"ދިވެހިންގެ އާދަކާދައިގައި، ދެ ކ؟" ސިކުނޑިއަށް ނަގައިނުގަނެވުނު ސުވާލެއް ދެއްތޯއެވެ؟ ނަމަވެސް ތިޔާގެ ތެރެއިން ގިނަބަޔަކު ކުރަމުން އަންނަ ކަމެއްގެ ވާހަކައެކެވެ. ދެ ކާފޭ މިކިޔަނީ ދިވެހި ބަހުގައި އޮންނަ "ކ" ދެފަހަރަށް ބޭނުން ކުރުމަށެވެ. މިފަހަރު އެޔަށް ކިޔާނީ " ކުދި ކިޔުމާއި ކުށް ކިޔުމެވެ."

ކުދި ކިޔުމާއި، ކުށް ކިޔުމަކީ ހުނަރަކަށް ވެދާނެވެ. ނުވަތަ އަނެކާގެ ކާމިޔާބީއަށް ވެސް ވެދާނެވެ. ކޮންމެ ކަމެއްގައި ވެސް ހަމަޔެއް ލަމަޔެއް އޮންނަ ގޮތަށް މިކަމުގައި ވެސް ވަކި މިންގަޑުތަކެއް، ވަކި އުސޫލުތަކާއި، ހަމަތަކެއް އޮވެއެވެ.

ކުށް ކިޔުމަކީ ފާޑު ކިޔުމެވެ. ފާޑު ކިޔަންވާނީ އެންމެނެއް ނޫނެވެ. އެކަމަށް ވެސް ޤާބިލު ބައެއް ތިބޭނެކަން އެއީ ޤަބޫލު ކުރަންޖެހޭނެ ކަމެކެވެ. އެހެން އެކަން ނުވަނީ ނަމަ، ފާޑު ނުކިޔޭކަށް އެއްޗެއް އަދި ކަމެއްވެސް ނޯންނާނެވެ. ކޮންމެ ކަމެއްގައި ވެސް ރަނގަޅާއި ނުބައި އޮވެއެވެ. އެއްބަޔަކު ރަނގަޅުކަމަށް ތަރުހީބު ދޭއިރު އަނެއްބަޔަކު ހީ ހީފައި ނުބަޔަށް ފާޑު ކިޔައި ކުދި ކިޔަނީއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެން އެކަކު އަނެކަކަށް އެހީތެރިވެ، އެކަކުގެ މައްސަލަތަށް ފާހަގަ ކޮށް، ހައްލު ކުރަން ޚިޔާލުދީ ނަސޭހަތް ދިން ބަޔެއްކަން އަޅުގަނޑުމެންނަށް މިހާރު ފެންނަން ހުރި ހެކި ތަކުން އެނގެން އެބަހުއްޓެވެ. އެހެން ކަމުން މި ފަދަ ރަނގަޅު އާދަ އަޅުގަނޑުމެން ދަމަހައްޓައި އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލަށް މި އާދަތަށް ފޯރު ކޮށްދޭން އެބަޖެހެއެވެ.

ވަރަށް އާދައިގެ ކަމަކަށް ވިސްނާލަމާ ހިނގާށެވެ. ޕޯޑިއަމްއަކަށް އަރައި، ވާހަކަ ދައްކާ މީހާ ކިތައްމެ އިބުރަތްތެރި ނުވަތަ ކިތައްމެ ރަނގަޅު ވާހަކަ އެއް ދެއްކިޔަސް، މި ބުނާ ކުދި ކިޔާމީހުން ނަށް ފާޑު ކިޔޭނެ ކިތައްމެ ކަމެއް ފެންނާނެވެ. ބަޔަކު މީހުން ޤަބޫލު ކުރާގޮތުގައި، އެއީ ވަރަށް މޮޅު ހުނަރެކެވެ.

މިކަމުގެ ހަގީގަތަށް ބަލައިލަމާ ހިނގާށެވެ. ބަޔަކު ކުރިކަމެއްގައި ނުވަތަ ބުނިއެއްޗެއްގައި ފާޑު ކިޔޭވަރުގެ ކަމެއް އޮވެގެން ފާޑު ކިޔާމީހާ އަކީ އަސްލު މޮޅު މީހެއް ނޫނެވެ. މޮޅު ފާޑުކިޔުންތެރިންނަކީ ކުށެއް ނުވަތަ މައްސަލައެއް ހޯދައި، އެ ކަން ކުރި މީހާ އާއި ޙިއްސާ ކޮށް އެކަން ރަނގަޅުކުރެވޭނެ ގޮތް ކިޔައިދޭ މީހާއެވެ.

އެހެން މިސާލަކަށް ޖެލިމާ ހިނގާށެވެ. މިއަދު އަޅުގަނޑުމެން ގެ މެދުގައި އޮންލައިން ނޫސްތަކަކީ ވަރަށް ގިނަ ބަޔަކު ކިޔައި އުޅޭ އެއްޗެކެވެ. އެގޮތުން ބައެއް ނޫސް ތަކުގައި ޝާޢިރު ކުރެވޭ ލިޔުންތަކަކީ ހާހުން ބައެއް ފަހަރު ލައްކަ އިން މީހުން ކިޔައި އުޅޭ ލިޔުން ތަކެކެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ އެ ކިޔުންތެރިންގެ ތެރެއިން ގިނައީ ލިޔުމަށް ފާޑު ކިޔާއި، ލިޔުމުގައި ހުންނަ އުނި ކަންތަކުގެ ވާހަކަ ދައްކާ މީހުންނެވެ. ހޯދަން ޖެހޭ އިބްރަތް ނުލިބި މާޖާކުރުމުގައި އުޅޭ މީހުންނެވެ. އެކަން އަޅުގަނޑުމެންގެ ލޮލަށް ފެންނަން އެބަހުއްޓެވެ.

ކޮންމެ ނޫހެއްގައި ވެސް ލިޔުމަށް ޚިޔާލު ދިނުމަށް ވަކި ގޮޅިއެއް އޮވެއެވެ. އެއީ ލިޔުމާއި ދޭތެރޭ ކިޔުންތެރިން ގެ ޚިޔާލު ހޯދުމަށެވެ. ކިޔުންތެރިންގެ ޚިޔާލު އަޅުގަނޑުމެންނަށް ފެނިގެންވެސް ދެއެވެ. ނަމަވެސް ދެރަވާން ޖެހެނީ އެތަށް ސަތޭކަ މީހުން ކިޔާ ލިޔުމަކުން ދެ ތިން މީހުން ފިޔަވައީ ދެން ތިބި އެންމެންނަކީ ކުށް ކިޔާއި، ފާޑުކިޔާ މީހުންނަށް ވާތީއެވެ. މިގޮތަށް މި ކަންތަށް ކުރާ މީހުންނަށް ނޭނގި ނަމަވެސް އެތައްބައެއްގެ އަބުރަށް އަރައި ގަނެވިފައި ވެސް އެބަހުއްޓެވެ.

އޮލިމްޕަހަށް ވަދެ ފިލްމެއްބަލައިލައިފައި ނުކުމެ ފާޑު ކިޔައި އޭގައި ހުރި މައްސަލަ ތަކަށް ޖޯކް ޖަހައި ހަދާމީހުން މި ދިވެހި ރާއްޖޭގައި ވެސް މަދެއް ނޫނެވެ. އެކެއްގެ ހުނަރަކަށް މަލާމަތް ކުރަމުން ބިތަށްޖެހި ދުވާއިރު، އެންމެ ފަހަރަކު ވެސް އެ ބައެއް ކުރި މަސައްކަތެއްގެ ބުރަމިން އިހްސާސް ކޮށްލިން ތޯއެވެ؟ ތިމާ ފާޑު ކިޔާނެ އެއްވެސް ޖާގަ އެއް އެބައިން ހެއްޔެވެ؟ ތިމާ އަކީ ކާކު ހެއްޔެވެ؟ އޭނަ ގައިގައި ހުރި ހުނަރު ތިމާ ގައިގާ އެބަހުރި ހެއްޔެވެ؟ ތިމާ އެއަށް ވުރެ މޮޅު ފިލްމެއް ހެދިން ހެއްޔެވެ؟ އެއަށް ވުރެ މޮޅަށް ލަވަކިޔައި އުޅުނުނިން ހެއްޔެވެ؟ ލިޔުނިން ހެއްޔެވެ؟ ހައްތަހާވެސް އަމިއްލަ މީހާއަށް އިނގިލި ދިގުކޮށް ކުރެވޭ ސުވާލު ތަކެކެވެ.

ކޮންމެއަކަސް ޢަޅުގަނޑުމެންނަކީ ވަރަށް ދެރަ ނިކަމެތި އިންސާނުންނެވެ. ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެވެ. އަދި އަތުގެ ފަސް އިގިލި އެއްވަރު ނުވާ ފަދައިން އެކަކު އަނެކަކު ގެ ވިސްނުމާއި މިޒާޖާއި އެހެނިހެން އާދަތަށް ވެސް ތަފާތު ވާނެވެ. ބުނަން މިއުޅެނީ އެންމެން ހިތްހަމަ ޖެހޭ ގޮތަށް ކަންތަށް ނުވާނެ ވާހަކައެވެ. އެހެން ނަމަވެސް ރަނގަޅު ނިޔަތެއް ގައި މަސައްކަތެއް ކޮށްފި ކަމުގައި ވަނީނަމަ ތަރުހީބައި ހިއްވަރު ދޭށެވެ.

ފާޑުކިޔަން ބޭނުން ވާކަމަށް ވަންޏާ އޭގެ ހައްލު ފުރަތަމަ ހޯދާށެވެ. އެ އެއްޗެއް އެއަށް ވުރެ ފުރިހަމަ ކުރެވޭނެ ގޮތް ހޯދާށެވެ. އަނެކާގެ މަސައްކަތަށް އިޚްތިރާމް ކޮށް ޚިޔާލު ދޭށެވެ. ފާޑު ކިޔުމަކީ ކުރިއެރުމެކޭ ބުނެވޭނީ އޭރުންނެވެ. ތިމާ އަކީ ވެސް މީހަކަށް ވާނީ އޭރުންނެވެ. ކުށް ކިޔުމައި ކުދި ކިޔުން ދޫކޮށް އެކުވެރިކަމާއި އެކު ޚިޔާލު ދީ އުޅޭށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙެޔޮ އެދޭ ފަރާތެއް

    ޢަސްލު ވަރަށް ރަނގަޅު ލިޔުމެއް ތީ މިޔަދު އަޅުގަނޑުމެންގެ ތެރޭގައި މިއަދު ކަންހިނގާ ގޮތް. ޥަރަށް ދެރަ

  2. Anonymous

    ޙަބޭސް