެއްސުންކުރަންވެސް ތިހެން ޕްލޭންތައް ހަދާ ރާވާނެ މިވެރިކަމުގައި....
      7 އަހަރު ކަންކަންނުފެނުނު މީހަކަށް ތިކަންވާނެބާ

      1
      4
  4. އާދަމް

    މިމީހުންނަށް ހިޔާ ފުލެޓު މުއިއްޒު ނުދިނީ ކީއްވެ؟

    3
    2