"ވަރަށް ފުރިހަމަ ވަރަށް އުންމީދީ އަދި ވަރަށް އިންތިޒާރު ކުރި ބަދަލެއް. ނަތިން މޯ، ނަތިން ލެސް" ފަށުވި ބަސްތަކާއެކު ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެއް އޭނާގެ ޝުއޫރުތައް ބަންޑުކޮށްލިއެވެ.

މުސާރަ ކުޑަވެގެން އެތައް އަހަރެން ވަންދެން ޝަކުވާ ކުރި ޓީޗަރުންނަށް އިއްޔެ އަކީ ވަރަށް ވެސް އުފާވެރި ތާރީހީ ދުވަހެކެވެ. ޓީޗަރުން ކުރާ މަސައްކަތަކީ އަގުނުކުރެވޭނެ ބުރަ މަސައްކަތެއްކަން ސަރުކާރުން އެންމެ ފަހުން ބަލައިގަނެ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތައް އިއުލާން ކުރީއެވެ. ޓީޗަރުންގެ މުސާރައަށް ގެނައީ އާދައިގެ ބަދަލެއް ނޫނެވެ. ސަރުކާރުން އިއުލާންކުރި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ސަރުކާރުގެ އެހެނިހެން ވަޒިފާތައް އަދާކުރާ މުވައްޒަފުންނަށް ވުރެ ޓީޗަރުންގެ މުސާރަ މާ ބޮޑުވާނެ އެވެ. ޓީޗަރުން އެކަންޏެއް ނޫނެވެ. ޓީޗަރުންނާ އެންމެ ގާތުން މަސައްކަތް ކުރަމުންދާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރަވެސް ބޮޑުތަނުން ބޮޑުކުރަން ނިންމިކަން އިއްޔެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޓީޗަރުންގެ މުސާރަ ދެން ހިނގާނީ ފަސް ރޭންކެއްގެ ދަށުންނެވެ. އެއާ އެކު އެންމެ ދަށް ރޭންކް (ރޭންކް އެކެއް) ގެ ޓީޗަރުންނަށް ވެސް އެންމެ މަދުވެގެން 13،266ރ.ގެ މުސާރައެއް ލިބޭނެއެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ.ގެ މުސާރަ އެކެވެ.

އިތުރު ރޭންކްތަކުގެ ޓީޗަރުންގެ މުސާރައަށް އައި ބަދަލު

  • ރޭންކް ދޭއް: 19،467ރ (ކުރިން ލިބެނީ 13.008ރ)
  • ރޭންކް ތިނެއް: 20،895ރ. (ކުރިން ލިބެނީ 15،135ރ.)

އޭގެ އިތުރުން ޓީޗަރުންގެ ރޭންކްގެ ތެރެއަށް ހަތަރެއް އަދި ފަހެއް ވެސް އިތުރުކޮށް އެ ރޭންކްތަކަށް ވެސް ވަރަށް ބޮޑު މުސާރައެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 23،277ރ.ގެ މުސާރައެއް ހަމަޖެއްސި އިރު ރޭންކް ފަހެއްގެ ޓީޗަރުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސީ 25،958ރ.އެވެ.

ޓީޗަރުންގެ މުސާރައަށް އައި ކުރި އެރުން--

ބޮޑު މުސާރައާއެކު ހީނަރު ވެފައިވާ ޓީޗިންގެ ދާއިރާއަށް ދިރުން އަންނާނެ؟

ޓީޗިންގެ ދާއިރާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގާތަށް ވެސް ޓީޗަރުން ރާއްޖެއިން ނުލިބުމެވެ. އެންމެ ކުޑަ މިނުން ގުރުއާން ކިޔަވައިދޭނެ ޓީޗަރުން ރާއްޖެއިން ނުލިބިގެން ރާއްޖެއިން ބޭރު ގެންނަން ޖެހުމުން ޓީޗަރުން ލިބުމުގައި ކުރިމަތިވެފައިވާ ތަދު ކިތަންމެ ރީއްޗަށް ވެސް އެނގެއެވެ.

ޓީޗިންގެ ދާއިރާއަށް މީހުން އެކަށީގެންވާ ގާތަށް ވެސް ނުނިކުތުމުގެ އެންމެ މުހިންމު ސަބަބަކީ ޓީޗަރުން ކުރަން ޖެހޭ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ ވަރާ ގާތަށް ވެސް އުޖޫރަ ނުލިބުމެވެ. ނަމަވެސް ސަރުކާރުން އިއްޔެ އިއުލާން ކުރި މުސާރައިގެ އޮނިގަނޑާއެކު ކުރިން ކުރަމުން އައި ބަހަނާތަކަށް ނިމުން އަންނާނެއެވެ.

މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ޚިތާބުގައި ވެސް އެކަން ފާހަގަ ކުރެއްވިއެވެ.

"އިރާދަ ކުރެއްވިއްޔާ މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަ މިފަދަ ހެޔޮ ބަދަލުތަކުގެ ސަބަބުން މި ދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެން ދިޔުން" ރައީސް ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މަރިޔަމް އައްޒަ ވެސް ވާހަކަ ދެއްކެވީ ރައީސް ސޯލިިހު އާ އެއް މޭރުމަކުންނެވެ.

"މުސާރައާ ހެދި ޓީޗިންގެ ދާއިރާއަށް ވަންނަ މީހުންގެ ވާހަކަ ތާއަބަދު މި ދައްކަނީ. މިހާރު ގައިމުވެސް މުސާރަ ކުޑަވެގެންނޭ ކިޔާފައި މި ދާއިރާއަށް ނުވަދެ ތިބޭނެކަމެއް ނެތްތާ. ބޮޑު ތަނުން އެ އޮތީ ހަމަ މުސާރަ ބޮޑު ކޮށްދީފަތާ އެ އޮތީ" އައްޒަ ވިދާޅުވިއެވެ.

ޓީޗަރުން ލިބުމުގައި ދަތިތައް އެންމެ ބޮޑަށް ދިމާވަނީ ކުދި ކުދި ރަށްތަކަށެވެ. ބައެއް ރަށްރަށުގެ ސްކޫލުތަކުގައި 60 އެއްހާ ދަރިވަރުން ވެސް ހަމަ ނުވާ އިރު އެފަދަ ރަށްތަކަށް ޓީޗަރުން ނުލިބޭ އިރު އެހެން ރަށްރަށުން ޓީޗަރުން ދާން ވެސް ބޭނުން ނުވަނީއެވެ.

ނަމަވެސް އާ މުސާރައިގެ އޮނިގަނޑާއެކު ޓީޗިންގެ ދާއިރާއަށް ނުކުންނަ ޓީޗަރުންގެ ޑިމާންޑް އިންތިހާއަށް އިތުރުވެ ކުދި ކުދި ރަށްތަކަށް ވެސް އެކަށީގެންވާ ވަރަށް ޓީޗަރުން ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ބޮޑު މުސާރައާއެކު ސެކަންޑްރީ ޓީޗަރުންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މީގެ ކުރިން ގައުމީ ޔުނިވާސިޓީގައި ސެކަންޑްރީ ޓީޗިންގެ ޑިގްރީ ކޯސްތަކަށް ހުޅުވާލުމުން ކޯހަށް ކުދިން ހަމަނުވެގެން ދެ އަހަރެއްހާ ދުވަސް ވަންދެން ކޯސްތައް ނުފެށި ދިގުލައިގެން ގޮސްފައި ވެއެވެ.

ނަމަވެސް ބޮޑު މުސާރައާއެކު މި ދާއިރާއަށް ނުކުންނަ މީހުންގެ އަދަދު އިތުރުވުން ގާތެވެ. ސެކަންޑްރީ ޓީޗަރުންނަކީ އާންމުކޮށް އެންމެ ދަށްވެގެން ޑިގްރީ ފެންވަރުގެ ޓީޗަރުންނަށްވާ އިރު މުސާރައިގެ އާ އޮނިގަނޑުގައި ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް 19،467ރ. ގެ މުސާރައެއް ލިބޭނެއެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރުންނަށް މިހާރު ލިބެމުންދާ 15،633ރ. މުސާރައިގެ ބަދަލުގައި 20،895ރ. މުސާރައެއް ލިބޭނެއެވެ.

އާ މުސާރައިން ލީޑިން ޓީޗަރުންނަށް އިތުރު ހިތްވަރެއް!

ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރާ ޓީޗަރުންނަކީ ލީޑިން ޓީޗަރުންނެވެ. ކިޔަވައި ދެމުން މުޅި ގްރޭޑަކަށް ކިޔަވައިދޭ ޓީޗަރުންނަށް ގައިޑްކޮށް ކިޔަވައިދިނުމުގެ ކަންކަން ހިނގާގޮތް ބެލުމަކީ ލީޑިން ޓީޗަރުންގެ އެންމެ މުހިންމު އެއް ޒިންމާއެވެ. އެހެންކަމުން އާދައިގެ ޓީޗަރުންނަށް ވުރެ ލީޑިން ޓީޗަރުންގެ ޒިންމާ ބޮޑުވެފައި ކުރަން ޖެހޭ މަސައްކަތް މާ ގިނަ ވެސް ވާނެއެވެ.

ކުރިން ލީޑިން ޓީޗަރުންނަށް މުސާރާއިގެ ގޮތުގައި އިތުރަށް ދެމުން ދިޔައީ އެންމެ 1000 ރުފިޔާގެ އެލަވަންސް އެކެެވެ. މިއީ ލީޑިން ޓީޗަރުން ކުރާ މަސައްކަތާ އަޅާ ބަލާ އިރު މާކުޑަ ކުޑަ އެލަވަންސްއެއް ކަމަށް ބުނެ ލީޑިން ޓީޗަރުންގެ މަގާމު ފުރަން ބައެއް ޓީޗަރުން ފަސް ޖެހޭތަން ކުރިން ފެންނަމުން ދިޔައެވެ.

ހެނދުނުގެ ނާސްތާގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ - ވަގުތު އިމޭޖްސް

"އެތައް ބައިވަރު ޓީޗަރުންގެ ޒިންމާ ބަލަހައްޓާ، ގްރޭޑެއް ބަަލަހައްޓާ އަދި އެޑްމިން ވޯކްތަކެއްވެސް ކުރަން އެބަ ޖެހޭ. ބައެއް ކުރަން ޖެހޭ އެޑްމިން ވޯކް ގިނަވެގެން ގޮސް ކިޔަވައިދިނުމަށް ފޯކަސް ކުރަން ޖެހޭ ވަރަށް ވުރެ ބޮޑަށް އެޑްމިން ވޯކަށް އެބަ ފޯކަސް ކުރަން ޖެހޭ" މާލޭގެ ލީޑިން ސްކޫލެއްގެ ޓީޗަރަކު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ހެދިއިރު ލީޑިން ޓީޗަރުންނަށް ދޭ އެލަވަންސް މިހާރު ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ. އެހެންކަމުން ލީޑިން ޓީޗަރުންނަށް ދެން އެލަވަންސްގެ ގޮތުގައި ޖުމްލަ 2000 ރުފިޔާ ލިބޭނެ އެވެ.

"ކުރީގައި ދެމުން އައި 1000 އަށް ވުރެ 2000 ރުފިޔާ ލިބޭނެތީ މިހާރު ހަމަ ވަރަށް ހިތްހަމަ ޖެހޭ" ކުރިން ވާހަކަ ދެއްކި ލީޑިން ޓީޗަރު ވިދާޅުވިއެވެ.

ބޮޑު މުސާރައާއެކު އިންގިލާބީ ބަދަލެއް އަންނާނެތަ؟

މުސާރަތައް މެކުހަށް ޖެހުމުން ދެން އުފެދޭ ސުވާލަކީ މިއީއެވެ. އެހާ ބޮޑު މުސާރައެއް ނަގައިގެން ޓީޗަރުންނަށް އެކަށީގެންވާ ވަރަށް ޕާފޯމް ކުރެވޭނެ ހެއްޔެވެ؟ މިހާރު ތިބި ބޭރު ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން އެ މަގާމުތަކަށް އައިސް އިންގިލާބީ ބަދަލެއް ގެނެވޭނެ ހެއްޔެވެ؟

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެ ސުވާލުތައް އަމާޒުވިއެވެ.

"މި ބޮޑު މުސާރައާ އެއްކޮށް މަސައްކަތްތައް ބެލި ފެންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާ ވެގެން ދާނެ. މޮނީޓާ ކުރެވޭނެ މެކޭނިޒަމްތަކެއް މިނިސްޓްރީ ތެރޭގައި ގާއިމްކުރަމުން ދަނީ" ޓީޗަރުންގެ ފެންވަރު ހިފެއްޓުމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ފާސްކުރި ތައުލީމިގެ ގާނޫނުގެ ދަށުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެއް އުފައްދައި ޓީޗާސް ލައިސެންސިންގެ ކަންތައްތައް ކުރިއަށް ގެންދާތީ ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް ކުރަން ކޮލިޓީ ޓީޗަރުން ދަމަހައްޓަން މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ބޮޑު މުސާރައާއެކު ޓީޗިން ކޯސްތައް ހަދާ ދަރިވަރުން ދެން އިންތިހާއަށް އިތުރުވެގެން ދާނެ އެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރުވެސް ޓީޗިންއިން ޑިގްރީ އަދި މާސްޓާސް ފުރިހަމަކޮށްފައި ތިބި ޓީޗަރުންގެ އަދަދު ވަރަށް ގިނައެވެ. އެކަމަކު ކުއެންޓިޓީއާ އަޅާ ބަލާއިރު ކޮލިޓީ ދިވެހި ޓީޗަރުންގެ އަދަދު އުޅެނީ މާ ފަހަތުގައެވެ.

"އަސްލު މައްސަލައަކީ ކޮލިފައިޑް ކުދިން ޓީޗިން ފީލްޑަށް ނުނިކުންނާތީ. މިހާރު ބޭރު މީހުން އެ ތިބެނީ ހަމަ އެންމެ ފުރަތަމައިނުން ފެށިގެން ކެރިއާ އަކަށް ޓީޗިން ހަދައިގެން އައިސް ކިޔަވައި ދެނީ. އެކަމަކު މިތާ ވާގޮތަކީ ގިނަ ފަހަރު ކިޔަވާ ނިންމާލާފަ ނޫނީ ގޭގަ މީހަކު ޓީޗިން ހަދާތީވެ މި ޓީޗިން ފީލްޑަށް ނުކުންނަނީ. އަދި އެއް ނެތް ބޭރު ޓީޗަރުން ރިޕްލޭސް ކުރެވޭނެ ގޮތެއް. ނަގާނެ ތިން އަހަރު ނޫނީ އެއަށް ވުރެ ވެސް ގިނަ އަހަރު އެކަމަށް" ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައްޒަ ވިދާޅުވިއެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އެޑިއުކޭޝަން މިނިސްޓަރާއެކު-- ފޮޓޯ/ ރައީސް އޮފީސް

މިއިން ޒަމާނަކުވެސް ޓީޗަރުން މުސާރައަށް ނާންނަ ވަރުގެ ހެޔޮ ބަދަލެއް މިހާރު މި ވަނީ އައިސްފައެވެ. އެ ބަދަލާއެކު މި ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށް "އާ ފަތިހެއް" މިހާރު ވަނީ ވިލިފައެވެ. ބޭނުންވަނީ އެ ފުރުސަތުގެ ބޭނުން ހިފައިގެން ގައުމަށް ފައިދާ ހުރި ދަރިންތަކެއް ނުކުތުމެވެ. ރައީސް ސޯލިހު އިއްޔެ ދެއްވި ޚިތޯބުގައި ވެސް އާ ކުރެއްވީ ހަމަ މި އުއްމީދެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުވުމުން ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެން ދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކެނެރީގެ މާފަތް އެދުރު

    ޓީޗަރުން ހިނިރުންވަނީ ވާނުވާ ނޭގޭތީ ތިޔަ ފައިސާކޮޅު ފެލާލާނެ ކޮންމެވެސް ގޮތަކުން ވޯޓް ނުދޭތި ތިޔަ މަޅީގައި ޖެހިގެން ތިޔައީ ވޯޓް ގަންނަންކުރި އިންވެސްޓެއް

    28
    3
  2. Anonymous

    ދެން މި އެންމެން ރައީސަށް ތާއީދުކޮށް 2023 ގައި ރައީސް އިބޫއަށް ވޯޓު ދޭންވާނެ. ނުދީފިއްޔާ ހަރާންކޯރުވީ.

    7
    23
  3. ހަޖަމް

    ޓީޗަރުންނާ ސިއްޙީ ހިދުމަތްތެރިން އެކަނި ދެން މިރާއްޖޭގެ އުޅެންވީ އެހެން މީހުންއުޅޭނެކަމެއްނެތް މީމިދޯހަޅި ސަރުކާރުން ކަންތަށްކުރާގޮތް

    32
    3
    • Anonymous

      މި ވަރު ވެސް ވާކަން ރަނގަޅެއްނު. މި ދިވެހިންނަކަށް ނޭނގެޝުކުރު ވެރި ވާކަށް
      ޝުކުރިއްޔާ ރައިސް ސޯލިހް!!

  4. ޓީޗަރު

    އަންނާނެ ކަމަށް ލަފާކުރެވޭ އިންގިލާބީ ބަދަލު:
    1- ސަލާމް ގިނަވުން؛
    2- މަސައްކަތު ގަޑި މަދުވުން؛
    3- ޝަކުވާތައް އިތުރުވުން؛
    4- ރިޒަލްޓްތައް ދައްވުން.

    5
    1
  5. އހ

    ޓީޗަރުންނަށް މުސާރަ ބޮޑުކުރީ އިންރިހާބައް އެއް އަހަރަށް ވީމަ އެކަމަކުމީ ރިޔާސީ ވައުދެކޯ އަދި ދެންހުރި ހުރިހާ ކަމެއް ކުރާނެ މިއަހަރު ދުވަހު ތެރޭގަ ނިސްނާތި

  6. ފާފު ދާލު.

    މުސާރަ ބޮޑުކުރުމަކީ ޙައްލެއްނޫން. މުސާރަ ބޮޑުކުރުމަށްވުރެ ތަކެތީގެ އަގު ހިފެހެއްޓޭނެ އުސޫލެއް ޢާޢްމުކޮށްފި ނަމަ މާރަނގަޅުވީސް.

  7. ޙަދިސައިބު

    ޢެއްވެސް ބަދަލެއްނާންނާނެ ބޮޑު އަގުދީގެން ޓިއުސަން ނުދީ ފާސްވާނީ ކޮންމެ 100 އަކުން 1 ކުއްޖަކު، ކުޖާއް އެންގިގެން ކިޔަވަދެނީ ކޮންމެ 1000 ޓީޗަރުންގެ ތެރެއިްން 1 ޓީޗަރު މީހާކީ ނަފުސާނީ މައްސަތަކޔގައި ތިބޭ ކުދިންނަށް އަޅާނެ މީހަކު މަދު ސްކޫލެއްގައި ނޫނީ ނެތް އެމީހުންގެ މުސާރައަކީ މަހަކު 5000ރ ރުފިޔާ [ ކައުންސެލަރ] ސިއްހީ ކަމެއް ދިމާ ވީމާ އަޅާލާނެ މިކުވެސް ހުރީ 50ހަކަށް ސްކޫލުގައި އެމީހުންގެ މުސާރައަކީވެސް 5000 ރުފިޔާ (ސްކޫލު ހެލްތު އޮފިސަރުން) ދެން ކޮން ބަދަލެއް އަންނާނީ!

  8. ޢަޙްމަދު

    ސުވާލަކީ 3 އަހަރުވަންދެން 15000 ރުފިޔާއިން މަތިން ލިބެމުން އައި މުދައްރިސަކަށް އާ އޮނިގަނޑުގެ ދަށުން 13256 ލިބުން އެއީ ހުރިހާ ޓީޗަރުންގެ މުސާރަ ބޮޑުވުން ހެއްޔެވެ؟. ޑިޕޮލޮމާއަށްފަހު، ކިޔަވާ ދިނުމުގެ ތަޖުރިބާއާއެކު ޕޯސްޓްގުރެޑުއޭޓް ހެދުމަށްފަހު ސީދާ ކިޔަވާ ދޭ މާއްދާއިން މާސްޓަރސް ނެގޭ ގޮތަށް އެމްކިޔު އޭ އިން އެތޮރައިޒް ދީފައި އޮތުމަކީ ތަޢުލީމު ޙާޞިލުކުރާ ފަރާތުގެ މައްސަލަހެއްޔެވެ؟ އަދި ސީދާ ކިޔަވާދޭ މާއްދާއިން މާސްޓަރސް ނެގުމުގެ ސަބަބުން މިނިސްޓުރީންނާއި ސިވިލްއިން ސެޓްފިކެޓް ޤަބޫލުކޮށް ބޮޑު މުސާރަ 3 އަހަރު ވަންދެން ލިބުމަށްފަހު، ކުއްލިއަކަށް 12000 ރުފިޔާ ދިނުމަކީ އިންސާފުވެރި ގޮތެއް ތޯ ސުވާލު ކޮށްލަން ބޭނުން.
    މިއީ ބިކަ ކޮށްލުމަށް ކުރި ކަމެއް.

  9. ރައްޔިތު

    ގިނަރައް ތަކުގައި ތިބީ އަކުރުނުދައްނަ ޓީޗަރުން އެމީހުންނައް ގިނަފައިސާ ދިނީމަ މޭކަޕް ގިނަކޮއްގެން ސުކޫލައްގޮސް ތުއި ދައްކަނީ

  10. ޢަޙްމަދު

    ކޮމެންޓްތައް ނުޖައްސަވަނީ ތޯ؟؟؟

  11. ދދ

    އުއްމީދު ކުރަން މިހާރަށްވުރެ ދަރިންނަށް ލިބޭ ތަމްރީން ރަނގަޅުވާނެކަމަށް

  12. މުހަންމަދު

    ކުދިންގެ ކިޔެވުމާއި، އަޚްލާގަށް ތިބުނާ އިންގިލާބީ ބަދަލެއްނާއްނާނެ.......

  13. ބެލެނިވެރިއެއް

    ދެން ދަރިން ޓިއުޝަނަށް ނުފޮނުވާ ވާނެ ކަމަށް ހީކުރަން. މި ޓީޗާރުން ސްކޫލުގައި ރަނގަޅަށް ނުކިޔަވާދޭތީ ދަރިން ޓިއުޝަނަށް ބޮޑު ހަރަދު ދީފަ މިފޮނުވަން ޖެހެނީ.

  14. މަރިޔަމް

    ދެން ދަރިން ޓިއުޝަނަށް ނުފޮނުވާ ވާނެ ކަމަށް ހީކުރަން. މި ޓީޗާރުން ސްކޫލުގައި ރަނގަޅަށް ނުކިޔަވާދޭތީ ދަރިން ޓިއުޝަނަށް ބޮޑު ހަރަދު ދީފަ މިފޮނުވަން ޖެހެނީ.

  15. ޝާލިނީ

    ހެޔޮނުވާނެއެވެ. އޭ ރައީސް އިބްރާހީމެވެ. މީގެ ކުރިންވެސް އެތައް އހަރުތަކެއްވަންދެން ޓީޗަރުންނަނީ ޤައުމުގައި މުސާރަ އެންމެ ބޮޑެތި މުވައްޒަފުންނެވެ. އިދާރީ މުވައްޒަފަކަށް 600ރ ލިބުނު އިރުވެސް ޓީޗަރުންނަށް 2000 ނުވަތަ 3000 ރ ލިބުނެވެ. މިއަދު އިދާރީ މުވައްޒަފަކަށް އެންމެ 7400ރ ލިބޭއިރު ޓީޗަރުންގެ މުސާރަ 20000 އަށް ޕްރިންސިޕަލް މުސާރަ 35000 އަށް ބޮޑުވުން އެއީ ބޭއިންސާފުގެ އިންތިހާއެވެ. ބަލަގަ ޓީޗަރުންގެ ދަރިން ކުކުޅުވިރިޔާނީ އާއި ސަބްމެރިނާ ބާރގާ ކާއިރު އެހެންމުވައްޒަފުންގެ ދަރިން ވަކަރޮއްޓާ ގަރުދިޔަކޮޅެއް ކާލަކާލައި ދުނިޔެ އުމުރު އުޅެންވީހެއްޔެވެ. ޓީޗަރުން ރީތި ގެދޮރުގައި ފިނި އޭސީގައި ތިބޭއިރު ލިބޭ މަދު ލާރިކޮޅުން ދެކޮޅުނުޖެހި ދަރިންބޮޑެތިވާއިރު ގެދޮރުގަނޑެއް ނޭޅި އިދާރީ މުވައްޒަފުން ދިރިއުޅުމުގެ ބަދަލުގައި ދިރިތެޅޭކަން ކަލޭމެން ވެރިންނަށް ހަމަ ނޭގެނީހެއްޔެެ؟ އަބދު ޓީޗަރުންނާ ނަރުހުން ދުލުކުރީގައި ބާއްވައި އިދާރީ އެހެން މުވައްޒަފުންގެ މަތިން ހަނދާން ނައްތާލުން އެއީ މިފަހުގެ ސަރުކާރުތަކުން ކުރާކަމެއްކަން އަހަރެމެން ހަނދާން ނުނެތެއެވެ. ރައީސް މައުމޫންގެ ސަރުކާރުންވެސް މުވައްޒަފުންގެ ޙައްޤުތައް އަދާކުރމުގައި މިމީހުންނަށްވުރެ ރަނގަޅެވެ. މިއަދު 7400 ރ އަކީ ކޯއްޗެއްހެއްޔެވެ. އެއީ ބައެއް މީހުންނަށް ލިބޭ ޕޮކެޓުމަނީއަށްވުރެ ކުޑައެއްޗެއްނޫންހެއްޔެވެ؟ އިދާރީ މުވައްޒަފުން އުޅެންވީ އަބަދު ދަރަނިވެރިވެގެންހެއްޔެވެ؟ އަބުރުވެރިކަމާ ޝަރަފުވެރިކަމުގައި އެޅެންޖެހެނީ ޓީޗަރުންނާ ނަރުހުންނާ ޖުޑީޝަރީ މީހުން އެކަނިހެއްޔެވެ؟