ދަރިންނަކީ މާތްﷲ އިންސާނުންނަށް ދުނިޔެމަތީގައި ދެއްވާ އެންމެ ބޮޑު ނިޢުމަތް އަދި ނަސީބެވެ. ދަރިންގެ ސަބަބުން އާއިލީ ދިރިއުޅުން ބާއްޖަވެރިވެ ހަޔާތަށް އުފާވެރިކަން ގެނުވާއިރު، ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމެއްގެ ތެރެއިންވެސް ދަރިން އުފާވެރިކޮށް ބައިތިއްބައި އެކުދިންގެ ހައްގުތައް އަދާކޮށް ލޯތްބާއި އަޅާލުން ދޭން ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ބޭނުންވާނެއެވެ.

އެހެން ނަމަވެސް ބައެއް ފަހަރު ދިރިއުޅުމުގައި ކަންތައް ދިމާވަނީ ހީވެސް ނުކުރާ ގޮތް ގޮތަށެވެ. އަމިއްލަ ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރުމުގެ ބާރު ގެއްލި ގޮތް ބޮޑެތި އިމްތިހާންތަކާއި ކުރިމަތިވާ މީހުންގެ އަދަދު މަދެއް ނޫނެވެ. މިއީ ވެސް އެފަދަ އާއިލާ އެކެވެ.

ސ.ހިތަދޫ އުމުރުން 54 އަހަރުގެ އިބްރާހިމް މޫސާއާއި އޭނާގެ އަންހެނުން ސ.ހިތަދޫ އުމުރުން 49 އަހަރުގެ ޝާދިޔާ ހަސަން އަކީ އެފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދެމަފިރިންނެކެވެ.

އިބްރާހިމް މޫސާ އަކީ އުމުރުން 16 އަހަރުުގައި މާލެ އައިސް, މާލޭގައި އެކި ބާވަތް ބާވަތުގެ ވެހިކަލް ދުއްވުމުގެ މަސައްކަތުގެ ތެރެއަށް ވަން ހީވާގި މީހެކެވެ. އޭރު އޭނާއަށް މުސާރައަށް ލިބުނީ މަހަކު 300 ރުފިޔާއެވެ. ނަމަވެސް އެ މަސައްކަތުގައި ގިނަ ދުވަސް ހޭދަކޮށް އެކަމުގެ ތަޖުރިބާކާރަކަށް އޭނާވިއެވެ. އެގޮތުން އައްޑޫ އާއި މާލޭގައި އޭނާ އުމުރުގެ ބޮޑުބައިގައި ކާރާއި ލޮރީ އަދި ޕިކަޕް ފަދަ އުޅަނޑުތައް ދުއްވައި އުޅުނެވެ.

އެ މަސައްކަތުގެ އުޅުމުގެ ތެރޭގައި 2008 ވަނަ އަހަރުގެ ފަހުކޮޅު އޭނާގެ ލޮލުގައި ނެގި މަސްކޮޅެއް ޑޮކްޓަރަަށް ދެއްކުމަށް އޭނާ އައިޖީއެމްއެޗްއަށް ދިޔައެވެ. އޭނާ ބުނީ އޭނާގެ ލޯ ދެއްކީ ޕާކިސްތާނުގެ ޑޮކްޓަރަކަށް ކަމަށެވެ.

"އޭނަ ލޭޒާ އަލި އަރުވާލީމަ އަޅުގަނޑަށް ހަމަ ހީވީ ގައިގައި އަލިފާން އެއްޗެއް ޖެހުނީ އޭ.. ނުލާހިކު އަލިގަދަކޮށް ލޭޒާ އެޅުވީ. ލޮލުގެ ނާރު އެއްކޮށް އަންދައިގެން ދިޔައީ އެދުވަހަށް ފަހު." އިބްރާހިމް ބުންޏެވެ.

އެއާއެކު އިބްރާހިމްގެ ދުނިޔެ އަނދިރިވެގެން ދިޔައީއެވެ. މިއަދާއި ހަމައަށް ވެސް އޭނާގެ ލޮލުން އެއްވެސް އެއްޗެއް ނުފެނެއެވެ. އަދި އޭނާގެ ލޮލަށް ފަރުވާ ހޯދޭނެ މަގެއްވެސް ފެންނާކަށް ނެތެވެ.

އޭގެފަހުން އެތައް އަހަރެއް ފާއިތުވެފައިވާ އިރު އަނެއްކާވެސް އިބްރާހިމްގެ ހަޔާތަށް މިވަނީ އަނދިރިކަމެއްގެ ހިޔަނިއެޅިފައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ޝާދިޔާ ހަސަންގެ މުޅިގައިން މިހާރު ވަރުދެރަވެފައިވާއިރު އޭނާއަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިވެ ނޫޅެވެއެވެ.

"މީގެ ގާތްގަނޑަކަށް ހައެއްކަ މަސް ކުރިން، އަޅުގަނޑުގެ އަންހެނުން، ކުރިން އެއްވެސް ބައްޔަކަށް ބޭސް ކުރާ މީހެއް ނޫން. ހަމަ ކުއްލިއަށް ގޭ ދޮރުމަތީގައި ހުއްޓާ ވެއްޓުނީ. ވެއްޓުނުގޮތައް ދެން އަތް ބިންދައިގެން އަތްތިލައިގެ ހުޅުން ބިންދައިގެން ދިޔައީ. ދެން ދިޔަައީ ހިތަދޫ ހޮސްޕިޓަލަށް." އިބްރާހިމް ކުރިން "ވަގުތު" އަށް ކިޔައިދިނެވެ.

ހިތަދޫ ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ލަފާ ދިނީ ވީހާވެސް އަވަހަށް އޭނާ ގޮވައިގެން މާލެ ދިއުމަށެވެ. ނަމަވެސް މާލެ ދެވޭނެ ގޮތެއް ހަމަ ނުޖެހި ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. އިބްރާހިމް ބުނީ އޭނާގެ އަންހެނުންގެ އަތުގައި ޕްލާސްޓާ އެޅުވުން ނޫން އެހެން އިތުރު ފަރުވާއެއް ދިން ކަމެއް އެނގިފައި ނުވާ ކަމަށެވެ. މާލެއަށް ގެންދެވޭނެ އެހެން ގޮތެއް ނެތުމުން މީހުން ގާތުގައި އެހީއަށް އެދިގެން ހޯދި ފައިސާއިން އިބްރާހިމް އޭނާގެ އަންހެނުން ގޮވައިގެން މާލޭގެ އައިޖީއެމްއެޗް އަށް ގެންދިޔައެވެ. އަދި އެތަނުގައި އަތް އޮޕަރޭޝަން ކުރިއެވެ.

"ދެން ރަށަށް އައިސް އެހެން ހުއްޓާ ކުއްލިއަކަށް އެއް ދުވަހު ހެނދުނު، މީނަ ނިދާ ހޭލައި އަޅުގަނޑު ކައިރީގައި ބުނެފި ތިމަންނައަކަށް ނުތެދުވެއޭ. ދެން މީނައަށް ވާހަކަވެސް ނުދެއްކުނު. ހަރަކާތެއްވެސް ނެތި ހުއްޓިއްޖެ މީނަ. މަންމަނުން ވާހަކަ ދައްކާ ގޮތައް އަތުން މި ހަރަކާތް ކުރަނީ." އިބްރާހިމް ކިޔައިދިނެވެ.

އެއަށްފަހު ޝާދިޔާ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކައި ކަމަށް އިބްރާހިމް ބުންޏެވެ. އަދި އެކަމަށް ފަރުވާ ކުރަން ރުގުޔާ ކުރަންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ އެކަހަލަ މައްސަލައެއް ނޫންކަން އެނގުނެވެ.

އިބްރާހިމް ބުނީ އޭނާގެ އަންހެނުން އިށީންނާނެ ފުރޮޅުލީ ގޮނޑިއެއްވެސް ހޯދީ ބޭސްފިހާރައެއްގެ ވެރިފަރާތުގެ ގާތުގައި ބުނެގެން ކަމަށެވެ. އަދި އެހީއަށް އެދި ޖެންޑާ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއަށް ވެސް ލިޔުން ހުށަހަޅާފައިވާނެ ކަމަށް އިބްރާހިމް ބުންޏެވެ. މީހެއްގެ ގާތުގައި އާދޭސްކޮށްގެން މާލެ އައުމަށް ދެކޮޅު ޓިކެޓު ހޯދައިގެން އިބްރާހިމް ދާދި ފަހުން ވަނީ އެންސްޕާއަށް ވެސް ލިޔުން ހުށަހަޅާފައެވެ

އިބްރާހިމް އާއި އޭނާގެ އަންހެނުންގެ އެންމެ ދޮށީ ދަރިފުޅު، ރަހްމާ އިބްރާހިމްގެ އުމުރަކީ 17 އަހަރެވެ. އެ ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ދެވަނައަށް އެންމެ ދޮށީ ދަރިފުޅު ޝަޒްރާ އިބްރާހިމްގެ އުމުރުން 15 އަހަރެވެ. އަދި އެންމެ ހަގު ދަރިފުޅު ލަމްހަތު އިބްރާހިމްގެ އުމުރުން 13 އަހަރެވެ. މިހާރު އެ ތިންކުދިން ދިރިއުޅެމުން ދަނީ އިބްރާހިމްގެ އަމިއްލަ ބިމުގައި އޭނާގެ އާއިލާއާއި އެހެނިހެން ގިނަ ފަރާތްތަކުގެ އެހީީތެރިކަމާއެކު އަޅާފައިވާ ކުޑަ ގެއެއްގައެވެ.

މިހާރު ދަރިންގެ ކަންތައް ބަލަހައްޓަމުން ދަނީ އިބްރާހިމްއެވެ. ނަމަވެސް އެއީ އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާއަށް އެންމެ ފުރިހަމައަށް އަދާ ކުރެވޭ މަސައްކަތެއް ނޫނެވެ.

ދިވެހި ރައްޔިތުން އިބްރާހިމްގެ ޝާދިޔާއަށް ފޯރުކޮށްދިން އެހީގައި އޭނާ އިންޑިއާއިން ދެ ފަހަރެއްގެ މަތިން ވަނީ ފަރުވާ ހޯދާފައެވެ. އަދި އިންޑިއާއިން ޝާދިޔާ ހޯދި ފަރުވާއިން އޭނާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމުގައި ޝާދިޔާގެ ފިރިމީހާ އިބްރާހިމް މޫސާ ބުނެއެވެ.

"އަޅުގަނޑުގެ އަންހެނުންނަށް ފުރަތަމަ ފަރުވާ ހޯދީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުން، އެތަނުން ދިން ބޭސް ކައިގެން އަންހެނުން ވަރަށް ބޮޑަށް ބަލިވި. އަދި ފަހުން އިންޑިއާއަށް ގޮސް ދެއްކީ އަނަންދަ ޕޫރީގެ ހޮސްޕިޓަލަކަށް. އެ ތަނުން އަންހެނުން ބެލީ ވަރަށް މޮޅު ޑޮކްޓަރެއް. އެ ޑޮކްޓަރ ދިން ބޭސް ކާން ފެށިފަހުން މިހާރު ހަމަ އެއްކޮށް ކަހަލަ ގޮތަކަށް އަންހެނުންގެ ހާލަތު ރަނގަޅުވި" އިބްރާހިމް މޫސާ ބުންޏެވެ

އަދި ބޭސް ދިނުމަށް ފަހު މިއަހަރުގެ ނޮވެންބަރ މަހުގެ ތެރޭގައި ނުވަތަ ޑިސެންބަރު މަހުގެ ކުރީކޮޅުގައި އަލުން ދެއްކުމަށް ބުނެފައިވާ ކަމަށާއި ނޮވެންބަރު މަހުގައި ދެއްކުމުން އަންހެނުންގެ ހާލަތު އެއްކޮށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އިބްރާހިމް މޫސާ ބުނެއެވެ.

އެހެންކަމުން އަލުން އިންޑިއާއަށް ގޮސް އަންހެނުން ޝާދިޔާ ހަސަންއަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިބްރާހިމް މޫސާ އާއި އޭނާގެ އާއިލާއިން އަނެއްކާވެސް މިވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.

ބޭސް ފަރުވާ އާއި އިންޑިއާގައި ހުރުމުގެ ހުރިހާ ހަރަދެއް އަމިއްލަ ޖީބުން ކުރަން ޖެހިފައިވުމުން ކުރިން އެހީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ހުސްވެފައިވާ ކަމުގައި އިބްރާހިމް މޫސާ ބުނެއެވެ.

މިހާތަނަށް ލޯބިވާ އަނބިމީހާއަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްކަށް އިބްރާހިމް ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

އިބްރާހިމް މޫސާއަށް ދިމާވެފައިވާ ދަތި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޯން ނަމްބަރު 7607740 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އިބްރާހިމް މޫސާގެ ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓް ނަމްބަރު 7708387078101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ

މާތް ﷲ ޝާދިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އިބްރާހިމްއާއި އޭނާގެ އަންހެނުން ޝާދިޔާގެ ތިން ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާށިއެވެ! އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމްދު

    ކޮށްމެ ބޭފުޅަކަށްވެސް ވެދެންވެން އޮތް އެހީއެއް ވެދެއްވާ! އިބޫގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ނިކަމެތިންނަށް ސަރުކާރުން އެހީވެދޭނެ!

    • ނަން

      ކަލޭގެ ހުރި ނޭއްގާނި ކަމާ ތަންދޮރު ނުދަންނަ ކަން މަގޭ ހިތަށް އަރަނީ. ސިޔާސީ ނުކުރަން ހަމަ އެއްކަމެއް ނޯވޭ. އިބޫ ނުހޮވޭނެ. މިހާރު ރީތިވެއްޖެނު..

      • ވަލީ މަހީދު / ވައިޓް ޕޭންޓްސް

        ކަލޭ ތިޔަ ތަންދޮރު ދަންނަ ދުލުން އޭނާއަށް އަޅެ ދުއާއެއް ކޮށްދިން ނަމަ

      • ޙަހި

        ޙޮވޭނެ...ލޮލު

  2. ނަންްްްްް

    ކޮބާ ހުސްނުވާ އާސަންދަ؟

  3. ރިފާ

    މީ އަޅުގަނޑު ވަރައް ދަންނަ އަބަދުވެސް ފެނި ފެނި އުޅޭ އައިލާއެއް. އެކަމަކު އެންމެ ފަހުން ދެކުނީ 2014 ހިސާބުގަ. ވަރައް ކެއްތެރި އާއިލާއެއް. ފޮޓޯއިން ފެންނަ ފަހަތުގަ އެއިން އަންހެން ކުއްޖާ ދާނެ އަބަދު ބައްޕައާ އެއްކޮއް ބަރޯހިފައިގެން ގެވަޅައް. އޭރު އެ ކުއްޖާ ވަރައް ޅަވާނެ ވަރައް ލޯބިކޮއް ހުންނާނީވެސް. އަބަދުވެސް ބައްޕަ އަތުގަ ހިފައިގެން ތަންތަން ކިޔާދެމުން ދާނީ. އާއިލާއައް އަވަސް ޝިފާއެއް ދެއްވާންދޭވެ.

  4. އައްބެ

    ގައުމުގަ ސަލާންޖެހުމެއްނު މިއޮންނަނީ ކަމަކައް ، ތަރައްގީއޭ ކިއޭނީ މިކަމައްވެސް ހައްލެއް ލިބިގެއްނެއްނު ދޯ

  5. ޖިސްތް

    ކޮބާ އައްޑޫ މުއްސަނދިން؟