ދަރިންނަކީ މާތްﷲ އިންސާނުންނަށް ދުނިޔެމަތީގައި ދެއްވާ އެންމެ ބޮޑު ނިޢުމަތް އަދި ނަސީބެވެ. ދަރިންގެ ސަބަބުން އާއިލީ ދިރިއުޅުން ބާއްޖަވެރިވެ ހަޔާތަށް އުފާވެރިކަން ގެނުވާއިރު، ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމެއްގެ ތެރެއިންވެސް ދަރިން އުފާވެރިކޮށް ބައިތިއްބައި އެކުދިންގެ ހައްގުތައް އަދާކޮށް ލޮތްބާއި އަޅާލުން ދޭން ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ބޭނުންވާނެއެވެ.

އެހެން ނަމަވެސް ބައެއް ފަހަރު ދިރިއުޅުމުގައި ކަންތައް ދިމާވަނީ ހީވެސް ނުކުރާ ގޮތް ގޮތަށެވެ. އަމިއްލަ ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރުމުގެ ބާރު ގެއްލި ގޮތް ހުސްވާގޮތް ވެސް މި އިމްތިހާނެއް ފަދަ ދުނިޔޭގައި ކުރިިމަތި ވެދާނެއެވެ.

ސ. ހިތަދޫ އުމުރުން 54 އަހަރުގެ އިބްރާހިމް މޫސާއާއި އޭނާގެ އަންހެނުން ސ. ހިތަދޫ އުމުރުން 49 އަހަރުގެ ޝާދިޔާ ހަސަން އަކީ އެފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދެމަފިރިންނެކެވެ.

އިބްރާހިމް މޫސާ އަކީ އުމުރުން 16 އަހަރުުގައި މާލެ އައިސް, މާލޭގައި އެކި ބާވަތް ބާވަތުގެ ވެހިކަލް ދުއްވުމުގެ މަސައްކަތުގެ ތެރެއަށް ވަން ހީވާގި މީހެކެވެ. އޭރު އޭނާއަށް މުސާރައަށް ލިބުނީ މަހަކު 300 ރުފިޔާއެވެ. ނަމަވެސް އެ މަސައްކަތުގައި ގިނަ ދުވަސް ހޭދަކޮށް އެކަމުގެ ތަޖުރިބާކާރަކަށް އޭނާވިއެވެ. އެގޮތުން އައްޑޫ އާއި މާލޭގައި އޭނާ އުމުރުގެ ބޮޑުބައިގައި ކާރާއި ލޮރީ އަދި ޕިކަޕް ފަދަ އުޅަނޑުތައް ދުއްވައި އުޅުނެވެ.

އެ މަސައްކަތުގެ އުޅުމުގެ ތެރޭގައި 2008 ވަނަ އަހަރުގެ ފަހުކޮޅު އޭނާގެ ލޮލުގައި ނެގި މަސްކޮޅެއް ޑޮކްޓަރަަށް ދެއްކުމަށް އޭނާ އައިޖީއެމްއެޗްއަށް ދިޔައެވެ. އޭނާ ބުނީ އޭނާގެ ލޯ ދެއްކީ ޕާކިސްތާނުގެ ޑޮކްޓަރަކަށް ކަމަށެވެ.

"އޭނަ ލޭޒާ އަލި އަރުވާލީމަ އަޅުގަނޑަށް ހަމަ ހީވީ ގައިގައި އަލިފާން އެއްޗެއް ޖެހުނީ އޭ.. ނުލާހިކު އަލިގަދަކޮށް ލޭޒާ އެޅުވީ. ލޮލުގެ ނާރު އެއްކޮށް އަންދާލާފަ." އިބްރާހިމް ބުންޏެވެ.

އެއާއެކު އިބްރާހިމްގެ ދުނިޔެ ކަޅުވެގެން ދިޔައީއެވެ. އަދި އަދަށް ދާންދެން އޭނާގެ ލޮލުން އެއްވެސް އެއްޗެއް ނުފެނެއެވެ. އަދި އޭނާގެ ލޮލަށް ފަރުވާ ހޯދޭނެ މަގެއްވެސް ފެންނާކަށް ނެތެވެ.

އޭގެފަހުން އެތައް އަހަރެއް ފާއިތުވެފައިވާ އިރު އަނެއްކާވެސް އިބްރާހިމްގެ ހަޔާތަށް މިވަނީ ކަޅު ވިލާގަނޑެއްގެ ހިޔަނިއެޅިފައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ޝާދިޔާ ހަސަންގެ މުޅިގައިން މިހާރު ވަރުދެރަވެފައިވާއިރު އޭނާއަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިވެ ނޫޅެވެއެވެ.

"މީގެ ގާތްގަނޑަކަށް ހައެއްކަ މަސް ކުރިން، އަޅުގަނޑުގެ އަންހެނުން، ކުރިން އެއްވެސް ބައްޔަކަށް ބޭސް ކުރާ މީހެއް ނޫން. ހަމަ ކުއްލިއަށް ގޭ ދޮރުމަތީގައި ހުއްޓާ ވެއްޓުނީ. ވެއްޓުނުގޮތައް ދެން އަތް ބިންދައިގެން އަތްތިލައިގެ ހުޅުން ބިންދައިގެން ދިޔައީ. ދެން ދިޔަައީ ހިތަދޫ ހޮސްޕިޓަލަށް." އިބްރާހިމް ބުންނެވެ.

ހިތަދޫ ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ލަފާ ދިނީ ވީހާވެސް އަވަހަށް އޭނާ ގޮވައިގެން މާލެ ދިއުމަށެވެ. ނަމަވެސް މާލެ ދެވޭނެ ގޮތެއް ހަމަ ނުޖެހި ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. އިބްރާހިމް ބުނީ އޭނާގެ އަންހެނުންގެ އަތުގައި ޕްލާސްޓާ އެޅުވުން ނޫން އެހެން އިތުރު ފަރުވާއެއް ދިން ކަމެއް އެނގިފައި ނުވާ ކަމަށެވެ. މާލެއަށް ގެންދެވޭނެ އެހެން ގޮތެއް ނެތުމުން މީހުން ގާތުގައި އެހީއަށް އެދިގެން ހޯދި ފައިސާއިން އިބްރާހިމް އޭނާގެ އަންހެނުން ގޮވައިގެން މާލޭގެ އައިޖީއެމްއެޗް އަށް ގެންދިޔައެވެ. އަދި އެތަނުގައި އަތް އޮޕަރޭޝަން ކުރިއެވެ.

"ދެން ރަށަށް އައިސް އެހެން ހުއްޓާ ކުއްލިއަކަށް އެއް ދުވަހު ހެނދުނު، މީނަ ނިދާ ހޭލައި އަޅުގަނޑު ކައިރީގައި ބުނެފި ތިމަންނައަކަށް ނުތެދުވެއޭ. ދެން މީނައަށް ވާހަކަވެސް ނުދެއްކުނު. ހަރަކާތެއްވެސް ނެތި ހުއްޓިއްޖެ މީނަ. މަންމަނުން ވާހަކަ ދައްކާ ގޮތައް އަތުން މި ހަރަކާތް ކުރަނީ." އިބްރާހިމް ކިޔައިދިނެވެ.

އެއަށްފަހު ޝާދިޔާ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކައި ކަމަށް އިބްރާހިމް ބުންޏެވެ. އަދި އެކަމަށް ފަރުވާ ކުރަން ރުގުޔާ ކުރަންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ އެކަހަލަ މައްސަލައެއް ނޫންކަން އެނގުނު ކަމަށް ބުންނެވެ.

"ދެން މީހުން ފާޑެއްގެ ތައްޓެއް ލިޔެފަ ދިނީމަ މިހާރު ވާހަކަ ދެއްކޭ އިނގޭތޯ. ދެން ނުވެސް ހިނގޭ. އަމިއްލައަށް ހެދުންގަނޑުވެސް ލެވެނީއަކީނޫން، ހަރުވާޅުވެސް ލެވެނީއަކީނޫން. ހަމަ އެހެން އިންނަނީ ދެން. ތެދު ކޮށްލައިގެން ހެނދުނު ސައިދީފަ ކާންދީފަ..."

އިބްރާހިމް ބުނީ އޭނާގެ އަންހެނުން އިށީންނާނެ ފުރޮޅުލީ ގޮނޑިއެއްވެސް ހޯދީ ބޭސްފިހާރައެއްގެ ވެރިފަރާތުގެ ގާތުގައި ބުނެގެން ކަމަށެވެ. އަދި އެހީއަށް އެދި ޖެންޑާ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއަށް ވެސް ލިޔުން ހުށަހަޅާފައިވާނެ ކަމަށް އިބްރާހިމް ބުންޏެވެ. މީހެއްގެ ގާތުގައި އާދޭސްކޮށްގެން މާލެ އައުމަށް ދެކޮޅު ޓިކެޓު ހޯދައިގެން އިބްރާހިމް ދާދި ފަހުން ވަނީ އެންސްޕާއަށް ވެސް ލިޔުން ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އިބްރާހިމްއާއި އޭނާގެ އާއިލާއަށް އެހީއެއް ލިބޭގޮތް ވަނީ ނުވެފައެވެ.

"އެމީހުން ބުނީ ކޯންޗެއް ހެއްޔޯ ބޭނުމީ ޓިކެޓު ހެއްޔޯ މާލީ ދީލަތި އެހީ އެއްހެއްޔޯ ބޭނުންވަނީ. އަޅުގަނޑު ބުނިން ޓިކެޓު ދިނީމަ މީނަ މާލެ ގެނެސްގެން ހުންނާނެ ތަނަކާއި ބޭސްފަރުވާއާއި މި ހުރިހާ އެއްޗެއް ނުވާނެއޭ. އަޅުގަނޑު މީ ލޯފަން މީހެކޭ. ދެން މިތިބީ ކުޑަކުޑަ ތިން ކުދިންނޭ. މި ކުދިން ސްކޫލަށް ފޮނުވަން ޖެހޭނެއޭ. އެހެންވީމަ މިކަމަށް ދީލަތި އެހީއަކަށް އެދިއޭ ބޭބެ މި ހުށަހެޅީ." އެންސްޕާއަށް ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން އިބްރާހިމް ބުންޏެވެ.

އިބްރާހިމް އާއި އޭނާގެ އަންހެނުންގެ އެންމެ ދޮށީ ދަރިފުޅު، ރަހްމާ އިބްރާހިމްގެ އުމުރަކީ 17 އަހަރެވެ. އެ ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ދެވަނައަށް އެންމެ ދޮށީ ދަރިފުޅު ޝަޒްރާ އިބްރާހިމްގެ އުމުރުން 15 އަހަރެވެ. އަދި އެންމެ ހަނގު ދަރިފުޅު ލަމްހަތު އިބްރާހިމްގެ އުމުރުން 13 އަހަރެވެ. މިހާރު އެ ތިންކުދިން ދިރިއުޅެމުން ދަނީ އިބްރާހިމްގެ އަމިއްލަ ބިމުގައި އޭނާގެ އާއިލާއާއި އެހެނިހެން ގިނަ ފަރާތްތަކުގެ އެހީީތެރިކަމާއެކު އަޅާފައިވާ ކުޑަ ގެއެއްގައެވެ.

"އަދިވެސް މުޅިން ނުނިމޭ (އަލަށް އެޅި ގެ). ކުދިން ބޯހިޔާވަހި ވެއްޖެ. އޭރުން މީހަކަށް ނުބުނެވޭނެއެއްނުން ކަލޭމެން ކުދިން މިގެއިން ދާށޭ." އިބްރާހިމް ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ އަންހެނުން މާލެ ގެންގޮސްގެން ވިޔަސް މިކަމަށް ފަރުވާދީ އަންހެނުން މި ތިންކުދިންގެ ހައްގުގައި ރަނގަޅުވޭތޯ ބަލަން. ނުލާހިކު ރަނގަޅަށް ހުރި ނުލާހިކު ވަރުގަދަ ހަށިގަނޑު ރީތި އަންހެނެއް. އެހާ ދުވަސްވީ މީހެއްވެސް ނޫން. 49 އަހަރު." އިބްރާހިމް އަސަރާއެކު ކިޔައިދިިނެވެ.

މިހާރު ދަރިންގެ ކަންތައް ބަލަހައްޓަމުން ދަނީ އިބްރާހިމްއެވެ. ނަމަވެސް އެއީ އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާއަށް އެންމެ ފުރިހަމައަށް އަދާ ކުރެވޭ މަސައްކަތެއް ނޫނެވެ. މީގެ ދުވަސްތަކެއް ކުރިން އެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން ސައި ހަދަން އުޅުމުގެ ތެރޭގައި އިބްރާހިމްގެ އަތަށް ވަނީ ހޫނު ފެންވެސް އެޅިފައެވެ. އެތައް ދަތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އިިބްރާހިމް ދިިރިއުޅުމާއިގެން ކުރިއަށް ދަނީ އުންމީދާއި ހިތްވަރާއެކުއެވެ.

އިބްރާހިމް މޫސާއަށް ދިމާވެފައިވާ ދަތި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޯން ނަމްބަރު 7607740 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އިބްރާހިމް މޫސާގެ ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓް ނަމްބަރު 7708387078101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ޝާދިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އިބްރާހިމްއާއި އޭނާގެ އަންހެނުން ޝާދިޔާގެ ތިން ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާށިއެވެ! އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢާއިޝާ

    ވވ ދެރަވެއްޖެ. ތި ޢާއިލާ އުޅޭނެ ހިތްދަރިކަން އިހުސާސް ކުރެވިއްޖެ، އެހީތެރިވަމާ

  2. ނުބުނާނަން

    ވަރައްވެސް ދެރަ އޅުގަނޑުމެން އައް މުހިއްމީ މިޒަމާނުގައި ސިޔާސީ ކަންކަމަށް ބިލިޔަނުން ހަރަދުކޮއް ބޭކާރު ގޮތުގައި ފައިސާ ހަރަދުކުރން. އެހީތެރިކަން ބޭނުންވާ މީހުއްނައް އެހީ ވިޔަސް ފާފައެއްނުވާނެ ކަންނޭގެ.

  3. ނަާލީ

    ދެރަނުވޭ ބޭބޭ... ތީވެސް އިމްތިހާނެއްހަމަ.. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ. ކޮބާ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއި މަހުޖަނުން..؟؟؟؟ މި ޙަބަރު ކިޔާފަ ހަމަ ހިތް ކުދިކުދިވޭ... ﷲއަށް ދުއާކޮށް އެކަލާނގެ އަށް ހިތް ޚާލިސްކޮއްލާ....

  4. ޢަލީ އަޙްމަދު

    ﷲ ގެ ރަޙްމަތުން އެތިބަ މައުސޫމް 3 ދަރިންނަށް ހެޔޮތެއް މިންވަރު ކޮށްދެއްވާށި. ﷲ އިރާދަކުރެއްވިއްޔާ އެހީވުމަށް މަސައްކަތެއް ކުރާނަން.

    4
    1
  5. ޗދ

    ބޮޑަށް ލަފާކުރެވެނީ ޝަރުއީ ރުްިޔާއިން ރުގިޔާ ކޮއްފިނަމަ ބަލިފަސޭހަވާނެހެން.ان شاء الله އެއީ ވާހަކަ ދެއްކެން ފެށި ވާހަކަ ބުނީމަ .. މާލެ އައިސް ޝަރުއީ ރާޤީ އކާ ބައްދަލުކުރަން ފެނޭ..

  6. އައްޑޫގަ މަސައްކަތް ކުރި ފުލުހެއް

    އަޅުގަނޑު ދިޔައިން މިގެ އަށް ސީން އަކަށް. މިބޭބެ އަޅުގަޑާއި ވަރަށް ގިނަ ވާހަކަ ދެއްކި އަދި ވަރަށް ގިނަ ތަންތަން ދައްކަންވެސް ދެއްކި. އޭރު ހަމަ އެއްގޮތަކަށްވެސް ނޭނގެ މީ ލޯފަން ބޭބެއެއް ކަމެއް. ލޯފަން ބޭފުޅެއްކަން އެނގުނީ ސީން ނިންމާފަ ސްޓޭޝަނަށް ދިޔަ މަގުމަތީގަ. އަދި އެއްކަމެއް ފާހަގަކޮށްލަން. މި ބޭބެގެ އާއިލާ އަށް ތަހަންމަލް ކުރަންޖެހިފަ އޮތް ވަރަށް ދަތި އެހެން އުދަގުލެއްވެސް އެބައޮތް. އެއީ ޖެހިގެން ހުރި ގޭގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމށްވާ ލަތީފް. މި ބޭބެ މިހާ ހާލުގައި އުޅޭ އިރުވެސް ބޭބެގެ ގެއިން މިބުނާ ލަތީފް އަށް ހިޔާވަހިކަން ދީފަ ހުންނަނީ. އަދި މީނަ މަސްތުވެގެން ހުރެ ބޭބެއަށް ވަރަށް ގިނަ ޖެއްސުން އެކި ގޮތްގޮތުން ކުރޭ. އަޅުގަނޑުގެ ދުޢާ އކީ ބޭބެގެ ހަޔާތަށް ދިމާވެފަވާ ހުރިހާ ދަތި އުނދަގޫތަކެއް މާތް ﷲ ގެ އިރާދަފުޅާއި ހެޔޮރހަުމަތްފުޅާއިއެކު އަވަހަށް ފިލައިގެން ދިއުން. މާތް ﷲ ބޭބެ އަށާއި ބޭބެގެ އާއިލާ އަށް ހެޔޮ ރަހްމަތް ލައްވާށި. އާމީން.

    • މުއުމިން

      އިންޝާﷲ އާމީން

  7. މުހަންމަދު

    މިފަދަ ފަރާތްތަކަށް އެހީ ވެދިދާނެ ކިތައްމެ ގޮތެއް ހުރޭ!! އެންމެ ކުޑަމިނުން އެކައުންޓަ ށް ޓްރާސްފާ ކުރުންވެސް އެއީ މިއަދު ފަސޭހަކަމެއް! އަދި މި ފޯސްޓް ޝެއަރ ކުރިޔަސް އެކުރެވެނީ ހެޔޮ ކަމެއް! ޓްރާސްފާ ނުކުރެވޭ ނަމަ ގިނައިން ޝެއަރ ކުރައްވާ!

  8. Anonymous

    މިފަދަ މީހުނަށް އެހީވުމަކީ މުޅި އުއްމަތުގެ މައްޗަށް ވާޖިބު ކަންތައްތައް. ހިތެއްވެސް ނެތް ފާތުމަ ކިބައިހޭ ބުނަން. މިއިދިކޮޅު މީހުނަކީ ހަމަ ސީދާ ޖަނަވާރުން. ހިތެއް ނެތް ނުލަފާ ބައެއް. ވެރިކަން ހޯދަން ރައްޔިތުން ކައިރިއަށް ނުދާތި.
    ސަރުކާރުގެ ވުޒާރާތަކުގަ ތިބޭ ވެރިންނަކީ ބޮޑު ގޮނޑިން ތެދުވެ އެމީހުނާ ހަވާލުކޮށްފައިވާ މަސްއޫލިއޔަތު އަދާ ކުރެވޭ ބައެއްނަމަ މިނޫހަކަށް މިހަބަރު އަރާކަށް ނުޖެހުނީސް. އެންސްޕާއަކީ ވަރަށް ކަންފަސޭހަ ވަޒީފާގެ ވާޖިބު އަދާނުކުރާ ބޮޑާ ރުންކުރު ޖަވާބުދޭ ވެރިންނާ މުވައްޒަފުން ތިބޭ ތަނެއް. ނިކަމެތިންގެ ހާލުބަލަން ތިބެންވާނީ އަޚްލާޤުރަނގަޅު ހިތްތިރި މީހހނާމެދު ރަހުމު ހުންނަ މީހުން.

  9. ސިޔާސީ ނުވާށޭ

    މާތްކަލާނގެއާ ވަކީލު. ހެޔޮބަހެއް، ހެޔޮ ދުޢާއެއް ކުރަން ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭ. މާތްﷲ އިބްރާހިމްގެ ޢާއިލާއަށް ހެޔޮ ގޮތް މިންވަރު ކުރައްވާ ދެމަފިރިންނަށް އަވަސް ޝިފާއެއް ދެއްވާށި.

  10. ލަމްހަތު

    ބައްޕަ އަށް އެހީވާށެވެ

  11. ނީނާ

    ޥަރަށޭ ދެރަވީ

  12. އާދަމް

    ރަށުކައުންސިލުންވެސް މިކަމާ ކޮންމެވެސް ގޮތްތަކެއް ހޯއްދަވައިދެއްވުމަކީ ވަރަކަށް މުހިއްމު ކަމެއް. މާތްﷲ އެޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާ އެޢާއިލާއަށް އުފާފާގަތިކަން އަދި އިރާދަކުރެއްވިއްޔާ މިންވަރު ކޮށްދެއްވާށި! އާމީން.

  13. ޟާނު

    ޢެކަމުވެސް މިމީހުން ނަމާދަކަށްނާރާ ނަމާދުގަޑީގަވެސ ތިބެނީމަގުމަތީ ސަލާންޖަހަން ދުައާ ކޮން ޒިކުރުކުރުމުން ހެޔޮކަމެއް މިންވަރުކޮށްފާނެ

  14. މޯޑު

    ވީވަރަކުން އެހީވަމާ......
    އަވަސް ސިފާއެއް މިންވަރު ކޮށްދެއްވާށި......
    އާމީން..........

  15. ރާއްޖެ މީހާ

    އެންސްޕާ އާއި އާސަންދަ އަކީ މުއްސަނދި މަހުޖަނުންނަށް ހިލޭ ރާއްޖެއިން ބޭރުން ފަރުވާކުރަން ފޮނުވަން ހަދާފައި ހުރިތަނެއް. ނިކަމެތި މީހާ ޖެހޭނީ ބައްޔެއް ވިއްޔާ ނާށިގަޑު ހިފައިގެން ސަލާން ޖަހަން ދުވަން. ބޭރަށްދާން ޑޮކްޓަރ ލިޔުން ދިނަސް އެބަ ރިޖެކްޓް ކުރޭ. އެކަމަކު އެއްކަލަ މުއްސަނދި މީހާ ބޭނުންވީމަ ޑޮކްޓަރގެ ލިޔުންނެތި އާސަންދަ ލިބޭ. އާސަންދޯކު ކިޔަންވީ ތިތަނަށް

    1
    2