ކާނިވާ ސަރަހައްދު ރޭ ފުރައިލީ އެއް ކުލައަކުންނެވެ. ފިޔާތޮށި ލަޝްކަރު ފެނުނީ މިދިޔަ ދެ އަހަރު ވެސް ނުފެންނަ ޖޯޝެއްގައެވެ. އަންގާރަ ދުވަހު އެންމެ މަތީ މަރުހަލާގެ ޝަރުއީ ކޯޓުން ނެރުނު ހުކުމާއެކު، ސިޔާސީ އުދަރެހަށް ގެނެސްފައި އޮތް ބޮޑު ފުރޮޅުން ތަފްސީލްކޮށްދޭން ލަފުޒުތަކެއް ބޭނުމެއް ވެސް ނުވެއެވެ. ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު އަންނާނެ ބޮޑު ބަދަލު ހާމައަށް އެ އޮތީ ފެންނާށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކަންކަން ހިނގަމުން ދިޔަ ގޮތުން، ރައީސް ޔާމީނަށް ސަލާމަތެއް އޮތް ކަމަކަށް ނުބެލެވުނެވެ. ސިޔާސީ ދާއިރާގެ އެނަލިސްޓުން ވެސް ހިސާބު ޖައްސަވައިގެން ތިއްބެވީ ޕީޕީއެމްއިން އާ ލީޑަރެއް ފެންނާނީ ކަމުގައެވެ. އެކަމަކު އަންގާރަ ދުވަހު ނެރުނު ހުކުމުން ސިޔާސީ އުދަރެހުގެ މަންޒަރު "އޮތް ފުށް ނޫން އަނެއް ފުށަށް" ޖަހާލީއެވެ.

އެއް ބައެއްގެ ނަޒަރުގައި މިއިން ބަދަލު އަންނާނީ ޕީޕީއެމްގެ އެތެރެއަށް އެކަންޏެވެ. އެކަމަކު އެއީ ވެސް ބޮޑު ބަދަލެކެވެ. ޕީޕީއެމްގެ އެތެރެއަށް ރޫޚު ލިބި، ހަރަކާތްތައް ވަރުގަދަ ވާނެ ކަމުގައި އެ ނަޒަރިއްޔާތުގެ ގިނަ ބަަޔަކު ދެކެއެވެ. އަނެއް ބައެއްގެ ނަޒަރުގައި މިއީ މުޅި ސިޔާސީ އުދަރެސް ބަދަލުކޮށްލުމެވެ. ސަބަބަަކަށް އޮތީ ވެސް ޔާމީން އަމަލު ކުރެއްވި ގޮތާއި، އެހެން ލީޑާރުންނާ ތަފާތުވެ ރައްޔިތުންގެ މެދުގައި އެ މަގުބޫލު ކަން ލިބުމެވެ.

"މަރުހަބާ ރައީސް ޔާމީން" ނަމުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން:- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ސިޔާސީ މަސްރަހަށް މާ ބޮޑު ބަދަލެއް ނެތް؟

ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއިން ވިދާޅުވާ ގޮތުގައި، ރައީސް ޔާމީން ހައްޔަރުކޮށް ބަންދުކޮށްގެން އުޅުނީ އެމަނިކުފާނަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާތީއެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުން ވާނީ ސަރުކާރުގެ އިސް ބޭފުޅުން ހާސްވާނެ ކަމެއް ކަމުގައެވެ.

"ރައީސް ޔާމީން މިއޮށްހާ ދުވަހު ޖަލަށް ލައިގެން އުޅުނީ ވެސް ސިޔާސީ ގޮތުން ނުހައްގު އަނިޔާތަކެއް ދޭން ވެގެން، ވޯޓު ފޮއްޓާ ހަމައިން ރައީސް ޔާމީން ބަލިނުކުރެވޭނެ ކަން އެނގޭތީ އިތުރު ގޮތެއް ނުފެނިގެން،" ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީން މިނިވަން ވުމަކީ ސިޔާސީ މަސްހަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ގަބޫލު ކުރައްވައެވެ.

"ރައީސް ޔާމީނަކީ އެންމެ މަގްބޫލް އަދި އިދިކޮޅުގައި ހުރި އެންމެ ވަރުގަދަ ލީޑަރު، ރައީސް ޔާމީން ވާދަކުރާނަމަ ޕީޕީއެމް ޕީއެންސީއަށް އިންތިޚާބު ވަރަށް ބޮޑަށް ޔަގީން ވާނެ، މިއީ ޕޮލިޓިކަލް ލޭންޑްސްކޭޕް އެއްކޮށް ބަދަލުކޮށްލާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ލީޑާޝިޕާއެކު ރައީސް އަބްދުﷲ ޔާމީން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގަބޫލު ކުރައްވަނީ މިއީ ސިޔާސީ މަސްރަހަށް އައި ބޮޑު ފުރޮޅުމެއްގެ ގޮތުގައެވެ. ކޮންމެ ސިޔާސީ ލީޑަރަކު ވެސް ޖައްސަވަމުން ގެންދެވި ހިސާބުތައް ބަދަލު ގެންނަން ޖެހޭނެ ކަމުގައެވެ.

"ކޯލިޝަންތައް އުފެދޭނެ ގޮތާއި، ނުކުންނާނެ ކެންޑިޑޭޓުންނާއި، ނުނިކުމެވޭނެ ކެންޑިޑޭޓުން، މި ހުރިހާ ކަމަކަށް މޭޖާ ޝިފްޓްއެއް މި އަންނަނީ، ދެން ހިސާބު ޖައްސަވަން ޖެހޭނީ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމުގައި ދެކިގެން،" އުމަރު ނަސީރު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ މިއިން އެމްޑީޕީން ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމުގައެވެ. ދައުލަތުގެ މައްސަލައެއް އޮތުމުން، ޝަރުއީ މަރުހަލާއިން ޔާމީން މިނިވަން ކުރުމަކީ ސަރުކާރުން އެ ކަމުގެ ތެރެއަށް ނުވަންނަ ކަން ރައްޔިތުންނަށް ސާފުކޮށްދިން ކަމެއްގެ ގޮތުގައެވެ.

"ހުކުމަކުން ސަލާމަތް ވިޔަސް، ރައްޔިތުންގެ އިތުބާރެއް ނެތް ރައީސް ޔާމީނަކަށް، ރައީސް ޔާމީން މިނިވަންވީ ދެ އަކުރު ދޭތެރެއިން، އެކަމަކު ރައީސްގެ ޒިންމާ ނުނަންގަވާ ކަން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެބަ އެނގޭ،" މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއީ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ގަބޫލު ކުރައްވާ ގޮތުގައި ސިޔާސީ މަސްރަހަށް އެއިން އަންނާނެ ބަދަލެއް ނެތް ކަމުގައެވެ. ޔާމީން މިނިވަން ވިޔަސް އަދި ނުވިޔަސް، ޕާޓީގެ ތާއީދު އެ ގޮތުގައި އޮންނާނެ ކަން ފާހަގަ ކުރައްވައިފައެވެ.

"ރައީސް ޔާމީނަކީ ވެސް ސިޔާސީ ޕާޓީއެއްގެ ބޭފުޅެއް، އެ ޕާޓީއަކަށް ބަދަލުތަކެއް އަތުވެދާނެ، ސިޔާސީ މަސްރަހަށް މާ ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް ނުދެކެން، ބޭފުޅަކު މިނިވަންވިޔަސް އަޅުގަނޑުމެންގެ ހަރަކާތްތައް ވެސް މަޑުނުޖެހި ކުރިއަށް މި ގެންދަނީ ހަމަ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި މެންބަރު މުހައްމަދު ނާޒިމް. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ޔާމީނަށް ދެން އަންނަ ތުރާތައް ބޮޑުވާނެ"

ސިޔާސީ ދާއިރާގެ އެނަލިސްޓަކު ފާހަގަ ކުރި ގޮތުގައި މިއީ ސިޔާސީ މަސްރަހު ދެން އިތުރަށް ކެކިގަންނާނެ ކަމެކެވެ. ރައީސް ޔާމީން މިނިވަންވެ މާ ގިނައިރުތަކެއް ނުވެ، ރާއްޖޭން ބޭރަށް ނުފުރެވޭ ގޮތަށް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި ފުލުހުން އެދުނީއެވެ. މާ އިރުތަކެއް ނުވެ، ކޯޓުން ވެސް އެ އަމުރު ނެރެދީފިއެވެ.

"ރައީސް ޔާމީންގެ ހުކުމް އައި ގޮތް އެބަ ފެނޭ، މި ދަންނަވަނީ ޝަރީއަތް ނުހިނގާށެކޭ ނޫން، އެކަމަކު ހުކުމް އައީ ޖޭއެސްސީގައި ތިބި އެމަނިކުފާނުގެ ވާދަވެރިން މެދުވެރިކޮށް ގާޒީން ބަދަލުކޮށްގެން، އަނެއްކާ ވެސް މަތީ ކޯޓުން މިނިވަނެއް ގޮތުގައި ކަނޑައަޅާފައި އޮއްވައި މިނިވަން ކަމަކަށް އެ ހުރަސް އަޅަނީ، ރައީސް ޔާމީނަށް ދަތިތައް ކުރިމަތި ކުރުވަން ހަމަ އުޅޭނެ،" އެނަލިސްޓް ވިދާޅުވިއެވެ.

އުމަރު ނަސީރު ވެސް ގަބޫލު ކުރައްވަނީ ޔާމީނަށް އަދިވެސް އިތުރު ތުރާތައް ސަރުކާރުން ކުރިމަތި ކުރުވާނެ ކަމުގައެވެ. ދަށު ކޯޓުގައި އަދިވެސް މައްސަލަތައް އޮތީމައެވެ. އެންމެ މައްސަލައެއްގައި ދަށު ކޯޓުން އިއްވި ހުކުމް އެންމެ މަތީ ކޯޓުން ބާތިލްކުރިއިރު އަދި ރިޔާސީ ދައުރުގައި އޮތް ދެ އަހަރު ތެރޭ ކިތަންމެ ދަތިކަމެއް ޔާމީނަށް ކުރިމަތި ކުރުވާނެއެވެ. އަލުން ވާދަކުރެވޭ ގޮތަށް ޖަލަށް ލުމަކީ ވެސް ވުން ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"އެއީ ކޮންމެ ސަރުކާރަކުން ވެސް އަމަލު ކުރާ ގޮތް، ޔާމީންއާ ދޭތެރޭ މިހާތަނަށް ވެސް އަމަލު ކުރަމުން އައި ގޮތް، ދެން ވެސް އަމަލު ކުރާނީ އެހެން، ކުރިމަތިކުރެވެން އޮތް ދަތި ކަމެއް ކުރިމަތި ކުރެވެން އޮތް ގޮތަކަށް ކުރުވާނެ، އެހެން ގޮތެއް ނެތިއްޔާ މާލީ ގޮތުން ވެސް ތުރާތައް ކުރިމަތި ކުރުވާނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު "ވަގުތު" އަށް ދިން އިންޓަވިއުއެއްގެ ތެރެއިން - ވަގުތު އިމޭޖްސް: ހުސައިން އަރުބާން ފައްވާޒް

ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ހަމައިން ވެސް ވަކީލުންގެ ބުރަ މަސައްކަތަށް ނިމުމެއް ނާންނަ ކަމަށެވެ. ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ ޖަމީލް ވިދާޅުވީ ޔާމީނަށް އަދިވެސް ތުރާތައް ގެންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޔާމީނަށް ވަރަށް ތުރާ ކުރިމަތި ކުރުވާނެ މި ސަރުކާރުން، އެހެންވެ މާދަމާއިން ފެށިގެން ވެސް އަޅުގަނޑުމެންގެ [ޔާމީންގެ ގާނޫނީ ވަކީލުންގެ] މުޅި ފޯކަސް އޮންނާނީ، އެ ކަމަށް ތައްޔާރު ވުން، ދަށު ކޯޓުގައި އެ އޮތް މައްސަލަތަކާއި އެހެން މައްސަލަތަކަށް ތައްޔާރުވުން،" ޖަމީލް ވިދާޅުވިއެވެ.

ޔާމީން ސަޕޯޓަރަކާއި ސަލާމްކުރައްވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު
ޔާމީން ސަޕޯޓަރަކާއި ސަލާމްކުރައްވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު

އެކަމަކު، ބޮންޑެ ވިދާޅުވަނީ ފުލުހުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ޔާމީން ހައްޔަރުކުރަން ކޮންމެހެން ރައީސް ސޯލިހް މަސައްކަތް ނުކުރައްވާނެ ކަމުގައެވެ. މަސައްކަތް ކުރައްވާނަމަ، ދައުލަތުން ހެދި ގޯހެއް ފާހަގަވެގެން އެ އޮންނަ އުސޫލުން ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރަން ހުކުމެއް ނުކުރާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ދައުލަތަށް ލިބެން ޖެހޭ ފައިސާ ލިބުނީމަ އެ ނިމުނީ، ވަކި މީހަކު ހައްޔަރުކޮށްގެން ދައުލަތަށް ވަކި ފައިސާއެއް ނުލިބޭނެ، އެކަމަކު ޔާމީންގެ މައްސަލަތައް އެ ބަލަނީ އެ ފައިސާ ހޯދަން ވެގެން، އެކަމަކު ދައުލަތެއް ގޯހެއް ހަދާފައި އޮތިއްޔާ ކޯޓުތައް މިނިވަންކޮށް އޮންނައިރު ނިންމާނެ ގޮތް އެ ފެނުނީ،" ބޮންޑެ ވިދާޅުވިއެވެ.

ސަޕޯޓަރުން ރައިސް ޔާމިންއަށް މަރުހަބާ ދެއްނެވުން:- ވަގުތު އިމޭޖެސް:އަހްމަދް އަލީ

2023 އަށް "ވަތަނީ ފިކުރު" ކުރިއަށް ޖެހިލަނީ؟

ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާކިމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވެފައިވާ ގޮތަށް ޔާމީން ނުކުންނަވައި ވަކާލާތު ކުރައްވަނީ "ވަތަން އިސް ކުރުމުގެ ފަލްސަފާ" އަަކަށެވެ. ޔާމީންގެ މައްޗަށް އެހާ ބޮޑު އިލްޒާމެއް އެޅުވުމުން ވެސް އެމަނިކުފާނު އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރެއްވި ކަން ޝަހީމް ފާހަގަ ކުރައްވައެވެ.

"ކުށްވެރިއެއް ގޮތުގައި ޖަލުގައި ސަތޭކަ އަހަރު ވެސް އޮންނަން ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް، އެމަނިކުފާނު ބޭނުމެއް ނުވޭ މައުސޫމް ކަން ޝަރުއީ މަރުހަލާ ތެރެއިން ސާބިތުނުކޮށް ފިއްލަވަން، އެމަނިކުފާނަށް ފުރުސަތު ލިބުނު ފިއްލަވަން، ސަރުކާރުގެ ވަޒީރުން އެ ހުށަހެޅުއްވުން ދެއްވި، އެއެއް ގަބޫލެއް ނުކުރެއްވި،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކައަށް، ސިޔާސީ ދާއިރާގެ އެނަލިސްޓަކު ވެސް ތާއީދު ކުރައްވަމުން ވިދާޅުވީ، ޔާމީން ފާހަގަ ކުރައްވަމުން ގެންދެވި މައްސަލަތައް މި ސަރުކާރުން ފެނިގެން އެބަދެއެވެ. މާ ބޮޑަށް ވަކި ގައުމަކަށް ބަރޯސާވުމާއި، އެ ގައުމުގެ އަސްކަރީ ބާރުތައް ރާއްޖޭގައި ގާއިމްވެ ދޭން ދޫކޮށްލުމުން ޔާމީން އެ ޕްރޮމޯޓް ކުރައްވާ "ވަތަނީ ފަޅި" އަށް ތާއީދު ބޮޑުވަމުން ދިއުން އެއީ މިހާރު ސިޔާސީ މަސްރަހުގައި ފެންނަ އެއް މަންޒަރެވެ.

ސިޔާސީ މަސްރަހަށް އައި ބޮޑު ފުރޮޅުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއިން އެބަ ފެނެއެވެ. މި ޖަލްސާއަކީ ސިޔާސީ މަސްރަހު އިތުރަށް ކެކިގަނެ، އެތައް ކަމެއް ސިޔާސީ މަސްރަހުގައި ހިނގާނެ ކަމެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިރާދަކުރެއްޔާ ﷲ ހެޔޮރަހުމަތާއެކު 2023 ގައި މިގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދިވެހިން އަންޔަންކުރާނީ އަބުދުﷲ ޔާމީނު ...

    125
    4
  2. ދިރާސާ

    ރ ޔާމީން މިނިވަން ވުމުގައި އެމާނި ކުފާނުގެ ވަ ކީލުން
    އަދާ ކުރެއްވީ މުހިއްމު ދައުރެ ކެވެ މޑޕ މަސައް ކަތް ކުރީ
    ޔާމީ ގިނަދުވަސްތަ ކެއްގައި ޖަލުގައި ބޭއްވުމަށެވެ
    ސަރު ކާރަށްވުރެ ބޮޑަށް އެ ކަމުގައި އުޅެފައިވަނީ މޑޕ
    އެވެ ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ މޑޕ ކުރާނެ ކަން
    ކަމާއި ނު ކުރެވޭނެ ކަން ކަން އަދި އޭނާގެ ފަތިފުށް!

    76
    2
  3. ޕީ ޕީ ޢެމް މީހާ

    މަރުހަބާ ރައީސް ޔާމީން

    89
    3
  4. ހިމާރުލްގައުމު

    ކެކިގެންފި. ވަރެއް އަދި ވީ އިންޑިއާ އެމްބަސީން ސުޕާރީ ނަގައިގެން އުޅޭ މޫސާ ލަތީފާ އިސްމާއިލް ނަސީރަށް. ދެގޮލާ ހަމަ ތެޅިފޮޅެނީ. އެހެންނު ވާނީ މާހާވަރު ބުނެފި މިއަންނަ މަހު ސްޓާފުންނަށް މުސާރަ ނުދޭނަމޭ

    30
  5. ބާލާބާލާ

    އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިގެން އިންޑިއާ އަށް ވުރެން ފަގީރު ކިބަޅި ގަައުމެއް ކަމަށްވާ ބަންގާޅުން ލޯން ނަގަން ސަރުކާރުން އުޅުން އެއިން އެގިގެންދާ އެއްޗަކީ މިސަރުކާރު މިއޮތީ އިންޑިއާ އާއި ގުޅުމުގެ ސަބަބުން މިސަރުކާރު ހައިޖެކް ކޮށްފައި ކަން އިންޑިއާ އިން ޗައިނާ އިން ލޯން ދޭން ތައްޔާރަށް ތިބިއިރު ޗައިނާ އިން ލޯން ނުނަގަން އުޅެނީ އެއީ އިންޑިއާ އިން މިސަރުކާރަށް ބިރުދައްކާތީއޭ އިންޑިއާ ސިފައިން ޖެހޭނީ ބާލަން ބާލާ ބާލާ ބާލާ ބާލާ ބާލާ

    39
  6. ޥަގު ޔާމީނު

    ޖަލުން ނެރޭއިރަށް ފެލެން ފެށީ ކެވުނުލޭ މަދުކަމުން🤣

    8
    80
    • ރައްޔިތުމީހާ

      ކަޅުދަބަހުގައި ފައިސާ އުފުލިމީހާއާއި، ދަބަހުގައި ދިޔާކޮށް ފައިސާ އުފުލި މީހާގެ ޝަރީޢަތް ހިންގީމާ އަސްލުވަގު އެނގޭނެ ވަގު ޞޯލިޙް އިންޑިއާ އައުޓް
      އިންޑިއާ އައުޓް
      އިންޑިއާ އައުޓް
      އިންޑިއާ އައުޓް
      އިންޑިއާ އައުޓް
      އިންޑިއާ އައުޓް

  7. ﷲއަށްބިރުވެތިވޭ އަނިޔާވެރިޖައްބާރުންނާ ދުރައްދޭ

    ﷲއީއޯގާވަންތަށް ރަހުމާންވަންތަށް އިލާހު އެއްވެސް ޖައްބާރަކައް ސައިތާނަކަށްވެސް ﷲތާލާވުރެން ބާރުގަދައެއްނުވެވޭވެ ކަންއަބަދުވެސް ހަނދާންކުރާތި އަނިޔާވެރިޖައްބާރުން ބަލިކޮށް ނެތިކުރާނީވެސްﷲ

    34
    1
  8. ވިސްނާލުމަށް އެދެމޭ

    އިންޝާﷲ2023 ރޔާމީން އިންތިޙާބު ކާމިޔާބުކޮށް ވެރި ކަމާ ހަވާލުވާނީ ތިސިޔާސީމީހުންނާ އެނަލިސްޓުންވެސް ހައިރާވާހާ ބޮޑުތާއިދަ ކާ ތަފާތު ދައް ކަމުން..މިއީ ގައުމުއެދޭގޮތް މިއީ ވަތަނުގެއަޑު..ހަމައެއްމެ ކަމެ މުޅި ދުނިޔެއަށް ސާބިތުވެ ސާފުވެއްޖެ..ރޔާމީން ހައްޔަރު ކޮށް ޖަލަށްލަނީ ކުށެއް ކޮއްގެން ނޫން ކަން..ސިޔާސީގޮތުން ނުހައްގު އަނިޔާއެއް ދެމުންދާ ކަން...ވަތަނީ ރައްޔިތުން ވަތަނުގެ ރައީސް ވެރި ކަމަށް ގެންނަން މަސައް ކަތް ކުރާނީ އިންޝާﷲ ﷲގެހަޒުރަތުން ވާގިއެދި ކުރަމުންމިދާ ޖިހާދެއްފަދަ ބުރަ އެނަސް ފޮނި މަސައް ކަތން.. އިންޝާﷲ އިންޝާﷲ އިންޝާﷲ..

    36
    1
  9. ހުއްބުލް ވަތަން

    މިފަދަ މުޖުރިމުން ދޫކޮށްފަ ހުންނަހުރުމަކީ މިސަރުކާރުގެ އެންމަ ނާޤާބިލުކަން. ކިރުބޯ ކުޑަކުއްޖަކު ޕީޖީއަކަށް ލައިގެން ބުރޯ ބޭނުންވާގޮތަށް ޤަޢުމު ހިންގަންއުޅެނީ އިބޫވެސް ވ.ރަނގަޅަށް ފިތިފަ ހުންނާތީ

    2
    22
  10. ކަނޑާލާކަނޑާލާ

    ތަމެން ރަންރީނދުލޭ މެންނަކީ އެއި ކަނޑުކޮހުންނޭ މަމެން ޕިންކީން ތިބީމޭ ބަލަން ތަމެން ކަނޑުކޮހުން ކުރާ ކަނޑުކޮސް ކަންކަން ބަލަން ހޭން ގޭގައި މިއަދު މިފެނިގެންދަނީ ތަމެން ކަނޑުކޮހުންގެ ސަރުދާރުން ހިންގި ސަރުކާރު ތިޔާ އޮތީ އިރުން ހުޅަނގަށް އަދި އުތުރުން ދެކުނަށް ބެލިނަމަވެސް ޖަނގިޔަލުގެ ރަބަރު ކަނޑައިގެން ގޮސް ޖަނގިޔާ ބޭލިފައޭ ނަތިންގް ގޮނާ ޗޭންޖް އިޓް ބޭބީ އޯއް އޯއް މަމެން ޕިންކީން އަނބުރާ އަންނަނީއޭ ތަމެން ދެން އަވަހަށް ގެއަށް ކަނޑާލަންވީއޭ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ހޯއް ހޯއް ނަތިންގް ގޮނާ ޗޭންޖް އަވަރ ޑައިރެކްޝަން މަމެން ޕިންކީން މިއަންނަނީއޭ ތަމެން ގެއަށް ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ...

    19
  11. އަހުމަދު

    ލާދީނީ ނަޝީދު ނޫން މީހަކު މަށައް ހެޔޮ. ދީނީ ރަނގަޅު މީހުން ބޭނުން ވަނީ

    10
  12. Anonymous

    އާންމުކޮށް މިކަހަލަ ކަންކަމާ ގުޅިގެން ނެރޭ ބަޔާން ތަކުގައި އިސްލާމްދީނުގެ ވާހަކައެއް ނޯވޭ. އަނެއްކާ ހިތުގެ ފުންމިނުން އެނިކުންނަނީ ދީނީ ކުދިން ވާހަކަތޯ؟

  13. ހަސަން

    ކިތަންމެ ވަރަކަށް މޭކަރައިގެން އުޅުނަސް މި ގައުމުގެ ވަތަނީ ލީޑަރަކީ ރައީސް ޔާމީން. ނުވިކޭނެ އަދި ނުގަނެވޭނެ.

  14. Anonymous

    ތަނަކަށްް ބަޔަކު އެއްކޮށް އެމަންޒަރު ދެއްކުމަށްފަހު ރައީސްކަމަށް އިންތިހާބުވެދާނެކަމަށް ވާހަކަދައްކާ ޕީޕީއެމް ބޯހަމަ ނުޖެހޭ ކުދިންނަށް ބުނެލަން އޮތީ ބަލިކުރި އިންތިހާބުގައި ޔާމިނު ސްޓޭޖް ތަކަށް އަރައި ވަށައިގެން ތިއަށް ވުރެ ގިނަ މީހުން އެއްކޮށްގެން ބޭއްވި ޖަލްސާތަކުގެ ވީޑިއޯވެސް އެބަހުއްޓޭ އެކަމަކު ޕިންކިން ޖެހުނީ އިދަވަތަށް ކަން ހަދާންކުރާށޭ. ޝަހިމުއަށްވެސް ހަމަ ބުނެލަން ބަލިވި އިންތިހާބުގަ ވަށައިގެން ޒުވާން އަންހެން ކުދިންނާ އެކު ނަގާފަ ހުރި ވީޑިއޮތަކުގައި ބުނެފަހުރި ޔާމިނު ހޮވޭނެ ކަމުގެ ގެރެނޓީ ދީފަ. އެކަމަކު މިހާރު ޔާމިނު ޝަހިމުއަށް މުޙާތަބު ކޮށް ވާހަކަ ދައްކަނީވެސް ނޮހޮވުނު ނައިބު ރައީސްގެ ނަމުން. މިވަރުން ލަދުގަންނަން ޖެހޭ. ތި ބުނާ ޕީޕީއެމް ވެރކަމުގަ ބާއްވައިގެން ދައުލަތުގެ ހުރިހާ ބާރަކާ ދައުލަތުގެ ފައިސާ ހަރަދު ކޮށްގެން ބަލިކުރި ޔާމީނު 23 ގެ އިންތިހާބުގަ އިދިކޮޅުގަ އޮވެ ވާދަކުރަން ޖެހިލުންވާނެ އމްޑީޕީ އެއް ޖެހޭނީ އަލުން އުފަން ކުރަން. މިކަން ހަދާން ކޮށް އަރުވަން. އަދި ކުރީގެ ޕީޕީ އެމްގެ ޖަލްސާއެއް ބަލާ ލާފަ ހިން ހަމަޖައްސާލާށޭ ބުނަން. އަދި މިފަހަރު ވޯޓު ފޮށިތައްވެސް ހުންނާނީ ހަމަ އެންމެނަށް ފެންނަ ހިސާބުގަ. ޕީޕީއެމަ ޖަގަހަކުން ފޮށި ހުރިފަރާތް ނޫން އެހެން ފަރާތަށް އަބުރަން އޯޑަރެއްވެސް ނުނެރެވޭނެ. ކުރީފަހަރު ހެދިހެން.
    މި ލިޔުންކޮޅު ޖަހާނެ ހިއްވަރެއް ހުރިހެނެއް ހީއެއް ނުވޭ.