ފައިސާއަކީ އަހަރެމެން ކޮންމެ ދުވަހަކު ކުރަންޖެހޭ ޒަރޫރީ ބޭނުންތަށް ކުރުމަށް ކޮންމެހެން ހޯދަންޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. ކުޑަ ފައިސާ ފޮއްޗެއް ދީގެން މެނުވީ ފެންފޮދެއްވެސް ނުލިބޭނެ ހާލަތަށް މިއަދު އަހަރެމެން މިތިބީ ގޮސްފައެވެ. ކޮންމެ ދިމާލަކުން ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް ފައިސާ ނުދީ ވާކަށް ނޯވެއެވެ. އާއިލާ އާއި ރަހުމަތްތެރިން ދޫކޮށް ރިސޯޓްތަކުގައާއި އެހެނިހެން ދުރުހިސާބުތަކަށް ގޮސް މަސައްކަތް ކުރަނީ ހަމަ ފައިސާއަށްޓަކައެވެ. އެއާނުލާ އުޅެވެން ނެތުމުންނެވެ.

ފައިސާ އަކީ މީހެއްގެ އަތުގައި ގިނައިން ހުރެއްޖެ ނަމަ އެމީހަކުވެސް ބާރުވެރި ކުރުވާ އެއްޗެކެވެ. ގިނައިން ފައިސާ ގެންގުޅޭ މީހެއްނަމަ އެކުވެރިން ގިނަވެއެވެ. އޭނާ އެދޭ ކަންތަށްތަށް ކޮށްދޭނެ މީހުން ގިނައިން އުޅެއެވެ. އެއީ އޭނާގެ ފަރާތުން ލިބިދާނެ އެތިކޮޅަކަށް އެދިގެންނެވެ. ފައިސާ ހުރުމުން ބާރުގަދަވާނެއޭ ބުނަނީ ފައިސާ ދީފި ނަމަ އެތައްކަމެއް ކުރާނެ މީހުން ތިބޭތީއެވެ. ފައިސާ ހުރެއްޖެ ނަމަ އެމީހަކު ބޭނުންކަމެއް ކުރަންވީއެވެ. ބޭނުން އިރަކު ބޭނުންތާކަށް ދާންވީއެވެ.

ފައިސާ އަކީ އޭގެ ޒާތުގައި ވަރަށް ނުފޫޒު ގަދަ އެއްޗެކެވެ. ފައިސާގެ ބޭނުމުގައި ބޮޑެތި ހަނގުރާމަތަކާއި ގަތުލް އާންމުތަށް ހިގާފައި އެބަހުއްޓެވެ. މިސާލަކަށް އަރަބި ގައުމުތަކަށް ނަޒަރު ހިންގާލަމާ ހިގާށެވެ. އެގައުމުތަކަކީ ތެލުގެ މުއްސަދިކަން އިންތިހާއަށް ހުރި ގައުމުތަކެވެ. އެގައުމުތަކަށް އާންމު ގޮތެއްގައި ހުޅަނގުގެ ގައުމުތަކުން އަރާ ހަނގުރާމަ އެކުރަނީ ކޮންމެހެން އެގައުމު ތަކުގައި ނިއުކުލިއަރ ހަތިޔާރު އުފައްދާތިކީ ނޫނެވެ. ނުވަތަ ނުރައްކާ ޓެރަރިސްޓުން އެގައުމުގައި ހަރަކާތްތެރި ވާތީކީވެސް ނޫނުވެ. ހުރިހާވެސް ބޭނުމަކީ އެގައުމުތަކުގައިވާ ތެލުގެ ބޭނުމެއެވެ. އެތޮޔޮ ވިއްކައިގެން ލާރި ހޯދުމެއެވެ.

ފައިސާގެ ނުފޫޒުވެރި ކަމަކީ ފައިސާއަށްޓަކައި މީހުން ވިކުމެވެ. މި ކުޑަ ކުޑަ ރާއްޖޭގައިވެސް އަހަރެމެނަށް އެންމެ ގިނައިން އަޑުއިވޭ އެއްވާހަކައަކީ ފައިސާއަށް މިވެނި މީހަކު ވިކުނު ވާހަކައެކެވެ. އެއީ ތެދު ވާހަކައެކެވެ. ފައިސާއަށް މީހުން ވިކެއެވެ. އަޅުގަނޑުމެން އަހާ ބަހެއް އޮވޭނުންހެއްޔެވެ. ކޮންމެ މީހަކަށްވެސް އަގެއްވެއެވެ. ވަރަށްބޮޑު ތެދެކެވެ. އެންމެ ފަގީރުމީހާ އަށް 500 އެއްހާ ރުފިޔާ ދިއްކޮށްލައިގެން އޭނާ ގަނެވިދާނެއެވެ. މިހެންގޮސް ތަނަވަސްވާ ވަރަކަށް މީހާގެ އަގު އަރައިގެން ދެއެވެ. މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިރާއްޖެއިން އަހަރެމެންގެ ލޯކުރިމަތިން ފެންނަ ކަންތައްތަކެވެ. ފައިސާއާއި ހެދި ގައުމު ހަލާކުވަނީއެވެ. ކޮންމެ މީހަކުވެސް ގިނައިން ފައިސާ ހޯދާށެވެ. ތިމާގެ އަންބޮޑިޔަށް ބޮޑުކުރާށެވެ.

ފައިސާއަށް ވޯޓު ވިއްކާ ވާހަކައަކީވެސް އަހަރުމެން ދިވެހިންނަށް އާ ވާހަކަތަކެއް ނޫނެވެ. މި ރާއްޖެއަށް ޑިމޮކްރަސީ ފައްކާވެގެން އައިސް ފުރަތަމަ ބޭއްވުނު އިންތިހާބުން ފެށިގެން މިހާތަނަށް ބޭއްވުނު ބޮޑެތި އިންތިހާބްތަކަކީ ފައިސާއަށް އެތައްބަޔެއްގެ ވޯޓް ގަނެފައިވާ އިންތިހާބް ތަކެކެވެ. ފައިސާ ނުނަގާ މީހުންވެސް އުޅޭނެއެވެ. ނަމަވެސް ފައިސާ ބަހާކަން ގިނަމީހުން ދަންނާނެއެވެ. ފައިސާ ކޮޅަކަށްޓަކައި އަހަރުމެން ރަނގަޅު ވެރިޔާ ހޮވުމުގެ ފުރުސަތު ގެއްލުވާލަނީއެވެ. އެހާވެސް އެންމެން މިތިބެނީ ފައިސާއަށް ދަހިވެތިވެފައެވެ. މަޖުލީހުގައި ނަގާ ވޯޓަކާ ދިމާކޮށްފައިވެސް ވޯޓް ގަނެފި ނުވަތަ ވޯޓް ވިއްކައިފިއޭ އެކިޔަނީ އޭގައި ހަމަ ހަގީގައްތަކެއް އެކުލެވިފައިވާތީއެވެ. ޕާޓީ ގައި ހުރުމަށް ނުވަތަ އަނެއް ޕާޓީއަށް ދިޔުމަށް ރީލޯޑް ކުރަންޖެހޭ ވާހަކަ އަކީ އޭގައި ހަގީގަތްތަކެއް އެކުލެވޭ ވާހަކަ ތަކަކެވެ.

ފައިސާގެ ސަބަބުން އަދުލުވެރިކަން ގެއްލި މީހާ ހަލާކުކޮށްލައެވެ. ފައިސާ ނަހަމަ ގޮތުގައި ހިފާ ނުވަތަ ބަހާ ހަދާނަމަ އެކުރެވެނީ ނުބައިކަން ބޮޑުވެގެންވާ އަމަލެކެވެ. އަޑުއަހާ ވާހަކަ އެކެވެ. ފައިސާ ދީގެން މިވެނި ހުކުމެއް މިވެނި ގޮތަކަށް ކޮށްފިއެވެ. މިއީ މިދުވަސްކޮޅު ހާއްސަކޮށް އަޑުގަދަވެފައިވާ ވާހަކަތަކެކެވެ. ތަނެއްގެ އަދުލް އިންސާފު ގާއިމް ކުރަން ތިބޭ ފަރާތް ތަކުން ފައިސާއަށް ވިކި ފައިސާ ވެރިޔާ ބުނާ ގޮތަށް މައްސަލަތަށް ނިންމާނަމަ ދެން ތަނުގެ ހާލަތާމެދު ވިސްނާލާށެވެ. އެތަނަކު ހަމެއެއް ލަމައެއް ނޯންނާނެއެވެ. އެތަނެއް ފަސާދަވުން ނޫން ގޮތެއް ނުވާނެއެވެ.

ފައިސާ އަށް ޓަކައި ނުލާހިކު ހަޑި މުޑުދާރު މަސައްކަތް ވެސް ކުރަނީއެވެ. ރެއާ ދުވާލު ދޭހާ އައްވަކާއި ވެހޭ ވާރެއްގައި ތެޅެ ހޭބަލިވަނީއެވެ. ހަމަ މުހިއްމުވީމަތާއެވެ. ފައިސާ އާއި ނުލާ ނޫޅެވޭތީއެވެ. މިކުޑަ ކުޑަ މާލެއަށް ވިސްނާލަމާތޯއެވެ. މާލޭގައި ދިރިއުޅުމަކީ އަތޮޅު ތެރެއާއި ބަލާފަ ހަރަދު ބޮޑު ކަމެކެވެ. ނަމަވެސް އަތޮޅުތަކުން ކިޔެވުމުގެ ރަނގަޅު ފުރުސަތުތަކާއި އެހެނިހެން ހިދުމަތް ނުލިބުމުން ބޮޑު ހަރަދުކޮށްފައި މާލެ އައިސް ނުލާހިކު ހާލުގައި އުޅޭ އާއިލާތަށް މަދެއް ނޫނެވެ. ގޭ އެންމެން މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ގެ ކުލި ދެއްކުމާއި ކަރަންޓާ ފެނަށް ލާރިދީފަ ކާލާހާވަނީ ކިރިޔާއެވެ. މިކަމަށް ޓަކައި އެއާއިލާގެ އެންމެންވެސް އަބަދުހެން އުޅޭނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން ކޮންމެވެސް ފައިސާއެއް ލިބޭތޯއެވެ.

ފައިސާއަށް ޓަކައި މީހާގެ ނަފްސް ވިއްކަމުންދާއިރު މީހާގެ ހަށި ވިއްކުމަކީ ދުނިޔޭގެ އިތުރުން މި ރާއްޖޭގައިވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ހަށިވިއްކައިގެން ލާރި ހޯދުން މިއީ މިހާރު މިރާއްޖޭގައިވެސް އާންމުވެފައިވާ ކަމެކެވެ. އަދި ދިރިއުޅުމަށްޓަކައި ހަށިވިއްކައިގެން ލާރިހޯދާ އެކަނިވެރި އަންހެނުންވެސް މިރާއްޖޭގައި ތިބިކަމަށް ވާހަކަ ދެކެވެއެވެ. މީހަކާ އިނދެ މާލޭގައި ދިރިއުޅެން ފަށާފައި ކުއްޖަކު ލިބި ވަކި ހިސާބަކުން ދެމީހުން ވަކިވެ އަބިމީހާ ހާލުގައި ޖެހޭ ފަހަރުތަކުގައި އެހެންމީހެއްގެ އެހީތެރިކަން ނުލިބުމުން ނުވަތަ މައިންބަފައިންނާއި ނުރުހުމުގައި ކައިވެނި ކުރެވިފައިވުމުން އެމީހުންކައިރިއަށް ދާން ނުކެރުމުގެ ސަބަބުން ހަށި ވިއްކައިގެން ފައިސާ ހޯދަނީއެވެ. ހަމަ ފައިސާއާއި ނުލާ ނޫޅެވޭތީއެވެ. ފެންފޮދެއްވެސް ބޯލަން ލިބެނީ ފައިސާ ފޮއްޗެއް އޮތް ނަމައެވެ.

ފައިސާ އަކީ ކިތަންމެ ގިނައަކުން ލިބުނަސް އިންސާނާގެ ހިތްފުރޭ އެއްޗެއް ނޫނެވެ. ފައިސާ ގިނަވެގެން ހިތް ފުރިގެން ދެން އިތުރަށް ފައިސާއެއް ހެވޭ ބުނި މީހަކު ދުށިންތޯއެވެ. ހަމަ ޔަގީނުންވެސް އަހަރެންނެއް އެފަދަ މީހަކު ނުފެނެއެވެ. ފައިސާ ގިނައިން ލިބުމުގެ ސަބަބުން މީހުން މަގު ގެއްލި ހަލާކުވާތަންވެސް އާދެއެވެ. ހުރިހާ އެއްޗެއް ގަންނަން ފައިސާ އޮތަތީވެ ބޭކާރު ވަގުތު ހޭދަވާފަދަ އެއްޗެހި ގަނެ އެކަމަށް އަބަދު ވަގުތު ހޭދަކޮށް މީހާ އާހިރަތްމަތިން ހަނދާންނެތެއެވެ.

ބައެއް ހާލަތްތަކުގައި ބޭނުންކުރާނެ ފައިސާ ނެތުމުން ވައްކަންކޮށްގެން ފައިސާ ހޯދުމަކީވެސް މި މިޖުތަމައުގައިވެސް ގިނައިން ފެންނަ ކަމެކެވެ. ވައްކަން ކޮށްގެން ފައިސާ ނުލިބިއްޖެނަމަ އެހެނިހެން މުދާ ވަގަށް ނަގައިގެން ވިއްކައިގެން ފައިސާ ހޯދަނީއެވެ. ބައެއްފަހަރު އަބި ދަރިންގެ ގަހަނާ ނަގައިގެން ވިއްކައިގެން ފައިސާ ހޯދާ ފަހަރުވެސް އާދެއެވެ. އެހެން އެއްޗެއް ގަންނަން ބޭނުންވެފައިވާ ހުންނަވަރުން އަތުގައި ފައިސާ ނެތުމުން ކުރެވޭ ކަމެކެވެ. ކޮންމެހެން އަބިމީހާ ނުވަތަ ދަރިއަށް ގެއްލުމެއް ނުވަތަ ދެރައެއް ދިނުމުގެ ގޮތަކުންނޫނެވެ. އަދި އެހެން އެކަންތަށް ކުރަންވެސް ބޭނުންވާތީ އެއްވެސް ނޫނެވެ.

ފައިސާ ހޯދުމަށްޓަކައި ހަށިގަނޑުގެ ގުނަވަން ވިއްކުންވެސް މިވަނީ މިހާރު އާދައިގެ ކަމަކަށްވެފައެވެ. އައިފޯން އެއް ގަތުމަށްޓަކައި މީހާގެ އެއް ކިޑްނީ ވިއްކާލި ވާހަކައަކީވެސް އެންމެން އަޑުއަހާފައިވާ ވާހަކައެކެވެ. ފައިސާއަށްޓަކައި މީހުން މި ނޫނަސް އެހެން ގުނަވަންތަށްވެސް ވިއްކާފައި އެބަހުއްޓެވެ. ވިސްނާލާށެވެ. ފައިސާއަށްޓަކައި ނުކުރަނީ ކޮންކަމެއްތޯއެވެ. ބަޑުއަޅައި ވިހޭ އަމިއްލަ ދަރިފުޅުވެސް އަޅުންގެ ގޮތުގައި އެހެން ބަޔަކަށް ވިއްކާލަނީއެވެ. މިއީވެސް ފައިސާގެ ބާރުވެރިކަމުންނެވެ. އެއަށް ބަރޯސާވާން ޖެހިފައިވާލެއް ބޮޑުކަމުންނެވެ.

ވިސްނަންވީ ކަމަކީ ލިބޭ މިންވަރަށް ޝުކުރު ކުރުމެއެވެ. އާހިރަތަށް އީމާންވުމެއެވެ. އަހަރެމެން އެންމެންވެސް މަރުވެގެން ދުނިޔޭގައި ކުރި ހުރިހާ އަމަލުތަކާއި ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނެކަމެއެވެ. ފައިސާ އަށްޓަކައި މި ދުނިޔޭގައި މީހުނަށް ކިތަންމެ ސިއްރުން ކަމެއްކުރިޔަސް އެދުވަހަކުން ފިލަން ވަންނާނެ ތަނެއް ނޯންނާއެވެ. އެދުވަހަކުން އެންމެން ކުރިމަތީ ފަލިހަތް ވާނެއެވެ. ދިނިޔެމަތީގައި ތިމާ ގަންނާނެ ލަދަށްވުރެ އދުވަހުގައި ގަންނާނެ ލަދު މާ ބޮޑެއެވެ. އިލާހީ ހުކުމާ ކުރިމަތި ނުލާ ވާނެ ގޮތެއް ނޯންނާނެއެވެ.