އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ވޯޓުލުމާ ހަމައަށް ދާ އިރު ގިނަ ދިވެހިން ޔަގީން ކުރާ އެއް ކަމެއް އެބައޮތެވެ. މި އިންތިހާބުގައި ދެ ޕާޓީއެއްގެ ދެމެދުގައި ވާދަވެރިކަން އޮންނަ ވަރަށް ވުރެ ވެސް އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަން މާ ބޮޑަށް ވެސް ހޫނުވެގެން ގޮސްފައިވާ ކަމެވެ.

ވޯޓާ ހަމައަށް ދިޔަ އިރު، އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވައި ނުކިޔާކަށް އެއްޗެއް ނެތެވެ. އެމްޑީޕީގެ ތެރޭގައި ކުރިން ހިނގައި ދިޔަ އަދި އާންމުންނަށް ނޭނގޭ އެތައް ކަމެއް ތިލަވެއްޖެއެވެ. އެމްޑީޕީ އޮތީ ދެ ބަޔަކަށް ބެހިފައެވެ. އިންތިހާބަށްދާ އިރު، ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި އެއް ނޫނެވެ.

ގިނަ ބައެއްގެ ސުވާލަކީ މިއަދުގެ ވޯޓަށް ފަހު އެމްޑީޕީގެ ތެރެ އޮންނާނެ ގޮތަކާ މެދުގައެވެ.

އެމްޑީޕީގެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިވަގުތު އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެވަނަ އަށް އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަށް މި ދެ ބޭފުޅުން ވެސް ކެނޑިޑޭޓެއް ނެރުއްވައެވެ.

ނަޝީދުގެ ފަޅިން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ރައީސް ސޯލިހްގެ ފަޅިން ނުކުންނަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

ޗެއާޕާސަންގެ މަގާމަކީ ކިހާ ވަރުގަދަ މަގާމެއް؟

އެމްޑީޕީގެ އަސާސީ ގަވައިދު އޮތް ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތަކާއި ބާރުތަކެއް ހެން ދީފައި އޮންނަ އެއް ފަރާތަކީ އެ ޕާޓީގެ ޗެއާޕާސަންއެވެ. އެމްޑީޕީގެ އެންމެ ވަރުގަދަ "ގުނަވަން" ކަމުގައިވާ އެމްޑީޕީ ގައުމީ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާ އެންމެ އިސް ފަރާތަކީ ވެސް އެއީއެވެ.

ގައުމީ މަޖިލިހުގެ އިތުރުން، ކޮންގްރެސް، ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާ ހަވާލުކޮށްފައި އޮތީ ޗެއާޕާސަނަށެވެ. ކޮންގްރަސް އިން ބާއްވާ ހުރިހާ އިންތިހާބެއް އިންތިޒާމްކޮށް ރޭވުމާއި ހިންގާ ކޮމިޓީތަކުގެ އިންތިހާބު އިންތިޒާމްކޮށް ރޭވުމަކީ ވެސް ޗެއާޕާސަންގެ މަސްއޫލިއްޔަތެކެވެ.

ގައުމީ މަޖިލީހާއި ހިންގާ ކޮމިޓީގެ ލަފާގެ މަތިން ސަރުކާރާއި އެހެން ޕާޓީތަކާ މުއާމަލާތް ކުރުމާއި ގައުމީ މަޖިލީހުގެ ލަފާގެ މަތިން ސިޔާސަތުތައް އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒު ކުރުން ހިމެނެއެވެ.

އެހެންކަމުން، އެމްޑީޕީގެ ޗެއާޕާސަނަށް ދެވިފައި މިއޮތީ އާދައިގެ ބާރުތަކެއް ނޫނެވެ.

ބޮޑު އިންތިހާބަކަށް އެމްޑީޕީ ދާއިރު، އެ ޕާޓީ އޮތީ އާދައިގެ ހާލަތެއްގައެއް ނޫނެވެ. އެމްޑީޕީގެ ދެ ފެކްޝަން ބޭޒާރުވެ، ޕާޓީ ރޫޅިއްޖެ ކަމުގެ އަޑުތަކާއި މަންޒަރުތައް އާންމުންނަށް ދަނީ ތިލަވަމުންނެވެ. އެމްޑީޕީ ތެރޭގައި އުފެދިގެން މި އުޅޭ ވާދަވެރިކަމުގެ ފަހަތުގައި އޮތީ 2023 ގެ ރިޔާސީ އިންތިހާބެވެ.

ރައީސް ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަން ގާތް ބޭފުޅުންގެ ވާހަކަތަކުން ބެލެވޭ އިރު ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވޭނެ ކަމުގެ އުންމީދު އޮތް ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. އެހެންވެ، މި ސަބަބާ ހުރެ، މިއިން ކޮންމެ ބޭފުޅަކު ވެސް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ މެދުގައި ހާއްސަ ނަޒަރަކުން ބައްލަވައެވެ. އެއީ ޕާޓީ ކޮންޓްރޯލް ކުރަން އެޅުއްވޭނެ ފުރަތަމަ ފިޔަވަޅަށް ވާތީއެވެ. ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް ކުރިމަގު ކޮށަން ބޭނުންވާތީއެވެ.

ފައްޔާޒާއި އިންތި ވެސް ދެއްވަނީ ޔަގީންކަން!

ފައްޔާޒްގެ އާއިލާއަކީ "ސިޔާސީ އާއިލާ"އެކެވެ. ސެޕްޓެމްބަރު 19، 2003 އަކީ ފައްޔާޒްގެ ސިޔާސީ ހަޔާތް ފެށުނު ދުވަހެވެ. ޖަލުގައި ހިނގައި ދިޔަ ކަންތައްތަކާ ފައްޔާޒް ހުންނެވީ އެ ދުވަހު މަގުމަތީގައެވެ. އޭގެ ފަހުން އެމްޑީޕީ އުފެދިގެން އައިސް ދުންފެނިގެ ހަރުގެ ފުނޑުފުނޑުކޮށްލި އިރު އެ ތަނުގައި ހުރި އެކަކަކީ ފައްޔާޒެވެ.

އޭގެ ފަހުން 2008 ވަނަ އަހަރު އެމްޑީޕީން ދިވެހި ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް ގާއިމުކޮށް ދިނުމަށް ފަހު ފައްޔާޒް ވެންނެވީ ގެއަށެވެ. އަދި 2012 ވަނަ އަހަރު ހިނގައި ދިޔަ ކަމަށް އެމްޑީޕީން ބުނާ ބަޣާވާތާ ގުޅިގެން ފައްޔާޒު ވެސް މަގުމައްޗަށް ނުކުންނެވިއެވެ. އެއަށް ފަހު، 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައި އެމްޑީޕީގެ ޓީކެޓުގައި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް 2018 ވަނަ އަހަރު ކުރި މަސައްކަތަކާއެކު އޭނާ މިހާރު ހުންނެވީ މިނިސްޓަރު ކަމުގައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ޗެއާޕާސަން މަގާމަށް ކުރިމަތިލައްވައިގެން ހުންނެވީ 2023 ގައި އެމްޑީޕީގެ ސަރުކާރެއް ބޭއްވުމުގެ ބޭނުމުގައި ކަމަށެވެ. މި ގައުމުގައި ޒަމާންތަކެއް ވަންދެން، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ގައުމުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ވެރިކަން ކުރާނެ ފުރުސަތު ލިބި ގެއްލި ދިޔައީ. ދެން އަނެއްކާ ވެސް 2018 ވަނަ އަހަރު އެ ފުރުސަތު އަޅުގަނޑުމެންނަށް މިއޮތީ ލިބިފައި. އަޅުގަނޑުމެން އެބަޖެހޭ މި ގައުމުގައި ޒަމާންތަކެއް ވަންދެން، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ގައުމުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދަން. އެކަން އަދިވެސް ކުރެވޭނީ އެމްޑީޕީގެ ވެރިކަމެއް މި ގައުމުގައި ކުރިއަށް 2023 ގައި ގާއިމު ކުރެވިގެން." މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމެއް ނުވަތަ އެދުމެއްގެ ސަބަބުން 2023 ގެއްލިގެން ދިއުމަކީ އެއްވެސް ހާލަތެއްގައި ތަހަންމަލް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ކަން ވާން އޮތީ އެމްޑީޕީ "ހިނގައިގެން" ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"ޕާޓީގެ މެމްބަރުންނާއި ޕާޓީއާ އެއްކޮށް މަސައްކަތެއް ކުރެވިގެން 2023 ލިބޭނީ. އަޅުގަނޑުމެން ކޮންމެ ކެންޑިޑޭޓެއް ނުކުތް ކަމުގައި ވިޔަސް އެބަޖެހޭ ރިޔާސީ އިންތިހާބަށް ފައްކާ ކުރުމަށް އަޅުގަނޑުމެންގެ ޕާޓީ ތައްޔާރުގައި ބާއްވަން އަޅުގަނޑުމެންގެ ޕާޓީ ހިންގާލަން. ޖަގަހަތައް ހިންގާލަން، މެމްބަރުންގެ ތާއީދާއި އިތުބާރު ޕާޓީ އަށާއި ސަރުކާރަށް ހޯދަން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީ އާއި ޕާޓީގެ މެމްބަރުންނާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ވަގުތެއްގައި އަދި ގައުމަށް މުހިންމު އިންތިހާބެއް ކުރިމަތިވެފައިވާ އިރު އަލުން އެ ގުޅުން ބަދަހިވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މެމްބަރުންނަށް އެބަ ގަބޫލު ކުރެވެން ޖެހޭ ޕާޓީން އެ މެމްބަރުންނާ ދޭތެރޭގައި އަޅާލާކަން، މެމްބަރުންގެ އަޑު އަހާކަން. މެމްބަރުންނާ މެދުގައި މަޝްވަރާ ކުރެވޭ ކަން. މިއަދަކު އެކަމެއް ނުވޭ. ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގައި އެއްވެސް ހަރުގެއެއް ނުހިނގާ." ފައްޔާޒް ވިދާޅުވިއެވެ.

އެހެންވެ، މުހިންމު ބައްދަލުވުންތައް ބާއްވައި ޕާޓީ އާއި ސަރުކާޜާ މެދު އިތުބާރު ހޯދަން މެމްބަރުންގެ ހިޔާލު ހޯއްދަވާނެ ކަމަށާއި ޖަގަހަތައް ހިންގަވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހާއްސަކޮށް އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތަރުޖަމާނުކަން ކުރެއްވި އިންތިއަކީ ވެސް ފެށުނީއްސުރެ، އެ ޕާޓީގެ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެކެވެ. އެމްޑީޕީ، އިދިކޮޅުގައި އޮތް އިރު ބޭއްވި ހުރިހާ މުޒާހަރާތަކެއްގައި ހެން ބައިވެރިވެވަޑައިގެންނެވިއެވެ. ޕާޓީ ވެއްޓޭ ހާލަތުގައި ވެސް އަރައިގަތުމަށްޓަކައި، ފެށިނީއްސުރެ ދެމިހުންނެވި މެމްބަރެކެވެ.

ޕާޓީގެ މެންބަރުންނާއެކު ދެގޮތެއްނުވެ، ޕާޓީގެ މެންބަރުންނާ ދުރު ނުވެ ހުންނެވި އެއް މެމްބަރެވެ. ޕާޓީގެ ސިޔާސަތުތައް ކުރިއަރުވާ ނަގަހައްޓާ ސަރުކާރުން ބޭނުންވާ ގާނޫނުތައް ހެދުމާއި އަދި ޕާޓީގެ އެތެރޭގެ ކަންކަމުގައި ވެސް ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގައި މަސައްކަތް ކުރުމާއި ޕާޓީއަށް ހިދުމަތް ކުރުމާއި ޕާޓީގެ ފަރާތުން ޕްރެސް ކޮންފަރެންސްތައް ބޭއްވުމާއި މައުލޫމާތު ހިއްސާ ކުރުމުގައި އިންތިގެ ދައުރު ބޮޑެވެ.

އިންތި ވިދާޅުވި ގޮތުގައި މަގުމަތީގައި ޕާޓީ އޮތްއިރުގައި ވެސް އެހާ ޖޯޝުގައި، އެހާ ފޯރީގައި އާއިލާއެއް ގޮތުގައި މި އޮވެވުނީ ޕާޓީ އާމެދުގައި ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުންގެ ވަރަށް ބޮޑު ޔަގީން ކަމެއް އަދި އިތުބާރެއް އޮންނާތީ ކަމަށެވެ. އިތުބާރު މި އަންނަނީ، ޕާޓީއެއްގެ ކަމަށް ވަނީނަމަ ޕާޓީއެއްގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތަކާއި ޕާޓީގެ އަސްލުތައް އެގޮތުގައި ބާއްވައިގެން ކަމަށް ވިދާޅުވިއެވެ.

އެކަމަކު، އެ އުސޫލުތަކާ ހިލާފުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

"އެއީ ޕާޓީގެ ވެރިކަމެއް އައިމާ ޕާޓީގެ ވަރަށް ގިނަ ބަޔަކަށް މިހާރު އިހުސާސް ކުރެވެނީ އެމީހުންނާއި ވަރަށް ދުރު ސަރުކާރެއްގެ ގޮތުގައި. އެވާހަކަ ވަރަށް ތަކުރާރުކޮށް ވިދާޅުވޭ. ތިމަންނަމެން ވަރަށް ގުރުބާންވީ ބައެކޭ، އެކަމަކު ތިމަންނަ މެންނާމެދު ވަރަށް ބޭއިންސާފޭ. މިއީ ތިބި ބައެއް ކަމަށް ވެސް ނުހަދައޭ." އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަމަށް އައުމުގައިވީ އެންމެ ބޮޑު އެއް ވައުދަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ކަމަށް އިންތި ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރުވެސް ނިމެންދާއިރު މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާ އެމީހުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިޕާޓީ ވެރިކަމަށް އައުމަށްފަހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ވެންޓިލޭޓަރުގެ ކޮރަޕްޝަން ވެސް ނުބެލި ވާކަމުގެ ކަންބޮޑުވުން. އަދި މަރުތަކުގެ މައްސަލަވެސް ނުބެލި ދަނީ ދައުރު ނިމެނީ. އެކަން ވެސް ނުބެލި ވާތާނގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ވެސް ފުރިހަމަ ތަހުގީގެއް ހިންގި ނުބެލިވާތީ އެކަންބޮޑުވުންތައް ވަރަށް ބޮޑު. ޕާޓީ ދެބައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވޭ. އެއީ ޕާޓީއަށް އޮތް ނިކަމެތިކަމެއް ކަމުގައި އެބޭފުޅުން ގަބޫލު ކުރޭ. ވަރަށް މާޔޫސްވެ ދެރަވެފައިތިބޭތަން ފެނޭ." އިންތި ވިދާޅުވިއެވެ.

އެކަމަކު އެ މީހުންނަށް ލިބުނު އުންމީދަކީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުން ކަމަށް ވިދާޅުވިއެވެ.

"ބައްދަލުވާ ކޮންމެ މީހަކު ހަމަ ބައްދާލާފައި ސަލާމް ކޮށްލާފައި ވިދާޅުވަމުންދަނީ އެބޭފުޅުންނަށް ވަރަށް ބޮޑު އުންމީދެއް ލިބިއްޖޭ އަޅުގަނޑު މިކަމުގައި ތެދުވީތީވެ ޗެއާޕާސަން ކަމަށް." އިންތި ވިދާޅުވިއެވެ.

އިންތިހާބަށް ފަހުގައި އެމްޑީޕީ އޮންނަންވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ޕާޓީ ދެބައި ވެގެން އެއްވެސް ބަޔަކަށް ފައިދާއެއް މޮޅެއް ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ. ވައުދުތައް ފުއްދައިގެން ނޫނީ ރައްޔިތުންނާ ހަމައަށް ގޮސް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެމްޑީޕީ އަށް 2023 ކާމިޔާބުވާން އޮތީ އިތުބާރު އުފައްދައިގެން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"އިތުބާރު އުފެއްދުމަށްޓަކައި ވައުދުތައް ބާރު ސްޕީޑުގައި ގޮސް އެބަޖެހޭ ފުއްދެން" އިންތި ވިދާޅުވިއެވެ.

އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، ދެ ބޭފުޅުންނަށް ވެސް އިންތިހާބާ މެދުގައި އޮތް އުންމީދު ބޮޑެވެ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ އިންތިހާބަށް ފަހު ތިބެން ވާނީ އެކުއެކީގައި ކަމަށެވެ.

ފަހަރުގައި އިންތިހާބަށް ފަހު، ޕާޓީ ހަމައަކަށް އެޅިދާނެއެވެ. އެކަމަކު، 2023 ގައި އޮންނަ ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ޕާޓީ އަށް އަނެއްކާ ވެސް ލޮޅުން އަރާފާނެއެވެ. ރައްޔިތުން ތިބީ މި މަންޒަރު ގާތުން ބަލާށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަން ރީނދޫ

    އަހަރުމެން ބަދަލެއް ބޭނުން. ހިންގާލަން ފައްޔާޒު ބޭނުމީ

    8
    5
  2. ހައްދުންމަތި

    މިބައި ގަނޑަށް ވޯޓު ދިނުމަކީ ލާދީނިއްޔަތު އަށަގަންނުވަން ތާއިދު ކުރުމަށް ނުވާނެ ތޯ؟

    އަބަދު ދީނާއި ދެކޮޅު މީހުން އުޅޭ ބިދައިން ވާހަކަދައްކާ ޢަމަލު ކުރުމަކީ ހޮބީ އަކަށް ހަދައިގެން އުޅޭ ބަޔެއް ނޫންތޯ ؟

    އެހެން ނޫނަސް ބޮޑާކަމާއި ކިބުރު ވެރިކަމުގެ އަހަުލުވެރިންނަކަށް އަހަރެންގެ ވޯޓެއް ނުލިބޭނެ

    ވަރަށް ސަލާމް

    17
    2
  3. އިކުލީލު ތިނަދޫ

    ނިމޭނީ ލާރި ބަހާ މީހާ މޮޅުވެގެން.

    16
    2
    • ލޮލް

      ނިމޭނީ އެމްޑީޕީގެ މެޖޯރިޓީ ތާއީދު އޮތްބަޔަކަށް. ކާކު ލާރިބަހަނީ. ޙެއްލާއެކު ދައްކަންޖެހޭނެ.

  4. މޯހަން

    އނތ އަކީ ވަރައް ލާދީނީ ފިކުރުގެ މީހެއް

  5. ހަސަން

    މިއީ ޕްރޮޕެގެންޑާ. ފައްޔާޒު އެއީ ލިބަރަލް ޕާޓީ މީހެއް. ދުންފިނި ހަރުގެއިން ނުފެންނާނެ. އެހަށް ދުވަހު އައި މީހެއް އެއީ.

  6. ގައުމުދެކެލޯބިވާ އެމް ޑީ ޕީ މެންބަރެއް

    ހަކުރުގައި މެހިބުރާނީ ލޮނުއެއްޗެއްސާ މެހިއެހާކައިރިވެގެން ނޫޅޭނެ. ވަރައްސާފު ވޯޓުލާމިވަގުތުގައިވެސް އެދަނީ ކުންފުނިތަކުގެ މުވައްޒަފުންނަށްގުޅަމުން. އަހަރެންނަށްވެސް ގުޅާފަޔާއައްވޯޓް މިގޮތައްބުނި

  7. ގައުމުދެކެލޯބިވާ އެމް ޑީ ޕީ މެންބަރެއް

    ހަކުރުގައި މެހިބުރާނީ ލޮނުއެއްޗެއްސާ މެހިއެހާކައިރިވެގެން ނޫޅޭނެ. ވަރައްސާފު ވޯޓުލާމިވަގުތުގައިވެސް އެދަނީ ކުންފުނިތަކުގެ މުވައްޒަފުންނަށްގުޅަމުން. އަހަރެންނަށްވެސް ގުޅާފަޔާއައްވޯޓް މިގޮތައްބުނި.މިއީ ރައީސް ރުފިޔާގޯނި އޮއްސާލިނޫސް މިހަބަރުޖަހަންކެރޭނެބާ؟

  8. ސަންފައްތަ

    އަންނި ކޮޅަށް ކާމިޔާބު ވާކަށް ނޭދެން.

    6
    2
  9. އައްމަޑޭ

    ނޭނގެ މަށަކަށް ނިމޭނެގޮތެއް.

    8
    1
  10. Anonymous

    ނިމޭނީ ވަރުގަދަ މީހާ ވަރުގަދަވެގެން. ބަލިކަށި މީހާ ބަލިވެގެން. މި ނޫން ގޮތަކަށް ނިމިދާނެބާ؟

    10
  11. ޙަބީބު

    އަންނި ބޭރުކުރެވުނު ގޮތަކަ އްބޭރުކުރަން ބޭނުމީ މަޑުމަޑު އަންނި ފެޔަ އްޖަސަމުންގޮސް ޗާޓުން ފޮހެލުން ބޭނުމަކީ މިފަހަރު ވަރަ އްސާފު އިބޫގެ ފައްޔާޒު