"އަޅުގަނޑު ކުރިމަތީގައި އެ މަންޖެ އުޅެ ބޮޑުވީ، އެވަރުގެ ދީންވެރި ކުއްޖަކު އަޅުގަނޑަކަށް ނުލިބޭނެ، އެއީ ވަރަށް ރަނގަޅު ކުއްޖެއް،" މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި އައިޝަތު ޝިފާގެ ފިރިމީހާ މުހައްމަދު ޝާހިދު، އޭނާގެ އަނބިމީހާ ޝިފާ ސިފަ ކޮށްދެމުން ފުރަތަމަ ވެސް ބުނީ މިހެންނެވެ.

ޝިފާ ނިޔާވީ، އޭނާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިހުރިކަން އިނގުނުތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. މީގެ 8 އަހަރު ކުރިން ޝިފާއާއި ކައިވެނި ކުރިންސުރެެ ވެސް ބޮލުގައި ރިއްސާތީ އުޅޭ ކަމަށް ޝާހިދު ކިޔައިދިނެވެ. އެކަަމަކު، ޓިއުމަރެއް ހުރިކަން ދެނެގަނެވުނީ އެމަޖެންސީކޮށް އައިޖީއެމްއެޗްއަށް ދެއްކުމުންނެވެ. ޝާހިދުއާއި ޝިފާގެ މި ގޮންޖެހުން ބޮޑު ދިރިއުޅުމުގެ ވާހަކަ ކިޔައިދިނެވެ.

ބޮލުގައި ރިއްސުމަކީ ޝިފާއަށް އާދައިގެ ކަމެކެވެ. ޑޮކްޓަރަށް ދައްކަން ދާކަށް ފުރަތަމަ ދުވަސްކޮޅު ނޫޅެއެވެ. މާ ބޮޑަށް ބޮލުގައި ރިއްސަން ފެށުމުން ކާލަނީ ޕެނަޑޯލް ބޭސް ގުޅައެކެވެ. ބޭސް ގުޅަައެއް ކާލައިގެން ލުއި ވީމައި ބޮލުގައި ރިއްސާތީ އުޅުނު ކަން ޝިފާ ހަނދާން ވެސް ނުހުންނަ ކަހަލައެވެ. އެއީ ދެން ބޮލުގައި ރިހުން ރަނގަޅުވީ ކަމަށް ހީކޮށްގެން ހުރެވެނީއެވެ. ބޮޑު ސިއްހީ މައްސަލައެއް ދިމާވެފައި ހުރެދާނެ ކަމަށް ހިޔާލަށް ވެސް ނާދެއެވެ.

އެއީ މީގެ ދެ އަހަރު ކުރިއެވެ. މާ ބޮޑަށް ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ވެސް ދެއްކީއެވެ. ސިޓީ ސްކޭން ވެސް ހެދީއެވެ. އޭގެ ރިޕޯޓްގައިވާ މާ ބޮޑު ތަފްސީލެއް ވެސް ދެމަފިރިންނަށް ނޭނގެއެވެ. އެއާ ގުޅިގެން ސިއްޚީ ހާލަތުގެ މަޝްވަރާ ކުރަން ސިޓީ ސްކޭން ޑޮކްޓަރަށް ދައްކަން ވެގެން ރާވާފައި އޮތް ނަމަވެސް، ކޮވިޑް-19 ގެ ހާލަތު ކުރިމަތިވެ ދަތުރުފަތުރު ހުއްޓިގެން ގޮސް އެ ޑޮކްޓަރަކަށް ދެއްކޭ ގޮތް ނުވީއެވެ.

"އަޅުގަނޑުމެން ޕްލޭން ކޮށްގެން ހުރީ ސީޓީސްކޭން ރިޕޯޓު ދައްކަން މާލެ ދާން. އެކަމަކު ކަންދިމާކުރި ގޮތުން ކޮވިޑް އައުމާއި ގުޅިގެން ދައްކަން ނާދެވުނީމަ، އަނެއްކާވެސް "ބެކް ޓު ނޯމަލް" އަށް ދިޔައީ،" ކ. ހުރާގައި ދިރިއުޅެމުން ދިޔަ ދެމަފިރިންގެ ހާލަތު ދިމާވަމުން އައި ގޮތް ޝާހިދު ކިޔައިދިނެވެ.

ދެ އަހަރު ފަހުން މާލެ ކްލިނަކަކަށް ދެއްކުން

ޝިފާގެ ބޮލުގައި ރިއްސުމަކަށް އެއްވެސް ބަދަލެއް ނައެވެ. ފަހުން ފަހުން ހާލަތު މާ ބޮޑަށް ވެސް ގޯސްވީއެވެ. އެހެން އުޅެން ފެށީމައި މީގެ ހަފްތާއެއް ކުރިން މާލެ އައިސް ޑޮކްޓަރަށް ދެއްކިއެވެ. އީވް ކްލިނިކްއިން ޑޮކްޓަރަށް ދެއްކުމުން، އެ ޑޮކްޓަރ ބުނީ ބޮލުގައި ރިއްސަނީ ކަންފަތުގައި އިންފެކްޝަން އުފެދިފައި ހުރުމުގެ ސަބަބުން ކަމަށެވެ. އެކަމަށް ޑޮކްޓަރ ދިނީ ކަންފަތައް އަޅާނެ ބޭހެކެވެ.

ކްލިނިކްއިން ޑޮކްޓަރަށް ދައްކުމަށްފަހު އެނބުރި ރަށަށް ދިޔައީ ޝިފާގެ ބޮލުގައި ރިހުމަށް ފަރުވާއެއް ލިބުނީ ކަމަށް އުންމީދު ކޮށްގެންނެވެ. ބަރާބަރަށް ބޭސް އަޅާތާ ދެ ދުވަސް ފަހުން ލުއި ވީހެން ވެސް ޝިފާއަށް ހީވިއެވެ. ނަމަވެސް، އޭގެ ދެ ދުވަހެއް ފަހުން އަނެއްކާ ބޮލުގައި ރިއްސަން ފެށީ، ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

"އުމްރާއަށް ދާން ފައިސާ ދައްކާ ހަދާފައި އޮތީ، އެހެންވެ އެކޮޅަށް ގޮސް ވަރަށް ހިނގަން ޖެހޭނެތީ އަންހެނުން ވެސް ބަލިވެ އުޅެމުން ވެސް ދައްތަމެންނާ އެކީ މިކޮޅުގައި ހިނގާލަން ނުކުތީ، ދެން ރަށް ވަށައި ހިނގާލަން ގޮސް އައި ތަނުން ޝިފާގެ ހާލު ދެރަވާން ފެށީ، ހިނގާލަން ގޮސް އައިސް ދިޔައީ ދައްތަމެން ގެޔަށް. އެގެޔަށް ގޮސްވެސް ވަރުބަލިވާތީ ސޯފާގައި އޮތީއޭ ބުނީ،" އަނބިމީހާގެ ހާލަތު ގޯސްވަމުން އައިގޮތް ޝާހިދު ކިޔައިދިނެވެ.

ޝާހިދު ބުނީ އެ ރޭ ޝިފާ ދަރިފުޅު ގޮވައިގެން ގެޔަށް ވެސް ދިޔައީ ހިނގާފައި ކަމަށެވެ. އެރޭ ގެޔަށް ދިޔަ ގޮތަށް ވެސް އުޅުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އެހެންވެ، ޑޮކްޓަރަށް ދައްކަން ދާން އޭނާ ކައިރި ޝާހިދު އެދުމުން ވެސް ބުނީ، އާންމުކޮށް ވެސް ބޮލުގައި ރިއްސާ ގޮތަށް ރިއްސަން ފެށީ ކަމަށެވެ. އަދި އެދުނީ ޕެނަޑޯލް ގެނެސްދިނުމަށެވެ.

ހާލަތު ދެން ވެސް އިތުރަށް ގޯސްވަމުން ދިއުން

ޝިފާގެ ބޮލުގައި ރިހުމަކަށް ލުޔެއްް ނުލިބުނެވެ. މި އާދަވެފައިވާ ދިރިއުޅުމުގައި ދިމާވި ރެއެކެވެ. ހާލަތު އަދި މާ ބޮޑަށް ގޯހެވެ. އަންހެނުން ބޮލުގައި ރިއްސާތީ ބޯ މޮޑެދޭން ޖައްސާލާފައި އޮއްވައި ޝާހިދަށް ނިދިއްޖެއެވެ. ދަންވަރު ހޭލެވުނުއިރު، ޝިފާއަށް ހޮޑުލެވިފައި ހުއްޓެވެ. ހަމައަކަށް އަޅުވާފައި، އަނެއްކާ ހޭލިއިރު ވެސް ކަމަކު ދާކަށް ނެތެވެ. ފަތިހުގެ އެ ވަގުތު ވެސް ޝިފާ ހަމަ ހޮޑުލަނީއެވެ.

"އޭރު ވަރަށް ބޮޑަށް މީހާ ބަލިވެފައި އިނީ. ވަރަށް އާދޭސް ކުރިން ޑޮކްޓަރަށް ދައްކަން ދާން. އެކަމަކު ހަރަކާތްތައް ހުރީ ނިދަން ބޭނުންވެފައި ހުރި ކަހަލަ ގޮތަކަށް. ރޭގަނޑު ނުނިދާ ހުރީމައި ނިދަން ބޭނުންވީ ކަމަށް ބަލާފައި އަރާމު ކުރަން ބޭއްވީ،" ޝާހިދު ބުންޏެވެ.

އެ ދުވަހު ދެން ދިޔައީ ހުރާގައި ހުރި ސިއްޚީ މަރުކަޒަށެވެ. ޑޮކްޓަރަށް ދެއްކުމުން އެ މީހުން ބެލީ އޭގެ ކުރީ ދުވަހު ނުކައި ހުރުމުން ޝިފާ ގައިން ވަރު ދެރަވީ ކަމަށް ޝާހިދު ބުންޏެވެ. ހުކުރު ދުވަހުގެ މެންދުރެއްހާއިރު ޑޮކްޓަރު އެތަނުން ދިއުމުގެ ކުރިން، އެންމެ ފަހު ބަލައިލުމަކަށް ޝިފާގެ ލޯ ހުޅުވާލައި ބަލާލިއިރު އޭނާ އޮތީ ހުއްޓިފައެވެ.

"އެގަޑީގައި އަންހެނުންގެ ހިތް އެއްކޮށް ހުއްޓުނީ ކަމަށް ޑޮކްޓަރުން ބުނީ،" ޝާހިދު ބުންޏެވެ.

އެމަޖެންސީގައި މާލެއަށް، ނަތީޖާއިން ކުއްލި ސިހުމެއް

ރަށު ސިއްޚީ މަރުކަޒުގައި ޚިދުމަތް ދެނިކޮށް ޝިފާގެ ހާލަތު ގޯސްވުމުން ކުއްލި ހާލަތުގައި މާލެ ގެނެސްފިއެވެ. މާލެ ގެނައީ ވެސް ސީޕީއާރު ދީގެނެވެ. އަނެއްކާ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ވެސް ހާލު ދެރަވެގެން ސީޕީއާރު ދޭން ޖެހުނީއެވެ.

"ދެން ސީޓީ ސްކޭން ހެދިއިރު އިނގުނީ ސިކުނޑި ހުރީ އެއްކޮށް ދުޅަވެފައިކަން،" ލިބުނު ހިތާމަވެރި ކުއްލި ޚަބަރު ލިބުނު ގޮތް ޝާޙިދު ބުންޏެވެ.

ޝިފާގެ ސިއްހީ ހާލަތު ދެނެގަނެވުނީ ހާލަތު އެންމެ ގޯސްވީ ވަގުުތުއެވެ. އައިޖީއެމްއެޗް އިން ހެދި ސީޓީސްކޭންގެ ނަތީޖާއިން ލިބުނީ ހިތްދަތި ހަބަރެކެވެ. އެ ސްކޭން ރިޕޯޓުން ދެއްކީ ޝިފާގެ ސިކުނޑި މުޅިން ދުޅަވެފައިވާ ކަމެވެ. ޓިއުމަރެއް އިނީ ސިކުނޑީގެ އެންމެ މުހިއްމު ހިސާބުގައެވެ.

ޑޮކްޓަރުން ބުނި ގޮތުން، އެ ޓިއުމަރު އުފެދިފައިވަނީ މައިބަދަ ކައިރި ނާރުތަކަކަށް ދަތުރުކުރާ ހިސާބުގައެވެ. އަދި މުޅި ސިކުނޑި ދުޅަވެފައި އޮތުމުން ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ޑޮކްޓަރުން ބުންޏެވެ.

ޝިފާ އޮތީ އައީސީޔޫގައެވެ. ޝިފާ ކައިރިޔަށް ވަދެވެނީ ފިރިމީހާއަށް އެކަންޏެވެ. ހާލު ދެރަވަމުން ދިޔައިރު، އެ ކަންތައް ވެސް މަޑުމަޑުން ފެއިލް ވަމުން ދިޔަކަމަށް ޑޮކްޓަރުން ބުނަމުން ދިޔައެވެ.

އެންމެ ފަހު ފަހަރަށް ވެސް ޝިފާއަށް ޝަހާދަތް ކިޔައިދިން

"އެރޭ ވެސް އަޅުގަނޑު ވަނިން. އޭރުވެސް ހާޓް ބީޓް ހަމަ ނޯމަލް. ދެން ކައިރިޔަށް ހުއްޓި ޝަހާދަތް ކިޔައިދެމުން ދިޔައީ. އަޅުގަނޑަކަށް ނޭންގޭ ކިތައް ފަހަރުކަމެއް ވެސް ކިޔައިދިނީ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ކިޔައިދެމުން ދިޔައިން. ދެން އިރުކޮޅަކުން އަނހެނުންގެ ހާޓް ބީޓްް ދަށްވާން ފެށީ،"

ހާލަތު ގޯސްވާން ފެށުމުން އެތަނުން ބޭރަށް ދިއުމަށް ޝާހިދަށް އެންގިއެވެ. އަނެއްކާ އިރުކޮޅެއް ފަހުން އެތެރެއަށް ވަނުމުގެ ހުއްދަ ޑޮކްޓަރ ދިނެވެ.

"ދެން ގޮސް އެންމެ 3 ފަހަރު ޝަހާތް ކިޔައިދިނުމުގެ ގޮތުން ލަސް ލަހުން ޝަހާދަތް ކިޔައިދިނިން" އަންހެނުންގެ ކައިރީގައި ހުރެވުނު ފަހު ވަގުތުކޮޅު ޝާހިދު ކިޔައިދިނިއެވެ. ހުރާއިން ފުރައިގެން ޝިފާ މާލެ ގެންދިޔަ ލޯންޗް މަތީގައި ވެސް ޝަހާދަތް ކިޔެވެ.

އަންހެނުންނަށް ޝަހާދަތް ލައިދިނުމަށް ފަހު އެކުވެރިޔަކާއެކު ދިޔައީ ދެ ރަކުއަތުގެ ނަމާދެއް ކޮށްލާށެވެ. އަނބިމީހާގެ މަރުގެ ހަބަރު އެކުވެރިޔާ ދިނީ ޝާހިދު ނަމާދުކޮށް ސަލާންދިން ތަނުންނެވެ.

"އޭނާގެ އަމިއްލަ ޒާތުގައި ހިނިއައިސްފައި ނުހުންނަ ވަރަށް ހީލަާފަ އޮތީ. ދެރަވިޔަސް ނުރޮއި އެންމެނަށް ވެސް ހަމަޖެހުނީ އަނބިމީހާ ހެވިފައި އޮތް ގޮތް ފެނިފައި. އެމަންޖެ ހީލާފައި އޮތްލެއް ބޮޑުކަމުން އެންމެން ވެސް މޫނުބަލާފައި ދިޔައީ ހިތްހަމަޖެހިގެން، އުފަލުން ހީލައިގެން. ހޮސްޕިޓަލުގައި އޮތްއިރަށް ވުރެ ވެސް ކަށުކަމާކެމީގެ ކަންތައް ނިމުންއިރު މާ ބޮޑަށް ހިނިތުންވެފައި އޮތީ"

ދީންވެރި، ކެތްތެރި އަންހެނެއް!

ޝާހިދު ކިޔައިދިން ގޮތުގައި ކައިވެނި ކޮށްގެން އުޅޭތާ 8 އަހަރު ވީއިރުވެސް ބަރާބަރަށް ނަމާދުވެސް ކުރަމުން ދިޔަކަމަށެވެ. ގޭތެރޭގައި ކަމެއް ހިނގިޔަސް، ޒުވާބުކޮށް ނޫޅޭކަން ޝާހިދު ފާހަަގަކުރިއެވެ. ޝިފާ އަކީ ވަރަށް ކެތްތެރި ކުއްޖެއް ކަމަށް އޭނާގެ ފިރިމީހާ ބުނެއެވެ. މައިދައިތަ އާއި ބަފައިބެ ކައިރީގައި 8 އަހަރު ހޭދަކުރިއިރު، އެމީހުންނާއި ދިމާލަށް ނުރުހުމުގެ ބަހެއް ވެސް ބުނެފައިނުވެއެވެ.

ޝިފާގެ މީސް މީޑިއާ އެކައުންޓްތަކަށް ބެލިއަސް ފެނިގެންދަނީ އެހެން މީހުންނަށް ދީފައިވާ ނަސޭހަތެވެ. ދީނީ ނަސޭހަތުގެ ބަސްކޮޅުތަކެވެ. އެންމެ ފަހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްވެސް ހާއްސަވެފައި ވަނީ މައިންބަފައިންނަށެވެ.

ޝިފާ ނިޔާވިއިރު އިރު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޝިފާގެ ފިރިމީހާ އަދި މުޅި އާއިލާއަށް ވެސް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހުމަދު

    އާމީން

    53
  2. ޑޮސް ކަބަރު

    ކިޔާ ނިމުނު އިރުވެސް ނޭނގުނު ކޮންރަށަކު ކާކުކަންވެސް. ޅކޮބާ ފެމެލީ

    9
    19
    • ކަތްދަ

      ކ. ހުރާގައި ދިރިއުޅެމުން ދިޔަ ދެމަފިރިންގެ ހާލަތު ދިމާވަމުން އައި ގޮތް ޝާހިދު ކިޔައިދިނެވެ.

      41
  3. ތެދު

    ﷲއެފުރާނަޔައް ސުވަރުގޭގެދާއިމީނިއުމަތްލައްވާށި އާމީން.

    87
  4. Anonymous

    ﷲ ރަޙްމަތްލައްވާ ފާފަ ފުއްސަވާދޭވެ. ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވާންދޭވެ. ޢާމީން.

    71
    1
  5. އިސްތިއުފާ

    ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ

    8
    36
  6. މެޒީ

    އާމީން

    36
    1
  7. ކަނބުލޮ ބޮލިމުލައް

    ވ. އަސަރުގަދަ. އަންހެން ކަނބަލުންނަށްވާ ވަރަށް ފުރިހަމަ މިސާލެއް. މާތްﷲ މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ. ނިޢުމަތް މިންވަރުކުރައްވާ މައްޔިތާގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި

    46
  8. ل م

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

    32
  9. ޚަދިޣު

    ޙާދަ ރަގަޅު ފިރި އެކޭ…

    34
  10. ސަމްސިއްޔާ

    މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. އާއިލާއަށް ކެއްތެރިކަން ދެއްވާށި. މަރަކީ އިންސާނާ އަށް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ އެއްޗެއް. މިހާދިސާއިންވެސް އިބްރަތް ހާސިލްކޮށް ސިއްހީ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަކީ ވަރަށް މުހިއްމު ކަމެއް.

    39
  11. ފ

    މާޝާ ﷲ..

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

  12. Anonymous

    އާމީން.