(ވ. ތިނަދޫ) "މިރަށުގެ ސްޓެލްކޯ މިއީ އާދަޔާ ހިލާފު ސްޓޯރީއަކަށް ވާނެ, އެއީ މިހާ ކުޑަ އާބާދީއެއް އޮންނަ ތަނަކަށް ސަރުކާރުން މިހާ ބޮޑު ހޭދައެއް ކޮށްގެން މިކަން ކުރީމަ," މި ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ، ޕްލޫމޭރިއާގެ ވެރިޔާ އަބްދުލް އަޒީޒް މި ޝައުގުވެރި ވާހަކަ ފެށީ މި ގޮތަށެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މި ރަށަކީ ހިތްގައިމު ރަށެކެވެ. ރީތި ގޮނޑުދޮށުގައި ޖޯލިތަކާއި އުނދޯލިތަކުން ހިތްގައިމު މާހައުލެއް އޮވެއެވެ. ކޮންމެ މަގެއްގައި ރީތި މާމެލާމެލީގެ ގަސްތައް އިންދާފައި ހުއްޓެވެ. ރަށަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކު ހިތް އުފާ ކޮށްދޭނެއެވެ.

އެހެންވިޔަސް ރަށު ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުމަކީ ކަރަންޓުގެ މައްސަލައެވެ. ފަތުރުވެރިކަން ފުޅާވުމުން ކަރަންޓުގެ ޑިމާންޑް ބޮޑުވީއެވެ. އެ ވަރުގެ ކެޕޭސިޓީއެއްގެ އިންޖީނުގެއެއް ނެތީއެވެ. އަނެއް މައްސަލައަކީ އިންޖީނުގެ ހުރި ތަނެވެ. ގެސްޓް ހައުސްތަކާއި މީހުން އުޅޭ ގެތައް ކައިރީ, ރަށު މެދުގައެވެ.

ވ. ތިނަދޫގައި ކުރިން ބޭނުން ކުރަމުން ދިޔަ އިންޖީނުގެ - ފޮޓޯ: މުހައްމަދު އަފްރާހް

ވިޔަފާރިވެރިޔާ އަބްދުލް އަޒީޒް (އަޒީބެ) ހިންގަވާ ދެ ގެސްޓް ހައުސް ހުރީ ރަށުގެ އިންޖީނުގޭގެ ދެ ފަރާތުގައެވެ. އިންޖީނުގެ އާއި އިންޖީނުގެ ވަށައިގެން ހުރި އެ އިމާރާތްތަކާއި ދެމެދު އޮންނަނީ ކިރިޔާ ތިން މީހަކު ހިނގާލާފައި ދެވޭ ވަރުގެ ގޯޅިއެކެވެ. އިންޖީނުގެ އަޑާއި އަރައިގެން ދާނެ ދުމާއި ކައިރި ބުޑުގައެވެ.

"އިންޖީނުގެއިން ފަށައިގެން އެއް އިމާރާތަށް ހަތް ފޫޓު، އަނެއް އިމާރާތަށް ދިހަ ފޫޓު، އެހެންވެ އެ ދިމާ އާއި ހުރި ކޮޓަރިތައް އަބަދުވެސް ހުރީ ނުވިއްކާ، އެއީ މާލީ ބޮޑު ގެއްލުމެއް، އެ ވަރުން ވެސް ވިއްކާ ކޮޓަރިތަކުގެ ގެސްޓުން ޖައްސާ މި މައްސަލަ، ބޭޑް ރިވިއުއެއް ދެނީ،" އަޒީބެ ވިދާޅުވިއެވެ.

މީގެ 10 އަހަރު ކުރިން ގެސްޓް ހައުސް ވިޔަފާރި ފަށަން އަޒީބެ އިންވެސްޓް ކުރައްވަން އުޅުއްވިއިރު، ސްޓެލްކޯއިން އިންޖީނުގެ ހިންގަމުން ދިޔައީ ވެސް ގެއްލުމުގައެވެ. ހޮޓާތައް ނިމެންވާއިރަށް ކަރަންޓުގެ ކެޕޭސިޓީއަށް ހައްލެއް ނައިސްދާނެތީ، އެ ތަން ގަންނަން ވެސް އަޒީބެ ތައްޔާރު ވާން ޖެހުނެވެ.

އެހެންވިޔަސް ސްޓެލްކޯއިން ނިންމީ އެ ކުންފުނިން އިންޖީނުގެ ހިންގުމަށެވެ. އެންމެ ފުރަތަމަ ރަށު މެދުގައި އިންޖީނުގެ އަޅައިގެން ޚިދުމަތް ދޭން ފެށީ ވެސް ވަގުތީ ކަމެއްގެ ގޮތުގައެވެ. ފަހުން ދުރު ހިސާބަކަށް ބަދަލު ކުރާ ގޮތަކަށެވެ. އެކަމަކު ބިމެއް ނުލިބި ވަގުތީ ނިންމުން 10 އަހަރަށް ދެމިގެން ދިޔައީއެވެ.

ވ. ތިނަދޫ ވިޔަފާވެރިޔާ އަޒީޒްއާއި ކައުންސިލް ނައިބު ރައީސް ޒަރީރު - ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޔުޓިލިޓީ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން، ސްޓެލްކޯއިން މި ރަށުގައި ކަރަންޓުގެ ޚިދުމަތް ފެށުމުގެ ކުރިން ކަރަންޓު ދެމުން އައީ ވެސް އަމިއްލަ ފަރާތަކުންނެވެ. އެއީ މިހާރުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޒަރީރެވެ.

ފުރަތަމަ ފަސް ކިލޯ ވޯޓްގެ ދެ ޖަނަރޭޓަރު ގެނެސްގެން ރަށަށް ކަރަންޓު ދިނެވެ. ފަހުން 15 ކިލޯވޯޓްގެ ޖަނަރޭޓަކަރަކާއި 25 ކިލޯވޯޓްގެ ޖަނަރޭޓަކުންނެވެ. ސްޓެލްކޯއިން ހަވާލުވި ފަހުން ވެސް އަހަރުތަކެއް ވަންދެން ކުރިން ބޭނުންކުރި ކޭބަލްތައް ވެސް ބޭނުން ކުރިއެވެ. ކޭބަލްތައް ވެސް އާ ކުރެވުނީ ވަރަށް ވަރުންނެވެ.

"ޔުޓިލިޓީސް ގޮތަށް ހުޅުވާލައިގެން ކުރަން ފެށިއިރު، ސްޓެލްކޯއިން ހަވާލުވީ، ތިނަދޫ ރައްޔިތުން ވެސް ބޭނުން ވެގެން، އެކަމަކު، ގެތައް ކައިރިވުމުން، އޭގެ އަޑުންނާއި، ސައިލެންސަރުން ނުކުންނަ ދުމުން ވަރަށް އުނދަގޫ ވެފައި ހުރީ، އިރުވައި މޫސުމުގައި ހުދު ކުލަ ހުންނަ ގެތައް ކަޅު ކުލައަށްވޭ،" ޒަރީރު ވިދާޅުވިއެވެ.

ވ. ތިނަދޫ އާ އިންޖީނުގޭގައި ސްޓެލްކޯ މުވައްޒަފަކު މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު އަފްރާހް

މި ޝަކުވާތަކާއެކު ތިނަދޫ ރައްޔިތުންނާއި ތިނަދޫއަށް ޒިޔާރަތް ކުރާ ރައްޔިތުން ވެސް ތިއްބައި، 2018 ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް، ތިނަދޫއަށް ވަޑައިގެން އިންޖީނުގެ ބަދަލުކޮށްދެއްވާނެ ކަމަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތެވެ.

އެހެންވިޔަސް ސިޔާސީ ވެރިން މިހެން ރަށް ރަށަށް ވަޑައިގެން ވައުދު ނާމާ ދަންނަވާ އެއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އަދި އެހާ ކުޑަ އާބާދީއެއް އޮތް ތިނަދުއަށް އެ ވަރުގެ އިންގިލާބެއް އައިސްދާނެ ކަމުގެ އުންމީދެއް ރަށުގެ ގިނަ ބަޔަކު ވެސް ނުކުރެއެވެ.

"އަޅުގަނޑަށް ވިސްނެނީ މި ރައީސަށް އެ ކަން ވިސްނުނީ ވަރަށް ރަނގަޅަށްހެން, އެއީ މީހުން މަދުވުމަކީ ރަށް ކުޑަވުމެއް ނޫން, މި ރަށުން އުފައްދާ ލާރި އާއި ޓެކްސްއަކީ އާބަދީގެ ނިސްބަތުން ބަލާއިރު ނަންބަރު ވަން, ސަރުކާރަށް ފައިދާވާ ކުންފުނި ހުންނަހެން މިއީ ފައިދާ ކުރާ ރަށެއް،" އަޒީބެ އުފަލުން ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އޮތް މާލީ ތަދުމަޑުކަމުގެ ތެރެއިން ވެސް ދެ އަހަރު ދުވަހު ކުރި މަސައްކަތުން ރަށުގައި އާ އިންޖީނުގެއެއް އެޅުނީއެވެ. އެ ރަށަށް މިހާރު ދާއިރު، ރަށުގެ ބަނދަރުން އެއް ކައިރިން އެ ބޮޑު އިންޖީނުގެ ފެންނަން ހުންނާނެއެވެ.

ވ. ތިނަދޫ އާ އިންޖީނުގޭގެ އިމާރާތް - ފޮޓޯ: މުހައްމަދު އަފްރާހް

ކުރިން އާދައިގެ ގޮތަކަށް، މުވައްޒަފުން ވެސް މަސައްކަތް ކުރާނެ މާހައުލެއް ނެތް އިންޖީނުގެއެއް ހުރިއިރު، އާ އިންޖީނުގޭ ފަރުމާކޮށްފައި އޮންނަނީ މުވައްޒަފުންނަށް ވެސް ހަމަޖެހިލައިގެން ތިބެވޭނެ ގޮތަކަށެވެ. ބޭރަށް އަޑު ނުދާ ގޮތަށް ހަދާފައި ހުރި އެ އިންޖީނުގޭގައި 920 ކިލޯވޯޓްގެ ކެޕޭސިޓީގެ ޖެނެރޭޓަރުތައް ހުއްޓެވެ.

ވ. ތިނަދޫ އާ އިންޖީނުގޭގައި ހުރި މުވައްޒަފުންގެ އޮފީސް - ފޮޓޯ: މުހައްމަދު އަފްރާހް

އިތުރު ޖެނެރޭޓަރުތައް ބަހައްޓައިގެން ކަރަންޓުގެ ކެޕޭސިޓީ ބޮޑު ކުރާނެ ޖާގަ ވެސް އާ އިމާރާތުން ލިބިދެއެވެ. ވިޔަފާވެރިޔާ އަޒީބެއާއި ކައުންސިލްގެ ނައިބު ރައީސް ޒަރީރުގެ އިތުރުން ތިނަދޫ ސްޓެލްކޯ އޮފީހުގެ މެނޭޖަރު އިބްރާހީމް ސަމީރު ވެސް ސިފަކުރެއްވީ މިއީ ރަށުގެ އުމްރާނީ ތަރައްގީއަށް އައި އިންގިލާބެއްގެ ގޮތުގައެވެ.

ވ. ތިނަދޫ އާ އިންޖީނުގޭގައި ހުރި ޖެނެރޭޓަރުތައް - ފޮޓޯ: މުހައްމަދު އަފްރާހް

"މި އިންޖީނުގެ ފުރިހަމަވެގެން އަންނައިރު މި ވަރުގެ އިންޖީނުގެއެއް ރާއްޖޭގައި ނުހުންނާނެ ކަމަށް [ސްޓެލްކޯގެ] އެމްޑީ [ހަސަން މުޣުނީ] ވިދާޅުވެފައި އޮތީ، އަޑު ވެސް ވަރަށް މަޑު, ހުރިހާ ކަމެއް ގާތުން ކުރެވޭނެ އަދި އެންމެ ހިތްހަމަޖެހޭ އިންޖީނުގެއަށް ވާނެ," މެނޭޖަރު ސަމީރު ވިދާޅުވިއެވެ.

ރަށު މެދު ތެރޭ ހުރި އިންޖީނުގެއަކުން އެ އައި އަޑުތަކާއި ދުމާއި ގެނދަބުޅިތަކުން ސަލާމަތް ވުމާއެކު، ރަށު ރައްޔިތުންނާއި ރަށަށް އަންނަ ފަތުރުވެރިންނާއި ގެސްޓް ހައުސް ވިޔަފާރިވެރިންނާއި، އިންވެސްޓް ކުރުމުގެ ޝައުގުގައި ތިބި މީހުންގެ އޮތް ބޮޑު ކަންބޮޑުވުމަކަށް ނިމުމަކަށް އައީއެވެ. އިގްތިސޯދަށް އައި ދިރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢަބްދުﷲބެ

  ޕީކް 500 ކިލޯވޮޓަށް ނާރާ ރަށެއްގައި އިންޖީނުގެ އަޑުމަޑުވީމާ ދެން ވަރަށް ވާހަކަ،

  17
  1
 2. މޕ

  ތަރައްގީ އޯކޭ
  އޯކޭ ނޫނީ އަޅުވެތިކަމާއި ލާދީނީއާއި ވައްކަން

  16
  4
  • ޢަހޫ

   ޥައްކަންވެސް އޯކޭދޯ.

 3. ރަން ރީނދޫ

  ސޯލާ ހަރުކޮށް ބަލާ. އޭރަށް ގެސްޓުން މާއުފާވާނެ. ކާބަން ނިއުޓްރަލަ ރަށަކަށް ހަދާފައި ގެސްޓުން ގުނބޯ ހައްދާލީމަ،އަސްލު ޑޮލަރު އޮހެން ފަށާނީ.

  15
  1
 4. ކައުންސެލަރު

  ސްޓެލްކޯއާ ފެނަކައަށް އިންޖީނުގެތައް ބަހާފައި ވަނީ ކޮން އުސޫލަކުންތޯ ކޮން ކަންކަމަކަށް ބެލުމަށްފަހުތޯ؟ މިސުވާލަށް ޖަވާބެއްދޭނެ ސަރުކާރުގެ އިދާރާއެއް އެބަހުރިބާ؟

  12
  2
 5. ޔަމަން

  އިބޫ ތަފާތުވާނެ. އެއީ ރައްޔިތުންގެ ރައީސް.

  12
  21
 6. ޙާލަތު

  ފަތުރުވެރިން ގެނެސް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލީމަ ޢާއްމު ރައްޔިތު މީހާގެ ހިތަށް އަރާ ގެދަބުޅީގެ ނުރައްކާ މާ ބޮޑުވެފައި އާޚިރު ނަތީޖާވެސް ހިތިވާނެ.

  18
  3
 7. Anonymous

  ތިޔަ އިންޱީނުގެ އެތެރޭ ގައި ހުރި އިންޱީނުތަކަށް ބެލުމުން ވެސް ފައިދާވާނެވަރު އެބަ ވިސްނޭ

  16
 8. މެޒީ

  ޕޕ ކުދިންނަށް ހަޖަމެއް ނުވި

  7
  17
 9. އީސާފުޅު

  އަލިބެ ފަތިސްނަމާދުން ފައިބައިގެން ގެޔަށްދާ މަގުމަތީ ވެސް މީގެ 2 ސެޓުގެ އަޑީތެޔޮ ބަދަލުކޮށްލާނެ އެއްބުރުން.