ދިވެހިން ކަނޑު މަގުން ހައްޖަށް ދިއުމަކީ މީގެ އެތައް އަހަރެއް ކުރިން ކުރި ކަމެކެވެ. ނަމަވެސް މިހާރު ދުނިޔޭގައި ތިބި ދިވެހިންގެ ތެރެއިން ޔަގީނުން ވެސް ވަރަށް މަދު މީހަކު ނޫނީ ކަނޑު ބޯޓެއްގައި ހައްޖު ދަތުރެއް ކޮށްފައެއް ނުވާނެއެވެ. އެމަދު މީހުންގެ ތެރެއިން އެކަކަކީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެވެ.

ޝަމީމް ކަނޑު މަގުން ކުރެއްވި ހައްޖު ދަތުރުގެ ވާހަކަ ވިދާޅުވެ ދެއްވީ މީގެ ހަތް އަހަރު ކުރިން "މައިންޑް ޓޯކްސްގެ" ޕްރޮގްރާމެއްގައެވެ. އެއީ 2013 ވަނަ އަހަރުއެވެ. އޭރު ވެސް ޝަމީމް އުޅުއްވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވައިގެންނެވެ. ވާހަކަ ފައްޓަވަމުން ޝަމީމް ފުރަތަމަ ވެސް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު އޭނާ އަށް ވަރަށް މޮޅަށް ކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ފުރަތަމަ ހައްޖަށް ވަޑައިގެންނެވީ އުމުރުން 22 އަހަރުގައި 2002 ވަނަ އަހަރު އެވެ. އެއީ މިސްރުގައި ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. ހައްޖަށް ދާން ފުރުސަތު ލިބުނީ ކަނޑު ބޯޓެއްގައެވެ. އެދަތުރުގައި ކަނޑު މަތީގައި ދެދުވަސް ހޭދަ ކުރަން ޖެހުނެވެ.

"އޭރު ސަރުކާރުން ދެއްވަނީ މަހަކު 75 ޑޮލަރުގެ ޕޮކެޓް މަނީއެއް. ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް އަތުގައި ފައިސާއެއް ނެތް. މިކަމާއި ފިކުރު ހިންގައި މިސްރުގައި ތިބި ކުދިންނާއި ވާހަކަ ދެއްކުމުން އެކުދިން ބުނެފި (ހައްޖުގެ އަޅުކަން) އަދާކުރީމަ ރަނގަޅު ވާނެއޭ. ފަހުން އެކަމާއި ވިސްނާކަށް ނުޖެހޭނެއޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭރު މިސްރުގައި ޝުއޫރު ކިޔާ ނޭޕާލް މީހަކު އުޅުނެވެ. އޭނާ އަކީ ދިވެހިންނާއިއެކު އުޅެއުޅެ ދިވެއްސަކަށް ވެފައިވާ މީހެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. "އަޅުގަނޑު ޝުއޫރު ބާއީ ކައިރީ ދަންނަވައިފިން ކިހިނެއްހޭ ހަދާނީ. ޝުއޫރު ބާއީ ވިދާޅުވެއްޖެ ދާށޭ. ދިޔައިމަ ރަނގަޅު ވާނޭ. ދެން އަޅުގަނޑު އެރީ ކަނޑު ބޯޓަކަށް. ވާދިއް ނީލް ކިޔާ ކަނޑު ބޯޓެއް އެއީ. މިދަތުރުގައި އަޅުގަނޑާއި އެކު ބައިވެރިވީ ހަމީދު ކިޔާ ބޭފުޅެއް. މިހާރު ހައިކޯޓުގެ ފަނޑިޔާރެއް." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ހައްޖު ދަތުރަށް ގާތްގަނޑަކަށް 400 ޑޮލަރު ދައްކަން ޖެހުނެވެ. "އޭގައި ހިމެނެނީ ކަނޑު ބޯޓުން ފަސްޓް ކްލާސްގެ ދެކޮޅު ޓިކެޓާއި މިނާއި، މުޒްދަލިފާ، އަރަފާތުގައި ތިބުމާއި ކެއުމާއި މިހުރިހާ ކަމެއް. އަތުގައި ދެން އޮތީ 100 ޑޮލަރު. ދެން ދެޖިންސާއި ދެޓީޝާޓާއި އިހްރާމަކާއި ހިފައިގެން އަރައިފިން ބޯޓަށް." ޝަމީމް ވިދާޅުވިއެވެ.

ދަތުރުގެ ހަރަދަށް ބޭނުންވާ ފައިސާ ހޯދީ ކުރިއަށް އޮތް ތިން މަހުގެ ޕޮކެޓް މަނީ އެއްފަހަރާ ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިސްރުގައި ކިޔަވަން ތިބި އަންހެން ދަރިވަރުން ޝަމީމާއި ހަމީދު ދަތުރު މަތީގައި ކެއުމަށް ބޯކިބާ އަޅައިދީ ކަޅު ސައި ތައްޔާރު ކޮށްދިން ކަމަށެވެ.

ޝަމީމް ވިދާޅުވީ ޖިއްދާއަށް ދެވުނީ އިރުއޮއްސެނިކޮށް ކަމަށާއި ޕޯޓްގައި ހައެއްކަ ގަޑިއިރު ކަރަންޓީން ގައި ވެސް ތިބެން ޖެހުނު ކަމަށެވެ. "ދަންވަރު ދޭއް ޖަހަނިކޮށް މައްކާ އާއި ހަމައަށް ދެވުނީ. ދިޔައިރު ވަރަށް ވަރުބަލިވެފައި ތިބީ. ދެދުވަސް ވެއްޖެ ދަތުރު ކުރާތާ. އޭރު ނޭނގޭ އިހްރާމް ބަނދެގެން އުޅެން ޖެހޭ ގޮތެއް ވެސް. ހަރަމްފުޅު ހުންނަ ތަނެއް ނޭނގޭ. އަހަރެމެން ބެލީ ހުދު ކުލައިގެ ހެދުން ލައިގެން ތިބި މީހުން ދަނީ ކޮން ދިމާއަކަށްތޯ. ދެން ހަރަމްފުޅަށް ދެވިއްޖެ. އަވަހަށް އުމްރާގެ ކަންތައް ނިންމާލާފައި ގާތްގަނޑަކަށް ފަތިހު ފަހެއް ޖަހަނިކޮށް ނިކުމެ ބޭރުގައި ޖައްސާލެވުނީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހައްޖު ދަތުރުގައި ނިދުން އޮންނަނީ މިސްކިތުގައި ކަމަށާއި ފެން ވެރުން އޮންނަނީ އަބޫޖަހުލު ފާހާނައިގައި ކަމަށެވެ. ކެއުމުގެ ކަންކަން ހަމަޖައްސަނީ ނާސިތާ ވަހީދުގެ ގްރޫޕުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގްރޫޕުން ކެއުން ނުލިބޭ ގަޑިތަކުގައި މަގުމަތީގައި ތިބޭ ކާއެއްޗެހި ބަހާ މީހުންގެ އަތުން ކާއެއްޗެހި ނަގައިގެން ކެއުން ހަމަޖެއްސިއެވެ. "އަޅުގަނޑުމެންގެ އުމުރުން 22 އަހަރު. ދުވަހަކު ވެސް އެއާކޯނެއްގައި ނިދާކަށް ނުލިބޭ. އަޅުގަނޑުމެން ފުރަތަމަ ވެސް ގޮސް މިނިދީ އެއާކޯންގައި. ހޭލިއިރު ކަމަކުދާކަށް ނެތް. ކަރުތެރެ އެއްކޮށް ސަކަރާތްވެއްޖެ. ދެން ހިތައް އެރީ އެއާކޯން ކަމަކުނުދެއޭ. ދެން އަނެއް ރޭ މިއެރީ ފުރާޅަށް. ހިޔާ ނުކުރާ ބަޔަށް. އެތަނުގައި ނިދާފައި އޮއްވާ ދަންވަރު ހޭލެވިއްޖެ އެއްފަޅި އައްސިވެގެން. ތިން ވަނަ ރޭ ރަނގަޅު ތަނެއް ނިދަން ލިބުނީ. ހައްޖު މޫސުން ފެށިގެން އައިއިރު މަޤުރިބު ނަމާދު ކޮށްގެން ގޮސް ޖެއްސިއްޔާ ނޫނީ ނިދާނެ ތަންކޮޅެއް ނުލިބޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ބަހުގައި ދަތުރު ކުރާނެ ފައިސާ ނެތުމުން އުޅުނީ ހިނގާފައެވެ. "މިނާ އަށް ވެސް ދިޔައީ ހިނގާފައި. މުޒްދަލިފާ އަށް ދިޔައީ ވެސް ހިނގާފައި. އަރަފާތައް ދިޔައީ ވެސް ހިނގާފައި. އެތަންތަނުން އަނބުރާ އައީ ވެސް ހިނގާފައި." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހައްޖު ދަތުރު ނިންމާލުމަށް ފަހު އެނބުރި މިސްރަށް ދިއުމަށް ދިޔައީ ޖިއްދާ ބަނދަރަށެވެ. ޖިއްދާ ބަނދަރުގައި ކަރަންޓީންގައި ތިއްބާ ލައުޑް ސްޕީކަރުން ނަން ގޮވަން ފެށި ކަމަށެވެ. "ނަން ގޮވީމަ ގޮސްފިން އެތަނަށް. ހަގީގަތުގައި ވިއްކާ ޓިކެޓާއިއެކު ވިއްކާ ކޫޕަންތަކެއް. ކޫޕަން ބޭނުން ކުރުމުން ކޫޕަނުން ލާރި ކަނޑަނީ. ކޫޕަން ބޭނުން ނުކުރަންޏާ އެއަށް އަނބުރާ ފައިސާދޭ. ފައިސާ ދޭއިރު މިއޮންނަނީ ބޮޑުކޮށް ފައިސާ ދޭގޮތައް. މީހުން ހިނގާފައި އުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ސައުދީ ސަރުކާރުން ހަދާފައި އޮންނަ ގަވައިދަކީ ކޫޕަން ބޭނުން ނުކުރަންޏާ އެއަށް ލިބޭ ފައިސާ ގިނަވޭ. އެކަމެއް އޭރަކު ނުވެސް އެނގޭ. ކޭޝިއަރު ކައިރިއަށް ގެންގޮސްފައި ދީފި 600 ޑޮލަރު. 400 ޑޮލަރު ހަރަދު ކުރީ. ދިވެހިންނަކީ އާއްމުކޮށް ތަންތަނަށް ދާއިރު އެތަންތަނުގައި އިންސާނުން އުޅޭ ކަމަށް ގަބޫލު ކުރާ ބަޔަކަށް ނުވާތީ ގެންދާނެ ތެއްލިފަތާއި ރިހާކުރާ ވަޅޯ މަހާއި ބައިވަރު އެއްޗެހި. އަހަރެމެން އެއަށް ކިޔަނީ ގަނީމާ މުދާ. ވަރަށް ގިނަ ގަނީމާ މުދަލާއި ވަރަށް ގިނަ ލާރި އާއިއެކު އަނބުރާ މިސްރަށް ދިޔައީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެހިސާބުން އޭނާގެ ހަނދާނަށް އައީ ކީރިތި ޤުރުއާނުގައި ﷲ ވަހީކުރައްވާފައި އޮންނަ "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނަށް نصيحة ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

ޝަމީމް ވިދާޅުވީ ޤުރުއާނުގައި އަންގަވާފައި އޮތް ގޮތައް އޭނާގެ ހަގީގީ ދިރިއުޅުމުގައި ކަންކަން ދިމާވި ކަމަށް އެހިސާބުން ގަބޫލު ކުރެވުނެވެ. ޝަމީމް ވިދާޅުވީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ގުޅޭ މާހިރަކަށް ވެގެން ވާހަކަ ނުދައްކަވާ ކަމަށެވެ. "އެކަމަކު އެދަތުރުގެ ފަހުން އަޅުގަނޑުގެ އެންޒައިޓީއެއް ނުކުރޭ. ކަންކަމާއި ކަންބޮޑެއް ނުވޭ. އަޅުގަނޑަށް ގަބޫލު ކުރެވޭ އަޅުގަނޑަށް ދިމާވާން ހުރި ކަމެއް ދިމާވެފައި ނޫނީ އަޅުގަނޑު މަރެއް ނުވާނެއޭ. އަޅުގަނޑަށް ލިބެން ވާއެއްޗެއް ލިބިފައި ނޫނިއްޔާ މަރެއް ނުވާނެއޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ވާނީ ތަގުދީރު ކުރަހާފައިވާ މަގުންނެވެ. އެކަމަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެކަމަށް އީމާން ވުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2004 ވަނަ އަހަރު ގްރެޖްއޭޓް ވެގެން ރާއްޖެ ވަޑައިގެން އެއަހަރުގެ ސެޕްޓެމްބަރ މަހު އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. 2008 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވިއެވެ. 2009 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ނައިބަކަށް ޝަމީމް އައްޔަން ކުރިއެވެ.

ޝަމީމް ދެން ވެސް ހިއްސާ ކުރެއްވީ އޭނާ އަށް މައްކާ އަށް ކުރެވުނު ދަތުރެއްގެ ވާހަކައެވެ.

"މިކަމުގައި އުޅެނިކޮށް އެދުވަހަކު ޕީޖީ ވިދާޅުވެއްޖެ ސިޓީއެއް ލިޔަން ވެއްޖޭ. އިސްލާމީ ޝަރީއަތް ތަންފީޒު ކުރާ ގޮތް ދަސްކުރަން ވެއްޖޭ. އެހެންވީމަ ސައުދީ އަރަބިއްޔާ އަށް ސިޓީއެއް ލިޔާށޭ. ދެން އަޅުގަނޑު ސައުދީ އަރަބިއްޔާ އަށް ސިޓީއެއް ލިޔެފިން. ސިޓީގައި މިލިޔުނީ ސައުދީ އަރަބިއްޔާ ސަރުކާރުން އެހީތެރިކަމެއް ދެއްވައިގެން ނަމަވެސް އިސްލާމީ ޝަރީއަތް ތަންފީޒު ކުރަނީ ކިހިނެއްކަން އަޅުގަނޑުމެންނަށް ކިޔައި ދެވިދާނެ ހެއްޔޭ." ދަތުރުގެ ފެށުން އައިގޮތް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެސިޓީ ފޮނުވުމުން ސައުދީ އަރަބިއްޔާ އަށް އަންނަން އެގައުމުގެ ސަރުކާރުން ދައުވަތެއް ލިބުނު ކަމަށެވެ. އެދައުވަތާއި ގުޅިގެން އަރަބި ބަހުން ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާ ބޭފުޅުން ކޮޅަކާއިއެކު ޝަމީމް އިސްވެ ހުންނަވައިގެން ޕީޖީ އޮފީހުގެ ވަފްދެއް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވިއެވެ. އެދަތުރަކީ ރަސްގެފާންގެ ހާއްސަ މެހެމާނުންގެ ގޮތުގައި ޕީޖީގެ ވަފްދުން ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅެކެވެ.

"ކިންގްގެ ގެސްޓުންނަށްވީމަ ދެން ވާނެ ހުރިހާ ކަމެއްވި. އަޅުގަނޑުމެން ބައިތިއްބާފައި ތިބީ ރަސްގެފާންގެ ގަނޑުވަރެއްގައި. ހަތަރު ދުވަހުގެ ދަތުރެއް. ސައުދީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ވެސް ބައްދަލުވި. ވަރަށް ރަނގަޅަށް ކާން ވެސް ދިން. މިކެއުމަކީ އަޅުގަނޑުމެން ކުރީ ދަތުރުގައި އެއްވެސް ގޮތަކަށް ތަސައްވަރު ނުކުރެވޭ ކަންކަން. އެފަހަރު ޕްރައިވެޓް ކާރަކަށް ނާރަން. މިފަހަރު ހެޑް އޮފް ޑެލިގޭޝަން ވީމަ ވަކި ކާރެއް އަޅުގަނޑަށް އޮތް. އަޅުގަނޑު އަރާ ކާރަށް އެހެން މީހަކަށް ވެސް ނޭރޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދަތުރުގެ ރަސްމީ ބައި ނިމުމުން "ކޮމްޕްލިމެންޓްރީ އުމްރާއެއް" އެބައޮތް ކަމަށް ސައުދީ ސަރުކަރުން އެންގި ކަމަށެވެ. "އަޅުގަނޑު ހީކުރީ ދެން އުމްރާ ކޮށްލައިގެން ފުރައިގެން ދާންވީއޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އުމްރާއަށް ދާން ތައްޔާރުވެގެން ހުއްޓާ އިނގިރޭސިވިލާތުގެ ޝިވްނިން ސްކޮލަޝިޕް އިން އެއް އަހަރު ދުވަހު އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ސްކޮލަޝިޕެއް ލިބުނު ކަމަށެވެ.

ޝަމީމް އާއި ޕީޖީގެ ވަފްދު އެހިސާބުން އުމްރާއަށް މައްކާއަށް ވަޑައިގެންނެވިއެވެ. "އަޅުގަނޑުމެން މައްކާގައި ބައިތިއްބާފައި ތިބީ މައްކާ ގެސްޓް ޕެލަސްގައި. އަޅުގަނޑުމެން ޖިއްދާ އެއާޕޯޓެއް ނުދެކެން. މަތިންދާބޯޓުން ފޭބި ގޮތައް ކާރަކަށް. ކާރުގައި ގޮސް ހަރަމްފުޅުގައި ޖެހިގެން ހުންނަ ޕެލެސް އަކަށް އަޅުގަނޑުމެން ވެއްދީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެގަނޑުވަރުގައި ހުންނަ ސިޑިއަކުން އެރީމާ ގޮސް ވަދެވެނީ ހަރަމްފުޅުގެ އެތެރެއަށް ކަމަށެވެ. ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމް ކުރެވިގެން ކުރެވުނު އުމްރާ ދަތުރުގައި މައްކާގެ ހުރިހާ މިއުޒިއަމަކަށް ދިއުމުގެ ފުރުސަތު ވެސް ޕީޖީގެ ވަފްދަށް ލިބުނެވެ. "މިދަތުރުގައި ޒަމްޒަމް ފެން ވެސް ލިބުނީ މުޅިން އެހެން ގޮތަކަށް. ކޮންމެ މީހަކަށް 20 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް އެމީހުން ފްރައިޓަށް ފައިސާ ދައްކާފައި ލިބުނު." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއީ އަދި ނިމުނީ ކަމަކަށް އޭނާ އަކަށް ގަބޫލެއް ނުކުރެވެއެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތައް ތަގުވާވެރިކަމާއިއެކު އިތުބާރާއިއެކު ކުރުމުން ދެން ކުރަން ޖެހޭ ކަންކަން މެދުވެރިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އޮތް ކަމަކީ މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް އޮތް ކަމަކީ ތަގުވާވެރިވުން. އެހެން ކަންކަމަކީ މާތްﷲ ހަމަޖައްސަވާނެ ކަންކަން." ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގައްދާރު

    ކަލޯ ތި ހުރީ ލައްޒަތުގައި ޖެހި ،ގައުމަށް ގައްދާރުވެފައި ނޫންތޯ.ކަލޭތީ ބުރޯ ގެ ރިސްވަތުލިބުނު ބޭފުލެއްތޯ.އިސްތިއުފާދީ

    36
    12
  2. ނޫރު

    އެދުވަހު ދަތި ނަމަވެސް އެކި ގޮތްގޮތުން ނުހައްގުން ހޯދި މާލީ ފައިދާއިން ތިއީ ފައިސާ އޮތް ބޭފުޅެއް. މިހާރު ތިކުރައްވާ ކަމަކީ ނުހައްގުން ދައުވާ އުފުލުމާއި، ވާނުވާ ނޭގި އެތައް ބަޔެއް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުން ނުންތޯ.

    42
    7
  3. ޢެދުރުދައިތަ

    ވަރަށް ޝައުޤުވެރި ވާހަކަކޮޅެއް. ޢަފި އެހައިމެ އިބުރަތްތެރި ފިލާވަޅެއް

    14
    17
    • Anonymous

      ކަނޑު ބޯޓުން ދިއައީ ރާއްޖެއަކުންނޫން..
      މިސްރުން މައްކާއައް ފެރީ އެއްގަ ދިއައީ ލޮލް.

  4. އޮޅުވާލުން

    ދެން އިގިރޭސިވިލާތައް ގޮސްގެން ވިސްނުމާއި ފިކުރު ބަދަލުވެ ލާދިނީ މީހަކަށްވި ގޮތްވެސް ޙަބަރުގައި ޖަހާލަބަލަ

    42
    8
  5. Anonymous

    މީ އަނެއް ހަރުގަނޑު އުމަރު ދޯ! އަބަދު ގައްޑާވާންއުޅޭ ބައިގަނޑެއްމީ. ދަޢުލަތުން ހަވާލުވެގެން އުޅޭ ޒިންމާ އަދުލުވެރިކަމާއެކު ކޮށްބަލަ ފުރަތަމަ އަބަދު ސުޕަރމޭން ހެދިގެންނޫޅެ

    20
    5
  6. ޢަލީ

    މީނަ އަމިއްލައަށް ޕްރޮމޯޓު ވާން ހާދަ މަސައްކަތެއް ކުރޭ! ދަޢުވާކުރުމާ ނުކުރުމަކީ މީނަ ހިތު ހުރި ގޮތަކަށް ކުރާ ކަމަކަށްވެއްޖެ. މުއިއްޒުމެން ފަދަ ބޭފުޅުން ގެ ގާތުގައި މަސައްކަތް ކުރި ނަމަވެސް އަޚްލާޤީ މާތް ސިފައެއް ނުލިބުނު މީހެއްމީ. ޕީޖީ ނިންމުންތައް މުޅިންވެސް ހުންނަނީ ޒާތީވެފައި.

    28
    6
  7. ޢަސްލްމް

    ކަލެއަށް ދުނިޔެމަތީގެ ދަތިކަންޖެހި ހަފުސްވާތަން އަދިބަޔަކު ދެކޭނެ.. އެއީ ކަލޭއަށް ގްރުއާނާއި ސުންނަތިގައި އޮތްގޮތް އެނގިހުރެ އެއާއި އިދިކޮޅަން ކަންކަން ކޮށް ޖާހިލުކަން އިސްކުރީތީ

    28
    4
  8. Anonymous

    މިމީހާ ކޮންމެވެސް ތަނަކުން ދެކުނު ހަނދާނެއްވޭ..

    12
  9. ޙލީ

    އަޅުގަނޑު ހިތަށް އަރާ ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭ ވެސް ދަސްކޮށްދެއްވީ ސަޢުދީއިން ބާއޭ؟ ޢެހުރިހާ ދަތުރެއް ކޮށްގެންވެސް މަނިކުފާނަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ދަހެއް ނުވި. އަދި ކީއްކުރަން ތަންފީޒުކުރުން އެއްކިބާގަ ބބާއްވާފަ އިިސްލާމީ ޝަރީޢަތަކީ ކޮބައިކަން އެބަޖެހޭ އިތުރު ދަތުރެއްކޮށްގެންވެސް ދަސްކޮށް އުނގެނެން. ޓަންފީޒުކުރާނެގޮތް ދަސްކުރިޔަސް ކުރަންވީ ކޮޮންކަމެެއްކަން ނޭނގެންޔާ ވާނެގޮތް ތިހިރީވެފައ. މިސްރުން ކިޔަވައިގެން ތިބިި މީހުންގެ ތެރެއިން އެންމެ އަޚްލާޤެއް ނެތް އެކަކު ތީ. ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރުމަށް ފާޅުގަ ދެކޮޅުހަދާ މީހެއް ތީ.

    32
    3
    • އައްޔާ

      އާ ތަޖުރިބާއެއް ކުރަން ބޮއްކުރައަކަށް ލާފައި އަނެއްކާވެސް ފުރުވާލަ

      15
      2
  10. ސަންފައްތަ

    ތިޔައީ މިޞްރުން ފުރައިގެން މައްކާއަށް ކުރި ދެދުވަހުގެ ކަނޑުދަތުރެއްގެ ވާހަކަ. ބަލަ މި ދިވެހިރާއްޖޭގެ މީހުން ރާއްޖޭގެ ރަށްރަށުން ފުރައިގެން މައްކާއަށް ކަނޑުދަތުރުކޮށްފަ އެބަހުއްޓޭ. އަހަރެއްހައި ދުވަސް ކުރިން ދަތުރުފަށާފަވެސް އެބަހުއްޓޭ. އެފަދަ ދަތުރެއް ކުރި މީހަކާ ސުވާލުކޮށްގެން ރިޕޯޓެއް ލިޔެލިނަމަ ވަރަށް ވާހަކަ ހުންނާނެ. ދަތުރުގެ ބުރަކަމާއި ދިމާވި ކަންކަމުގެ ވާހަކަ އަހާލަބަލަ.

    24
  11. ޝާނީ

    ކުރުވާހަކަ މުބާރާތް،

    13
    1
  12. ބީރުބޮލު ވަޒީރު.

    ޕީޖީ ސަމީމުގެ ޢަގީދާއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނާކަށް ނެތިން. ނަމަވެސް މިސުރުން ކަނޑުބޯޓެއްގަ ހައްޖަށް ދިއުމަކީ ތުރާކުނުން ފުރައިގެން މާލެދިއުން ކަހަލަ ކަމެއް. ކުރިން ދިވެހިން މާލެއަށް ދާން ތިން ގަތަރު ދުވަސް ނަގާ. މިބުނީ އިންޖީނަށް ބަދަލުވިފަހުން. ދެން ދިވެހިން ހައްޖަށް ދާއިރު ތެލުލި ފަތާ ރިހާކުރާ ގެންދަނީ ކީއްވެގެންކަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރަން. އެމީހުން އެ އެއްޗެހި ގެންދަނީ އެތަނުގައި އިންސާނުން ނޫޅޭ ކަމަކަށް ނޫން އެތަނުގައި އޭރު ކާން ހުންނަ އެއްޗެހި ނުކެވޭތީ. ދިވެހި ކެއުންތައް އޭރު ނުލިބޭ. ގަރުދިއަ ރިހާކުރު މިއީ ދިވެހިންގެ ކެއުން.
    އަޅުގަނޑުމެންގެ ކާބަފައިން ކަނޑުމަގުން ހައްޖަށް ދިއައިރު މީހުން ބުނާގޮތުން ރޯދަމަހުގެ ކުރިން ފުރައިގެން ޖިއްދާއަށް ފޯރަނީ ޛުލްގައިދާ މަހު ފަހުކޮޅު ނުވަތަ ހައްޖުމަހު. ބައެއްފަހަރު ވައި ހުންނަ ގޮތުން ހައްޖު ދުވަސް އަންނައިރު އެހިސާބަށް ނުފޯރައިގެން އަނެއް އަހަރު ހައްޖު މަސް އައީމަ ހައްޖުވެގެން އަންނަ ކަމަށްވެސް ބުނޭ.

  13. އަބޫޖަހުލު

    400 ވަރަކަށް ޑޮލަރު އަރާ ދަތުރުަކަށް، 75ޑޮލަރު ޕޮކެޓްމަނީ އެޑްވާންސް ކޮށް 3 މަހަށް ނެގިއަސް 400 ޑޮލަރު ހަމަވާނެ ގޮތެއް ނުވިސްނުން.

  14. ކާފ

    ހައްޖުކޮށްގެނ އައިސް ކާފަރުވެފަ