މުހައްމަދު ޝިފާއު އާންމުންނަށް ބޮޑަށް އެނގުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ މެންބަރު ކަމަށް ވަޑައިގަތުމާއެކުގައެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުންނެވި ޝިފާއު ވަނީ "ވަގުތު މައިޒާން" ޕްރޮގްރާމްގައި އާންމުންނަށް ނޭނގޭ އާ ވާހަކަތަކެއް ހިއްސާކުރައްވައިފައެވެ.

ޝިފާއު އަކީ ހއ. އުލިގަމަށް އުފަން ބޭފުޅެކެވެ. މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރީގައި މައިގަނޑު ގޮތެއްގައި ޝިފާއު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި އާއި އަމިއްލަ ވިޔަފާރީގެ އިތުރުން ޕްރައިވެޓް ސެކްޓާގައި އަމިއްލަ ކުންފުނިތަކުގެ ޒިންމާދާރު މަގާމުތައް ވެސް އަދާކުރެއްވިއެވެ.

"އަޅުގަނޑަކީ އެހާ ބޮޑަށް ސިޔާސީ ވެގެން އުޅުނު މީހެއް ނޫން، ނަމަވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ފަހުގައި ރާއްޖޭގެ އޭރުގެ ސިޔާސީ މަޝްރަހު އޮތް ގޮތުން، ދެން ދާއިރާގެ ހާއްސަކޮށް ހަމަ އަޅުގަނޑަށް ދެންނެވިދާނެ އިހަވަންދޫގެ ވަރަށް ގިނަ އިސްރަށްވެހިންގެ އެދުމާ އެއްކޮށް އަޅުގަނޑުވެސް ބޭނުންވީ(މަޖިލިސް މެމްބަރަކަށް ވާން)" ސިޔާސީ ދާއިރާއަށް ވެންނެވުނު ގޮތް ޝިފާއު ކިޔައިދެއްވިއެވެ.

ޝިފާއު މެންބަރުކަމަށް ނުކުންނެވީ ރައްޔިތުންގެ އެދުމާއެކުގައި ތިން ރަށަށް ހިދުމަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައެވެ. ޝިފާއު އަކީ މިހާރު ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީގެ އެންމެ ނަން ހިނގާ އެއް މެންބަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ސުވާލު: މަޖިލީހަށް އެންމެ ފުރަތަމަ ދިޔަ ދުވަހުގެ ތަޖުރިބާ ކުރު ގޮތަކަށް ހިއްސާ ކޮށްލަދެވިދާނެތޯ؟

ސިޔާސީ ދާއިރާއަށް އާ ވުމާވެސް އެކުގައި އެންމެ ފުރަތަމަ މަޖިލީހަށް އަލަށް ވެންނެވި ދުވަސްވަރު ވީ ޝިފާއުއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި ދުވަސްތަކަކަށެވެ. ނަމަވެސް ޝިފާއުއަކީ އަބަދުވެސް ހިތްވަރާއެކުގައި ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލައްވާ ބޭފުޅެކެވެ.

އިހަވަންދޫ-ދާއިރާގެ-މެމްބަރު-މުހައްމަދު-ޝިފާއު

"ސީނިއާ އެމްޕީސްގެ ގޮތުގައި ތިބި އަދަދު ހަމަ ނިސްބަތުން މަދު(މަޖިލިހުގައި). ދެން އަޅުގަނޑުމެން ވެސް ސިޔާސީ ގޮތުން ވަރަށް އާ. ދެން ހަމަ ބުނާ ނަމަ، ގޮންޖެހުން ބޮޑު ދުވަސްތަކަކާ އެންމެ ފުރަތަމަ ކުރިމަތިލީ" މަޖިލީހަށް ފުރަތަމަ ވަޑައިގަތް ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ކިޔައިދެއްވިއެވެ.

އަލަށް މަޖިލީހަށް ވަޑައިގެން ކަން ދިމާވި ގޮތުން ކުރައްވަން ޖެހުނީ ވެސް ފަސޭހަ މަސައްކަތްތަކެއް ނޫނެވެ. ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަޝިޕް ކަނޑައެޅުމާއި އަދި އެއަށްފަހުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގައި ވެސް އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

ނަމަވެސް ޝިފާއު އަކީ އަބަދުވެސް އަމިއްލައަށް އިސްނަގާ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމުން ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމަކީ ވެސް އޭނާއަށް ހުރަސް ނުކުރެވޭ ވަރުގެ ގޮންޖެހުމަކަށް ނުވިއެވެ. ކިޔަވަން އުޅުއްވި ދުވަސްވަރުގައި ވެސް ޝިފާއު ވަނީ "ލީޑާޝިޕް"ގެ މިސާލު ދައްކަވައިފައެވެ.

"އަޅުގަނޑުމެންގެ ތެރެއިން ތިބި ސީނިއާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕުގެ ހަމަ އެހީތެރިކަމާ އެއްކޮށް އަޅުގަނޑުމެންނަށް މާ ބޮޑަށް ސިސްޓަމްގެ ތެރެއަށް ވަންނާކަށް އުނދަގޫ ވެގެން ނުދިޔަ. ދެން ހަމަ ކުޑަ ދުވަސްކޮޅެއް ނެގީ" ޝިފާއު ވިދާޅުވިއެވެ.

އަބަދުވެސް ކަންކަމުގައި އިސްނަގައިގެން އުޅުއްވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ދާއިރާއަށް "އެޖަސްޓް" ވާކަށް ވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ނަމަވެސް މީގެ ކުރިން ކުރެއްވި މަސައްކަތަކާ ބަލާއިރު އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ މަސައްކަތަކީ ވަރަށް ވެސް ތަފާތު މަސައްކަތެކެވެ.

"ފެށުނީއްސުރެ ކަންކަމުގައި ފަސްނުޖެހި ކުރިޔަށް ދިޔުމުގެ ރޫހެއްގައި އުޅެވިފައި ހުރީމަ ރައްޔިތުންގެ މަޖިލީސް ތެރޭގައި ވެސް އަލަށް އައިސް އަނެއްހެން މާބޮޑު ގޮންޖެހުންތަކަކާ ކުރިމައްޗެއް ނުވޭ. ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި އެޖަސްޓް ވެއްޖެ. ނަމަވެސް ވަރަށް ތަފާތު މަސައްކަތެއް މިއީ." ޝިފާއު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ، އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު، އާ ސަލާމް ކުރައްވަނީ.

މަޖިލީހަށް ފުރަތަމަ ވަތް އިރު ދިމާވި މަޖާ، ފާހަގަ ކޮށްލެވޭ ކަމެއް ހަނދާން އެބަހުރިތަ؟

ސުކޫލު ދައުރުގައި ލައްކަ މަޖާ ކުރެއްވި ނަމަވެސް ފުރަތަމަ ފަހަރަށް ސިޔާސީ މައިދާނަށް ނުކުންނަވާ ޝިފާއުއަށް ދިމާވީ މުޅިންހެން ގޮންޖެހުންތަކަކާއެވެ. އޭނާ ކިޔައި ދެއްވި ގޮތުގައި އެ ހުރިހާ ގޮންޖެހުންތަކެއް ވެސް އޭނާ ކަޑައްތުކުރީ ހިތްވަރާއިއެކުގައެވެ.

"ދެން އަނެއްހެން މާބޮޑަކަށް އެހެން ހަނދާންވާ މަޖާ ކަމެއް ނުއެއް ނެތް. ދެން ހަމަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވޭ. ދެން އެ ޗެލެންޖެއްގެ ގޮތުގައި ނަގާ އެކަންކަމުން ހޭންޑްލް ކުރުމުގައި ދިމާވާ ކަންކަމުން ތަޖުރިބާގެ ގޮތުގައި ހަމަ ބެލެވެނީ" ޝިފާއު ވިދާޅުވިއެވެ.

ސުކޫލު ދައުރުގައި އެއްވެސް ހޯމްވޯކެއް ނުވަތަ އިމްތިހާނެއް ކޮޕީ ކުރެއްވިންތޯ؟

އަބަދުވެސް ރަހުމަތްތެރިންނަށް ހިތްހެޔޮ ޝިފާއު ސުކޫލު ދައުރުގައި ވެސް އަމިއްލައަށް އެއްޗެއް ކޮޕީ ކުރެއްވުމަށް ވުރެ ބޮޑަށް ކުރެއްވިފައި އޮތް ކަމަކީ އެހެން ކުދިންނަށް އިމްތިހާނުތަކުގައި އެހީތެރިވުމެވެ. މިގޮތުން ސުކޫލުގައި އަދި ޔުނިވާސިޓީގައި އުޅުއްވި އިރުގައި ވެސް ހިނގި އެފަދަ ކަންކަން ކޮންމެވެސް މިންވަރަކަށް އޭނާ ހިއްސާ ކުރެއްވިއެވެ.

"ކޮޕީ ކުރުމާއި މިކަހަލަ ކަންކަން ތި ފާހަގަ ކުރެއްވިހެން ސުކޫލު ދައުރުގައި ވިޔަސް އަދި ޔުނިވާސިޓީ ދައުރުގައި ވެސް ހަމަ ދިޔަ. އަޅުގަނޑު ބޮޑަށް ހަމަ ހުންނާނީ ކުރީގައި ވެއްޖެ ނަމަ ރަށު ސުކޫލުގައި އުޅުނު އިރުގައި ވެސް ތަންކޮޅެއް ދަށް ގްރޭޑެއްގެ ކުއްޖަކު ވެއްޖެ ނަމަ އެ ކުއްޖަކާ އެއްކޮށް ޓެސްޓް ހަދަން އިނދެފައި. ދެން އިންނައިރު ހުންނާނެ އެހެން ޖޫނިއާ ކުދިންނަށް އެހީވެފައި އަސްލު" އޭނާ ވިދާޅުވިއެވެ.

މުއްސަނދި މާޒީ އޮތް ޝިފާއުގެ އެންމެ ފޮނި ހަނދާންތަކާއި އަދި އެންމެ ހިތްދަތި ދުވަސްތައް ވެސް ގުޅިފައިވަނީ އިންޑިއާގައި ކިޔަވަން އުޅުނު ދުވަސްވަރާއެވެ. މިގޮތުން މައިސޫރު ޔުނިވާސިޓީގައި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވަން އުޅުނު އިރުގައި އޭނާގެ އެކުވެރިންނަށް ވެދެއްވި ބައެއް ދީލަތި އެހީތަކާއި ބައެއް "ނުރަނގަޅު" އެހީ ވެސް އޭނާ ހިއްސާ ކުރެއްވިއެވެ.

"އިންޑިއާ ކުދިން ވަރަށް ފަގީރު ވާނެ. ކިޔަވާނެ ނޯޓު ފޮތް ވެސް އެކުދިންނަކަށް ނުލިބޭ ގިނަ ފަހަރަށް. ދެން އަޅުގަނޑު އެންމެ ކައިރީގައި ގެންގުޅުނީ ވެސް އިންޑިއާ އެކުވެރިއެއް. ދެން އަޅުގަނޑު ހަމަ ހުރިހާ އިމްތިހާނަށް ވެސް ޓެކްސްޓް ފޮތްވެސް ގަނެދެނީ. ގިނަ ފަހަރަށް ހަމަ އެކުދިންގެ އިމްތިހާން ފީ ވެސް ދައްކަދެން އަޅުގަނޑު. ދެން އިމްތިހާނަށް ދާއިރުގައި ވެސް، ދެން ވެދާނެ އެކުދިން ވަރަށް ފަގީރު ބެކްގްރައުންޑަކުން އައިސް އޮތީމާ މަސައްކަތުގައި އުޅެންޖެހުމާއި އެކި ކަންކަމާ ހުރެ ކަމަށްވެސް. އެހާ ރަނގަޅެއް ނުވާނެ ނަތީޖާއެއް. ދެން އަޅުގަނޑު އަނެއްހެން އިމްތިހާންތަކުގައި އެހީވަން." ޝިފާއު ވިދާޅުވިއެވެ.

ކިޔަވަން އިންޑިއާގައި އުޅުން އިރުގެ ތަޖުރިބާ ކުރުގޮތަކަށް ހިއްސާ ކޮށްލެވިދާނެތޯ؟

މަތީ ތައުލީމު ހާސިލުކުރައްވަން އިންޑިއާގައި ހޭދަކުރެއްވި ދުވަސްތަކުގައި ޝިފާއުގެ ހަޔާތުގެ ބޮޑެތި ސަފުހާތަކެއް ނިއުޅިގެން ދިޔައެވެ. ނަމަވެސް އޭނާ ސިފަކުރެއްވި ގޮތުގައި އިންޑިއާގައި އޭނާ އޭރު ދިރިއުޅުއްވި ހިސާބަކީ އެގައުމުގެ އެހެން ހިސާބުތަކާ ބަލާއިރު މާބޮޑަށް ވެސް ކުރިއަރާފައި އޮތް ހިތް ފަސޭހަ ހިސާބެކެވެ.

"މައިސޫރަކީ ފިލްމުތަކުގައި އާންމުކޮށް ފެންނަ މުމްބާއީ ސަރަހައްދުގެ މަންޒަރުތަކާ އަދި ވަރަށް ތަފާތު އެނގޭތޯ. ދެން އެއްގޮތަކުން އަޅުގަނޑުމެންނަށް ދެންނެވިދާނެ މައިސޫރަކީ އެހާ ޓްރެފިކެއް ވެސް ބާރެއް ބޮޑެއް ނުވާނެ އޭރަކު. ދެން އެހާ އާދައިގެ ސިޓީއެއް ވެސް ނޫން. ފުދޭ ވަރަކަށް ބެލެންސްޑް." އެހެން ސިޓީތަކާ އަޅާ ކިޔުއްވަމުން ޝިފާއު ވިދާޅުވިއެވެ.

ކިޔަވަން އުޅުނު އިރުގައި އެއްވެސް މީހަކަށް ޕްރޭންކް ކޮށް އުޅުއްވިންތޯ؟

މި ސުވާލު ކުރެއްވުމުން ޝިފާއު ގާތަށް އައީ ހިންޏެވެ. ސުކޫލު ދައުރުގައި ވަރަށް ވެސް ސިޔާސަކޮށް އުޅުއްވި ނަމަވެސް އިސްކޮޅުން ކުރުވުމުގެ ސަބަބުން މިފަދަ ލަނޑުތައް އާންމުކޮށް ލިބިފައިހުރީ އޭނާއަށެވެ.

މިގޮތުން ގްރޭޑް ހަތެއްގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަން އުޅުއްވި ދުވަސްވަރު ތަންކޮޅެއް ޖާނުން އަދި އުމުރުން ބޮޑެތި ބައެއް ދަރިވަރުން އޭނާއަށް ދީފައިހުރި ބައެއް "ލަނޑު"ތައް ހިއްސާ ކުރެއްވިއެވެ.

"އަޅުގަނޑު ހަމަ ހަނދާންވޭ އަޅުގަނޑު ކިޔެވިން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް. އެއް އަހަރު، އެއީ ގްރޭޑް ހަތެއްގައި. ދެން އޭރު ތިބޭނެ ރިޕީޓް ވެވެ ގޮސް ވަރަށް ބޮޑެތި ކުދިންވެސް އަޅުގަނޑުމެން ކުލާހުގައި. ދެން އަޅުގަނޑު އޮންނާނެ ބައެއް ފަހަރު ގެންގޮސް ޑެސްކް ދަށަށް ލާފައި ވެސް. ފޮރުވާފައި ވެސް ބާއްވާފައި. ދެން އެކަހަލަ ކަންކަމާއި ދިމާވޭ. ވަރަށް ބޮޑަށް ދަށްކޮށްލައިގެން ގެންގުޅުނު އޭރު." ޝިފާއު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު - ފޮޓޯ: މަޖިލިސް

ސުކޫލުގައި ސަކަރާތް ޖަހައިގެން އަދަބެއް ލިބުނުތޯ؟

ޝިފާއު އަކީ އޭނާގެ ކުލާހުގެ "ދާދާ"އެވެ. ލާނެއްކޮށް އުޅުއްވި ޝީފާއުއަކީ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. ސުކޫލު ދައުރުގައި "ލައްކަ" މަޖާ ކުރެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުން ރަށު ސުކޫލުގައި އެކަމަށް އޭނާގެ ނަން މަޝްހޫރެވެ. ވަރަށް ބޮޑަށް މަޖާ ކުރެއްވި ބައެއް ދުވަސްތަކުގެ ހަނދާންތައް ވެސް އޭނާ ވަނީ ހިއްސާ ކުރައްވައިފައެވެ.

"ހާއްސަކޮށް އިހަވަންދޫގައި ކިޔެވި އިރުގައި ހަނދާންވޭ ހަމަ ރޭގަނޑު އެކްސްޓްރާ ކުލާސްތަކުގައި ކުލާހަށް ކާ އެއްޗެހި ގެންދިޔުމާއި އެފްއެމް ސައުންޑް ސިސްޓަމް އެއްޗެހި ކުލާހަށް ގެންގޮސް ކުޅިވަރު ކުޅުމާއި އެކަހަލަ ބައިވަރު ހުންނާނެ ހަމަ ލާނެއް ކަންކަން ކޮށްފައި. އެކަމަކު އޭރުގައި ވެސް ވަރަށް ބަލަން އެހެން ކުއްޖަކަށް އަދަބު ނުދީ ވޭތޯ" ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުކޫލުގައި ބައެއް އެހެން ކުދިން ސަކަރާތް ޖެހުމުން ވެސް އެކަންކަމާ ހަވާލުވެ އޭނާއަށް އަދަބު ލިބިވަޑައިގެންފައިވެއެވެ.

"އަޅުގަނޑަކީ އެއްކަލަ ބުނާހެން ލާނެއް ކަމަށް ނުވަތަ ޖާހިލު ކަމަށް މަޝްހޫރު މީހާތާ. ދެން އެހެންވީމާ އަޅުގަނޑު ކޮންމެ ކަމަކާ ވެސް ހަވާލުވާނީ. ވަރަށް ޓީޗަރުންނާ ވެސް ދިމާކޮށްފައި ހުންނާނެ. ދެން ފަހުންފަހުން އައިސް އަޅުގަނޑު ގޯސްކަމެއް ކުރުން ވެސް ދެން އެ ނުވޭ މާ ބޮޑު ކަމަކަށް. އާންމުކޮށް އެކަން ކުރާ މީހާ ވިއްޔާ." ޝިފާއު ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ބައެއް ފަހަރު ސުކޫލުގައި ސަކަރާތްޖަހާއި އުޅުމުގެ ތެރޭގައި ފޮތް އެއްޗެހި ވެސް އުކުއްވި ހަނދާންވާ ކަމަށާއި އަދި ކުލާހު ބައެއް ކުދިންގެ އަތަށް ގަލަން ހެރުން ފަދަ ކަންކަން ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެން އެއީ އޭރުގައި އުޅުނު ގޮތް ހަމަ"

ކުޑައިރު ބައިސްކަލު ދުއްވަން އުޅުމުގެ ތެރޭގައި ދިމާވި ފާހަގަ ކޮށްލެވޭ ކަމެއް.

ކުޑައިރު ބައިސްކަލެއް އެންމެ ފުރަތަމަ ދުއްވި ދުވަސް ސީދާ ބުނަން ހަނދާން ނެތް ނަމަވެސް ބައެއް ދުވަސްދުވަހު ބައިސްކަލުން ވެއްޓި ފައި، ތަންތައް މަށައިގެން ދިޔަ ހަނދާން ޝިފާއުގެ އެބަހުއްޓެވެ.

"އެންމެ ކުރީގައި ހުންނާނެ ރެލީ ބައިސްކަލު. އޭރު ދެން ވަރަށް މަދު މީހަކު ރެލީ ބައިސްކަލެއް ގެންގުޅޭނީ ވެސް. ދެން ރެލީ ބައިސްކަލެއް އިންނާނެ. ތިން ދަގަނޑުގެ ދޭތެރެއަށް ވަދެގެން ހަމަ ދުއްވާ ހަނދާން ވޭ. ދެން އެއީ ރަށުގައި އުޅުނު އިރުގައި ވަރަށް ބޮޑަށް ހުންނާނެ މަގުމައްޗަށް ވެސް ވެއްޓި ކަންކަން ވެފައި. އެކަމު އޭރަކީ މިހާރު މިހުންނަހެން ބައިވަރު ވެހިކަލްތައް ހުންނަ އިރެއް ނޫން. އެހެންވީމާ އެކްސިޑެންޓު ކަހަލަ ކަންކަމަކާ ދިމައެއް ނުއެއް ވޭ. އަމިއްލައަށް ދުއްވަން އުޅުމުގެ ތެރޭގައި އަނިޔާ ލިބި ކަންތައްތައް ވެފައި ހުންނާނެ" ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީ ނުވަތަ އިހަވަންދޫ ދާއިރާގެ ގޮނޑިތޯ؟

ޝިފާއުގެ ސިޔާސީ ހަޔާތް ފެށިގެން އައީ އެމްޑީޕީންނެވެ. ސިޔާސީ ހަޔާތް ފެށުމުގައި އެންމެ ބޮޑު މަގުސަދަކަށް ވެގެންދިޔައީ އޭނާ ނިސްބަތްވާ އިހަވަންދޫ ދާއިރާއަށާއި ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމެވެ. އެހެންކަމުން މި ސުވާލު އޭނާއަށް އެހާ ލުޔެއް ނުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވާ ގޮތުން ނަމަ އަމިއްލަ އެދުމަކަށްޓަކައި އެމްޑީޕީ ދުލެއް ނުކުރާނެއެވެ. އަދި އެމްޑީޕީގެ ހައްގުގައި ދާއިރާގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހިދުމަތެއް ވެސް ކޮށްނުދީ ނުހުންނަވާނެ ކަމަށާއި ބޭނުންވަނީ އެމްޑީޕީ އާއި ދާއިރާގެ ގޮނޑިއާ ދޭތި ވެސް ނަގަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަސްލުގައި އެމްޑީޕީވެސް އިހަވަންދޫ ދާއިރާގެ ގޮނޑިވެސް ސެލެކްޓް ކުރާނަން އެނގޭތޯ. އަޅުގަނޑު މިހެން މި ދެންނެވީ ހަމަ ގައިމުވެސް އިހަވަންދޫ ދާއިރާގެ ގޮނޑީގެ ބޭނުމުގައި އެމްޑީޕީ ދުލެއް ނުކުރާނަން. ދެން އެމްޑީޕީއަށްޓަކައި ކޮންމެހެން އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ހިދުމަތްކުރުން ވެސް އަޅުގަނޑު ދުލެއް ނުކޮށްލާނަން. ހަމަގައިމުވެސް އަޅުގަނޑު ނުކުރާނެ އެއް ކަމެއް އެއީ ވަކި އަމިއްލަ އެދުމަކަށްޓަކައި ޕާޓީ ދޫކޮށްލުން." ޝިފާއު ވިދާޅުވިއެވެ.

ރައީސް ޔާމީންތޯ ނުވަތަ ރައީސް މައުމޫންތޯ؟

އެމްޑީޕީ ނޫން އެހެން ފިކުރެއް ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައޔޫމް ހިޔާރުކުރައްވަން ޖެހިއްޖެ ހާލަތެއްގައި ހިޔާރު ކުރައްވާނީ ކޮން ބޭފުޅެއްތޯ އެއްސެވުމުން އޭނާ ދެއްވީ ސާފު ސާދާ ޖަވާބެކެވެ.

"އެފަދަ ހާލަތެއްގައި ސިޔާސީ މަސައްކަތެއްގައި އަޅުގަނޑު ވެސް ނުހުންނާނެ." ޝިފާއު ވިދާޅުވިއެވެ.

އިންތިހާބީ މަގާމެއްތޯ ނުވަތަ އައްޔަން ކުރާ މަގާމެއްތޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޝިފާއު ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއް އަދާކުރައްވަން ރައީސް ސޯލިހް އެދިވަޑައިގެންފައި ވަނިކޮށެވެ. ނަމަވެސް އެއީ ކޮން މަގާމެއް ކަމެއް އޭނާ ހިއްސާއެއް ނުކުރައްވައެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ އަރިހުގައި މަސައްކަތް ކުރެއްވި ޝިފާއު ބޮޑަށް ބޭނުންވީ ރައްޔިތުންނާ ގާތުން ރައްޔިތުން އިންތިހާބު ކުރާ މަގާމެއް އަދާކުރެއްވުމަށެވެ.

"އަޅުގަނޑަށް ލިބުނު އައްޔަން ކުރާ މަގާމަކަށް ދާން ފުރުސަތު، ނަމަވެސް އަޅުގަނޑު ވެސް ހަމަ އާއިލާގެވެސް ވާހަކަދައްކާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ނިންމީ ހަމަ އިންތިހާބީ މަގާމަކަށޭ އަޅުގަނޑު ދާނީ" ޝިފާއު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު.

ސިޔާސީ ދާއިރާ ނޫން އެހެން ދާއިރާއެއް އިހްތިޔާރު ކުރަންވާނަމަ ކޮން ދާއިރާއެއްތޯ އިންތިޔާރު ކުރައްވާނީ؟

އަބަދުވެސް ވަޑާން ކުރުމާއި އަދި ޓެކްނިކަލް މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ހުންނަވާ ޝިފާއު ދެން ތަޖުރިބާ ކޮށްލަން އެންމެ ބޭނުންވަނީ ވެސް އެފަދަ ދާއިރާއެކެވެ. އޭނާ ވިދާޅުވީ ކުޑައިރުގައި ވެސް އެފަދަ މަސައްކަތް ކުރައްވަން އޭނާއަށް އެކަށޭނެ ފުރުސަތެއް ނުލިބުނީ ކަމުގައެވެ.

"ކުޑައިރުގައި ރަށުގައި ކިޔަވަން އުޅުން އިރުގައި ވެސް ގެ ކުރިމަތިން ހުންނާނެ ވޯކްޝޮޕެއް އިންޖިނިއަރިން މަސައްކަތް ކުރާ އަދި ކާޕެންޓްރީ މަސައްކަތް ކުރާ. އަބަދުވެސް އުޅުނީ ހަމަ އެތާ އެތެރޭގައި. ގިނައިން އުޅުނީ ހަމަ އެތަނުގައި. ދެން ޝައުގުވެރިކަން ހުރޭ. އެކަމަކު ފުރުސަތެއް ނުލިބޭ އެމަސައްކަތް ޕްރޮފެޝަން އެއްގެ ގޮތުން ކުރާކަށް." ޝިފާއު ވިދާޅުވިއެވެ.

އެއްވެސް ގާތް އެކުވެރިއަކު ދޫކޮށްލާފައި ދިޔަތޯ؟

ވަރަށް ގިނަ އެކުވެރިން ގެންގުޅުއްވި ނަމަވެސް ދުވަހަކުވެސް އޭނާ ދޫކޮށްލާފައި އެއްވެސް މީހަކު ދިޔަ ހަނދާނެއް އޭނާ ނުވެއެވެ. އަބަދުވެސް ރަހުމަތްތެރިންގެ ހާލުބައްލަވާ ގުޅުންތައް ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ރަހުމަތްތެރިންނާއި އޮންނަ ގުޅުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަސްލު ވަރަށް ބޮޑަށް އެކުވެރިން ހިފަހައްޓާ މީހެއް. މިހާރުވެސް އޯ ލެވެލް ދުވަސްކޮޅުވެސް އޭ ލެވެލް ދުވަސް ކޮޅުވެސް މުޅި ކުލާހަށް ބެލިޔަސް އެންމެ ގިނަ ރައްޓެހިންނާ ގުޅުން ބާއްވާ މީހަކީ އަޅުގަނޑު. ދެން ބައެއް ރައްޓެހިން ތިބޭނެ ހަމަ ވަކިން ހާއްސަ ރައްޓެހިން. އެކަމަކު އަބަދު ކޮންޓެކްޓް ނޯވެދާނެ. އެކަމު ކަމެއް ޖެހޭއިރު އެ ރައްޓެހިން މަތިން ހަނދާންކޮށް ގުޅަން. ވާހަކަދައްކާ ވަރަށް ގާތް ރިލޭޝަން ބާއްވާ ހަދަން. ގާތް ރައްޓެއްސަކު ދޫކޮށް ދިޔަ ހަނދާނެއް ނެތް. އަޅުގަނޑު ވަރަށް ހިފަހައްޓަން ރައްޓެހިން. ދޭތެރެ ދޭތެރެއަކުން ހާލު ބަލާލާ." އޭނާ ހިއްސާކުރެއްވިއެވެ.

ހަޔާތުގައި ކުރެވުނު ކަންކަމުގެ ތެރެއިން ރިގްރެޓް ކުރާ ކަމެއް؟

ހަޔާތުގައި ފޮނި އަދި ހިތި ތަޖުރިބާތައް ވެސް ކުރެއްވިއެވެ. ނަމަވެސް އެކަމެއް ކުރެއްވުނީތީ ފަހުން އެކަމާ ހިތާމަކުރަން ޖެހޭ ވަރުގެ ކަމެއް ޝިފާއު ނުކުރައްވައެވެ.

"އެއީ އެއްވެސް ކަމެއް އަޅުގަނޑު އަނެއްހެން ކަމެއް ކުރެވިގެން ގިލްޓީ ފީލްވެފަކާއެއް ނެތް އަސްލު ބުނާ ނަމަ،" ޝިފާއު ވިދާޅުވިއެވެ.

ހަޔާތުގެ ބައިވެރިއެއް ހޯދަން ކުރި މަސައްކަތް ކުރުކޮށް ހިއްސާ ކޮށްލަދެވިދާނެތޯ؟

ޝިފާއު މިހާރުގެ އަނބިކަނބަލުންނާ ދިމާވީ މާލޭގައި އުޅުއްވުމުގެ ތެރޭގައެވެ. ނަމަވެސް "ރައްޓެހިވެގެން" އޭނާ މާގިނަ ދުވަސްތަކެއް ހޭދަ ނުކުރައްވައެވެ. ފުރަތަމަ ވެސް ދިޔައީ ކައިވެންޏަކާ ހަމައަށެވެ.

"މިހާރު އިނދެގެން މިއުޅޭ އަޅުގަނޑުގެ އަންހެނުން، މާލޭގައި އުޅުމުގެ ތެރޭގައި ކުރިން ވެސް ދަންނަން. ދެކެ ފަރިތަ ރައްޓެހި ކޮންމެވެސް ވަރަކަށް. ނަމަވެސް މާބޮޑު ގާތް ގުޅުމެއް ނޯވޭ. ދެން އިންޑިއާގައި ކިޔަވަން އުޅުނު އިރުގައި ފުރަތަމަ ކައިވެނި ރޫޅިގެން، އަނެއްހެން ރައްޓެހި ވެގެންނެއް ނޫޅެން. ފުރަތަމައިނުން ވެސް ހަމަ އިންނަން އެހީ. ދެން މާގިނަ ދުވަހެއްވެސް ނުވޭ ގާތްގަނޑަކަށް ހަފުތާއެއް، ދެ ހަފުތާތެރޭ ހަމަ އިނދެގެން މިހާރު މިއުޅެނީ ހަމަ. އިރާދަކުރެއްވިއްޔާ ހަމަ ނުވަ އަހަރު ވެއްޖެ" ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާައަހުމަދު

    ކިހާވަރެއް ހަރަދު ކޮއްގެންބާ މިލިއުން މިޖެހީ.

    26
  2. ތިރިބެ

    އެއްތައްކޮޅު މަދުހެން ހީވަނީ މެންބަރުކަމުން މިލިޔަނަރަކައް. ފުރަތަމަ ސަރީފު ދެއްތިސޮރު ދެއްބާރަސުދާއިރާ ފޯރަފުށި ދާއިރާ ދިއްދޫދާއިރާ ޖީބައް ގައުމު ހިންދާލައް ފޫގަޅާފަ

  3. ރާނާ

    ޕްރޮޑަކްޓިވް ވާހަކަ ދައްކަން ނޭގޭސޮރެއް މިނޫނީ ނޫޅޭނެ އެއަށްވުރެން ހަސަންޓޭވެސް ކޮން މެވެސް ވަރެއްވޭ. މުޅިންވެސް އިދިކޮޅު މެންބަރުންނާ ވިދިގަނެގެން ނިޒާ މީ ނުކުތާގަ އުޅޭ ސޮރެއް އެބަޖެހޭ ކިޔެވި އެއްޗެއިގެ ބޭނުން ހިފަން ރަނގަޅުގޮތުގަ

    11
  4. ރާއްޖެ

    މަޖިލީހުގެ ތަޅުމުގައި ގޮވާފައި ހުރީ މޮޔަ.

    14
  5. ހަޤީގަތް

    ހިއްވަރާއެކު މަސައްކަތް ކުރާ ތަޢުލީމީ ދަރިންނަށް ކާމިޔާބުވާނީ، ޝިފާއުއަކީ އޭގެ މިސާލެއްކަން ޔަޤީން

    1
    7
  6. ޢަލީ

    ޓީޗިން ދާއިރާ ދޫކޮށް އެހެން ދާއިރާތަކަށް މީހުން ދާވާހަކަ ދައްކާއިރު މަނިކުފާނަކަށްވެސް ޓީޗިން ދާއިރާގައި ކެތެއްނުވިތާ