ރާއްޖޭގައި މަސްވެރިކަން ތިޔާގި މޫސުމުން އެތަކެއް ކަމެއް ފެނިގެން ހިނގައްޖެއެވެ. ރާއްޖޭގެ ދެކުނުގައި އާދަޔާހިލާފަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް އެ ފޮނިމީރުކަން އެއްވެސް މަސްވެރިއަކަށް ނުލިބެއެވެ. އުފުލަން ޖެހުނު ތަކުލީފުތައް ވީ އެތަކެއް ގުނަ އިތުރެވެ. އާދައިގެމަތިން މަސްވެރިންގެ އިހުސާސްތައް ބަންޑުންވެ ސަރުކާރަށް ވެސް ޕްރެޝަރު ކުރިމަތިވިއެވެ. އެއީ ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނެވެ.

ރާއްޖޭގެ އޮޑިދޯނިފަހަރު ކިތަންމެހާވެސް ތަރައްގީވެއްޖެއެވެ. އެންމެ ޒަމާނީ ފެންވަރުގެ މަސް ފިނިކުރެވޭނެ ނިޒާމާއި، ބާޑް އަދި ފިޝް ފައިންޑަރުގެ އިތުރުން އެންމެ ފަހުގެ އާލާތްތަކާއެކު ރަނގަޅު ފެންވަރުގެ މަސް ސްޓޮރޭޖް ހުންނަ ދޯނިފަހަރު އެބަހުއްޓެވެ.

ނަމަވެސް ދެކުނުގައި މަސް ކިރުވޭނެ ރަނގަޅު ނިޒާމެއް އަދިވެސް ގާއިމުވެފައި ނެތެވެ. އާދަކާދައިގެ މަތިން ރާއްޖޭގެ ދެކުނުން ދޯނި ފުރާލައި މަސް ބާނައިގެން ދާން ޖެހެނީ ގއ.ކޫއްޑޫ މަސް ފެކްޓަރީއަށެވެ. މި ދަތުރަކީވެސް މަސްވެރިންނަށް އެތަކެއް ތަކުލީފުތަކެއް ކުރިމަތިލާން ޖެހޭ ދަތުރެކެވެ.

އެހެންކަމުން އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ މަޝްހޫރު ގދ.ފަރެސްމާތޮޑާގެ މަސްވެރިން އިސްނަގައިގެން ވަނީ އެ ރަށް ހިމެނޭ ފަޅުގައި ކޫއްޑޫ އެކޭ އެއްގޮތަކަށް މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ދެކުނު މަސްވެރިންގެ ވަރުގަދަ ޕެޓިޝަނެއް ތައްޔާރުކޮށްފައެވެ.

މިއީ ސަރުކާރުން މިހާރު ގއ. ކޫއްޑޫގެ މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމުގެ ބަދަލުގައި އަތޮޅުގެ ދެކުނު ބިތުގެ ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކޮށް، މަސް ގަނެވޭނެ ގޮތެއް ހަދައިދިނުމަށް އެދިއެވެ. އަދި އޭގެސަބަބުން މުޅި ދެކުނު މަސްވެރިންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭތީއެވެ.

ޕެޓިޝަންގައި ސޮއިކުރުން ކުރިޔަށްދަނީ-- ފޮޓޯ: އިސްމާއީލް ޝާހު

މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އައްޑޫސިޓީގައެވެ. ކާމިޔާބުކަމާއެކު ފެށި މި ދަތުރުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަދި ފަރެސްމާތޮޑާއަށް ނިސްބަތްވާ، މުޅި ދެކުނުގައި ވެސް މަޝްހޫރު ކެޔޮޅުންގެ ޓީމެއް އައްޑޫސިޓީއަށް ދިޔައެވެ. އައްޑޫގެ މަސްވެރިން އަދި ފަރެސްމާތޮޑާގެ ޓީމުން ވަނީ އައްޑޫސިޓީގެ މޭޔަރާއި ވެސް ބައްދަލުކޮށްފައެވެ. މޭޔަރުގެ އިތުރުން މުޅި އައްޑޫސިޓީ މަސްވެރިންވެސް ވަނީ މިކަމަށް ތާއިދުކޮށް ޕެޓިޝަނުގައި ސޮއިކޮށްފައެވެ.

ޕެޓިޝަނުގައި ސޮއިކުރުމަށްފަހު އައްޑޫސިޓީ މޭޔަރާއި އައްޑޫ މަސްވެރިންނާއި އެކު ފަރެސްމާތޮޑާ މަސްވެރިން

އޭގެ ޖެހިގެން އައި ދުވަހު ދެން ދަތުރުކުރީ ފުވައްމުލަކު ސިޓީއަށެވެ. މަޝްހޫރު ބާޚިރާ ދޯނީގައި ފަރެސްމާތޮޑާ ކެޔޮޅުން ކުރި މި ދަތުރުގައި ފުވައްމުލަކު މަސްވެރިން އަދި ސިޓީ ކައުންސިލުންވެސް ތާއިދުކޮށް ޕެޓިޝަނުގައި ސޮއިކުރިއެވެ. އޭގެފަހުން ހުވަދުއަތޮޅު އުތުރުބުރި އަދި ދެކުނުބުރީގެ ބައެއް ރަށްރަށަށް ވެސް މި ޓީމު ޒިޔާރަތްކޮށް މަސްވެރިން އަދި ކައުންސިލްތަކުގެ ތާއިދު ހޯދާ ޕެޓިޝަނުގައި ސޮއިކުރިއެވެ.

ފަރެސްމާތޮޑާގައި މަސް ފެކްޓަރީއެއް އެޅުން މުޅި ދެކުނަށް މުހިއްމު

ރާއްޖޭގެ ދެކުނުބިތުގައި އޮތް ހަތަރު އަތޮޅުގައި މަސްވެރިން އާންމުކޮށް ރަނގަޅު ދުވަސްވަރެއް ނަމަ މަސްބާނަނީ މަޝްހޫރު ފިޔޯރީ ކަނޑު (ރަތް ކުލައިން) ފާހަގަކޮށްފައިވާ ސަރަހައްދުންނެވެ. މި ނިމުނު މަސްވެރިކަމުގެ ތިޔާގި މޫސުމުގައި ވެސް ދޯނިތައް މަހުން ފުރާލާފައިވަނީ މި ސަރަހައްދުން މަސް ބާނައިގެންނެވެ. އެއީ މާކަނޑުން ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރު ސަރަހައްދެކެވެ. ބައެއް ފަހަރު 60 ނޯޓިކަލް މޭލު ބޭރަށްވެސް މަސް ދޯނިތައް ދެއެވެ.

ފޮޓޯ: އަހުމަދު އިމްތިޔާޒް

މި ސަރަހައްދުން މަސް ބާނައިގެން މަސްދޯނިތައް މަސްކިރަން ވަންނަނީ ފަރެސްމާތޮޑާ އާ ދިމާލު ކަނޑުއޮޅިންނެވެ. އަތޮޅަށް ވަންނައިރު އެންމެ ފުރަތަމަ ޖެހޭ ރަށަކީވެސް ގިނަފަހަރު ފަރެސްމާތޮޑާއެވެ. އަތޮޅަށް ވަނުމަށްފަހު އަނެއްކާވެސް އެ މަސްދޯނި ފަށަނީ ގއ. ކޫއްޑޫއަށް ދާން ދިގު ދަތުރެކެވެ. އެއީ އަނެއްކާ 35 ނޯޓިކަލް މޭލު ގެ ދިގު ދަތުރެކެވެ. އާންމުގޮތެއްގައި މި ދަތުރަށް ތިން ގަޑިއެއްހާއިރު ހޭދަވެއެވެ. މިއީ މަސް ދޯނިތަކަށް ބޮޑު ތަކުލީފެކެވެ. އަނދައިގެންދާ ތެޔޮ އިންތިހާއަށް އިތުރުވެގެންދެއެވެ. އާދައިގެ މަސްވެރިޔާއަށް ހަފްތާ ނިމޭއިރު ގެޔަށް ގެންދަން ލިބޭ ފައިސާގެ ބޮޑު ބަޔެއް ތެލުގެ ހަރަދުގެ ސަބަބުން މަދުވެއެވެ.

ނިމިދިޔަ މަސްވެރިކަމުގެ ސީޒަން ތެރޭގައި ކޫޢްޑޫ ފަޅުތެރޭގައި ދޯނިތައް ފުނިޖެހިފައި

ދެކުނުގެ އައްޑޫ އަދި ފުވައްމުލަކު މަސްވެރިންވެސް އެންދަމަން ވަންނަނީ ހުވަދޫ އަތޮޅު (ގއ އަދި ގދ) އަތޮޅަށެވެ. އަދި މަސްވެރިންކޮށް ނިންމުމަށްފަހު މި ދޯނިތައް ފަރެސްމާތޮޑާ ފަޅިން އަތޮޅަށް ވަދެ ދެން ކުރަންޖެހޭ ދިގު ދަރުރަށް އެ މަސްވެރިންވެސް ދެކޮޅެވެ. އެހެންކަމުން ފަރެސްމާތޮޑާގައި މަސް ފެކްޓަރީ އެޅުމަކީ އެ މަސްވެރިނަން ވެސް ލިބޭނެ ބޮޑު ލުޔަކަށް ވާނެއެވެ. އެއީ އަތޮޅުގެ އެންމެ ބޭރަށް އޮންނަނީ ފަރެސްމާތޮޑާ ކަމުން މަސްކޮޅު ފަރެސްމާތޮޑާއަށް ކިރުމަށްފަހު އެނބުރި އަތޮޅަށް ދާން ކުރަންޖެހޭ ދަތުރު ކޫއްޑޫއަށް ދިއުމަށްވުރެ ބޮޑުތަނުން ކުޑަވެގެންދިއުމެވެ. އަދި ސަލާމަތްވާ ތެލުގެ މިންވަރު އިތުރުވުމެވެ.

މަސްވެރިކަމުގައި ފަރެސްމާތޮޑާ އަކީ ބޮޑު ބާރެއް

ފަރެސްމާތޮޑާ ފަޅުތެރޭގައި އެ ރަށުގެ ބައެއް މަސްދޯނިތައް

ކޫއްޑޫގެ ތަފާސްހިސާބަށް ބެލިނަމަވެސް މުޅި ދެކުނުގައި އެންމެ ގިނަ މަސް ބާނާ އެއް އެއްބަޔަކީ ފަރެސްމާތޮޑާ އެވެ. މިހާރުވެސް ފަރެސްމާތޮޑާގައި މަސްވެރިކަންކުރާ 10 ދޯނި އެބައޮތެވެ. ގާތްގަނޑަކަށް 300 އެއްހާ މަސްވެރިން މި ދޯނިތަކުގައި މަސައްކަތްކުރެއެވެ. އެއީ ފަރެސްމާތޮޑާގެ އިތުރުން އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ މަސްވެރިންވެސް ހިމެނޭހެންނެވެ.

ޖުމްލަކޮށް ބަލާއިރު ފަރެސްމާތޮޑާގައި މަސްވެރިކަން ކުރާ އެވްރެޖް އުމުރުފުރާއަކީ 30 އަހަރުން ދަށެވެ. މިފްކޯގެ ތަފާސްހިސާބު ދައްކާގޮތުން ފަރެސްމާތޮޑާ ދޯނިތަކަކީ މުޅި ދެކުނަށް ބަލާާއިރު ވެސް ގިނަ އަދަދެއްގެ މަސް ބާނާ ބައެކެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ މީހުން އިތުރުވަމުން އަންނަ ރަށެއްވެސް މެއެވެ.

މިހާތަނަށް އައި އިރުވެސް ސަރުކާރުން ފަރެސްމާތޮޑާއަށް މާ ބޮޑު އަޅާލުމެއް ނުބާއްވައެވެ. މަސްވެރިންގެ ދުވަސް އެ ރަށުގައި ފާހަގަކޮށްދިނުމަށް އެދި މިވީހާތަނަށް އެކި ސަރުކާރުތަކުގެ ކިބައިން އާދޭސްކޮށްފިއެވެ. އަދި އެ މަސްވެރިން ތިބީ އެ އުއްމީދުގައެވެ. މަސްވެރިކަން ދަށް ކިތަންމެ ރަށެއްގައި ސަރުކާރުން ވަނީ އެ ދުވަސް ފާހަގަކޮށްފައެވެ. އެހެންކަމުން ރަށުގެ މަސްވެރިންގެ އެންމެ ބޮޑު އުއްމީދަކީ މި ދުވަސް އެ ރަށުގައި ފާހަގަކުރާނެ ދުވަހަކަށެވެ.

ދެކުނު މަސްވެރިން ފަރެސްމާތޮޑާގައި މަސް ފެެކްޓަރީ އަޅަން ތާއިދު

މި ހަތަރު އަތޮޅުގެ މަސްވެރިންނާއި ގިނަ ކައުންސިލްތަކުން ވެސް މިކަމަށް ތާއިދެވެ. ޕެޓިޝަނުގައި މިހާތަނަށް ދެކުނަށް ނިސްބަތްވާ 2000 (ދެހާސް) އެއްހާ މަސްވެރިން ސޮއިކޮށްފައިވާ ކަމަށް މަައުލޫމާތު ލިބެއެވެ. މިހާރު ފަރެސްމާތޮޑާގެ މަސްވެރިން ތައްޔާރުވަނީ މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އެކު ދެކުނުގެ މަސްވެރިން

"1986 އިން ފެށިގެން މުޅި ރާއްޖެއަށް މަސްވެރިކަން ފުޅާވިއިރު ވެސް އެންމެ ގިނަ މަސް ބާނަނީ ދެކުނުގެ މަސްވެރިން، އަދިވެސް މި ދައްކަނީ ކޫއްޑޫގެ ފެސިލިޓީ ބޮޑުކުރާ ވާހަކަ، އަހަރެމެން މި ގަނަތެޅެނީ ކޮންމެ ފަހަރަކު އެ ސަރަހައްދުން މަސް ބާނައިން އެޔޮށް ދުރަށް މަސް ކިރަން، ފަރެސްމާތޮޑާގައި އާ ފެސިލިޓީއެއް އަޅައިފިއްޔާ މުޅި އައްޑޫ މަސްވެރިންނަށް އޭގެ ފައިދާ ބޮޑުތަކުން ކުރާނެ" އައްޑޫގެ މަސްވެރިއަކު ބުންޏެވެ.

މަޑަވެލި ކައުންސިލާއި މަސްވެރިންނާއެކު ފަރެސްމާތޮޑާ މަސްވެރިން

"ކޫއްޑޫއަކީ މިހާރު ހައްލެއްނޫން، މި ރޯދަމަހު ވެސް އަހަރެމެންނަށް މަސްވެރިކަން ކުރެވުނީ ހަފްތާއަކު ދެ ދުވަސްވަރު، ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހުނީ ކޫއްޑޫ ފަޅުތެރޭގައި ދުވާލަކު ފަސް ޓަނު ކިރާލަ ކިރާލަ، މިއީ ހައްލެއް ނޫން، އަތޮޅުގެ ދެ ބިތަށް މަސް ކިރުވޭނެ ގޮތެއް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ލުޔަކަށް ވާނެ، ކޫއްޑޫއަށް ދަތުރުކުރަން ހަދައިގެން މަހުގެ ކޮލިޓީވެސް ދަށްވޭ، މަހުގެ ތާޒާކަން ވެސް ގެއްލޭ ގިނަފަހަރު، އަހަރެމެނަށް ވަރަށް ލުއިފަސޭހަ ވާނެ ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ތަނެއް ހުރެއްޖެއްޔާ" އައްޑޫގެ އެހެން މަސްވެރިއެއް ބުންޏެވެ.

ގއ.ކަނޑުހުޅުދޫ މަސްވެރިންނާއި ކައުންސިލާއެކު ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕެޓިޝަން ތައްޔާރުކުރި ފަރެސްމާތޮޑާ މަސްވެރިންނާއި ބައްދަލުކުރަން ނިންމަވައިފައެވެ. އެހެންކަމުން މިއީ އެ މަސްވެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ދެކުނުގެ މަސްވެރިންގެ އުއްމީދަކީ ފަރެސްމާތޮޑާ ސަރަހައްދުގައި މަސް ފެކްޓަރީއެއް އެޅި، އޭގެ ފޮނިމީރުކަން މުޅި ދެކުނުގެ މަސްވެރިކަމަށް ލިބިގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙޮޑެލި

  ޙަމަ ތިގޮތަށް ދެއްވަދޫގައި އެންވެރިކަމުގެ ރިސާޗް އަދި ފެކްޓްރީ ފެސެލިޓިއެއް ހެދުން މުހިއްމު. ޙުވަދު މެދުގައި އޮންނަ ދެއްވަދޫ ވަށައިގެން އެންވެރިކަމުގެ ގިނަ ތަންތަން އެބަހުރި

  5
  3
  • ހުވަދޫ އަލިބެއްޔާ

   ދެއްވަދޫއަށް ދެރަގޮތެއް ނުވާނެ.. ފޫޅުމާ ކުރުކޯހެއް ވަރަށް އަވަހަށް ތިކޮޅުގައި ހިންގަން މިއުޅެނީ.. ހެހެހެހހެ

 2. ތިނަދޫ މަސްވެރިން

  ތިޕްލޭނަކީ ފަރެސް މާގޮޑާ އަސްލަމް އަޑީގަ ހުރެގެން ކުރުވާކަމެއް ބޭނުމަކީ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު އަދި ތިނަދޫގައި އަޅަން އުޅޭ ޓާޝަރީ ހޮސްޕިޓަލުވެސް ފަރެސްމާތޮޑާގަ އެޅުމެވެ. ތިނަދޫ މީހުން ހޮވާފަތިބި ދެ ބިގަރުންނާއި މަޑަވެލީ ދާއިރާއިން ހޮވާފަ ހުރި ބިގަރަކީ ރަށަށް ކަމެއް ކޮއްދޭން އުޅޭ ބިގަރުންނެއްނޫން. މިހާރު މަޑަވެލި ހޯޑެއްދޫ ތިނަދޫ މީހުންގެ ވިސްނުމަކީ 2023 ގަ މިތިބަ ބިގަރުތަށް ބޮޑުތަނުން ފެއިލް ކޮއްލުމެވެ.

  14
  6
 3. ސިކުނޑި

  މަސް ފެކްޓްރީ ނެތީތަ ނޫނީ ފެކްޓްރީ ހަދަން ލާރި ނެތީތަ؟

 4. މުނާޒް

  ފަރެސްމާތޮޑާ މަސްފެކްޓަރީއެއް އެޅުމުން މަޑަވެއްޔަށްހުރި އެއްވެސްފައިދާއެއްނެތް މަޑަވެލި މަސްވެރިންނާއި މަޑަވެލީރައްޔިތުންނައް ފައިދާހުރީ ތިނަދޫމަސް ފެކްޓަރީއެޅުމުން މަޑަވެލީގެ ދެދޯޏެއްގެ މަދުބަޔަކު މާތޮޑާޒައިންގެއުގައް ވެއްޓިފައި އޮތަސް މުޅި މަޑަވެލީގެ ހުރިހާމަސްވެރިންނާއި އޮޑިވެރިންގެ ތާއީދުކުރާކަމެއްނޫން ފަރެސްމާތޮޑާގައި މަސްފެކްޓަރެއެޅުން ނޭބަރސް ފަސްޓް ކަމެއްދިމާވިއަސް އެންމެ އަވަހައް އާދެވޭނީ ތިނަދޫމީހުންނައް (ނޭބަރސް ފަސްޓް)

  2
  6
 5. ކިޔާމީހާ

  ވަރަށް ފުރިހަމަ ލިޔުމެއް. ފަރެސްމާތޮޑާ ޓީމް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން މި ލިޔުމުން އެނގޭ. ހިތްވަރާއެކު މަަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެ. އިންޝާﷲ. ދުޢާއަކީ ތިޔަކަން އެންމެ ފުރިހަމަގޮތުގައި ފަރެސްމާތޮޑާއަށް ކާމިޔާބުވެ އޭގެ ފޮނިމޭވާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދިއުން

 6. ޢެޑްމުންޑޯ

  އެކިމީހުންގެ ޚިޔާލު ތަފާތުވާނެ ، އަހަރެން ދެކޭގޮތުގައި ފަރެސްމާތޮޑާ ފެކްޓަރީ އެއް އެޅުމަކީ ކުރިއެރުމެއްނޫން ، އެއިން ލިބޭނީ ގެއްލުން ، ކޫޢްޑޫގެ ކޯލްސްޓޯރޭޖް ބޮޑުކޮށް ކެޕެސިޓީ އިތުރުކުރަންވީ ، ސަބަބަކީ އިތުރު ފެކްޓަރީ ހަދާގެން ގިނަ މުއައްޒަފުން ނާއި ހިގާ ޚަރަދުގެ ސަބަބުން މަހުގެ އަގު ވެއްޓޭނީ ، މިފްކޯ އިނދެޖެހޭނީ ، މަސްވެރިކަމަކީ ދާއިމީ އެއްވަރަކަށް ހުންނަ ކަމެއްނޫން ، ޕެޓިޝަން ހަދަންވީ ކޫއްޑޫ އަދި ފެލިވަރު އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް !

  7
  4
 7. މުހައްމަދު އަހްމަދު

  މި ސަރުކާރަކަށް ނުކުރެވޭނެ. ކޮބާ ގެމަނަފުށީ އައިސް ޕްލާންޓް. ކޫއްޑޫ ބްރިޖް