ގޭޓާއި ހަމައިގައި ހުރެ ދުރަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ, ވާދަވެރި ކަމާއެކު އަންހެން ކަނބަލުންތަކެއް ފަހާފޮށިން ފަހަމުން ދާ މަންޒަރެކެވެ. އޮލަ ވާހަކައިގައި ތިބެ ފަހަމުން ދިޔައީ "ފޮތި ދަބަސް" ތަކެކެވެ. މުޅީންހެންމެ، ފޮތި ބޭނުން ކޮށްގެން އެ އަންހެން ކަނބަލުން ފޯރި ލައިފައި ފަހަމުން ދިޔައީ "ޕްލާސްޓިކް ބޭގް" ޒާތު އެހެނަސް އަތަށް ލުއި އެކި ކުލަ ކުލައިގެ ދަބަސްތަކެކެވެ.

އެއް ގޮޮތަކަށްވެސް މިއުޅެނީކީ މަންޒަރެއް ސިފަ ކުރާކަށް ނޫނެވެ. އެކަމަކަކު ލޮލު ކުރި މައްޗަށް ފެނުނު އަންތަރީސް މަންޒަރުން ސިފަ ނުކުރިއްޔާ ދެރައެވެ. މަތީގައި ބުނެވި ދިޔަ އަންހެން ކަނބަލުންތަކަކީ ސްކޫލެއްގެ ބެލެނިވެރީން ތަކެކެވެ. ހަމަ އެކަނި މިކަމަށް ވަގުތު ހުސްކޮށްގެން، ނިކަން ކަމާ ވެގެން އުޅޭ ބެލެނިވެރީން ތަކެކެވެ. އާދެ! މާލެ އަތޮޅު ވިލިނގިލީގައި ހުންނަ "މުޙްޔިއްދީން ސްކޫލް" ގެ ލޮބެވެތި ބެލެނިވެރީންނެވެ. މި ކަންތައް ގަނޑެއް ހިނގަމުން މި ދަނީ ވެސް ހަތްސަތޭކަ އެއްހާ ކުދިން ކޮންމެ އަހަރަކުމެ ދަރިވަރު ވަމުން އަންނަ މުޙްޔިއްދީން ސްކޫލުގައެވެ.

އަންހެނުން ދަބަސް ފަހަނީ
އަންހެނުން ދަބަސް ފަހަނީ

ހިޖްރައިން 1691-1692 އަށް ވެރިކަން ކުރެއްވި ރަސްކަލެއް ކަމުގައިވާ އައް ސުލްޠާން މުހައްމަދު މުޙްޔިއްދީނުލް އަދިލް ސިރީ ނާކިރީ ސުންދުރަ މަހާރަދުންގެ ނަމުން ނަން ދެވިފައިވާ މުޙްޔިއްދީން ސްކޫލަށް މި މަހު 8 ގައި 24 އަހަރު ފުރޭނެއެވެ. ފާއިތުވެ ދިޔަ އަހަރު ތަކުގައި، މި ސްކޫލުގެ ފުރާޅު ދަށުން އެތަކެއް ކުދީންނެއް އެދުރު ވެގެން ޤައުމަށް ޚިދުމަތް ކުރުމަށް ވަނީ ނިކުމެފައެވެ. ވަކީން ޚާއްސަކޮށް ތަފާތު ހުނަރުވެރި ދާއިރާ ތަކުގެ އެންމެ ފުންނާބު އުސް ބައެއް ބޭފުޅުންނަކީ ވެސް ހަމަ މި ސްކޫލުގެ މުސްކުޅި ދަރިވަރުންނެވެ. މިކަމުން ދޭހަވާ މައިގަނޑު އެއްކަމަކީ މުޙްޔިއްދީން ސްކޫލަކީ ތަޢުލީމަށް ލޯބި ކުރާ ހުނަރުވެރި ތަފާތު ކުދިބައެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ސްކޫލެއް ކަމެވެ.

މި އަަހަރުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި ސްކޫލުން އެތަކެއް ހަރަކާތްތަކެއް ހިންގުމަށް ހަމަ ޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން އަހަރު ތަކާ ޚިލާފަށް މި އަހަރު، އަހަރީ ޖަލްސާގައި މުޅިން ތަފާތު އެހެން ކަމެއް ކުރުމަށް މިވަނީ ނިންމާފައެވެ. އެއީ ވަރުބަލި ކަމެއް ނެތި މިހާރު ފަހަމުން މިދާ "ފޮތި" ދަބަހުގެ މަޝްރޫޢު އިފްތިތާޙް ކުރުމެވެ. އެހެން ކަމުން، މިހާރު ކުރިއަށް މިދާ މަސައްކަތަކީ އެ ދުވަހަށް ތައްޔާރު ވުމުގެ ގޮތުން ކުރާ ކަމެކެވެ.

އަންހެނުން ދަބަސް ފަހަނީ
އަންހެނުން ދަބަސް ފަހަނީ

"ޕްލާސްޓިކް ބޭގް" އަށް ނޫނެކޭ ބުނުމުގެ ގޮތުން މުޙްޔިއްދީން ސްކޫލުގެ ޕީ.ޓީ.އޭ ގެ މެންބަރުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި، ގާތްގަނޑަކަށް ހުރިހާ ބެލެނިވެރިންގެ އެއްބާރުލުން ވެސް ލިބޭ ކަމަށް ޕީ.ޓީ.އޭ ގެ ޓީމުން ބުނެއެވެ. ކޮންމެ ކްލާހަކަށް ވަކި ކުލައެއް ދެވިގެން ފެހޭ، މި އެއް ފޫޓް އެއް ފޫޓް ގެ ދަބަސް ތަކަކީ، އަހަރީ ޖަލްސާގައި ދަރިވަރުންގެ ފަރާތުން ބެލެނިވެރީންނަށް ހަދިޔާ ކުރެވޭނެ ދަބަސްތަކެކެވެ. އެއީ ބާޒާރު ކުރުމާއި އެހެން ބޭނުންތަކަށް ވެސް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި، މި ތިމާވެއްޓާއި ރައްޓެހި ދަބަސް ބޭނުން ކުރުމަށް ބާރު އަޅައި ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ދަބަސް ފެހުން ކުރިއަށް ދަނީ
ދަބަސް ފެހުން ކުރިއަށް ދަނީ

ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، މިއީ މާލޭގެ ސްކޫލެއްގައި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މިފަދަ "ފޮތި" ދަބަސް ތަކެއް ތައްޔާރު ކުރާ ފުރަތަމަ ފަހަރު ކަމެވެ. އަބަދުވެސް ތަފާތު ކަންކަން ކުރުމަށް ދަރިވަރުންނަށް ބާރު އަޅައި އުޅޭ މި ސްކޫލް މިވަނީ ތިމާވެށި ހިމާޔަތް ކުރުުމުގެ ކަމަރު ބަނދެފައެވެ. އަދި ސްކޫލުން ޤަބޫލު ކުރާ ގޮތުގައި، މި ކަމުގެ ސަބަބުން ދަރިވަރުންގެ ހިތުގައިވެސް ތިމާވެއްޓަށް އޮންނަ ލޯބި އިތުރުވެ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް އެ ކުދީންނަށް ވެސް ހިތްވަރު ލިބިގެންދާނެއެވެ.

ކޮންމެ އަކަސް، "ޕްލާސްޓިކް" ކޮތަޅަށް ނޫނެކޭ ބުނެ މުޙްޔިއްދީން ސްކޫލުން މި ހިންގާ ހަރަކާތުގެ އަގު ވަޒަން ކުރަން އެބަ ޖެހެއެވެ. ސަބަބަކީ އެއީ ކޮންމެ ބަޔަކު، ކޮންމެ އިރަކު، ކޮންމެ ގޮތަކަށް ކުރި ކަމަކަށް ވީ ނަމަވެސް، ތިމާވެއްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެއް ކަމުގައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަރަށް ރަނގަޅު ކަމެއް.

  2. ޅިޔަންބެ

    މުޙްޔިއްދީން ފަދަ ރަނގަޅު ވެރިއެއް މި ޤައުމަށް މިންވަރު ކުރައްވާށި

  3. މާފުށީ ދަރިއެއް

    މާފުށީ ސްކޫލުގަ މިހާރުވެސް ބޭނުންކުރަނީ ފޮތިކޮތަޅު

  4. އެދުރުދައިތަ

    ސާބަހޭ މުޙްޔިއްދީން ސްކޫލުގެ ބެލެނިވެރިންނާއި ވެރިންނާއި މުދައްރިސުން! ޙަޤީޤަތުގައިވެސް މުޙްޔިއްދީން ވަނީ އަގުހުރި ދަރިންތަކެއް ބިނާކޮށްފައެވެ. ޝާމިލާގެ ރިޕޯޓް ވަރަށް ހިތްގައިމެވެ! ތިޔަ ކަހަލަ ގިނަ ރިޕޯޓްތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ ބަލާށެވެ.