ހިރާ މޫސާ ހާޝިމް އަދި ހައިރާ މޫސާ ހާޝިމްއަކީ އުފަންވި އިރު ވެސް ހިތުގެ ބޮޑެތި މައްސަލަތަކެއް ހުރި އެއްމާބަނޑު ދެ ކުދިންނެވެ. ދެ ކުދިން ވެސް އުފަންވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. އޮކްޓޯބަރު 29، 2020 ގައި ދުވަސް ނުފުރާ ދެކުދިން އުފަންވިއިރު، ދެކުދިން ތެރެއިން ހައިރާ މޫސާ ހާޝިމްގެ އޮކްސިޖަން ލެވެލް ދަށް ކަމާއި ހިތުގައި އިތުރު އަޑެއް ހުރިކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި އިކޯ ޓެސްޓް ހެދުމަށް މާލެ ގެންދިޔައެވެ.

ހައިރާގެ މަންމަ ފާތިމަތު ޝަޒުރާ "ވަގުތު" އަށް ކިޔައިދިން ގޮތުގައި ދެކުދިންގެ ތެރެއިން ހައިރާގެ ހިތުގެ މައްސަލަތަކެއް ހުރިކަން އެނގުނީ ވިހެއި ފަހުންނެވެ. އެގޮތުން އެހެން ކުދިންނާ ތަފާތުކޮށް ހިތް އުފެދިފައިވާ އިރު، ހިތުގެ މައިޕަންޕިން ޗެންބާ ދޭތެރޭގައި އިންނަ ފާރު އުފެދިފައި އިނީ ވަރަށް ކުޑަކޮށެވެ. އަދި ހިތުގައި ވަރަށް ބޮޑު ލޯވަޅެއް އިނދެއެވެ. މީގެ އިތުރުން އާއްމު މީހެއްގެ އަޔޯޓާ ވާތް ފަރާތުގައި އިންނަން ޖެހޭއިރު، އެއާހިލަފަށް ކަނާތް ފަރާތުގެ ވެންޓިކަލްއިން ޕަލްމަންޑްރީ އާޓްރީ އުފެދިފައި އިނުމުގެ އިތުރުން އަޔޯޓާ (ހަށިގަނޑުގެ ބާކީ ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދޭ މައި ލޭ ހޮޅި ) ވެސް އިންނަނީ ހަމަ ކަނާތް ފަރާތުގެ ވެންޓިކަލްއާ ގުޅިފައެވެ. އަދި ހިތުގެ ވާތް ފަރާތުން ޕަންޕުވާ އެއްޗެހި ބޭރުވާނެ ގޮތެއް ނެތްއިރު، އޮކްސިޖަން ހިފައިގެން ފުއްޕާމެއަށް އަންނަ ލޭ އެޅެނީ ހިތުގެ ވާތް ފަރާތަށެވެ.

އެގޮތުން ވިހެއުމަށް ފަހުގައި ހާލު ގޯސްވުމުން މާލެ ގެންގޮސްވެސް އެން.އައި.ސީ.ޔޫ. ގައި ދުވަސްތަކެއް ވަންދެން ފަރުވާ ހޯދި ކަމަށާއި ދަރިފުޅަށް އޮތް ހައްލަކީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރުން ކަމަށް އޭނާ ކިޔައިދިނެވެ.

"އީކޯ ޓެސްޓް ހެދިއިރު ދަރިފުލޫގެ ހިތުގައި ބޮޑެތި މައްސަލަތަކެއް ހުރި. ތުގެ ވާތް ފަރާތަށް އެޅޭ އޮކްސިޖަން ހިފައިގެން އަންނަ ލޭ ހިތުގެ ވާތް ފަރާތުގެ ޕަންޕިންޗެމްބާ ކަމަށްވާ ވާއަތު ވެންޓިކަލްއަށް އެޅިފަ،" ކުއްޖާގެ މަންމަ ކިޔައި ދިނެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އެކަމުގެ ސަބަބުން ވާއަތު ވެންޓިކަލްއިން ކިތަންމެވަރަކަށް ޕަންޕު ކުރިޔަސް އެލޭ ބޭރުވާނެ މަގެއް ހައިރާއަކަށް ނީނދެއެވެ.

"ޑޮކްޓަރު ބުނީ ބޭބީގެ ސާޖަރީއެއް ނުކުރެވޭނޭ ބޭބީގެ ވެއިޓް ވަރަށް ދަށްކޮށް އުޅުނީމާ. ދެން އެއީ އަޅުގަނޑު ޕްރީ މެޗުއާކޮށް (ދުވަސް ނުފުރާ) ބޭބީ ވިހެއީ ވެސް ބަރުދަން ލުއިވަމުންދާތީ. އިތުރު އެއްވެސް މައްސަލައެއް ހުރެގެނެއް ނޫން. 5 މަހުގައި ސްކޭންވެސް އަޅުގަނޑު ދެފަހަރަށް ހެދިން، ހަދައިގެން ވެސް ގަމަކުން ވެސް ނުބުނޭ ހަމަ އެއްވެސް މައްސަލައެއް ހުރި ވާހަކައެއް ވެސް. އެކަމަކު މާލެއިން ދެކުދިން ބެލި ޑޮކްޓަރު ބުނި ދެކުދިން ބަލާލާފައި ހަމަ ފަސް މަހު ބަލާލާފައި ހަމަ ވަރަށް ރީތިކޮށް އެނގޭނެއޭ. އެހާ ބޮޑުކޮށް ހުއްޓޭ ހިތުގެ މައްސަލަ" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ކުއްޖާ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ބަރުދަން މިހާރު އިރު ބޭނުންވަނީ ދީލަތި އެހީތެރިކަން ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ. އަދި ވިހެއީއްސުރެ ހައިރާއަށް ރުއިން ވަނީ މަނާކޮށްފައި ކަމަށާއި ބައެއް ފަހަރު ކުއްޖާ ރޯން ފައްޓައިގެން ހާސްވެގެން ހާލު ދެރަވާކަން ފާހަގަކޮށް ކުއްޖާގެ މަންމަ ބުނީ މާބޮޑަށް ފިނިވިޔަސް ދަންވަރު ހޭލާ ރޮއެ ހަދާ ކަމަށެވެ.

"ރޮއެރޮއެފައި އެހެން އޮވެ ނިދޭނީ. ދެން މިހެން އާންމު އުސޫލުން ކުދިން އުޅޭއިރު އުޅޭހެން ސަކަރާތްޖަހާ މަޖާކޮށްލާ ނޫޅެވޭ. ދެން މި ފަހަކަށް އައިސް ސަކަރާތް ޖަހާލީމަވެސް ބޭބީ އާއި މަޖާކޮށްލީމަ ވެސް، ސަމާސާ ކޮށްލީމާ ވެސް ވަރަށް ވަރުބަލިވޭ. މިބުނީ ހަމަ ގާތްގަނޑަކަށް 10 ފީޓްސް ވެސް ނުހިނގޭނެ. ބޭބީ ވަރުބަލިވެގެން އިށީންނަ އިރުގައި. 1.5 ލީޓަރގެ ފެންފުޅިއެއް އުފުއްލާލާފައި ބައިންދާއިރުގައި ވެސް ހަމަ މައި ނޭވާ ލާނެ. އެހެން އުޅެއުޅެފައި ހޮޑުލެވުނީމާ ބޭބީއަށް ވަރަށް ލުއިވޭ. ދެން އެގޮތަށް ވާތީ ޑޮކްޓަރު ބުނެފައި އޮތީ ވީހާވެސް އަވަހަކަށް ފުރުމޭ ރަނގަޅީ. އެހެން ހުރެފައި ހަމަ ކުއްލިއަކަށް ހަމަ ހާލަތެއް މެދުވެރިވެދާނޭ. ދެން އެހިސާބުން ޑޮކްޓަރަކަށް ނޭނގެޔޭ ބުނާނެ އެއްޗެއް. ދެން އަޅުގަނޑުމެން ކުރިހާ އަވަހެކޭ އޮތީ." މަންމަ އަސަރާއެކު ކިޔައިދިނެވެ.

"އަޅުގަނޑު އިއްޔެ ހަވީރު ވާނީ ފޭސްބުކުގައި ވެސް ޕޯސްޓެއް ކޮށްފައި. ވަރަށް ގިނަ ޕޭޖުތަކުން ވެސް ޝެއާ ކުރި ހަމަ. އެކަމަކު އަސްލު ބޭނުންވާ އެމައުންޓާ ގާތްކުރާ އަދަދަކަށް ވެސް ނުލިބޭ." ތުއްތު ދަރިފުޅުގެ ފަރުވާއަށް ބޭނުންވާ ފައިސާގެ އެހީއަށް އެދެމުން ޝަޒުރާ ބުންޏެވެ.

މީގެއިތުރުން ހިރާގެ ދަރިފުޅުގެ ވެސް ހިތުގެ މައްސަލަތަކެއް ހުރިކަމަށާއި، ހިތުގެ މައިޕަންޕިން ޗެންބާ ދޭތެރޭގައި އިންނަ ފާރުގައި ވަރަށް ގިނަ ކުދި ލޯވަޅު ތަކެއް ހުރިކަމަށް ވެސް ޑޮކްޓަރު ބުނެފައިވާ ކަމަށް ދެކުދިންގެ މަންމަ ބުންޏެވެ. އެއްފަރާތުން އަނެއްފަރާތަށް ލީކެއް އުޅޭކަމަށް ޑޮކްޓަރު ބުނެފައިވާކަމަށާއި އަދި ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށް ވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.

އާއިލާގެ ފަރާތުން ހިރާގެ އިތުރު ފަރުވާއަށާއި ހައިރާގެ ސާޖަރީއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީލަތި އެހީއަކަށް ބޭނުންވާ ކަމަށާއި ފައިސާގެ އެހީތެރިކަމެއް ވެދެވޭނެ ތަނަވަސްކަން ނެތްނަމަ ހެޔޮދުއާ އެއް ކޮށްދެއްވުމަކީވެސް ވެވޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް އޭނާ ބުންޏެވެ.

 

އާމިނަތު ޝަޒުރާ ( ދަރިފުޅުގެ މަންމަ ) : 7770000046202 ( MVR)

ފާތިމަތު ޝަކީލާ ( ދަރިފުޅުގެ މާމަ) : 7730000371659 ( USD)

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަނދުކޭތަ

    ސޯލިހު މިފަހަރުގެ ރިޔާސީބަޔާން އިއްވިދުވަހުވެސް ބުނި ސަލާންޖެހުން ހުއްޓިޖެޔޭ މިހާރު ސަލާމެއްނުޖަހައޭ ކިހިނެއްތަ މިވަނީ މިޔައްކިޔަނި ސަލާންޖެހުމެއްނޫންތަ ސޯލިހައް މިހަބަރު ދައްކާލަބަލަ އޭނައަންހެނުންގޮވާގެން އަޗާތަޅަން ބޭރައްގޮސްވީ ބޮލައްބޭސްކުރަން ބޯގޯސް ސޯލިހު

    13
    4
  2. މިތުރާ

    ޢިބޫބެބެ ބުނި ބޭސްފަރުވާތް ސަލާން ޖަހަން ނުޖެހޭނެ ވާހަކަ، ދެކުދިންނަށް އަވަސް ޝިފާ އެއްމިންވަރު ކުރަށްވާދޭވެ އާމީން🙏

    15
    1
  3. ކާފަ

    ގައިމް ރައީސްމީހާބުނި ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނެވިއްޖޭ..

    15
    1
    • ޜަނާ

      ޢެމީހުން ބުނަނީ ބޭސް ސިޓީއަށް ސަލާމް ޖަހަން ނުޖެހޭނެ ވާހަކަ މިހާރު މީ ބޭސް ފަރުވާއަށް ސަލާމް ޖެހުން. ސަރުކާރުން ދޭނެ
      ޢޮޕަރޭޝަންގެ ޚަރަދު ބޭނުންވާނީ ރާއްޖެއިން ބޭރުގަ ތިބުމާ ކެއުމުގެ ޚަރަދު އެއީ ސަރުކާރުން އެއް އިރެއްގަވެސް ދޭ އެއްޗެއް ނޫން.
      ޢެކަމަކު މިފަދަ ބޮޑެތި ކަންތަކުގަ ތިބުމުގެ ޚަރަދު ދިނުންވެސް ރަގަޅު.

      17
      1
  4. Anonymous

    މި ތުއްތު ދެކުދިންނަށް ވެސް އެހީވާންވީ މިގައުމުގެ ނިކަމެތި ފަގީރުން. މިގައުމުގެ ބިންބިމާއި މުދަލުން މަހަކު އެތައް މިލިއަނެއް ލިބޭ މަހުޖަނުންނާއި މިގައުމުގެ ސަރުކާރު ކޮބައިހޭ؟

    18
    2
    • ޢަބްދުއްލަޠީފު

      މަހުޖަނުގެ ބޭސްފަރުވާ އަށް ނިމިދިޔައަހަރު ދައުލަތުން 250000 ރުފިޔާ ޚަރަދުވެސް ކުރި. އަދި ނުވިތާކަށް 56،000،000 ރުފިޔާ ވެސް ދީފި. ތުއްތު ބޭބީ އަށް ދޯ އެކައްޗެއްވެސް ދެވެން ނެތީ؟

      14
      1
  5. ގ

    1.5 ލީޓަރގެ ފެންފުޅިއެއް އުފުއްލާލާފައި ބައިންދާއިރުގައި ވެސް ހަމަ މައި ނޭވާ ލާނެ.... ކީއްކުރަން ހޭ އެކަހަލަ ބޭބީއަކު ލައްވާ ކުރަނީ... ނުކުރުވާތި

    7
    1
  6. ރަނގަޅު

    އާސަންދައިން ކަވަރުނުކުރާ ޚަރަދުތައް އެންސްޕާރއިން ހަމަޖައްސައިދޭ ގޮތެއް ވެސް އޮވެޔޭ ކިޔާ އަޑު އިވޭ. މިކަހަލަ ކޭސްތަކުގެ ޚަބަރު ނޫހުގައި ގެނެސްދޭއިރު، އެންސްޕާރއިން އެހީ ހޯދަން މަސައްކަތްކޮށްފައިވޭތޯއާއި ކޮށްގެން ނުކުތް ނަތީޖާއަކީ ކޮބައިކަންވެސް ސާފުވާ ގޮތަށް ޚަބަރުގެނެސްދިނުން ރަނގަޅު. އާދައިގެ މީހާއަށް ވެދެވެން އޮންނަ އެހީތެރިކަމެއް ވެދިނުމަކީ ކިތަންމެހައިވެސް އެދެވިގެންވާ ކަމެއް.