މިއީ ގދ.މަޑެވެލި ފެހި ވިނަގޭ އުމުރުން ހަތަރު އަހަރުގެ އަޔާއު ރަޝާދުގެ ހާލެވެ. އަޔާއުއަކީ ޝީޒާ އާއި ރަޝާދުގެ ހަވަނަ ދަރިފުޅެވެ. އެ ދެމަފިރިންގެ ފަސް ވަނަ ދަރިފުޅުގެ އަހުމަދު ޖުމާން ރަޝާދު (13) އަކީވެސް ސިއްހީ ގޮތުން މައްސަލަތަކެއް ހުންނަ ކުއްޖެކެވެ. އޭނާއަށް ވާހަކަ ނުދެއްކެނީއެވެ. ހިނގާ ބިނގާވެސް އުޅެވެއެވެ. ދުވެވެސް ހަދައެވެ.

އެހެން ނަމަވެސް އެ ދަރިފުޅަށްވުރު އަޔާއުއަށް ވަނީ އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އަޔާއުއަށް ހިނގައި ނޫޅެވޭއިރު އިށީނދެވެސް ނީނދެވެއެވެ. ވާހަކަވެސް ނުދެކެވެއެވެ. އޮންނަން ޖެހިފައި ވަނީ ބަލި އެނދުގައެވެ. ނަމަވެސް ބައެއް ޑޮކްޓަރުން ވަނީ އޭނާއަށް ދިމާވެފައިވާ ސިއްޙީ މައްސަލަ ޙައްލުވެ ރަނގަޅުވާނެކަމުގެ އުއްމީދު އެބައޮތްކަމަށް ބުނެފައެވެ.

"ވަގުތު އެހީ" އަށް މައުލޫމާތުދެމުން އަޔާއުގެ މަންމަ ޝީޒާ ބުނީ، އަޔާއުއަކީ ވިހަން 15 ދުވަހަށްވެފައި ވަނިކޮށް ކުއްލިގޮތަކަށް އޮޕަރޭޝަނެއް ކޮށްގެން ނެގި ކުއްޖެއް ކަމަށެވެ. ޝީޒާ ބުނިގޮތުގައި، އެ ދަރިފުޅު އޮޕަރޭޝަން ކޮށްގެން ނަގަން ޖެހުނީ މަސް ހަލާކުވެ ލޭ އަންނާން ފެށުމުންނެވެ. އެހެންވެ ވަގުތުން ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއްކޮށް ދަރިފުޅު ނެގިއިރުވެސް ޑޮކްޓަރުން ވެސް އަޔާއު ދުނިޔޭގައި އޮންނާނެކަމުގެ އެއްވެސް އުއްމީދެއް ނުދެއްވައެވެ. އަދި ވަކި ހިސާބަކުން އަޔާއު ނިޔާވެއްޖެ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު މަރެއް ނުވޭ. ވަގުތުން ގެންދިޔައީ މާލެ. މާލެ ގެންގޮސް އައިސީޔޫގައި 18 ދުވަސްވަންދެން ބާއްވައިގެން ތިބެފައި ދެން ދިޔައީ އިންޑިއާއަށް. އިންޑިއާއަށް ގޮސް އެތަނުގައި އުޅެފައި އައިސް މި އޮތީ މިހާރު،". ޝީޒާ ކިޔާދިނެވެ.

އަޔާއުއަށް ދިމާވެފައިވާ ހާލާއި ގުޅިގެން ޑޮކްޓަރުން ބުނެފައިވަނީ، އޭނާ ބަނޑުގައި އޮއްވައި އޮކްސިޖަން ނުލިބުމުގެ ސަބަބުން ޝޮކެއް ޖެހި ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނުކުޅެދޭ ހާލުގައި އެނދުމަތިވެފައި އޮންނާން އޭނާއަށް މަޖުބޫރުވެފައި ވަނީ އެސަބަބާއި ގުޅިގެން ކަމަށާއި، އެހެނަސް އެއީ ފަރުވާ ކުރެވިދާނެ ކަމެއް ކަމަށް ބައެއް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަޔާއުއަށް ޖެހިފައިވާ ބައްޔަށް ފަރުވާ ހޯދުމަށް ޝީޒާގެ އާއިލާއިން އިންޑިއާއަށް އެތައް ފަހަރެއްގެ މަތިން ދިޔައެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް އެދެވޭ ފަރުވާއެއް އެއިިރު ނުލިބެއެވެ. ގިނަ ޑޮކްޓަރުން ބުނަނީ، އެ ކުއްޖާ ރަނގަޅުނުވާނެ ކަމަށެވެ. އެގޮތަށް ޑޮކްޓަރުން ބުނި ނަމަވެސް، އަޔާއުއަށް ފަރުވާ ދެވޭނެ މަގު ހޯދަން އާއިލާއިން ދިޔައީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތަށް އެކި ޑޮކްޓަރުންނާއި ވާހަކަދައްކައިގެން، ދުނިޔޭގެ ދެ ތަނަކުން އަޔާއު ރަނގަޅުވާނެ ކަމުގެ ފެހި ސިގްނަލް ޑޮކްޓަރުން ދިނެވެ. އެ ހިސާބުން އާއިލާއިން ނިންމީ އަޔާއުއަށް ފަރުވާ ހޯދުމަށް އެ ޑޮކްޓަރުންނާއި ވާހަކަދެއްކުމަށެވެ.

"އަޅުގަނޑު އޭނައަށް ފަރުވާދިނުމަށް ވަރަށް ގިނަ ތަންތަނަށް ދިޔައިން. އެކަމަކު އެއްވެސް ތަނަކުން އެކުއްޖާ ރަނގަޅުވެދާނެކަމަށް ނުބުނޭ. އެހެން ހުއްޓާ އަޅުގަނޑުގެ ދަރިއަކު ބުނެފި ތުރުކީގެ އިސްތަންބުލްގައި ހުރި ހޮސްޕިޓަލަކާއި، ޗައިނާގެ ބެއިޖިންގގެ ޝިޒެންގޓަންގ ހޮސްޕިޓަލުން މަންމައޭ މީނާއަށް ފަރުވާދެވެން އެބައޮތޭ. ދެން ޗައިނާގައި އުޅޭ ރަށު ކުއްޖަކު އެ ހޮސްޕިޓަލުގެ މައުލޫމާތު ހޯދައިދިން. އަޅުގަނޑުމެނާއި އެ ޑޮކްޓަރުންނާއި ސީދާ ވާހަކަދެއްކުނު. އަދި ކުއްޖާގެ ހުރިހާ މައުލޫމާތެއްގެ ލިޔުންތައް އޭނާއަށް ފޮނުވުމަށް ޑޮކްޓަރުން އެދުނު،" ޝީޒާ ބުންޏެވެ.

ޗައިނާގެ ޑޮކްޓަރުން ވަރަށް ބޮޑަށް އަޔާއުގެ މައުލޫމާތުތައް ހޯދިއެވެ. އަދި ފަހުން އިސްކޮޅާއި ބަރުދަންވެސް ފޮނުވުމަށް ޑޮކްޓަރުން އެދުނުކަމަށް ޝީޒާ ބުންޏެވެ. އެއަށްފަހު އެއްކުރި މަޢުލޫމާތަށް ބަލައި ޑޮކްޓަރުން ވަނީ، އަޔާއުއަށް ޖެހިފައިވަނީ ކޮން ބައްޔެއްކަމާއި، އެ ބައްޔަށް ދެވޭނެ ފަރުވާ އާއި، އެ ފަރުވާ އެ ހޮސްޕިޓަލުން ދެވޭނެކަމަށް ބުނެފައެވެ. ޑޮކްޓަރުން ބުނެފައިވާގޮތުގައި އެއީ ސެރެބަލް ޕަލްސީ ނަމަކަށް ކިޔާ ބައްޔެކެވެ. އެ ބައްޔަކީ ހަށިގަނޑުގެ މަސްތަކުގެ ހަރަކާތަށް ދިމާވާ މައްސަލައެކެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާގޮތުގައި، އެ ހޮސްޕިޓަލުގައި ހުންނަ ސެންޓަރަކުން އެ ބައްޔަށް ފަރުވާ ކުރެވެން އެބައޮތެވެ. އަދި މީގެ ކުރިން އެފަދަ ބަލި މީހުންގެ ފަރުވާ ކާމިޔާބުވެފައިވާކަމުގައި ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޑޮކްޓަރުން ބުނެފައިވާގޮތުގައި މި ބައްޔަށް ފަރުވާ ކުރުމަށް ދެ ހަފްތާވަރު ނަގާނެއެވެ. އެ ފަރުވާއަށް އެކަނިވެސް 18000 ޑޮލަރު ހޭދަވާނެ ޑޮކްޓަރުން ބުނެފައިވާކަމަށް ޝީޒާ ބުންޏެވެ.

"ޑޮކްޓަރުން ބުނަނީ، އޭނަގެ ގައިން ހަލާކުވެފައި ހުރި ސެލްތައް އަޅަނީއޯ. އެޅީމަ އޭނާއަށް ހިނގޭނެކަމަށް އަދި ކޮންމެވެސް ވަރަކަށް ވާހަކަދެއްކޭނެ ކަމަށް އެ މީހުން ބުނަނީ. 18000 ޑޮލަރު އެއީ ހަމައެކަނި ދެ ހަފްތާ އޭނާގެ ޓްރީޓްމެންޓަށް އަރާވަރު،" ޝީޒާ ބުންޏެވެ.

ޝީޒާ ބުނީ، އެ ފަރުވާއަކީ ވަރަށް ބޮޑު ހޭދައެއް ދާ ފަރުވާއަކަށް ވާއިރު، އެއީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫން ކަމަށެވެ. އަދި އެތަނަށް ދިޔުމުގެ ޚަރަދާއި އެތަނުގައި ހުރުމުގެ ހަރަދަށް ވަރަށް ބޮޑު އެއްޗެއް ހޭދަވާނެ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އާއްމުންގެ އެހީތެރިން ވަރަށް ބޮޑަށް ބޭނުންވާކަމަށް ޝީޒާ ބުންޏެވެ.

"އަހަރެމެން ދާން މި ވިސްނަނީ އަހަރެމެންނަށް ފައިސާ ލިބުނީމަ. އަނެއްހެން މާލީ ހާލަތު މާ ރަނގަޅު ބައެއް ނޫން އަހަރެމެންނަކީ. އޭނާ ވިހެއީއްސުރެ އަހަރުމެން މި ދަނީ އިންޑިއާ އާއި ސްރީލަންކާގެ އެކި ހޮސްޕިޓަލްތަކަށް އޭނާއަށް ފަރުވާ ކުރުމަށް،" ޝީޒާ ބުންޏެވެ.

ޝީޒާ ބުނިގޮތުގައި، ހުރިހާ އެއްޗެއް އަންދާޒާ ކުރާއިރު، ހަތަރުލައްކައެއްހާ ރުފިޔާ، ދަރިފުޅުގެ ފަރުވާއާއި އެކަމާއި ގުޅުންހުރި އެނޫންވެސް ކަންކަމަށް ޖުމްލަކޮށް ހޭދަވާނެ ކަމަށެވެ.

"އެ މީހުން ބުނަނީ ދެ ހަފްތާ ތެރޭގައި އޭނާގެ ހަށިގަނޑަށް ސެލް އަޅައިގެން ތިން މަހާއި ހަމަހާއި ދޭތެރޭގައިކަމަށް އޭތީ ހެދިބޮޑުވާން ފަށާނީ. ދެން އެހެންވީމަ އަހަރެމެން މި ބަލަނީ އެތާގެ ޓިކެޓާއި ހުރިހާ އެއްޗަކަށް ބަލާއިރުގައި ހަތަރު ލައްކަ ވަރު ވާނެ ކަމަށް،" ޝީޒާ ބުންޏެވެ.

އަޔާއުގެ ބައްޔަށް ފަރުވާ ހޯދުމަށް އާއިލާއިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ވާހަކަތައް ވަރަށް އަސަރާއެކު އޭނާގެ މަންމަ ޝީޒާ ކިޔާދިންއިރު، ދަރިފުޅަށް ލިބިފައިވާ އެ ނިކަމެތިކަމުން އަރައިގަތުމަށް އެ އާއިލާއަށް އެހީތެރިވުމަށް ދިވެހި ރައްޔިތުން ކިބައިން އެ އާއިލާ އެދެއެވެ. އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ ހެޔޮ ދުޢާކޮށްދިނުމަކީ އާއިލާގެ އެދުމެވެ.

އަޔާއުގެ ބައްޔާއި ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން، އަޔާއުގެ ބައްޕަ އިބްރާހިމް ރަޝާދު މޫސާ 9918624 ނަމްބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންވާ ފަރާތްތަކުން އޭނާގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7710412077101 (އިބްރާހިމް ރަޝާދު މޫސާ) އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ.

މާތްﷲ އަޔާއުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް، ނުރައްކާތެރި ބަލިމަޑުތަކާއި ވޭނީ ހާލަތްތަކުން މިންވަރުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޫސުފް

    ސުބުޙާނަﷲ. ނިންމާލަމުން ތިޔަ ލިޔުނީ ކޮންފަދަ ނުބައި ދުޢާއެއް؟ އަވަހަށް ރަނގަޅު ކޮށްލާ!

  2. ޙުސެން ށިޔާޒް

    ދުަައާ ގައި ވަރަށް ބޮޑު ނުބައެއް އެއޮތީ.،،! ޢަވަހައް ރަނގަޅުކޮއްލުން ވަރަށް މުހިންމު މިފަދަ ލިޔުމެއްގަ ޙާއްސަކޮއް.
    ޝުކުރިއްޔާ.