ލޯބި ހުށައެޅުމުގައި ދިވެހިން ތަންކޮޅެއް ފަހަތުގައި ތިއްބަސް، ލޯބިވުމުގައި ދިވެހިން ތިބީ ނިކަން ފައްކާވެފައެވެ. މި ވާހަކަ ބުނުމުން ބައެއްމީހުން ގަޔަށް ބޮލަށް އަރާނެކަންވެސް އެނގެއެވެ. އެހެންނަމަވެސް، އަނގަ ކަހާ މީހަކަށް ވާހައެއް ނުދައްކާ މާކަ ގިނަ ދުވަހު ނުހުރެވޭނެތާއެވެ.

ގެންގުޅުނު ރެލީ ބައިސިކަލު ދޮވެ، ސާފުކޮށް، ފޮހެ ތެޔޮލާ އޮފުކުރި ޒަމާން މާޒީވެ ހިނގައްޖެއެވެ. މިއަދު ތެޔޮލަނީ ޖީއެންގައެވެ. އަތުގައި ޖީއެން އެއް ނެތްނަމަ ރަޙްމަތްތެރިއެއްގެ ފައިމައްޗަށް ވެއްޓިގެންވެސް އެހޯދޭތޯ ބަލާނެއެވެ. މިދައްކަނީ ބިޓު ހިއްލަންދާއިރު ކަންތައްވާ ގޮތުގެ ވާހަކައެވެ. އަދި އެހެންވާހަކަ އެއް އެބަ އޮތެވެ. ބިޓެއް ސެޓުކުރަން ބައެއް ދިވެހިން އުޅުމަށް ގެންނަ ބަދަލުގެ ވާހަކައެވެ. ޚާއްސަކޮށް ޒުވާނުން ފިރިހެން ކުދިންނެވެ.

މަގުމަތިންދަމުން އެއްލާ ކަޅިއަކުން އަންހެން ކުއްޖަކާ ހަތަރު ކަޅި ހަމަކުރެވިއްޖެނަމަ އެކީ ހިތެވެ. އެވީ ދީވާނާއެވެ. މީހާރު އެހުރީ އެމީހަކު ނުލިބިއްޖެނަމަ ބުލީޗް ބޯ ހިސާބުގައެވެ. އެކަމަކު ފުރަތަމަ "ޓުރައި" އެއްކޮށްލަމާ ހިނގާށޭ ހިތަށް އަރާ ބޯން ގަތް ބުލީޗް ފުޅިން ހުދުގަމީސް ދޮވެ ފުރަތަމަ ޖައްސާނީ ހިތްކީ ކުއްޖާގެ ބެސްޓް ފުރެންޑްގެ ހިތް ދަމައިގަނެވޭތޯއެވެ. އެހެންޏާ، އެމަންޖެގެ އެންމެ އަރިސް މީހަކީ ބެސްޓް ފުރެންޑް ތާއެވެ. ބެސްޓް ފުރެންޑް ކައިރިން އަހާ އޮޅުން ފިލުވަނީ މަންޖެގެ ވާހަކަ ތަކެވެ. މަންޖެއަށް އެންމެ ކަމުދާ ސެންޓާ، ގަމީހާ، އެންމެ ކުޑަމިނުން ފައިވާނާ ބެހޭ މައުލޫމާތުވެސް ހޯދައެވެ. މަންޖެއަށް ކަމުދާ އަތަރާ، ކާނާއާ އެންމެ މީރީ ރަސީލީ ސުޕާރީތޯވެސް އަހާ އޮޅުންފިލުވައެވެ.

ދެން ފެށެނީ ކޮޅިގަނޑެވެ. މަންޖެގެ "ޕާރފެކްޓް ޑުރީމް ބޯއީ" އަށް ވާން މަސައްކަތް ކުރާ ކޮޅިގަނޑެވެ. ކުރިން ކައި އުޅުނު ތަކެތީގެ މަތިން ހަދާން ނައްތާލާ އެފެށީ ޑައިޓެވެ. މެންދުރު 12 އަށް ހިއްލާލާ މީހާ މިހާރު ހައެއް ޖަހާއިރު އޮންނަނީ ޖިމްގައި އަޅާފައެވެ. ކޮންމެއަކަސް ވަރަށް ގިނަ މަސައްކަތްކޮށް މަންޖެގެ ކުރިމަށްޗަށް އެރެވޭހާ ކޮންފިޑެންޓް އެއްކުރެއެވެ. ދަނީ ބެސްޓް ފުރެންޑް ބުނި ގަމީހާ ފަޓުލޫނު ލައިގެނެވެ. ގަމީހުގައި ގޮށް އަޅުވާފައި ހުރީވެސް މަންޖެއަށް ރީތި ގޮތަކަށެވެ.

މަންޖެގެ "ލައިފް"އަށް "އިންޓްރޯ"ވެ "ވައިފް" އަށް ހެދުމުގެ މަސައްކަތް ކުރަނީ މި ހިސާބުންނެވެ. އަސްތާ ފުރަތަމަ ނަޒަރުން މަންޖެގެ ހިތް އެކަތިލީއެވެ. ފެންނަން އެހެރީ މަންޖެގެ ޑުރީމް ބޯއީއެވެ. މަދުވަނީ އަހެއްގައި އަންނަ ތަންކޮޅު އެކަންޏެވެ. ފުރަތަމަ "މުލާގާތަށް" މާގިނަ ދުވަހެއް ނުވެ މިދެމީހުން ޑޭޓް ކުރަން ފަށައެވެ. ޑޭޓްތަކަށް ގޮސް ކާއެއްޗެހިވެސް ހަމަ "ސޭމް" އެވެ. މަންޖެގެ ހިތް އުފަލުން ފޮޅެނީ ދެމީހުންގެ "ޓޭސްޓާއި ޗޮއިސް" އެއްގޮތް ކަމަށް ހީކޮށެވެ.

ދުވަސްކޮޅަކު އެކުގައި އުޅުމަށްފަހު ކައިވެންޔަކާ ހަމައަށްދެއެވެ. މިއީ މައްސަލަ ފެށޭ ހިސާބެވެ. މަންޖެގެ "ބޫ"، ގުގުރި ދަމާކަން އެގުނީވެސް މިހިސާބުންނެވެ. ޑޭޓްތަކަށް ގޮސް މަންޖެގެ ޓޭސްޓް ކަމުދިޔަސް، ގޭގައި ކޮންމެ ދުވަހަކު އެންމެ ނުބައި އެއްޗެހި ކާން ލިބެންޏާ އެވާހަކަ މަންޖެ ގާތު ނުބުނެ ނުހުރެވޭނެ ތާއެވެ. ހައެއް ޖަހާއިރު ޖިމްއަށް ގޮސް ބޮޑީ ފިޓްކޮށް ބެހެއްޓިޔަސް އަބަދަކު އެގޮތަކަށްވެސް ނޫޅެވޭނެތާއެވެ. ފިރިހެންމީހާގެ މިޒާޖާއި އުޅުމަށްއައި ބަދަލުތަކުން، ދެމީހުންގެ ޒުވާބުތަށް އިތުރުވެއެވެ. ދެން އިސް ކުރެވެނީ އަތެވެ. އެމަންޖެއަކަށް ޓަކައި ބަދަލުވި ސޮރު މިއަދު އެމަންޖެއަށް އަނިޔާކުރެއެވެ. އަނިޔާއަށް ކެތްނުވުމުން މަންޖެ ނިންމަނީ ބޮޑު ނިންމުމެކެވެ. އެކުގައި ދިރި ނޫޅެވޭނެ ކަމުގެ ނިންމުމެވެ.

ދިވެހި މުޖުތަމައުގައި ވަރީގެ ނިސްބަތް އިންތިހާ އިތުރެވެ. ނަމަވެސް ވަރި ގިނަ ވުމަށް މެދުވެރިވާ ސަބަބާމެދު ވިސްނާލިން ހެއްޔެވެ. އަންހެނަކަށްޓަކައި ފިރިހެނަކު ބަދަލުވުން މިއީ ސަބަބެއް ކަމުގައި ދެކެން ހެއްޔެވެ؟ މިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފިރުޓޭ

  މީ ޖީއެން މީހުން ފައިސާ ދީގެން ހަދާފަ އޮތް އިސްތިހާރެއްނު!

 2. މަ

  ގުޑު

 3. Anonymous

  ހޫމްމް ތީ އަސްލުވެސް ހަމަ ވާގޮތް

 4. ޢަޙްމަދު

  ވަގުތު ނޫހުން މިއޮތީ ތޮއްޔިބު ޝަހީމް އާ ބެހިލާފަ.

 5. އަނދުން

  ހީހީ ހަލާކު ތިހަމަ ރަނގަޅަށް ތިބުނީ

 6. ލިއު

  ތީތި ސަލިއޭ

 7. އަނޫޝް

  ފޮޓޯއަކާއި ނުގުޅޭ ލިޔުމެއް.

 8. އާސްމާނު

  ހުރިހާ އަންހެނުންނެއް ތިޔަ ހެން ދައްކާހާ ދަޔަކަށް ނުހެއްލޭނެ

 9. އޯގާ

  މިހާރުގެ ކުދިން ޒަމާނާ އެއްގޮތަށް ބައްޓަން ކުރީ ހަމަ އެކުދިންގެ މައިން ބަފައިން ނުވތަ ބަލަދުވެރިންކަން ޔަގީން. ދަރިން ނަކީ ﷲ ތަޢާލާ އަހަރުމެންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް. އެ އަމާނާތަށް ޚިޔާނާތްތެރި ވުމަށްވުރެ ވަކި ނުބައިކަމެއް ވާނެތޯ. އެ ނަފްސުގެ ސަބަބުން ހަލާކުވެގެންދާ އެންމެންގެ ފާފައިގެ ޙިއްސާ އެމީހަކަށް ލިބިގެންދާނެ. ހެޔޮ ޢަމަލެއްގެ ޙިއްސާ ލިބޭފަދައިން ނުބައި އަމަލުގެ ހިއްސާވެސް ލިބިގެންދާނެ. ﷲ އަށާ އާޚިރަތަށް ބިރުވެތިވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ. އާމީން..

 10. އަލީ ޝާރިމް

  އަންހެނަކަށް ޓަކައި ބަދަލް ވަނީ އަންހެނުން އެންގިގެން އުޅޭ މީހުން.......