ޝަނޫން އަހުމަދު، 24. ބޮޑުބެރުގެ ހަޔާތް ފެށީ ސްކޫލު ދައުރުގައެވެ. އުމުރުން 12 އަހަރުގައި ބޮޑުބެރުގެ ތެރެއަށް ވަތް އިރު އޭރު ވެސް ބޮޑުބެރަކީ އޭނާއަށް އާ އެެއްޗެއް ނޫނެވެ. އޭނާގެ މުޅި އާއިލާއަކީ ވެސް ބޮޑު ބެރާއި ނެށުމުގެ ދާއިރާގައި އުޅެމުންދާ އާއިލާ އެކެވެ. އޭނާގެ ދޮއްޓަށް ހުރި ބޭބެ އަކީ ބޮޑުބެރުގެ މަޝްހޫރު ޑާންސަރު "ޗާމީ" އެވެ. ދެން ހަގަށް ހުރި ބޭބެއަކީ ވެސް އޭނާ ފަދައިން ބެރު ޖަހަމުންދާ މީހެކެވެ. ޝަނޫންގެ މަންމައަކީ ވެސް ކުރިން ސަގާފީ ހަރަކާތްތަކުގައި ނަށާ އުޅުނު މީހެކެވެ.

އާއިލީ ގޮތުން ވާރުތަވި މި ހުނަރު ޝަނޫންގެ ގައިގައި އަށަގަންނާކަށް މާ އުނދަގުލެއް ނުވިއެވެ. ބޮޑުބެރުގައި ކުރި އަރަމުން ގޮސް ޝަނޫން އަކީ މިއަދު ރާއްޖޭގެ އެންމެ ނަން މަޝްހޫރު "ހަބޭސް" ގްރޫޕްގެ ލީޑް ޑްރަމާ ވެސް މެއެވެ. ޝަނޫން އަކީ ބޮޑުބެރުގެ ދާއިރާގައި އެންމެން ދަންނަ ނަަމަކަށް މިހާރު ވަނީ ވެފައެވެ.

ބޮޑުބެރުގެ އިތުރުން އޭނާއަކީ ކޮންމެވެސް ވަރަކަށް ނަށާ މީހެކެވެ. ސްކޫލު ދައުރުގައި ވެސް އޭނާ ވަނީ ބޮޑުބެރުގެ ތެރޭގައި ނަށައިފައެވެ. ނަމަވެސް މައިބަދައިގައި ކޮންމެވެސް ވަރަކަށް މައްސަލަތައް އުޅޭތީ ނެށުމަށް ވުރެ އޭނާއަށް ފަހުން ހުސްވީ ބޮޑުބެރަށެވެ. އެކަމަކު އަދިވެސް ހަބޭސްގެ ބައެއް ޝޯތަކުން ޝަނޫންގެ ބޮޑުބެރު "މޫވްސް"ތައް ގެނެސް ބެލުންތެރިން ހަމަ އާ ޝޯހުކޮށްލައެވެ. ހަބޭސްގައި އޭނާ މަސައްކަތް ކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާއަށް ދެވުނު ޝޯތަކުގެ އަދަދު އުޅެނީ ހާހުން މަތީގައެވެ.

ސުވާލު: އެންމެ ފުރަތަމަ ބޮޑުބެރު ޖަހަން ފެށުނު ގޮތް ކިޔައިދީފާނަންތަ؟

ޝަނޫން ބުނާ ގޮތުން ނަމަ އޭނާއަށް ބޮޑު ބެރު ޖަހަން ޝައުގުވެރިކަން އުފެދުނީ ގްރޭޑް ހައެއްގައި އުޅެނިކޮށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭރު އޭނާ ކިޔެވި ސްކޫލުގެ ބޮޑު ބެރު ގްރޫޕް "ބެރު ގަބީލާ" އިން ބޭއްވި ހަރަކާތަަކުންނެވެ. ނަމަވެސް އޭރު އުޅުނީ ބޮޑަށް ބޮޑުބެރަށް ނަށާށެވެ. ބެރު ގަބީލާ އުވެންދެން ވެސް އޭނާ އުޅުނީ ނެށުމުގެ ތެރޭގައެވެ.

ބެރު ގަބީލާއަށް ފަހު ޝަނޫން ފެށީ މުޅިން އާ ޗެޕްޓާއެކެެވެ. އެއީ ބޮޑު ބެރު ގްރޫޕް "ބިދަބިން" ގްރޫޕާ އޭނާ ގުޅުނު ހިސާބެވެ. ކުރުކޮށް ބުނާނަމަ މިއީ ބޮޑުބެރު ޖަހަން ސީދާ އޭނާ ހުސްވި ދުވަސްވަރެވެ. އެއީ މައިބަދައިގައި މައްސަލަތަކެއް ހުންނާތީ ދެން އިތުރަށް މާބޮޑަށް ނުނަށާން ވެގެން ނިންމި ނިންމުމެއް ކަމަށް ޝަނޫން ބުނެއެވެ. މުޅިން އާ ކަމަކަށް ފައި ނެގިނަމަވެސް ޝަނޫންއަށް ބޮޑު ބެރު ޖަހާކަށް މާކަ އުނދަގުލެއް ނުވިއެވެ.

ސުވާލު: ބެރު ޖެހި ޝޯއެއްގެ ތެރެއިން ދިމާވި މަޖާކަމެއް ކިޔައިދީބަލަ؟

ސްކޫލު ނިންމުމަށް ފަހު ބޮޑުބެރު ގްރޫޕްތަކުގައި އަށް އަަހަރު ވެފައިވާ އިރު މަޖާ އެތައް ކަމެއް ދިމާވަފައި ހުންނާނެއެވެ. އޭގެ ތެރެއިން ކިތަންމެ ކަމެއް އިއްޔެވީ ކަމެއްހެން ޝަނޫންގެ ހަނދާނުގައި ހަރުލާފައިވެއެވެ.

"އެހެން ހުންނާނެ ބޮޑެތި ޝޯތަކުގައި ބެރު ޖަހަޖަހާ ހުއްޓާ ބެރުވެސް ވެއްޓިފައި. ރާއްޖެއިން ބޭރުގައި ޕާފޯމް ކުރިއިރުވެސް އެބަ ހުރި ބެރު ވެއްޓިފައި. ޝޯގެ މެދުތެރެއިން. އެއީ އެންމެ ހަނދާން ހުންނަ ކަމަކީ" ޝަނޫން ކިޔައިދިނެވެ.

ޝަނޫން ޝޯއެއްގައި ބޮޑުބެރު ޖަހަނީ--

ރަށްރަށުގައި ޝޯތައް ދެމުން ދިޔައިރު ދިމާވެފައި ހުރި މަޖާ ހާދިސާތައް ވެސް ކުރިން މި ބުނި ހާދިސާތަކަށް ވަކި ދުލެއް ނުކުރެއެވެ. އޭގެން ވެސް އެންމެ ފާހަގަކޮށްލެވެނީ އީދު ތެރޭގައި ރަށްރަށުގައި ޝޯތަކުގައި ބޮޑުބެރު ޖަހަމުންދާ އިރު ބޮޑެތި ފުށްކޮތަޅު އެއްޗެހި މުޅި ގަޔަށް އެޅި ޝޯތަކެވެ.

"ދެން ހަމަ ހުންނަނީ ބެރު ޖަހަން. އަނެއްހެން އެގަޑީގައި މާބޮޑު ކަމެއް ނުކުރެވޭނެތާ. ފުށްތަކާ އެކީވެސް ބެރު ޖަހާފައި ހުންނާނެ. ފުއް އަޅާފައި ދެން ހަމަ ބޮޑީ ސްޕްރޭ ފުޅިއެއް ވެސް ހަމަ ހުސްކޮށްލާފައި ހިނގައިދާނެ" ޝަނޫން ކިޔައި ދިނެވެ.

އެފަދަ ވަގުތުގައި "ކޮންސެންޓްރޭޝަން" ގެއްލި ބެރުގެ ބީޓު އޮޅުނަސް އެއީ މަޖަލަކަށް ކުރާ ކަމަކަށް ވާތީ ރުޅި ނާންނަކަމަށް ޝަނޫން ބުންޏެވެ.

ސުވާލު: ސްކޫލުގައި އުޅުނުއިރު ނުވަތަ ފަހުން ކީ "ނިކް ނޭމް" އެއް އެބައިންތަ؟ އެއީ ކިހިނެއް ކިއުނު ނަމެއް؟

އެކި ނަންނަމުން މީހުންނަށް ކިޔައި އެފަދަ ނަންތައް ހަރުވުމަކީ ދިވެހީންގެ ތެރޭގައި އާންމު ކަމެކެވެ. ހާއްސަކޮށް އެފަދަ ނަންނަން ކިޔަން ފަށަނީ ވެސް ސްކޫލު ދައުރުގައެވެ. ނަމަވެސް ސްކޫލު ދައުރު ނިމުނު އިރު ވެސް ޝަނޫންނައަށް އެފަދަ ނަމެއް މާބޮޑަށް ހަރުވެފައެއް ނުވެއެވެ. ޝަނޫންއަށް ހަމަ ކިޔައި އުޅުނީ ޝަނޫންއެވެ.

ކުރިން ފުޓްބޯޅަ ކުޅެން އުޅުނު އިރު ޝަނޫންގެ ނަމާ ގުޅުވައިގެން "ޝަނުއްޓޭ" ކިޔައި އުޅުނު ނަމަވެސް އެ ނަން ވެސް މާބޮޑަށް ހަރެއް ނުލިއެވެ. އެކަމަކު އޭގެ ފަހުން ކޮންމެވެސް ވަރަކަށް މީހުން "ޝައްނު" އޭ ކިޔައި އުޅެއެވެ.

"ދެން ވަރަށް ފަހުން ހެދި ނިކް ނޭމްއެއް ޝައްނު އެއީ. އެއީ ބައެއް ފަހަރު އަމިއްލައަށް ވާހަކަ ދައްކާއިރު ޝަނޫންއޭ ކިޔައިގެން ވާހަކަ ދައްކާއިރު މާ އަވަހަށް ވާހަކަ ދައްކާތީ ބައެއް މީހުންނަށް ހީވަނީ ޝައްނުއޭ އެ ކިޔަނީ. އެގޮތަށް ކިޔުނު ނަމެއް ޝައްނު އަކީ." ޝަނޫން ބުންޏެވެ.

ސުވާލު: މިހާތަނަށް ދިން ޝޯތަކުގެ ތެރެއިން އެންމެ ހަނދާން ވަނީ ކޮން ޝޯއެއް؟

ރިސޯޓްތަކާއި އަތޮޅު ތެރޭގައި ވެސް އެތަކެއް ޝޯތަކެއް ޝަނޫން ދީފައިވާ އިރު މި ޒުވާނާގެ ހުނަރު ދުބާއީ އަދި އިންޑިއާގައި ދިން ޝޯއެއްގައި ވެސް ވަނީ ދައްކާލައިފައެވެ.

ނަމަވެސް އޭގެ ތެރެއިން ވެސް ޝަނޫންއަށް އެންމެ ހާއްސަ ވަނީ މާލޭގައި ދިން ޝޯ އެކެވެ. އެކަމަކު އެއީ ކޮން މުނާސަބަތަކާ ގުޅިގެން ބޭއްވި ޝޯއެއް ކަމެއް އޭނާގެ ހަނދާނަކަށް ނާދެއެވެ.

އެ ޝޯއާ ގުޅޭ ގޮތުން ޝަނޫންގެ ސިކުނޑީގައި ރައްކާކުރެވިފައި ވަނީ އެ ޝޯ ބޭއްވި ތަނާއި އެ ދުވަހު އެރި "ކިކު" ގަނޑެވެ.

"މަޖީދީ މަގު ރަސްފަންނު ކައިރީގައި އެއްދުވަހު ހަބޭސްއާއެކު ކުޅުނު ޝޯއެއް. އެއީ ހަނދާންވާ ގޮތުން އެދުވަހު ހަވާވެސް އެރުވި. އެ ޝޯ އެއީ މިހާތަނަށް ކުޅުނު އެންމެ ސަޅި ޝޯ. މީހުން ގިނަވެފައި، އަނެއްކާ ޝޯގެ ކިކުވެސް ވަރަށް ހަބޭސްގެ ޝޯގެ ފާފޯމެންސްވެސް ވަރަށް ސަޅި. އެ ޝޯ ހަމަ ވަރަށް ހަނދާން ހުރޭ." ޝަނޫން ބުންޏެވެ.

ޝަނޫން ޑްރަމް ޖަހަނީ--

ސުވާލު: ހަބޭސްތަ ނޫނީ ބިދަބިންތަ؟

ޝަނޫން ބޮޑުބެރަށް ސީދާ ހުސްވީ ފުރަތަމަ "ބިދަބިން ގްރޫޕުން" ކަމަށްވާތީ އެ ގްރޫޕް ކޮންމެ ގޮތަކުން ވެސް ޝަނޫންއަށް ހާއްސަ ވާނެއެވެ.

ނަމަވެސް ޝަނޫން ބުނާގޮތުން އޭނާއަށް އެންމެ ރަނގަޅީ މިހާރު އޭނާ އުޅޭ "ހަބޭސް" ގްރޫޕެވެ. އެއީ މިހާރު ގެ ބޮޑުބެރު ގްރޫޕްތަކުގެ ތެރެއިން ވެސް ޕާފޯމަންސްއަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ހަބޭސް ގްރޫޕްކަމަށް ވާތީ ކަމަށް އޭނާ ބުނެއެވެ.

ބިދަބިންނާ ވަކިވި ނަމަވެސް އެ ގްރޫޕްގެ މެމްބަރުންނާ އޭނާއާ އޮންނަ ގުޅުން އަދިވެސް އޮވެއެވެ.

ސުވާލު: ވޯޓާ ސްޕޯޓްސްތަ ނޫނޯ ބޮޑުބެރުތަ؟

މިއީ ޝަނޫންއަށް ޖަވާބު ދޭން އެންމެ އުނދަގޫވި އެއް ސުވާލެކެވެ.

ޝަނޫން ދެކޭގޮތުގައި ބޮޑުބެރަކީ އޭނާގެ ލެޔާ ގުޅިފައިވާ ފަދަ މުހިންމު ކަމެއް ނަމަވެސް މައްސަލައަކަށް ވަނީ ބޮޑުބެރުން އެކަށީގެންވާ އާމްދަނީ އެއް ނުލިބެމެވެ. އެހެންވެ ޝަނޫންގެ ނަޒަރުގައި އޭނާއަށް ކަމުދަނީ ދުވާލު ވޯޓާ ސްޕޯޓްސްގައި ފުލްޓައިމް އުޅުމަށް ފަހު ހޮބީއެއްގެ ގޮތުގައި ރޭގަނޑު ބޮޑުބެރަށް ހާއްސަވާށެވެ.

"ބޮޑު ބެރު ރަނގަޅު ދުވަސްވަރު ހަމަ ރަނގަޅު އެއްޗެއް ލިބޭނެ. އެކަމަކު އެހެން ޑިޕެންޑްވެގެން ކިހިނެއް އުޅޭނީ" ޝަނޫން ބުންޏެވެ.

ޝަނޫން ވަނީ ވަރަށް ފަހުން ވޯޓާ ސްޕޯޓްސްގެ ކޯހެއް ވެސް ހަދައިފައެެވެ. އެހެންކަމުން ވޯޓާ ސްޕޯޓްސްއިން އަވަހަށް ފެނުމަކީ ހަމަ ވަރަށް ކައިރި ކަމެކެވެ.

ސުވާލު: ހަޔާތުގައި ކުރެވުނު ކަންތައްތަކުގެ ތެރެއިން ރެގްރެޓްކުރާ ކަމެއް ބުނެދީބަލަ؟

ހަޔާތުގައި ކުރެވުނު ކަންކަމުގެ ތެރެއިން ބައިވަރު ކަންކަން ރެގްރެޓްކުރެވިފައި އެބަހުއްޓެވެ. އެވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ނުވަތަ މިވެނި ކަމެއް ނުކުރެވުނު ނަމައޭ ހިތަށް އެރުން އެއީ ހަމަ އާންމުކޮށް ދުނިޔެ ހިނގާ އުސޫލެވެެ.

އޭގެ ތެރެއިން ސްކޫލު ދައުރުގައި ބޮޑު ބެރު ނުޖައި މަޑުކޮށްލިނަމަ މާ ރަނގަޅުވީހޭ ހިތަށް އެރި ކަމަށް އޭނާ ބުންޏެވެ. އޭގެ ސިއްރުވެސް އޭނާ ބުނެދިނެވެ.

"އެއީ ބޮޑު ބެރު ޖެހުން ކުރިއެރުން ލިބުނަސް ކިޔެވުމުން ކުރިއެރުމެއް ނުލިބޭނެތާ ޓައިމް ޕާސްވިޔަސް." ޝަނޫން ބުންޏެވެ.

ޝަނޫން ސްކޫލުގައި ބޮޑުބެރަށް ނަށަނީ--

ޝަނޫން ބުނީ އޭނާ ކިޔެވި އިރު އެއްވެސް އެއްޗަކުން ފެއިލް ނުވާ ކަމަށާއި ނަމަވެސް އޭނާ ދާންޖެހޭ ސްޓޭންޑަޑަށް ނުދެވުނު ކަމަށެވެ.

"އެންމެ ކުޑައިރު ހަމަ ނަތީޖަ ވަރަށް ރަނގަޅު އޭ ސްޓާ ހަމަ. ދެން ބޮޑުބެރާ ޖެހުނު ފަހުން ދެން ނަތީޖާ ދަށްވާން ފެށީ. އެހެންވީމަ މި ބުނަނީ ބޮޑުބެރާ ހުރެ ދާން ޖެހޭ ލެވަލްއަށް ކިޔަވުމުގެ ނުދެވުނީ. ދެން ކުޑައިރު މައިންބަފައިންގެ އެކްސްޕެކްޓޭޝަން ވެސް ވަރަށް މަތި. މައިންބަފައިން އުއްމީދުކުރި ކިޔެވުމުގައި ވަރަށް ރަނގަޅުވާނެއޭ. "ޝަނޫން ބުންޏެވެ.

ސުވާލު: ޑްރަމިން ނޫން އެހެން ދާއިރާއަކުން ފެނިދާނެތަ؟

ޝަނޫން ބުނީ މިއުޒިކްގެ ދާއިއާއަށް ބަލާއިރު ޑްރަމިން ނޫން ދާއިރާއަކުން ފެނުން ދުރު ކަމަށެވެ.

ސުވާލު: ލޯބިވެރިޔަކު ހޯދަން ކުރި މަސައްކަތް؟

ހަޔާތުގެ ބައިވެރިއެއްގެ ވާހަކަ އެހުމުން އަހަރެން އުއްމީދު ކުރީ ޝަނޫންގެ ހަޔާތުގެ ބައިވެރިއެއް މިވަގުތު ހުންނާނެ ކަމަށެވެ. ނަމަވެސް ހިނިގަނޑެއް ޖަހާލުމަށް ފަހު ޝަނޫން ބުނީ މި ވަގުތު ހުރީ ސިންގަލްކޮށް ކަމަށެވެ.

އެކަމަކު ކުރީގެ ލޯބިވެރިޔާ ހޯދަން ކުރި ދިގު ދަތުރާއި ކުރި މަސައްކަތް އޭނާ ކިޔައި ދިނެވެ.

ޝަނޫން ބުނާ ގޮތުން އޭނާ އަށް "ބިޓު" ސެޓުވީ އޭނާއާ ވާހަކަ ދައްކާތާ ހަ މަސް ވަރުވީ ފަހުންނެވެ. އަދި އެއީ ނުވާނެކަމަށް ހީކޮށް އުއްމީދު ކަނޑާލާފައި އޮއްވަ ކަމަށް އޭނާ ބުންޏެވެ.

ޝަނޫން ބުނީ ލޯބިވެރިޔާ ސެޓު ކުރަން އެ ކުއްޖާ އަށް އުނދަގޫކޮށް ހަދާފައި ނުވާ ކަމަށެވެ. އެކަމަކު ކޮންމެ މަހަކު މާގަނެދީ އަތުން ލިޔެފަ ސިޓީ ފޮނުވައި ހިތުގެ ޝުއޫރުތައް އޭނާ ވަނީ ލޯބިވެރިޔާއަށް އަންގައިދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    ތިޔަ ޖަހާހާ ބެރަކުން އާހިރަތުގައި ފައިދާއެއް ކުރާނަމަ އަހަރެއް ވެސް ތިޖެހި ބެރަކައް ފަސް ބެރު ޖަހާނަން..

    13
  2. މަނޫނު

    އިސްތަށި ކޮށާ ލައިގެން އާމްދަނީ ލިބޭ މަސަތްކަތެއް ކުރިއްޔާ މާ ފައިދާވާނެ..

  3. ޝަނޫން ގެ ބަފާ

    ދަރިފުޅާ ބެރު ނުޖަހާ ވަޒީފާ އަކަށް ދޭބަލަ.. 🙁