ފުވައްމަލުކު ސިޓީގެ ނެރު ކައިރިއަށް އިއްޔެ ފީނަން އުޅެނިކޮށް ގެއްލުނު އެ ރަށުގެ ޑައިވް އިންސްޓަރަކްޓަރު މުހައްމަދު ސައީދު(ސައިއްޓޭ) ގެ ހިލަމެއް އަދިވެސް ނުވެއެވެ. ޑައިވް ކުރުމުގައި 20 އަހަރުގެ ތަޖުރިބާ ހުރި ސައީދަކީ ފުވައްމުލަކުގައި "ޑައިވް ޕޮއިންޓް" ގެ ނަމުގައި ޑައިވް ސެންޓަރެއްވެސް ހިންގަމުންދާ މީހެކެވެ.

ފަތުރުވެރިންނާއެކު ސައީދު ފީނަން ދިޔައީ އިއްޔެ މެންދުރުއެވެ.

ނަމަވެސް ސައީދާއި އޭނާގެ "ޑައިވް ބަޑީ" މަހުމޫދު ފާއިޒް ފީނަން ފޭބީ އެހެން ސަރަހައްދަށެވެ. އެކަމަކު މަހުމޫދު މައްޗަށް އެރި އިރުވެސް ސައީދުގެ ހަބަރެއް ނުވިއެވެ. އަދި ފަހުން ފަހުން މަހުމޫދު ޑިކޯވެގެން ވަނީ ފަރުވާއަށް ކަޑިންމަ ރިސޯޓަށް ގެންގޮސްފައެވެ. މަހުމޫދުގެ ހާލު ދެރަ ކަމުންނާއި ވާހަކަ ދައްކަން ދަތިވެފައިވާތީ ސައީދަށް ވީ ގޮތެއް އަދިވެސް ނޭނގެއެވެ.

ފުވައްމުލަކުގައި ޑައިވިން ސެންޓަރެއް ހިންގާ އަހުމަދު ނަޝީދު (ލޮނު) "ވަގުތަށް" ބުނީ ސައީދު ފީނަން ފޭބި ފުވައްމުލަކު ނެރު އަނގަމަތި ސަރަހައްދަކީ އާންމުކޮށް ފީނާ ސަަރަހައްދެއް ކަމަށާއި އަދި އެއީ ރައްކާތެރިވެސް ސަަރަހައްދެއް ކަމަށެވެ. އެހެންކަމުން އޮއި ގަދަވެގެން ސައީދުއަށް ކަމެއްވީ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.

" އެ ސަރަަހައްދަށް ހަމަ ދުވާލަކު ހަތް ދޯނި ވަރު ދާނެ ހަމަ ފީނަން" ނަޝީދު ބުންޏެވެ.

އޮއި ގަދަވެގެން ނޫން ނަމަ ސައީދު ގެއްލެން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ސައީދު މާ ފުނަށް ދިޔައީ ހެއްޔެވެ؟

ނަޝީދު ދެކޭ ގޮތުގައި އެ ސަރަހައްދުގެ ގޮތުން ސައީދު މާ ފުނަށް ދިއުމުގެ ބޭނުމެއް ވެސް ނެތެވެ. އަނެއްކާ ސައީދު އެހާ ފުނަށް ނުދާނެ ކަމަށް ނަޝީދު ވެސް ގަބޫލުކުރެއެވެ.

"އަހަރުމެން ފުނަށް ދާތީ ވެސް ސައީދު ހަމަ ވަރަށް ބޮޑަށް ނުދާށޭ ބުނާނެ. ފުނަށް ދިޔައީ ކަމަކަށް ނުބެލެވޭ" ނަޝީދު ބުންޏެވެ.

ފީނަން އުޅެނިކޮށް ގެއްލިގެން ހޯދާ ޑައިވިން އިންސްޓްރަކްްޓަރު ސައީދު--

ނަޝީދު ގަބޫލުކުރާ ގޮތުގައި ފަހަރެއްގައި ސައީދަށް ސްޓްރޯކެއް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސައީދަކީ ސިއްހީ މައްސަަލައެއް ހުރި މީހެއް ކަމެއް އެނގިފައެއް ނެތެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ސިއްހަތު ރަނގަޅު މީހުން ވެސް މިފަހަކަށް އައިސް ކުއްލިއަކަށް ސްޓްރޯކް ޖެހުން ފަދަ މައްސަލަތައް ހަމަ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިތުރުވެގެން ގޮސްފައިވާ ކަމެވެ.

"ވެދާނެ ސައީދަށް ސްޓްރޯކެއް ޖެހުން ނޫނީ އެފަދަ ކަމެެއް ވެގެން އުޅޭތީވެ މަހުމޫދު ޕެނިކުވެގެން ކުއްލިއަކަށް މައްޗަށް އެރީ ކަމަށް ވެސް. ކުއްލިއަކަށް މައްޗަށް އަރައިފިއްޔާ ޑިކޯ ވެދާނެ. ދެން ހަމަ ފާހަގަކޮށްލަން ޖެހޭ ކަމަކީ މަހުމޫދަކީ އަދި ޑައިވިންގައި އުޅޭތާ ދެ އަހަރެއްހާ ދުވަސްވީ މީހެއް" ނަޝީދު ބުންޏެވެ.

ސައީދު ހޯދުމަށް ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކުގެ ޑައިވަރުންނާއި އަދި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދިވެސް އޭނާގެ ހިލަމެއް ނުވެއެވެ. އޭނާއަށް ވީ ގޮތެއް ހަމަ އެކަކަށް ވެސް ނޭނގެއެވެ.

ސައީދަށް ވީގޮތުން އެނގޭނީ މަހުމޫދަށް ވާހަކަ ދެއްކެން ފެށުމުން ނުވަތަ ސައީދުގެ ހަށިގަނޑު ހޯދައި އޮޓޮޕްސީއެއް ހެދުމުންނެވެ.

ނަޝީދު ސިފަކުރި ގޮތުގައި ސައީދަކީ ހަމަ ވަރަށް ބަރާބަރު ރަހުމަތްތެރި އެކެވެ. ނަޝީދު އޭނައަށް ކިޔައި އުޅެނީ ވެސް "ހެޑްމާސްޓަރު" ގެ ނަމުންނެވެ.

"އޭނާއަކީ ވަރަށް ރަނގަޅު ބައްޕައެއް. އަހަރުމެން މިހެން ނުފެނި ދުވަސްކޮޅެއް ވެއްޖެއްޔާވެސް ހަމަ ގުޅާނެ ކޮފީ އަކަށް. ދެން އޭނާއަށް ކަމަކު ގުޅައިފިއްޔާ ވެސް ވަރަށް އައިޑިއާ ދޭނެ. އަނެއްކާ ސައީދުއަކީ ވަރަށް ގަދައަށް ކައްކާ މީހެއް. ކައްކާފަ ކާން އަހަރުންނަށް ގުޅާނެ. ޑައިވް ސެންޓަރުގައި ވެސް ވަރަށް ކައްކާނެ" ނަޝީދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅިޔަނުބެ

    މިޔަރެއްގެ ޝިކާރައަކަށް ވެދާނެކަމަށް ބައެއް މީހުން އެބަކިޔާ. ފަހަރެއްގަ ވެދާނެ އެހެންކަމަށްވެސް. އެދެނީ ސަލާމަތުން ހުއްޓާ ފެނުން.

    20
    • Anonymous

      ޓައިގާ ޝާކަކީވެސް މީހުންނަށް ހަމަލާ ދީފާނެ އެއްޗެއް..ދެން ހަމަ އޭނަ ހޯދުމުގަ ޖަހާ ހިސާބު ދިމާނުވެ ނުފެނުނީ ކަމުގަވުންވެސް ގާތް..އެދެނީ ދިރި ސަލާމަތުން ހުއްޓާ ފެނުން.

  2. މުހައްމަދު

    ފެމުނު މިޔަރަކާ ދިމާވިތޯ؟؟؟